gaanoon_logo
-

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 7 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2025-03)

(މި ފްރޭމްވަރކަށް އަމަލުުރަން ފެށީ 20 މާރިޗު 2025 ގައި)

 

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - މިންގަނޑު ނަންބަރު 04-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) ގެ 5 ވަނަ މާއްދާއަށް (މ) އާއި (ފ) އަންނަނިވި ގޮތަށް އިތުރުކުރުން. 

ހާޒިރީ އިނާޔަތް (Attendance Benefit) 5.

(މ) މި މަންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަމަޒާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޒާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެއެވެ. 

(ފ) މި މިންގަނޑުގައި އެހެން ގޮަތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުަލުތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޒާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޒާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ކަމުގައި ވީނަމަވެސް، ހާޒިރީ އިނާޔަތް ދޭންވާނެއެވެ. 

 

2 ވަނަ މާއްދާ - މިންގަނޑު ނަންބަރު 08-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) ގެ 2 ވަނަ މާއްދާގެ (ރ) އަށް 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރު އިތުރުކުރުމާއި، މި މިންގަނޑުގެ 2 ވަނަ މާއްދާއަށް (ޅ) އިތުރުކުރުން. 

އިތުރުގަޑީގެ ފައިސާ ހިސާބުކުރުން 2.

(5) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަމަޒާންމަހުގެ 20 ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަކަށެވެ. 

(6) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އޮތް ނަަމަވެސް، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށެވެ. 

(ޅ) މި މާއްދާގެ (ރ) ގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައިވާ ރަމަޒާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކާއި، ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި މި މާއްދާގެ (ބ) ގައިވާ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. 

 

3 ވަނަ މާއްދާ - މިންގަނޑު ނަންބަރު 09-އެސްޓީ/2022/އެންޕީސީ-478 (ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު) ގެ 3 ވަނަ މާއްދާއަށް (ރ) އިތުރުކުރުން.

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ އިނާޔަތްތައް 3.

(ރ) މި މިންގަނޑުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ރަމަޒާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެއެވެ. (މީގެ ތެރޭގައި އެ ގާނޫނުގެ 34 ވަނަ މާއްދާގެ (1) އިން އިސްތިސްނާވާ މުވައްޒަފުން ނުހިމެނޭނެއެވެ.)

 

4 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (އެހެނިހެން ނަންބަރު 2022)

 

ކޮންސޮލިޑޭޓެޑް ފްރޭމްވަރކް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (ކޮންސޮލިޑޭޓެޑް ނަންބަރު 2022-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު