gaanoon_logo
-

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-34)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 އެޕްރީލް 2025 ގައި)

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ރަޖިސްޓަރީކުރުން 4.

(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ ކޮންމެ އުޅަނދެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ، މި ގަވާއިދުގެ އެނެކްސް 1 ގައިވާ "އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމު" މެދުވެރިކޮށް، އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށެވެ.

(ށ) އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ފޯމު ހުށަހަޅާއިރު، އެދޭ ހިދުމަތާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ނ) އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަ ކޮށްފައިވާ އެއްގަމު އުޅަނދުގެ ހިދުމަތަށް އެދޭ ފޯމު؛
  2. އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ؛
  3. އިމްޕޯޓު ޑިއުޓީ ދައްކަންޖެހޭ އުޅަނދެއް ނަމަ، ޑިއުޓީ ދެއްކިކަމުގެ ލިޔުން؛
  4. ރޯޑުވާދިނަސް ރިޕޯޓު؛
  5. 0A1،A ގިންތީގެ އުޅަނދު ފިޔަވައި އެހެނިހެން އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ނަމަ، އެ އުޅަނދެއް ގަރާޖުކުރުމަށް ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ އުޅަނދު ގަރާޖު ކުރުމުގެ ހުއްދަ؛
  6. ކުންފުންޏެއްގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކުރާ އުޅަނދެއް ނަމަ، އެކަން އެނގޭނެ ކުންފުނީގެ ލިޔުން.

(ރ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި، ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުން ހުށަހެޅުމުންނެވެ. މި މާއްދާގައިވާ އުޅަނދުތަކުގެ މާނައިގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކުރެވިފައިވާ 2 (ދޭއް) ފުރޮޅުލީ ސައިކަލާއި، 3 (ތިނެއް) ފުރޮޅުލީ ސައިކަލާއި، 4 (ހަތަރެއް) ފުރޮޅުލީ ސައިކަލެއް ނުހިމެނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާ ގަރާޖުގައި، މި ގަވާއިދުގެ އެނެކްސް 5 ގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަ ވޭތޯބެލުމާއެކު، އެ އުޅަނދެއް ބޭއްވޭނެ ޖާގަ އެގަރާޖުގައި އޮތްކަން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ބަލައި ކަށަވަރުކުރަންވާނެއެވެ.

(ޅ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ކުންފުނީގެ ނަމުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އުޅަނދުތައް ރަޖިސްޓަރީކޮށްދެވޭނީ، އެ ކުންފުނީގެ އަމިއްލަ ބޭނުމަށް ޓަކައި ބޭނުންކުރާ އުޅަނދުތަކެވެ. އަދި މި އަކުރުގައިވާ އުޅަނދުތަކުގެ މާނައިގައި ކުންފުނިން ވިޔަފާރި އުސޫލުން ގެންނަ އުޅަނދުތައް ނުހިމެނެއެވެ.

(ކ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކޮށްދެވޭނީ، އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި އުމުރަކަށް ފެތޭ އެއްގަމު އުޅަނދުތަކެވެ. ރަޖިސްޓަރީކޮށް ނުދެވޭނެ އިންޖީނުލީ އެއްގަމު އުޅަނދުތައް ތިރީގައި މި ވަނީއެވެ.

  1. ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 (ދުއިސައްތަ ފަންސާސް) ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު؛
  2. އުފެއްދި ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހަށްވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު؛
  3. އުފެއްދި އަހަރުން ފެށިގެން 5(ފަހެއް) އަހަރުދުވަހަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވަރ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން 1 ޓަނު ހަމަނުވާ އެއްގަމު އުޅަނދު؛
  4. އުފެއްދި ތާރީހުން ފެށިގެން 7 (ހަތެއް) އަހަރުދުވަހަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 1 ޓަނުން ފެށިގެން 4 ޓަނު ހަމަނުވާ އެއްގަމު އުޅަނދު؛
  5. އުފެއްދި ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 4 ޓަނުން ފެށިގެން 10 ޓަނު ހަމަނުވާ އެއްގަމު އުޅަނދު؛
  6. އުފެއްދި އަހަރުން ފެށިގެން 15 (ފަނަރަ) އަހަރުދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ، އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.

(އ) ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން، އިމްޕޯޓް ޑިއުޓީ ދެއްކުމަށް ލިބިދޭ އިސްތިސްނާއާއެކު، ދިވެހިރާއްޖެ އެތެރެކޮށްފައިވާ އުޅަނދެއް، ޑިޕްލޮމެޓަކަށް ނޫން އެހެން ފަރާތަކަށް ރަޖިސްޓަރީކޮށްދެވޭނީ، އެ އުޅަނދަކަށް ދިވެހި ސަރުކާރަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންނެވެ.

(ވ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ ތެރެއިން ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިނިސްޓްރީން ނަގަންވާނެއެވެ. އަދި ހުއްދަ ނަގަން ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ ފޯމު؛ (މިނިސްޓްރީން އާންމުކުރާ، އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު)
  2. އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ށޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީ؛
  3. އުޅަނދު އެތެރެކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކުންފުނީގެ ރެޖިސްޓްރޭށަން ސެޓްފިކެޓް؛
  4. ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، މުޅިން އައު ނުވަތަ ރަޖިސްޓަރީކުރުމަކާނުލައި ބޭނުންކޮށްފައިވާ ހެވީ ވެހިކަލް ކެޓަގަރީގެ އުޅަނދެއް ނަމަ، މެނިފެކްޗަރ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އަދި އެކްސްޕޯޓް ސެޓުފިކެޓް އަދި ބޭނުން ކޮށްފައިވާ ޑީ-ރެޖިސްޓަރޑް އުޅަނދެއް ނަމަ، ޑީ-ރެޖިސްޓްރޭށަން ސެޓްފިކެޓު އަދި އެކްސްޕޯޓް ސެޓުފިކެޓް؛
    4.1 އުޅަނދު އުފެއްދި ކުންފުނި؛
    4.2 މޮޑެލް؛
    4.3 ޗެސިސް ނަންބަރު؛
    4.4 އިންޖީނު ނަންބަރު؛
    4.5 އުފުލޭ ބަރުދަން ނުވަތަ އުފުލޭ މީހުންގެ އަދަދު؛ އަދި
    4.6 އުޅަނދު އުފެއްދި އަހަރު އެނގޭނެ ސައްހަ ލިޔުމެއް،

(މ) މި މާއްދާގެ (ވ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި ސެޓްފިކެޓްތައް ހުށަހަޅާއިރު، އިނގިރޭސި ބަސް ނޫން އެހެން ބޭރު ބަހަކުން ހުރި ނަމަ، އެ ލިޔުންތަކާއި ސެޓްފިކެޓްތައް ހުށަހަޅާނީ އިނގިރޭސިބަހުގެ ތަރުޖަމާއާ އެކުގައެވެ.

(ފ) މި މާއްދާގެ (ވ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާ ތަނަކ،ީ އުޅަނދު ބޭއްވުމަށް ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ގަރާޖަކަށް، ށޯރޫމަކަށް ނުވަތަ ގުދަނަކަށް ވާންވާނެއެވެ. އަދި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަންވާނެއެވެ،

(ދ) މި މާއްދާގެ (ފ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުޅަނދު ބޭއްވުމަށް ވަކި ބިމެއް ކަނޑައަޅައި، އެ ބިމުގައި އުޅަނދު ބޭއްވުމަށް، ބިމުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހެޅުމުން އެ ބިމުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރުކުރުމަށްފަހު، އެތެރެކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ތ) މި މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އުމުރު ހަމަނުވާ އުޅަނދުތަކަށެވެ. އަދި މި އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ.

(ލ) މި މާއްދާގެ (ކ) އާއި (ތ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅައިފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދުފަހަރު، މި ގަވާއިދުގެ އެނެކްސް 6 (މިނިސްޓްރީން ކަނޑައަޅައިފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު) ގައިވާ ގޮތުގެ މަތީން އެތެރެކުރުމަށް ހުއްދަދިނުމާއި، ރަޖިސްޓަރީކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރާއި (12) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރެވޭ ގިންތިތައް 12.

(ހ) (11) 3B ގިންތީގައި ހިމެނެނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށްވުރެ އިތުރުނުވާ، 3 (ތިނެއް) ނުވަތަ 4 (ހަތަރެއް) ފުރޮޅުލީ، ބަގީ، ގޯލްފް ކާޓު ފަދަ ކުދި އުޅަނދުތަކެވެ؛

(12) 4B ގިންތީގައި ހިމެނެނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށްވުރެ އިތުރުވާ، 3 (ތިނެއް) ނުވަތަ 4 (ހަތަރެއް) ފުރޮޅުލީ، ބަގީ، ގޯލްފް ކާޓު ފަދަ ކުދި އުޅަނދުތަކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އެނެކްސް 5 ގެ ގޮތުގައި "އެއްގަމު އުޅަނދު ރަޖިސްޓަރީކުރާ ގަރާޖުގައި ހުންނަންޖެހޭ މިންގަނޑު" އިތުރުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އެނެކްސް 6 ގެ ގޮތުގައި "މިނިސްޓްރީން ކަނޑައަޅައިފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އިތުރުކުރުން،

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ވ) އަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ، 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. 

 

އެނެކްސް :5 (އެއްގަމު އުޅަނދު ރަޖިސްޓަރީކުރާ ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގައި ހުންނަންޖެހޭ މިންގަނޑު)

1 އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރެވޭ ގަރާޖުގެ ބަވާތްތަކަކީ؛

(ހ) އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ހަދައިފައިވާ ގަރާޖު.

(ށ) ރެޒިޑެންށަލް އެޕާޓްމަންޓް ބިލްޑިންގތަކުން ދޫކުރާ ޕާކިން ސްލޮޓް.

(ނ) ސަރުކާރުން ނުވަތަ އަމިއްލަ ކުންފުނިތަކުން ދިގުމުއްދަތަށް ދޫކުރާ ގަރާޖް ނުވަތަ ޕާމަނަންޓް ޕާކިން ސްލޮޓް.

 

2 ގަރާޖުގައި ހުންނަންޖެހޭ މިންގަނޑުތައް؛

(ހ) އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ހަދައިފައިވާ ގަރާޖ:ު މިފަދަ ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

  1. އުޅަނދު ބާއްވާ ގަރާޖު ހުރި ގޯތީގެ އިންފާރު ރާނާ ވަކިކޮށްފައި ހުރުން؛
  2. އުޅަނދު ވަންނަވަރުގެ ދޮރެއްކަނޑައިފައި ހުރުން؛
  3. ގަރާޖުގެ ސްޓޭންޑަރޑް ސައިޒުގެ ގޮތުގައި ބަލާނީ އަންނަނިވި މިންގަނޑެވެ. ނަމަވެސް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އުޅަނދުގެ ސައިޒަށާއި ގަރާޖުގައި އުޅަނދު ބާއްވާ ޖާގައިގެ ސައިޒަށް ބިނާކޮށް އުޅަނދު ރަޖިސްޓަރީ ކުރުމުގެ ހުއްދަ މިނިސްޓްރީން ދެވިދާނެއެވެ.
    3.1. ދިގަށް ހުންނަ ގަރާޖުގެ ދިގު މިނުގައި މަދުވެގެން 12 (ބާރަ) ފޫޓު ހުރުން.
    3.2. ދިގަށް ހުންނަ ގަރާޖުގެ ފުޅާ މިނުގައި މަދުވެގެން 8 (އަށެއް) ފޫޓު ހުރުން.
    3.3. ހުރަހަށް ހުންނަ ގަރާޖުގެ ފުޅާމިނުގައި މަދުވެގެން 12 (ބާރަ) ފޫޓު ހުރުން.
    3.4. ހުރަހަށް ހުންނަ ގަރާޖުގެ ދިގުމިނުގައި މަދުވެގެން 8 (އަށެއް) ފޫޓު ހުރުން.
  4. ޕާކިންގ ސްލޮޓަށްދާ ޑްރައިވްވޭގައި ރައްކައުތެރިކަމާއެކު އުޅަނދަށް ވަދެނިކުމެވޭ ވަރުގެ ޖާގަ އޮތުން.
  5. ގަރާޖު ހުންނަ މަގުގެ ފުޅާމިނުގައި މަދުވެގެން 10 (ދިހައެއް) ފޫޓު ހުރުން ނުވަތަ ފަސޭހައިން 4 ފުރޮޅުލީ އެއްގަމު އުޅަނދު ވަދެ ނިކުމެވޭ ވަރުގެ މަގަކަށް ވުން.
  6. ގަރާޖުގައި އުޅަނދު ބާއްވާ، ދެ ފަރާތުން އުޅަނދުގެ ދޮރު °60 (ދަރަޖަ) އަށް ހުޅުވޭނެ ޖާގަ ނުވަތަ ފަރާތަކުން 1.5 (ދޮޅު) ފޫޓު އެންމެ ކުޑަވެގެން އިތުރަށް އޮތުން.
  7. ހިޔާކޮށްފައިވާ ގަރާޖެއް ނަމަ، ގަރާޖުގެ އުސްމިނުގައި (ތަޅުމާއި ސީލިންގއާ ދެމެދު) މަދުވެގެން 6 (ހައެއް) ފޫޓު ހުސްޖާގަ ހުރުން.

(ށ) ރެޒިޑެންށަލް އެޕާޓްމަންޓް ބިލްޑިންގތަކުން ދޫކުރާ ޕާކިން ސްލޮޓް: މިފަދަ ޕާކިން ސްލޮޓުގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

  1. ޕާކިންގ ސްލޮޓުގެ ދިގުމިނުގައި މަދުވެގެން 16 (ސޯޅަ) ފޫޓު އަދި ފުޅާ މިނުގައި މަދުވެގެން 8 (އަށެއް) ފޫޓު ހުރުން.
  2. ޕާކިން ސްލޮޓުގެ އުސްމިން އެންމެ މަދުވެގެން 6 (ހައެއް) ފޫޓު ހުރުން.
  3. އެ އިމާރާތަކުން އެޕާޓްމަންޓް ލިބިފައިވާ ފަރާތަށް ދޫކޮށްފައިވާ ޕާކިންގ ސްލޮޓެއް ނަމަ، ދޫކޮށްފައިވާ ސްލޮޓުގެ ޖާގަ ފާހަގަކޮށް، އެ އެޕާޓްމަންޓު ގެ ނަންބަރު ޖަހައިފައި އޮތުން.
  4. އެ އިމާރާތަކުން އެޕާޓްމަންޓެއް ނެތި ޕާކިންގ ސްލޮޓް ދޫކޮށްފައިވާ ނަމަ، ދޫކޮށްފައިވާ ސްލޮޓު ގެ ޖާގަ ފާހަގަކޮށް، އެ ސްލޮޓުގައި ރަޖިސްޓަރީކުރާ އުޅަނދުގެ ނަންބަރު ޖަހައިފައި އޮތުން.
  5. ޕާކިންގ ސްލޮޓަށްދާ ޑްރައިވްވޭގައި ރައްކައުތެރިކަމާއެކު އުޅަނދަށް ދުއްވޭ ވަރުގެ ޖާގަ އޮތުން.

(ނ) ސަރުކާރުން ނުވަތަ އަމިއްލަ ކުންފުނިތަކުން/ފަރާތްތަކުން ދިގުމުއްދަތަށް ދޫކުރާ ގަރާޖް ނުވަތަ ޕާކިން ސްލޮޓްތައް: މިފަދަ ސްލޮޓުގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

  1. ކަނޑައަޅާ ކޮންމެ ޕާކިންގ ސްލޮޓެއްގެ ދިގުމިނުގައި މަދުވެގެން 16 (ސޯޅަ) ފޫޓު އަދި ފުޅާ މިނުގައި މަދުވެގެން 8 (އަށެއް) ފޫޓު ހުރުން.
  2. ޕާކިންގ ސްލޮޓް ކަނޑައަޅައި ފައިވަނީ ޕާކިންގ އިމާރާތަކުން ނަމަ، ކޮންމެ ފަންގިފިލާއެއްގެ އުސްމިނުގައި މަދުވެގެން 6 (ހައެއް) ފޫޓު ހުރުން.
  3. ސްލޮޓް ކަނޑައަޅައިފައިވަނީ ޕާކިންގ އިމާރާތަކުން ނަމަ، އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް އުޅަނދު ރައްކައުތެރިކަމާއެކު ދުއްވައިފައި ދެވޭނެހެން އިމާރާތްކޮށްފައި ހުރުން ނުވަތަ އުޅަނދު ފަސޭހައިން ސްލޮޓަށް ދެވޭނެ ރައްކައުތެރި ނިޒާމެއް ގާއިމުކޮށްފައި ހުރުން.
  4. ޕާކިންގ ސްލޮޓަށްދާ ޑްރައިވްވޭގައި ރައްކައުތެރިކަމާއެކު އުޅަނދަށް ދުއްވޭ ވަރުގެ ޖާގަ އޮތުން.
  5. ސްލޮޓްގެ ޖާގަ ފާހަގަކޮށް، އެ ސްލޮޓަށް ކަނޑައަޅައިފައި އޮތް އުޅަނދުގެ ނަންބަރު ޖަހައި ފައި އޮތުން ނުވަތަ ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުޅަނދުގެ ސްލޮޓް ވަކިކޮށްދީފައި އޮތުން.
  6. ޕާކިންގ އިމާރާތުގައި އުޅަނދަށް މަގު ދެއްކުމަށް ރެޓްރޯ ރިފްލެކްޓިވް ޓޭޕް ފަދަ މެޓީރިއަލަކުން މަގު ދައްކާ ނިށާންތައް ހަރުކޮށްފައި ހުރުން.
  7. ޕާކިންގ ސްލޮޓްތަށް ކަނޑައަޅައިފައިވާ ސަރަހައްދު އިންފާރު ރާނާ ވަކިކޮށްފައި އޮތުން.

 

3 ޕްރޮޖެކްޓްތަކުގައި ބޭނުންކުރުމަށާއި، އިންޑަސްޓްރިއަލް/ކޮމާށަލް ސަރަހައްދުގައި ކުރިޔައްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ސައިޓުތަކުގައި އުޅަނދު ގަރާޖު ކުރުމަށް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ.
މި މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

(ހ) ސައިޓުގައި އުޅަނދު ބޭއްވުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގައި ޖާގަ އޮތް މިންވަރު؛

(ށ) ސައިޓުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ އުޅަނދުގެ ބޮޑުމިން؛

(ނ) ކޮމާށަލް/އިންޑަސްޓްރިއަލް ސަރަހައްދަށް ވަދެ ނިކުމެވާ ވެހިކަލްތަކުގެ އެކްސެސް ކޮންޓްރޯލް ކުރާނެ އިންތިޒާމު ސައިޓްތަކުގައި ހަމަޖެހިފައި ހުރުން؛

(ރ) ކޮމާށަލް/އިންޑަސްޓްރިއަލް ސަރަހައްދުގައި މިނިސްޓްރީ އޮފް ޑިފެންސްއިން ކަނޑައަޅާ މިންގަނޑަށް އަލިފާން ނިވާ ނިޒާމު ގާއިމުކޮށްފައި ހުރުން؛

(ބ) ކޮމާށަލް/އިންޑަސްޓްރިއަލް ސަރަހައްދުގައި އިންފާރު ރާނާ ނުވަތަ ފެންސް ޖަހައި ވަކިކޮށްފައި ހުރުން.

 

އެނެކްސް :6 (މިނިސްޓްރީން ކަނޑައަޅައި ފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު)

1. އުމުރު ހަމަވެފައިވާ އުޅަނދުތަކުގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން އުފައްދައިފައިވާ އުޅަނދުތައް ރަޖިސްޓަރީކުރާނީ އަންނަނިވި ށަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) 5 ނޮވެންބަރު 2024 ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ އުޅަނދުތައް.

(ށ) މި ގަވާއިދު ގެޒެޓުގައި ށާ އިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފައިވާ އުޅަނދަކަށްވުން.

(ނ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ބަލަންޖެހޭ އެންމެހައި މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ބެލުން.

(ރ) މި ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރާނީ B ޒޯނާއި C ޒޯނަށްކަން.

(ބ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ލ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް، A ޒޯނުގައި ދުއްވުމަށް ރަޖިސްޓަރީ ބަދަލު ނުކުރެވޭނެކަން.  

 

2 މަށްރޫއުތަކަށް ރާއްޖެ އެތެރެކުރާ އުމުރު ހަމަވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމަށް، މި ގަވާއިދުގެ ދަށުން އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި، އުޅަނދު ބޭނުންކުރާ މަށްރޫއުގެ އެންމެހައި މައުލޫމާތު ހިމެނޭ ލިޔުންތަކާއެކު ހުށަހެޅުމުން، އެފަދަ އުޅަނދު މި ގަވާއިދުގައި ކަނޑައަޅައިފައިވާ ޒޯނުތަކަށް ރަޖިސްޓަރީކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

3 ހަދިޔާގެ ގޮތުގައި ދިވެހިރާއްޖެއަށް އެތެރެކުރާ، އުމުރު ހަމަވެފައިވާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު، އެ އުޅަނދަކީ ހަދިޔާގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބިފައިވާ އުޅަނދެއްކަން ބަޔާންކޮށް ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ހުށަހެޅުމުން، އެފަދަ އުޅަނދު މި ގަވާއިދުގައި ކަނޑައަޅައިފައިވާ ޒޯނުތަކަށް ރަޖިސްޓަރީކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 މިނިސްޓްރީން ކަނޑައަޅާ އުމުރަކަށް ނުފެތޭ އެއްގަމު އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ، މިނިސްޓްރީން އާންމުކުރާ" އުމުރު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. 

 

މައި ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު