މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-96)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ސެޕްޓެމްބަރު 2025 ގައި)
މި ފައިލް އަދި އަޕްޑޭޓްކޮށް ނުނިމޭ
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ޓަކައި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތައް
(ހ) މި އިންތިހާބުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 (އެކެއް) ވޯޓެވެ.
(ނ) މި މާއްދާގެ (ނ) ގެ ދަށުން ވޯޓުލުމަށް އައްޔަނުކުރާ ފަރާތަކަށް ތަމްސީލުކުރެވޭނީ 1 (އެކެއް) ފަރާތެވެ.
(ރ) މި ގަވާއިދުގެ ދަށުން އިންތިހާބުކުރާ 4 (ހަތަރެއް) މެންބަރުންގެ ތެރެއިން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުންނަށެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ކެންޑިޑޭޓުން ހޮވުމަށް ވޯޓުލެވޭނީ ބްރޯޑްކާސްޓަރުން ފިޔަވައި އެހެން މީޑިއާތަކަށެވެ.
3 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ރަޖިސްޓަރީ
(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީ އެކުލަވައިލުމާއި، އިއުލާނުކުރުމާ ގުޅޭގޮތުން، އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 16/2023 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
(ށ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ރަޖިސްޓަރީ ހޯދުމަށް އިލެކްށަންސް ކޮމިށަނުން އެދޭ ގޮތެއްގެ މަތީން ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ދައުލަތުގެ ކަމާބެހޭ އިދާރާއިން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
(ނ) ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މި ލިސްޓަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ށަކުވާތަކާ ގުޅިގެން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީއަށް އަންނަ ބަދަލުތައް އިލެކްށަންސް ކޮމިށަނުން އާންމުކުރަންވާނެއެވެ.
4 ވަނަ މާއްދާ - އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދު
(ހ) ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ ގޮތުގައި އިންތިހާބުކުރާނީ މީޑިއާތަކުން އިންތިހާބުކުރާ 4 (ހަތަރެއް) މެންބަރުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންތިހާބު ކުރާނީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނާއި، އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންނެވެ.
5 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުން
(ހ) ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުންތައް އިލެކްށަންސް ކޮމިށަނަށް ލިބޭތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްށަންސް ކޮމިށަނުން އެ މީހަކަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން، އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންޖެހޭނެއެވެ.
(1) އެއީ ކޮން އިންތިހާބެއް ކަމާއި، އިންތިހާބާބެހޭ އިތުރު މައުލޫމާތު؛
(2) އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު؛
(3) އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް؛
(4) އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި، ތަކެތީގެ ތަފުސީލު؛
(5) އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި، ތަކެތި ހުށަހަޅަންޖެހޭ ގޮތާއި، ތާރީހާއި ވަގުތު؛
(6) ވޯޓު ނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގާ ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި؛
(7) ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ކަނޑައަޅައިފައިވާ ތާރީހާއި ވަގުތު؛
(8) މީގެ އިތުރުން ވެސް، އިންތިހާބާ ގުޅިގެން އިލެކްށަންސް ކޮމިށަނުން ހިމަނަން ބޭނުންވާ އިތުރު މައުލޫމާތު.
6 ވަނަ މާއްދާ - މަގާމު ހުސްވުން
ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ އިންތިހާބީ މެންބަރެއްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ޓަކައި އެ މަގާމު ހުސްވި ތާރީހުން ފެށިގެން، ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާއިން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.
7 ވަނަ މާއްދާ - އިންތިހާބުގައި ވޯޓު ދިނުމަށް ޓަކައި ރަޖިސްޓަރީކުރުން
(ހ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި، ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ފަރާތުން ވޯޓު ދިނުމަށް ޓަކައި، އެ ފަރާތްތަކުން ކަނޑައަޅާ މީހަކު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ފަރާތުން ވޯޓުލުމަށް ކަނޑައަޅާ ފަރާތް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ ތަނެއްގެ މަސްއޫލުވެރިފަރާތުގެ ސޮޔާއި ތައްގަނޑު ޖެހި ލިއުމެއް ހުށަހަޅަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ވޯޓުލާން ރަޖިސްޓަރީކުރަނީ ކުންފުންޏެއްގެ ފަރާތުން ނަމަ، ވޯޓުލާން ރަޖިސްޓަރީ ކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ކުންފުނީގެ ބޯޑުގެ ނިންމުމެއް އޮންނަންވާނެއެވެ.
(ރ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ވޯޓުލެވޭނީ މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ފަރާތަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެއެވެ.
8 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުކަމުގެ އިންތިހާބަށް ކުރިމަތިލާ މީހަކު އޭނާގެ ނަން އަނބުރާ ގެންދަން ބޭނުންވެއްޖެ ނަމަ، އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް ގުރުއަތުލައި ތަރުތީބުކޮށް އިއުލާނުކުރުމުގެ ކުރިން އެ މީހެއްގެ ނަން އަނބުރާ ގެންދެވިދާނެއެވެ.
9 ވަނަ މާއްދާ - އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ ތަން
އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ ތަން: މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ މެންބަރުންގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ މާލެ ސިޓީ ސަރަހައްދުން އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތަނެއްގައެވެ.
10 ވަނަ މާއްދާ - ވޯޓު ނަގާ ދުވަސް
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ މެންބަރުންގެ އިންތިހާބު ބޭއްވުމަށް ކަނޑައަޅާ ތާރީހަކީ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ނަންތައް މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާނުކުރާ ދުވަހުން ފެށިގެން، މަދުވެގެން 2 (ދޭއް) ދުވަހުގެ މުއްދަތު އޮންނަ ގޮތަށް ކަނޑައަޅާ ތާރީހަކަށް ވާންޖެހޭނެއެވެ.
11 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ށަރުތުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން.
(ށ) އުމުރުން 30 (ތިރީސް) އަހަރު ވެފައިވުން.
(ނ) ނޫސްވެރިކަމުގެ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން.
(ރ) މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.
(ބ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން، އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
(ކ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(އ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ވ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(މ) ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ފ) ކޮމިއުނިކޭށަނާއި މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި، ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން.
12 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިއުލާނު އިލެކްށަންސް ކޮމިށަނުން ކުރުމުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، އިންތިހާބަށް ކުރިމަތިލުމާބެހޭ މައުލޫމާތާއި ތަކެތި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ށ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(1) ފުރިހަމަ ނަން:
(2) އުފަން ތާރީހް:
(3) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
(4) ދާއިމީ އެޑްރެސް: (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
(5) މިހާރު ދިރިއުޅޭ އެޑްރެސް: (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
(6) ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ކުރިމަތިލާ މަގާމު:
(7) އީމެއިލް އެޑްރެސް:
(8) އިލެކްށަންސް ކޮމިށަނުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް: (ގުޅޭނެ ފޯނު ނަންބަރާއެކު.
13 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި
މި ގަވާއިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ މައުލޫމާތާއެކު އަންނަނިވި ތަކެތި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު.
(ށ) އެކްރެޑިޓް އަދި އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ނ) މަސައްކަތު ތަޖުރިބާގެ ލިޔުންތައް.
(ރ) ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، ވަޒީފާ އަދާކުރާ ތަނުގެ ލިޔުން.
(ބ) ކޮމިއުނިކޭށަނާއި މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް ނެތް މީހެއްކަން އަންގައިދޭ ލިޔުން.
(ޅ) މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހެއް ނޫންކަން އަންގައިދޭ ލިޔުން.
(ކ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ މަގާމެއްގައި ހުރި މީހެއް ނޫންކަން އަންގައިދޭ ލިޔުން.
(އ) އުމުރުދުވަހުގެ ކުށުގެ ރިކޯޑު.
(ވ) ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އަންގައިދޭ ލިޔުން.
(މ) މީގެ އިތުރުން ވެސް، ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ބަޔާންކުރާ ލިޔުންތައް.
14 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބަށް ކުރިމަތިލައިފައިވާ މީހުންގެ ނަންތައް އިއުލާނުކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުކަމުގެ އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފުސީލު އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާއިރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ، އިންތިހާބަށް ކުރިމަތިލި މީހުން ނުވަތަ އެ މީހުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލި މީހަކު ނުވަތަ އެ މީހެއްގެ މަންދޫބެއް ހާޒިރުނުވެއްޖެ ނަމަ، އިލެކްށަންސް ކޮމިށަނުން އައްޔަނުކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތުލުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުން
އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓަން ތިބެންވާނީ، އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން، ނުވަތަ އެކަމަށް އެ ކޮމިށަނުން އައްޔަނުކުރާ ބަޔެކެވެ. މިގޮތުން، ތިބޭ މީހުންގެ ތެރެއިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގެ އެންމެހައި ކަންކަން ބަލަހައްޓާނެ އިސް ފަރާތެއް އިލެކްށަންސް ކޮމިށަނުން އައްޔަނުކުރަންވާނެއެވެ.
16 ވަނަ މާއްދާ - ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދާއި، ވޯޓުފޮށި ބެހެއްޓުން
ވޯޓުލާ މަރުކަޒުތަކުގައި، ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދަކީ ވޯޓުފޮށިން ފެށިގެން، 100 (އެއްސަތޭކަ) ފޫޓުގެ ތެރޭގައި ހިމެނިގެންވާ ގޯތިގެދޮރާއި މަގުތަކާއި، ގޯޅިތައް ފިޔަވައި ޕާކުތަކާއި، ހުސްބިންތަކާއި، ބޯޅަދަނޑު ފަދަ ތަންތަން ހިމެނިގެންވާ ސަރަހައްދެވެ.
17 ވަނަ މާއްދާ - ތާއީދު ހޯދުން
އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް މީހުން، އިންތިހާބަށް ކުރިމަތިލައިފައިވާ މަގާމަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން، ތާއީދު ހޯދުމަށް މަސައްކަތްކުރާއިރު އަންނަނިވި ސުލޫކީ މިންގަނޑު ހިފަހައްޓައި އެ މިންގަނޑު ދަމަހައްޓަން ޖެހޭނެއެވެ.
(ހ) ވަކި ޖިންސެއްގެ މީހަކަށްވާތީ، ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާކަމަށް ޓަކައި، ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައި، އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އޮތް ސަބަބެއްކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެއެވެ.
(ށ) ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ބާއްވާ އެއްވެސް ބައްދަލުވުމެއް ނުވަތަ ހަރަކާތެއް ބާއްވަންވާނީ އެކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ނ) ދީނީ އެކިއެކި މުނާސަބަތުތަކުގައްޔާއި، ދީނީ ދަރުސްތަކުގައްޔާއި، ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ.
(ރ) ކިޔަވައިދޭ ތަންތަނުން (މަދަރުސާ، ކޮލެޖު، ޔުނިވަރސިޓީ ފަދަ ތަންތަނުން) ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ.
(ބ) ކިޔަވައިދޭ ތަންތަނާއި، އިޖުތިމާއީ މަރުކަޒު ފަދަ ތަންތަން ފިޔަވައި، ސަރުކާރުގެ އޮފީސްތަކާއި، ކައުންސިލްތަކުގެ އިދާރާތަކާއި އިދާރާތަކުގެ ގޯތިތެރެ އިންތިހާބަށް ކެމްޕޭންކުރުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކިޔަވައިދޭ ތަންތަނުގެ ގޯތިތެރެއާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ހުއްދަ ލިބިގެންނެވެ.
(ޅ) އެއްވެސް ކެންޑިޑޭޓަކު، ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
(ކ) ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ބާއްވާ އެއްވުމެއް، ނުވަތަ ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެ ވަގުތަކާ ދިމާކޮށް، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެ ތަނުގައި ބައްދަލުވުމެއް އިންތިޒާމު ކޮށްގެން ނުވާނެއެވެ.
(އ) އިންތިހާބުގައި، ތާއީދު ހޯދުމަށް، ބޭނުންކުރާ އެއްވެސް އެއްޗެއް މީހެއްގެ ގެއެއްގައި ނުވަތަ އިމާރާތެއްގައި، ނުވަތަ ބިމެއްގައި ބަހައްޓަންވާނީ އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ.
(ވ) އިންތިހާބަށް، ތާއީދު ހޯދުމުގެ ގޮތުން ހުއްދަ ހޯދައިގެން ބަހައްޓާ އިސްތިހާރާއި ބިލްބޯޑާއި، ބެނަރ، ފަދަ ތަކެތި، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ބެހެއްޓި ފަރާތަކުން ނަގައި ސާފުކުރުމަކީ އެ ކެންޑިޑޭޓެއްގެ ޒިންމާއެކެވެ.
(މ) ތާއީދު ހޯދުމަށް، ބާއްވާ ބައްދަލުވުންތައް ހިނގަމުންދާ ވަގުތު، އުނދަގޫކޮށް، އެ ތަނެއްގައި އޮތް އިންތިޒާމު ނަގާލުމަށް، އެއްވެސް ފަރާތަކުން މަސައްކަތްކުރާ ނަމަ އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްގެންނެވެ.
(ފ) ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އެއްވެސް މީހެއްގެ އަބުރަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.
(ދ) ވަކި ގޮތަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
(ތ) ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ލ) ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
18 ވަނަ މާއްދާ - މޮނިޓަރކުރުން
(ހ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް މޮނިޓަރކުރުމުގައި ހަރަކާތްތެރިވެވޭނީ ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުގައި ޖާގަ އޮތް މިންވަރަކުން އިލެކްށަންސް ކޮމިށަނުން ހުއްދަދޭ ފަރާތްތަކަށެވެ. އެގޮތުން މި އިންތިހާބުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް އިލެކްށަންސް ކޮމިށަނުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) އިންތިހާބުގައި ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިއްޖެކަން އަންގައި، އެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި މި މުއްދަތުގައި މޮނިޓަރަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުއްދަ ދޫކުރަންވާނެއެވެ.
(ނ) އިންތިހާބުގައި ވޯޓު ނަގާ ދުވަހު ރިޕޯޓަރުންގެ ހައިސިއްޔަތުން ވޯޓުލުމުގެ ކަންތައްތައް މޮނިޓަރކުރުމުގެ ފުރުސަތު ދެވޭނީ އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.
(ރ) އިންތިހާބުގައި، ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓަރކުރުމަށް އެދި، ހުށަހަޅާ ފަރާތްތަކުގެ އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.
(1) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
(2) އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން؛
(3) އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން؛
(4) އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައި ވުން؛
(5) ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޯޑިއޯ/ޓީވީ ސްޓޭށަނެއްގައި މަސައްކަތްކުރާ މީހެއްކަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއްކަން ނުވަތަ ބައިނަލްއަގްވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިހާބު މޮނިޓަރކުރުމަށް ހުއްދަދީފައިވާ މީހުންނަށް ވޯޓުލާ ސަރަހައްދުގައި، ނުވަތަ ވޯޓުގުނާ ތަނުގައި، ތިރީގައި އެވާ ގޮތުގެ މަތީން ފޮޓޯ ނަގައި އަޑާއި، މަންޒަރު ރިކޯޑުކުރުމަކީ ހުއްދަކަމެކެވެ.
(1) ވޯޓުލާ ސަރަހައްދުގައި ވޯޓުލާ ބޫތާ 10 (ދިހައެއް) ފޫޓަށް ވުރެ ކައިރިނުވާގޮތަށް.
(2) ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށް.
19 ވަނަ މާއްދާ - އިންތިހާބުގެ އޮބްޒާވަރުން
(ހ) އިންތިހާބު އޮބްޒާވްކުރުމަށް، އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ހުށަހެޅުމަށް ޓަކައި، އެކަމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިއްޖެކަން އަންގައި އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) އޮބްޒާވަރެއްގެ ގޮތުގައި ކުރިމަތިލާ ފަރާތަކުން، އިންތިހާބުގެ އިތުރު އެއްވެސް މަގާމަކަށް ކުރިމަތިލައިފައިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ.
(ނ) އިންތިހާބު އޮބްޒާވްކުރުމަށް އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫކުރެވޭނީ، ޖަމުއިއްޔާ ޖަމާއަތްތަކުން އެކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިންނެވެ.
(ރ) އިންތިހާބު އޮބްޒާވްކުރުމަށް ހުށަހަޅާ ފަރާތްތަކުގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(1) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން.
(2) އެ އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން؛
(3) އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައި ވުން.
20 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުން
(ހ) ކޮންމެ ކެންޑިޑޭޓަކަށް ވެސް ވޯޓުނެގުން އޮންނަ ދުވަހު ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގައި ނުހިނގާގޮތް ބެލުމަށް ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ މަރުކަޒުގައި 1 (އެކެއް) މަންދޫބަކު އައްޔަނުކުރެވިދާނެއެވެ.
(ށ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިއްޖެކަން އަންގައި އެކަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ނ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންނަށް އެކަމުގެ ހުއްދަ ދޫކުރެވޭނީ، އެކަމަށް ޓަކައި އިއުލާނު ކުރުމުން އެ މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހަޅާނީ އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ.
(ރ) ވޯޓުލާ މަރުކަޒަށް ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(1) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައި ވުން؛
(2) އެ އިންތިހާބަކާބެހޭ އެއްވެސް މަސައްކަތެއް ކުރުމަށް އިލެކްށަންސް ކޮމިށަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން؛
(3) އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން.
21 ވަނަ މާއްދާ - ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުން އަމަލުކުރަންވީ ގޮތް
(ހ) އިންތިހާބުގެ ކަންތައްތައް ކުރިޔަށްދާއިރު އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް، ސުލޫކީ މިންގަނޑަށް އަމަލުކުރަންވާނެއެވެ.
(ށ) ވޯޓުލުމާއި ވޯޓުގުނުމުގެ މަސައްކަތް ހިނގަމުންދާއިރު، އެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތީން އޮބްޒާވަރުންނާއި މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށް ހަރަކާތްތެރިވެވިދާނެއެވެ.
(ނ) ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ފަރާތުން، އޮބްޒާވަރުންނާއި މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން އެދިއްޖެ ނަމަ އެ ވަގުތަކާ ހަމައަށް އެވޯޓުލާ މަރުކަޒަށް ވޯޓުލީ މީހުންގެ އަދަދާއި ބާކީ ހުރި ވޯޓުކަރުދާހުގެ އަދަދު، ހާމަކޮށްދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ރ) އޮބްޒާވަރުން ނުވަތަ މޮނިޓަރުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން، އިންތިހާބާބެހޭ ކަންކަމުގައި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ އޮފިށަލުންނަށް، ފުރިހަމަ އެއްބާރުލުންދީ، އެހީތެރިކަން ދޭންވާނެއެވެ. އަދި އެ މީހުންގެ މައްޗަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
22 ވަނަ މާއްދާ - އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު
މި ގަވާއިދުގެ ދަށުން، އިންތިހާބުގައި، އޮބްޒާވަރުންނާއި މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، އިންތިހާބަށް ކުރާ އިއުލާނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ އެއްގޮތަށް، އަމަލުކުރަންވާނެއެވެ.
23 ވަނަ މާއްދާ - އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ގަވާއިދާ ހިލާފުވުން
އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން މި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ކޮށްފި ނަމަ ނުވަތަ ކުރަން އުޅޭކަން ކަށަވަރުވެއްޖެ ނަމަ އެ އޮބްޒާވަރެއްގެ ނުވަތަ މޮނިޓަރެއްގެ ނުވަތަ މަންދޫބެއްގެ ފާސް ހިފަހައްޓައި އޭނާއަށް އެ ސަރަހައްދުން ނުކުތުމަށް އެންގުމުގެ އިހްތިޔާރު އެ ވޯޓުލާ މަރުކަޒެއްގެ އިސްވެރިޔާއަށް ލިބިގެންވެއެވެ. އަދި އެ ގޮތަށް އެންގުމުން އެ ކަމަށް އަމަލުނުކޮށްފި ނަމަ، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން އެ މީހެއްގެ ފާސް އަތުލައި، އެ މީހަކު އެ ސަރަހައްދުން ނެރެންވާނެއެވެ.
24 ވަނަ މާއްދާ - ސެކިއުރިޓީ ބެލެހެއްޓުން
އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ވޯޓުކަރުދާހާއި ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިން އަދި މަރުކަޒުގައި ތަކެތި ރައްކައުތެރިކަމާއެކު ބެހެއްޓުމަކީ އެ ތަކެތި ފޮނުވޭ ތަނެއްގައި އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިފައިވާ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން ވޯޓުލާ ސަރަހައްދާއި، މަރުކަޒާއި ވޯޓުލާ މަރުކަޒަށް ފޮނުވާ ވޯޓު ކަރުދާހާއި އެންމެހައި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ.
25 ވަނަ މާއްދާ - ވޯޓުކަރުދާސް ދޫކުރުން
ވޯޓުލުމަށް ޓަކައި ވޯޓުކަރުދާސް ދޫކުރުމުގެ ކުރިން އެ މީހަކީ ކާކުކަން އަންގައިދިނުމަށް ޓަކައި، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކީ، މުއްދަތު ހަމަނުވާ ލިޔުމަކަށް ވާންވާނެއެވެ.
26 ވަނަ މާއްދާ - ވޯޓުލާނެ ގޮތް
ވޯޓުލާމީހާ ވޯޓުކަރުދާހުގައި ފާހަގަ ޖަހަންވާނީ އެ މީހަކު ބޭނުންވާ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު (އެކެއް) 1 ފާހަގައެވެ.
27 ވަނަ މާއްދާ - ވޯޓުލާ މަރުކަޒަށް ވެއްދުން މަނާ
ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ
ތަކެތި ގަލަމެއް ފިޔަވައި، އެހެން އެއްޗެއް ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދަ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ، އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ.
28 ވަނަ މާއްދާ - ވޯޓު ނަގާ ދުވަހު ކުރުން މަނާ ކަންތައްތައް
އިންތިހާބެއްގައި، ވޯޓު ނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00 އާ ދެމެދު، އެއްވެސް މީހަކު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން، އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.
29 ވަނަ މާއްދާ - ބާތިލު ވޯޓާއި ނުދޭ ވޯޓު
(ހ) ވޯޓުގުނުމުގައި ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.
(1) އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު؛
(2) އެއްވެސް ފާހަގައެއް ޖަހައިފައި ނުވާ ވޯޓު؛
(3) ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު؛
(4) ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު 1 (އެކެއް) ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހައިފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހައިފައިވާ ވޯޓު؛
(5) ވޯޓުކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި 1 (އެކެއް) ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފައިވާ ވޯޓު؛
(6) ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި، ކަޅުކުލައިގެ ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމެއް ފިޔަވައި އެހެން ކުލައެއްގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހައިފައިވާ ވޯޓު؛
(7) އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް؛
(8) ވޯޓުލީމީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
(ށ) ވޯޓު ކަރުދާހުގައި އިންތިހާބު ކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ކަނޑައަޅާނީ، ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ ވެރިޔާއެވެ.
30 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން
(ހ) މި ގަވާއިދުގެ ދަށުން ވޯޓުލާ ނިމުމުން، ވޯޓު ގުނައި އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށްފަހު ނަތީޖާ ށީޓުގައި ސޮއިކުރުމަށްފަހު، ނަތީޖާ ށީޓު އާންމުންނަށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
(ށ) ވޯޓުލާ މަރުކަޒުގައި ވޯޓުގެ ނަތީޖާ އިއުލާނު ކުރުމަށްފަހު އެ ނަތީޖާ އިލެކްށަންސް ކޮމިށަނަށް ފޮނުވުމުން އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، ވަގުތީ ނަތީޖާ އިއުލާން ކުރަންވާނެއެވެ.
31 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓުގައި ށާއިއުކުރަންޖެހޭ މުއްދަތު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް، އިއުލާނުކޮށް ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
32 ވަނަ މާއްދާ - ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓު
ވޯޓު ނަގާ މަރުކަޒުގައި ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާ ދެމެދު އަންނަނިވި މައުލޫމާތު ހިމަނައިގެން ކަން ހިނގައިދިޔަގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް މަރުކަޒުގެ ވެރިޔާ އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.
(ހ) ވޯޓު ދޭން ފެށި ގަޑިއާއި، ވޯޓު ނެގުން ނިންމި ގަޑި.
(ށ) ވޯޓު ނެގުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް އައްޔަނުކޮށްފައިވާ މީހުންގެ ނަމާއި އެޑްރެހާއި، ހައިސިއްޔަތާއި، އެ މީހުންގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އެ މީހުންގެ ސޮއި.
(ނ) ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ އަދަދާއި ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓުކަރުދާހުގެ އަދަދު (އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވި ނަމަ، އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދު ވެސް އެނގޭގޮތަށް).
(ރ) އާދަޔާ ހިލާފު ހާދިސާއެއް އެ ތަނުގައި ހިނގައިފައިވާ ނަމަ އެ ހާދިސާއެއްގެ ތަފުސީލު.
(ބ) ވޯޓު ފޮށި ބަހައްޓައިފައި ހުރި ތަނުގެ ނަމާއި، ފުރިހަމަ އެޑްރެސް.
33 ވަނަ މާއްދާ - މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުކަމަށް ހޮވޭގޮތް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބުގައި، މެންބަރުކަމުގެ މަގާމަށް އިންތިހާބުވާނީ މަގާމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނު ކެންޑިޑޭޓުންނެވެ.
34 ވަނަ މާއްދާ - އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހުން
(ހ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބުގައި މެންބަރުކަމުގެ މަގާމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ އަދި އެހެން މީޑިއާތައް ތަމްސީލުކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓުން ކަނޑައެޅުމުގައި އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާ ނަމަ، އެ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އިތުރު ބުރެއް ބާއްވަންވާނެއެވެ. މި ފަދައިން ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ ގާނޫނު) ގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މެންބަރުން ހޮވެންދެން ވޯޓު ނަގަމުންދާންވާނެއެވެ.
(ށ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބުގެ އިތުރު ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ވޯޓުލުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ބުރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
35 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލާ މެންބަރުންގެ އަދަދު މަދުވުން
(ހ) އިންތިހާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު، އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރު ނަމަ ނުވަތަ އެއަށްވުރެ މަދު ނަމަ އެ އިންތިހާބުގައި ވޯޓުލުމެއްނެތި، ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީ ކަމަށް އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެ މަތީން އިއުލާނުކުރުމަށްފަހު އިންތިހާބު ކުރަންޖެހޭ އަދަދަށް މީހުން ހޮވުމަށް ޓަކައި، އަލުން މެންބަރުކަމަށް އެދި ހުށަހެޅުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މުއްދަތެއް ދޭންވާނެއެވެ.
36 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުގެ މެންބަރުންގެ އިންތިހާބު ހިނގަމުންދާއިރު، އިންތިހާބުގެ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ/މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތައް ބެލުމަށް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިލެކްށަންސް ކޮމިށަނުން އުފައްދަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ މައްސަލައަކާމެދު އަމަލުކުރެވުނު ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް، އެ މައްސަލަ ހުށަހެޅި ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅި ށަކުވާއަކާ ގުޅިގެން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީން ނިންމި ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ނަމަ، ނުވަތަ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ނަމަ، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުން އެދި މައްސަލަ ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
37 ވަނަ މާއްދާ - އިންތިހާބުގެ ރިޕޯޓު ތައްޔާރުކުރުން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަންގެ މެންބަރުންގެ އިންތިހާބުގެ ވޯޓު ނަގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން ވޯޓާ ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން
މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، އެކަމެއް ނިންމާނީ، އިލެކްށަންސް ކޮމިށަނުންނެވެ.
39 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ނުވަތަ ދޭހަ ނުވާހައި ހިނދަކު، މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި، ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
(ށ) "ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަން ގާނޫނު) ގެ ދަށުން، މީޑިއާތަކާއި، ބްރޯޑްކާސްޓަރުންގެ މައުލޫމާތު ބަލަހައްޓާ ދައުލަތުގެ އިދާރާއަށެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި، ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.
40 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2025-16)
ކިޔުންތެރިންގެ ހިޔާލު