-

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-98)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 އޮކްޓޫބަރު 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ބަޔާންކޮށް އިލެކްށަންސް ކޮމިށަނުން ހަދައި ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ވޯޓުގެ ކަންކަން ހިންގައި ބެލެހެއްޓުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި ކަންކަން ހިންގައި، ބަލަހައްޓައި، ވިލަރެސްކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓުގެ ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ކަމެއް ކުރުމަށް ޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެ ފަރާތްތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހެޅުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައިވާ ގޮތުގެ މަތީން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްދިނުމަށް އެދި، ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނީ އާންމު ވޯޓު ނެގުމަށް، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާ ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާ އެކުގައެވެ.

(ނ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް؛
  2. އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު؛
  3. ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު.

 

4 ވަނަ މާއްދާ - މައުލޫމާތު ކަރުދާސް ހިމެނުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނައިފައި އޮންނަންވާނެއެވެ.

 

5 ވަނަ މާއްދާ - މައުލޫމާތު ކަރުދާސް އޮންނަންވީ ގޮތް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޓަކައި ހުށަހަޅާ ގަރާރާއެކު އެކުލަވައިލާ މައުލޫމާތު ކަރުދާސް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ނުވަތަ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ހުށަހަޅަންވާނެއެވެ. އަދި މައުލޫމާތު ކަރުދާހުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު؛

(ށ) މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅި ސަބަބު.

(ނ) ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު.

(ރ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު.

 

6 ވަނަ މާއްދާ - ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ގަރާރާއި، ސުވާލާއި، މައުލޫމާތު ކަރުދާސް ށާއިއުކުރުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި، އެފަދަ ގަރާރެއް އަނބުރާ ގެންދިއުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން އެ ގަރާރެއް ކޮމިށަނުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ޓަކައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމެއް ހުށަހަޅާ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ގަރާރާއި، ސުވާލާއި، މައުލޫމާތު ކަރުދާހުގެ ފުރިހަމަ އިބާރާތް ކޮމިށަނުން އާންމުކުރަންވާނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އެ ރަށްރަށުގެ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް، ހިޔާލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ގަރާރާއި، ސުވާލާއި މައުލޫމާތު ކަރުދާސް ލުއިފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ އިންތިޒާމު ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ގަރާރާއި، ސުވާލާއި، މައުލޫމާތު ކަރުދާހުގެ ފުރިހަމަ އިބާރާތް ކޮމިށަނުން އާންމުކުރާއިރު، ވޯޓު ނަގަނީ ވަކި ސަރަހައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމަށް ކަމަށްވާނަމަ، އެ ސަރަހައްދެއްގެ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް، ހިޔާލު ހޯދުމަށް އެދި ހުށަހަޅައިފައިވާ ގަރާރާއި، ސުވާލާއި، މައުލޫމާތު ކަރުދާސް ލުއިފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ރ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ގަރާރެއް ހުށަހެޅުމަށްފަހު އެ ގަރާރެއް އަނބުރާ ގެންދެވޭނީ އެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ވޯޓު ނެގުން ބާއްވާނެ ތާރީހެއް އިލެކްށަންސް ކޮމިށަނުން އިއުލާނުކުރުމުގެ ކުރިންނެވެ.

 

7 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ޞައްހަ ރަޖިސްޓަރީއެއް، ނޭށަނަލް ރަޖިސްޓްރޭށަނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ އަލީގައި އިލެކްށަންސް ކޮމިށަނުން އެކުލަވައިލައި، ވޯޓު ނަގާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން އާންމު ކުރަންވާނެއެވެ. އަދި އެ ރަޖިސްޓަރީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހެއްގައި އާންމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުން، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން ހަމަޖައްސަންވާނެއެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީއާ ގުޅޭ ށަކުވާއާއި ރަޖިސްޓަރީއަށް ގެނެވޭ ބަދަލުތައް

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވޭ ބަދަލުތަކާއި ރަޖިސްޓަރީއާ ގުޅޭ ށަކުވާއާ ގުޅޭ ކަންކަމާއި ރަޖިސްޓަރީއަށް ގެނެވޭ ބަދަލުތައް އާންމުކުރުމާއި، ރީ-ރަޖިސްޓްރޭށަންގެ ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް އަމަލު ނުކުރެވޭ ނަމަ އެ މުއްދަތުތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިއުލާނުކުރުމުން، އިލެކްށަންސް ކޮމިށަނުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ރީ-ރަޖިސްޓަރީވުމަށް ހުށަހަޅާނީ، އެ މީހަކު އެންމެ ފަހުން އިލެކްށަންސް ކޮމިށަނުން 

 

9 ވަނަ މާއްދާ - ގައުމީ ލަފާދޭ ކޮމިޓީ

(ހ) ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭގޮތުން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ ލަފާ ހޯދުމަށާއި، މަށްވަރާކުރުމަށް "ގައުމީ ލަފާދޭ ކޮމިޓީ" އެއް އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ. އެހެންނަމަވެސް ވޯޓު ނަގަނީ ވަކި ސަރަހައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމަށް ކަމަށްވާ ނަމަ، "ގައުމީ ލަފާދޭ ކޮމިޓީ" އެއް އުފެއްދުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ގައުމީ ލަފާދޭ ކޮމިޓީގައި ހިމެނޭނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތްތަކެވެ.

(ނ) ގައުމީ ލަފާދޭ ކޮމިޓީން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ރ) ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ރާވައި، ހިންގާނީ، އިލެކްށަންސް ކޮމިށަނުންނެވެ.

 

10 ވަނަ މާއްދ - ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިންގެ މަސްއޫލިއްޔަތާއި ޒިންމާއާއި މުއްދަތު

ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމުގެ މަސައްކަތްތައް ކުރުމަށް ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން އައްޔަނުކުރުމާއި އެ މީހުންގެ މަސްއޫލިއްޔަތާއި، ޒިންމާތަކާއި، މަގާމުގެ މުއްދަތާ ގުޅޭގޮތުން އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދ - ވޯޓު ނަގާ ދުވަސް އިއުލާންކުރުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު އާންމުކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވޯޓު ނަގާ ދުވަސް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ނުވަތަ މައްސަލަ؛
  2. ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގާ ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި؛

  3. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ކަނޑައަޅައިފައިވާ ތާރީހާއި ވަގުތު؛

  4. ވޯޓު ނަގާ ސަރަހައްދު؛

  5. ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ނަގާ ވޯޓާ ގުޅިގެން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ބަޔާންކުރާ މައުލޫމާތު.

 

12 ވަނަ މާއްދާ - ކެމްޕެއިން ކުރުމުގެ ފުރުސަތު

މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ވޯޓު ނަގާ ދުވަސް އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ދުވަހުން ފެށިގެން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ކެންޕޭންކުރުމުގެ ހައްގު، ސިޔާސީ ޕާޓީތަކަށާއި، ޖަމްއިއްޔާތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ކެމްޕެއިން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ކެންޕޭންކުރުން ކަމަށް ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާ ނުވަތަ މައްސަލައާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވޯޓު ދިނުމަށް ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ދައުވަތުދޭ އެއްވެސް ހަރަކާތެއް ހިންގުމަށެވެ. އޭގެ ތެރޭގައި ރެލީތައް ބޭއްވުމާއި، ދޮރުންދޮރަށް ދިޔުމާއި، ލިޔުން ބެހުމާއި، މުއާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް މެސެޖު ދިނުމާއި، އެނޫންވެސް، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ އެންމެހައި ހަރަކާތްތައް ހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - ކެމްޕެއިންކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ކެންޕޭން ކުރުމުގައި އަންނަނިވި ސުލޫކީ މިންގަނޑު ހިފަހައްޓައި ދަމަހައްޓަންޖެހޭނެއެވެ.

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހެޅޭ ކަންކަމުގައި ރައްޔިތުންގެ ނިންމުން ނިންމުމުގައި ވަކިގޮތަކަށް ވޯޓުލުމަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމަށް މަސައްކަތް ނުކުރުން.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހެޅޭ ސުވާލު އޮޅޭގޮތަށް އެއްވެސް ފަރާތަކުން ކެންޕޭން ނުކުރުން.

(ނ) ކެންޕޭންކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ނުދެއްކުމާއި، އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުން.

(ރ) ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވާ ކަންތަކާ ގުޅިގެން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ގައުމުގެ މަޞްލަހަތު އިސްކުރުމާއި، ވާހަކަދެއްކުމުގައި ތެދުވެރިވުމާއި، ސަބަބު ބަޔާންކުރުމާއި ހުއްޖަތް ދެއްކުމުގެ މައްޗަށް ކެންޕޭން ބިނާކުރުން.

(ބ) ކިޔަވައިދޭ ތަންތަނުން (މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީ ފަދަ) ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް، އާންމު ވޯޓު ނެގުމުގައި ހިޔާލަށް އަހައިފައިވާ ސުވާލަށް ވަކި ގޮތަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް މަސައްކަތް ނުކުރުން.

(ޅ) ތާއީދު ހޯދުމަށް ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރާ ނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެން އެކަން ހައްލުކުރަން މަސައްކަތްކުރުން.

(ކ) ވާދަވެރި ފަރާތަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެ ވަގުތަކާ ދިމާކޮށް ބައްދަލުވުމެއް އިންތިޒާމު ނުކުރުން.

(އ) ތާއީދު ހޯދުމުގެ ގޮތުން އެހެން ފަރާތަކުން ބަހައްޓާ ޕޯސްޓަރު ނުވަތަ ނިށާން ނުވަތަ ކަމެއް ރަމްޒުކޮށްދޭ އެފަދަ އެހެން އެއްޗެއް ނައްޓައި، ހަލާކުކޮށް ގެއްލުންދީ ނުހެދުން.

(ވ) ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރު ނުވަތަ ނިށާން ނުވަތަ ކަމެއް ރަމްޒުކޮށްދޭ އެއްޗެއް ބޭނުންކުރާ ނަމަ އެ އެއްޗަކީ އާންމު އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ އެއްޗެއް ކަމުގައިވުން.

(މ) ވަކި ކޮޅަކަށް ތާއީދު ހޯދުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި ނުވަތަ ބިމެއްގައި ބަހައްޓާ ނަމަ، ނުވަތަ ދަމާ ނަމަ، ނުވަތަ ތަތްކުރާ ނަމަ، އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުން.

(ފ) ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރުކުރުމާއި، ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ އަމަލުތައް ކަމަށް ބެލިދާނެ ފަދަ ކަންކަމުން ދުރުހެލިވުން.

(ދ) އާންމު ވޯޓުގައި ވަކި ކޮޅަކަށް ވޯޓުދިނުމަށް ހިތްވަރުދިނުމުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ނުވަތަ މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްނުދިނުމާއި، އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުން.

(ތ) އިންތިހާބަށް ތާއީދު ހޯދުމުގެ ގޮތުން ބަހައްޓާ ނުވަތަ ދަމާ ނުވަތަ ތަތްކުރާ އިސްތިހާރާއި، ބިލްބޯޑާއި ބެނަރ ފަދަ ތަކެތި، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ބެހެއްޓި ނުވަތަ ދެމި ނުވަތަ ތަތްކުރި ފަރާތަކުން ނަގައި ނުވަތަ ނައްޓައި ސާފުކުރުން.

(ލ) ހިޔާލު ހޯދުމުގެ ވޯޓަކަށް ކެންޕޭންކުރުމުގައި ތިމާދެކޭ ގޮތް ނޫން ގޮތަކަށް ހިޔާލުފާޅުކުރާ އަދި ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ގާނޫނީގޮތުން ލިބިފައިވާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގަށް އިހްތިރާމް ކުރަންވާނެއެވެ. އަދި އެ ފަރާތްތަކަށް ލިބިފައިވާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގަށް އުނިކަން އަންނަ ކަންކަން ނުވަތަ ހުރަސްއެޅޭ ބާވަތުގެ ކަންކަން އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

15 ވަނަ މާއްްދާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮބްޒާވްކުރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮބްޒާވްކުރުމަށް ފުރުޞަތު ހުޅުވައިލުމާއި، ހުއްދަދިނުމާއި އޮބްޒާވަރުންގެ އެންމެހައި ކަންކަމުގައި އަމަލުކުރާނީގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

16 ވަނަ މާއްްދާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން މޮނިޓަރކުރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ވޯޓުލުމާއި ވޯޓު ގުނުމުގެ މަސައްކަތް މޮނިޓަރކުރާ މޮނިޓަރުންގެ އެންމެހައި ކަންކަމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

17 ވަނަ މާއްދާ - ވޯޓު ނެގުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

(ހ) ވޯޓު ނެގުމަށް ބޭނުންވާ ހުރިހާ ތަކެތި ވޯޓު ނަގަން ފަށާ ވަގުތު ޖެހުމުގެ ކުރިން ވޯޓުލާ މަރުކަޒުގެ އޮފިށަލުންގެ ހަވާލުގައި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ އިންތިޒާމު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފަރާތަކުން ހަމަޖައްސަންވާނެއެވެ.

(ށ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެއެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި ރަށާއި، އެޑްރެހާއި، އުފަން ތާރީހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ވޯޓުފޮށި ބަހައްޓާ ސަރަހައްދު ކަނޑައެޅުން

ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ތިބި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލައި، އެ ރަށުގައި ބަހައްޓާނެ ވޯޓުފޮށީގެ އަދަދާއި، ވޯޓުފޮށި ބަހައްޓާނެ ސަރަހައްދު ކަނޑައަޅައި އަދި އެ ސަރަހައްދަށް ވޯޓުދޭނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ތެރެއިން ކޮން ބައެއްކަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައި އެކަން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ސުވާލު އާންމުކޮށް ފެންނަގޮތަށް ބެހެއްޓުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލު ނުވަތަ މައްސަލަ ރަނގަޅަށް ކިޔަން އެނގޭނޭހެން ލިޔެ، ވޯޓު ނަގާ ދުވަހު ވޯޓު ފޮށި ބަހައްޓައިފައިވާ ކޮންމެ ސަރަހައްދެއްގައި އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ވޯޓު ކަރުދާސް އޮންނަންވީ ގޮތް

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ވޯޓެއްގައި ބޭނުންކުރާ ވޯޓު ކަރުދާހެއްގައި، ރައްޔިތުންނަށް ހުށަހަޅާ ސުވާލު ލިޔެފައި އޮންނަންވާނީ، ވޯޓުލާ މީހާއަށް އެ ސުވާލުގެ ޖަވާބުގައި "އާނއެކެވެ" ނުވަތަ "ނޫނެކެވެ" ބަޔާންކޮށް ފާހަގަޖެހޭ ގޮތަށް ނުވަތަ ސުވާލުގެ ޖަވާބު އިހްތިޔާރުކުރެވޭ ގޮތަށެވެ.

(ށ) ހިޔާލު ހޯދުމުގެ ވޯޓެއްގައި ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅެނީ އެއް ސުވާލަށް ވުރެ ގިނަ ސުވާލުކަމުގައިވާ ހާލަތުގައި، އެއް ވޯޓު ކަރުދާހަށް ވުރެ ގިނަ ވޯޓު ކަރުދާސް ބޭނުންކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) މި ގަވާއިދުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބޭނުންކުރާ ވޯޓު ކަރުދާސް ތައްޔާރުކޮށްފައި އޮންނަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ވޯޓު ކަރުދާހާބެހޭ އެ ނޫން ކަންކަމުގައި އަމަލުކުރާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

21 ވަނަ މާއްދާ - ވޯޓުލާނެ ގޮތް

ވޯޓުލާމީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ 1 (އެކެއް) ފާހަގައެވެ.

 

22 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ ތަކެތި

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، ކަޅުކުލައިގެ ދެލިން ލިޔެވޭ ނުވަތަ ނޫކުލައިގެ ދެލިން ލިޔެވޭ އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި، އަތްދަބަހާއި، އަޑު ރިކޯޑުކުރެވޭ ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި، ފައިލް ފަދަ ތަކެއްޗާއި، އެނޫންވެސް ވޯޓަށް އަސަރުކޮށްފާނެކަމަށް ބެލެވޭ އެއްވެސް ވަސީލަތެއް ނުވަތަ އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ވޯޓިންގ ބޫތު

(ހ) ވޯޓުލާ ކޮންމެ މަރުކަޒެއްގައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް މަދުވެގެން އެކެއް (1) ބޫތު ހުންނަންވާނެއެވެ. ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެހެން މީހުންނަށް ނުފެންނަ ގޮތަށެވެ.

(ށ) ވޯޓިންގ ބޫތު ހުންނަންވާނީ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަ ހިސާބުގައެވެ. އަދި ފާހަގަޖަހާ މީހާގެ ހަރަކާތްތައް (ވޯޓު ކަރުދާހުގެ ފޮޓޯނެގުން ފަދަ ގަވާއިދާ ހިލާފު އަމަލުތައް) އޮފިށަލުންނަށާއި އޮބްޒާވަރުންނަށް ފަސޭހައިން ފެންނަގޮތަށް ނުވަތަ ފާހަގަކުރެވޭ ގޮތަށެވެ.

 

24 ވަނަ މާއްދާ - ވޯޓު ނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ މީހުންގެ މަސްއޫލިއްޔަތު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމާއި ވޯޓު ގުނުމާބެހޭ ކަންކަން ބަލަހައްޓާ ފަރާތްތައް އަމަލުކުރަންވާނީ، އެކަންކަމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

25 ވަނަ މާއްދާ - ސެކިއުރިޓީ ބެލެހެއްޓުން

ވޯޓުލާ މަރުކަޒުތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވާ ވޯޓު ކަރުދާހާއި ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިން އަދި މަރުކަޒުގައި އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ފޮނުވޭ ތަނެއްގައި ތިބުމަށް ނުވަތަ ބެލެހެއްޓުމަށް އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން، ވޯޓުލާ ސަރަހައްދާއި، މަރުކަޒާއި، ވޯޓުލާ މަރުކަޒަށް ފޮނުވާ ވޯޓު ކަރުދާހާއި އެންމެހައި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި، ވޯޓުލާ މަރުކަޒަށް އައްޔަނުކުރާ ވެރިޔާ އަމަލުކުރަންވާނީ، އެކަންކަމާ ގުޅޭގޮތުން ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

27 ވަނަ މާއްދާ - ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް އެހީތެރިވެދިނުން

ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް އެހީތެރިވެދިނުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

28 ވަނަ މާއްދާ - ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ހުށަހެޅުން

(ހ) ވޯޓުލާން އަންނަ މީހާ، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ފޮޓޯ ޖަހައިފައިވާ ޑްރައިވިންގ ލައިސަންސް) ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ، މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ. ވޯޓުލާން އަންނަ މީހާއަށް ވޯޓުލުމުގެ ފުރުޞަތު ދެވޭނީ، އޭނާ ގެންނަ ކާކުކަން އަންގައިދޭ ލިޔުމުގައިވާ ފޮޓޯއާއި އޭނާގެ މޫނުގެ ސިފަ އަޅައިބެލުމަށްފަހު، އެއީ އެ މީހާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

(ށ) ވޯޓުލުމުގެ ބޭނުމަށް، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި، ޑިޖިޓަލް އެއްވެސް ކާޑެއް ނުވަތަ ލިޔުމެއް އަދި ޑިޖިޓަލް ލިޔުމެއްގެ ޕްރިންޓެއް ބަލައެއްނުގަނެވޭނެއެވެ.

 

29 ވަނަ މާއްދާ - ބާތިލު ވޯޓު

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ ބާތިލު ވޯޓެކެވެ.

  1. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވޯޓުލުމަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް؛
  2. އެއްވެސް ފާހަގައެއް ޖަހައިފައިނުވާ ވޯޓު؛
  3. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛
  4. ވޯޓުދޭ މީހާ ވޯޓު ދީފައިވާ ގޮތް ކަށަވަރުނުވާ ވޯޓު؛
  5. ވޯޓު ކަރުދާހުގައި އެއް ސުވާލަށްވުރެ ގިނަ ސުވާލު ހުށަހަޅައިފައިވާ ކަރުދާހުގައި އިތުރަށް ދީފައިވާ ވޯޓު؛
  6. ވޯޓު ކަރުދާހުގައި އެ މީހަކު ވޯޓު ދިނުމަށް ޖަހާ ރަނގަޅު ފާހަގައިގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓު.
  7. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ގޮތާ ދިމާގައި 1 (އެކެއް) ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު.

(ށ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ.

 

30 ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާއިރު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި ވޯޓު ނަގަން ފެށުމާއި، ވޯޓު ނަގައި ނިމުމާ ދެމެދު ކަން ހިނގައިދިޔަގޮތުގެ ރިޕޯޓެއް ލިޔެ، ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވުމާއި، އެ ކަމާ ގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

31 ވަނަ މާއްދާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދިނުން 

ކޯޓު އަމުރަކަށް މެނުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، އެއްވެސް ފަރާތަކަށް ދީގެން ނުވާނެއެވެ.

 

32 ވަނަ މާއްދާ - ވަގުތީ ނަތީޖާ އިއުލާންކުރުން

(ހ) ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ އިއުލާނުކުރުމަށްފަހު، އެ ނަތީޖާ، މާލޭގައި ހުންނަ އިލެކްށަންސް ކޮމިށަނުގެ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުމުން އިލެކްށަންސް ކޮމިށަނުން، ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ނަތީޖާ އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަތީޖާ އިއުލާނުކުރާނީ، ވޯޓުލާ މަރުކަޒުތަކުން ފޮނުވާ ނަތީޖާތަކަކީ، އެ މަރުކަޒެއްގައި އިއުލާނުކުރި ނަތީޖާތޯ ކަށަވަރުކުރުމަށް ފަހުގައެވެ.

 

33 ވަނަ މާއްދާ - ރަސްމީ ނަތީޖާ އިއުލާނުކުރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާ ދުވަހުން ފެށިގެން، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ވޯޓުގެ ރަސްމީ ނަތީޖާ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

35 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ނިޒާމު

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ށަކުވާ ހުށަހެޅުމަށް ޓަކައި، ށަކުވާ ހުށަހެޅުމުގެ ނިޒާމެއް ގާއިމުކޮށް، އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ގުޅިގެން އުފުލޭ ށަކުވާތަކުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާއެއް ފުރިހަމައަށް ތަހުގީގުކޮށް، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

36 ވަނަ މާއްދާ - ވޯޓު ކަރުދާސް ނައްތައިލުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ބޭނުންކުރި ވޯޓު ކަރުދާހާއި ތަކެތި ބެލެހެއްޓުމާއި ނައްތައިލުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 61-1 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

 

37 ވަނަ މާއްދާ - ކުށާއި އަދަބު

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) އާއި، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއްކޮށްފި ނަމަ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 74 ވަނަ މާއްދާގެ ދަށުން އެ ފަރާތަކާމެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ.

 

38 ވަނަ މާއްދާ - ރިޕޯޓު ތައްޔާރުކުރުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން ވޯޓާ ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްފައި އެ ރިޕޯޓު އާންމުކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވުން

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2020-48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) އާއި، ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

40 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

(ށ) "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހިރާއްޖެއިން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ލިޔުންތަކަށެވެ.

(ނ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި އެކި ކަންކަން ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

 

41 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) ގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު އެކުލަވައިލާ މައުލޫމާތު ކަރުދާސް

1. ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

 

2. މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު

 

3. މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތައް

 

4. މައްސަލައާ ދެކޮޅަށް ހުރި ހުއްޖަތްތައް

 

ތާރީހު

 

 

ޖަދުވަލު 2

ގާނޫނު ނަންބަރު 2025-15 (ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު) ގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު، އެކުލަވައިލާ މައުލޫމާތު ކަރުދާސް

1. ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

 

2. މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު

 

3. މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތްތައް

 

4. މައްސަލައާ ދެކޮޅަށް ހުރި ހުއްޖަތްތައް

 

ތާރީހު

 

މައި ގާނޫނު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2025-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު