ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިށްތިހާރުކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2025-77)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 އޯގަސްޓް 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 3-45 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 52 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިށްތިހާރުކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) މި ގަވާއިދުގެ މަގުސަދުތަކަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބޭރުދުނިޔޭގައި ދައްކާ އިށްތިހާރުތަކުގައި ހިމެނޭ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ފުށުއެރުމެއް ނެތް މައުލޫމާތުކަން ކަށަވަރުކުރުން.
(ށ) ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނާއި، އެ ތަންތަނުގެ ވަށައިގެންވާ މާހައުލާއި، ލިބެން ހުންނަ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު އާންމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނޭ ގޮތެއްގެ މަތީން، ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ތަސައްވަރުކޮށްދިނުން.
(ނ) ފަތުރުވެރިކަން އިށްތިހާރުކުރުމުގައި ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒިންމާދާރުކަމާއެކު އިށްތިހާރުކުރުން.
(ރ) ޑިޖިޓަލް މީޑިއާއާއި އެކިއެކި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ފަތުރުވެރިންނަށް އޮޅުވައިލައި އެ މީހުންގެ ފައިސާ ނަހަމަގޮތުގައި ހޯދުމަށް މަސައްކަތްކުރާ ތަފާތު ނޭދެވޭ އަމަލުތަކުން ފަތުރުވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކައުތެރިކޮށްދިނުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާ ދާއިރާ
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައިވާ އުސޫލުތައް ހިނގާނީ އަންނަނިވި ތަންތަނުގެ މައްޗަށެވެ.
(ހ) ޓޫރިސްޓް ރިޒޯޓު.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު.
(ނ) ޕްރައިވެޓް އައިލެންޑް.
(ރ) ޓޫރިސްޓް ހޮޓާ.
(ބ) ޓޫރިސްޓް ގެސްޓްހައުސް.
(ޅ) ޓޫރިސްޓް އުޅަނދު.
(ކ) ޔޮޓު ބަނދަރު.
(އ) ފީނުމުގެ ހިދުމަތްދޭ ތަންތަން.
(ވ) މޫދާއި މޫދާ ގުޅުންހުރި ކުޅިވަރާއި، ފެނުގައި ހިންގޭ އެކި ކުޅިވަރުތަކާއި، އެކްސްކަރށަންތަކުގެ ހިދުމަތްދޭ މަރުކަޒު.
(މ) މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ތަންތަނުގެ އިތުރުން ވެސް، ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އެހެނިހެން ތަންތަން. މީގެ ތެރޭގައި، މަތީގައި ލިސްޓުކޮށްފައިވާ ތަންތަނުގެ އިތުރުން، ވަކިން ހިންގުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ އެންމެހައި ތަންތަން ހިމެނެއެވެ.
4 ވަނަ މާއްދާ - ހުއްދަ ހޯދުން
(ހ) ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިށްތިހާރުކުރަންވާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަނެއް ގެ ގޮތުގައި ހިންގުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީގެ ހުއްދަޔާއެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން އިށްތިހާރުކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ ޕޯޓަލެއް މެދުވެރިކޮށް ފޯމު ހުށަހަޅަންވާނެއެވެ. އަދި މި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ ޕޯޓަލުގައި ބަޔާންކޮށްފައިވާނެއެވެ.
5 ވަނަ މާއްދާ - އިށްތިހާރުކުރުމުގެ މިންގަނޑުތައް
ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިށްތިހާރުކުރުމުގައި، އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
(ހ) އިށްތިހާރުކުރަންވާނީ ރަޖިސްޓަރީ އާއި އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތަށެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ މަރުހަލާގައިވާ ތަންތަން އިށްތިހާރުކުރަންވާނީ އަންނަނިވި ގޮތަށެވެ.
- މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަން އިށްތިހާރުކުރަންވާނީ، އެ ތަންތަން ކުއްޔަށް ދިނުމަށް މިނިސްޓްރީއާއި ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅައިފައިވާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން އިށްތިހާރުކުރަންވާނީ މިނިސްޓްރީން ގަބޫލުކުރާ ދަރަޖައާ ނުވަތަ ގިންތިއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- އިށްތިހާރުކުރުމުގައި އެ ތަނެއްގެ ދަރަޖަ ނުވަތަ ގިންތި ރަނގަޅަށް ދޭހަވާ ގޮތަށް މައުލޫމާތު ހާމަކުރަންވާނެއެވެ.
(ނ) ޓޫރިސްޓް ހިދުމަތްދޭ ތަނާއި، އެ ތަނުން ލިބޭ ހިދުމަތްތަކާ ގުޅޭގޮތުން ދޭ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ހަގީގަތާ އެއްގޮތްވާ މައުލޫމާތު ކަމުގައި ވާންވާނެއެވެ.
(ރ) ޓޫރިސްޓް ހިދުމަތްދޭ ތަނެއްގެ ވަށައިގެންވާ ގުދުރަތީ މާހައުލާ ގުޅޭގޮތުން ނުވަތަ ދިވެހިރާއްޖޭގެ ގުދުރަތީ އެހެނިހެން ސަރަހައްދަކާ ގުޅޭގޮތުން ދޭ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ހަގީގަތާ އެއްގޮތްވާ މައުލޫމާތު ކަމުގައި ވާންވާނެއެވެ.
(ބ) ޓޫރިސްޓް ހިދުމަތްދޭ ތަނުގެ ވަށައިގެންވާ ސަރަހައްދާއި، އެ ސަރަހައްދުން ލިބެންހުރި ހިދުމަތްތަކާ ގުޅޭގޮތުން ދޭ މައުލޫމާތަކީ ފުރިހަމަ އަދި ތެދު މައުލޫމާތު ކަމުގައި ވާންވާނެއެވެ.
(ޅ) އިށްތިހާރުތަކުގައި ހިމެނޭ ހިޔާލުތަކާއި ތަސައްވަރުކޮށްދޭ ކަންކަމާއި މައުލޫމާތު އެކުލަވައިލަންވާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ކ) އިށްތިހާރުކުރަންވާނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(އ) އިށްތިހާރުކުރުމުގައި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާބެހޭ މައުލޫމާތު ސާފުކޮށް ބަޔާންކުރަން ވާނެއެވެ.
(ވ) ވެލްނަސް ޓޫރިޒަމްގެ އާދަތައް ގެންގުޅޭ ތަންތަނުން، އެ އާދަތަކާބެހޭ ހަގީގީ ތަފުސީލުތަކާއި ހެކިތައް، ހާމަކަން ބޮޑުގޮތެއްގައި ސާފުކޮށް ބަޔާންކުރަންވާނެއެވެ.
6 ވަނަ މާއްދާ - ޑިޖިޓަލް އިށްތިހާރުކުރުމުގެ މިންގަނޑުތައް
ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ޑިޖިޓަލް އިށްތިހާރުކުރުމުގައި އަންނަނިވި މިންގަނޑުތައް ހިފަހައްޓަންވާނެއެވެ.
(ހ) ސޯށަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރާ އިށްތިހާރުތަކުގައި، އެއީ އިށްތިހާރެއްކަން ސާފުކޮށް އެނގޭނޭހެން ފާހަގަކޮށް ހާމަކުރުން.
(ށ) ހަގީގަތާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ބޭނުންނުކުރުން.
(ނ) ހަގީގަތާ ހިލާފު އޮންލައިން ރިވިއުތަކާއި، ކޮމެންޓްތަކާއި، ރޭޓިންގތައް ނެހެދުމާއި ނުދެއްކުން.
(ރ) އާޓިފިށަލް އިންޓެލިޖެންސް (އޭ.އައި) ނުވަތަ މެށިން ލާރނިންގ ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ބޭނުންކުރާ ނަމަ، އެކަން ސާފުކޮށް ހާމަކުރުން.
(ބ) އިށްތިހާރުކުރުމުގައި ބޭނުންކުރާ ކޮންޓެންޓަކީ އިށްތިހާރުކުރާ ފަރާތުގެ އަމިއްލަ ކޮންޓެންޓަކަށްވުން ނުވަތަ ގާނޫނު ނަންބަރު 2010-23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު) އާ ހިލާފުނުވާ ކޮންޓެންޓެއްކަން ޔަގީންކުރުން.
7 ވަނަ މާއްދާ - އިށްތިހާރުކުރުމުގައި ނަން ބޭނުންކުރުން
ފަތުރުވެރިކަމާ ގުޅުންހުރި ތަންތަން އިށްތިހާރުކުރުމުގައި، ހިދުމަތްދޭ ތަންތަނުގެ ނަންތައް ބޭނުންކުރަންވާނީ ރަޖިސްޓަރީކޮށް ގެން، އަންނަނިވި ގޮތަށެވެ.
(ހ) ވަކި ރަށެއްގައި ގާއިމުކޮށްފައިވާ ތަނެއް ނަމަ، ރަށުގެ ނަމާއި، އަތޮޅުގެ ނަމާއި، އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ނަން ބަޔާންކުރުން.
(ށ) މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ތަނެއް ނަމަ، ރަށުގެ ނަމާއި، އަވަށުގެ ނަމާއި، އަތޮޅުގެ ނަން ފަތުރުވެރިޔާއަށް އެނގި އޮޅުންފިލާ ފަދަ ގޮތަކަށް ސާފުކޮށް ބަޔާންކުރުން.
8 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އެޅޭ އިދާރީ ފިޔަވަޅާއި ޖޫރިމަނާ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނާއި ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށް ތަރައްގީކުރަމުން އަންނަ ތަންތަނާއި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ނުވަތަ އަމިއްލަ ބިންތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަނުން މި ގަވާއިދާ ހިލާފުވެއްޖެ ނަމަ، އަންނަނިވި ގޮތަށް ފިޔަވަޅު އެޅޭނެއެވެ.
(ހ) 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިށްތިހާރު ނެގުމަށް، އިށްތިހާރުކުރާ ފަރާތަށް ލިޔުމުން އެންގުމާއެކު، މި އެންގުމުގައި އެ އިށްތިހާރު ގަވާއިދާ ހިލާފުވާ ގޮތް ތަފުސީލުކޮށް ބަޔާންކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިށްތިހާރު ނަގައިފައިނުވާ ނަމަ، އަންނަނިވި ގޮތަށް ޖޫރިމަނާކުރުމުގެ އިހުތިޔާރ،ު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު: 10,000 (ދިހަހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން؛
- ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު: 50,000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން؛
- ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު: 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން؛
(ނ) ތިންފަހަރަށް ވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން އެންގުމަކާ ނުލައި، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
9 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ އިރެއްގައި ކަނޑައަޅައިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން" ނުވަތަ "ޓޫރިސްޓް ހިދުމަތްދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.
(ނ) "ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނާއި، އެފަދަ ތަންތަން ބިނާކޮށްފައިވާ ރަށަކުން ނުވަތަ އަތޮޅަކުން ނުވަތަ އެފަދަ ހިސާބަކުން ނުވަތަ ފަތުރުވެރިޔާގެ ދަތުރުގެ ހިދުމަތެއް ފޯރުކޮށްދޭން ހަމަޖެހިފައިވާ ހިސާބަކުން ފަތުރުވެރިންނަށް ލިބިދޭ ފަދަ ހިދުމަތްތަކަށެވެ.
(ރ) އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެނޫންވެސް މީޑިއަމެއް މެދުވެރިކޮށް، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި އެ ހިދުމަތެއްގެ މަގްބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތަށެވެ.
”ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލަށް ނިސްބަތްކޮށެވެ.
10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު