-

ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-04)

(މި ގަވާއިދަށް އަަމަލުކުރަން ފެށީ 13 ޖަނަވަރީ 2025 ގައި)

 

އެއްވަނަ ބާބު : އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި، 29 ވަނަ މާއްދާގެ (އ) އާއި، 33 ވަނަ މާއްދާގެ (ހ) އާއި، 44 ވަނަ މާއްދާގެ (ހ) އާއި، 86 ވަނަ މާއްދާގެ

(ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގައި ކުރާ ފަރުމަހުގެ މަސްވެރިކަމުގެ ފައިދާ، ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށް ޓަކައި ފަރުމަހުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

ދެވަނަ ބާބު : ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް މިނިސްޓްރީއަށް ލަފާދޭ ކޮމިޓީއެއް އުފެއްދުން

 

3 ވަނަ މާއްދާ - ކޮމިޓީ އެކުލަވައިލުން

(ހ) ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީ އެކުލަވައިލަންވާނީ، ތިރީގައިވާ މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް (މުގައްރިރު)؛
  2. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) ތަމްސީލުކުރާ މަންދޫބެއް؛
  3. ފަރުމަހުގެ މަސްވެރިން ތަމްސީލުކުރާ 2 (ދޭއް) މަންދޫބު؛
  4. ފަރުމަހުގެ ވިޔަފާރިކޮށް، ފަރުމަސް އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 (ދޭއް) މަންދޫބު؛
  5. ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް؛
  6. ފަތުރުވެރިކަމާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް؛
  7. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް؛
  8. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކަމާ ގުޅޭ ޖަމުއިއްޔާއެއްގެ މަންދޫބެއް.

(ރ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ށައުގުވެރިކަން ފާޅުކުރުމަށް ހުޅުވައިލައި، މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފައި މިނިސްޓްރީން ކުރާ އިއުލާނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް؛
  2. ލަފާދޭ ކޮމިޓީއަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު؛
  3. ށައުގުވެރިކަން ފާޅުކޮށްފައި އެއްވެސް ފަރާތަކުން ހުށަނާޅައިފި ނަމަ، މެންބަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލ.ު

(ޅ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރަކު ކޮމިޓީން ވަކިވެއްޖެ ނަމަ ނުވަތަ މެންބަރުން ވަކިކުރުމަށް މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން މެންބަރަކު ވަކިކޮށްފި ނަމަ، އެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވައިލައިފައި އެކަން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ. 

 

4 ވަނަ މާއްދާ - ކޮމިޓީގެ ދައުރު

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުންގެ ދައުރުގެ މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ. މި މެންބަރުންނަށް، ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުން

ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސެކްށަނުންނެވެ.

 

6 ވަނަ މާއްދާ - ކޮމިޓީގެ ޖަލްސާތައް

(ހ) ކޮމިޓީގެ ޖަލްސާތައް، މަދުވެގެން އަހަރަކު އެއްފަހަރު ބާއްވަންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަވަސް ހައްލު ބޭނުންވާ ކަންކަމުގައި ހާއްސަ ޖަލްސާތަކަށް މުގައްރިރަށް ގޮވައިލެވިދާނެއެވެ.

(ނ) ކޮމިޓީގެ ޖަލްސާއެއްގެ ކޯރަމަކީ، 5 (ފަހެއް) މެންބަރުންނެވެ.

(ރ) ކޮމިޓީން ބޭނުންވެއްޖެ ހިނދެއްގައި، ކަމާ ގުޅޭ މާހިރުންނާއި، ސިނާއަތުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާއި، ކަމާ ގުޅޭ ސަރަހައްދީ ޖަމާއަތްތަކަށް ނުވަތަ ބައިނަލްއަގު ވާމީ ޖަމާއަތްތަކަށް ޖަލްސާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި ގަވާއިދުގެ ދަށުން އެކުލަވައިލާ "ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި، ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފުސީލު، އަހަރަކު އެއްފަހަރު މިނިސްޓަރަށް އެންގުން.

(ށ) ފަރުމަހުގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތާއި އެހެނިހެން މައުލޫމާތު އެކުލެވޭ ރިޕޯޓުތައް މުތާލިއާކުރުން. 

(ނ) ފަރުމަހުގެ މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި، ކަމާ ގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި މަށްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާ ގުޅިގެން އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން.

(ރ) ސަރަހައްދީ ފެންވަރުގައި ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ފަރުމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ގައުމީ ފެންވަރުގައި ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުން

(ބ) ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކޮށް، މުތާލިއާކޮށް، މުރާޖާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.

 

8 ވަނަ މާއްދާ - މެންބަރުން ވަކިކުރުމާއި ވަކިވުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮމިޓީއަށް އައްޔަނުކުރާ މެންބަރަކު ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާ ނަމަ ނުވަތަ ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގެ ރޫހާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ، އަދި މިނިސްޓްރީގެ މެންޑޭޓް ތަންފީޒުކުރުމުގައި މިނިސްޓްރީއަށް ދަތިވާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ ނަމަ، އެ މެންބަރަކު ވަކިކުރުމުގެ އިހުތިޔާރ،ު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު ކޮމިޓީން ވަކިވުމަށް އެދި މިނިސްޓަރަށް ލިޔުމުން ހުށަހެޅުމުން، ކޮމިޓީގެ މެންބަރުކަމުން އެ ފަރާތެއް ވަކިވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުކަމުން ވަކިކުރާ ނުވަތަ ވަކިވާ މެންބަރުންގެ ބަދަލުގައި، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށް އައު މެންބަރުން އައްޔަނުކުރާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

 

ތިންވަނަ ބާބު : ލައިސަންސް ދިނުމާ ގުޅޭ އުސޫލުތައް

 

9 ވަނަ މާއްދާ - ލައިސަންސް ނަގަންޖެހޭ ފަރާތްތައް

(ހ) ފަރުމަހުގެ މަސްވެރިކަމުގައްޔާއި ފަރުމަހުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ އަންނަނިވި ފަރާތްތަކުން އެކަން ކުރަންވާނީ، އެކަމަށް ޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެގުމަށްފަހުގައެވެ.

  1. ވިޔަފާރީގެ ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
  2. ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ފަރުމަސް ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އުޅަނދުފަހަރާއި ތަންތަން؛
  3. އެކްސްޕޯޓުކުރާ ފަރާތްތަކަށާއި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ކުންފުނިތައް ނުވަތަ ކަލެކްޓަރ އުޅަނދުތައް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފަރުމަހުގެ މަސްވެރިކަން ފިޔަވައި އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތަކަށް އަމާޒުކޮށްގެން މަސްވެރިކަން ކުރަންވާނީ، އެ މަސްވެރިކަމަކަށް ހާއްސަ ލައިސަންސެއް ނަގައިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން ފަރުމަހުގެ މަސްވެރިކަމުގައި ހިފޭ ނުވަތަ ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތައް، އިތުރު ލައިސަންސަކާ ނުލައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވިއްކިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރުދުވަހެއްގެ ތެރޭގައި ބާނާ މަހުގެ ޖުމުލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާ ނަމަ، އެ ބާވަތަކަށް ހާއްސަ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސް ނަގަންޖެހޭ ފަރާތްތަކުން ޕްރޮސެސްކުރުމުގެ ހަރަކާތް ހިންގާ ކޮންމެ ސައިޓަކަށް ނުވަތަ ފެސިލިޓީއަކަށް ވަކި ލައިސަންސެއް ނަގަންވާނެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯޓުކުރުމަށް ފަރުމަސް ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ކޮންމެ އުޅަނދަކަށް ވެސް ވަކި ލައިސަންސެއް ނަގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން ނުވަތަ ތަންތަނުން މި ގަވާއިދުގެ ދަށުން ލައިސަންސެއް ނަގާކަށް ނުޖެހޭނެއެވެ.

  1. ދުވާލަކު އެ ތަނެއްގައި ޕްރޮސެސްކުރެވޭ ފަރުމަހުގެ މިންވަރު (ޑެއިލީ ޕްރޮސެސިންގ ކެޕޭސިޓީ) ނުވަތަ ދުވާލަކު އެ ތަނަކަށް ގަނެވޭފަރުމަހުގެ މިންވަރު 50 (ފަންސާސް) ކިލޯއަށްވުރެ ކުޑަ ތަންތަން؛
  2. ހޮޓާ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް.

(ކ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސް ޕްރޮސެސްކުރުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމުލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާ ނަމަ، އެ މަސްވެރިކަމަކަށް ހާއްސަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރުމަހުގެ މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ލައިސަންސް ނަގަންޖެހޭ ފަރާތަކުން، އަހަރެއްގެ ތެރޭގައި ގަންނަ މަހުގެ ޖުމު ލަ ބަރުދަނުގެ %20 (ވިހި އިންސައްތަ) އަށްވުރެ ބޮޑު ބައެއް، އެހެން މަސްވެރިކަމެއް ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދެއްގެ ދަށުން ބަލަހައްޓާ ބާވަތެއް ނުވަތަ ބާވަތްތަކެއް ހިއްސާކުރާ ނަމަ، އެ ބާވަތުގެ މަސްވެރިކަމަކަށް ހާއްސަ މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ލައިސަންސެއް ނަގަންވާނެއެވެ.

 

10 ވަނަ މާއްދާ - ލައިސަންސަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސަކަށް އެދުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ބާތިލުކުރުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް އައުކޮށްދިނުމުގައި، ފާއިތުވެދިޔަ ލައިސަންސްގެ މުއްދަތުގައި ލައިސަންސްގެ ށަރުތުތައް އެ ފަރާތުން ފުރިހަމަކޮށްފައިވާ މިންވަރަށް ރިއާޔަތް ކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސަށް އެދުމުގެ ކުރިން ފުރިހަމަވެފައިވާކަން ޔަގީންކުރަންޖެހޭ ކަންތައްތައް

(ހ) ފަރުމަސް ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، ޕްރޮސެސްކުރާ ފަރާތަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ޕްރޮސެސްކުރާ ފަރާތަކީ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

(ށ) ފަރުމަހުގެ މަސްވެރިކަމުގައި މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވުމަށް ލައިސަންސަށް އެދިފައިވާ ފަރާތަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން، ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީން ޔަގީންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުން، ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ އާންމު ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތާއި ފީ

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސްތައް ދޫކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ނެގުމަށް ފަހުގައެވެ.

 

 

ހަތަރުވަނަ ބާބު: ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ އެހެނިހެން ފިޔަވަޅުތައް

 

14 ވަނަ މާއްދާ - ފަރުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ރެގިއުލޭޓްކުރުން 

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ވިޔަފާރި ބޭނުމަށް ކުރާ ފަރުމަހުގެ މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ އާލާތްތައް ފިޔަވައި، އައު އާލާތެއް މަސްވެރިކަން ކުރުމަށް ތައާރުފުކުރަންވާނީ، އެކަމަށް މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދޭނީ، މިނިސްޓްރީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.

 

15 ވަނަ މާއްދާ - ޕްރޮސެސްކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން ޕްރޮސެސްކުރުމުގައި އަމަލުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އެކުލަވައިލައިފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

16 ވަނަ މާއްދާ - އެކްސްޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަންނަންވާނީ، ސައްހަ ލައިސަންސެއް ލިބިފައިވާ އުޅަނދުތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ ފަރުމަހުގެ ބާވަތްތައް މެދުވެރިއެއްގެ ގޮތުން ވިއްކާ ފަރާތްތަކުން ނުވަތަ ސައްހަ ލައިސަންސެއް ލިބިފައިވާ ޕްރޮސެސްކުރާ ފެސިލިޓީތަކުންނެވެ. 

(ށ) އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް ބަންދުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް ބަންދުކުރާ ޕެކޭޖްތަކުގައި، ފަރުމަހުގެ ބާވަތާއި، އަދަދާއި، ބަރުދަނާއި، އުފެއްދި ތާރީހާއި، އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލް ކުރަންވާނެއެވެ. 

(ރ) އެކްސްޕޯޓުކުރާ ފަރުމަހާއި ފަރުމަހުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް، ބުނެވިދިޔަ މައުލޫމާތު ހިމެނޭ ޕެކިންގ ލިސްޓެއް، އެކްސްޕޯޓަރުން ތައްޔާރުކުރަން ވާނެއެވެ. އަދި ތަންފީޒީ އޮފިސަރެއް ނުވަތަ ފިށަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތުގައި ޕެކިންގ ލިސްޓު ދައްކަންވާނެއެވެ.

(ބ) މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތަށް، މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރ،ާ މަސްވެރިކަމުގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތުގެ ސިއްރުކަން، ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންވާނެއެވެ. އަދި އެފަދަ މައުލޫމާތ،ު މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކ،ާ މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާކުރުމަކީ މަނާކަމެކެވެ.

(ޅ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއް އެކްސްޕޯޓްކުރުމަކީ ނުވަތަ އެކްސްޕޯޓްކުރުމަށް މަސައްކަތްކުރުމަކީ ވެސް މަނާކަމެކެވެ.

 

17 ވަނަ މާއްދާ - ކެޗް ސެޓުފިކެޓު

(ހ) އެކްސްޕޯޓުކުރާ ފަރުމަހާއި ފަރުމަހުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" މެދުވެރިކޮށް، ކެޗް ސެޓުފިކެޓެއް ހޯދަންވާނެއެވެ.

(ށ) ކެޗް ސެޓުފިކެޓަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންމެ ކެޗް ސެޓުފިކެޓަކަށް 20 (ވިހި) ރުފިޔާގެ އިދާރީ ފީއެއް މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

18 ވަނަ މާއްދާ - މިނިސްޓްރީއަށް މައުލޫމާތު ފޮނުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ލައިސަންސް ލިބިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުން، މަސްރިޕޯޓު ނުވަތަ ލޮގްފޮތުގެ މައުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލައިސަންސެއް ނަގައިފައިވާ ފަރާތްތަކުން މަސް ގަނެފައިވާ ގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ "މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން މަސް ގަނެފައިވާގޮތުގެ ތަފުސީލު (ޕާޗޭސް ރިޕޯޓު)، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ"މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލު" ގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ރ) މަސްވެރިކަން ކުރުމަށް ލައިސަންސް ދީފައިވާ އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް މި މިނިސްޓްރީން ނިންމައިފި ނަމަ، އެކަމަށް އެއްބާރުލުންދީ، އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓުކުރާ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން، މިނިސްޓްރީން އުޅަނދެއްގައި އޮބްޒާވަރެއް ބެހެއްޓުމަށް ބޭނުންވާ ހާލަތްތަކުގައި، މަދުވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، އެކަމުގެ ނޯޓިސް، ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ލިޔުމުން ދޭންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކަނޑައަޅާ އެންމެހައި އޮބްޒާވަރުންނާއި އޮފިސަރުން، އެ ފަރާތުގެ ޒިންމާތައް އުފުލުމުގައި ކުރާ ކޮންމެ ކަމަކަށް، އުޅަނދުގެ ވެރިފަރާތާއި މާސްޓަރާއި ފަޅުވެރިންގެ ފަރާތުން އެއްބާރުލުން ދޭންވާނެއެވެ. 

 

 

ފަސްވަނަ ބާބު: ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅުން

 

19 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމާއި، ވަކި ގޮތަކަށް ކަމެއް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސްގެ ށަރުތަކާ ނުވަތަ ށަރުތުތަކާ ހިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ، އެ ފަރާތަކަށް ފިޔަވަޅުއަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 5 އާއި ޖަދުވަލު 6 ގައިވާ ގޮތުގެ މަތީންނެވެ.

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސެއް ލިބިފައިވާ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް 3 (ތިނެއް) ވަނަ ފަހަރަށް ކޮށްފި ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެއެވެ. އަދި އައު ލައިސަންސަކަށް އެދި އެ ފަރާތަކަށް ހުށަހެޅޭނީ، ލައިސަންސް ބާތިލުކުރި ތާރީހުގެ 3 (ތިނެއް) މަސްދުވަހުގެ ފަހުންނެވެ. އަދި މި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނީ، އައު ލައިސަންސެއް ދޫކުރުމުގައި އަމަލުކުރާ ގޮތަށެވެ.

 

 

ހަވަނަ ބާބު: މާނަކުރު މާއި ގަވާއިދަށް އަމަލުކުރަން ފެށުން

 

20 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ހިމެނިފައިވާ ލަފުޒަކުން ނުވަތަ އިބާރާތަކުން ކަނޑައެޅިގެން އެހެން ގޮތަކަށް މާނަ ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. 

(ށ) މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން، މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ، މަސްވެރިކަން ރާވައި ހިންގައި ބަލަހައްޓައި ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ރ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި، އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ބ) "ވިޔަފާރި ބޭނުމަށް މަސްވެރިކަން ކުރުން" ކަމަށް ބުނެފައި އެވަނީ، މާލީ މަންފާއެއް ހޯދުމުގެ ގޮތުން މަސްވެރިކަން ކުރުމަށެވެ.

(ޅ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒު ކުރުމަށް ޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.

(ކ) "ފިށަރީޒް ރޭންޖަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

(އ) "މަސްވެރިކަން ކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށެވެ.

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް ނުވަތަ ހިފުމަށް ނުވަތަ ނެގުމަށް ނުވަތަ މެރުމަށް މަސައްކަތްކުރުން؛
  3. އެ ކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން ނުވަތަ ހިފުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެ ނޫން ވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ނުވަތަ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށް ޓަކައި އެއްވެސް ކަމެއް ހިންގުން.

(ވ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެ ނޫން ވެސް އުޅަނދަކަށެވެ.

(މ) "މަސް ރިޕޯޓް" ނުވަތަ "ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކުރުމަށް މިނިސްޓްރީން ކަނޑައަޅައި ފޯރުކޮށްދޭ ވަސީލަތަށެވެ.

(ފ) "ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ދ) "ކުށް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގައްޔާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތަކުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.

(ތ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ބެހެއްޓުމަށް ޓަކައި ޕެކެޓުކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.

(ލ) "ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެ ނޫން ވެސް ތަންތަން، އަދި އެ ތަނެއްގައި:

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެ ނޫން ވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށް ޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.

(ގ) "މެދުވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަސްބޭނުމުގައި ހަރަކާތްތެރި ނުވި ނަމަވެސް، އެކްސްޕޯޓުކުރާ ފަރާތްތަކަށާއި ރިޒޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތަކަށެވެ.

(ޏ) "އޮއިވާލި ކަނދުފަތި" ކަމަށް ބުނެފައި އެވަނީ، އެއް ސަރަހައްދަކަށް މަސް ގެނައުމަށް ޓަކައި ފެންމަތީގައި އޮޔާދެމޭގޮތަށް ކަނޑުގައި ނަގިލި ލައިގެން ހަރުކުރާ ބޮޔަކަށް ނުވަތަ އެފަދަ އެހެން އެއްޗަކަށެވެ.

(ސ) "ފިށަރީޒް އިންފޮމޭށަން ސިސްޓަމް – ކެޔޮޅު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކުގެ މައުލޫމާތު ރިކޯޑުކުރުމަށާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ލައިސަންސާއި ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާއިމްކޮށްފައިވާ އޮންލައިން ނިޒާމަށެވެ.

(ޑ) "ތިމާވެށްޓާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ޒ) "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. 

(ޓ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖާކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށް ޓަކައި މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ކޮމިޓީއަށެވެ.

(ޔ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރަށް ނުވަތަ ޑިރެކްޓަރަށް ނުވަތަ ސެކްރެޓަރީއަށެވެ.

(ޕ) "ފަރުމަސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށެވެ.

(ޖ) "ފަރުމަހުގެ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކަށް އަމާޒުކޮށް، ވިޔަފާރީގެ ބޭނުމަށް ކުރެވޭ މަސްވެރިކަމަށެވެ.

(ޗ) "ކަލެކްޓަރ އުޅަނދު" ކަމަށް ބުނެފައި އެވަނީ، އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން، މަސް ކިރުވާ (ލޭންޑްކުރާ) ބަނދަރަކަށް ނުވަތަ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކަށް ކުރިން ކިރުވައިފައިނުވާ ނުވަތަ ލޭންޑްކޮށްފައިނުވާ މަހުގެ ބާވަތްތައް ސީދާގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުން ބަދަލުކުރުމަށް ހަރަކާތްތެރިވާ މަސްކިރާ ނުވަތަ މަސް ކަލެކްޓްކުރާ ނުވަތަ މަސް ޓްރާންސްފަރކުރާ އެންމެހައި އުޅަނދުފަހަރަށެވެ. 

(ހހ) "ކެޗް ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓިގެން ކުރާ މަސްވެރިކަމަކުން ބާނައި، ޕްރޮސެސްކޮށްފައިވާ މަސްކަން ޔަގީންކޮށްދިނުމުގެ ގޮތުން އެކްސްޕޯޓުކުރާ މަހާއި މަހުގެ އުފެއްދުންތަކުގެ ކޮންމެ ށިޕްމަންޓަކަށް މިނިސްޓްރީން ދޫކުރާ ލިޔުމަކަށެވެ.

(ށށ) "އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އައްޔަނުކުރާ ފަރާތްތަކަށެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 9 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 17 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު