ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-67) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-124)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޑިސެމްބަރު 2025 ގައި)
ގަވާއިދު ނަންބަރު 2022-67 (ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަހަތަށް 1-10 ގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ މަގާމެއް އަދާކުރާ ފަރާތަކަށް ރިޓަޔަރމަންޓް އިނާޔަތް ދިނުން ހުއްޓައިލުން 1-10.
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރކުރުމަށްފަހު، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައި ނުވަތަ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަހުންމަހަށް ދޭ އިނާޔަތް ލިބޭ ފަރާތެއް ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެ ނަމަ، އެ މަގާމުގައި ނުވަތަ އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑައިލަންވާނެއެވެ. އަދި މިގޮތުން މެދުކަނޑައިލުމަށްފަހު ރިޓަޔަރމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ލިބިދެވޭނީ، ރިޓަޔަރވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތުގައި ހުންނަ ފަރާތަކުން، ރިޓަޔަރވުމަށްފަހު އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މި ހިދުމަތަށް ލިޔުމުން
އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަންގަންޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ހިދުމަތުން އަންގާ ގޮތެއްގެ މަތީން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ ދައްކަންވާނެއެވެ.
(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުން ރިޓަޔަރވެފައިވާ ފަރާތެއް ދައުލަތުގެ އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް އެނބުރި އައުމަށްފަހު، އެފަދަ ފަރާތަކަށް އައު ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔަރމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ރިޓަޔަރވި ފަރާތުން، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ނުވަތަ (ޅ) ގެ ދަށުން ހަމަޖައްސައިދޭ ރިޓަޔަމަންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިނާޔަތް އިހުތިޔާރު ކުރަންވާނެއެވެ. އަދި އެ ފަރާތުން، އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިހުތިޔާރުކޮށްފި ނަމަ،މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ނުވަތަ (ޅ) ގެ ދަށުން ލިބިދެވޭ ރިޓަޔަރމަންޓް އެ ފަރާތަކަށް ނުލިބޭނެއެވެ.
(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރކޮށްފައިވާ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެދުކަނޑައިލުމާ ގުޅޭ އުސޫލު، މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ރިޓަޔަރކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެއެވެ.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 2022-67)
ކޮންސޮލިޑޭޓެޑް ގަވާއިދު
ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-67)
ކިޔުންތެރިންގެ ހިޔާލު