-

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-121)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 ޑިސެމްބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2020-05 (ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިޞްލާހުކުރުން. 

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތް ރޭވިފައިވާ ގޮތް 4.

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަކީ، އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ސީދާ ޖަވާބުދާރީވާންޖެހޭނެ ފަރާތެކެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން.

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ 7. 

(ހ) ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ކޮމިށަނުގެ މެންބަރުންގެ ތެރެއިން މެންބަރަކު، ހިއުމަން ރައިޓްސް ކޮމިށަނުން އައްޔަނުކުރަންވާނެއެވެ. 

(ށ) ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ގާނޫނީ ހައިސިއްޔަތު ބަޔާންކޮށްފައި ނުވާތީއާއި، އެ ޔުނިޓަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވ،ާ މިނިވަން ގާނޫނީ ށަހްޞެއް ކަމުގައި ބަޔާންކޮށްފައި ނުވާތ،ީ އެ ގާނޫނުގެ ބެލެނިވެރި ފަރާތަކީ ހިއުމަން ރައިޓްސް ކޮމިށަން ކަމުގައި ވީ ހިނދު، އަދި ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) ގެ 19 ވަނަ މާއްދާގައި ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ކޮމިށަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެ ކަމަކަށް ލިބިގެން ކަމުގައި ބަޔާންކޮށްފައިވާތ،ީ ޔުނިޓަށް އައްޔަނުކުރާ އިސްވެރިޔާއަކީ ކޮމިށަނުގެ މެންބަރެއް ކަމުގައި ވީ ނަމަވެސް އަދި މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިށަނުގެ މެންބަރަށް ޔުނިޓާ ގުޅިގެން އެއްވެސް ކަމެއް ނިންމޭނީ އަދި ޔުނިޓުގެ މަސައްކަތާ ގުޅިގެން ޖަވާބުދާރީވާން ޖެހިއްޖެ ހާލަތެއްގައި ޖަވާބުދާރީވާން ޖެހޭނީ، ކޮމިށަނުގެ ގާނޫނުން ތަޞައްވުރުކުރާ ކޮމިށަނުގެ މެންބަރުންގެ ޖަމާއީ ވާޖިބުތަކާއި ކޮމިށަނުގެ ގާނޫނުގައި ކަނޑައަޅައިފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން؛
  2. ގާނޫނު ނަންބަރު 2019-16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހަވާލުކޮށްފައިވާ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް، ހިންގުން؛
  3. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓު ހިންގުމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން؛
  4. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ ނެތް ހާލަތެއް ދިމާވެއްޖެ ނަމަ, ޔުނިޓުގެ އިސްވެރިޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނެ، ހިއުމަން ރައިޓްސް ކޮމިށަނުގެ މެންބަރަކު، ކޮމިށަނުން ކަނޑައަޅާންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން.

(ހ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިދާރީ އޮނިގަނޑު ބިނާވަނީ، ޑިރެކްޓަރ ޖެނެރަލްއަކާއި، އެސިސްޓެންޓް ޑިރެކްޓަރުންނާއި، ސީނިއަރ އޮފިސަރުންނާއި، އޮފިސަރުންނާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މައްޗަށެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރާނީ، ހިއުމަން ރައިޓްސް ކޮމިށަނުންނެވެ.

(ނ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަކީ ހިއުމަން ރައިޓްސް ކޮމިށަނުގެ މުވައްޒަފުންނެވެ. އަދި ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރަންވާނީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2006-06 (ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު) އާއި، މުވައްޒަފުންނާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންގެ ތެރޭގައި އަންނަނިވި ދާއިރާތަކުގެ މުވައްޒަފުން ހިމަނަން އިސްކަން ދޭންވާނެއެވެ.

  1. ގާނޫނީ ދާއިރާ؛
  2. އިންޓަރނޭށަނަލް ލޯގެ ދާއިރާ؛
  3. ޞިއްހީ ދާއިރާ؛
  4. ތިމާވެށި ރައްކައުތެރިކުރުމުގެ ދާއިރާ؛
  5. އެކައުންޓިންގއާއި އޮޑިޓިންގގެ ދާއިރާތައް؛
  6. އިންވެސްޓިގޭށަން ދާއިރ.ާ

(ބ) އަންނަނިވި މަސްއޫލިއްޔަތުތައް އަދާކުރަން، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މުވައްޒަފަކު އައްޔަނު ކުރަންވާނެއެވެ.

  1. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ވިލަރެސްކުރުމާއި، ޔުނިޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި ޔުނިޓުގެ އިސްވެރިޔާއަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން؛
  2. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މަސައްކަތާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތައް، އިސްވެރިޔާގެ ލަފާގެ މަތީން ރާވައި ހިންގުމުގައި މުވައްޒަފުންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޔުނިޓުގެ އިހްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތައް، ޔުނިޓުގެ އިސްވެރިޔާގެ ލަފާގެ މަތީން އިންވެސްޓިގޭށަން އޮފިސަރުންނާ ހަވާލުކުރުން؛
  4. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާހުތައް، ޔުނިޓުގެ އިސްވެރިޔާގެ ލަފާގެ މަތީން ގެނައުން؛
  5. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އަހަރީ ރިޕޯޓު ނިންމުމުގައި މުވައްޒަފުންނާއެކު މަސައްކަތްކުރުން؛
  6. ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމާއި، މަސައްކަތުގެ ފެންވަރު ބަލަމުންދިއުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން.

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓަށް ހުށަހެޅޭ ލިޔެކިޔުންތަކުގެ އެންޓްރީ 9. 

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އޮފީހާއި، އެ އޮފީހުގެ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލަހައްޓަންވާނީ ހިއުމަން ރައިޓްސް ކޮމިށަނުގެ އެހެން ޑިޕާޓްމަންޓުތަކާ ވަކިންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިޞްލާހުކުރުން

ކޮރަޕްށަނު ގެ ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުވުން 12.

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާއާއި އެންމެހައި މުވައްޒަފުން، ކޮރަޕްށަނުގެ އަމަލުތަކުން ނުވަތަ ރިށްވަތުގެ އަމަލުތަކުން ދުރުހެލިވާންވާނެއެވެ. އަދި މިފަދަ ހުށަހެޅުމެއް ހުށަހެޅިއްޖެ ނަމަ، އެކަން ކޮމިށަނުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާހުކުރުން.

މަޞްލަހަތު ފުށުނޭރުން 15. 

(ހ) އަދާކުރާ ވަޒީފާއެއްގެ ސަބަބުން ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ ހިންގާ ހަރަކާތެއްގެ ސަބަބުން ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ ވަޒީފާ މިނިވަންކަމާއެކު އަދާކުރަން ހުރަސްއެޅޭ ނަމަ, އެފަދަ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ނުވަތަ ހަރަކާތެއްގައި، ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފަކު ބައިވެރިވެގެންނުވާނެއެވެ.

(ށ) ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ މުވައްޒަފެއްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހުށަހެޅިއްޖެ ނަމަ ނުވަތަ އެފަދަ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ, އެ ޔުނިޓުގެ އިސްވެރިޔާއާ އެކަމުގެ މައުލޫމާތު ހިއްސާކޮށް، އެ ފަރާތަކުން އެ މައްސަލައަކުން ނުވަތަ އެ މަސައްކަތަކުން ވަގުތުން ތަނާޛުލްވާންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާ އުނިކުރުން

 

11 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.

މާނަކުރުން 24.

(ރ) "ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓުގެ އިސްވެރިޔާ" ނުވަތަ "އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2006-06) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިށަނުން ކަނޑައަޅާ މެންބަރަށެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދާއެކު ހިމަނައިފައިވާ ޖަދުވަލު 1 އުނިކުރުން.

 

13 ވަނަ މާއްދާ - އުނިކޮށްފައިވާ މާއްދާތަކާ އެއްގޮތަށް ގަވާއިދުގެ މާއްދާތަކާއި ނަންބަރުތައް ތަރުތީބުކުރުން.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-05)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވިސްލްބްލޯވަރ ޕްރޮޓެކްށަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު