ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ގާނޫނު ނަންބަރު 1996-10) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2025-83)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 އޮގަސްޓް 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 246 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތައް އުވައިލުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމާއި، ބުނެވިދިޔަ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ ކުންފުނިތަކުން، ކުންފުނި އުވައިލުމަށް ކަނޑައަޅައިފައި އޮތް އޮތުން ބާތިލުކޮށް، އަލުން ހަރަކާތްތެރިވުމަށް އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމަށް ޓަކައި އެ ގާނޫނުގެ 246 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތައް އުވައިލުމާއި، ކުންފުނި އުވައިލުމަށް ކަނޑައަޅައިފައި އޮތް އޮތުން ބާތިލުކޮށް އަލުން ހަރަކާތްތެރިވެވޭނެ އިޖުރާއަތުތައް ބަޔާންކުރުމާއި، ކުންފުނީގެ ގާނޫނުގެ 246 ވަނަ މާއްދާގެ ދަށުން ކުންފުނި އުވައިލައި ކުންފުނީގެ ނަން ދަފުތަރުން އުނިކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތު ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ހިންގާނީ ރަޖިސްޓްރާރ އެވެ.
4 ވަނަ މާއްދާ - އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިތައް އާންމުކޮށް އިއުލާނުކުރުން
(ހ) ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކުގެ ލިސްޓު، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ރަޖިސްޓްރާރގެ ވެބްސައިޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އިއުލާނުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު؛
- ކުންފުނީގެ ނަން؛
- އުވައިލުމަށް ކަނޑައަޅައިފައިވާ ސަބަބު.
(ނ) އުވައިލުމަށް ކަނޑައަޅާ އެއްވެސް ކުންފުންޏެއް އެގޮތަށް ކަނޑައަޅައިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކަށް ބިނާކޮށްކަން މި މާއްދާގެ (ހ) ގެ ދަށުން ކުރާ އިއުލާނުގައި ބަޔާންކުރަންވާނެއެވެ.
- ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުންފުނީގެ އަހަރީ ފީ ދައްކައިފައިނުވުން.
- ކުންފުނިން ކުރުމަށް ކަނޑައަޅައިފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އެ ކުންފުނި ރަޖިސްޓަރީކުރި ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވުން.
- އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅައިފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރާތާ 2 (ދޭއް) އަހަރުދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައިވުން
- އަހަރީ ހިސާބު ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކައިފައިނުވާ، އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ހިސާބުތައް ހުށަހަޅައިފައިނުވާ ކުންފުންޏެއް ކަމުގައި ވުން؛
- ޑިރެކްޓަރުންގެ އަހަރީ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކައިފައިނުވާ، އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިނުވާ ކުންފުންޏެއް ކަމުގައި ވުން؛
- އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ ދައްކައިފައިނުވާ، އަދި ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓަރުގެ އަހަރީ ރިޕޯޓު ހުށަހަޅައިފައިނުވާ ކުންފުންޏެއް ކަމުގައި ވުން.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އާންމުކުރާ ލިސްޓަށް ކުންފުނި އިތުރުކުރުމުގެ ބާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. މި ގޮތުން ލިސްޓުގައި އިތުރު ކުންފުންޏެއް ހިމަނާ ނަމަ، އެ ކުންފުންޏެއްގެ ނަން ލިސްޓަށް އިތުރުކުރެވުނު ތާރީހުން ފެށިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް އެ ކުންފުންޏަކާ ގުޅޭގޮތުން ރަޖިސްޓްރާރ ދޭންވާނެއެވެ.
5 ވަނަ މާއްދާ - ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ އިއުލާނުގައި، އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކުގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބަލަންވާނެއެވެ. މިގޮތުން، ރަޖިސްޓްރާރ ކުރާ އިއުލާނުގެ ދަށުން އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިތަކުގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްކަން ބަޔާންކޮށް، ރަޖިސްޓްރާރއަށް ހުށަހެޅުމަށް، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ކުރާ އިއުލާނާ ގުޅިގެން އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ކުންފުނީގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތް ނަމަ، އެ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. މިފަދަ ހުށަހެޅުމެއް ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ދަރަނި ނުވަތަ ދައުވާގެ ތަފުސީލު ހިމެނޭ ލިޔުން؛
- ދަރަނި ނުވަތަ ދައުވާއާ ގުޅޭގޮތުން ކޯޓުން ނިންމުމެއް ނިންމައިފައިވާ ނަމަ، އެ ނިންމުން؛
- ދަރަނި ނުވަތަ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ އެހެނިހެން ލިޔުން.
(ނ) އެ ކުންފުންޏަކާ ދެކޮޅަށް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްކަމަށް ބަޔާންކޮށް، އިއުލާނުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރަޖިސްޓްރާރއަށް ހުށަހަޅައިފި ނަމަ، އެ ކުންފުންޏެއް އުވައިލުމުގެ މައްސަލަ ރަޖިސްޓްރާރ ކޯޓަށް ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ - ކުންފުނިތައް އުވައިލައި ދަފުތަރުން އުނިކުރުން
(ހ) މި ގަވާއިދުގެ ދަށުން ކުރާ އިއުލާނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، އެ ކުންފުންޏަކާ ގުޅޭގޮތުން މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައި ނުވާ ނަމަ، ރަޖިސްޓްރާރ ކުރާ އިއުލާނުގެ މުއްދަތު ހަމަވުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ކުންފުންޏެއް އުވައިލަންވާނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުންފުންޏެއް އުވައިލައިފި ނަމަ، އެ ކުންފުންޏެއްގެ ނަން ރަޖިސްޓްރާރގެ ދަފުތަރުން އުނިކޮށް، އެކަން އާންމުކޮށް އިއުލާނުކުރަންވާނެއެވެ. އަދި އެ ކުންފުންޏެއް "ޑިސޯލްވްޑް" (Dissolved) ކުންފުންޏެއްގެ ގޮތުގައި، ކުންފުނިތަކުގެ ދަފުތަރުގައި ރިކޯޑުކުރަންވާނެއެވެ.
7 ވަނަ މާއްދާ - އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިތަކުން އަލުން ހަރަކާތްތެރިވުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާރ އުވައިލުމަށް ކަނޑައަޅައިފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏަކުން، އުވައިލުމަށް ކަނޑައަޅައިފައި އޮތް އޮތުން ބާތިލުކޮށް އަލުން ހަރަކާތްތެރިވެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިސްޓު އާންމުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.
- 31 ޑިސެންބަރު 2023 އާ ހަމަޔަށް ކުންފުނިން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާ ދެއްކުމަށްފަހު، ފައިސާ ދައްކައިފައިވާކަން ބަޔާންކޮށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ރަސީދު؛
- އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ހުށަނޭޅުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު، ފައިސާ ދައްކައިފައިވާކަން ބަޔާންކޮށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ރަސީދު
- އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުގެ ރިޕޯޓު
- ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގަރާރު
(ށ) މި މާއްދާގެ ދަށުން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭ އެއްވެސް ކުންފުންޏަކުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، ރަޖިސްޓްރާރއަށް ހުށަހެޅުމުން ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކުރީގެ ގާނޫނުގެ ދަށުން ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައި އޮތް އޮތުން ބާތިލުކޮށް، ހަރަކާތްތެރިވާ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏެއް ކުންފުނިތަކުގެ ދަފުތަރުގައި ދަފުތަރުކުރަންވާނެއެވެ.
8 ވަނަ މާއްދާ - މާނަކުރުން
(ހ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ "ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް" އަށެވެ.
(ށ) "ކުންފުނިތަކުގެ ދަފުތަރު" (ނުވަތަ "ރަޖިސްޓްރާރގެ ދަފުތަރު") ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރަށެވެ.
(ނ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، މާލޭގައި ނަމަ، ގާނޫނު ނަންބަ 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނަމަ، އެ ކޯޓަކަށް ލިބިފައިވާ އިހްތިސާސްއާ އެއްގޮތަށް، އެ ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު