އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒނުގެ ގަވާއިދިު
(ގަވާއިދު ނަންބަރު 2025-95)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ސެޕްޓެމްބަރު 2025 ގައި)
އެއްވަނަ ބައި
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) ގެ 112 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން، ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މިއީ އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަން"ގެ މަސައްކަތް ހިންގާ ގޮތާއި، އެ ޑިވިޒަނުގެ މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ޑިވިޒަނާ ގުޅޭ އެހެނިހެން ކަންކަން ބަޔާންކޮށްފައިވާ ގަވާއިދެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ޑިވިޒަނުގެ މަގްސަދު
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުގެ މަގްސަދަކީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނަކުން ބާރު ލިބިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ އިންޑަސްޓްރިއަލް ޑިސްޕިއުޓާ ގުޅުންހުރި މައްސަލަތައް އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެނިހެންވެސް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ބަލައި ނިންމުމެވެ.
3 ވަނަ މާއްދާ - ޑިވިޒަން ހިނގަމުންދާ ތަން
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅައިފައި ހިނދަކު، ޑިވިށަނަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތަކާއި، ޑިވިށަނުގެ މަސައްކަތްތައް ހިނގަމުންދާނީ، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ.
4 ވަނަ މާއްދާ - ޑިވިޒަންގެ ރަސްމީ ލިޔެކިޔުމުގައި ބޭނުންކުރާނެ ސިއްކަ
ޑިވިށަންގެ ރަސްމީ ލިޔެކިޔުމާއި، ނިންމުންތަކުގައި ބޭނުންކުރަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްކައެވެ.
5 ވަނަ މާއްދާ - ޑިވިރަނުން މައްސަލަ ބެލުމުގައި ބޭނުންކުރާ ބަސް
(ހ) ޑިވިށަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުންތައް ކުރިޔަށްގެންދާނެ ބަހާއި ލިޔެކިޔުމާއި ރިކޯޑުތައް ބަލަހައްޓަންވީ ބަސް ކަނޑައެޅުމުގެ އިހްތިޔާރު، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މައްސަލަ ބެލުމަށް އެކުލަވައިލެވޭ ޕެނަލަށް ލިބިގެންވެއެވެ. މައްސަލަ ބަލާ ޕެނަލުން އެހެން ގޮތަކަށް ކަނޑަނާޅައިފައި ހިނދަކު، ޑިވިށަނަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށްގެންދަންވާނީ، އަދި ލިޔެކިޔުމާއި ރިކޯޑުތައް ބަލަހައްޓަންވާނީ ދިވެހިބަހުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި މިފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، ދިވެހިބަސް ނޫން އެހެން ބަހަކުން މައްސަލައިގެ އަޑުއެހުންތައް ކުރިޔަށްގެންދިޔުމަށް މައްސަލައިގެ ޕެނަލުން ނިންމޭނީ މައްސަލައިގެ ހުރިހާ ހަސްމުން އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.
(ނ) މައްސަލައިގެ އަޑުއެހުންތައް ދިވެހިބަހުން ކުރިޔަށްގެންދާ ނަމަ އަދި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހިބަހުން ވާހަކަދެއްކޭ މީހެއްކަމުގައި ނުވާ ނަމަ، އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ، އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް ޓްރައިބިއުނަލުގެ އެންގުމުގެ މަތިން ތަރުޖަމާނަކު ހަމަޖައްސާނީ އެ ފަރާތަކުންނެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.
(ރ) މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ފަރާތެއް ނަމަ، އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ، އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް ޓްރައިބިއުނަލުގެ އެންގުމުގެ މަތިން ތަރުޖަމާނަކު ހަމަޖައްސާނީ އެ ފަރާތަކުންނެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.
(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގައި ހެއްކެއްގެ ގޮތުގައި ނުވަތަ ހަބީރެއްގެ ގޮތުގައި ހާޒިރުކުރެވޭ ފަރާތަކަށް އަޑުއެހުމުގައި ދެކެވޭ ވާހަކަތައް ކިޔައިދީ އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް ތަރުޖަމާނަކު ހަމަޖައްސަންވާނީ، އެ ހެއްކެއް ނުވަތަ ހަބީރެއް ހާޒިރުކުރުމަށް އެދޭ ފަރާތަކުންނެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ހުށަހަޅާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެ ނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފި ނަމަ، އެ ފަރާތެއް ހުށަހެޅި މައްސަލަ ބާތިލުކުރުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ކ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ރައްދުވާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެ ނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފި ނަމަ، އެ ފަރާތެއްގެ ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ހުށަހަޅާ ފަރާތުން ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެ ނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަނުޖައްސައިފި ނަމަ، އެ ހެއްކެއްގެ ނުވަތަ ހަބީރެއްގެ ހެކިބަސް ނުނެގުމަށް ނިންމުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ވ) މައްސަލައިގައި ހުށަހެޅޭ ލިޔެކިޔުމުގެ ތެރެއިން ދިވެހިބަސް ނޫން އެހެން ބަސްތަކުން ހުންނަ ލިޔެކިޔުން ދިވެހިބަހަށް ތަރުޖަމާކޮށްފައި ހުށަހެޅުމަށް އެ ލިޔުމެއް ހުށަހެޅި ފަރާތަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ. އަދި ތަރުޖަމާކޮށްފައިވާ ލިޔުން ހުށަހެޅުމަށް ދެވޭ މުއްދަތުގައި ތަރުޖަމާކޮށްފައިވާ ލިޔުން، ހުށަނާޅައިފި ނަމަ މައްސަލަ ނިންމުމުގައި، އެ ލިޔުމަށް، ރިއާޔަތްނުކުރުމަށް ނިންމުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(މ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިބަސް ނޫން ބަހަކުން މައްސަލައިގެ އަޑުއެހުންތައް ކުރިޔަށްގެންދިޔުމަށް، މައްސަލަ ބަލާ ޕެނަލުން ނިންމައިފި ނަމަ އަދި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކީ އެކަށީގެންވާ ފެންވަރަށް މައްސަލަ ކުރިޔަށްގެންދިޔުމަށް ނިންމުނު ބަހުން ވާހަކަދެއްކޭ މީހަކު ކަމުގައި ނުވާ ނަމަ، އެ އަޑުއެހުމުގައި، ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ، އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް ތަރުޖަމާނަކު ހަމަޖައްސާނީ ޓްރައިބިއުނަލުންނެވެ.
ދެވަނަ ބައި
ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް
6 ވަނަ މާއްދާ - ރަޖިސްޓްރާރގެ މަސްއޫލިއްޔަތު:
ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) މައްސަލަ ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅާ ލިޔެކިޔުން ބަލައިގަތުން. މިގޮތުން ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ މި ގަވާއިދާ ހިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނަމަ ނުވަތަ ލިޔުމެއް ނަމަ، އެ މައްސަލައެއް ނުވަތަ ލިޔުމެއް، މި ގަވާއިދާ އެއްގޮތަށް އިސްލާހުކުރުމަށް އެންގުމުގެ އިހްތިޔާރު ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ޑިވިޒަނަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމުން.
(ނ) މައްސަލަ ބަލައިގަތުމަށް ނުފެންނަ ނަމަ އެ މައްސަލައެއް ބަލައިގަތުމަށް ނުފެންނަ ސަބަބުގެ ހުލާސާއެއް، މައްސަލަ ހުށަހެޅި ފަރާތަށް، ލިޔުމުން ދިނުން.
7 ވަނަ މާއްދާ - މައްސަލަތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން
ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކުގެ ރަޖިސްޓަރީއެއް ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ. އެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
(ހ) މައްސަލަ ހުށަހަޅާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު.
(ށ) މައްސަލަ ރައްދުވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރާއި، މިހާރު ދިރިއުޅޭ އެޑްރެހާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު.
(ނ) މައްސަލައިގެ ބާވަތް.
(ރ) މައްސަލަ ހުށަހެޅުނު ތާރީހު.
(ބ) މައްސަލައިގެ ނަންބަރު.
(ޅ) ރަޖިސްޓްރާރ އެޅި ފިޔަވަޅު.
ތިންވަނަ ބައި
މައްސަލަ ހުށަހެޅުމާއި ރަޖިސްޓަރީކުރުން
8 ވަނަ މާއްދާ - ވަޒީފާއާބެހ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން
(ހ) ޑިވިޒަނަށް މައްސަލަ ހުށަހަޅާނީ، އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ށ) ޑިވިޒަނަށް ހުށަހަޅާ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައެއް އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ރަޖިސްޓަރީޑް ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޯޓަށް ހުށަހެޅުނު ތާރީހަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުނު ތާރީހުކަމުގައި ބަލަންވާނެއެވެ. އަދި މިފަދައިން ކޯޓަށް ހުށަހެޅޭ މައްސަލަތައް އެ ކޯޓަކަށް މައްސަލަ ބަލައިގަނެފައިވާ ތާރީހު އެނގޭނެ ފަދައިން އެންޓްރީ ކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، މައްސަލަ ހުށަހެޅި ފޯމާއި ލިޔެކިޔުން އެ ކޯޓަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޮނުވަންވާނެއެވެ.
(ރ) މައްސަލަ ހުށަހަޅާ ފޯމު ޓްރައިބިއުނަލަށް ހުށަހެޅުމުން، ޓްރައިބިއުނަލަށް އެ ފޯމު ބަލައިގަތުމަށްފަހު، މައްސަލަ ހުށަހެޅިކަމުގެ ލިޔުމެއް، މައްސަލަ ހުށަހެޅި ފަރާތަށް، ޓްރައިބިއުނަލުން ދޫކުރަންވާނެއެވެ.
9 ވަނަ މާއްދާ - މައްސަލަ ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުން
ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ހ) މައްސަލަ ހުށަހަޅަނީ ފަރުދެއް ނަމަ، އެ ފަރާތަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް، އަދި މައްސަލަ ހުށަހަޅަނީ ގާނޫނީ ށަހްސެއް ނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ސެޓްފިކެޓް އޮފް ރަޖިސްޓްރޭށަންގެ ކޮޕީ
(ށ) މައްސަލަ ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއް ނަމަ ނުވަތަ އިދާރާއެއް ނަމަ، އެ ފަރާތުން ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމަށް ނިންމައިފައިވާކަމުގެ ގަރާރު ނުވަތަ ރަސްމީ ލިޔުމަކާއި، އެ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅާ ފަރާތް ނުވަތަ ވަކީލު އައްޔަނުކުރިކަން އަންގައިދޭ ގަރާރު ނުވަތަ ރަސްމީ ލިޔުމެއް
(ނ) މައްސަލަ ހުށަހަޅަނީ ގާނޫނީ ށަހްސަކުން ނަމަ، އެ ތަނެއްގެ ދުސްތޫރުގެ ކޮޕީ
(ރ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ގުޅުންހުރި މައްސަލައެއް ހުށަހަޅައިފައިވާ ނަމަ ނުވަތަ މައްސަލައެއް ހުށަހެޅި ނިމިފައިވާ ނަމަ، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުމުގެ ކޮޕީ
(ބ) މައްސަލައާ ސީދާގޮތުން ގުޅުންހުރި މައްސަލައެއް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ނަމަ، ނުވަތަ ހިނގައިފައިވާ ނަމަ، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުމުގެ ކޮޕީ
(ޅ) މައްސަލަ ހުށަހަޅާ ފޯމުގެ ބައެއް ދިވެހިބަހުން ނޫން ބަހަކުން ފުރިހަމަކޮށްފައިވާ ނަމަ، އަދި މައްސަލައާއެކު ހުށަހަޅާ އެއްވެސް ލިޔުމެއް ދިވެހިބަހުން ނޫން ބަހަކުން އޮތް ނަމަ، ޓްރައިބިއުނަލުން އަންގާ ގޮތެއްގެ މަތީން އެ ލިޔުމެއްގެ ތަރުޖަމާ
10 ވަނަ މާއްދާ - މައްސަލަ ފުރިހަމަނުވުން
(ހ) މައްސަލަ ހުށަހަޅައިފައިވަނީ މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް ނޫން ނަމަ، ނުވަތަ މައްސަލައާ ގުޅިގެން ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމަނުވާ ނަމަ، ނުވަތަ މައުލޫމާތު ސާފުނުވާ ނަމަ، ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅައިފައިނުވާ ނަމަ ނުވަތަ ހުށަހަޅައިފައިވާ ލިޔެކިޔުން ސާފުނުވާ ނަމަ، އެ ކަންތައްތައް އިސްލާހުކުރުމަށްފަހު، ޓްރައިބިއުނަލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިހުތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އަދި އެ ކަންކަން އިސްލާހުކުރުމަށް ދެވުނު މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބު މައްސަލަ ހުށަހެޅި ފަރާތުން ލިޔުމުން ހުށަހަޅައިފި ނަމަ، އެ ސަބަބަކީ މަގުބޫލު ސަބަބެއް ނަމަ އިސްލާހުކުރުމަށް ދިން މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ށ) މައްސަލަ ހުށަހަޅާ ފޯމު ނުވަތަ އެއާއެކު ހުށަހަޅައިފައިވާ ލިޔެކިޔުމުގެ ތެރެއިން ލިޔުމެއް ދިވެހިބަސް ނޫން އެހެން ބަހަކުން އޮތް ނަމަ، އެ ލިޔުމެއް ދިވެހިބަހަށް ތަރުޖަމާކުރުމަށްފަހު، ޓްރައިބިއުނަލުން އަންގާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިހުތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިސްލާހުކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެ ކަމެއް އިސްލާހުކޮށްފައި ނުވާ ނަމަ ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތަރުޖަމާކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި ތަރުޖަމާކޮށްފައިވާ ލިޔުން ހުށަހަޅައިފައި ނުވާ ނަމަ އެ މައްސަލަ ބަލައިނުގަތުމުގެ އިހުތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 35 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ހުށަހަޅާ މައްސަލަތަކުގައި، ދައްކަންޖެހޭ ފީ ޓްރައިބިއުނަލުން އަންގާ މުއްދަތެއްގައި ދައްކައިފައި ނުވާ ނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހުތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން
(ހ) ޓްރައިބިއުނަލަށް މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާރއެވެ.
(ށ) މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމައިފި ނަމަ، ބަލައިނުގަތް ސަބަބު ބަޔާންކޮށް މައްސަލަ ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
12 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން
މައްސަލަ ބަލައިގަނެ ރަޖިސްޓަރީކުރުމަށް ނިންމައިފި ނަމަ، އެ މައްސަލައަށް ނަންބަރެއް ދީ، މައްސަލަ ރަޖިސްޓަރީކުރިކަން މައްސަލަ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
13 ވަނަ މާއްދާ - މައްސަލަ ބަލާނެ ޕެނަލް ކަނޑައެޅުން
(ހ) ޑިވިޒަނަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 106 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރަކާއި، މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރަކާއި، ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރެއް ހިމެނޭހެން 3 (ތިނެއް) މެންބަރުންގެ ޕެނަލަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ހާލަތެއްގައި މައްސަލަ ބަލާ ޕެނަލުގައި ހިމެނޭ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށް ވާނޭހެން އިތުރުކުރުމަށް މައްސަލަ ބަލާ ޕެނަލަށް ނިންމިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ބަލާ ޕެނަލުގެ މެންބަރުންގެ އަދަދު އިތުރުކުރާ ހާލަތުގައި ޕެނަލަށް މެންބަރުން އިތުރުކުރަންވާނީ މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުންނާއި، ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުން ހަމަހަމަވާނެ ގޮތަށެވެ.
(ރ) މައްސަލަތަކުގެ ރިޔާސަތު ބަލަހައްޓަންވާނީ މައްސަލަ ބަލާ ޕެނަލުގައި ހިމެނޭ ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެކެވެ.
(ބ) މައްސަލަ ބަލާ ޕެނަލުގައި ހިމެނޭ ޑިވިޒަނަށް ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރު ކަނޑައަޅާނީ، މައްސަލަ ރަޖިސްޓަރީވާ ތަރުތީބުން ނުވަތަ މައްސަލަތަކުން މެންބަރުން ތަނާޒުލުވާ ތަރުތީބުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންގެ ރަޖިސްޓަރީގައި، ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުން ލިސްޓުކޮށްފައިވާ ތަރުތީބުން ރަޖިސްޓްރާރއެވެ.
(ޅ) މައްސަލަ ހުށަހަޅާ ފަރާތަކީ ނުވަތަ މައްސަލަ ރައްދުވާ ފަރާތަކީ މުވައްޒަފެއް ނަމަ ނުވަތަ މަސައްކަތްތެރިންގެ ޔޫނިއަނެއް ނަމަ، ޕެނަލުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރެއްގެ ގޮތުގައި ހިމަނަން ބޭނުންވާ ފަރާތުގެ މައުލޫމާތު ހިއްސާކުރުމަށް އެ ފަރާތްތަކަށް 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ކ) މައްސަލަ ހުށަހަޅާ ފަރާތަކީ ނުވަތަ މައްސަލަ ރައްދުވާ ފަރާތަކީ ވަޒީފާދޭ ފަރާތެއް ނަމަ، ނުވަތަ ވަޒީފާދޭ ފަރާތުގެ ޔޫނިއަނެއް ނަމަ ޕެނަލުގައި ހިމެނޭ މެންބަރުންގެ ތެރެއިން ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރެއްގެ ގޮތުގައި ހިމަނަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެ ފަރާތްތަކަށް 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(އ) މި މާއްދާގެ (ޅ) އާއި (ކ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ރިއާޔަތްކޮށް މައްސަލަ ބަލާ ޕެނަލުގައި ހިމެނޭ މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުންނާއި ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުން ކަނޑައަޅާނީ ރަޖިސްޓްރާރއެވެ.
(ވ) މި މާއްދާގެ (ޅ) އާއި (ކ) ގެ ދަށުން ދެވޭ މުއްދަތުގެ ތެރޭގައި ހުށަހެޅުމެއް ލިބިފައިނުވާ ނަމަ ނުވަތަ ހުށަހެޅި ފަރާތް އެ މައްސަލައިގެ ޕެނަލަށް އައްޔަނުކުރުމަށް ހުރަސްއެޅޭ ހާލަތެއް އޮތް ނަމަ، މަސައްކަތްތެރިން ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުންނާއި ވަޒީފާދޭ ފަރާތްތައް ރަމްޒުކޮށްދޭ ޕެނަލުގެ މެންބަރުން ކަނޑައަޅަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުގެ ޕެނަލް މެންބަރުންގެ ރަޖިސްޓަރީގައި ޕެނަލް މެންބަރުން ލިސްޓުކޮށްފައިވާ ތަރުތީބުންނެވެ.
(މ) މި މާއްދާގެ ދަށުން މައްސަލަ ބަލާ ޕެނަލް އެކުލަވައިލާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެންބަރަކު، އެ މައްސަލައެއްގެ ޕެނަލަށް އައްޔަނުކޮށްގެން ނުވާނެއެވެ.
14 ވަނަ މާއްދާ - މައްސަލަތަކުން ތަނާޒުލުވުން
މެންބަރަކާ ހަވާލުކޮށްފައިވާ މައްސަލައަކުން އެ މެންބަރަކު ތަނާޒުލުވާންޖެހޭ ސަބަބެއް މެދުވެރިވެއްޖެ ނަމަ، ތަނާޒުލުވާ ސަބަބާއެކު، އެ މެންބަރަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ. މި ފަދައިން އަންގާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަނާޒުލުވި މެންބަރުގެ ބަދަލުގައި މެންބަރަކު އައްޔަނުކުރަންވާނެއެވެ.
15 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުމެއް އަލުން ބަލަން އެދި ހުށަހެޅުން
(ހ) ޑިވިޒަނަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން، ރަޖިސްޓްރާރ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ބަލައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު، މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ބަލައިދިނުމަށް އެދޭ ނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް، އެފަދަ ނިންމުމެއް އެ މުއްދަތުގައި ހުށަނޭޅުނު މަގުބޫލު ސަބަބެއް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުމެއް ބަލައިގަތުމުގެ އިހުތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނީ، ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 (ދޭއް) މެންބަރުންގެ ތެރެއިން މެންބަރެކެވެ.
(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅާނެ މެންބަރަކު ކަނޑައަޅަންވާނީ، ޑިވިޒަނަށް ހާއްސަކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 (ދޭއް) މެންބަރުންގެ މެދުގައި ހަމަހަމަވާނެ އުސޫލަކުންނެވެ.
(ޅ) ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމުގައި، އަސާސެއްކަމުގައި ބަލަންވާނީ ރަޖިސްޓްރާރގެ ނިންމުން ބިނާކުރި ގާނޫނީ އަސާސްތަކަށެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މައްސަލަ ރަޖިސްޓަރީކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށް ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅައިފައިވާ މައްސަލައެއްގައި މައްސަލަ ބަލައިނުގަތުމަށް ނިންމާ ހާލަތުގައި، ބަލައިނުގަތުމަށް ނިންމި ސަބަބުތައް ބަޔާންކޮށް، "ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށް ނިމުނުގޮތުގެ ރިޕޯޓު" ދޫކުރަންވާނެއެވެ. އެ ރިޕޯޓުގައި އެ މައްސަލައެއް ބެލި މެންބަރު ސޮއިކުރަންވާނެއެވެ.
ހަތަރުވަނަ ބައި
މައްސަލަ އަނބުރާ ގެންދިއުން
16 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީވުމުގެ ކުރިން އަނބުރާ ގެންދިއުން
މައްސަލަ ރަޖިސްޓަރީވުމުގެ ކުރިން އަނބުރާ ގެންދިއުން: ޑިވިޒަނަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓަރީވުމުގެ ކުރިން އެ މައްސަލަ ހުށަހެޅި ފަރާތުން، މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ނަމަ، ރަޖިސްޓްރާރއަށް އެކަން ލިޔުމުން ހުށަހެޅުމަށްފަހު، އެ މައްސަލައެއް އަނބުރާ ގެންދިއުމުގެ އިހުތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. މި ފަދައިން އަނބުރާ ގެންދިއުމަށް، ނިންމާ މައްސަލަތަކުގައި މައްސަލަ އަނބުރާ ގެންގޮސްފައިވާކަނ،ް މައްސަލަ ހުށަހެޅި ފަރާތަށ،ް ޓްރައިބިއުނަލުން ލިޔުމުން އަންގަންވާނެއެވެ.
17 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީވުމަށްފަހު އަނބުރާ ގެންދިއުން
(ހ) ޑިވިޒަނަށް ހުށަހެޅިފައިވާ މައްސަލައެއް، ރަޖިސްޓަރީވުމަށްފަހު މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ނަމަ، އެ މައްސަލަ ބަލާ ޕެނަލަށް އެކަން ހުށަހެޅުމަށްފަހު އަނބުރާ ގެންދިއުމުގެ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ. މިފަދައިން އަނބުރާ ގެންދިއުމަށް ނިންމާ މައްސަލަތަކުގައި މައްސަލަ އަނބުރާ ގެންގޮސްފައިވާކަން މައްސަލަ ހުށަހެޅި ފަރާތަށް ޓްރައިބިއުނަލުން ލިޔުމުން އަންގަންވާނެއެވެ.
(ށ) ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާ ނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދާ މައްސަލައެއް، ޓްރައިބިއުނަލުގައި ކުރިޔަށްނުގެންދާނެކަން އެ މައްސަލައެއް ހުށަހެޅި ފަރާތަށް އެންގި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ކުރިން ހުށަހެޅި މައްސަލައަށް އެއްވެސް އިސްލާހެއް ގެނައުމެއްނެތި އަލުން ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަލުން ހުށަހަޅާ މައްސަލަތަކުގައި، ދައްކަންޖެހޭ ފީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ މުއްދަތުގައި ދައްކައިފައިނުވާ ނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އަނބުރާ ގެންދިޔައިރު ކުރިޔަށްގޮސްފައިވާ ހިސާބުން މި މާއްދާގެ (ށ) ގެ ދަށުން އަލުން ހުށަހަޅާ މައްސަލަ ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން އަލުން ހުށަހެޅޭ މައްސަލައެއް، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންގޮސްފައިވާ ނަމަ، އެ މައްސަލައެއް އަލުން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ފަސްވަނަ ބައ
ޑިވިޒަންގެ އިހްތިސާސްއާއި ބާރުތައް
18 ވަނަ މާއްދާ - ޑިވިޒަނުގެ އިހުތިސާސް
އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ ދަށުން، ނުވަތަ އެހެންވެސް ގާނޫނަކުން ބާރު ލިބިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ އިންޑަސްޓްރިއަލް ޑިސްޕިއުޓްސްއާ ގުޅުންހުރި މައްސަލަތައް، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަލައި ނިންމުމުގެ ބާރު ޑިވިށަނަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ވަގުތީ އަމުރަށް އެދުން
ޑިވިށަނަށް މައްސަލައެއް ހުށަހަޅާއިރު ނުވަތަ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުންދަނިކޮށް ވަގުތީ އަމުރަކަށް އެދޭ ނަމަ، އެދެންވާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
20 ވަނަ މާއްދާ - ވަގުތީ އަމުރާ ގުޅިގެން ގޮތެއް ކަނޑައެޅުން
(ހ) ޑިވިށަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ހާލަތަށް ރިއާޔަތްކުރާއިރު، އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ އެ މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ނަމަ، މައްސަލައިގެ ވާގިއާތަކަށް ރިއާޔަތްކޮށްފައި ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ށ) ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުން ލަސްވެއްޖެ ނަމަ އެ މައްސަލައިގައި ހިމެނޭ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ނަމަ، ވަގުތީ އަމުރު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލައި، މައްސަލައިގެ ވާގިއާތަކަށް ރިއާޔަތްކޮށްފައި ވަގުތީ އަމުރެއް ނެރުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) ވަގުތީ އަމުރުގެ ނިންމުން އިއްވުމަށް ބޭއްވޭ އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ލިބި، ވަގުތީ އަމުރު ރައްދުވާ ފަރާތުން އެ އަޑުއެހުމަށް ހާޒިރުވެފައިނުވާ ނަމަ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ގައިރު ހާޒިރުގައި ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ހުށަހަޅާ ވަގުތީ އަމުރާމެދު މައްސަލަ ބަލާ ޕެނަލުން ނިންމި ނިންމުން އޮންނަންވާނީ ލިޔުމުންނެވެ. މި ލިޔުމުގައި ވަގުތީ އަމުރާ ގުޅޭގޮތުން ނިންމި ނިންމުމާއި، އެ ނިންމުމަށް ވާސިލުވި ގޮތުގެ ތަފުސީލާއި، އަމުރު ނެރުމަށް ނިންމައިފި ނަމަ އެ އަމުރުގެ ތަފުސީލާއި، އަމުރު ދެމިއޮންނާނެ މުއްދަތާއި، ވަގުތީ އަމުރާމެދު ގޮތް ކަނޑައެޅި ޕެނަލް މެންބަރުންގެ ނަމާއި ސޮއި އޮންނަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލައި މައްސަލައިގެ ވާގިއާތަކަށް ރިއާޔަތްކޮށް ވަގުތީ އަމުރެއް ނެރެފި ނަމަ، އެ އަމުރެއް މުރާޖައާކުރުމަށް، އަމުރު ނެރުނު ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަމުރު ރައްދުވި ފަރާތަށް އެދެވިދާނެއެވެ.
ހަވަނަ ބައި
މައްސަލައިގެ ޖަވާބާއި ލިޔެކިޔުން ހުށަހެޅުން
21 ވަނަ މާއްދާ - މައްސަލައިގެ ލިޔުންތައް ހަވާލުކުރުމާއި ޖަވާބު ހުށަހެޅުން
(ހ) މައްސަލަ ހުށަހަޅާ ފޯމު ބަލައިގަނެ، މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކުރެވުމުން، އެ މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތަށް، މައްސަލަ ހުށަހަޅާ ފޯމުގެ ކޮޕީއާއި ހުށަހަޅައިފައިވާ ލިޔެކިއުމުގެ ކޮޕީ ހަވާލުކުރަންވާނެއެވެ.
ށ) މައްސަލައިގެ ޖަވާބު ހުށަހަޅަން އަންގާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މައްސަލަ ރައްދުވާ ފަރާތުން މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ ޖަވާބު ހުށަހެޅުމަށް އަންގާ މުއްދަތުގެ ތެރޭގައި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު ހުށަހަޅައިފައި ނުވިނަމަވެސް މައްސަލައިގެ އިބްތިދާއީ ބައްދަލުވުމެއް މައްސަލަ ބަލާ ޕެނަލަށް ބޭއްވިދާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ޖަވާބު ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ޖަވާބު ހުށަހަޅާ ފޯމު ހުށަހެޅުމަށް އިތުރު މުއްދަތަކަށް މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެނަމަ، ރަސްމީ ބަންދު ނޫން 10 (ދިހައެއް) ދުވަހަށް ވުރެ އިތުރުނުވާނެ ގޮތަށް ޖަވާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ރ) ގެ ދަށުން ދެވޭ މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތުން ޖަވާބު ހުށަހަޅާ ފޯމު ހުށަހަޅައިފައިނުވާނަމަ، ޖަވާބުދާރީނުވީކަމުގައި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޖަވާބު ހުށަހަޅާ ފޯމާއެކު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ހ) މައްސަލައިގެ ޖަވާބު ހުށަހަޅަނީ ފަރުދެއް ނަމަ، އެ ފަރާތަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް، އަދި މައްސަލައިގެ ޖަވާބު ހުށަހަޅަނީ ގާނޫނީ ށަހްސެއް ނަމަ، އެކަން އަންގައިދޭ ރަސްމީ ލިޔުން ނުވަތަ ސެޓްފިކެޓް އޮފް ރަޖިސްޓްރޭށަންގެ ކޮޕީ
(ށ) މައްސަލަ ރައްދުވާ ފަރާތަކީ ގާނޫނީ ށަހްސެއް ނަމަ ނުވަތަ އިދާރާއެއް ނަމަ އެ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅާ ފަރާތް ނުވަތަ ވަކީލު އައްޔަންކުރިކަން އަންގައިދޭ ގަރާރު ނުވަތަ ރަސްމީ ލިޔުމެއްގެ ކޮޕީ
(ނ) މައްސަލަ ރައްދުވަނީ ގާނޫނީ ށަހްސަކަށް ނަމަ، އެ ތަނެއްގެ ދުސްތޫރުގެ ކޮޕީ
(ރ) ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސްއަށް ގުޅުންހުރި މައްސަލައެއް ހުށަހަޅައިފައިވާ ނަމަ، ނުވަތަ މައްސަލައެއް ހުށަހެޅި ނިމިފައިވާ ނަމަ، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުމުގެ ކޮޕީ
(ބ) މައްސަލައާ ސީދާގޮތުން ގުޅުންހުރި މައްސަލައެއް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ނަމަ ނުވަތަ ހިނގައިފައިވާ ނަމަ، އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުމުގެ ކޮޕީ
(ޅ) މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމުގެ ބައެއް ދިވެހިބަސް ނޫން ބަހަކުން ފުރިހަމަކޮށްފައިވާ ނަމަ، އަދި ޖަވާބު ހުށަހަޅާ ފޯމާއެކު ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ދިވެހިބަސް ނޫން ބަހަކުން އޮތް ނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާ ގޮތެއްގެ މަތިން އެ ލިޔެކިޔުމެއްގެ ތަރުޖަމާއާއި، މައްސަލަ ރައްދުވާ ފަރާތަކީ ފަރުދަކަށް ވެފައި، އެ ފަރުދަކީ ދިވެހިބަހުން ލިޔަންކިޔަން އެނގޭ ފަރާތެއް ކަމުގައި ނުވާ ނަމަ، އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވަތަ އެ ފަރާތުން ދައްކާ ވާހަކަ ތަރުޖަމާކުރާނެ ފަރާތެއް ހަމަޖެއްސިކަން އަންގައިދޭ ލިޔުން
23 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން
މައްސަލަ ބަލާ ޕެނަލް ކަނޑައެޅުމަށްފަހު އެ މައްސަލައަކާ ގުޅިގެން މައްސަލައަށް ޖަވާބުދާރީވުން ފަދަ، ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ޓްރައިބިއުނަލުން އަންގައިފައިވާ ކަމަކަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި އެކަމާމެދު ގޮތެއް ނިންމާނީ، އެ މައްސަލައެއް ބަލާ ޕެނަލުންނެވެ.
24 ވަނަ މާއްދާ - ލިޔެކިޔުން ހުށަހެޅުން
(ހ) މައްސަލައިގައި ހިމެނޭ ފަރާތަކުން، މައްސަލައާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ނަމަ ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް މައްސަލަ ބަލާ ޕެނަލުން އަންގައިފި ނަމަ، އަޑުއެހުން ފެށުމުގެ ކުރިން އެ ލިޔެކިޔުމެއް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހެޅޭ ލިޔެކިޔުން، އަޑުއެހުން ފެށުމުގެ ކުރިން މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކުރަންވާނެއެވެ.
25 ވަނަ މާއްދާ - މައުލޫމާތު ނުވަތަ ލިޔެކިޔުން ހޯދުމަށް އެދުން
(ހ) މައްސަލައިގައި ހިމެނޭ ހަސްމެއް ނުވަތަ އެ ނޫންވެސް ފަރާތެއްގެ އަތުގައި ހުރި މައުލޫމާތު ނުވަތަ ލިޔެކިޔުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެން ވެސް ލިބެން ނެތްކަމަށް ބަޔާންކޮށް، އެ މައުލޫމާތު ނުވަތަ ލިޔެކިޔުން ޓްރައިބިއުނަލް މެދުވެރިކޮށް ހޯދުމަށް މައްސަލައިގައި ހިމެނޭ ހަސްމަކަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ހަސްމަކު މައުލޫމާތު ނުވަތަ ލިޔެކިޔުން ހޯދުމަށް އެދިއްޖެ ނަމަ، އެ މައުލޫމާތަކީ ނުވަތަ އެ ލިޔެކިޔުމަކީ މައްސަލައާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތު ނުވަތަ ލިޔެކިޔުންކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހެޅުމަށް އަމުރެއް ނެރުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުން
ޑިވިޒަނުން ބަލަމުންދާ މައްސަލައެއްގައި މައްސަލައާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ކިބައިން މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ ފަރާތެއް އަޑުއެހުމަކަށް ހާޒިރުކޮށްގެން ސުވާލުކުރެވިދާނެއެވެ. ނުވަތަ އެ މައުލޫމާތު ލިޔުމުން ދިނުމަށް އެ ފަރާތަކަށް އެންގިދާނެއެވެ.
ހަތްވަނަ ބައި
ޑިވިޒަނުގެ އަޑުއެހުންތައް ބޭއްވުމާއި އަޑުއެހުމަށް ހާޒިރުކުރުން
27 ވަނަ މާއްދާ - ހަސްމުން ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކުރުން
(ހ) ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކުގައި، ހަސްމުންގެ ފަރާތުން ވަކާލާތުކުރުމުގެ ގޮތުން ވަކީލުކަމުގެ ހުއްދަ އޮންނަ ފަރާތެއް އައްޔަނުކުރެވިދާނެއެވެ. ނުވަތަ ހަސްމުންގެ ބަދަލުގައި އެ ހަސްމަކު ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވަކީލަކު ނުވަތަ ބަދަލުގައި ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސުމަށް އެދި ހުށަހަޅާނ،ީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
28 ވަނަ މާއްދާ - ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު އައްޔަނުކުރުން ނުވަތަ ބަދަލު ހަވާލުކުރުން
(ހ) ޑިވިޒަނަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހާޒިރުވާންޖެހޭ ފަރާތުގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވާނެ ފަރާތެއް ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް އައްޔަނުކުރެވިދާނެއެވެ. މި ފަދަ ޕަވަރ އޮފް އެޓަރނީތަކުގައި، އެ މީހަކު އައްޔަނުކުރާ ބޭނުމާއި، އެ މީހަކާ ހަވާލުކޮށްފައިވާ މަސައްކަތް ސާފުކޮށް، ކަނޑައެޅި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕަވަރ އޮފް އެޓަރނީއާއެކު، މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅަންވާނެއެވެ.
29 ވަނަ މާއްދާ - ގާނޫނީ ށަހްސު ތަމްސީލުކުރާނެ ފަރާތެއް އައްޔަ ނުކުރުން
މި ގަވާއިދުގެ 28 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ހުށަހަޅަނީ ނުވަތަ މައްސަލަ ރައްދުވަނީ ގާނޫނީ ށަހްސަކަށް ނަމަ، އެފަދަ ފަރާތެއް ތަމްސީލުކުރުމަށް ކަނޑައަޅައިފައިވާ ފަރާތަކީ، އެ ށަހްސެއް ހިންގުމަށް އެކުލަވައިލައިފައިވާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނުވަތަ އެފަދަ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ބާރު ލިބިގެން އައްޔަނުކޮށްފައިވާ ފަރާތެއްކަން އެނގޭ ލިޔުމެއް ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ފުރިހަމަ ނަން.
(ށ) ރަޖިސްޓަރީކޮށްފައިވާ އެޑްރެހާއި ރަޖިސްޓަރީ ނަންބަރު.
(ނ) މެންބަރުންގެ އަދަދު.
(ރ) ކޯރަމް ހަމަވާ އަދަދު.
(ބ) ޖަލްސާ ބޭއްވި ތާރީހާއި، ތަނާއި، ވަގުތު.
(ޅ) ކަނޑައެޅި ނިމިފައިވާ ގޮތް.
(ކ) ހާޒިރުވި މެންބަރުންގެ ނަމާއި، މަގާމާއި، ސޮއި.
(އ) ސިއްކަ.
30 ވަނަ މާއްދާ - މައްސަލައިގައި އަ އްޔަނުކޮށްފައިވާ ވަކީލު ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތް ބަދަލުކުރުން
ޑިވިޒަނަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހަސްމުގެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލު ނުވަތަ ބަދަލުގައި ހާޒިރުވާ ފަރާތް ބަދަލުކުރަން ބޭނުންވާ ހާލަތެއް ދިމާވެއްޖެ ނަމަ، ތާވަލުކޮށްފައިވާ އަޑުއެހުމެއް ބަދަލުކުރުމަކާ ނުލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެހެން ވަކީލަކު ނުވަތަ ބަދަލުގައި އެހެން ފަރާތެއް ހަމަޖެއްސުމުގެ ހައްގު، މައްސަލައިގައި ހިމެނޭ ހަސްމަށް ލިބިގެންވެއެވެ.
އަށްވަނަ ބައި
ކޮންސިލިއޭށަން ބައްދަލުވުމާއި އިބްތިދާއީ ބައްދަލުވުން ބޭއްވުން
31 ވަނަ މާއްދާ - ކޮންސިލިއ ށަން ބައްދަލުވުން
(ހ) ޑިވިޒަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބޭނުމަށް ކޮންސިލިއޭށަން މަރުހަލާ ކުރިޔަށްގެންދަންވާނެއެވެ.
(ށ) ކޮންސިލިއޭށަން މަރުހަލާގައި، މައްސަލަ ހައްލުކުރުމަށް ޓަކައި، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ އެކުއެކީގައި ނުވަތަ ވަކިވަކިން ބައްދަލުވުންތަކެއް މައްސަލަ ބަލާ ޕެނަލަށް ބޭއްވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާއްވާ ކޮންސިލިއޭށަން ބައްދަލުވުމަށް ހާޒިރުވުމަށް އަންގައި މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ފޮނުވޭ އަމުރާ އެއްގޮތަށް ހާޒިރުނުވެއްޖެ ނަމަ، މި ގަވާއިދުގެ 35 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބޭއްވޭ ބައްދަލުވުންތަކުން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެ ނަމަ، ދެފަރާތުގެ ދެމެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ނިންމި ގޮތުގެ މައްޗަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރެއް ނެރެންވާނެއެވެ.
(ޅ) މައްސަލައިގައި ހިމެނޭ ހަސްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވެން ނެތްކަމަށް މައްސަލަ ބަލާ ޕެނަލަށް ގަބޫލުކުރެވޭ ނަމަ، ކޮންސިލިއޭށަން ނިންމައިލިކަން ހަސްމުންނަށް އަންގައި، މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލައިގެ ޖަވާބު ހުށަހެޅުމަށް މައްސަލަ ރައްދުވާ ފަރާތަށް އަންގަންވާނެއެވެ.
32 ވަނަ މާއްދާ - އިބްތިދާއީ ބައްދަލުވުން
(ހ) ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވުމުގެ ކުރިން، މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި، ގާނޫނީގޮތުންނާއި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް އިބްތިދާއީ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް މައްސަލަ ބަލާ ޕެނަލުން ބާއްވަންވާނެއެވެ. މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވޭ އަޑުއެހުންތައް، ނުވަތަ މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރާ ގުޅިގެން ބޭއްވޭ އަޑުއެހުންތައް ނުވަތަ މި ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބޭއްވޭ ކޮންސިލިއޭށަން ބައްދަލުވުންތައް ބޭއްވުމަށްފަހު އިބްތިދާއީ ބައްދަލުވުން ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ބޭއްވޭ އިބްތިދާއީ ބައްދަލުވުން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާ އެކުއެކީގައި ނުވަތަ ވަކިވަކިން ބޭއްވުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) އިބްތިދާއީ ބައްދަލުވުމުގައި އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
- މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުން ދެފަރާތާ ހިއްސާކުރުން؛
- މައްސަލަ ބެލުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުން ހަމަކޮށް، މައްސަލައާ ގުޅުމެއް ނެތް ލިޔުންތައް ބަލައިނުގަތުމަށް ނިންމުން. މިގޮތުން ބަލައިނުގަތުމަށް ނިންމޭ ލިޔެކިޔުން ބަލައިނުގަތުމަށް ނިންމި ސަބަބާއެކު މައްސަލައިގެ ހަސްމުންނަށް އަންގަންވާނެއެވެ؛
- ހެކިބަސްދޭ ފަރާތްތަކާއި އެފަރާތްތަކުގެ ހެކިބަހުން ސާބިތުކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ހޯދުން؛
- މައްސަލައިގައި ހެކީންގެގޮތުގައި ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ހެކިބަސް ނަގާނެ ފަރާތްތައް ކަނޑައަޅައި ހެކިބަސް ނެގުމުގައި އިސްކަންދޭނެ ތަރުތީބު ލިސްޓުކުރުން. މިގޮތުން ހެކިބަސް ނުނެގުމަށް ނިންމުނު ފަރާތްތަކުގެ ހެކިބަސް ނުނެގުމަށް ނިންމި ސަބަބު މައްސަލައިގެ ހަސްމުންނަށް އަންގަންވާނެއެވެ.
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބޭރުން ހައްލުކުރެވިދާނެ ފަދަ މައްސަލައެއް ނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދީ، އެ ފަރާތްތަކުން އެއްބަސްވާ ނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުގައި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ފުރުސަތު ދިނުން.
- މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކަނޑައަޅައި ތާވަލުކުރުން.
- މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި އިބްތިދާއީ ބައްދަލުވުމުގައި ހުށަނާޅާ ލިޔެކިޔުމާއި ހެކިތައް، މައްސަލަ ބަލާ މަރުހަލާގައި ބަލައިނުގަނެވޭނެކަން އެންގުން.
- މި ނޫންވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަދުލުއިންސާފު ގާއިމުކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން
(ރ) އިބްތިދާއީ ބައްދަލުވުމުގެ މަރުހަލާ ނިމުމަށްފަހު ހުށަހަޅާ ލިޔެކިޔުމާއި ހެކިތައް، އެ ބައްދަލުވުން ނިމުމަށްފަހު ބަލައިގަނެވޭނީ، އެ ހެކީގެ ބާވަތަކާއި މައްސަލައާ ގުޅުންހުރި މިންވަރަށާއި، އެ ހެއްކެއް ނުވަތަ މައުލޫމާތެއް އިބްތިދާއީ މަރުހަލާގައި ހުށަހެޅިފައިނުވާ ސަބަބަށް ރިއާޔަތްކުރުމަށްފަހު، މައްސަލަ ބަލާ ޕެނަލަށް އެ ކަމެއް ބަލައިގަންނަން ޖެހޭކަމަށް ފެންނަނަމައެވެ.
33 ވަނަ މާއްދަ - ސުލްހަވާން އެދޭ ނަމަ ފުރުސަތު ދިނުން
(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް، ކަނޑައެޅިފައިވާ މުއްދަތެއް ދިނުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ. އަދި މި ގޮތުގެ މަތީން ދޭ މުއްދަތުގައި މައްސަލަ ހައްލު ނުވެއްޖެ ނަމަ، މައްސަލަ ހުށަހެޅި ފަރާތުން ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ. މައްސަލަ ސުލްހަވެރިކޮށް ނިންމުމަށް ދެވޭ މުއްދަތު ފާއިތުވުމަށްފަހު، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުވެފައިނުވާ ނަމަ ނުވަތަ ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމަށްފަހު މައްސަލައިގައި ހިމެނޭ ފަރާތަކުން ސުލްހަވެވުނުކަން އަންގައިފައިނުވާ ނަމަ، މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި މައްސަލަ ކުރިޔަށްގެންދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެވިއްޖެ ނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކުން، އެ ފަރާތްތަކުގެ މެދުގައި ސުލްހަވުމަށް އެއްބަސްވި ގޮތް، ޓްރައިބިއުނަލަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިގޮތުގެ މަތިން ދެފަރާތުގެ ދެމެދުގައި ސުލްހަވެރިކަމާއެކު މައްސަލަ ހައްލުވެފައިވާ ގޮތުގެ މައްޗަށް ބިނާކޮށް، މައްސަލަ ބަލާ ޕެނަލުން އަމުރެއް ނެރެންވާނެއެވެ.
34 ވަނަ މާއްދާ - އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
(ހ) މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ނެރެންވާނެއެވެ. މިގޮތުން، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާއި، މައްސަލައާ ގުޅިގެން ހާޒިރުކުރެވޭ އެންމެހައި ފަރާތްތަކަށް އެ މީހަކު ހާޒިރުކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ (މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަގުތީ އަމުރާ ގުޅިގެން ނުވަތަ ނިންމުމެއް އިއްވުމަށް ބޭއްވޭ އަޑުއެހުންތައް، އެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 1 (އެކެއް) ދުވަހުގެ ކުރިން ހާޒިރުވުމުގެ އަމުރު ފޮނުވުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) އަޑުއެހުމަށް ހާޒިރުވާންޖެހޭ ފަރާތަށް ހާޒިރުވުމުގެ އަމުރު އެ ފަރާތުން ޓްރައިބިއުނަލަށް ދީފައިވާ އެޑްރެހަށް ރައްދުކުރެވެން އޮތް ނަމަ، އެ އެޑްރެހުގައި ދިރިއުޅޭ ތަސައްރުފު ފުދިފައިވާ ފަރާތަކާ އަމުރު ހަވާލުކޮށް، އެ ފަރާތުން އަމުރުގައި ސޮއިކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ. އަދި އަމުރު ރައްދުކުރަންޖެހޭ އެޑްރެސް ބަދަލުވެފައިވާ ނަމަ، ޓްރައިބިއުނަލަށް އެކަން އެންގުމަކީ އަމުރު ރައްދުވާ ފަރާތެއްގެ ޒިންމާއެކެވެ.
(ރ) އަޑުއެހުމަށް ހާޒިރުވުމަށް އަންގާ އަމުރު މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދީފައިވާ އެ ފަރާތެއްގެ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް ފޮނުވުމަށްފަހު، އެ ފަރާތަށް ފޯނުން ގުޅައިގެން ނުވަތަ އެސް.އެމް.އެސް.ގެ ޒަރީއާއިން އެކަން އެންގުމުން، އެ އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ. ހާޒިރުވުމުގެ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދޭ އީމެއިލް އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް ލިބިފައިވޭތޯ ބެލުމާއި، އެ ފަރާތަކުން ދީފައިވާ އީމެއިލް އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެފައިވާ ނަމަ، ޓްރައިބިއުނަލަށް އެކަން އެންގުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.
(ބ) އަމުރު ރައްދުވާ ފަރާތުން އެ ފަރާތުގެ އެޑްރެސް ނުވަތަ އެ ނޫންވެސް ގުޅޭނެ މައުލޫމާތެއް ދީފައިނުވާ ނަމަ، ތިރީގައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.
- އެ ފަރާތަކީ ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއް ނުވަތަ އެހެން މުއައްސަސާއެއް ކަމަށް ވާ ނަމަ، އެ ފަރާތެއް ރަޖިސްޓަރީކޮށްފައިވާ އެޑްރެހަށް އަމުރު ރައްދުކުރުމުން ނުވަތަ އެ އެޑްރެހުގެ ދޮރާށީގައި އަމުރު ތަތްކުރުމުން، އެ ފަރާތަށް އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
- އަމުރު ރައްދުވާ ފަރާތަކީ އާންމު ފަރުދެއް ނަމަ، އެ ފަރާތެއްގެ ދާއިމީ އެޑްރެހަށް އަމުރު ރައްދު ނުވެއްޖެ ނަމަ، އެ އަމުރާ ގުޅިގެން އަޑުއެހުމަށް ހާޒިރުވާންޖެހޭ ފަރާތުގެ މައުލޫމާތު އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި މިގޮތަށް އިއުލާނުކުރެވޭތާ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަސް ވުމުން އެ ފަރާތަށް އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
(ޅ) މައްސަލައިގައި ހިމެނޭ ފަރާތަކުން އަމުރު ރައްދުކުރަންޖެހޭ ފަރާތުގެ އެޑްރެސް ނުވަތަ ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ދީފައިވާ ނަމަ، އެ އެޑްރެހަށް ނުވަތަ ފޯނު ނަންބަރަށް ނުވަތަ އީމެއިލް އެޑްރެހަށް އަމުރު ރައްދުކުރުމަށް މަސައްކަތްކުރުމަށް މި މާއްދާގެ (ބ) ހުރަހެއް ނާޅައެވެ.
(ކ) އަޑުއެހުމަށް ހާޒިރުވާންޖެހޭ މީހާގެ ގާނޫނީ ވަކީލަށް ނުވަތަ ބަދަލުގައި އައްޔަނުކޮށްފައިވާ ފަރާތަށް އަމުރު ހަވާލުކުރެވުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
(އ) އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު، މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެޑްރެހަށް ފޮނުވާ ނަމަ އަމުރު ހަވާލުކުރި ފަރާތާއި، އަމުރާ ހަވާލުވި ފަރާތް، އަމުރުގެ އަސްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ.
(ވ) މި މާއްދާގެ (ނ) ނުވަތަ (ރ) ނުވަތަ (ބ) ނުވަތަ (ކ) ގައިވާ ގޮތަށް ހާޒިރުވުމުގެ އަމުރު ހަވާލުކޮށްފައިވަނިކޮށް އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނުކަމަށް އިންކާރުކުރާ ހާލަތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފަރާތުން އަމުރު ހަވާލުކުރި ފަރާތުން، އަމުރު ހަވާލުކުރިކަމަށް ބުނެފައި ދޭ ހެކިބަހަކީ، އެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.
(މ) ހާޒިރުވުމުގެ އަމުރު އާންމުގޮތެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވިޔަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ހާލަތެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ އިރެއްގައި ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.
(ފ) މައްސަލަ ހުށަހެޅޭ ރަށް ނޫން އެހެން ރަށެއްގައި މައްސަލަ ރައްދުވާ ފަރާތް ހުއްޓައި އެ ފަރާތުގެ މައްޗަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ ފަރާތެއް ހާޒިރުކޮށްދިނުމުގެ އަމުރު، އެ އިރެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ އިދާރާއެއް ނުވަތަ ފަރާތެއް މެދުވެރިކޮށް އެ ފަރާތަށް ހަވާލުކުރުމުގެ އިހުތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
35 ވަނަ މާއްދާ - ހާޒިރުވުމުގެ އަމުރުގައި ނުހިފުން
(ހ) އަޑުއެހުމަށް ހާޒިރުވުމަށް އަންގާ އަމުރު ލިބޭ ކޮންމެ ފަރާތަކުން، އެ އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް، އެ އަމުރުގައި ކަނޑައެޅިފައިވާ ތާރީހާއި ގަޑިއަށް ހާޒިރުވާންވާނެއެވެ.
(ށ) މައްސަލަ ހުށަހަޅައިފައިވަނީ ނުވަތަ މައްސަލަ ރައްދުވަނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ކަމަށް ވެފައި، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނުވަތަ މައްސަލަ ރައްދުވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވިކަމުގައި ވިޔަސް މައްސަލައިގެ އަޑުއެހުން ކުރިޔަށްގެންދިޔުމުގެ އިހުތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނުވަތަ މައްސަލަ ރައްދުވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެގެން މައްސަލައިގެ އަޑުއެހުން ކުރިޔަށްގެންދިޔުމަށް ނިންމާ ހާލަތުގައި، މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވާ ފަރާތަށް އަޑުއެހުމުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ކަންތައްތައް ލިޔުމުން ފާހަގަކުރުމަށް ފުރުސަތު ދޭންވާނެއެވެ. މި ފަދައިން ފުރުސަތު ދޭއިރު މައްސަލައިގެ އަޑުއެހުމުގެ މަހްޒަރު ބަޔާން ނުވަތަ އަޑުއެހުމުގެ ރިކޯޑިންގ އެ ފަރާތަކަށް ހިއްސާކުރަންވާނެއެވެ.
(ރ) އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެ ނަމަ، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފަރާތުން ދީފައިވާ އެޑްރެހުގައި ނޫޅޭ ނަމަ ނުވަތަ އެކަށީގެންވާ މަސައްކަތް ކޮށްގެން ވެސް، މައްސަލަ ހުށަހަޅާ ފަރާތަށް ހާޒިރުވުމުގެ އަމުރު ރައްދުނުކުރެވޭ ނަމަ ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އަޑުއެހުމަށް ހާޒިރުވުމަށް އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އެ އަމުރުގައިވާ ގަޑިއަށް، މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުވެއްޖެ ނަމަ، އެ ފަރާތެއް އެ އަޑުއެހުމަށް ހާޒިރުނުވީ ކަމުގައި ބަލަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި މި ފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ އަޑުއެހުން ކުރިޔަށްގެންގޮސްފައިވާ ނަމަ، އެ އަޑުއެހުމަކީ މައްސަލަ ހުށަހަޅާ ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތް ހާޒިރުނުވި އަޑުއެހުމެއްކަމުގައި ބަލައިގެން ނުވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އާއި (ބ) އާ އެއްގޮތްވާ ގޮތުގެ މަތީން، ހާޒިރުނުވާ އަޑުއެހުމެއްކަމަށް ކަނޑައެޅިއްޖެ ނަމަ، މައްސަލަ ބަލާ ޕެނަލުގެ މެންބަރުން ސޮއިކޮށް މައްސަލައިގައި ހިމެނޭ ހަސްމުންނަށް ލިޔުމުން، އެކަން އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ރ) އާއި (ބ) އާ އެއްގޮތްވާ ގޮތުގެ މަތީން، މައްސަލަ ރައްދުވާ ފަރާތުން ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވާކަމަށް ކަނޑައަޅައި، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަން އެންގުމަށްފަހު، އެ ފަރާތުގެ ގައިރު ހާޒިރުގައި، ހުށަހެޅިފައިވާ މައްސަލަ ކުރިޔަށްގެންދިއުމާއި މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(އ) މި މާއްދާގެ (ރ) އާއި (ބ) އާ އެއްގޮތްވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި ފަރާތުން ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވާކަމަށް ކަނޑައަޅައި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން އެކަން އެންގުމަށްފަހު، އެ ފަރާތަކުން ހުށަހެޅި މައްސަލަ ބާތިލުކުރުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން ނުވަތަ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާތިލުކުރި މައްސަލައެއް، މައްސަލަ ބާތިލުކުރިކަން އެ މީހަކަށް އެންގި ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، ކުރިން ހުށަހެޅި މައްސަލައަށް އެއްވެސް އިސްލާހެއް ގެނައުމެއްނެތި އަލުން ހުށަހެޅިދާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ، އެ މައްސަލައެއް ދެވަނަފަހަރަށް ޓްރައިބިއުނަލަކުން ނުބެލޭނެއެވެ.
(މ) މި މާއްދާގެ (އ) ގެ ދަށުން ބާތިލުކުރާ މައްސަލައެއް، މި މާއްދާގެ (ވ) ގެ ދަށުން ހުށަހެޅޭނީ 1 (އެކެއް) ފަހަރުއެވެ.
(ފ) މި މާއްދާގެ (އ) ގެ ދަށުން މައްސަލަ ބާތިލުކުރިއިރު ކުރިޔަށްގޮސްފައިވާ ހިސާބުން، މި މާއްދާގެ (ވ) ގެ ދަށުން އަލުން ހުށަހެޅޭ މައްސަލަ ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ދ) މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އަޑުއެހުމަށް ހާޒިރުވުމުގެ އަމުރުގައި ނުހިފައިފި ނަމަ ނުވަތަ އަމުރު ލިބި، މަގުބޫލު އުޒުރެއްނެތި އެ އަމުރުގައިވާ ގަޑިއަށް ހާޒި ރުނުވެއްޖެ ނަމަ، އެ ފަރާތެއް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެއެވެ.
36 ވަނަ މާއްދާ – ހާޒިރުވެވެން ނެތް ނަމަ، ސަބަބު އެންގުން
(ހ) އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް މަގުބޫލު އުޒުރެއް ދިމާވުމުގެ ސަބަބުން، އަމުރުގައި ހާޒިރުވުމަށް އަންގައިފައިވާ ތަނަށް ހާޒިރުވެވެން ނެތް ނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ. އަދި ހާޒިރުވެވެން ނެތްކަން ލިޔުމުން ނޫންގޮތަކަށް އަންގާ ނަމަ، ހާޒިރުނުވެވުނު ސަބަބު ބަޔާންކޮށް، ގިނަވެގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި، ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ލިޔުން ހުށަނާޅައިފި ނަމަ ނުވަތަ ހުށަހަޅައިފައިވާ ސަބަބަކީ މަގުބޫލު ސަބަބެއްކަމުގައި ނުވާ ނަމަ އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ މަގުބޫލު ސަބަބެއް ނެތިކަމަށް ބަލައި، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއްކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) މި ގަވާއިދުގެ ދަށުން މަގުބޫލު އުޒުރެއްކަމަށް ބަލާނީ، ތިރީގައިވާ ކަންކަމުންކުރެ ކަމަކަށެވެ.
- ތިމާ ހާޒިރުނުވެވޭ ފަދަ ބައްޔެއްވުން؛
- ތިމާ ނުހުރެ ނުވާ ފަދަ މީހަކު ބައްޔެއްވުން؛
- މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަގުންނާއި ވައިގެމަގުންނާއި އެއްގަމުމަގުން ދަތުރުކުރެވޭގޮތް ނުވުން؛
- ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މަގުބޫލުކަމަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.
އަޑުއެހުމަށް ހާޒިރުނުވެވެނީ މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަގުބޫލު އުޒުރެއް ދިމާވުމުގެ ސަބަބުންކަމަށް ކަނޑައަޅަންޖެހޭ ހާލަތުގައި އެ އަޑުއެހުމެއް ތާވަލުކުރެވިފައިވާ ގަޑީގައި އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ އަޑުއެހުން ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
37 ވަނަ މާއްދާ - މެޑިކަލް ސެޓުފިކެޓު ހުށަހެޅުން
(ހ) ޓްރައިބިއުނަލުގެ އަމުރަށް ހާޒިރުވެވެން ނެތް ސަބަބެއްގެ ގޮތުގައި ދިމާވި ސަބަބަކީ މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ނުވަތަ (2) ވަނަ ނަންބަރުގައިވާ ސަބަބުކަމަށް ވާ ނަމަ، ސަރުކާރު ގަބޫލުކުރާ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުން ދޫކުރާ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓް، މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެވުނު ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. މުއްދަތުގައި މެޑިކަލް ސެޓުފިކެޓު ހުށަނާޅައިފި ނަމަ އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ މަގުބޫލު ސަބަބެއް ނެތިކަމަށް ބަލައި، އެ އަޑުއެހުމަކީ އެ ފަރާތުން ހާޒިރުނުވާ އަޑުއެހުމެއް ކަމުގައި ކަނޑައެޅޭނެއެވެ.
38 ވަނަ މާއްދާ - އަޑުއެހުންތައް މެދުކަނޑައިލުން
(ހ) ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގެ އަޑުއެހުމުގައި ބައިވެރިނުވެވޭ ފަދަ ހާލަތެއް މެދުވެރިވެ، މައްސަލައިގެ އަޑުއެހުންތައް ވަކި މުއްދަތަކަށް މެދުކަނޑައިލުމަށް މައްސަލައިގެ ހަސްމުން އެދެންވާނީ، އެ ކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށެވެ. އަޑުއެހުންތައް މެދުކަނޑައިލުމަށް އެދޭ ސަބަބާއި، މެދުކަނޑައިލުމަށް އެދޭ މުއްދަތު ބަޔާންކޮށް އަޑުއެހުންތައް މެދުކަނޑައިލުމަށް އެދޭ ދުވަހުގެ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ކުރިން މި ފޯމު ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، އެ މުއްދަތުގައި ފޯމު ހުށަހެޅިފައިނުވާ ސަބަބު ބަޔާންކޮށް ހުށަހަޅާ ފޯމުތައް، އެ ސަބަބަކީ މަގުބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ނަމަ، އެ ކަމަކަށް ރިއާޔަތްކޮށް އެ ފޯމު ބަލައިގަތުމުގެ އިހްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ، މައްސަލަ ބަލާ ޕެނަލުންނެވެ.
(ރ) މައްސަލައިގެ އަޑުއެހުން ކުރިޔަށްދަނިކޮށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ހިނދެއްގައި މައްސަލައިގެ ހަސްމުން އެދިފައި ނެތްކަމުގައި ވިޔަސް، މައްސަލައިގެ އަޑުއެހުން މެދުކަނޑައިލުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
39 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުން ފެށުން
މައްސަލައިގެ އަޑުއެހުން ފެށޭނީ "بسم الله" ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަންގެ ނަންބަރު (ނަންބަރު) މައްސަލައިގެ އަޑުއެހުން "ފެށުނީ" މިހެން ކިޔައި މައްސަލައިގެ އަޑުއެހުން ފެށުނުކަން މައްސަލަ ބަލާ ޕެނަލުން އިއުލާނުކުރުމުންނެވެ.
40 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުން ނިމުން
(ހ) މައްސަލައިގެ އަޑުއެހުން ނިމޭނީ، އެ އަޑުއެހުން ނިމުނުކަން މައްސަލައިގެ ރިޔާސަތުން "މައްސަލައިގެ މިއަދުގެ އަޑުއެހުން ނިމުނީ" ކަމަށް އިއުލާނު ކުރުމުންނެވެ.
(ށ) މައްސަލައިގެ އެ ދުވަހެއްގެ އަޑުއެހުން ނިމުނުކަން އިއުލާނުކުރުމުގެ ކުރިން މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާ ނަމަ، އެކަން އަންގާނެކަމާއި، އަދި މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމިއްޖެ ނަމަ، މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން މައްސަލަ ބަލާ ޕެނަލުން އިއުލާނު ކުރަންވާނެއެވެ.
41 ވަނަ މާއްދާ – އަޑުއެހުމުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުން
އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކަށް އަޑުއެހުމުގައި ވާހަކަދެއްކޭނީ މައްސަލަ ބަލާ ޕެނަލުގެ އިޒުނަޔާ އެކީގައެވެ.
42 ވަނަ މާއްދާ – މައުޒޫއީގޮތުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް
ޑިވިޒަނުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު ހަސްމުންގެ މަސްލަހަތާއި ހައްގުތައް ރައްކައުތެރިކޮށްދެވޭނެ ގޮތްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
43 ވަނަ މާއްދާ - އިޖުރާއީ ނުކުތާ
(ހ) މައްސަލައިގެ އަޑުއެހުމުގައި ށަފަހީގޮތުން ނުވަތަ ލިޔުމުން އިޖުރާއީ ނުކުތާ ނެގިދާނެއެވެ. ލިޔުމުން ހުށަހަޅާ އިޖުރާއީ ނުކުތާއެއް ހުށަހަޅާނީ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަފަހީގޮތުން ނެގޭ އިޖުރާއީ ނުކުތާއެއް ލިޔުމުން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ނ) މައްސަލަ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި އިޖުރާއީ ނުކުތާއެއް ހުށަހަޅާ ނަމަ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުމުގެ ކުރިން އެފަދަ އިޖުރާއީ ނުކުތާއެއް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ އިޖުރާއީ ނުކުތާއެއް ހުށަހެޅިއްޖެ ނަމަ، މި ގަވާއިދުގެ 32 ވަނަ މާއްދާ (އިބްތިދާއީ ބައްދަލުވުން) ގައި ބަޔާންކޮށްފައިވާ އިބްތިދާއީ ބައްދަލުވުން ބޭއްވުމުގެ ކުރިން، އިޖުރާއީ ނުކުތާއާ ގުޅިގެން އަޑުއެހުމެއް ނުވަތަ އަޑުއެހުންތަކެއް ބޭއްވުމުގެ އިހްތިޔާރު މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ބ) މައްސަލަ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ރައްދުވާ ފަރާތުން ނަގާ އިޖުރާއީ ނުކުތާ ފިޔަވައި އެހެނިހެން ކަންކަމުގައި ނަގާ އިޖުރާއީ ނުކުތާއެއް އެ ކަމެއް ދިމާވާ އަޑުއެހުމުގައި ނުވަތަ އެ ކަމެއް ދިމާވާ ފަހުން ދެން ބޭއްވޭ އަޑުއެހުމެއްގައި ނަގަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހުށަހެޅޭ އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު ލިޔުމުން ގޮތެއް ކަނޑައަޅައި މައްސަލައިގައި ހިމެނޭ ހަސްމުންނަށް އެކަން އަންގަންވާނެއެވެ. ނުވަތަ އިޖުރާއީ ނުކުތާ ބަލައިގަތުމާމެދު މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބަލާ ޕެނަލުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ޅ) އާ އެއްގޮތަށް އިޖުރާއީ ނުކުތާއެއް ބަލައިގަތުމަށް ނިންމައިފި ނަމަ، އިޖުރާއީ ނުކުތާ ނެގި ފަރާތް ފިޔަވައި މައްސަލައިގައި ހިމެނޭ އެހެން ހަސްމުންނަށް އިޖުރާއީ ނުކުތާ ނެގޭ އަޑުއެހުމުގައި ނުވަތަ އެއާ ވިދިގެން ބޭއްވޭ އަޑުއެހުމުގައި އެ އިޖުރާއީ ނުކުތާއަށް ށަފަހީގޮތުން ނުވަތަ ލިޔުމުން ޖަވާބުދިނުމުގެ ފުރުސަތު ދޭންވާނެއެވެ.
(އ) މި މާއްދާގެ (ޅ) އާ އެއްގޮތަށް އިޖުރާއީ ނުކުތާއެއް ބަލައިގަތުމަށް ނިންމައިފި ނަމަ، އިޖުރާއީ ނުކުތާއާމެދު މައްސަލަ ބަލާ ޕެނަލުން ކަނޑައަޅާ ގޮތެއް، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ލިޔުމުން ދޭންވާނެއެވެ.
44 ވަނަ މާއްދާ - މައްސަލައާ ގުޅުންނެތް ކަންކަން އިސްލާހުކުރުން
ޑިވިޒަނަށް ބަލައިގަނެފައިވާ މައްސަލައެއްގައި މައްސަލައާ ގުޅުންނެތް ބައެއް ހިމެނިފައިވާނަމަ، މައްސަލަ ހިނގަމުންދާ މުއްދަތުގައި، ކޮންމެ މަރުހަލާއެއްގައި ވެސް، އެ ބައެއް އުނިކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމުގެ އިހްތިޔާރު އެ މައްސަލައެއް ބަލާ ޕެނަލަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ ބައެއް އިސްލާހުކުރުމަށް އެދި ހުށަހެޅުން
(ހ) ޑިވިޒަނަށް ބަލައިގަނެފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ބައެއް އިސްލާހުކުރުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ނަމަ، އެ އިސްލާހަކީ މައްސަލަ އިންސާފުވެރިކޮށް ނިންމުމަށް ކޮންމެހެން ބޭނުން އިސްލާހެއްކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ހާލަތެއްގައި ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ބައެއް އިސްލާހުކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، އެ މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޑިވިޒަނަށް ބަލައިގަނެފައިވާ މައްސަލައެއްގައި، ހުށަހަޅައިފައިވާ ކަމެއް އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި ހުށަހަޅަންވާނީ އެ މައްސަލައިގެ ހުލާސާ އަޑުއެހުން ބޭއްވުމުގެ ކުރިންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ކޮންމެ މަރުހަލާއެއްގައި ވެސް މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން އެއްބަސްވެ ވަކިގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދި ހުށަހަޅައިފި ނަމަ، މައްސަލަ ނިންމުމުގައި އެ ހުށަހެޅުމަކަށް މައްސަލަ ބަލާ ޕެނަލުން ރިއާޔަތް ކުރަންވާނެއެވެ.
46 ވަނަ މާއްދާ - ސާބިތުކުރުމުގެ މިންގަނޑާއި، މައްސަލައާ ގުޅިގެން ހުށަހަޅާ ކަންތައްތައް ސާބިތުކުރުން
ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން ވަކި ގޮތަކަށް ސާބިތުކޮށްދިނުމަށް ބަޔާންކޮށްފައިވާ މައްސަލަތައް ފިޔަވައި، ޑިވިޒަނަށް ހުށަހަޅާ މައްސަލަތައް ސާބިތުވާނީ މަދަނީ މިންގަނޑުންނެވެ. މައްސަލައަކާ ގުޅިގެން ކަމެއް ސާބިތުކުރުމަކީ އެ ކަމެއް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ނުވަވަނަ ބައި
އަޑުއެހުންތައް ދުރުން ކުރިޔަށް ގެންދިއުން
47 ވަނަ މާއްދާ - އަޑުއެހުންތައް އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދިއުން
(ހ) އަދުލުއިންސާފުގެ ހަމަތައް ނުގެއްލޭނޭ ގޮތެއްގެ މަތީން، ޓްރައިބިއުނަލުގެ އަޑުއެހުންތައް ހިންގާ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތަކާއެކު އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވައިލައިގެން ކުރިޔަށްގެންދިއުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އަޑުއެހުން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްގެންދިއުމަށް ދަތިވާ ނަމަ، ނުވަތަ އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިޔަށްގެންދިއުމުން އެ މައްސަލައެއްގެ ނުވަތަ އެ އަޑުއެހުމެއްގައި އަދުލުއިންސާފުގެ ހަމަތައް ގެއްލިދާނެކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ހިނދެއްގައި އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިޔަށްގެންދިއުމުގެ ބަދަލުގައި ޓްރައިބިއުނަލަށް ހާޒިރުވުމަށް އެ ފަރާތަކަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
48 ވަނަ މާއްދާ – އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސް ހޯސްޓުކުރުމާއ،ި ކޮންފަރެންސްގައި ބައިވެރިވުން
އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް، ތާވަލުކޮށް، ހޯސްޓުކުރާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.
49 ވަނަ މާއްދާ – އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިން ހާޒިރުކުރުން
ގާނޫނަކުން އިސްތިސްނާކޮށްފައި ނުވާ ހާލަތްތަކުގައި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަދުލުއިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެ މަތީން ހެކިބަސް ނެގުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
50 ވަނަ މާއްދާ – އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުންތައް ކުރިޔަށްގެންދާނެ ގޮތް
(ހ) މައްސަލައިގެ އަޑުއެހުން ފެށުމުގެ ކުރިން އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ރަނގަޅަށް މަސައްކަތްކުރާކަން ޔަގީންކޮށް، އަޑުއެހުމުގައި ބައިވެރިވާ ފަރާތްތަކަށާއި، ގުޅިފައިވާ މަޖިލިސްތަކަށް އަޑާއި މަންޒަރު ލިބޭކަން، އެކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފައިވާ މުވައްޒަފު ކަށަވަރު ކުރަން ވާނެއެވެ.
(ށ) އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމުގައި ބައިވެރިވެފައި ތިބި ފަރާތްތަކަށް، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެއްކަން އަޑުއެހުން ފެށުމުގެ ކުރިން އަންގަންވާނެއެވެ.
- އަޑުއެހުން ކުރިޔަށްދަނިކޮށް، މައްސަލަ ބަލާ ޕެނަލުގެ ހުއްދަނެތި އަޑުއެހުން ދޫކޮށް ދިއުން.
- އަޑުއެހުން ކުރިޔަށްދަނިކޮށް، މައްސަލަ ބަލާ ޕެނަލުގެ ހުއްދަ ނެތި، އިތުރު އެއްވެސް މީހަކު އަޑުއެހުމުގެ މާލަމަށް ވެއްދުން؛
- މައްސަލަ ބަލާ ޕެނަލުގެ ހުއްދަ ނެތި، އަޑުއެހުމުގައި އެއްވެސް ވާހަކައެއް ދެއްކުން؛
-
އަޑުއެހުން ކުރިޔަށްދާ ވަގުތު، އިތުރު އެހެން އެއްވެސް ކަމެއްގައި މަށްގޫލުވެ އުޅުން؛
-
މައްސަލަ ބަލާ ޕެނަލުގެ ހުއްދަ ނެތި އަޑުއެހުން ރެކޯޑުކުރުން؛
-
އަޑުއެހުން ހިންގުމަށް ދަތިވެދާނެ ނުވަތަ އުނދަގޫވެދާނެ އެއްވެސް ކަމެއް ކުރުން.
(ނ) އެ އަޑުއެހުމަކީ އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދެވޭ އަޑުއެހުމެއްކަމަކާއި، އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅިފައިވަނީ ކޮން ތަންތަނެއްގައި ހުރި މަޖިލިސްތަކެއް ކަމާއި، އެ މަޖިލިސްތަކުގައި ތިބި ކަމާ ގުޅުންހުރި ފަރާތްތަކުގެ ނަންތައް، އެ ފަރާތެއް ހުރި ތަނާއެކު، ރިޔާސަތުން ބަޔާންކުރަންވާނެއެވެ.
51 ވަނަ މާއްދާ – އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ އަޑުއެހުންތައް އަޑުއެހުމަށް ޓަކައި ބައިވެރިވުން
އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ އަޑުއެހުންތައް އަޑުއެހުމަށް ޓަކައި ވަންނަން އެދޭ ފަރާތްތަކަށް އަޑުއެހުން ފެށުމުގެ ކުރިން ޓްރައިބިއުނަލަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
52 ވަނަ މާއްދާ – ރެކޯޑިންގ ބެލެހެއްޓުން
އޯޑިއޯ ކޮންފަރެންސިންގއާއި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށްގެންދާ އަޑުއެހުންތަކުގެ ރެކޯޑިންގ އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުތެރިކޮށް ބަލަހައްޓަންވާނެއެވެ.
ތިންވަނަ ބައި
ހެކިން ނުވަތަ ހަބީރުން ހާޒިރުކުރުމާއި ހެކިބަސްނެގުން
53 ވަނަ ވާއްދާ - ހެކިން ނުވަތަ ހަބީރުން ހާޒިރުކުރުމާއި ހެކިބަސްނެގުން
(ހ) ޑިވިޒަނުން ބަލަމުންދާ މައްސަލައެއްގައި އިންސާފުވެރިކަމާއެކު މައްސަލަ ހިންގުމުގެ ގޮތުން މައްސަލައިގެ އަޑުއެހުމަށް ހެކިން ނުވަތަ ހަބީރުން ހާޒިރުކޮށްގެން އެ މީހުންގެ ހެކިބަސް ނެގުމަށް ހުށަހެޅުމަށް ދެފަރާތަށް އެންގުމުގެ އިހްތިޔާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ށ) މައްސަލައިގެ އަޑުއެހުމަށް ހެކިން ނުވަތަ ހަބީރުން ހާޒިރުކޮށް ހެކިބަސް ނެގުމުގައި އަމަލުކުރަންވާނީ، ހެއްކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ޑިވިޒަނުން ބަލާ މައްސަލައެއްގައި ދޮގުހެކި ދީފިކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ނަމަ، އެ ކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް، ކަމާބެހޭ އިދާރާއަށް ފޮނުވޭނެއެވެ.
އެގާރަވަނަ ބައި
މައްސަލައިގެ އަޑުއެހުމުގެ ނިޒާމާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތް
54 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުމަށް މީހުން ވެއްދުން
(ހ) މައްސަލައިގެ އަޑުއެހުންތައް އަޑުއެހުމަށް ޓަކައި ވަންނަން އެދޭ ފަރާތްތަކުން އަޑުއެހުން ފެށުމުގެ ކުރިން އެކަން ލިޔުމުން، ޓްރައިބިއުނަލަށް އަންގަންވާނެއެވެ.
(ށ) މައްސަލައިގެ އަޑުއެހުމަށް މީހުން ވައްދާނީ، އެކަމަށް ކަނޑައަޅައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު، އެ މީހަކީ ކާކުކަން ކަށަވަރުކުރުމަށްފަހު މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާ މީހުންގެ ދަފުތަރުގައި ނަން ނޯޓުކުރުމަށްފަހުގައެވެ.
55 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުމަށް ވަންނަ ފަރާތްތައް އަޅަންޖެހ ހެދުން
(ހ) މައްސަލައިގެ އަޑުއެހުމަށް ވަންނަ ފަރާތްތައް ވައްދާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރިނަމައެވެ. މިގޮތުން، އަންނަނިވި ބާވަތްތަކުގެ ހެދުމާއި ގަހަނާ އަޅައިގެން އަޑުއެހުމަށް ހާޒިރުވުމަކީ މަނާކަމެކެވެ.
- ނިވާކަން ކުޑަ ހެދުން.
- ގައި ފެންނަވަރުގެ ތުނި ހެދުން.
- އެކަށީގެންނުވާ ފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުމާއި އިސްލާމްދީނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ށިއާރުތައް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ފަރާތެއް ރަމްޒުކޮށްދޭ ފަދަ ހެދުމާއި، ސިޔާސީ ލިޔުމެއް، ނުވަތަ ކުރެހުމެއް ހުންނަ ހެދުމާއި، އެފަދަ ގަހަނާތައް.
- އަޑުއެހުމަށް ހާޒިރުވުމަށް އެކަށީގެންނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ ކޮންމެ ހެދުމެއް.
(ށ) އަޑުއެހުމަށް ހާޒިރުވެ ހުރި އަންހެނަކީ މޫނު ނިވާކޮށްގެން ހުރި މީހެއް ނަމަ، މައްސަލައިގެ އަޑުއެހުމަށް ވެއްދުމުގެ ކުރިން، އެއީ ކާކުކަން ޓްރައިބިއުނަލުން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަންވާނެއެވެ. މިގޮތުން، ޓްރައިބިއުނަލުން ކަނޑައަޅާ ފަރާތަކީ އަންހެނެއް ކަމުގައި ވާންވާނެއެވެ.
(ނ) މައްސަލައިގެ އަޑުއެހުމުގެ ނިޒާމު ބަލަހައްޓާނީ އެ މައްސަލައެއްގެ ރިޔާސަތު ބަލަހައްޓާ މެންބަރެވެ.
56 ވަނަ މާއްދާ - އަޑުއެހުމުގެ ނިޒާމު ބެލެހެއްޓުން
(ހ) މައްސަލައިގެ އަޑުއެހުމުގައި، ވާހަކަދެއްކޭނީ، މައްސަލަ ބަލާ ޕެނަލުން ހުއްދަ ދިނުމުން، ހުއްދަ ދިން ފަރާތަކަށެވެ.
(ށ) މައްސަލައިގެ އަޑުއެހުމުގައި މައްސަލައިގައި ހިމެނޭ ފަރާތުން ހުށަހަޅާ ލިޔެކިޔުމާއި ތަކެތި ހުށަހަޅާނީ މައްސަލަ ބަލާ ޕެނަލުން ހުއްދަ ދިނުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މުވައްޒަފަކު މެދުވެރިކޮށެވެ.
(ނ) މައްސަލައިގެ އަޑުއެހުމުގައި ހިނގަމުންދާ މައްސަލައިގެ މައުޒޫއުން ބޭރުން އެއްވެސް ފަރާތަކުން، އެހެން ފަރާތެއްގެ ނަފްސަށް ނުވަތަ ޒާތަށް ނުވަތަ އަބުރަށް ހަޑިހުތުރުކޮށް ދިމާކުރުމުގެ ގޮތުން ވާހަކަދެއްކުމަށް ފުރުސަތު ދީގެން ނުވާނެއެވެ. އަދި ހުށަހެޅޭ ބަޔާނެއްގައި މި ފަދަ އިބާރާތްތައް ބޭނުންކޮށްފައިވާ ނަމަ، އެ އިބާރާތްތައް އުނިކުރުމަށް މައްސަލަ ބަލާ ޕެނަލުން އަންގަންވާނެއެވެ.
(ރ) މައްސަލައިގެ އަޑުއެހުމުގައި ދައްކަމުންދާ ވާހަކައަކީ، ނުވަތަ ކުރަމުންދާ ކަމަކީ އެ އަޑުއެހުމެއްގެ ނިޒާމާ ހިލާފު ވާހަކައެއްކަމަށް، ނުވަތަ ކަމެއްކަމަށް، މައްސަލަ ބަލާ ޕެނަލުން ކަނޑައަޅައި އަންގައިފި ނަމަ، އެ ވާހަކައެއް ނުވަތަ އެ ކަމެއް އަލުން ތަކުރާރުކޮށްގެން ނުވާނެއެވެ.
(ބ) މައްސަލައިގެ ޕެނަލް މެންބަރުންގެ އެންގުންތަކަށް، އެ އެންގުން ރައްދުވާ ފަރާތްތަކުން ކިޔަމަންވާންވާނެއެވެ. އަދި އެ އަޑުއެހުމުގެ ނުވަތަ ޓްރައިބިއުނަލުގެ ހުރުމަތް ކެނޑޭގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ. އަދި މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފުވާ ފަދަ އެއްވެސް އަމަލެއް، އެ އަޑުއެހުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
(ޅ) މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ތެރެއިން ފަރާތެއް އަޑުއެހުމުގެ ނިޒާމާ ހިލާފު އަމަލެއްކޮށް، އެކަން ރަނގަޅުކުރުމަށް އެންގުމުން ވެސް އެކަން ތަކުރާރުކުރާ ނަމަ، އެ ފަރާތެއް މައްސަލައިގެ އަޑުއެހުމުން ބޭރުކުރުމުގެ ބާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
57 ވަނަ މާއްދާ - އަޑުއެހުމުގެ ނިޒާމާ ހިލާފު އަމަލުތައް
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފުވުން ކަމުގައި ބަލަންވާނެއެވެ.
(ހ) ޑިވިޒަނުގައި ހިނގަމުންދާ މައްސަލައަކަށް ހުރަސްއެޅުން ނުވަތަ ހުރަސްއަޅަން މަސައްކަތްކުރުން
(ށ) ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ބަލާ ޕެނަލަށް އިން ސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރުނ.ް
(ނ) މައްސަލައަކާ ގުޅިގެން، މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެ، މައްސަލައިގައި ދޭންޖެހޭ މައުލޫމާތު ދިނުމަށް އިންކާރުކުރުން.
(ރ) މައްސަލައިގެ އަޑުއެހުމަށް ހާޒިރުވެ މައްސަލައެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ނުވަތަ ހެކިބަސް ދޭންޖެހޭ ފަދަ މަގާމެއްގައި ހުރެ މައްސަލައަށް ބޭނުންވާ މައުލޫމާތު ދިނުމަށް އިންކާރުކުރުން.
(ބ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ނުވަތަ ފޮޓޯނެގޭ އެއްވެސް ވަސީލަތެއް، މައްސަލައިގެ އަޑުއެހުމަށް ވައްދައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރުން.
(ޅ) މައްސަލައެއްގެ އަޑުއެހުމުގައި، އެ މައްސަލައިގައި ހިމެނޭ އެއް ފަރާތުން، މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް، ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކަމެއް ކުރުން.
(ކ) މައްސަލައާ ގުޅިގެން، މައްސަލައިގެ އަޑުއެހުމަށް ހާޒިރުވާ ހަސްމުންނާއި ވަކީލުން، މައްސަލައިގެ އަޑުއެހުން ކުރިޔަށްދަނިކޮށް މައްސަލަ ބަލާ ޕެނަލުގެ އިޒުނަ ނެތި މައްސަލައިގެ އަޑުއެހުމުން ނުކުތުން، ނުވަތަ އަޑުއެހުމުގައި އަންގާ އެންގުމަކަށް ނުކިޔަމަންތެރިވުން.
(އ) މައްސަލައިގެ އަޑުއެހުމަށް ވަންނަ ފަރާތްތަކުން މައްސަލަ ބަލާ ޕެނަލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުން.
(ވ) މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފުވާ ފަދަ މި ނޫންވެސް އަމަލެއް ކުރުން.
58 ވަނަ މާއްދާ - ޖޫރިމަނާކުރުން
މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފުވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,000 (ދެހާސް ރުފިޔާ) އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
59 ވަނަ މާއްދާ - ގާނޫނީ ވަކީލަކު، މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފުވުން
މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ކޮށްފައިވަނީ ގާނޫނީ ވަކީލަކު ނަމަ މައްސަލައިގެ އަޑުއެހުމުގެ ނިޒާމާ ހިލާފަށް އެ ވަކީލަކު ކުރި އަމަލާއި ޖޫރިމަނާއެއް ކުރި ނަމަ އެކަމުގެ މައުލޫމާތު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ޓްރައިބިއުނަލުން ހިއްސާކުރަންވާނެއެވެ.
ބާރަވަނަ ބައި
ޑިވިޒަނުގެ ނިންމުން
60 ވަނަ މާއްދާ - މައްސަލައިގެ ނިންމުން
(ހ) މައްސަލައިގެ އަޑުއެހުންތައް ނިމުމުން އަޑުއެހުންތައް ނިމޭ ދުވަހު ނުވަތަ އެއަށްވުރެ ފަހުގެ ތާރީހެއްގައި، އެ މައްސަލައެއްގެ ނިންމުން، މައްސަލަ ބަލާ ޕެނަލުން އިއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނިންމުން އިއްވާނީ ފަހުގެ ތާރީހެއްގައި ނަމަ މައްސަލައިގެ ނިންމުމަށް ހާޒިރުވުމަށް މި ގަވާއިދުގެ 34 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، މައްސަލައިގެ ހަސްމުންނަށް އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވާނެއެވެ.
(ނ) މައްސަލައެއް ނިމުނު ގޮތްކަމުގައި ވާނީ، މައްސަލަ ބަލާ މަޖިލީހުގައި ހިމެނޭ މެންބަރުން ވަކިން އިއްވާ ރައުޔުތަކުގެ އަގުލަބިއްޔަތު ނިސްބަތްވާ ގޮތެކެވެ.
61 ވަނަ މާއްދާ - މައްސަލަ ނިންމިދާނެ ގޮތްތައް
ޑިވިޒަނަށް ހުށަހަޅާ މައްސަލައަކީ ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްކަމަށް މައްސަލަ ބަލާ ޕެނަލަށް ފެނިއްޖެ ނަމަ، އަންނަނިވި އަމުރުތައް ހިމެނޭގޮތަށް އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، މައްސަލަ ބަލާ ޕެނަލަށް ލިބިގެންވެއެވެ.
(ހ) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު.
(ށ) ބަދަލު ދިނުމަށް ކުރާ އަމުރު.
(ނ) މަތީގައި ބަޔާންކޮށްފައިވާ އަމުރުތަކުގެ އިތުރުން ވެސް، އެ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ޓަކައި ނެރެންޖެހޭކަމަށް މައްސަލަ ބަލާ ޕެނަލަށް ފެންނަ ކޮންމެ އަމުރެއް.
62 ވަނަ މާއްދާ - މައްސަލަ ބެލި ޕެނަލުގެ ރައުޔު
ޑިވިޒަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި މައްސަލަ ބަލާ ޕެނަލުގެ ކޮންމެ މެންބަރަކަށް، ފެނުނު ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މިގޮތުން، މައްސަލައާ ގުޅޭގޮތުން ފާހަގަކުރެވުނު ނުކުތާތަކާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުމާއި، މައްސަލައިގެ އަޑުއެހުންތަކުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި، ހެކިން ދައްކައިފައިވާ ވާހަކަތަކާމެދު ދެކޭގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނައިފައިވާ ކަންތައްތަކާއި، ބަދަލުގެގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާ ނަމަ ބަދަލުގެގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލައިފައިވާ ކަންތައްތަކާއި އެ މެންބަރަކަށް ފެންނަ މުހިންމު އެ ނޫން ނުކުތާތައް ވެސް، ބަޔާންކުރަންވާނެއެވެ.
63 ވަނަ މާއްދާ - މައްސަލައިގެ ނިންމުން
(ހ) ޑިވިޒަނުން ބަލާ ކޮންމެ މައްސަލައެއްގައި ވެސް، މައްސަލައިގެ ނިންމުން އިއްވާ ދުވަހު، އެ މައްސަލައެއްގެ ހުލާސާ ރިޕޯޓު ތައްޔާރުކޮށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުލާސާ ރިޕޯޓުގައި، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލައިގެ ނަންބަރާއި، މައްސަލަ ހުށަހެޅި ތާރީހާއި، މައްސަލަ ނިމުނު ތާރީހާއި މައްސަލައިގެ ބާވަތާއި، މައްސަލަ ބެލި ޕެނަލުގެ ރައުޔާއި، މައްސަލައިގެ ނިންމުން ހިމަނަންވާނެއެވެ. މި ރިޕޯޓުގައި މައްސަލަ ބެލި ޕެނަލުގެ މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.
64 ވަނަ މާއްދާ - ނިންމުމަށް ބަދަލު ނުގެނައުން
ހިސާބުޖެހުމުގައި އަރައިފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިސްލާހުކުރުން ފިޔަވައި ޑިވިޒަނުގެ ނިންމުމަކަށް، ނުވަތަ ތަފާތުވި ރައުޔަކަށް ވިޔަސް ނިންމުން އިއްވުމަށްފަހު، އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
65 ވަނަ މާއްދާ - ޑިވިރަނުން ނިންމާ ނިންމުންތަކާއި މައްސަލަ ގެ ހުލާސާ ރިޕޯޓު އާންމުކޮށް، ށާއިއުކުރުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުންތަކާއި، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން، ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ނިންމުންތަކާއި، މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ނިންމާ ވަގުތީ އަމުރުތަކާއި މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ހުށަހަޅޭ އިޖުރާއީ ނުކުތާތަކުގެ ނިންމުންތަކާއި، މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ތައްޔާރުކުރާ މައްސަލައިގެ ހުލާސާ ރިޕޯޓު އާންމުކޮށް ފެންނަން ހުންނާނޭހެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިބަސް ނޫން ބަހަކުން މައްސަލައިގެ އަޑުއެހުންތައް ކުރިޔަށްގެންދިއުމަށް މައްސަލަ ބަލާ ޕެނަލުން ނިންމައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް ތައްޔާރުކޮށްފައިވަނީ ދިވެހިބަސް ނޫން އެހެން ބަހަކުން ކަމުގައިވާނަމަ، އެ ނިންމުމެއް ދިވެހިބަހަށް ތަރުޖަމާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
66 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރުން
(ހ) ޑިވިޒަނުން ބަލާ މައްސަލައެއްގެ ނިންމުން އިއްވާ ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި މައްސަލަ ހުށަހެޅި ފަރާތުގެ ފުރިހަމަ މައުލޫމާތާއި، މައްސަލަ ރައްދުވި ފަރާތުގެ ފުރިހަމަ މައުލޫމާތާއި މައްސަލައިގެ ނަންބަރާއި، މައްސަލަ ހުށަހެޅި ތާރީހާއި މައްސަލަ ނިމުނު ތާރީހާއި، މައްސަލައިގެ ބާވަތާއި، މައްސަލަ ބެލި ޕެނަލުގެ ރައުޔާއި މައްސަލައިގެ ނިންމުމާއި، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ހިމަނަންވާނެއެވެ. އަދި މި ރިޕޯޓުގައި މައްސަލަ ބެލި ޕެނަލް މެންބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.
76 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުން
(ހ) ޑިވިޒަނުން ބަލާ މައްސަލައެއް ނިމޭ ގޮތުގެ ރިޕޯޓު، މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދެންވާނީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމުންނެވެ.
(ށ) މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ޕްރިންޓްކޮށްފައިވާ ކޮޕީ ދޫކުރެވޭނީ، އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ސަފުހާއަކަށް، 1 (އެކެއް) ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.
68 ވަނަ މާއްދާ - ނިންމުން އިސްތިއުނާފުކުރުން
(ހ) ޑިވިޒަނަށް ހުށަހަޅާ މައްސަލައެއްގައި، ޑިވިޒަނުން ނިންމައިފައިވާ ނިންމުމެއް ނިންމައިފައިވަނީ ށަރުއީ އުސޫލަކާ ހިލާފަށް ނުވަތަ ގާނޫނީ އުސޫލަކާ ހިލާފަށް ނުވަތަ ޑިވިޒަނަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކަށް ގަބޫލުކުރެވޭ ނަމަ، އެ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅިގެން އެހެން ގޮތަކަށް އަމުރުނުކުރާހައި ހިނދަކު، އެ މައްސަލައިގައި ޑިވިޒަނުން ނިންމައިފައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
69 ވަނަ މާއްދާ - ޑިވިޒަނުގެ ނިންމުން ތަންފީޒުކުރުން
(ހ) ޑިވިޒަނުން މައްސަލައެއް ނިންމުމަށްފަހު، ޑިވިޒަނުން ދީފައިވާ މުއްދަތުގައި އެ ނިންމުން ރައްދުވާ ފަރާތުން އެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފައިވާކަމަށް އަންގައިފައި ނުވާ ނަމަ، އެ ނިންމުމާ އެއްގޮތަށް ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލުގެ އަމިއްލަ އިސްނެގުމުގައި ކަށަވަރު ކުރަން ޖެހޭނެއެވެ.
(ށ) ޑިވިޒަނުގެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލަށް އަންގައިފި ނަމަ، ނުވަތަ ޑިވިޒަނުގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފައިވާކަން ނުވަތަ ނުވާކަން އެންގުމަށް މައްސަލަ ރައްދުވި ފަރާތަށް ފޮނުވާ ލިޔުމަށް ޓްރައިބިއުނަލުން ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދީފައި ނުވާ ނަމަ، އެ ނިންމުން ތަންފީޒުކުރުމަށް ޓަކައި، އެ ނިންމުން ތަންފީޒުކުރުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައިގެ ނިންމުން ތަންފީޒުކޮށްފައި ނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ޓްރައިބިއުނަލަށް އަންގާ ހާލަތުގައި، ޑިވިޒަނުގެ ނިންމުމާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ ބެލުމުގެ ގޮތުން ނިންމުމާ އެއްގޮތަށް އަމަލުކުރަންޖެހޭ ފަރާތާ ނުވަތަ ފަރާތްތަކާ މުއާމަލާތުކުރުމަށްފަހު، އެ ނިންމުން ތަންފީޒުކުރުމަށް ޓަކައި، އެ ނިންމުން ތަންފީޒުކުރުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ޑިވިޒަންގެ ނިންމުންތައް ތަންފީޒުކުރުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު، ތަންފީޒުކުރުމަށް ހުށަހެޅޭ ކޯޓަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލާ ހިއްސާކުރަންވާނެއެވެ.
(ބ) ޑިވިޒަނުން ނެރޭ ވަގުތީ އަމުރުތައް ވެސް ތަންފީޒުކުރަންވާނީ މި މާއްދާގައިވާ ގޮތުގެ މަތީންނެވެ.
ތޭރަވަނަ ބައި
މައްސަލައާ ގުޅޭ ލިޔެކިޔުން ބެލެހެއްޓުމާއި ފައިލުކުރުން
70 ވަނަ މާއްދާ - މައްސަލައިގެ ފައިލު
(ހ) ޑިވިޒަނުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ނަންބަރުދޭ ކޮންމެ މައްސަލައަކަށް ވެސް ފައިލެއް ތައްޔާރުކޮށް، އެ މައްސަލައާ ގުޅޭ ހުރިހާ ލިޔުންތަކެއް ފައިލުކުރަންވާނެއެވެ.
(ށ) މައްސަލައިގެ ފައިލުގެ ބޭރުގައި، މައްސަލަ ނަންބަރާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، މައްސަލަ ހުށަހެޅުނު ތާރީހާއި، މައްސަލަ ނިމުމުން ނިމުނު ތާރީހާއި، މައްސަލަ ބަލާ ޕެނަލުގައި ހިމެނޭ މެންބަރުންގެ ނަމާއި، އެ މެންބަރުންގެ ތެރެއިން ރިޔާސަތުގައި އިންނަ މެންބަރު އެނގޭނޭހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
71 ވަނަ މާއްދާ - މައްސަލައާ ގުޅ ލިޔެކިޔުން ފައިލުކުރުން
ޑިވިޒަނަށް ހުށަހެޅިފައިވާ އެންމެހައި މައްސަލަތަކުގެ އަންނަނިވި ރިކޯޑުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.
(ހ) މައްސަލަ ހުށަހެޅި ފޯމާއި، އެ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުން.
(ށ) މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުން.
(ނ) މައްސަލައާ ގުޅިގެން ފޮނުވައިފައިވާ އަމުރުތައް.
(ރ) މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ހުށަހަޅާ އަދި ޓްރައިބިއުނަލުން ފޮނުވާ އެންމެހައި ލިޔެކިޔުން.
(ބ) މައްސަލައަށް ތަދައްހުލުވާ ފަރާތްތަކުން ހުށަހަޅާ ބަޔާންތަކާއި ލިޔެކިޔުން.
(ޅ) ގާނޫނީ ވަކީލު އައްޔަނުކުރިކަމުގެ ލިޔުމާއި، އެކަން ގަބޫލުކުރިކަމުގެ ލިޔެކިޔުން.
(ކ) ބަދަލު ހަމަޖެއްސި ލިޔުމާއި، އެކަން ގަބޫލުކުރިކަމުގެ ލިޔެކިޔުން.
(އ) މައްސަލައިގެ އަޑުއެހުމުގެ މަހްޒަރު ބަޔާންތައް.
(ވ) މައްސަލައިގައި ހުށަހެޅޭ ވަގުތީ އަމުރާއި، އިޖުރާއީ ނުކުތާގެ ނިންމުން.
(މ) މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު.
(ފ) މައްސަލަ ކުރިޔަށްދާގޮތުގެ މައުލޫމާތު ށީޓް.
(ދ) މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވާ ފަރާތްތަކުގެ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމުގެ ކޮޕީ.
(ތ) މައްސަލައިގެ ފައިލުގައި ހުންނަންޖެހޭކަމަށް މައްސަލަ ބަލާ ޕެނަލަށް ފެންނަ ހުރިހާ ރިކޯޑު.
72 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑު ބެލެހެއްޓުން
(ހ) މައްސަލައިގެ އަޑުއެހުމުގައި އަނގަބަހުން ދެކެވޭ ވާހަކަތަކުގެ އޯޑިއޯ ރެކޯޑިންގ ނުވަތަ ވީޑިއޯ ރެކޯޑިންގ ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.
(ށ) މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް ލިޔެ، މަހްޒަރު ބަޔާނެއްގެ ގޮތުގައި ތައްޔާރުކޮށް އެ ބަޔާން ބަލަހައްޓަންވާނެއެވެ. އެހެންނަމަވެސް، ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ނޫން ބަހަކުން އަޑުއެހުމުގައި ދައްކާ ވާހަކަތައް ތަރުޖަމާކޮށްފައިވާ ނަމަ، ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ނޫން ބަހަކުން ދައްކާ ވާހަކަތައް އެ ބަހަކުން މަހްޒަރުކުރުމަކަށް މި މާއްދާ ލާޒިމެއް ނުކުރެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މަހްޒަރު ބަޔާން ތައްޔާރުކުރުމަށްފަހު އެ ބަޔާނުގައި ލިޔެވިފައިވަނީ އަޑުއެހުމުގައި ދެކެވުނު ވާހަކަތައްކަން ކަށަވަރު ކުރުމަށް ޓަކައި އެ އަޑުއެހުމެއްގައި ވާހަކަދެއްކި ފަރާތްތަކަށް މަހްޒަރު ބަޔާންތައް ހިއްސާކުރުމުގެ އިހްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މި ފަދައިން ދެވޭ ފުރުސަތުގައި މަހްޒަރު ބަޔާނުގައި އެއްވެސް މައްސަލައެއް އޮތް ނަމަ، މަހްޒަރު ބަޔާން ހިއްސާކުރެވޭ ތާރީހުން ފެށިގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދޭ ފުރުސަތުގައި، މަހްޒަރު ބަޔާނުގައި މައްސަލައެއް ނެތްކަމަށް އަންގައިފި ނަމަ ނުވަތަ ދިން މުއްދަތުގައި ވަކިއެއްޗެއް އަންގައިފައި ނުވާ ނަމަ ބަޔާން ޓައިޕްކުރި މުވައްޒަފާއި ބަޔާން ޗެކްކުރި މުވައްޒަފު "މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުގެ (ނަންބަރު) މައްސަލައާ ގުޅިގެން (ތާރީހު) ގައި ބޭއްވި އަޑުއެހުމުގައި ދެއްކި ވާހަކަތައް ރެކޯޑިންގއާ އެއްގޮތަށް، އަކުރުން އަކުރަށް ލިޔެ މަހްޒަރުކޮށްފައިވާ ބަޔާނެކެވެ." މިގޮތަށް މަހްޒަރު ބަޔާނުގައި ލިޔެ، ސޮއިކޮށް ޓްރައިބިއުނަލުގެ ސިއްކަޖެހުމުން، އެއީ ސައްހަ ބަޔާނެއްކަމުގައި ބެލޭނެއެވެ.
(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދެވޭ ފުރުސަތުގައި، މަހްޒަރު ބަޔާނުގައި މައްސަލަތަކެއް ހުރިކަމަށް އަންގައިފި ނަމަ، ފާހަގަކުރި ކަންތައްތައް ރެކޯޑިންގ އަޑުއަހައި، އަލުން ޗެކުކުރުމަށްފަހު، ފާހަގަކުރި ކަންތައްތައް އިސްލާހުކުރަން ޖެހޭ ނަމަ، އެ ކަންކަން އިސްލާހު ކުރުމަށްފަހު، ބަޔާން ޓައިޕްކުރި މުވައްޒަފާއި ބަޔާން ޗެކްކުރި މުވައްޒަފު "މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިޒަނުގެ (ނަންބަރު) މައްސަލައާ ގުޅިގެން (ތާރީހު) ގައި ބޭއްވި އަޑުއެހުމުގައި ދެއްކި ވާހަކަތައް، ރެކޯޑިންގއާ އެއްގޮތަށް، އަކުރުން އަކުރަށް ލިޔެ މަހްޒަރުކޮށްފައިވާ ބަޔާނެކެވެ." މިގޮތަށް މަހްޒަރު ބަޔާނުގައި ލިޔެ، ސޮއިކޮށް ޓްރައިބިއުނަލުގެ ސިއްކަޖެހުމުން އެއީ ސައްހަ ބަޔާނެއްކަމުގައި ބެލޭނެއެވެ.
73 ވަނަ މާއްދާ - އޯޑިއޯ ރެކޯޑިންގ ނުވަތަ ވީޑިއޯ ރެކޯޑިންގ އަޑުއެހުން
ޑިވިޒަނުގައި ހިނގަމުންދާ މައްސަލައެއްގައި މައްސަލައިގެ ރެކޯޑިންގ އަޑުއެހުމަށް، މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ނަމަ އެ ރެކޯޑިންގ އަޑުއެހުމުގެ އިންތިޒާމު، ޓްރައިބިއުނަލުން ހަމަޖައްސައިދޭންވާނެއެވެ.
74 ވަނަ މާއްދާ - މައްސަލައިގެ ފައިލު އަރުށީފުކުރުން
ޑިވިޒަނުން މައްސަލައިގެ ނިންމުން އިއްވާ ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މައްސަލައިގެ އެންމެހައި ލިޔެކިޔުން ސްކޭންކުރުމަށްފަހު، އެ މައްސަލައިގެ ފައިލު، އަރުށީފުކުރުމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އަރުށީފުކުރަންވާނެއެވެ.
ސާދަވަނަ ބައި
އެހެނިހެން
75 ވަނަ މާއްދާ - ޑިވިޒަނުން ބެލުމަށް ތަހުވީލުވާ މައްސަލަތައް ބެލުން
ޑިވިޒަނުން ނިންމާ މައްސަލައެއް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރެވި، މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައަޅައި، ޑިވިށަނަށް ތަހްވީލުކުރާ މައްސަލަ، ތަހްވީލުކުރެވުނުކަން ޓްރައިބިއުނަލަށް އެންގުމުން، އެފަދަ މައްސަލައަށް އައު މައްސަލަ ނަންބަރެއް ދީ، ޑިވިށަނަށް ހުށަހެޅިފައިވާ މައްސަލައެއް ގޮތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
76 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ މައްސަލަތައް
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ މައްސަލަތަކާ ގުޅިގެން އަމަލުކުރާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް މައްސަލައެއް ހުށަހަޅައިފައިވާ ނަމަ، މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް އެ މައްސަލައެއް ހުށަހެޅުމަށް، ރަޖިސްޓްރާރ އަންގަންވާނެއެވެ. މިފަދައިން އެންގުމުން، ހުށަހަޅާ ފޯމުތައް ހުށަހެޅި ތާރީހެއްގެ ގޮތުގައި ބަލަންވާނީ، އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް އެ މައްސަލައެއް ހުށަހެޅި ތާރީހެވެ.
77 ވަނަ މާއްދާ - މުއްދަތު ގުނުން
މި ގަވާއިދުގައި ވަކިކަމެއް ކުރުމަށް މުއްދަތެއް ދީފައިވާ ނަމަ، އެ މުއްދަތު ގުނުމުގައި، އެ ކަމެއް ކުރުމަށް އަންގާ ދުވަހާއި، މުއްދަތު ހަމަވާ ދުވަސް ނުހިމެނޭނެއެވެ.
78 ވަނަ މާއްދާ - މި ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ ވަކި ކަމެއް މި ގަވާއިދާ އެއްގޮތަށް ތަންފީޒުކުރުމުގައި ދަތިވެއްޖެ ނަމަ އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުންނެވެ.
79 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ ބޭނުމަށް އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އައްޔަނުކުރާ ފަރާތަށެވެ.
(ށ) "ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދައިފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
(ނ) "ޑިވިށަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ގާއިމުކޮށްފައިވާ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުށަން ޑިވިށަނަށެވެ.
(ރ) "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2021-112 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު) ގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރަކަށެވެ.
(ބ) "އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-01 (އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ޅ) "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(ކ) "ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، އެ ގާނޫނު އުވައިލެވޭ ހިނދެއްގައި އެ ގާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގާނޫނުތައް ހިމެނޭގޮތުންނެވެ.
(އ) "ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2022-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެވޭ އެންމެހައި އިސްލާހުތަކާއި، ގަވާއިދު އުވައިލެވޭ ހިނދެއްގައި އެ ގަވާއިދުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވައިލެވޭ އެންމެހައި ގަވާއިދުތައް ހިމެނޭގޮތުންނެވެ.
(ވ) "ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޔޫނިއަންތަކަށެވެ.
(މ) "ބާ ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށެވެ.
80 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާންމު މަޖިލީހުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު
އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ގާނޫނު (ގާނޫނު ނަންބަރު 2024-01)
ކިޔުންތެރިންގެ ހިޔާލު