-

ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2026-01)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޖަނަވަރީ 2026 ގައި)

 

ފުރަތަމަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް (މީގެފަހުން "އެންޕީއެމް") ގެ މަސްއޫލިއްޔަތުތަކާއި، ލިބިދީފައިވާ ބާރުތަކާއި، މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އިދާރީ އޮނިގަނޑާއި، ހިންގުން ތަންޒީމުވެފައިވާ ގޮތް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު، 2013) ގެ 44 ވަނަ މާއްދާގެ (ނ) އާއި 46 ވަނަ މާއްދާގެ (ހ) އިން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ކަމާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުން އެން.ޕީއެމްއަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުތައް ބަޔާންކުރުން.

(ށ) އޮޕްށަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންށަން އެގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިށްމެންޓް، (އޮޕްކެޓް) ގެ ދަށުން ލާޒިމުވާ ކަންކަން ކުރުމުގައި އެން.ޕީއެމްއިން ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުން.

(ނ) އެންޕީއެމްގެ އިދާރީ އޮނިގަނޑާއި، މަސްއޫލިއްޔަތުތަކުގެ ގާނޫނީ އަސާސް ކަނޑައެޅުން.

(ރ) އެންޕީއެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ފުރިހަމަ މިނިވަންކަމާއެކު އަދާކުރުމަށް މަގުފަހިކޮށްދިނުން.

 

 

ދެވަނަ ބާބު

އެންޕީއެމްގެ ގާނޫނީ އަސާސްއާއި މިނިވަންކަން

 

3 ވަނަ މާއްދާ - ނޭށަނަލް ޕްރިވެންޓިވް

(ހ) ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމް ނުވަތަ އެންޕީއެމްއަކީ، ދިވެހިރާއްޖެއިން މެކޭނިޒަމް ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި ރަހުމްކުޑަ ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި، ހުއްޓުވުމާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުދިނުން މަނާކުރުމާއި، ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއާއި އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށާއި އެފަދަ އެއްވެސް އަމަލެއް ހިނގިޔަނުދިނުމަށް ޓަކައި، ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމްއަކީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް ކަމުގައި ކަނޑައެޅުމާ ގުޅިގެން ގާއިމުކޮށްފައިވާ މެކޭނިޒަމެކެވެ. އަދި ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ ގާނޫނީ ބާރުވެރިކަމުގެ ތެރެއިން މިކަން ކަށަވަރުކޮށްދީ އެ ކޮމިށަނުގެ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޑިޕާޓްމަންޓެކެވެ.

(ށ) ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރުތައް އެންޕީއެމްއަށް ވެސް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ނުފޫޒުން އެއްކިބާވެފައިވާ

(ހ) އޮޕްކެޓްގެ 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެންޕީއެމް ވާންވާނީ މިނިވަން ގާނޫނީގޮތުންނާއި އަމަލީގޮތުން އެންމެހައި ފަރާތްތަކާއި އިދާރާތަކުގެ ނުފޫޒުން މެކޭނިޒަމަކަށްވުން އެއްކިބާވެފައިވާ މިނިވަން މެކޭނިޒަމަކަށެވެ.

(ށ) އެއްވެސް އިދާރާއަކުން އެންޕީއެމްގެ މަސައްކަތަށް ހުރަސްއަޅައި ނުފޫޒު ފޯރުވައިގެން ނުވާނެއެވެ.

 

 

ތިންވަނަ ބާބު

އިދާރީ އޮނިގަނޑާއި ހިންގުން

 

5 ވަނަ މާއްދާ - އިދާރީ އޮނިގަނޑު

(ހ) "އެންޕީއެމް"ގެ އިދާރީ އޮނިގަނޑު ބިނާވަނީ، ކޮމިށަންގެ ސެކްރެޓަރީ ޖެނެރަލާއި، ޑިޕާޓްމަންޓުގެ އިސްވެރިޔާއާއި، އެސިސްޓެންޓް ޑިރެކްޓަރުންނާއި ސީނިއަރ އޮފިސަރުންނާއި އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި އެންޕީއެމްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާކަމަށް ކޮމިށަނަށް ފެންނަ އިތުރު މަގާމުތަކުގެ މައްޗަށެވެ.

(ށ) އެން.ޕީއެމްގެ މަސައްކަތް އެންމެ ފުރިހަމަޔަށް އަދާކުރަން ބޭނުންވާނެ އަދަދަށް މުވައްޒަފުން ހަމަޖައްސައިދިނުމަކީ ކޮމިށަނުގެ ޒިންމާއެކެވެ.

 

6 ވަނަ މާއްދާ - މުވައްޒަފުން

މުވައްޒަފުން އޮޕްކެޓްގެ 18 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންޕީއެމްއަށް މުވައްޒަފުން ހަމަޖެއްސުމުގައި އަންނަނިވި ކަންކަމަށް ކޮމިށަނުން ސަމާލުކަން ދޭންވާނެއެވެ.

(ހ) އިންސާނީ ހައްގުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިންނާއި، ސިއްހީ ދާއިރާއިންނާއި، ސައިކޮލޮޖީގެ ދާއިރާއިންނާއި، ކްރިމިނޮލޮޖީގެ ދާއިރާއިންނާއި ސޯށިއޮލޮޖީގެ ދާއިރާއިންނާއި، ސޯށަލް ޖަސްޓިސްގެ ދާއިރާއިންނާއި އެންޕީއެމްގެ މަސައްކަތްތަކާ ގުޅުންހުރި މިނޫންވެސް ދާއިރާތަކުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތައް ހިމެނޭ ގޮތަށް، ތަފާތު ދާއިރާތަކުގެ ފަންނީ ފަރާތްތައް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސަން އިސްކަންދިނުން.

(ށ) އެންޕީއެމްގެ މަސައްކަތްތައް ކުރުމުގައި ތަފާތު ވިސްނުންތައް ހިމެނުމާއި، ހަމަހަމަ ތަމްސީލުކުރުން ކަށަވަރުކުރުމަށް ޓަކައި މިންތީގެ ހަމަހަމަކަން ގާއިމުކުރަން އިސްކަންދިނުން.

(ނ) ތަފާތު ބަސްތައް ބޭނުންކުރާ މީހުންނާއެކު މުއާސަލާތުކުރުން ހަރުދަނާކޮށް، އެ މީހުންގެ މަސްލަހަތު ރައްކައުތެރިކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި، އެކިއެކި ބަސް ދަންނަ ފަރާތްތަކަށް އިސްކަންދިނުން.

(ރ) މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަނުގައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތަކާއި ހައްގުތައް އިތުރަށް ދެނެގަތުމަށް މަގުފަހިކޮށްދީ، އެންޕީއެމްގެ މަސައްކަތްތަކުގައި، ހަވާސާވެފައިވާ މީހުންގެ ބައިވެރިވުން އިތުރުކޮށް މިނިވަންކަން ގެއްލޭގޮތަށް، މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަނުގެ ތެރޭގައި، ތަފާތުކުރުންތަކާއި، ހަމަހަމަނޫން ގޮތްގޮތަށް އަމަލުކުރެވޭ ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން އެހީތެރިވެދިނުމަށް ޓަކައި ދިރިއުޅުމުގެ އަމަލީ ތަޖުރިބާތައް ލިބިފައިވާ ފަރާތްތަކާއި ހަވާސާވެފައިވާ ފަރާތްތައް ތަމްސީލުވާނޭހެން މުވައްޒަފުން އައްޔަނުކުރަން އިސްކަންދިނުން.

 

7 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ ދައުރު

ކޮމިށަނުގެ އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް، އެންޕީއެމްގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ޑިޕާޓްމަންޓުގެ އިސްވެރިޔާ

އެން.ޕީއެމްގެ މަސައްކަތާ ހަވާލުވެހުންނަ އިސްވެރިއެއްގެ ގޮތުން އެ ޑިޕާޓްމަންޓަށް ޑިރެކްޓަރ ޖެނެރަލެއް ނުވަތަ ޑިރެކްޓަރެއް އައްޔަނުކޮށްފައި ހުންނަންވާނެއެވެ.

 

9 ވަނަ މާއްދާ - މުވައްޒަފުންގެ ސުލޫކީ 

(ހ) ކޮމިށަނުގެ ގާނޫނާއި، ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދާއި، މި ގަވާއިދުގައި މިންގަނޑު ބަޔާންކޮށްފައިވާ މިންގަނޑުތައް ހިމެނޭހެން އެންޕީއެމް ގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ހިފަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން، ކޮމިށަނަށް އެ މުވައްޒަފާމެދު ފިޔަވަޅު އެޅޭނެއެވެ.

 

10 ވަނަ މާއްދާ - ކޮމިށަނުގެ އެހެނިހެން އެން.ޕީ.އެމް. ގެ ގުޅުން

(ހ) އެންޕީއެމް އަށް ހުށަހެޅޭ ލިއެކިޔުންތައް އެންޓްރީ ކުރުމުގައި އެ ލިޔެކިއުންތަކުގެ ޑިޕާޓްމަންޓުތަކާއި ސިއްރުކަން ކޮމިށަންގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުން ހިފަހައްޓަންވާނެއެވެ

(ށ) އެންޕީއެމް އިން ކުރާ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެ ދަތުރުތަކުގެ ސިއްރުކަން ކޮމިށަނުގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓާއި އެހެނިހެން ޑިޕާޓްމަންޓުތަކުން ހިފަހައްޓަންވާނެއެވެ.

(ނ) އެންޕީއެމްގެ ޒިޔާރަތްތަކާއި މަސައްކަތްތަކުގައި ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ބައިވެރިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމު، ކޮމިށަންގެ ސެކްރެޓަރީ ޖެނެރަލްގެ ހުއްދަޔާއެކު، ކަމާގުޅުން ހުރި ޑިޕާޓްމަންޓަކުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ކޮމިށަނުގެ ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓުން އދ.އަށް ހުށަހަޅާ އެކިއެކި ރިޕޯޓުތަކާއި ޓްރީޓީ ބޮޑީއާ ގުޅުންހުރި ރިޕޯޓުތަކާއި، އެހެނިހެން ރިޕޯޓުތަކުގައި ހިމެނުމަށް ޓަކައި، އެންޕީއެމް ގެ ހޯދުންތައް އެ ޑިޕާޓްމަންޓާ ހިއްސާކުރަންވާނެއެވެ.

(ބ) އެން.ޕީއެމްގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން، ކޮމިށަނުގެ އެންމެހައި ޑިޕާޓްމަންޓުތަކުންނާއި ކޮމިށަނުގެ ރީޖަނަލް އޮފީސްތަކުން، އެން.ޕީއެމްއަށް ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން އެން.ޕީއެމްގެ ޒިޔާރަތްތަކާއި މަސައްކަތްތަކުގައި ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކުން ބައިވެރިވާ ހާލަތްތަކުގައި، އެ ޒިޔާރަތްތަކުންނާއި އެ މަސައްކަތްތަކުން ލިބޭ ސިއްރުކަން ހިފަހައްޓަންޖެހޭ މައުލޫމާތުތަކާއި، މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުގެ ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓާއި ހިއްސާކުރާ މައުލޫމާތުތަކުގެ ތެރެއިން ސިއްރުކަން ހިފަހައްޓަންޖެހޭ މައުލޫމާތުތަކުގެ ސިއްރުކަން އެ ޑިޕާޓްމަންޓުތަކުގެ މުވައްޒަފުން ހިފަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓާއި އެން.ޕީއެމް ގެ މަސައްކަތްތަކުގައި ގާއިމުކުރަންޖެހޭ ފަރަގު

އޮޕްކެޓްގެ ދަށުން، އެންޕީއެމްގެ މަސައްކަތް ބިނާވެފައިވަނީ ޕްރިވެންޓިވް އޭންގަލަކުން، ޕްރޯއެކްޓިވް އެޕްރޯޗަކުން އިދާރާތަކާއެކު މަށްވަރާކޮށް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ކަމުގައި ވެފައި، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މަސައްކަތް ބިނާވެފައިވަނީ ރިއެކްޓިވް އެޕްރޯޗަކުން މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމުގެ މައްޗަށް ކަމުގައިވާތީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓާއި އެންޕީއެމް ގެ މަސައްކަތްތަކުގައި، އަންނަނިވި ފަރަގު ގާއިމުކުރަންވާނެއެވެ.

  1. އެންޕީއެމްގެ ޒިޔާރަތްތަކުގައި ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މުވައްޒަފުން ބައިވެރިނުކުރުން.
  2. އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ އެއްވެސް މަސައްކަތެއްގައި އެންޕީއެމްގެ މުވައްޒަފުން ބައިވެރިނުކުރުން.
  3. އިންވެސްޓިގޭށަން ޑިޕާޓްމަންޓާއި އެންޕީއެމް އަށް މެންޓަރިންގ މެންބަރެއް ކަނޑައަޅައިފައި ހުންނަ ހާލަތުގައި އެން.ޕީއެމްއިން އިސްނަގައިގެން އިންތިޒާމުކުރާ ބައްދަލުވުމެއްގައި އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މެންޓަރިންގ މެންބަރު އިސްދައުރެއް އަދާނުކުރުމަށް އިސްކަންދިނުމާއި، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އިސްނަގައިގެން އިންތިޒާމުކުރާ ބައްދަލުވުމެއްގައި އެންޕީއެމްގެ މެންބަރު އިސްދައުރެއް އަދާނުކުރުމަށް އިސްކަންދިނުން،
  4. އެންޕީއެމް ގެ ޒިއާރަތްތަކުން ފާހަގަކުރެވޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން މައްސަލައެއްގެ ތަހްގީގުންކުރުމާއި، އެން.ޕީއެމްގެ ހޯދުންތައް، ތަހުގީގުތަކުގެ މައިގަނޑު ހޯދުންތަކުގެ ގޮތުގައި ބޭނުން ނުކުރުން،
  5. އެން.ޕީއެމްއިން ށާއިއުނުކުރާ ނުވަތަ އެން.ޕީއެމްއިން ކަމާބެހޭ އިދާރާއަކާ ހިއްސާނުކުރާ ހޯދުންތައް އިންވެސްޓިގޭށަން ޑިޕާޓްމަންޓުން މައްސަލައެއްގެ ތަހުގީގުކުރުމުގައި ބޭނުންނުކުރުން،
  6. އެންޕީއެމް ގެ ޒިޔާރަތްތަކުގެ ހޯދުންތަކުގެ ތެރެއިން އެއްވެސް ފަރާތަކުންނާއި އިދާރާއަކުން ހިއްސާކޮށްފައިވާ ސިއްރު މައުލޫމާތެއް އިންވެސްޓިގޭށަން ޑިޕާޓްމަންޓާ ހިއްސާނުކުރުމާއި، އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި ބޭނުންނުކުރުން،
  7. އެން.ޕީއެމް ގެ ޒިޔާރަތްތަކުން ފާހަގަކުރެވޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކޮމިށަނުން އެއްވެސް ފަރާތަކަށް ފިޔަވަޅުނޭޅުން،
  8. އެން.ޕީއެމްއިން އިދާރާތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ލިޔުމުން ފޮލޯއަޕް ނުކުރުމާއި، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން އިދާރާތަކަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު އެން.ޕީއެމްއިން ލިޔުމުން ފޮލޯއަޕް ނުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓާއި އެންޕީއެމް އާ ދެމެދުގައި މައުލޫމާތު ބަދަލުކުރަންޖެހޭ އަންނަނިވި ހާލަތްތަކުގައި، ދެ ޑިޕާޓްމަންޓުގެ މެދުގައި ކުރެވޭ ރަސްމީ މުއާމަލާތެއްގެ ޒަރީއާއިން އެކަން ކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

  1. އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ ތަހުގީގުތަކުން ފާހަގަކުރެވޭ ކަންކަމުގެ ތެރެއިން އެން.ޕީއެމް ގެ މަސައްކަތާ ގުޅުންހުރި މައުލޫމާތުތައް،
  2. އެން.ޕީ.އެމްއިން ކުރާ ޒިޔާރަތްތަކުގެ ޕްލޭން އެކުލަވައިލުމަށް ޓަކައި އަދި ޒިޔާރަތްތަކަށް ތައްޔާރުވުމުގެ ގޮތުން މީހުންނާއި، ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކާ ގުޅޭގޮތުން، އިންވެސްޓިގޭށަން ޑިޕާޓްމަންޓުން ބޭނުންވާ މައުލޫމާތު.


12 ވަނަ މާއްދާ - ބަޖެޓާއި އެހެނިހެން ވަސީލަތްތައް

(ހ) އެން.ޕީ.އެމްގެ، ހިންގުމާއި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ، ނުފޫޒަކާ ނުލައި އެން.ޕީ.އެމްގެ ބަޖެޓު ބޭނުންކުރުމާ ގުޅޭ ނިންމުންތައް ނިންމުމަށް މަގުފަހިކުރުމަށް، ޓަކައި އެން.ޕީ.އެމްއަށް، ވަކި ބަޖެޓް ލައިނެއްގެ ދަށުން އެކަށީގެންވާ، މިނިވަން ބަޖެޓެއް ކޮމިށަނުގެ ބަޖެޓުގެ ތެރެއިން ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން ވަކި ބަޖެޓް ލައިނެއްގެ ދަށުން މިނިވަން ބަޖެޓެއް ހަމަނުޖެހިއްޖެ ހާލަތުގައި، އެން.ޕީ.އެމްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށޭނެ އަދަދެއް، ކޮމިށަނުގެ ބަޖެޓުގެ ތެރެއިން، ހަމަޖައްސައިދޭންވާނެއެވެ.

(ނ) އެން.ޕީ.އެމްގެ މަސައްކަތްތަކަށް ބޭނުންވެއްޖެ ހިނދެއްގައި ހާމަކަމާއެކު، ބޭރުގެ ފަންނީ އެހީއާއި މާލީ އެހީ ހޯދިދާނެއެވެ.

 

 

ހަތަރުވަނަ ބާބު

މަސްއޫލިއްޔަތުތަކާއި ބާރުތައް

 

13 ވަނަ މާއްދާ - އެން.ޕީ.އެމްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޓޯޗަރ ކުރުމާއި، ރަހުމްކުޑަ އަމަލު ހިންގުމާއި، ލާއިންސާނީ އަމަލު ހިންގުމާއި، އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެ ކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި އެފަދަ އަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ، އެންމެހައި، ތަންތަނަށް، ގަވާއިދުން ޒިޔާރަތްކުރުން.

(ނ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދެއްގައި މިނިވަންކަން ގެއްލޭގޮތަށް ތިބޭ މީހުންނާއި ކުޑަކުދިންގެ ހާލަތާއި އެ ފަރާތްތަކާމެދު އަމަލުކުރެވޭ ގޮތް މޮނިޓަރކުރުން.

(ރ) ޒިޔާރަތްތަކުގައި ފާހަގަކުރެވޭ ކަންތައްތަކާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓުތަކާއި ހުށަހެޅުންތައް ހުށަހެޅުން.

(ބ) އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅުންހުރި ގާނޫނުތަކަށާއި، ގަވާއިދުތަކަށާއި، ސިޔާސަތުތަކަށާއި، އުސޫލުތަކަށާއި، ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) ތަކަށް އިސްލާހު ހުށަހެޅުން.

(ޅ) އެން.ޕީ.އެމް އެއް ގާއިމުވެފައިވާ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ދައުލަތާއި، ބައިނަލްއަގުވާމީ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތަކާއެކު މަސައްކަތްކުރުން.

(ކ) ޔޫ.އެން ސަބްކޮމިޓީ އޮން ޕްރިވެންށަން އޮފް ޓޯޗަރ (އެސް.ޕީ.ޓީ) އާއެކު މަސައްކަތްކުރުން.

(އ) ބައިނަލްއަގުވާމީ އަދި ސަރަހައްދީ ޕްރިވެންޓިވް މެކޭނިޒަމްތަކާއެކު މަސައްކަތްކުރުން.

(ވ) އެން.ޕީ.އެމް އިން ޒިޔާރަތްކުރާ ތަންތަނުގެ މުވައްޒަފުންނާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުން.

 

14 ވަނަ މާއްދާ - ބާރުތައް

އެން.ޕީ.އެމްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

(ހ) ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތު ލިބިގަތުން.

(ށ) ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާގެ ދަށުން އަނިޔާކުރުމާއި ރަހުމްކުޑަ އަމަލު ހިންގުމާއި ލާއިންސާނީ އަމަލު ހިންގުމާއި އިހާނެތި އަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި އެ ގާނޫނުގެ ދަށުން ކުށެއްކަމުގައި ކަނޑައަޅައިފައިވާ އަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ނ) ކުރިން އެންގުމަކާ ނުލައި، ކޮންމެ ވަގުތެއްގައި ވެސް، ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ އެންމެހައި ތަންތަނަށް ޒިޔާރަތްކުރުން.

(ރ) ކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި، ރަޖިސްޓަރީތަކާއި، މައުލޫމާތު މަރުކަޒަކުންނާއި، އެ މަރުކަޒެއް ބެލެހެއްޓުމާއި ހިންގުން ހަވާލުވެފައިވާ އިދާރާތަކުން ހޯދުން.

(ބ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތަކާއި، އެ ތަންތަނުގެ ވަސީލަތްތަކާއި ހިދުމަތްތައް ބަލައި، އެ ތަންތަނުގެ ފޮޓޯ ނެގުން.

(ޅ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތަކުގެ ފެނާއި، ކާނާއާއި، އެން.ޕީ.އެމްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މި ނޫންވެސް ތަކެތީގެ ސާމްޕަލް ނަގައި، އެ ތަކެތީގެ ތަހުލީލުތައް ކުރުން.

(ކ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތަކުގައި ތިބޭ މީހުންނާއި، ކުޑަކުދިންނާއި އެ މަރުކަޒުތަކުގެ މުވައްޒަފުންނާއި، ކަމާގުޅުން ހުރި އެނޫންވެސް ފަރާތްތަކާ ވަކިން އިންޓަވިއުކުރުން.

(އ) ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަންކަމުގެ ތެރެއިން އެން.ޕީ.އެމްގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ކަންކަން ކުރުން.

(ވ) އޮޕްށަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންށަން އެގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގެ ދަށުން ލިބިދޭ މިނޫންވެސް ބާރުތައް.

 

 

ފަސްވަނަ ބާބު

އެން.ޕީ.އެމްގެ މަސައްކަތް

 

15 ވަނަ މާއްދާ - ޒިޔާރަތްތަކުގެ ބާވަތްތައް

(ހ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ ތަންތަނުގައި، އަނިޔާކުރުމާއި ރަހުމްކުޑަ އަމަލެއް ހިންގުމާއި، ލާއިންސާނީ އަމަލެއް ހިންގުމާއި، އިހާނެތި އަމަލެއް ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުދިނުން ފަދަ އަމަލެއް ހިނގާތޯއާއި އެފަދަ އަމަލެއް ހިނގުމަށް މަގުފަހިވާ ފަދަ ކަމެއްވޭތޯ ބެލުމަށް އެން.ޕީ.އެމްއިން އަންނަނިވި ބާވަތްތަކުގެ ޒިޔާރަތް ކުރެވިދާނެއެވެ.

  1. ޒިޔާރަތްކުރާ މަރުކަޒުގެ އާންމު ހާލަތު ދެނެގަތުމަށާއި، މާއްދީ ހާލަތު ދެނެގަތުމަށާއި އެ މަރުކަޒެއްގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބައިފައި ތިބޭ މީހުންނާއި ކުޑަކުދިންނާމެދު ޓޯޗަރގެ އަމަލެއް ހިންގާތޯ ބެލުމަށާއި، ރަހުމްކުޑަ އަމަލެއް ހިންގާތޯ ބެލުމަށާއި، ލާއިންސާނީ އިހާނެތި އަމަލެއް ހިންގާތޯ ބެލުމަށާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުދިނުން ފަދަ އަމަލެއް ހިންގާތޯ ބެލުމަށާއި، އެފަދަ އަމަލުތައް ހިނގުމަށް މަގުފަހިވާ ފަދަ ކަމެއް މަރުކަޒުގައި ހިނގާތޯ ބެލުމަށާއި މި މަރުކަޒުތަކުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ މީހުންނަށާއި ކުޑަކުދިންނަށް ގާނޫނުތަކާއި ގަވާއިދުތަކުން ދިނުމަށް ލާޒިމުކުރާ އިނާޔަތްތަކާއި ހިދުމަތްތައް އެ ފަރާތްތަކަށް ފޯރުކޮށްދެމުންދޭތޯ ބެލުމަށާއި އެ މަރުކަޒެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ދަނެގަތުމަށް ކުރާ މޮނިޓަރިންގ ޒިޔާރަތްތައް.
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ތެރެއިން އެ މަރުކަޒަކަށް އެންޕީއެމްއިން ކުރިން ކޮށްފައިވާ މޮނިޓަރިންގ ޒިޔާރަތެއް ނުވަތަ ޒިޔާރަތްތަކެއް ނުވަތަ އެނޫންވެސް ޒިޔާރަތެއްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން އިސްލާހުކުރުމަށް އިދާރާއަކަށް ނުވަތަ އިދާރާތަކަކަށް އެން.ޕީ.އެމްއިން ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް އެ މަރުކަޒަކަށް ކުރާ ޒިޔާރަތް.
  3. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބައިތިއްބާ މަރުކަޒެއްގެ ވަކި ބައެއް ނުވަތަ އެ މަރުކަޒެއްގެ ވަކި ކަމެއް މޮނިޓަރކޮށް ދެނެގަތުމުގެ ގޮތުން ނުވަތަ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ކުރާ ތީމެޓިކް ޒިޔާރަތްތައް.

(ށ) "އެންޕީއެމް އިން ކުރާ ޒިޔާރަތްތަކުގެ ބާވަތްތަކުގެ ތަފުސީލުތައް "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ޒިޔާރަތްކުރުމުގެ ޕްލޭނެއް އެކުލަވައިލުން

(ހ) އެންޕީއެމްއިން ޒިޔާރަތްކުރުމަށް ޕްލޭން އެކުލަވައިލުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޒިޔާރަތުގެ ބާވަތް ކަނޑައެޅުން؛
  2. ޒިޔާރަތުގައި ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތު ކަނޑައެޅުން؛
  3. ޒިޔާރަތްކުރާ ޓީމު އެކުލަވައިލުން؛
  4. މީގެ އިތުރުންވެސް ހިމަނަން ފެންނަ އިތުރު ކަންތައްތައް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޓީމު އެކުލަވައިލުމުގައި، ކޮމިށަނުގެ އިންވެސްޓިގޭށަން ޑިޕާޓްމަންޓުގެ މުވައްޒަފުން، ޓީމުގައި ހިމަނައިގެން ނުވާނެއެވެ.

(ނ) ޒިޔާރަތްކުރުމުގެ ޕްލޭން އެކުލަވައިލުމުގައި "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ޒިޔާރަތަށް ތައްޔާރުވުން

(ހ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ ތަންތަނަށް އެންޕީއެމް އިން ކުރާ ޒިޔާރަތްތަކަށް ތައްޔާރުވުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  1. ޒިޔާރަތުގެ މަގުސަދު ކަނޑައެޅުން؛
  2. ޒިޔާރަތުގެ އިދާރީ (ލޮޖިސްޓިކްސް) އިންތިޒާމުތައް ހަމަޖެއްސުން؛
  3. ޒިޔާރަތުގައި ކޮމިށަނުން ބޭރުގެ ފަންނީ ފަރާތްތައް ބައިވެރިކުރަން ކޮމިށަނުން ނިންމާ ހާލަތެއްގައި، އެފަދަ ފަރާތްތައް ބައިވެރިކުރުން؛
  4. ޒިޔާރަތަށް ބޭނުންވާ މައުލޫމާތު އެހެން އިދާރާތަކުންނާއި ޑިޕާޓްމަންޓްތަކުން ހޯދުން؛
  5. ޒިޔާރަތުގެ ޕްލޭން އެކުލަވައިލުން؛
  6. ޒިޔާރަތާގުޅޭގޮތުން ޕްރީ ވިޒިޓް މީޓިންގ ބޭއްވުމާއި، ޒިޔާރަތުގެ ޓީމަށް ދޭންޖެހޭ މައުލޫމާތާއި ތަމްރީން ދިނުން؛
  7. މީގެ އިތުރުން ވެސް، ފާހަގަކުރެވޭ އިތުރު ކަންތައްތައް.

(ށ) ޒިޔާރަތަށް ތައްޔާރުވުމުގައި، އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލްގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ޒިޔާރަތްތައް ކުރިޔަށްގެންދާނެ ގޮތާއި ބަލާނެ ކަންތައްތައް

ޒިޔާރަތްތައް ކުރިޔަށްގެންދާނެ ގޮތާއި ބަލާނެ ކަންތައްތައް (ހ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ ތަންތަނަށް އެން.ޕީ.އެމްއިން ކުރާ ޒިޔާރަތްތައް ކުރިޔަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ތަރުތީބުވެގެންވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

  1. ޒިޔާރަތްކުރާ މަރުކަޒަށް، ޒިޔާރަތާ ގުޅިގެން މައުލޫމާތު ހިއްސާކުރަން ޖެހިއްޖެ ނަމަ، ޒިޔާރަތުގެ ޓީމުން މަރުކަޒަށް ވަންނަ ވަގުތު ކޮމިށަނުގެ މެންބަރަކު ސޮއިކޮށްފައިވާ ރަސްމީ ސިޓީއެއް ހުށަހެޅުން؛
  2. ޒިޔާރަތްކުރާ މަރުކަޒުގެ އިސްވެރިންނާއެކު ބާއްވާ ފުރަތަމަ ބައްދަލުވުން ބޭއްވުން؛
  3. ޒިޔާރަތްކުރާ މަރުކަޒުގައި ބަލަހައްޓާ ރަޖިސްޓަރީތަކާއި އެހެނިހެން ލިޔެކިޔުންތައް ބެލުން؛
  4. މަރުކަޒުތަކުގެ އެންމެހައި ތަންތަން ބަލައި އިންސްޕެކްޓުކުރުން؛
  5. މަރުކަޒުތަކުގެ މުވައްޒަފުންނާއި އެ ތަނުގައި ބައިތިއްބައިފައި ތިބޭ ފަރާތްތަކާ އިންޓަރވިއުކުރުން؛
  6. ޒިޔާރަތް ނިންމުމުގެ ގޮތުން ޒިޔާރަތްކުރާ މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުވުން ބޭއްވުން؛
  7. މީގެ އިތުރުން ވެސް، ފާހަގަކުރެވޭ އިތުރު ކަންތައްތައް.

(ށ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ ތަންތަނަށް އެންޕީއެމް އިން ކުރާ ޒިޔާރަތްތަކުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ތަނުގައި ބަލަހައްޓާ އެންމެހައި ލިޔެކިޔުންތަކާއި، ތަނުގައި ބޭނުންކުރާ ގަވާއިދުތަކާއި، އުސޫލުތައް ބެލުން؛
  2. ބަންދުގައި ތިބޭ މީހުންނާއި ކުޑަކުދިންނާމެދު އަމަލުކުރުމަށް "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި، މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ކަނޑައަޅައިފައިވާ ހާއްސަ އިޖުރާތުތަކާ އެއްގޮތަށް އަމަލުކުރުން؛
  3. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވޭތޯ ބެލުން؛
  4. ތަނުގެ މާއްދީ ހާލަތު ބެލުމުގެ ގޮތުން ކެއިންބުއިމާއި، އަލިކަމާއި، ވައި ދައުރުވާ މިންވަރާއި، ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނާއި، އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަމަށާއި، އެނދުތަންމަތި އަދި ހެދުންއެޅުމާއި، އުޅޭތަނުގެ ތޮއްޖެހުމާ ގުޅޭ ކަންކަން ބެލުން؛
  5. ހިދުމަތްތަކާއި އެހެނިހެން ހަރަކާތްތައް ބެލުން؛
  6. ސިއްހީ ހާލަތު ދެނެގަތުން؛
  7. މުވައްޒަފުންނާ ގުޅޭ ކަންކަން ބެލުން؛
  8. މީގެ އިތުރުން ވެސް ފާހަގަކުރެވޭ އިތުރު ކަންތައްތައް.

(ނ) ޒިޔާރަތްތައް ކުރިޔަށްގެންދާނެ ގޮތާއި، ޒިޔާރަތްތަކުގައި ބަލާނެ ކަންތައްތައް "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި، މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ ކަންކަމަށް، ޒިޔާރަތް ކުރިޔަށްގެންދިއުމުގައި އެންޕީއެމް އިން ސަމާލުކަން ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ޒިޔާރަތަށްފަހު އަމަލުކުރަންޖެހޭ ގޮތް

ޒިޔާރަތެއް ނިންމުމަށްފަހު އަންނަނިވި ކަންކަން އެންޕީއެމް އަށް ކުރެވިދާނެއެވެ. 

(ހ) ޒިޔާރަތްތަކުގައި ފާހަގަކުރެވޭ ކަންބޮޑުވާ މައްސަލަތަކަށް ބިނާކޮށް އަވަސް ކަރުދާހެއް އެކުލަވައިލަންޖެހޭކަމަށް ފެނިއްޖެ ހިނދެއްގައި އެފަދަ ކަރުދާހެއް އެކުލަވައިލުން.

(ށ) ޒިޔާރަތްތަކުގައި ފާހަގަކުރެވޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަށްވަރާކުރުމަށް ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް އިދާރާތަކުގެ ސަމާލުކަމަށް އެ ކަންތައްތައް ގެނައުން.

(ނ) ޒިޔާރަތަށްފަހު ރިޕޯޓު ތައްޔާރުކުރުމާއި ރިޕޯޓު ތައްޔާރުކޮށް އިދާރާތަކާއި ހިއްސާކުރުމުގެ ކުރިން ރިޕޯޓުގައި ހިމަނައިފައިވާ ކަންކަމުގެ އަދާހަމަ މައުލޫމާތު ހޯދުމަށް އިދާރާތަކާއެކު މަށްވަރާ ބައްދަލުވުންތައް ބޭއްވުން.

(ރ) ޒިޔާރަތަށްފަހު ތައްޔާރުކުރާ ރިޕޯޓު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން.

(ބ) ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި ވެބްސައިޓުގައި ރިޕޯޓު ށާއިއުކުރުމާއި ރިޕޯޓުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރުން.

(ޅ) ޒިޔާރަތާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓުގައިވާ ހުށަހެޅުންތަކުގެ ފޮލޯއަޕް ހެދުން.

(ކ) މީގެ އިތުރުން ވެސް ފާހަގަކުރެވޭ އިތުރު ކަންތައްތައް.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި އަމަލުކުރަންޖެހޭނެ އިޖުރާތުތަކާއި، އެ ކަންކަން ނިންމަންޖެހޭނެ މުއްދަތުތައް "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާ - މަށްވަރާ ބައްދަލުވުންތައް ބޭއްވުން

އެން.ޕީއެމްއިން ކުރިޔަށްގެންދާ ޒިޔާރަތްތަކުން ފާހަގަކުރެވުނު ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ހިއްސާކުރުމަށް ޓަކައި އަދި ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބިނާކުރަނިވި މަށްވަރާ ބައްދަލުވުންތައް ބާއްވަންވާނެއެވެ.

 

21 ވަނަ މާއްދާ - އެން.ޕީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރުން

(ހ) އެންޕީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ، އެ ހުށަހެޅުންތައް ނިސްބަތްވާ އިދާރާއެއްގެ ޒިންމާއެކެވެ.

(ށ) (ހ) ޒިޔާރަތްތަކުގައި ފާހަގަކުރެވޭ ކަންބޮޑުވާ މައްސަލަތަކަށް ބިނާކޮށް އަވަސް ކަރުދާހެއް އެކުލަވައިލަންޖެހޭކަމަށް ފެނިއްޖެ ހިނދެއްގައި އެފަދަ ކަރުދާހެއް އެކުލަވައިލުން.

(ށ) ޒިޔާރަތްތަކުގައި ފާހަގަކުރެވޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަށްވަރާކުރުމަށް ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް އިދާރާތަކުގެ ސަމާލުކަމަށް އެ ކަންތައްތައް ގެނައުން.

(ނ) ޒިޔާރަތަށްފަހު ރިޕޯޓު ތައްޔާރުކުރުމާއި ރިޕޯޓު ތައްޔާރުކޮށް އިދާރާތަކާއި ހިއްސާކުރުމުގެ ކުރިން ރިޕޯޓުގައި ހިމަނައިފައިވާ ކަންކަމުގެ އަދާހަމަ މައުލޫމާތު ހޯދުމަށް އިދާރާތަކާއެކު މަށްވަރާ ބައްދަލުވުންތައް ބޭއްވުން.

(ރ) ޒިޔާރަތަށްފަހު ތައްޔާރުކުރާ ރިޕޯޓު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން.

(ބ) ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި ވެބްސައިޓުގައި ރިޕޯޓު ށާއިއުކުރުމާއި ރިޕޯޓުގެ މައުލޫމާތު މީޑިއާއާ ހިއްސާކުރުން.

(ޅ) ޒިޔާރަތާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓުގައިވާ ހުށަހެޅުންތަކުގެ ފޮލޯއަޕް ހެދުން.

(ކ) މީގެ އިތުރުން ވެސް ފާހަގަކުރެވޭ އިތުރު ކަންތައްތައް.

(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި އަމަލުކުރަންޖެހޭނެ އިޖުރާތުތަކާއި، އެ ކަންކަން ނިންމަންޖެހޭނެ މުއްދަތުތައް "އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ތަފުސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

20 ވަނަ މާއްދާ - މަށްވަރާ ބައްދަލުވުންތައް ބޭއްވުން

އެން.ޕީއެމްއިން ކުރިޔަށްގެންދާ ޒިޔާރަތްތަކުން ފާހަގަކުރެވުނު ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ހިއްސާކުރުމަށް ޓަކައި އަދި ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބިނާކުރަނިވި މަށްވަރާ ބައްދަލުވުންތައް ބާއްވަންވާނެއެވެ.

 

21 ވަނަ މާއްދާ - އެން.ޕީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރުން

(ހ) އެންޕީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ، އެ ހުށަހެޅުންތައް ނިސްބަތްވާ އިދާރާއެއްގެ ޒިންމާއެކެ 

(ށ) އެންޕީއެމްގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް، އިދާރާތަކުން، އެއްބަސްވާ ޓައިމްލައިނަށް ކަމާބެހޭ އިދާރާތަކުން އިހުތިރާމު ނުކުރާ ނަމަ، އެންޕީއެމްއަށް، އަންނަނިވި ފަދައިން އަމަލުކުރެވިދާނެއެވެ:

  1. އެންޕީއެމްގެ ހޯދުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައުމަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރުން؛
  2. ބައިނަލްއަގުވާމީ މިންގަނޑުތަކާ އަޅައިބަލާއިރު، މަރުކަޒުގެ ހާލަތު އެކަށީގެންވާވަރަށް ވުރެ ދަށް ނަމަ، މިންގަނޑުތަކާ އެއްގޮތްވާ ތަނަކަށް އެ މަރުކަޒު ހެދުމަށް ޓަކައި ހުށަހެޅުންތައް ހުށަހަޅައި، އެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ބާރުއެޅުން؛
  3. މީޑިއާގެ ސަމާލުކަމަށް ގެނެސް، ވެބްސައިޓުގައި ށާއިއުކުރުން؛
  4. ސަބްކޮމިޓީ އޮން ޕްރިވެންށަން އޮފް ޓޯޗަރ (އެސްޕީޓީ) އަދި ބައިނަލްއަގުވާމީ މިނޫންވެސް މެކޭނިޒަމްތަކުގެ ސަމާލުކަމަށް އެކަން ގެންނަން ފެނިއްޖެ ހިނދެއްގައި އެކަން އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން؛
  5. ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތަކުގައި އެ ފަރާތްތަކަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި، އިނާޔަތްތަކާ ގުޅޭ ކަންކަން އިސްލާހުކުރުމަށް، ތަކުރާރުކޮށް ހުށަހަޅައި، އެ ކަންކަން އިސްލާހުނުކޮށްފި ނަމަ، ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަންގެ ގާނޫނު) ގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުން.

 

22 ވަނަ މާއްދާ - އަހަރީ ރިޕޯޓް

އެންޕީއެމްއިން އަހަރީ ރިޕޯޓެއް ކޮންމެ މީލާދީ އަހަރެއްގެ އެޕްރީލްމަހުގެ ނިޔަލަށް އެކުލަވައިލައި، އެ ރިޕޯޓު އާންމުކުރަންވާނެއެވެ. މި ރިޕޯޓުގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ:

(ހ) ޒިޔާރަތްތަކުން ފާހަގަކުރެވުނު ކަންކަން.

(ށ) ފާއިތުވެދިޔަ މީލާދީ އަހަރުގެ ތެރޭގައި، އެން.ޕީއެމްއިން ކޮށްފައިވާ އެހެނިހެން މަސައްކަތްތައް.

(ނ) އެން.ޕީއެމްއަށް ލިބިފައިވާ ބަޖެޓާ ގުޅޭ މައުލޫމާތު.

(ރ) ދިމާވި ގޮންޖެހުންތައް.

(ބ) އެން.ޕީއެމްގެ މަސައްކަތްތައް ހަރުދަނާކުރަން ކޮށްފައިވާ އެހެނިހެން މަސައްކަތްތައް.

(ޅ) ހުށަހެޅުންތައް.

 

 

ހަވަނަ ބާބު

އެން.ޕީއެމްގެ މަސައްކަތްތަކުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް

 

23 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން 

(ހ) ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ނުވަތަ ބައިތިއްބާކަމަށް ބެލެވޭ ތަންތަނަށް އެން.ޕީއެމްއިން ކުރާ ޒިޔާރަތްތަކަކީ ކުރިން އެންގުމަކާ ނުލައި ކުރުމަށް ހަމަޖެހިފައިވާ ޒިޔާރަތްތަކެއް ނަމަ، ޒިޔާރަތްތަކުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކު ވެސް އެ ޒިޔާރަތެއްގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ށ) ޒިޔާރަތްކުރާ މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކަމާ ގުޅުންހުރި އެނޫންވެސް ފަރާތްތަކާ ކުރާ އިންޓަވިއުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. މި ފަރާތްތަކާ ކޮށްފައިވާ އިންޓަވިއުއެއް ނުވަތަ އެފަދަ ފަރާތަކުން ދީފައިވާ މައުލޫމާތުތައް އެއްވެސް ހާލަތެއްގައި، އެއްވެސް ބޭނުމެއްގައި، އެ މައުލޫމާތެއް ދިން ފަރާތުގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނޭހެން އެ ފަރާތުގެ ހުއްދަޔަކާ ނުލައި ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މިނޫންވެސް ހާލަތްތަކުގައި އެން.ޕީއެމްގެ ޒިންމާތައް އަދާކުރުމުގައި ސިއްރު ހިފަހައްޓަންވާނެއެވެ.

 

24 ވަނަ މާއްދާ - ބަދަލުހިފުމުން ލިބިދޭ ހިމާޔަތް

އޮޕްކެޓްގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެން.ޕީއެމް އަށް އެއްވެސް މައުލޫމާތެއް ހިއްސާކުރުމާ ގުޅިގެން، އެއީ ތެދު މައުލޫމާތެއް ކަމުގައި ވީނަމަވެސް، ނުވަތަ ދޮގު މައުލޫމާތެއް ކަމުގައި ވިނަމަވެސް، އެއްވެސް ފަރާތަކަށް ނުވަތަ ޖަމުއިއްޔާއަކަށް އެއްވެސް ފަރާތަކުން، ނުވަތަ ދައުލަތުގެ އޮފިށަލަކު އެއްވެސް އަދަބެއް ދިނުމަށް އަމުރުކޮށް، އެ އަދަބު ތަންފީޒުކޮށް އެ އަދަބު ދިނުމަށް، ހުއްދަދީ ނުވަތަ ބަލައިގަނެގެން ނުވާނެއެވެ. އަދި އެފަދަ އެއްވެސް ފަރާތަކަށް ނުވަތަ ޖަމުއިއްޔާއަކަށް، އެނޫންވެސް ގޮތަކުން، އެއްވެސް ގެއްލުމެއް ލިބޭނެ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ބަންދު މަރުކަޒުތައް މޮނިޓަރކުރުމުގެ އަސާސީ އުސޫލުތައް

ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބަލަހައްޓާ މަރުކަޒުތަކަށް ޒިޔާރަތްކުރާ ޓީމުން މޮނިޓަރކުރުމުގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުގެ ނަޒަރުން މޮނިޓަރކުރުމާ ގުޅޭގޮތުން، ކަނޑައަޅައިފައިވާ ގައިޑްލައިންތަކާއި މެނުއަލްތަކާއި، "އެން.ޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ މެނުއަލް" ގައި ކަނޑައަޅައިފައިވާ އަސާސީ އުސޫލުތައް ނަގަހައްޓަންވާނެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން

 

26 ވަނަ މާއްދާ - އެހެނިހެން މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއެކު އޮންނަ ގުޅުން 

(ހ) އެން.ޕީއެމް.އިން ށަރުއީ ދާއިރާއާއި، ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ތައުލީމީ މުއައްސަސާތަކާއި، ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަންވާނެއެވެ.

(ށ) އެންޕީއެމްގެ މަސައްކަތަށް އެހެނިހެން އިދާރާތަކުންނާއި ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް ފަހުމުނާމާތަކުގައި ކޮމިށަނަށް ސޮއިކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - މެނުއަލެއް އެކުލަވައިލުން 

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެންޕީއެމްގެ ޒިޔާރަތްތައް ކުރިޔަށްގެންދިއުމުގައި މުވައްޒަފުން އަމަލުކުރާނެ ގޮތުގެ އިޖުރާތުތައް ތަފުސީލުކޮށް ބަޔާންކުރާ މެނުއަލެއް އެކުލަވައިލަންވާނެއެވެ.

 

28 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން 

(ހ) ގަވާއިދުގައި ހިމަނައިފައިވާ ކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފި ނަމަ، އެ ކަމެއް މާނަކުރަންވާނީ، އޮޕްކެޓްގެ މަގްސަތްތަކާއި އޭޓީއާއި އެސްޕީޓީއިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ ގަވާއިދުގައި ހިމަނައިފައިވާ ކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފި ނަމަ ނުވަތަ ހިޔާލު ތަފާތުވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ ކޮމިށަނުންނެވެ.

 

29 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކޮމިށަނުގެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮމިށަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބަދަލެއް ގެނައުމަށް ފާސްކޮށް، އެ ފާސްކުރި އިސްލާހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ "ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް" އަށެވެ.

(ށ) "އެން.ޕީ.އެމް." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި، ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ (ކެޓް ކޮންވެންށަން) އާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިނގިޔަ ނުދިނުމަށް ޓަކައި ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާގެ (ނ) އިން ގާނޫނީގޮތުން ބާރުވެރިކުރުވައި ދިވެހިރާއްޖޭގައި ކަނޑައަޅައިފައިވާ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމަށެވެ.

(ނ) "މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަން" ކަމުގައި ބުނެފައި އެވަނީ، ދާއިމީ ނުވަތަ ވަގުތީގޮތުން ނަމަވެސް ދައުލަތުގެ ފަރާތުން މީހެއްގެ ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް މިނިވަންކަން މަހްރޫމްވާނޭހެން ބެހެއްޓޭ ކޮންމެ ތަނަކަށެވެ. އެގޮތުން، ށަރުއީ ނުވަތަ އިދާރީ ނުވަތަ އެނޫންވެސް އެއްވެސް އަމުރަކުން އެ މީހަކު ނުވަތަ އެ ކުއްޖަކު އަމިއްލަ އިހުތިޔާރުގައި މިނިވަންކަމާއެކު އުޅުމަށް ހުއްދަ ނުލިބޭ ގޮތަކަށް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމާއި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ތަނެއްގައި މިނިވަންކަން ގައިދުކުރެވޭ ގޮތަށް ބަންދުކުރެވޭ ނުވަތަ ބަލަހައްޓާ ކޮންމެ ތަނެއް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.

(ރ) "މިނިވަންކަން ގެއްލޭ ގޮތަށް ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތައް" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.

  1. އިމިގްރޭށަން ޑިޓެންށަން ސެންޓަރުތައް؛
  2. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް؛
  3. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
  4. ށަރީއަތް ނިމުމުގެ ކުރިން މީހުން ބަންދުކުރާ މަރުކަޒުތަކާއި، ރިމާންޑް ޖަލުތައް؛
  5. ޕޮލިސް ސްޓޭށަންތަކާއި ކަސްޓޯޑިއަލް ޖަލުތައް؛
  6. ހުކުމް ތަންފީޒުކުރަމުންދާ މީހުން ބަންދުކުރާ ޖަލުތައް؛
  7. އިދާރީގޮތުން މީހުން ބަންދުކުރާ މަރުކަޒުތައް؛
  8. ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
  9. ޑްރަގް ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކާއި، ޑިޓޮކްސިފިކޭށަން ފަރުވާދޭ މަރުކަޒުތައް؛
  10. އަސްކަރިއްޔާގައި ސުލޫކީ އަދަބެއްގެ ގޮތުން ބަންދުގައި ބަހައްޓާ ތަންތަން؛
  11. ކަރަންޓީން އައިސޮލޭށަން ފެސިލިޓީތައް؛
  12. ޑައިވަރށަން ސެންޓަރުތަކާއި ރިހެބިލިޓޭށަން ސެންޓަރުތައް؛
  13. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ އެހެނިހެން ތަންތަން.

(ބ) "އޮޕްކެޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ "ދަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމަންޓް" ގެ އިހުތިޔާރީ މުއާހަދާއަށެވެ.

(ޅ) "ބެލެހެއްޓުމުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބަންދުގެ މަރުކަޒުތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުޑަކުދިން ބައިތިއްބާ އަދި މީހުންނާއި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެގެންވާ ވުޒާރާތަކުގެ ތެރެއިން އެ ވުޒާރާގެ މަސައްކަތާ ގުޅޭ ނިސްބަތުން އެ ވުޒާރާއަކަށެވެ.

(އ) "ކޮމިށަނުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ހިއުމަން ރައިޓްސް ކޮމިށަނުގެ މުވައްޒަފުން އަމަލުކުރުމަށް ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދުތަކަށެވެ.

(ވ) "ކޮމިށަންގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އަށެވެ.

(މ) "ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަންގެ ގާނޫނު) އާއި، ހިއުމަން ރައިޓްސް ކޮމިށަނުގެ ގަވާއިދާއި، ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަންގެ އިދާރީ ހިންގުމަށް އައްޔަނުކޮށްފައިވާ ކޮމިށަނުގެ އެންމެ އިސް އިދާރީ މުވައްޒަފަށެވެ.

(ފ) "އެސް.ޕީ.ޓީ." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ ދަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމެންޓްގެ އޮޕްށަނަލް ޕްރޮޓޮކޯލްއިން އެކުލަވައިލައިފައިވާ "ސަބްކޮމިޓީ އޮން ޕްރިވެންށަން އޮފް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމެންޓް" އަށެވެ.

(ދ) "އޭ.ޕީ.ޓީ." ކަމަށް ބުނެފައި އެވަނީ، އެސޯސިއޭށަން ފޯ ދި ޕްރިވެންށަން އޮފް ޓޯޗަރގެ ގޮތުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމުއިއްޔާއަށެވެ.

(ތ) "މެންޓަރިންގ މެންބަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮމިށަނަށް އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ކޮމިށަނުގެ ކޮންމެ ޑިޕާޓްމަންޓެއްގެ މަސައްކަތްތަކަށް ލަފާދިނުމަށް އެ ޑިޕާޓްމަންޓަކަށް އެވަގުތަކު ކަނޑައަޅައިފައިވާ މެންބަރަށެވެ.

 

31 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެންޓި ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު