-

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-15)

(މި ގާނޫނަށް އަމަލުކުރަން ފެށީ 16 ސެޕްޓެމްބަރު 2025 ގައި)

 

1 ވަނަ މާއްދާ -  ތައާރުފާއި ނަން

(ހ) މިއީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު" އެވެ. 

 

2 ވަނަ މާއްދާ - ވޯޓު ނަގަންވާ ކަންކަން

މި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ އަންނަނިވި ކަންކަމުގައެވެ.

(ހ) ރައްޔިތުންނާގުޅޭ މުހިންމު ކަންތައްތަކުގައި؛

(ށ) ގައުމީ މުހިންމު މައްސަލަތަކުގައި؛

(ނ) ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކުންކުރެ މާއްދާއަކަށް އިސްލާހު ގެނައުމުގައި:

  1. ގާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް؛
  2. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ އުމުރު)؛
  3. ގާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު)؛
  4. ގާނޫނުއަސާސީގެ 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް)؛
  5. ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން)؛
  6. ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަހައްދު).

(ރ) ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް.

 

3 ވަނަ މާއްދާ - ރައްޔިތުންނާގުޅޭ މުހިންމު ކަންކަމުގައި ނަގާ ވޯޓު

ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި، ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް އެ މަޖިލީހަށް ފެންނަ ކަންތައްތަކުގައި، ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެއެވެ.

 

4 ވަނަ މާއްދާ - ގައުމީ މުހިންމު މައްސަލަތަކުގައި ނަގާ ވޯޓު

(ހ) ގައުމީ މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި، ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ވަކި ސަރަހައްދަކާ ގުޅުންހުރި ނުވަތަ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލައެއް ނިންމުމުގައި، އެކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންކަމުގައި، އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެއެވެ.

 

5 ވަނަ މާއްދާ - ާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ނަގާ ވޯޓު

(ހ) ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް، ނުވަތަ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ)، ނުވަތަ ގާނޫނުއަސާސީގެ 107 ވަނަ މާއްދާ، ނުވަތަ ގާނޫނުއަސާސީގެ 108 ވަނަ މާއްދާ، ނުވަތަ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)، ނުވަތަ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، އެ ބިލު ތަސްދީގުކުރުމުގެ ކުރިން، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، މި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަންވާނެއެވެ.

(ށ) ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްޓަކައި، މި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަންވާނެއެވެ.

 

6 ވަނަ މާއްދާ - މަޖިލީހުން އަމަލުކުރަންވީ ގޮތް 

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ހާލަތްތަކުގައާއި އެ މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ މަޖިލީހުން އަމަލުކުރަންވާނީ މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނާ ތައާރުޒުނުވާ ގޮތަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެކުލެވޭ ކަމާގުޅޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރުގައި، އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެއެވެ.

 

7 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާ އަމަލުކުރަންވީ ގޮތް

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައާއި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައާއި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުންނެވެ.

(ނ) މި މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައި، އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެއެވެ.

 

8 ވަނަ މާއްދާ - ގަރާރުގައި ހިމަނަންޖެހޭ ކަންކަން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ)  ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް؛

(ށ) އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު؛

(ނ) ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު،

 

9 ވަނަ މާއްދާ - އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރުގައިވާ ގޮތުގެމަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި ހުށަހަޅާނީ އިލެކްށަންސް ކޮމިށަނަށެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ކަރުދާސް އެކުލަވާލުން

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - މަޖިލީހުން އެކުލަވާލާ މައުލޫމާތު ކަރުދާސް

މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު ފާސްކުރާ މައުލޫމާތު ކަރުދާސް އެ މަޖިލީހުން ފާސްކުރަންވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

 

12 ވަނަ މާއްދާ - މައުލޫމާތު ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މަށްވަރާ ހޯދުން

މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު ހިމަނާ މައުލޫމާތު ކަރުދާސް އެކުލަވާލަންވާނީ ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެމަތިންނެވެ.

 

13 ވަނަ މާއްދާ - މައުލޫމާތު ކަރުދާސް ހުށަހެޅުން

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށްޓަކައި، ކަމާބެހޭ ގަރާރުގައިވާ ގޮތުގެމަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްދިނުމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅާއިރު، އެ މައްސަލަ ހުށަހަޅާ ފަރާތުން މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާން ކުރާ މައުލޫމާތު ކަރުދާސްވެސް އެ ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - މައުލޫމާތު ކަރުދާސް އޮންނަންވީ ގޮތް

މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލާ މައުލޫމާތު ކަރުދާސް އޮންނަންވީ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި މައުލޫމާތު ކަރުދާސް އާންމުކުރުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްޓަކައި މި ގާނޫނުގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމެއް ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެ ފަރާތުން ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް ކޮމިށަނުން އާންމުކުރަންވާނެއެވެ.

(ށ)  މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލާ މައުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 (އެކާވީސް) ދުވަހުގެ ކުރިން އިލެކްށަންސް ކޮމިށަނުން އާންމުކުރަންވާނެއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، އެ ރަށްރަށުގެ ލޯކަލް ކައުންސިލްތައް މެދުވެރިކޮށް، މައުލޫމާތު ކަރުދާސް ލުއިފަސޭހަކަމާއެކު އާންމުންނަށް ލިބޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

16 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު

އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް މި ގާނޫނުގެ ދަށުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ސިއްރު ވޯޓު 

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ނަގާ ވޯޓު ވާންވާނީ ސިއްރު ވޯޓަކަށެވެ.

 

18 ވަނަ މާއްދާ - ވޯޓުލުން އިންތިޒާމުކުރާ ފަރާތް

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، އެ ވޯޓު ނެގުމުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދާނީ، މި ގާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުންނެވެ. އޭގެ ތެރޭގައި ވޯޓު ނެގުން ބާއްވާނެ ތާރީހަކާއި، ވޯޓުލުން ކުރިއަށްދާނެ ގޮތަކާއި، ވޯޓުގުނާނެ ގޮތާއި، ށަކުވާ އަޑުއަހާނެ ގޮތް ފަދަ ވޯޓު ނެގުމާގުޅޭ އެންމެހައި ކަންކަން ހިމެނެއެވެ.

 

19 ވަނަ މާއްދާ - ވޯޓު ނަގަންޖެހޭ މުއްދަތު

(ހ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ، އަދި ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތު އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު 45 (ސާޅީސްފަހެއް) ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ވޯޓު ނަގާ ދުވަސް އިއުލާންކުރުން

(ހ) މި ގާނޫނުގެ ދަށުން ބާއްވާ ވޯޓު ނެގުން ބާއްވާނެ ދުވަހެއް، މި ގާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު އާންމުކުރާ ތާރީހުން ފެށިގެން
7 (ހަތެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އިއުލާންގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ނުވަތަ މައްސަލަ؛
  2. ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި؛
  3. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ކަނޑައަޅާފައިވާ ތާރީހާއި ވަގުތު؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތެއްވާނަމަ އެ މައުލޫމާތު،

 

21 ވަނަ މާއްދާ - ވޯޓު ނަގަންވާ މުއްދަތުގައި ވޯޓު ނުނެގިއްޖެނަމަ ހަދަންވާ ގޮތް

(ހ) އެއްވެސް ސަބަބަކާހުރެ ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތުގައި ވޯޓު ނުނެގޭނެ ކަމަށް އިލެކްށަންސް ކޮމިށަނަށް ލަފާކުރެވޭނަމަ އެކަން ވޯޓު ނެގުމަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ލިޔުމުގައި، އެ ފަރާތުން އެދިފައިވާ މުއްދަތުގައި ވޯޓު ނެގެން ނެތް ސަބަބާއި، ދެން ވޯޓުލުން އެންމެ އަވަހަށް ބޭއްވޭނެ ތާރީހު އަންގަންވާނެއެވެ. އެއްވެސް ހާލެއްގައި، ވޯޓު ނެގުން، މި ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ އެންމެ ދިގު މުއްދަތަށްވުރެ އިތުރުވެގެންނުވާނެއެވެ.

 

22 ވަނަ މާއްދާ - މަޖިލީހުގެ ގަރާރު އަނބުރާ ގެންދެވޭގޮތް

(ހ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި ފިޔަވައި، މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރެއް، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރެއް އެފަދައިން އަނބުރާ ގެންދެވޭނީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ވޯޓު ނެގުން ބާއްވާނެ ތާރީހެއް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމުގެ ކުރިންނެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފާސްކުރާ ގަރާރުގައި ވޯޓު ނުނަގާން ނިންމި ސަބަބު ބަޔާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އަނބުރާ ގެންދެވޭގޮތް

(ހ) މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި ފިޔަވައި، މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރެއް، ރައީސުލްޖުމްހޫރިއްޔާ ނެރޭ އެހެން ގަރާރަކުން އެ ގަރާރު އަނބުރާ ގެންދެވިދާނެއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރެއް އެފަދައިން އަނބުރާ ގެންދެވޭނީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ވޯޓު ނެގުން ބާއްވާނެ ތާރީހެއް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމުގެ ކުރިންނެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރެއް އަނބުރާ ގެނައުމަށް މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ދެވަނަ ގަރާރު ނެރުމުގެ ކުރިން، އެ ގަރާރާމެދު ވަޒީރުންގެ މަޖިލީހުގެ މަށްވަރާ ހޯދަންވާނެއެވެ. އަދި އެ ގަރާރުގައި، ވޯޓު ނުނަގާން ނިންމި ސަބަބު ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ގަރާރު ށާއިއުކުރުން

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއި އެފަދަ ގަރާރެއް އަނބުރާ ގެންދިޔުމަށްޓަކައި މަޖިލީހުން ފާސްކުރާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ރަޖިސްޓަރީ އެކުލަވާލުން 

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއެއް، އިލެކްށަންސް ކޮމިށަނުން އެކުލަވާލައި، ވޯޓު ނަގާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކުރާ ރަޖިސްޓަރީ އެކުލަވާލުމުގައާއި އާންމުކުރުމުގައި އަދި އެ ރަޖިސްޓަރީއަށް އުނިއިތުރު ގެނައުމުގައި އަމަލުކުރަންވާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާގުޅޭ މާއްދާތަކުގަ އިވާ ގޮތުގެމަތިން، އެ ގާނޫނުގެ އެ މާއްދާތައް މި ގާނޫނާ ފުށުނާރާ ނިސްބަތަކުންނެވެ.

 

26 ވަނަ މާއްދާ - ކެމްޕޭންކުރުމުގެ ފުރުސަތު

(ހ) މި ގާނޫނުގެ ދަށުން ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ކެމްޕޭންކުރުމުގެ ހައްގު، އަދި އެކަމާގުޅޭ އާންމު މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގުމުގެ ހައްގު، ސިޔާސީ ޕާޓީތަކަށާއި، ޖަމްއިއްޔާތަކަށާއި، ގާނޫނީ ށަހްސުތަކަށާއި، ވަކިވަކި ފަރުދުންނަށްވެސް ލިބިގެންވެއެވެ.

(ށ)  މި ގާނޫނުގެ ބޭނުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ކެމްޕޭންކުރުން ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލާ ނުވަތަ މައްސަލައާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވޯޓު ދިނުމަށް ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ދައުވަތު ދޭ އެއްވެސް ހަރަކާތެއް ހިންގުމަށެވެ. އޭގެ ތެރޭގައި، އެއްވުންތަކާއި ބައްދަލުވުންތަކާއި ރެލީތައް ބޭއްވުމާއި، ދޮރުންދޮރަށް ދިޔުމާއި، ލިޔުން ބެހުމާއި، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މެސެޖު ދިނުމާއި، އެނޫންވެސް ކެމްޕޭންކުރުން ކަމުގައި ބެލެވޭ އެންމެހައި ހަރަކާތްތައް ހިމެނޭނެއެވެ.

(ނ) މި މާއްދާގެ ދަށުން ކެމްޕޭންކުރުން ކުރިއަށްގެންދެވޭނީ، ވޯޓު ނެގުން އިއުލާންކުރާ ތާރީހުން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ކެމްޕޭންކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ކެމްޕޭންކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

މި ގާނޫނުގެ ދަށުން ނެގޭ ވޯޓަކާ ގުޅިގެން ކެމްޕޭންކުރުމުގައި އަމަލުކުރަންވާނީ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މާއްދާތަކުގައިވާ ގޮތުގެމަތިން، އެ ގާނޫނުގެ އެ މާއްދާތައް މި ގާނޫނާ ފުށުނާރާ ނިސްބަތަކުންނެވެ.

 

28 ވަނަ މާއްދާ - ވޯޓު ނެގުމަށް ތައްޔާރުވުން

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގައާއި، ވޯޓު ނެގުމުގައާއި، ވޯޓު ގުނުމުގައާއި، ނަތީޖާ އިއުލާންކުރުމުގައި އަމަލުކުރަންވާނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ކަމާގުޅޭ މާއްދާތަކުގައިވާ ގޮތުގެމަތިން، އެ ގާނޫނުގެ އެ މާއްދާތައް މި ގާނޫނާ ފުށުނާރާ ނިސްބަތަކުންނެވެ.

 

29 ވަނަ މާއްދާ - ސުވާލު އާންމުކޮށް ފެންނަގޮތަށް ބެހެއްޓުން

މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލު ނުވަތަ މައްސަލަ ރަނގަޅަށް ކިޔަން އެނގޭނެހެން ލިޔެ، ވޯޓު ނަގާ ދުވަހު ވޯޓުފޮށި ބަހައްޓާފައިވާ ކޮންމެ ސަރަހައްދެއްގައި އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

30 ވަނަ މާއްދާ - ވޯޓު ކަރުދާސް އޮންނަންވީ ގޮތް

(ހ) މި ގާނޫނުގެ ދަށުން ނަގާ ވޯޓެއްގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ރައްޔިތުންނަށް ހުށަހަޅާ ސުވާލު ލިޔެފައި އޮންނަންވާނީ، ވޯޓު ލާ މީހާއަށް އެ ސުވާލުގެ ޖަވާބުގައި "އާނއެކެވެ" ނުވަތަ "ނޫނެކެވެ" ބަޔާންކޮށް ފާހަގަޖެހޭ ގޮތަށް، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި ގާނޫނުގެ ދަށުން ބާއްވާ ވޯޓުލުމެއްގައި ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅެނީ އެއް ސުވާލަށްވުރެ ގިނަ ސުވާލު ކަމުގައިވާ ހާލަތުގައި، އެއް ވޯޓު ކަރުދާހަށްވުރެ ގިނަ ވޯޓު ކަރުދާސް ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) މި ގާނޫނުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބޭނުންކުރާ ވޯޓު ކަރުދާސް ތައްޔާރުކުރެވިފައި އޮންނަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތަށެވެ. ވޯޓު ކަރުދާހާބެހޭ އެނޫން ކަންކަމުގައި އަމަލުކުރާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

 

31 ވަނަ މާއްދާ - ވޯޓުގެ ނަތީޖާ

(ހ) ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް، ނުވަތަ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ)، ނުވަތަ ގާނޫނުއަސާސީގެ 107 ވަނަ މާއްދާ، ނުވަތަ ގާނޫނުއަސާސީގެ 108 ވަނަ މާއްދާ ނުވަތަ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)، ނުވަތަ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، އެ ބިލު ތަސްދީގުކުރުމުގެ ކުރިން، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި މި ގާނޫނުގައިވާ ގޮތުގެމަތިން ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އެ އިސްލާހެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެއެވެ.

(ށ) ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްޓަކައި މި ގާނޫނުގައިވާ ގޮތުގެމަތިން ނަގާ ވޯޓެއްގައި، އެ އިސްލާހު ގެނައުމަށް ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު އެ ބިލަކަށް ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި މި ގާނޫނުގެ ދަށުން ނެގޭ ވޯޓެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލު ނުވަތަ މައްސަލައިގައި ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބޭގޮތް އެއީ، ރައްޔިތުން އެކަމުގައި ދެކޭ ގޮތް ކަމުގައި، އެ މައްސަލަ ހުށަހެޅި ފަރާތުން ބަލައިގަނެ، ގަބޫލުކުރަންވާނެއެވެ. އަދި އެކަމުގައި ދެން އަމަލުކުރަންވާނީ، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބުނު ގޮތަށެވެ. 

(ރ) މި ގާނޫނުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، ވޯޓު ދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ވޯޓު އެ ނިންމުމަކަށް ލިބިފައިވާނަމައެވެ.

 

32 ވަނަ މާއްދާ - ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާއި ށާއިއުކުރުން

(ހ) މި ގާނޫނުގެ ދަށުން ނެގޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ކަމާގުޅޭ މާއްދާތަކުގައިވާ ގޮތުގެމަތިންނެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ވޯޓުގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ކުށާއި އަދަބު 

އިންތިހާބާބެހޭ ކުށާއި އަދަބާ ގުޅިގެން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް، މި ގާނޫނުގެ ދަށުން ބާއްވާ ވޯޓު ނެގުމެއްގައި އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެ ގާނޫނުގައި ބަޔާންވެގެންވާ އަދަބު މި ގާނޫނުގެ ދަށުން ކަނޑައެޅޭނެއެވެ.

 

34 ވަނަ މާއްދާ - ށަކުވާ 

މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މި ގާނޫނުގެ ދަށުން ބާއްވާ ވޯޓު ނެގުމަކާ ގުޅިގެން އުފުލޭ ށަކުވާތަކުގައި އަމަލުކުރާނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ކަމާގުޅޭ މާއްދާތަކުގައިވާ ގޮތުގެމަތިން، އަދި އެ ގާނޫނުގެ އެ މާއްދާތައް މި ގާނޫނާ ފުށުނާރާ ނިސްބަތަކުންނެވެ.

 

35 ވަނަ މާއްދާ - ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ހޭދަކުރުން

(ހ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންޖެހިއްޖެނަމަ އެ ވޯޓު ނެގުމަށް ބޭނުންވާ އެންމެހައި ފައިސާ ހަރަދުކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންނެވެ.

(ށ) ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ހަރަދުވާނެކަމަށް ލަފާކުރެވޭ ފައިސާ އިލެކްށަންސް ކޮމިށަނުން ހިސާބުކުރުމަށްފަހު، އެ ފައިސާ ހޯދުމަށް އެދި ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށް ހުށަހަޅަންވާނެއެވެ. އަދި، އެފަދައިން ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ފައިސާ އެ ވުޒާރާއިން އިލެކްށަންސް ކޮމިށަނަށް ދޫކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - އިިންތިހާބުތަކާބެހޭ އާންމު ގާނޫނާ އެކުގައި މި ގާނޫނު ކިޔުން

(ހ) މި ގާނޫނުގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހަވާލާދީފައިވާ މާއްދާތަކާ ގުޅިގެން އެ ގާނޫނު ހިންގުމުގައި، އެ ގާނޫނުގައި "އިންތިހާބު" ކަމުގައި ބަޔާންކުރާ ކޮންމެ މާއްދާއެއް ކިޔަންވާނީ، އެ މާއްދާގައި އެ ހަވާލާދެނީ އިންތިހާބުތަކުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާގުޅޭ އުސޫލުތައްވެސް ހިމެނޭގޮތުން ކަމުގައި ބަލައިގެންނެވެ.

(ށ) މި ގާނޫނުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކާ ގުޅިގެން ވަކި ކަމަކާ ބެހޭގޮތުން އަމަލުކުރަންވީ އުސޫލެއް މި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ހާލަތުގައި އަމަލުކުރަންވާނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައިވާ ގޮތުގެމަތިން، އެ ގާނޫނުގެ މާއްދާތައް މި ގާނޫނާ ފުށުނާރާ ނިސްބަތަކުންނެވެ.

 

37 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) ރައްޔިތުންގެ މަޖިލީހުން މި ގާނޫނުގެ ދަށުން ނަގަން ނިންމާ ވޯޓެއްގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް އެ މަޖިލީހުން ހަދާ ގަވާއިދު ފިޔަވައި، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ށ)  (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނިއިތުރު ގެނައުމަކަށް ނުވަތަ އެ މާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާނެ ތާރީހެއް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމާއި ވޯޓުގެ ނަތީޖާ އިއުލާންކުރުމާ ދެމެދ،ު އިތުރު ގަވާއިދެއް ހަދައިގެންނުވާނެއެވެ. އަދި އެ މުއްދަތުގައި އަމަލުކުރަމުންދާ ގަވާއިދަކަށް އެއްވެސް އުނިއިތުރެއްވެސް ނުގެނެވޭނެއެވެ.

 

38 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

39 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

  1. "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގައި ނަގާ ވޯޓަށެވެ.
  2. "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތައްވެސް ހިމެނޭގޮތުންނެވެ.
  3. "އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި ކަންކަން ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ. 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2025-98)

 

ގުޅުހުންހުރި ގަވާއިދު/ގަރާރު

  1. އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައެޅުމާއ،ި އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުމުގެ ގަރާރު (ގަރާރު ނަންބަރު 2025-34)
  2. އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި، އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ގަރާރު (ނަންބަރު 2025-27) އަށް އިސްލާހު ގެނައުމުގެ ގަރާރު (ގަރާރު ނަންބަރު 2025-31)
  3. އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި، އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ގަރާރު (ގަރާރު ނަންބަރު 2025-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު