ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-85)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓު 2025 ގައި)
ތައާރުފާއި ނަމާއި މަގުސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، " ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރާއި، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަށް އެދުމާއި، ދައުވާކުރުމާ ގުޅޭ ތަފުސީލީ އިޖުރާއަތްތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު
(ހ) މީހެއްގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ކޮމިށަނަރ އޮފް ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.
(ށ) ކޮމިށަނަރ އޮފް ޕޮލިސް މިފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން އެނގޭނެ ލިޔެކިޔުންތައް ފުރިހަމަވާން ވާނެއެވެ.
- ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ތުހުމަތުކުރާ ކުށުގެ ޒާތާއި ބާވަތް؛
- ތުހުމަތާ ގުޅޭ ހެކި؛
- ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރިކޯޑު؛
- އަމުރުގެ ދަށުން އަޅަން ބޭނުންވާ ފިޔަވަޅުތައް؛
- ހުށަހެޅުމާ ގުޅޭ އިތުރު ތަފުސީލު.
4 ވަނަ މާއްދާ - އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުން
މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، މިފަދަ އަމުރަކަށް އެދުމުގެ ބޭނުން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ ނަމަ، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
5 ވަނަ މާއްދާ - ނޯޓިސް ދިނުން
(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު، އެ އަމުރު ނިސްބަތްވާ މީހާއަށް އެކަމުގެ ނޯޓިސް ދިނުމާއެކު ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ހުށަހެޅިދާނެއެވެ.
(ށ) އަމުރު ނިސްބަތްވާ މީހާއަށް ނޯޓިސް ދޭން ނިންމައިފި ނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެކަން އެންގުމުން، މި މާއްދާގެ ބޭނުމަށް ނޯޓިސް ދެވުނީކަމުގައި ބަލަންވާނެއެވެ.
- ތުހުމަތުކުރެވޭ މީހާގެ ދާއިމީ އެޑްރެހަށް ފޮނުވާ ލިޔުން؛
- ތުހުމަތުކުރެވޭ މީހާގެ މޮބައިލް ފޯނު ނަންބަރަށް ނުވަތަ ވައިބަރ ނުވަތަ ވަޓްސްއަޕް ނުވަތަ އެނޫންވެސް ޒަރީއާއަކުން ފޮނުވާ މެސެޖަކުން؛
- ތުހުމަތުކުރެވޭ މީހާގެ އީމެއިލް އެޑްރެހަށް ފޮނުވާ އީމެއިލް.
6 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރެފައިވާ މީހުންގެ ހާލަތު ބެލުން
މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ރައްދުވާ މީހާ އެ އަމުރާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު އެނގޭނެ ރިޕޯޓެއް، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކޮންމެ 3 (ތިނެއް) މަހަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންވާނެއެވެ.
7 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކުރުން
(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރެދިން ހާލަތު ދެމިއޮތްކަން ނުވަތަ ނޫންކަން ވަޒަންކުރުމަށް ޓަކައި އެ އަމުރު ނެރޭ ތާރީހުން ފެށިގެން ކޮންމެ 3 (ތިނެއް) މަހަކުން އެ އަމުރު މުރާޖައާކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މުރާޖައާކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ނ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކުރުމަށްފަހު އެ އަމުރެއް ނިމުމަކަށް ގެނައުމަށް ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެކަން ކޯޓަށް އެންގުމަށްފަހު، އެ އަމުރު ނިމުމަކަށް ގެނެވިދާނެއެވެ.
(ރ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކުރުމަށްފަހު، އެ އަމުރު ނެރެދިން ހާލަތު ދެމިއޮތްތޯ ބަލާއިރު، އެ ހާލަތު ހެޔޮ ގޮތުގައި ބަދަލުވެފައިވާ ނަމަ، އެ އަމުރުގައި އެކުލެވޭ ފިޔަވަޅުތައް ލުއިކުރުމަށް ނިންމިދާނެއެވެ.
(ބ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކުރުމަށްފަހު، އެ އަމުރުގައި އެކުލެވޭ ފިޔަވަޅުތައް ލުއިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އެކަން ކޯޓަށް އަންގަންވާނެއެވެ.
8 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުން
(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން އެ އަމުރުގެ މުއްދަތު އިތުރުކުރަންޖެހޭ ހާ ލަތެއް އޮތްކަމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ގަބޫލުކުރެވިއްޖެ ނަމަ، އެ އަމުރުގެ މުއްދަތު ހަމަވުމުގެ 1 )އެކެއް( މަސްދުވަހުގެ އަމުރުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ށ) ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ހުށަހެޅުމުގައި މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ހިމަނައިފައިވާ ކަންކަމުގެ އިތުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރެފައިވާ މީހެއްގެ ފުށުން މުޖުތަމައަށް އޮތް ނުރައްކާ ފިލައިނުދާކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރާ ހިލާފުވުން
މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ރައްދުވާ މީހާ އެ އަމުރާ ހިލާފުވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބޭތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ވާނެއެވެ.
އިންތިޒާމުވެގެން ހިންގާ ގްރޫޕްތަކުގެ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރު
10 ވަނަ މާއްދާ - ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރު
އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕުތަކުގެ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
11 ވަނަ މާއްދާ - އަމުރަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން
(ހ) ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ ކުއްޖަކު، އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކުން ކުރާ އަނިޔާވެރި އަމަލެއްގައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެފައިވާކަމަށް ނުވަތަ އެހީތެރިވެފައިވާކަމަށް ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދީފައިވާކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެން މިއިން ކަމެއްގައި ބައިވެރިވުން ހުއްޓުވުމުގެ އަމުރެއް ކުއްޖާގެ މައްޗަށް ނެރެދިނުމަށް ނުވަތަ ކުޑަކުއްޖަކު މިއިން ކަމަކުން ރައްކާތެރިކުރަންޖެހޭކަމަށް ފުލުހުންނަށް ގަބޫލުކުރެވިގެން މިއިން ކަމަކުން ކުއްޖާ ރައްކާތެރިކުރުމުގެ އަމުރެއް ހޯދުމަށް،ކޯޓަށް ހުށަހަޅައިދިނުމަށް އެދި ކޮމިށަނަރ އޮފް ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.
(ށ) ކޮމިށަނަރ އޮފް ޕޮލިސް މިފަދައިން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން އެނގޭނެ ލިޔެކިޔުންތައް ފުރިހަމަވާން ވާނެއެވެ.
- ކުއްޖާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުން؛
- ކުއްޖާގެ ބެލެނިވެރިޔާއަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުން؛
- ކުއްޖާއާ ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން ތައްޔާރުކޮށްފައިވ،ާ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ސޯށަލް އިންކުއަރީ އެސެސްމެންޓް؛
- ކުއްޖާއާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ރިސްކް އެސެސްމެންޓް ރިޕޯޓް ނުވަތަ އިނީށަލް އެސެސްމެންޓް ރިޕޯޓް؛
- ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކުރެވިފައިވާ މަސައްކަތްތައް؛
- ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ ދަށުން ތަހުގީގެއް ހިންގިފައިވާކަން ނުވަތަ ނޫންކަން އެނގޭނެ ލިޔެކިޔުންތަކާއި އެފަދަ ތަހުގީގެއް ހިންގިފައިނުވާ ނަމަ އޭގެ ސަބަބުތައް؛
- ކުއްޖާ ހައްޔަރުކުރެވުނު ކަމާއި ބަންދުކުރެވުނުކަން އެނގޭނެ ލިޔުމާއި، ކުއްޖާގެ ކުށުގެ ރެކޯޑާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ކުއްޖާއާ މެދު އަޅައިފައި ހުރި ފިޔަވަޅުތަކާއި ކުރެވިފައިވާ މަސައްކަތްތައް؛
- ކުއްޖާ ބައިވެރިވެފައިވަނީ ނުވަތަ ރައްކާތެރިކުރަންޖެހޭ ކަމަށް ފެންނަނީ އިންތިޒާމުވެގެން ހިންގާ ކޮން ގްރޫޕަކުން ހިންގާ އަމަލެއްގައިކަން؛
- ކުއްޖާ ބައިވެރިވެފައިވާކަމަށް ބެލެވޭ އަމަލު؛
- މިފަދަ އަމަލަކުން ކުއްޖާ ރައްކާތެރިކުރަންޖެހޭ ކަމަށް ފެންނަ ސަބަބުތައް؛
- އިންތިޒާމްވެގެން ކުށްކުރާ ގްރޫޕެއްގެ ހަރަކާތެއްގައި ކުއްޖާ ބައިވެރިވާކަން ނުވަތަ ބައިވެރިކުރަން އުޅޭކަން އެނގޭނެ އިންޓެލިޖެންސް ރިޕޯޓެއް ނުވަތަ ކުއްޖާއަކީ އިންތިޒާމުވެގެން ހިންގާ ގްރޫޕަކާ ބައިވެރިވުމެއް އޮތް ކުއްޖެއްކަން އެނގޭނެ އެހެން ހެކި؛
- އަމުރުގައި ހިމަނަންޖެހޭކަމަށް ފެންނަ މުހިންމު ށަރުތުތައް؛
- އަމުރުގެ ދަށުން ކުއްޖާގެ މައްޗަށް ކަމެއް ލާޒިމްކުރުން މުހިންމުކަމަށް ފުލުހުންނަށް ފެނިއްޖެ ނަމަ، ލާޒިމްކުރަން ފެންނަ ކަންކަން އެނގޭނެގޮތަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ އިންޓަވެންށަން ޕްލޭން؛
- ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ކުއްޖާއާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން މަސައްކަތްކުރާނެ ގޮތުގެ ޕްލޭން؛
- ޕޮލިސް އިންޓަރެކްށަން ރިޕޯޓް؛
- ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތުގައި ކުއްޖާގެ ބެލެނިވެރިކަމާ ހަވާލުވެ ހުންނާނެ ފަރާތެއްގެ މައުލޫމާތާއި، ކުއްޖާ ހުންނާނެ ތަނުގެ މައުލޫމާތު؛
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ މަށްވަރާކުރުމަށްފަހު، މިފަދަ އަމުރެއް ނެރުމަކީ ކުއްޖާގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތްކަމުގައި ވާނަމައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރެއްގައި ހިމަނަން ފެންނަ ށަރުތުތަކާއި ކުއްޖާގެ މައްޗަށް ލާޒިމްކުރަން ފެންނަ ކަންކަން ނިންމަންވާނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ މަށްވަރާކުރުމަށްފަހުގައެވެ.
12 ވަނަ މާއްދާ - އަމުރު ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅުން
އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕްތަކުގެ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ކުޑަކުދިންގެ ރައްކާތެރިކުރުމަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، މިފަދަ އަމުރަކަށް އެދުމުގެ ބޭނުން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ ނަމަ، އެފަދަ އަމުރެއް ނެރެދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.
13 ވަނަ މާއްދާ - ކުއްޖާއަށް ނޯޓިސް ދިނުން
އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕްތަކުގެ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ކުޑަކުދިންގެ ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފި ނަމަ، އަދި އެކަމުގެ މައުލޫމާތު ކުއްޖާއަށް ދުރާލައި ފޯރުކޮށްދީފި ނަމަ، ކުއްޖާގެ ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވޭ ނަމަ، ދުރާލައި ނޯޓިސް ދިނުމަކާ ނުލައި މިފަދަ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅިދާނެއެވެ.
14 ވަނަ މާއްދާ - ކޯޓު އަމުރުގައި ށަރުތުކުރެވިދާނެ ކަންކަން
ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކުއްޖާ ކުށުން ދުރުކުރުވުމަށް ޓަކައި ކުއްޖާގެ މައްޗަށް ކަނޑައަޅަން މުހިންމުކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ފެންނަ ށަރުތުތައް ހިމެނުމަށް ކޯޓުގައި އެދެވިދާނެއެވެ.
15 ވަނަ މާއްދާ - ވަގުތީ އަމުރަކަށް އެދުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން، އެފަދަ އަމުރެއް ނެރުމަކީ އެ ހިނދަށް މުހިންމު ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމަންދެން ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ވަގުތީ އަމުރަކަށް އެދޭއިރު، އެ އަމުރު ނެރުމުގެ ޒަރޫރަތްތެރިކަން އޮތްކަމަށް ދެކޭ ސަބަބުތައް ކޯޓާ ހިއްސާކުރަންވާނެއެވެ.
16 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު ހިއްސާކުރުން
މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ކުޑަކުއްޖެއްގެ މައްޗަށް ކޯޓުން ނެރެފި ނަމަ، އެ އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އަމުރުގެ ކޮޕީއެއް ކުއްޖާގެ ބެލެނިވެރިޔާއަށާއި ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރާ އިދާރާތަކަށާއި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަންވާނެއެވެ.
17 ވަނަ މާއްދާ - އަމުރު ތަންފީޒުކުރުމާއި މޮނިޓަރކުރުން
(ހ) ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ކުއްޖާގެ މައްޗަށް ލާޒިމްކުރާ ކަންކަން ތަންފީޒުކުރާނީ، އިންޓަވެންށަން ޕްލޭނާ އެއްގޮތަށް،ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
(ށ) ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން ކުއްޖާގެ މައްޗަށް ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް ކުއްޖާ އުޅެމުންދާކަން ނުވަތަ ނޫންކަން މޮނިޓަރކުރާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
(ނ) އިންޓަވެންށަން ޕްލޭނުގައިވާ ކަންކަން ކުއްޖާ ފުރިހަމަކުރަމުން ގެންދާގޮތް، ކޮންމެ 3 (ތިނެއް) މަހަކުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަންވާނެއެވެ.
18 ވަނަ މާއްދާ - ކުއްޖާގެ ކޮމްޕްލަޔަންސް ރިޕޯޓު ތައްޔާރުކުރުން
(ހ) ރައްކާތެރިކުރުމުގެ އަމުރާ އެއްގޮތަށް ކުއްޖާ އަމަލުކުރަމުންގެންދާ މިންވަރު އެނގޭނެ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުންނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން، ކޮންމެ 3 (ތިނެއް) މަހަކުން ކޮމްޕްލަޔަންސް ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ހިއްސާކުރަންވާނެއެވެ.
(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މި ރިޕޯޓު ލިބުމުން، ވީ އެންމެ އަވަހަކަށް ހައިކޯޓަށް ފޮނުވަންވާނެއެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުން
19 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން
(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނީ ލިޔުމުންނެވެ. މި ހުށަހެޅުމުގައި، އެކަމަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައިފައިވާ މައުލޫމާތު ހިމެނޭ ނަމަ، އެ މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސްކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުން
ވަކި ޖަމާއަތަކީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފި ނަމަ، އަދި އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމުން ލިބޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.
21 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅި ކަނޑައެޅުން ބަދަލުކުރުމާއި ބާތިލުކުރުން
(ހ) ވަކި ޖަމާއަތަކީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފައިވަނިކޮށް،އެ ކަނޑައެޅުމަށް ބަދަލުގެންނަން ޖެހޭކަމަށް ނުވަތަ ބާތިލުކުރަން ޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ކަނޑައެޅުން ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޯޓުން ކުރިން ނިންމައިފައިވާ ނިންމުމަކަށް ބަދަލެއް ގެނެސްފި ނަމަ، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.
ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއް ކަމަށް ކަނޑައެޅުން
22 ވަނަ މާއްދާ - ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުން
ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނީ ލިޔުމުންނެވެ.
23 ވަނަ މާއްދާ - ނޯޓިސް ދިނުން
(ހ) ނުހައްގުން ހޯދައިފައިވާ މުއްސަނދިކަމެއްކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާއިރު ތުހުމަތުކުރެވޭ ފަރާތަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ.
(ށ) ހުށަހެޅުން ރައްދުވާ މީހާއަށް އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެކަން އެންގުމުން، މި މާއްދާގެ ބޭނުމަށް ނޯޓިސް ދެވުނީކަމުގައި ބަލަންވާނެއެވެ.
- ތުހުމަތުކުރެވޭ މީހާގެ ދާއިމީ އެޑްރެހަށް ފޮނުވާ ލިޔުން؛
- ތުހުމަތުކުރެވޭ މީހާގެ މޮބައިލް ފޯނު ނަންބަރަށް ނުވަތަ ވައިބަރ، ނުވަތަ ވަޓްސްއަޕް ނުވަތަ އެނޫންވެސް ޒަރީއާއަކުން ފޮނުވާ މެސެޖަކުން؛
- ތުހުމަތުކުރެވޭ މީހާގެ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް. ދައުވާކުރުމާގުޅޭ އިޖުރާއަތްތައް
24 ވަނަ މާއްދާ - ބަންދު މުރާޖައާކުރުން
ގާނޫނުގެ ދަށުން ތަހުގީގުކޮށް ހުށަހެޅޭ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ށަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނަމަ، އެ މީހެއްގެ ބަންދު، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖައާކުރަމުން ގެންދަންވާނެވެ.
25 ވަނަ މާއްދާ - ތަހުގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތު
(ހ) ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށ،ް ބަންދާމެދު ގޮތެއް ކަނޑައަޅައިއިވާ މީހެއްގެ މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ގުނުމުގައި ރިއާޔަތްކުރާނީ ގާނޫނުގެ 59 ވަނަ މާއްދާއަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، އެނޫން ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ގުނުމުގައި ރިއާޔަތްކުރާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 94 ވަނަ މާއްދާއަށެވެ.
26 ވަނަ މާއްދާ - ތަހުގީގުކުރުމުގެ މުއްދަތު އިތުރުކުރުން
(ހ) ތަހުގީގުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހަޅަންވާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ށ) ތަހުގީގުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ފޯމުގައި، މުއްދަތު އިތުރުކޮށްދޭން އެދޭ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހަޅާ ސަބަބުތަކަށް ބަލައި، މުއްދަތު އިތުރުކޮށްދޭން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފޯމުގައި އެފަދައިން ނިންމި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
27 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން
ގާނޫނުގެ 18 ވަނަ މާއްދާއާއި 33 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅިގެން އިއުތިރާފުގެ އެއްބަސްވުމެއް ނުވެވޭނެއެވެ.
28 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތައް
ގާނޫނަށް އަމަލުކުރަން ފަށާއިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ މައްޗަށް ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކެއް ނުހިނގާނެއެވެ.
29 ވަނަ މާއްދާ - މާނަކުރުން
"ގާނޫނު"ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އާއި، އެ ގާނޫނަށް ގެންނަ އެންމެހައި އިސްލާހުތައް ހިމެނޭގޮތުންނެވެ.
30 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު