ޖަމްއިއްޔާތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-74)
(މި ގަވާއިދަށް އަމަލުުރަން ފެށީ 27 އޮގަސްޓް 2024 ގައި)
(މި ގަވާއިދުގެ 76 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-180 އުވާލެވިފައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި މަދަނީ ޖަމްއިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ ކަންކަން ތަފުސީލުކޮށް ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 79 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޖަމްއިއްޔާތަކުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ތަންފީޒުކުރާ ފަރާތް
މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދު އެކުލަވައިލައިފައިވަނީ އަންނަނިވި މަގުސަދުތައް ހާސިލުކުރުމަށެވެ.ދިވެހިރާއްޖޭގައި ޖަމްއިއްޔާ ރަޖިސްޓަރީކުރުމާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ނ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ޖަމްއިއްޔާތައް އެއްކޮށްލައި، ވަކި ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ނ) ޖަމްއިއްޔާއަކަށް ކިޔުމަށް ހުށަހަޅާ ނަމާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ރ) ޖަމްއިއްޔާތަކުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުންއައި ޖަމްއިއްޔާތައް ދަފުތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ބ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޖަމްއިއްޔާތަކުގެ ތެރެއިން، ވަކި ހާއްސަ ގާނޫނެއްގެ ދަށުން ރެގިއުލޭޓްކުރަންޖެހޭ ޖަމްއިއްޔާއެއް ނަމަ، އެ ގާނޫނެއް ތަންފީޒުކުރަމުންގެންދާ ފަރާތަކަށް، އެފަދަ ޖަމްއިއްޔާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ޅ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ޖަމްއިއްޔާގެ ރަޖިސްޓްރާރގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ކަންކަމުގައި ރަޖިސްޓްރާރގެ އިހްތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އެންމެހައި އުސޫލުތަކާއި ހަމަތައް ބަޔާންކުރުން.
(ކ) ޖަމްއިއްޔާގެ ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީ އެކުލަވައިލުމާއި ހިންގުމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައް ބަޔާންކުރުން.
(އ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކާއި، މެންބަރުންގެ ސުލޫކާ ގުޅޭ އުސޫލުތައް ބަޔާންކުރުން.
(ވ) ޖަމްއިއްޔާއެއް އޮޑިޓްކުރުމަށް އަންގާނެ ހާލަތްތަކާއި، އޮޑިޓުގައި ހިމަނަންޖެހޭ މައުލޫމާތުތައް ބަޔާންކުރުން.
(މ) ޖަމްއިއްޔާތަކުން ރަޖިސްޓްރާރއަށް ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުން.
(ފ) ޖަމްއިއްޔާތަކުގެ ގާނޫނާ ހިލާފަށް ޖަމްއިއްޔާއަކުން އަމަލުކުރާ ނަމަ، އެ ކަމެއް ހުއްޓުވުމަށް ނުވަތަ ރަނގަޅުކުރަންވީ ކަންކަން އެންގުމުގައި އަމަލުކުރާނެ ގޮތާއި، ޖަމްއިއްޔާތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޖަމްއިއްޔާތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ދ) ޖަމްއިއްޔާއެއްގެ ހަރަކާތްތައް ހުއްޓުވުމުގެ އަމުރެއް ނުވަތަ ޖަމްއިއްޔާއެއް އުވައިލުމުގެ އަމުރެއް ނެރެދިނުމަށް އެދި ޖަމްއިއްޔާގެ ރަޖިސްޓްރާރގެ ފަރާތުން ނުވަތަ މަސްލަހަތު ހިމެނޭ ފަރާތްތަކުން ށަރުއީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.
(ތ) ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާއެއް އުވައިލުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ޖަމްއިއްޔާއެއް އުވައިލުމަށް އެދި ހުށަހަޅާއިރު އެ ޖަމްއިއްޔާއަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތް ނަމަ އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ލ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމްއިއްޔާއެއް އުވައިލުމުގެ އަމުރެއް ނެރެދިނުން އެދި ށަރުއީ ކޯޓަކަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ގ) ކޯޓުން ކުރާ އަމުރަކާ ގުޅިގެން ޖަމްއިއްޔާއެއް އުވައިލާ ނަމަ، އެފަދަ ޖަމްއިއްޔާއެއް އުވައިލުމުގެ ކަންކަން ހިންގައި، އެ ޖަމްއިއްޔާއެއްގެ މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތްތަކާއި، ޖަމްއިއްޔާއެއް އުވައިލުމަށްފަހު ބާކީވާ މުދާ ބެހުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
ދެވަނަ ބާބު
ޖަމްއިއްޔާ ހަދައި ހިންގުން
4 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކުރުން
ޖަމްއިއްޔާތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށްގެން ހިންގާ ކޮންމެ ޖަމްއިއްޔާއެއް ހިންގަންވާނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްގެންނެވެ.
5 ވަނަ މާއްދާ - ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތައް
(ހ) އަންނަނިވި ދާއިރާގެ ތެރެއިން ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު، ކޮންމެ ޖަމްއިއްޔާއަކަށް ލިބިގެންވެއެވެ.
- މަދަނީ ޖަމްއިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީވެގެން ހިންގާ ކޮންމެ ޖަމްއިއްޔާއަކަށް ވެސް، އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައިވާ މަގުސަދުތައް ހާސިލުކުރުމަށް، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް ޓަކައި،ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުނުވާގޮތަށް ވިޔަފާރިކުރުން؛
- ސިޔާސީ ހަރަކާތަކަށް ނުވާގޮތަށް، މުޖުތަމައުގެ ލާބައާއި މަންފާއަށް ޓަކައި ވަކި ހިޔާލެއް ނުވަތަ ވަކި ވިސްނުމެއް ކުރިއަރުވައި، އެ ވިސްނުމަށް ތާއީދު ހޯދުމަށް މަސައްކަތްކުރުން؛
- މައުލޫމާތު ހޯދައި ފެތުރުމާއި، ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލައި ފާރަލުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ނުވަތަ އިތުރަށް ހަރުދަނާކުރުމަށް ވަކާލާތުކުރުން؛
- ރަށްރަށުގެ ތަރައްގީއަށް ޓަކައި ރޭވޭ މަސައްކަތްތައް ކުރުން؛ އެކިއެކި ކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން އެކުލަވައިލާ ޕްރޮގުރާމުތައް ހިންގުން؛
- އެކިއެކި ކަންކަމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގޮތުން އެކުލަވައިލާ ޕުރޮގުރާމުތައް ހިންގުން؛
- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތު ނެގެހެއްޓުމުގެ ގޮތުން ރޭވޭ ހަރަކާތްތައް ހިންގުން؛
- ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން، ޖަމްއިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެންމެހައި ހަރަކާތްތައް ހިންގުން.
(ރ) މި މާއްދާގައި ބަޔާންވެގެންވާ ހަރަކާތްތައް ކޮންމެ ޖަމްއިއްޔާއަކުން ވެސް ހިންގަންވާނީ، އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހުއްދަކުރާ އިމުގެ ތެރެއިންނެވެ.
(ބ) ޖަމްއިއްޔާއަކުން ހިންގާ ހަރަކާތްތައް ހިންގަންވާނީ، އެއްވެސް މީހެއްގެ އަބުރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނުލިބޭ ގޮތަށެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) އާ ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކޮށްފި ނަމަ، އެ ކުރި ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ޖަމްއިއްޔާތަކުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ޖަމްއިއްޔާއަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ބ) ޖަމްއިއްޔާއެއްގެ ހަރަކާތްތައް ހިންގަންވާނީ، އެ ޖަމްއިއްޔާއެއް އުފައްދައިފައިވާ މަގުސަދުތައް ހާސިލުކުރުމުގެ ދާއިރާގެ ތެރެއިންނެވެ.
6 ވަނަ މާއްދާ - ޖަމްއިއްޔާއަށް ލިބިގެންވާ ގާނޫނީ ހައިސިއްޔަތު
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށްގެން ހިންގާ ކޮންމެ ޖަމްއިއްޔާއަކީ، އެ ޖަމްއިއްޔާއެއްގެ ނަމުގައި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން އުފުލޭ މުދަލާއި ނޫފުލޭ މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، ޖަމްއިއްޔާގެ މަގުސަދުތައް ހާސިލުކުރުމަށް ރޭވޭ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިޔަފާރިކުރުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، އަދި ޖަމްއިއްޔާގެ މުދަލުގެ މިލްކުވެރިކަން ޖަމްއިއްޔާގެ މެންބަރުންނަށާއި މުއައްސިސުންނަށާއި ހިންގާ ކޮމިޓީގެ މެންބަރުންނަށް ނުލިބޭގޮތަށް، ގާނޫނީގޮތުން އުފެދިފައިވާ އަމިއްލަ ށަހްސެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖަމްއިއްޔާގެ މެންބަރަކު ނުވަތަ މުއައްސިސަކު ނުވަތަ ހިންގާ ކޮމިޓީގެ މެންބަރަކު، އެ ޖަމްއިއްޔާއެއްގެ ނަން ބޭނުންކޮށްގެން ކުރި އަމަލަކީ ޖަމްއިއްޔާތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި، އެ ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ކޮށްފައިވާ އަމަލެއް ނަމަ، ނުވަތަ މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ބ) އާ ހިލާފަށް ކޮށްފައިވާ އަމަލެއް ނަމަ، އެ އަމަލެއް ކުރި ފަރާތަކުން އެ އަމަލަކަށް ފަރުދީގޮތުން ޒިންމާކުރުވުމަށް، މި މާއްދާގެ (ހ) އިން ހުރަހެއް ނާޅައެވެ.
ތިންވަނަ ބާބު
ޖަމްއިއްޔާގެ ސިފަތައް
7 ވަނަ މާއްދާ - ޖަމްއިއްޔާގެ ސިފަތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާއެއްގައި، އަންނަނިވި ސިފަތައް އެކުލެވިގެން ވާންވާނެއެވެ.
(ހ) އެއް ފަރާތަށްވުރެ ގިނަ ފަރާތް ބައިވެރިވުން.
(ށ) ގާނޫނު ހުއްދަކުރާ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި ހަރަކާތްތެރިވުން.
(ނ) އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވައިލެވިފައިވުން.
(ރ) މާލީ މަންފާއަކަށް ނުވާގޮތަށް މަސައްކަތްކުރުން.
(ބ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމިއްލަވަންތަކަން ލިބިގެންވުން.
(ޅ) މައިގަނޑު މަގުސަދަކީ މުޖުތަމައު ބާރުވެރިކުރުވާ ފަދަ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ވުން.
8 ވަނަ މާއްދާ - ޖަމްއިއްޔާގެ ބާވަތްތައް
ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މައްޗަށެވެ.
(ހ) ކްލަބު - އިޖުތިމާއީ މަސައްކަތެއް ނުވަތަ މުނިފޫހިފިލުވުން ފަދަ ވަކި ހާއްސަ ދާއިރާއެއްގައި ހަރަކާތްތެރިވެ، އެ ދާއިރާއަކުން ކުރިޔަށް ދިއުމަށް ޓަކައި، އާންމުކޮށް މެންބަރުންނަށް ވުމުގެ ފުރުސަތު ހަނިކުރެވިފައިވާ، ޖަމްއިއްޔާތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވައިލާ ނުވަތަ ރަޖިސްޓަރީކޮށް ދިވެހިރާއްޖޭގައި ހިންގާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.
(ށ) އެސޯސިއޭށަން ނުވަތަ އޯގަނައިޒޭށަން ނުވަތަ ސޮސައިޓީ - ގާނޫނު ހުއްދަކުރާ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި، އާންމުކޮށް މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވައިލައިގެން، ޖަމްއިއްޔާތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން އުފައްދާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.
(ނ) ފައުންޑޭށަން - ފައުންޑޭށަނުގެ ތެރޭގައި ޕްރައިވެޓް ފައުންޑޭށަނާއި ޕަބްލިކް ފައުންޑޭށަން ހިމެނެއެވެ. އެގޮތުން މުޖުތަމައުގެ ފައިދާއަށް ނުވަތަ ވަކިވަކި ފަރުދުންނަށާއި އެހެނިހެން ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ވަކި ފަރުދަކަށް ނުވަތަ ވަކި ފަރާތްތަކެއް ނުވަތަ އާއިލީ މެންބަރުން ހިމެނޭހެން އުފައްދާ ޖަމްއިއްޔާތައް ހިމެނެއެވެ.
- ޕްރައިވެޓް ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަނުގެ ހަރަކާތްތަކަށް ފައިސާ ހޯދާނީ، އެ ފައުންޑޭށަން އުފައްދާ ފަރާތެކެވެ.
- ޕަބްލިކް ފައުންޑޭށަން – ފައުންޑޭށަން ހިންގުމަށާއި ފައުންޑޭށަނުގެހަރަކާތްތަކަށް، އަމިއްލަ ފަރުދުންނާއި، އިދާރާތަކުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ކުންފުނިތަކުންނާއި، ޖަމްއިއްޔާތަކުން ނުވަތަ ގާނޫނީ އެ ނޫން ވެސް ށަހްސަކުން ފައިސާ ހޯދާ ފައުންޑޭށަންތަކެވެ.
(ރ) ފެޑަރޭށަން ނުވަތަ އެލަޔަންސް ނުވަތަ ނެޓްވާރކް - ވަކި ދާއިރާއެއްގައި ނުވަތަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ގުޅިގެން އެ ދާއިރާއެއްގެ މަންފާއަށް ނުވަތަ ވަކި މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި، ޖަމްއިއްޔާތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން އުފައްދާ ޖަމްއިއްޔާތައް.
(ބ) ޗެރިޓީ - ގާނޫނު ހުއްދަކުރާ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އެހީ ފޯރުކޮށްދިނުމަށް ޖަމްއިއްޔާތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން އުފައްދާ ޖަމްއިއްޔާތައް.
(ޅ) ފަންނީ މަސައްކަތްތެރީ ންގެ އެސޯސިއޭށަން ނުވަތަ ޔޫނިއަން ނުވަތަ އޯގަނައިޒޭށަން ނުވަތަ ސޮސައިޓީ - ގާނޫނު ހުއްދަކުރާ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި، ވަކި ފަންނެއްގައި ނުވަތަ އެކި ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން، އެ ފަންނެއްގެ މަސައްކަތްތެރީންނަށް މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވައިލައިގެން އުފައްދާ ޖަމްއިއްޔާތަކާއި ޖަމާއަތްތައް.
9 ވަނަ މާއްދާ - އިސްތިސްނާވާ ޖަމްއިއްޔާތައް
ޖަމްއިއްޔާތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވާ ޖަމްއިއްޔާތައް، މި ގަވާއިދުގެ ދަށުން ވެސް އިސްތިސްނާވާނެއެވެ.
10 ވަނަ މާއްދާ - ޖަމްއިއްޔާތަކުން ކުރުން މަނާ ކަންކަން
ޖަމްއިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ޖަމްއިއްޔާއަކުން، ޖަމްއިއްޔާތަކުގެގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ނުވަތަ އެފަދަ އެއްވެސް ކަމެއް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
ހަތަރުވަނަ ބާބު
ޖަމްއިއްޔާތަކުގެ ރަޖިސްޓްރާރ
11 ވަނަ މާއްދާ - ރަޖިސްޓްރާރ ގެ މަގާމުގެ މަސްއޫލިއްޔަތުތައް
(ހ) އަންނަނިވި މަސްއޫލިއްޔަތުތައް ރަޖިސްޓްރާރ އަދާކުރަންވާނެއެވެ.
- ޖަމްއިއްޔާ ހަދައި ހިންގުމަށް ގާނޫނުއަސާސީން ލިބޭ ހައްގު ކަށަވަރުކޮށްދީ، އެ ހައްގު ލިބިދިނުމަށް މަގުފަހިކުރުމަށް ޓަކައި މަސައްކަތްކުރުން؛
- ޖަމްއިއްޔާތައް އުފައްދައި ރަޖިސްޓަރީކުރުމުގައި، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ރަޖިސްޓްރާރ ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ އެންމެހައި ކަންތައްތައް ކުރުން؛
- ޖަމްއިއްޔާތަކުގެ ގާނޫނާއި، މި ގަވާއިދާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނައެ ނޫން ވެސް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ޖަމްއިއްޔާތަކާމެދ،ު ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުން؛
- ޖަމްއިއްޔާއަކުން ހިންގާ ހަރަކާތެއްގެ ތެރެއިން ޖިނާއީ ކުށެއްގެ އަމަލެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ނުވަތަ ޖިނާއީ ކުށަކަށް ވާ ގޮތަށް އަމަލުތައް ބައްޓަންކޮށްފައިވާ ކަމުގެ މައުލޫމާތު ނުވަތަ ށަކުވާ ހުށަހަޅައިފި ނަމަ، އެ ކަމެއް ހިނގައިފައިވާ ގޮތް ބަލައި، އެ ހުށަހެޅި މައުލޫމާތުގައި ނުވަތަ ށަކުވާގައި ބުރަދަނެއްވާކަމަށް ގަބޫލުކުރެވޭ ނަމަ، ކަމާބެހޭ މުއައްސަސާއަށް އެ ކަމެއްގެ މައުލޫމާތު ހިއްސާކުރަން ވާނެއެވެ. އަދި އެފަދަ ގޮތަކަށް އަމަލުތައް ބައްޓަންކޮށްފައިވާ ކަމަށް ރަޖިސްޓްރާރއަށް އަމިއްލައަށް ފާހަގަކުރެވިއްޖެ ކަމުގައި ވާ ނަމަ، ކަމާބެހޭ މުއައްސަސާއަށް އެ ކަމެއްގެ މައުލޫމާތު ހިއްސާކުރުން؛
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކޮމިޓީގެ ލަފާގެ މަތީން، އެ ގާނޫނު ތަންފީޒުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން؛
- ޖަމްއިއްޔާތަކުގެ ފަރާތުން ހުށަހަޅާ ށަކުވާތަކަށް، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭގޮތުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން؛
- ޖަމްއިއްޔާތަކުގެ މަގުސަދު ހާސިލުކުރުމަށް ކުރާ މަސައްކަތް ހިނގާ ނުހިނގާ ގޮތް، މީލާދީ ކޮންމެ އަހަރަކު، މަދުވެގެން 1 (އެކެއް) ފަހަރު މޮނިޓަރކޮށް ބެލުން؛
- ޖަމްއިއްޔާއަކުން ފަންނީ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުން؛
- ޖަމްއިއްޔާތަކުން ހުށަހަޅަންޖެހޭ އަހަރު ރިޕޯޓާއި އޮޑިޓް ރިޕޯޓުތައް ގަވާއިދުން ހުށަހަޅަމުންދޭތޯ ބެލުން؛
- ޖަމްއިއްޔާއެއް އުފެދިފައިވާ މަގުސަދުތަކާ އެއްގޮތަށް އެ ޖަމްއިއްޔާގެ ހަރަކާތްތައް ކުރިޔަށްގެންދާކަމަށް ނުފެންނަ ހާލަތުގައި، އެ ޖަމްއިއްޔާއެއް އުފައްދައިފައިވާ މަގުސަދުގެ ތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް އެންގުން؛
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުން ވަޒީފާ އަދާކުރާ މާހައުލަކީ ރައްކައުތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރުން.
- ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ބައިނަލްއަގުވާމީ މިންގަނޑުތައް ދެމެހެއްޓުމަށް އިރުށާދު ދީ، ކަމާގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، ކަމާބެހޭ އިދާރާތަކާއެކު ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުން.
- ޖަމްއިއްޔާތަކުގެ އަދާހަމަ ދަފުތަރު އެކުލަވައިލައި އާންމުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަމްއިއްޔާތަކުގެ ގާނޫނުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތަކާއި، އަސާސްތަކާއި، މި ގަވާއިދުގެ މަގުސަދުތައް ނަގަހައްޓަންވާނެއެވެ.
12 ވަނަ މާއްދާ - ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީ
ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީ އެކުލަވައިލާނީ، ޖަމްއިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން ހަރަކާތްތެރިވާ ޖަމްއިއްޔާތަކުން ހުށަހަޅާ ނަންތަކެއްގެ ތެރެއިން، އެ ޖަމްއިއްޔާތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ހޮވާ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 11 (އެގާރަ) މެންބަރުންނަކީ، އެކި ބާވަތްތަކުގެ ޖަމްއިއްޔާތައް ތަމްސީލުކުރާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
(ނ) ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތެއް ކަމުގައި ވުން؛
- މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައި ވުން؛
- ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން؛
- އެ މީހާ ނިސްބަތްވާ ޖަމްއިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާތާ މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވެފައިވުން؛
- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެ މީހެއްގެ މައްޗަށް ހިޔާނާތުގެ މައްސަލައެއްގެ ނުވަތަ ޖިނާއީ މައްސަލައެއްގެ ހުކުމް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއް ކަމުގައި ވުން.
13 ވަނަ މާއްދާ - ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ ދައުރު
(ހ) މި ކޮމިޓީގެ ދައުރަކީ، މި މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތް ފަށާ ތާރީހުން ފެށިގެން، މީލާދީގޮތުން 2 (ދޭއް) އަހަރުދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ދައުރު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އިންތިހާބު ބާއްވައި، ކޮމިޓީ އަލުން އެކުލަވައިލަންވާނެއެވެ.
(ނ) ލަފާދޭ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޮމިޓީގެ މަސައްކަތް ފަށަންވާނެއެވެ.
14 ވަނަ މާއްދާ - މަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް
(ހ) ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް، މަދުވެގެން އަހަރަކު 4 (ހަތަރެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުންތަކުގެ ދެމެދުގައި 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެގެން ނުވާނެއެވެ.
(ނ) ކުއްލި ކަމެއްގައި ނުވަތަ ރަޖިސްޓްރާރގެ ލަފަޔަކަށް ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ ކޮމިޓީގެ ތިންބައިކުޅަދެބައި މެންބަރުން ބައްދަލުވުމެއް ބާއްވަން ބޭނުންވެއްޖެ ނަމަ، ބައްދަލުވުން ބާއްވަންޖެހޭ މިންވަރަށްވުރެ އިތުރަށް، މި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަކަށް ހުރަހެއް ނެތެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެގެން ބައްދަލުވުމެއް ބާއްވަން ޖެހިއްޖެ ނަމަ، ބައްދަލުވުން ބާއްވާ ތާރީހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ކޮމިޓީގެ ރިޔާސަތުން ރަޖިސްޓްރާރއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.
15 ވަނަ މާއްދާ - އިންތިހާބާ ގުޅޭ ކަންކަން
(ހ) ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީއަށް މެންބަރުން އައްޔަނުކުރުމަށް ޓަކައި ބާއްވާ އިންތިހާބާއި، އެ އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ އިންތިޒާމު ހަމަޖައްސާނީ މިނިސްޓްރީންނެވެ.
(ށ) ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ މަގާމަށް، އެ މަގާމު ހުސްވި ތާރީހުން ފެށިގެން 45 (ސާޅިސްފަހެއް) ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.
(ނ) މި އިންތިހާބުގައި ވޯޓުލުމުގެ ފަސޭހަ އިންތިޒާމެއް މިނިސްޓްރީގެ ފަރާތުން ހަމަޖައްސަންވާނެއެވެ.
16 ވަނަ މާއްދާ - ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމުން ވަކިވުން
(ހ) އަންނަނިވި ހާލަތްތަކުގައި، ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުން، މެންބަރުކަމުން ވަކިވާނެއެވެ.
- ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުންގެ ކިބައިން މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން؛
- މި މާއްދާގެ (ށ) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިސްތިއުފާ ދިނުން؛ މަގުބޫލު އުޒުރެއް ނެތި، ވިދިވިދިގެން ކޮމިޓީގެ 3 (ތިނެއް) ޖަލްސާއަށް ހާޒިރުވެފައި ނުވުން؛
- މަރުވުން.
ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ޖަމްއިއްޔާގެ ރަޖިސްޓްރާރއަށް ހުށަހެޅުމުން، އިސްތިއުފާ ގަބޫލުކޮށްފައިވާކަން އެ ފަރާތަށް އަންގަންވާނެއެވެ.
17 ވަނަ މާއްދާ - ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މަސައްކަތްކުރާ ތަން
(ހ) ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މަސައްކަތްކުރެވޭނެ ތަނެއްގެ އިންތިޒާމ،ު މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިޓީގެ މެންބަރުންގެ މެދުގައި މަސައްކަތްތަކާއި މީޓިންގތައް އޮންލައިންކޮށް ބޭއްވެން އޮތް ހާލަތުގައި، އެކަން އެގޮތަށް ކުރުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.
18 ވަނަ މާއްދާ - ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މަސައްކަތްތައް
ޖަމްއިއްޔާގެ ރަޖިސްޓްރާރއަށް ލަފާދޭ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދު ތަންފީޒުކުރުމާ ގުޅޭ ކަންކަމުގައި ރަޖިސްޓްރާރގެ ފަރާތުން ކޮމިޓީގެ ލަފަޔަށް އެދޭ ކަންކަމާ ގުޅޭގޮތުން ރަޖިސްޓްރާރއަށް ލަފާ ދިނުން.
(ށ) ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދު ތަންފީޒުކުރުމާ ގުޅުންހުރި ކަންކަމުގައި، ޖަމްއިއްޔާތަކުގެ ކަންބޮޑުވުންތަކާއި އެފަދަ ޖަމްއިއްޔާތަކަށް ކުރިމަތިވާ ހުރަސްތައް ރަޖިސްޓްރާރއަށް ފޯރުކޮށްދިނުމާއެކު، އެ ކަންކަމަށް ޖަމްއިއްޔާތަކުގެ ގާނޫނާއި ގަވާއިދުގެ ދާއިރާގެ ތެރެއިން ލިބިދެވިދާނެ ހައްލު ރަޖިސްޓްރާރއަށް ހުށަހެޅުން.
(ނ) ޖަމްއިއްޔާތަކުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޖަމްއިއްޔާތަކުން އަމަލުކުރުމަށް އެހީވެދީ ހިތްވަރުދިނުމުގެ ގޮތުން އެކި ބާވަތްތަކުގެ ތަމްރީނު ޕުރޮގުރާމުތަކާއި މައުލޫމާތު ދިނުމުގެ ޕުރޮގުރާމުތައް ފަރުމާކުރުމުގައި ރަޖިސްޓްރާރއަށް ލަފާ ދިނުން.
(ރ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރާރ އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތައް މުރާޖާކޮށް، އިސްލާހު ހުށަހެޅުން.
ފަސްވަނަ ބާބު
ޖަމްއިއްޔާ ރަޖިސްޓަރީކުރުމާއި ހިންގުން
19 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖޭގައި އެއްވެސް ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށް ހިންގަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، މަދުވެގެން 2 (ދޭއް) މީހުން ނުވަތަ 2 (ދޭއް) ގާނޫނީ ށަހްސަކުން، ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދި ރަޖިސްޓްރާރއަށް ހުށަހަޅައި، ޖަމްއިއްޔާގެ ދަފުތަރުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.
(ށ) ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯޓަލް މެދުވެރިކޮށް ހުށަނޭޅޭ ހާލަތެއް ދިމާވެއްޖެ ނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަކޮށް، މިނިސްޓްރީގެ ހުއްދަޔާއެކު ސަރުކާރުގެ ރަސްމީގަޑީގައި އޮފީހަށް ހާޒިރުވެގެން ނުވަތަ އީމެއިލް މެދުވެރިކޮށް، ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ.
(ރ) ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު؛
- ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛
- ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް އެދޭ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހްސެއް ހިމެނޭ ނަމަ، އެ ށަހްސެއްގެ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ؛
- ޖަމްއިއްޔާ އުފައްދަން އެދޭ މީހުންގެ ކުށުގެ ރިކޯޑު ނެތްކަމުގެ ލިޔުން؛
- ޖަމްއިއްޔާ ހިންގަން ގަސްތުކުރާ ތަނުގައި، ޖަމްއިއްޔާގެ އިދާރާ ބެހެއްޓުމުގެ ހުއްދަ ލިބިފައިވާކަމުގެ ލިޔުން؛
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ބައިތައް ހިމަނައިގެން ދިވެހިބަހުން އެކުލަވައިލައިފައިވާ، ޖަމްއިއްޔާގެ އަސާސީ ގަވާއިދުގެ އަސްލާއި ކޮޕީ؛
- ޖަމްއިއްޔާގައި ލޯގޯއެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ބޭނުންކުރަން ގަސްތުކޮށްފައިވާ ނަމަ، އެ ތަކެތީގެ ތަފުސީލު އެނގޭނޭހެން، ކުރެހުމާއި ކުރެހުމުގެ ސޮފްޓުގެ ކުލަ ކޮޕީ؛
- ޖަމްއިއްޔާގައި މޮޓޯއެއް ބޭނުންކުރަން ގަސްތުކޮށްފައިވާ ނަމަ، އެ މޮޓޯއަކާއި އޭގެ މާނަ؛
- ޖަމްއިއްޔާ އުފައްދަނީ ސަރުކާރުގެ އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ނިސްބަތްވާގޮތަށް ނަމަ، އެ އިދާރާއެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
(ބ) ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީއަށް ލިބޭ ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިނުމާ ބެހޭގޮތުން ރަޖިސްޓްރާރ ގޮތެއް ނިންމަންވާނެއެވެ.
(ރ) ޖަމްއިއްޔާއެއް ރަޖިސްޓަރީވެ ވުޖޫދުވެފައިވާ ތާރީހެއްގެ ގޮތުގައި ބަލަންވާނީ، ޖަމްއިއްޔާތަކުގެ ދަފުތަރުގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދިން ސެޓުފިކެޓުގައިވާ ތާރީހެވެ.
20 ވަނަ މާއްދާ - ރަޖިސްޓަރީ ސެޓުފިކެޓު
(ހ) ކޮންމެ ޖަމްއިއްޔާއެއް ވެސް ރަޖިސްޓަރީވުމުން، ޖަމްއިއްޔާތަކުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ ހުއްދަ ދީފައިވާ ފަރާތަކުން ސޮއިކޮށްފައިވާ ސެޓުފިކެޓެއް، އެ ޖަމްއިއްޔާއަކަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓުގެ ނަމަކީ "ޖަމްއިއްޔާ ރަޖިސްޓްރޭށަން ސެޓުފިކެޓު" އެވެ.
(ނ) ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، އެ ޖަމްއިއްޔާގެ ރަޖިސްޓްރޭށަން ސެޓުފިކެޓު، އެ ޖަމްއިއްޔާއަކާ ހަވާލުކުރަން ވާނެއެވެ. ރަޖިސްޓްރޭށަން ސެޓުފިކެޓާ ހަވާލުވުމަކީ، އެ ޖަމްއިއްޔާއެއްގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ސެޓުފިކެޓު ދޫކުރާ ނަމަ، އަސްލުކަމަށް ބަޔާންކޮށްފައިވާ ކޮޕީއެއް، ކޮންމެ ޖަމްއިއްޔާއަކަށް ވެސް ރަޖިސްޓްރާރ ހަވާލުކުރާންވާނެއެވެ.
21 ވަނަ މާއްދާ - ބޭރުގެ ޖަމްއިއްޔާތަކުން ރާއްޖޭގައި ހަރަކާތްތެރިވުން
(ހ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި، ދިވެހި ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުގައި އުފައްދައިފައިވާ ޖަމްއިއްޔާއެއް ރާއްޖޭގައި ހަރަކާތްތެރިވާން ބޭނުން ނަމަ، އެ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ހޯދުމަށްފަހު، އެ ޖަމްއިއްޔާގެ ގޮތްޕެއް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ޖަމްއިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއްގެ ގޮތްޕެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ހޯދަން ހުށަހަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، އެކަމަށް މިނިސްޓްރީން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން، ރަޖިސްޓްރާރއަށެވެ.
- ޖަމްއިއްޔާގެ މަގުސަދާއި، ހިންގަން ގަސްތުކުރާ މައިގަނޑު ހަރަކާތްތަކުގެ ތަފުސީލު؛
- ޖަމްއިއްޔާގެ ރައުސުލްމާލު ބަޔާންކޮށްދޭ ލިޔުމެއް؛
- ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުވާނެ ފަރާތްތަކާއި މީހުން ބަޔާންކޮށްދޭ ލިޔުމެއް؛
- ޖަމްއިއްޔާއިން ރާއްޖޭގައި ހަރަކާތް ހިންގުމަށް ޓަކައި މައި ޖަމްއިއްޔާގެ ހިންގާ ކޮމެޓީން ހުއްދަ ދީފައިވާކަމުގެ ލިޔުމުގެ ކޮޕީ، ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ ލިޔުން؛
- ރާއްޖޭގައި ޖަމްއިއްޔާގެ ގޮތްޕެއް ހިންގުމަށް މައި ޖަމްއިއްޔާ ރަޖިސްޓަރީވެފައިވާ ގައުމެއްގެ އެންބަސީން ހުއްދަ ދީފައިވާކަމުގެ ލިޔުން.
(ނ) ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއް ރާއްޖޭގައި ހިންގުމަށް ހުއްދަ ދިނުމުގައި ބަލާނީ، އެ ޖަމްއިއްޔާއަކުން ރާއްޖޭގައި ހިންގުމަށް ހުށަހަޅައިފައިވާ ހަރަކާތްތަކާ ގުޅޭ ސަރުކާރުގެ އިދާރާތަކުގައި އަމަލުކުރާ އުސޫލުތަކަށާއި، ގައުމީ ތަރައްގީގެ ޕްލޭންތަކަށާއި، އެ ޖަމްއިއްޔާގެ ގޮތްޕެއް ރާއްޖޭގައި ރަޖިސްޓަރީކުރުމުން ރާއްޖެއަށް ލިބޭނެކަމަށް ފެންނަ ފައިދާއަށާއި، ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައްޗަށެވެ.
22 ވަނަ މާއްދާ - ބޭރުގެ ޖަމްއިއްޔާތައް ރާއްޖޭގައި ރަޖިސްޓަރީކުރުން
(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ލިބިފައިވާ ޖަމްއިއްޔާއެއް ނަމަ، އެ ޖަމްއިއްޔާގެ ގޮފި ރަޖިސްޓަރީކުރަން ހުށަހަޅާނީ، މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ރަޖިސްޓްރާރއަށެވެ.
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ މައުލޫމާތު؛
- އެ ޖަމްއިއްޔާއެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން އެދޭ މީހުންގެ ގޮތުގައި ހުށަހަޅާ މީހުންގެ ތެރޭގައި ދިވެހި ރައްޔިތުން ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކު ހިމެނޭ ނަމަ، އެ ގައުމެއްގެ ކަމާބެހޭ އޮފީހަކުން ދީފައިވާ ކުށުގެ ރިކޯޑުގެ އަސްލު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން، އަންނަނިވި ލިޔެކިޔުންތައް ދިވެހިބަހަށް ތަރުޖަމާކޮށްފައިވާ ކޮޕީއެއް، އަސްލާ އެއްގޮތް ތަރުޖަމާއެއްކަމުގެ ތައްގަނޑު ޖެހުމަށްފަހު ހުށަހަޅަންވާނެއެވެ.
- އެ ޖަމްއިއްޔާގެ މައި އޮފީސް ރަޖިސްޓަރީކޮށްފައިވާ ގައުމެއްގައި ޖަމްއިއްޔާ ރަޖިސްޓަރީކޮށްފައިވާކަމުގެ ލިޔުން؛
- އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދު ނުވަތަ ކޮންސްޓިޓިއުށަންގެ އަސްލާ އެއްގޮތް ކޮޕީއަކާއި، އަސާސީ ގަވާއިދު ނުވަތަ ކޮންސްޓިޓިއުށަންގެ ދިވެހި ތަރުޖަމާއެއް؛
- އެ ޖަމްއިއްޔާއެއް ރާއްޖޭގައި ރަޖިސްޓަރީކުރަން އެދޭ މީހުންގެ ގޮތުގައި ހުށަހަޅާ މީހުންގެ ތެރޭގައި ދިވެހި ރައްޔިތުން ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކު ހިމެނޭ ނަމަ، އެ ގައުމެއްގެ ކަމާބެހޭ އޮފީހަކުން ދީފައިވާ ކުށުގެ ރިކޯޑުގެ އަސްލާއި، ދިވެހިބަހަ ށް ތަރުޖަމާކޮށްފައިވާ ކޮޕީއެއް (އަސްލާ އެއްގޮތް ތަރުޖަމާއެއްކަމުގެ ތައްގަނޑު ޖެހުމަށްފަހު)؛
- އެ ޖަމްއިއްޔާގެ ގޮތްޕެއް ރާއްޖޭގައި ހިންގުމަށް އިއުތިރާޒު ނުކުރާކަމަށް،އެ ޖަމްއިއްޔާއިން ނިންމައިފައިވާކަމުގެ ލިޔުމުގެ ކޮޕީއަކާއި، އެ ލިޔުމުގެ ދިވެހިބަހުގެ ތަރުޖަމާ؛
(ނ) ޖަމްއިއްޔާ ހިންގާ އިދާރާ ހުންނަ ތަނުގެ ވެރިފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުން. މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދަ ލިބިފައިވާ ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމުގައްޔާއި ހިންގުމުގައި އަމަލުކުރަންވާނީ، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
23 ވަނަ މާއްދާ - ޖަމްއިއްޔާތަކުގެ ދަފުތަރު
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ޖަމްއިއްޔާތަކުގެ ދަފުތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ.
(ށ) ޖަމްއިއްޔާތަކުގެ ދަފުތަރަށް އަންނަ އުނިއިތުރު އެނގޭނޭހެން، ޖަމްއިއްޔާތަކުގެ މައުލޫމާތު، ކޮންމެ މީލާދީ އަހަރަކު 1 (އެކެއް) ފަހަރު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
24 ވަނަ މާއްދާ - ރާއްޖޭގެ ޖަމްއިއްޔާތައް ރާއް ޖެއިން ބޭރުގައި ހަރަކާތްތެރިވުން
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ދިވެހިރާއްޖޭގެ ޖަމްއިއްޔާއެއް ދިވެހިރާއްޖެއިން ބޭރުގައި ހިންގަންވާނީ، އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ޖަމްއިއްޔާއެއްގެ ހަރަކާތެއް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމުގައި ވެސް، ޖަމްއިއްޔާތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ނުވަތަ ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖެއިން ބޭރުގައި ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، އެ ޖަމްއިއްޔާއިން ރާއްޖެއިން ބޭރުގައި ހިންގަން ގަސްތުކުރާ މައިގަނޑު ހަރަކާތްތަކުގެ ތަފުސީލާއި، ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކާއި، މީހުންނާއި، ދިވެހި ގައުމަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައުލޫމާތު، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
25 ވަނަ މާއްދާ - ދެ ޖަމްއިއްޔާއެއް އެއްކޮށްލުން
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗެރިޓީތައް ފިޔަވައި، ޖަމްއިއްޔާގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ޖަމްއިއްޔާ އެއްކޮށްލައި، ވަކި ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް އެދ،ި ޖަމްއިއްޔާގެ ރަޖިސްޓްރާރއަށް، އަންނަނިވި ލިޔެކިޔުންތަކާ އެކުގައި ހުށަހެޅިދާނެއެވެ.
- އަލަށް އުފެދޭ ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު؛
- ދެ ޖަމްއިއްޔާއެއް އެއްކޮށްލުމަށް އެދޭ ފޯމު؛
- ޖަމްއިއްޔާ އެއްކޮށްލުމަށް ނިންމައި ޖަމްއިއްޔާގެ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ގަރާރު؛
- އެއްކޮށްލާ ޖަމްއިއްޔާތަކުގެ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ އަސްލު؛
- އެއްކޮށްލާ ޖަމްއިއްޔާތަކުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ މާލީ ހިސާބުތައް؛
- އެއްކޮށްލާ ޖަމްއިއްޔާތަކުގެ އަންދާޒާކުރެވޭ އާމްދަނީއާއި ދަރަނި؛
- އަލަށް އުފެދޭ ޖަމްއިއްޔާއާ ގުޅިގެން، މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން ހުށަހަޅަންޖެހޭ އެނޫން ވެސް ލިޔެކިޔުންތައް؛
- ރަޖިސްޓަރީ ފީގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ.
(ށ) މި މާއްދާގެ ދަށުން 2 (ދޭއް) ޖަމްއިއްޔާއަށްވުރެ ގިނަ ޖަމްއިއްޔާ އެއްކޮށްލުމުން، ކުރީގެ ޖަމްއިއްޔާ އުވި، އައު ޖަމްއިއްޔާއެއް އުފަންވާނެއެވެ.
(ށ) މި މާއްދާގެ (ށ) ގެ ދަށުން އުފައްދާ އައު ޖަމްއިއްޔާ ރަޖިސްޓަރީވުމުގެ ނަތީޖާއަކީ، އެއްކޮށްލެވުނު ޖަމްއިއްޔާތަކުގެ މެންބަރުން، އައު ޖަމްއިއްޔާގެ މެންބަރުން ކަމުގައި ވެގެންދިއުމާއި، އެ ޖަމްއިއްޔާތަކުގެ މުދަލާއި ދަރަނި އައު ޖަމްއިއްޔާގެ މުދަލާއި ދަރަންޏަށް ބަދަލުވެގެން ދިއުމާއި، އުވިގެންދާ ޖަމްއިއްޔާތަކާ ދެކޮޅަށް އުފުލައިފައިވާ ދައުވާއެއް އޮތް ނަމަ، އެ ދައުވާއެއްގެ ޒިންމާ، އަލަށް ރަޖިސްޓަރީކުރި ޖަމްއިއްޔާއިން އުފުލަންޖެހުމެވެ.
ހަވަނަ ބާބު
ޖަމްއިއްޔާގެ ނަން
26 ވަނަ މާއްދާ - ޖަމްއިއްޔާއަށް ނަންކިޔުމުގައި ބެލޭނެ ކަންކަން
(ހ) ޖަމްއިއްޔާއެއްގެ ނަމުގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމެއް ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.
- ޖަމްއިއްޔާތަކުގެ ދަފުތަރުގައި އެ ވަގުތަކު ހިމެނިފައިވާ ޖަމްއިއްޔާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރައިފާނެ ފަދަ ނަމެއް؛
- އެ ނަމެއްގައި އާންމުވެފައިވާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއަކަށް ނުވަތަ ކްލަބަކަށްނުވަތަ ޖަމާއަތަކަށް ކިޔާ ނަމެއް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ ނަމެއްގައި އާންމުވެފައިވާ ވިޔަފާރި މަރުކާއެއް؛
- ރަޖިސްޓަރީކުރަން ހުށަހަޅާ ޖަމްއިއްޔާއަކުން ކުރާ ކަންތައްތަކާ ނުގުޅޭ ނަމެއް ނުވަތަ ތައާރުޒުވާ ނަމެއް؛
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ފަދަ ނަމަކަށް ވުން.
(ށ) ޖަމްއިއްޔާއަށް ކިޔަން ހުށަހަޅާ ނަމަކީ އާންމުކޮށް ބޭނުންކޮށް ނޫޅޭ ދިވެހިބަހުގެ ލަފުޒެއް ނަމަ، ދިވެހިބަހުގެ ރަދީފުގައިވާ އެ ލަފުޒެއްގެ މާނަ، ނުވަތަ އެ ބަޔަކު ގަސްތުކުރާ މާނަ ލިޔެފައި އޮންނަންވާނެއެވެ. އަދި ބޭރުބަހެއްގެ ލަފުޒެއް ކިޔާ ނަމަ، ދިވެހިބަހުގެ ރަދީފުގައިވާ އެ ލަފުޒުގެ މާނަ ނުވަތަ ދިވެހިބަހުގެ ރަދީފުގައި މާނަ ނެތް ހާލަތެއްގައި ކަމާބެހޭ އިދާރާއަކުން ދޭ ލިޔުމެއް ހުށަހެޅުން ނުވަތަ އެ ބަޔަކު ގަސްތުކުރާ މާނައާއި، އެ ބަހަކުން އެ ލަފުޒެއް ލިޔެފައި އޮންނަންވާނެއެވެ.
(ނ) ޖަމްއިއްޔާއަށް ރަމްޒުކޮށް ކުރުކޮށް ކިޔާ ނަން ވާންވާނީ، ޖަމްއިއްޔާގެ ނަމުގެ އަކުރުތަކުން ހެދިފައިވާ ނަމަކަށެވެ. ޖަމްއިއްޔާތަކަށް ނަން ކިޔުމުގައި އިސްކަންދޭންވާނީ ދިވެހިބަހަށެވެ.
27 ވަނަ މާއްދާ - ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތަކުންކުރެ ގޮތަކަށް ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފި ނަމަ، ޖަމްއިއްޔާތަކުގެ ދަފުތަރުން އެ ޖަމްއިއްޔާގެ ނަން ބަދަލުކުރަން ނުވަތަ ނަން އިސްލާހުކުރަންވާނެއެވެ.
- ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނިންމުން؛
އެ ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރާ ގަރާރު، އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ 2/3 (ތިންބައިކުޅަދެބައި) ގެ އަޣްލަބިއްޔަތުން ފާސްކުރުމަށްފަހު، ފާސްކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ނަން ފާސްކޮށްދިނުމަށް އެދި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. - ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރއަށް އެންގުން؛
ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރާރއަށް ލިޔުމުން އަންގައިފި ނަމަ، އެ އެންގުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށްފަހު، އެ ޖަމްއިއްޔާއަށް ރަޖިސްޓްރާރ އަންގަންވާނެއެވެ. - ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން އަމުރުކުރުން.
ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށް ށަރުއީ ކޯޓަކުން އަމުރުކޮށްފި ނަމަ، އެކަމަށް އަމުރުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަށްފަހު، އެ ނަމެއް ފާސްކޮށްދިނުމަށް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފި ނަމަ، ހިންގާ ކޮމިޓީން ޖަމްއިއްޔާގެ ނަން ބަދަލުކޮށް، ޖަމްއިއްޔާގެ ނަމަށް ގެނައި ބަދަލު ފާސްކުރުމަށްފަހު، ނަން ބަދަލުކުރުމަށް ނިންމިގޮތުގެ ގަރާރުގެ އަސްލާއި، ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގެ 2 (ދޭއް) ކޮޕީއާއެކު ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ނ) ބަދަލުކުރާ ނުވަތަ އުވައިލާ ޖަމްއިއްޔާއެއްގެ ނަމުގައި އެހެން ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދެވޭނީ، އެ ނަން އުވައިލާ ދުވަހުން ފެށިގެން ނުވަތަ އެ ނަން ބަދަލުކުރާ ދުވަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ފަހުންނެވެ.
28 ވަނަ މާއްދާ - ނަން ބަދަލުކުރުމުގެ ނަތީޖާ
ޖަމްއިއްޔާއެއްގެ ނަން ބަދަލުކުރުމަކުން އެ ޖަމްއިއްޔާއެއްގެ އެއްވެސް ހައްގަކަށް ނުވަތަ ވާޖިބަކަށް ނުވަތަ އިލްތިޒާމަކަށް ނުވަތަ އެ ޖަމްއިއްޔާއަކުން ކުރާ ނުވަތަ ކޮށްފައިވާ މަސައްކަތަކަށް ބަދަލެއް ނާންނާނެއެވެ. އަދި އެ ޖަމްއިއްޔާއެއްގެ މައްޗަށް ކުރެވޭ ދައުވާއަކަށް ނުވަތަ ކޮށްފައިވާ ދައުވާއަކަށް ބަދަލެއް ނާންނާނެއެވެ.
ހަތްވަނަ ބާބު
ޖަމްއިއްޔާގެ ހިންގުން
29 ވަނަ މާއްދާ - ޖަމްއިއްޔާ ހިންގުން
ޖަމްއިއްޔާއެއް ރަޖިސްޓަރީވުމުން، އެ ޖަމްއިއްޔާއެއްގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމުގެ އިހްތިޔާރު، އެ ޖަމްއިއްޔާއަކަށް ލިބިގެންވެއެވެ. ނަމަވެސް، ޖަމްއިއްޔާއަކުން ކުރާ ކަމެއްގައި އެ ކަމަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާއަކުން ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދައެއް އެ ޖަމްއިއްޔާއަކުން ނަގަންޖެހޭނެއެވެ.
30 ވަނަ މާއްދާ - އަސާސީ ގަވާއިދު
(ހ) މަދަނީ ޖަމްއިއްޔާތަކުގެ ދަފުތަރުގައި ޖަމްއިއްޔާއެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދު ފާސްކުރުމަށް ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި އަންނަނިވި މައުލޫމާތާއި ބައިތައް ހިމަނަންވާނެއެވެ.
- ޖަމްއިއްޔާތަކުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ބައިތައް؛
- މެންބަރުންގެ އަތުން ޗަންދާއެއް ނަގާ ނަމަ، ޗަންދާ ނަގާ އުސޫލާއި ޗަންދާގެ މިންވަރު؛
- ޖަމްއިއްޔާ ހިންގުމަށާއި، ޖަމްއިއްޔާގެ ހަރަކާތްތަކަށް ފައިސާ ހޯދާނެގޮތ.ް
31 ވަނަ މާއްދާ - އަސާސީ ގަވާއިދު ބަދަލުވުން
(ހ) އެއްވެސް ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ގެނައުމަށް އެދޭ ނަމަ، އަސާސީ ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭގޮތުން، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާތުތަކާ އެއްގޮތަށް އެ ބަދަލުތައް ގެނައުމަށް އެ ޖަމްއިއްޔާއަކުން ނިންމައި ފާސްކުރުމަށްފަހު، އެ ބަދަލުތައް ގެނައުމުގެ ހުއްދަ ހޯދުމަށް ޓަކައި ޖަމްއިއްޔާގެ އަސާސީ ގަވާއިދުގެ 2 (ދޭއް) ކޮޕީއާއި، ބަދަލު ގެންނަން ނިންމި ނިންމުމުގެ އަސްލާ އެއްގޮތް ކޮޕީ، އެ ނިންމުމެއް ނިންމިތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުމުގައި، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ކަނޑައަޅައިފައިވާ އިޖުރާތުތަކާއި ކަންކަން ފުރިހަމަވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަ ބަދަލުތަކަކީ، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދު ހުއްދަކުރާ ބަދަލުތަކެއް ނަމަ، އަސާސީ ގަވާއިދު ބަލައިގަނެ، ރަޖިސްޓްރާރގެ ފަރާތުން އެ ޖަމްއިއްޔާއަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަ ބަދަލުތަކަކީ، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދު ހުއްދަނުކުރާ ބަދަލުތަކެއް ނަމަ، ޖަމްއިއްޔާގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލު ރަޖިސްޓްރާރއަށް އަންގާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ބަދަލު އެގޮތަށް ނުގެނެވޭނެކަން ސަބަބާއެކު އެންގުމުގެ ބާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ޖަމްއިއްޔާގެ މަގުސަދު
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ޖަމްއިއްޔާގެ މަގުސަދުގެ ތެރޭގައި ހިމެނިގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބަލައި ފާރަލުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް ނުވަތަ އިތުރަށް ހަރުދަނާކުރުމަށް ވަކާލާތުކުރުމާއި، ސަރުކާރުގެ އެކިއެކި ދާއިރާތަކުން، އެ ދާއިރާތަކުގެ ސިޔާސަތު ކަނޑައެޅުމުގައްޔާއި، ވިލަރެސް ކުރުމުގައްޔާއި، ތަންފީޒުކުރުމުގައި އެހީތެރިވެދިނުމަށް ޖަމްއިއްޔާއަކުން މަސައްކަތްކުރުމަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.
33 ވަނަ މާއްދާ - މަގުސަދު ބަދަލުކުރުން
ޖަމްއިއްޔާއެއްގެ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ބިނާވެފައިވަނީ ޖަމްއިއްޔާތަކުގެ ގާނޫނުގެ 3 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާ ހިލާފަށްކަމަށް ރަޖިސްޓްރާރއަށް ގަބޫލުކުރެވިއްޖެ ނަމަ، އެ މަގުސަދެއް ނުވަތަ މަގުސަދުތަކެއް ބަދަލުކުރުމަށް އެ ޖަމްއިއްޔާއަކަށް ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.
34 ވަނަ މާއްދާ - ޖަމްއިއްޔާގެ މެންބަރުން
(ހ) ޖަމްއިއްޔާގެ މެންބަރުންނަކީ، އެ ޖަމްއިއްޔާގައި އެ ވަގުތަކު އޮތް އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގަބޫލުކޮށް، އެ ގަވާއިދުގައިވާ ފަދައިން މެންބަރުންނަށް ވެފައިވާ ފަރާތްތަކެވެ.
(ށ) ކޮންމެ ޖަމްއިއްޔާއެއްގައި ވެސް، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ޖަމްއިއްޔާގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު އެނގޭގޮތަށް، މެންބަރުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ. މި ރަޖިސްޓަރީގައި، ޖަމްއިއްޔާއަށް އަލަށް ވަންނަ މެންބަރުންނާއި، ޖަމްއިއްޔާއިން ވަކިވާ މެންބަރުންގެ މައުލޫމާތު އެނގެން އޮންނަންވާނެއެވެ.
(ނ) މެންބަރުންގެ ރަޖިސްޓަރީއަށް އަންނަ ބަދަލުތައް އެނގޭނެ ފަދަ ގޮތަކަށް، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާރއަށް ފޮނުވަންވާނެއެވެ.
(ރ) ކޮންމެ ޖަމްއިއްޔާއެއްގައި ވެސް އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތީން ޗަންދާގެ ތަފާތާއި ޒިންމާތައް ތަފާތުވާގޮތަށް އެކި ގިންތީގެ މެންބަރުން ތިބުމުގެ ހައްގު ލިބިގެންވެއެވެ.
(ބ) ޖަމްއިއްޔާގެ އަސާސީ ގަވާއިދު ހުއްދަކުރާ ނަމަ، ގާނޫނީ ށަހްސެއް އެ ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިދާނެއެވެ. ނަމަވެސް، ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ދިވެހިރާއްޖެއިން ބޭރުގެ ކުންފުނ،ި ޕާޓްނަރށިޕް. ކުލަބ،ް ޖަމްއިއްޔާތައް ބައިވެރިއެއް ނުކުރެވޭނެއެވެ.
(ޅ) ދިވެހިރާއްޖެއާ ހާރިޖީ ގުޅުން އޮންނަ ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމުގެ ގޮތުން، ދިވެހި ރައްޔިތުންނާއި ބިދޭސީން ގުޅިގެން އުފައްދާ ޖަމްއިއްޔާތަކުގައި މެންބަރުންގެ ގޮތުގައި ބިދޭސީ ރައްޔިތުންނަށް ބައިވެރިވެވިދާނެއެވެ.
35 ވަނަ މާއްދާ - މެންބަރުންގެ ހައްގުތައް
(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ޖަމްއިއްޔާއެއްގެ މެންބަރަކަށް ވެސް ޖަމްއިއްޔާގެ އަސާސީ ގަވާއިދުން ލިބިދޭ ހުރިހާ ހައްގެއް ލިބިގެންވެއެވެ. އަދި ކޮންމެ މެންބަރަކު ވެސް، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދު ލާޒިމުކުރާ އެންމެހައި ޒިންމާތައް އުފުލަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތީން ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީއާއި، ހިސާބުތަކާއި، ލިޔެކިޔުންތަކާއި، އަހަރު ރިޕޯޓާއި، އަހަރީ ހިސާބު ބެލުމުގެ ހައްގު، ކޮންމެ މެންބަރަކަށް ވެސް ލިބިގެންވެއެވެ.
36 ވަނަ މާއްދާ - ހިންގާ ކޮމިޓީ
(ހ) ކޮންމެ ޖަމްއިއްޔާއެއްގައި އެ ޖަމްއިއްޔާއެއްގެ ހިންގުމުގެ މަސައްކަތްތައް ކުރުމަށް ޓަކައި، ޖަމްއިއްޔާތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގެ (ށ) އާއި، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އައްޔަނުކުރާ ހިންގާ ކޮމިޓީއެއް އޮންނަންވާނެއެވެ. އެ ހިންގާ ކޮމިޓީގައި، އެންމެ މަދުވެގެން ވެސް، ތިރީގައި ބަޔާންކޮށްފައިވާ މަގާމުތައް އަދާކުރާނެ މީހުން ހިމެނެންވާނެއެވެ.
- ރައީސް؛
- ސެކްރެޓަރީ؛
- ހަޒާންދާރު؛
- އިތުރު 2 (ދޭއް) މެންބަރުން.
(ށ) ހިންގާ ކޮމިޓީގެ އެންމެ އިސް 2 (ދޭއް) މަގާމަށާއި، ފައިސާގެ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އައްޔަނުކުރަންވާނީ، ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން ހަމައެކަނި ދިވެހި ރައްޔިތުންނެވެ.
(ނ) ދައުލަތުގެ އެކި އިދާރާތަކުގެ ބޭނުމަށާއި ށަރުއީ އެކިއެކި ބޭނުމަށް ޓަކައި ޖަމްއިއްޔާގެ ހުރިހާ ކަމެއްގެ މަސްއޫލު ފަރާތަކީ އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީއެވެ.
(ރ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާ ނަމަ، އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރެވެންދެން، ދައުލަތުގެ އިދާރާތަކުގެ ބޭނުމަށާއި، ށަރުއީ އެކިއެކި ބޭނުމަށް ޓަކައި ޖަމްއިއްޔާގެ ހުރިހާ ކަމެއްގެ މަސްއޫލު ފަރާތަކީ، ޖަމްއިއްޔާތަކުގެ ދަފުތަރުގައި އެ ވަގުތަކު ރަޖިސްޓަރީކޮށްފައިވާ ހިންގާ ކޮމިޓީއެވެ.
(ބ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތީން ށަރުއީ މަޖިލިސްތަކުގައި ހިންގާ ކޮމިޓީ ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިދާނެއެވެ.
(ޅ) ހިންގާ ކޮމިޓީގެ 2 (ދޭއް) މަގާމަށް އެއް މެންބަރަކު އައްޔަނެއް ނުކުރެވޭނެއެވެ. އަދި އިންތިހާބެއް ވެސް ނުކުރެވޭނެއެވެ. އަދި ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ވަގުތީގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލުކުރާނީ، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.
37 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުންގެ ށަރުތުތައް
(ހ) ހިންގާ ކޮމިޓީގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ޖަމްއިއްޔާގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތަކީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން؛
- އެ މެންބަރަކު ތަމްސީލުކުރާ ޖަމްއިއްޔާއަކުން އައްޔަނުކޮށްފައިވާ ފަރާތެއް ކަމުގައި ވުން؛
- އެހެން ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
- ޖަމްއިއްޔާތަކުގެ ގާނޫނާއި، މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން ހަދާ އުސޫލަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ހިންގާ ކޮމިޓީއެއްގެ މެންބަރުކަން، އެފަދަ ހިލާފުވުމެއް ހިނގި މުއްދަތެއްގައި ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
- ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ނުވަތަ ށަރުއީ ބަންދެއްގައި ނުވަތަ ގާނޫނީ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ށ) މެންބަރުންގެ ސުލޫކާ ގުޅޭ އުސޫލުތައް، މި ގަވާއިދުގެ ދަށުން ހަދާ އުސޫލުގައި ބަޔާންކުރަން ވާނެއެވެ.
38 ވަނަ މާއްދާ - ހިންގާ ކޮމިޓީ އިންތިހާބުކުރުން
(ހ) ޖަމްއިއްޔާ އުފެއްދުމަށް ހުއްދަދޭ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ބާއްވައި، އެ ޖަމްއިއްޔާއެއްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތީން ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަންވާނެއެވެ.
(ށ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ހިންގާ ކޮމިޓީ އަލުން އިންތިހާބު ކުރަންވާނެއެވެ. އަދި ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުގެ ކުރިން، ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އިންތިހާބު ކުރަންވާނެއެވެ.
(ނ) ހިންގާ ކޮމިޓީ އަލަށް އިންތިހާބުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހިންގާ ކޮމިޓީ ރަޖިސްޓަރީ ކުރުމަށް ޓަކައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. އަދި ހިންގާ ކޮމިޓީއަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް ގެންނަ ތާރީހުން ފެށިގެން، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ބަދަލާއެކު ހިންގާ ކޮމިޓީ އަދާހަމަކޮށް ރަޖިސްޓަރީކުރުމަށް ޓަކައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ރ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކުރަންވާނީ، ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައިވާ ހިންގާ ކޮމިޓީގެ ހުރިހާ މަގާމުތަކަށެވެ.
(ބ) ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދާއި ޖަމްއިއްޔާގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބުކޮށްފައި ހުށަހަޅާ ހިންގާ ކޮމިޓީއެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ. އެގޮތުން، ހިންގާ ކޮމިޓީ ރަޖިސްޓަރީކޮށްދެވެން ނެތް ހާލަތުގައި، އެކަން އެ ޖަމްއިއްޔާއަކަށް ސަބަބާއެކު ލިޔުމުން އަންގައި، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދާއި ޖަމްއިއްޔާގެ އަސާސީ ގަވާއިދާ އެއްގޮތަށް ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް، ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ޅ) މި ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގާ ކޮމިޓީ ރަޖިސްޓްރާރއަށް ހުށަނާޅައިފި ނަމަ، 500 (ފަސް ސަތޭކަ) ރުފިޔާއިން އެ ޖަމްއިއްޔާއެއް ޖޫރިމަނާ ކުރެވޭނެއެވެ.
39 ވަނަ މާއްދާ - އިންތިހާބާބެހޭ ވަގުތީ ކޮމިޓީ
(ހ) ޖަމްއިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީ އެކުލަވައިލެވުމުގެ ކުރިން މުއައްސިސަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ މުއައްސިސް ނިޔާވެއްޖެ ނަމަ، ހިންގާ ކޮމިޓީއެއް ހޮވުމަށް ޓަކައި އިންތިހާބާބެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، ރަޖިސްޓްރާރގެ ލަފާގެ މަތީން އާންމު މެންބަރުންގެ މެދުގައި އިންތިހާބާބެހޭ ވަގުތީ ކޮމިޓީއެއް އެކުލަވައިލެވިދާނެއެވެ.
(ށ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އައްޔަނުވުމަށްފަހު ނުވަތަ އިންތިހާބުވުމަށްފަހު، ޖަމްއިއްޔާ ހިންގުމުގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވެ އެ ކަންކަމުގެ ޒިންމާ އުފުލާނީ، ޖަމްއިއްޔާއިން އެ އިރަކު އައްޔަނުކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ ހިންގާ ކޮމިޓީންނެވެ.
(ނ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ އެންމެހައި މެންބަރުން އިސްތިއުފާދީފި ނަމަ، ޖަމްއިއްޔާގެ އާންމު މެންބަރުންގެ ތެރެއިން އިންތިހާބާބެހޭ ކޮމިޓީއެއް އެކުލަވައިލަން، ރަޖިސްޓްރާރއަށް ހުއްދަދެވިދާނެއެވެ.
40 ވަނަ މާއްދާ - ފުރަތަމަ އާންމު ޖަލްސާ
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.
(ހ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރަތަމަ އާންމު ޖަލްސާގައި، އެ ޖަމްއިއްޔާގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީ އެކުލަވައިލައި، އެ މައުލޫމާތު، އެ ޖަލްސާ ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.
41 ވަނަ މާއްދާ - ގާނޫނުން ލާޒިމުކުރާ އާންމު ޖަލްސާ
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ޖަލްސ،ާ އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ކޮންމެ ޖަމްއިއްޔާއަކުން ވެސް ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާގައި، ޖަމްއިއްޔާގެ އަހަރު ރިޕޯޓާއި، މާލީ ރިޕޯޓާއި، ޖަމްއިއްޔާގެ ނަމުގައި ހުރި އުފުލޭ މުދަލާއި، ނޫފުލޭ މުދަލާއި، މިލްކުވެރިކަން ބަދަލުވެފައިވާ މުދަލުގެ ތަފުސީލުތައް، އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ. އަދި މި ރިޕޯޓުތަކާއި ތަފުސީލުތައް، ޖަލްސާ ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
42 ވަނަ މާއްދާ - އިތުރު އާންމު ޖަލްސާ
މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ޖަލްސާގެ އިތުރުން، ޖަމްއިއްޔާގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިތުރު އާންމު ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތެވެ.
43 ވަނަ މާއްދާ - ހާއްސަ އާންމު ޖަލްސާ
(ހ) ޖަމްއިއްޔާގެ މެންބަރުންގެ ތެރެއިން %33 (ތިރީސްތިނެއް އިންސައްތަ) އަށްވުރެ ގިނަ މެންބަރުން، އާންމު ޖަލްސާއެއް ބާއްވައިދިނުން އެދި ލިޔެ ސޮއިކޮށް ޖަމްއިއްޔާގެ ހިންގާ ކޮމިޓީއަށް ހުށަހަޅައިފި ނަމަ، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ޖަމްއިއްޔާއެއްގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާއްވާ ބައްދަލުވުމުގެ ނޯޓިސް، ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަހުގެ ކުރިން، ޖަމްއިއްޔާގެ މެންބަރުންނަށް ދޭންވާނެއެވެ.
44 ވަނަ މާއްދާ - އަހަރު ރިޕޯޓާއި، އަހަރީ ހިސާބު
(ހ) ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ ޖަމްއިއްޔާއަކުން ވެސް، ޖަމްއިއްޔާގެ އަހަރު ރިޕޯޓާއި އަހަރީ ހިސާބު، ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތަށް ތައްޔާރުކޮށް، ހިންގާ ކޮމިޓީން ފާސްކޮށް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހު، ކޮންމެ މީލާދީ އަހަރެއްގެ މާރިޗު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. މި ތާރީހުގެ އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ކުރިން، އާންމު ޖަލްސާ ބާއްވައި، އަހަރު ރިޕޯޓާއި މާލީ ރިޕޯޓު ފާސްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓަކީ، ޖަމްއިއްޔާ ހިނގާ ގޮތާއި މަގުސަދު ހާސިލުކުރުމުގެ ގޮތުން ކުރި ކަންތައްތަކާއި، ޖަމްއިއްޔާއަށް ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީއާއި، ދަރަންޏާއި، ހަރަދުވީ މިންވަރު އެނގޭނެ ރިޕޯޓަކަށް ވާންވާނެއެވެ.
(ނ) ރިޕޯޓު ތައްޔާރުކުރުމުގައި އަހަރު ބަލާނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން، އެ އަހަރުގެ ޑިސެންބަރު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ރިޕޯޓުތައް، އެންމެ ލަސްވެގެން ވެސް، ޖެހިގެން އަންނަ އަހަރުގެ މާރިޗު މަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
(ރ) ޖަމްއިއްޔާގެ އަހަރު ރިޕޯޓާއި މާލީ ރިޕޯޓު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ވިދިވިދިގެން 2 (ދޭއް) ފަހަރު ނުވަތަ ޖުމުލަ 3 (ތިނެއް) ފަހަރު ހުށަހަޅައިފައި ނުވާ ނަމަ، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ލިޔެކިޔުން ހުށަހެޅުމަށް އެންގޭނެއެވެ. އަދި މި އެންގުމާ އެއްގޮތަށް އެ މުއްދަތުގެ ތެރޭގައި އަމަލުނުކޮށްފި ނަމަ، އެ ޖަމްއިއްޔާއެއް 500 (ފަސްސަތޭކަ) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖަމްއިއްޔާތަކުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޖަމްއިއްޔާތަކުން އަހަރު ރިޕޯޓާއި މާލީ ރިޕޯޓު އާންމު ޖަލްސާއަކުން ފާސްކޮށް ރަޖިސްޓްރާރއަށް ހުށަހެޅުން ލާޒިމުވަނީ ކޮންމެ 2 (ދޭއް) އަހަރަކުން އެއްފަހަރުއެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖަމްއިއްޔާގެ ހިންގާ ކޮމިޓީން، ކޮންމެ އަހަރަކު ވެސް ޖަމްއިއްޔާގެ އަހަރު ރިޕޯޓާއި މާލީ ރިޕޯޓު ތައްޔާރުކޮށް، ހިންގާ ކޮމިޓީން ފާސްކުރަންވާނެއެވެ.
(ކ) މި މާއްދާގައި ބަޔާންކުރާ އަހަރީ ރިޕޯޓު އެ ޖަމްއިއްޔާއަކުން އާންމުކުރަންވާނެއެވެ.
45 ވަނަ މާއްދާ - އަހަރު ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް
(ހ) ޖަމްއިއްޔާގެ އަހަރު ރިޕޯޓުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ. (ހ) ޖަމްއިއްޔާގެ ނަމަށް ނުވަތަ އިދާރާއަށް ނުވަތަ ހިންގާ ކޮމިޓީއަށް އައި ބަދަލުތައް.
(ށ) ހިންގާ ގަވާއިދަށް ގެނައި ބަދަލުތައް.
(ނ) ހިންގާ ކޮމިޓީގެ ޖަލްސާތައް ބޭއްވި އަދަދާއި، ފާސްކުރި މުހިންމު ކަންތައްތައް.
(ރ) އާންމު ޖަލްސާތައް ބޭއްވި އަދަދާއި، ފާސްކުރި މުހިންމު ކަންތައްތައް.އަލަށް ވަންނަ މެންބަރުންގެ އަދަދާއި، ވަކިވި މެންބަރުންގެ އަދަދާއި، އަހަރު ނިމުނުއިރު ތިބި މެންބަރުންގެ އަދަދު.
(ބ) ޖަމްއިއްޔާގެ މަގުސަދު ހާސިލުކުރުމުގެ ގޮތުން ކުރި ކަންތައްތައް.
(ކ) ފައިސާ ލިބުނު ގޮތްތަކާއި، ލިބުނު އަދަދު.
(އ) ފައިސާ ހަރަދުކުރި ކަންކަމާއި، ހަރަދުކުރި އަދަދާއި، ބާކީހުރި އަދަދު.
(ވ) ޖަމްއިއްޔާގައި ހުރި އުފުލޭ މުދަލާއި ނޫފުލޭ މުދަލުގެ ތަފުސީލު.
(މ) ކުރިޔަށްއޮތް އަހަރު ޖަމްއިއްޔާއިން ކުރުމަށް ރާވައިފައިވާ ކަންތައްތައް ހިންގާ ކޮމިޓީން އަހަރު ރިޕޯޓު ފާސްކުރުމަށްފަހު، ހިންގާ ކޮމިޓީގެ މެންބަރުން އެ ރިޕޯޓުގައި ސޮއިކޮށް، އާންމު ޖަލްސާއަކަށް އެ ރިޕޯޓު ހުށަހަޅައިގެން ފާސްކުރިކަމުގެ ގަރާރުގެ އަސްލާ އެއްގޮތް ކޮޕީ.
އަށްވަނަ ބާބު
ޖަމްއިއްޔާގެ މާލީ ކަންކަން
46 ވަނަ މާއްދާ - ޖަމްއިއްޔާއަކުން ހިންގާ މަށްރޫއުތައް
ޖަމްއިއްޔާގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން، ޖަމްއިއްޔާތަކުގެ ގާނޫނުގެ 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާ ހިލާފުނުވާ ނޭ ގޮތެއްގެ މަތީން، ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ގައުމީ ފެންވަރުގައި މަށްރޫއުތައް ހިންގިދާނެއެވެ. މިގޮތުން ހިންގާ މަށްރޫއަކީ 25,000 (ފަންސަވީސްހާސް) ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ މަށްރޫއެއް ނަމަ، އެ މަށްރޫއުގެ މައުލޫމާތު، މަށްރޫއު ފެށުމުގެ ކުރިން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
47 ވަނަ މާއްދާ - ހަރަކާތްތަކުގެ ބަޖެޓު ޕްލޭން
(ހ) ކޮންމެ ޖަމްއިއްޔާއަކުން ވެސް ކުރިޔަށް އޮންނަ އަހަރު އެ ޖަމްއިއްޔާއަކުން ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކުގެ ފުރިހަމަ ޕުރޮގުރާމު ބަޖެޓު ޕްލޭން، އެ ހަރަކާތްތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ ތަފުސީލާއެކު، ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް ތައްޔާރުކޮށް، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު، އަހަރު ރިޕޯޓާއި އަހަރު ހިސާބާއެކު، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
- ކުރިޔަށް އޮންނަ އަހަރު ޖަމްއިއްޔާއިން ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކުގެ ތަފުސީލު؛
- ހަރަކާތްތައް ހިންގުމަށް ލަފާކުރާ ހަރަދުގެ ތަފުސީލު؛
- ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތުގެ ތަފުސީލު؛
- ހަރަކާތްތައް ހިންގުމަށް ރާއްޖެއިން ބޭރުގެ އެހީ ލިބޭނެ ނަމަ، އެކަމުގެ ތަފުސީލު؛
- ފައިސާ ހޯދުމަށް ފަންޑް ރެއިޒިންގ ފަދަ ހަރަކާތެއް ހިންގާ ނަމަ، އެކަމުގެ މަގުސަދާއި ތަފުސީލު؛
- ވިޔަފާރީގެ ހިސާބުގައި، ވިޔަފާރީގެ ރައުސްމާލާއި، ހަރަދުވި ފައިސާއާއި ލިބުނު ފައިސާ؛
- ޖަމްއިއްޔާގެ ކުރިޔަށް އޮންނަ އަހަރުގެ އިދާރީ ބަޖެޓު (ރިކަރެންޓް ހަރަދު).
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރު ރިޕޯޓާއި އަހަރީ ހިސާބު ރަޖިސްޓްރާރއަށް ހުށަހެޅިކަމުގައި ވިޔަސް، ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު، ޖަމްއިއްޔާގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން، ޖަމްއިއްޔާއިން ހިންގުމަށް ކަނޑައަޅައިފައިވާ ހަރަކާތްތަކަށް ބަދަލުގެނެވިދާނެއެވެ. މިގޮތުން ގެންނަ ބަދަލުތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
48 ވަަނަ މާއްދާ - ބެންކު އެކައުންޓް
(ހ) ކޮންމެ ޖަމްއިއްޔާއެއްގައި ވެސް އެ ޖަމްއިއްޔާގެ ފަންޑުތައް ބެލެހެއްޓުމަށް ޓަކައި، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބެންކެއްގައި ރަޖިސްޓަރީކޮށްފައިވާ ބެންކު އެކައުންޓެއް އޮންނަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ އެންމެހައި ފަންޑުތައް ހުންނަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބެންކު އެކައުންޓުގައެވެ.
(ނ) ޖަމްއިއްޔާއަށް ފަންޑު ހޯދައި ލިބިގަނެ، ފަންޑު ޓްރާންސްފަރކޮށް ހަދަންވާނީ، ރަސްމީ ލީގަލް ޓެންޑަރ ނުވަތަ ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް މެދުވެރިކޮށެވެ.
49 ވަނަ މާއްދާ - ފަންޑު ހޯދުން
(ހ) ޖަމްއިއްޔާތަކުން ފަންޑު ހޯދަނީ ކޮން މަގުސަދެއްގައިކަން، ފަންޑު ދޭ ފަރާތަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދާ ފަންޑު ބޭނުންކުރަންވާނީ، އެ ފަންޑު ދިން މަގުސަދު ހާސިލުކުރުމަށެވެ.
50 ވަނަ މާއްދާ - ޖަމްއިއްޔާއަކުން ވިޔަފާރިކުރުމާއި ލޯނު ނެގުން
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ފައިސާ ހޯދުމުގެ ގޮތުން ވިޔަފާރިކުރުން ނުވަތަ ލޯނު ނެގުން ފަދަ މުއާމަލާތްތައް ކުރުމަކީ ޖަމްއިއްޔާތަކަށް ހުއްދަ ކަމެކެވެ. މިގޮތުން ހިންގާ މުއާމަލާތްތަކާބެހޭ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، އެ މުއާމަލާތެއް ހިންގަން ފެށުމުގެ ކުރިން ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
- ވިޔަފާރީގެ ރައުސްމާލާއި، ރައުސް މާލު ލިބުނު ގޮތުގެ ތަފުސީލު؛
- ވިޔަފާރީގެ ބާވަތް؛
- ވިޔަފާރިކުރަން ގަސްތުކުރާ ގޮތް؛
- ވިޔަފާރީގެ ފައިދާއިން ޖަމްއިއްޔާގެ މަގުސަދު ހާސިލުކުރުމަށް ރާވައިފައިވާ ގޮތާއި ހާސިލުވާނެކަމަށް ލަފާކުރާ މިންވަރު.
(ށ) ޖަމްއިއްޔާއަކުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރަންވާނީ، އެ ކަމާ ގުޅޭ ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ.
(ނ) ޖަމްއިއްޔާއަކުން ކުރާ ވިޔަފާރީގެ ހިސާބު، ކޮންމެ އަހަރެއްގެ އަހަރު ހިސާބާއެކު، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. ވިޔަފާރީގެ ހިސާބުގައި، ވިޔަފާރީގެ ރައުސްމާލާއި، ހަރަދުވި ފައިސާއާއި ލިބުނު ފައިސާ އެނގެން އޮންނަންވާނެއެވެ.
51 ވަނަ މާއްދާ - މިލްކުވެރިކަން
(ހ) ޖަމްއިއްޔާގެ މެންބަރުންނާއި ހިންގާ ކޮމިޓީގެ މެންބަރުންނާއި މުއައްސިސުންނަށް، ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިގެނެއް ނުވެއެވެ.
(ށ) ޖަމްއިއްޔާގެ މެންބަރަކު، ޖަމްއިއްޔާތަކުގެ ގާނޫނާއި ގަވާއިދާއި ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިލާފަށް ޖަމްއިއްޔާގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ށަކުވާ ރަޖިސްޓްރާރއަށް ހުށަހަޅައިފި ނަމަ، އެ ކަމެއް ބެލުމަށްފަހު، ރަޖިސްޓްރާރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ތަކެތި ޖަމްއިއްޔާއަށް އަނބުރާ ހަވާލުކުރަން އެންގުމުގެ ބާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - އޮޑިޓްކުރުން
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އޮޑިޓްކުރުން ލާޒިމުކުރާ ޖަމްއިއްޔާތައް، ލައިސަންސް އޮންނަ ފަރާތަކުން އަހަރަކު އެއްފަހަރު އޮޑިޓްކުރުމަށްފަހު، އޮޑިޓް ރިޕޯޓު، ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ރިޕޯޓު ހުށަހެޅުން ލާޒިމުވަނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުންނެވެ.
- މުޅި ރާއްޖެއަށް ނިސްބަތްވާގޮތަށް ގައުމީ ފެންވަރުގައި ހިންގާ ޖަމްއިއްޔާއެއް ކަމުގައި ވުން؛
- ޖަމްއިއްޔާއިން އަހަރަކު ހިންގާ މާލީ މުއާމަލާތްތަކުގެ އަގު 500,001 (ފަސްލައްކަ އެކެއް) ރުފިޔާއަށްވުރެ އިތުރުވުން؛
- ޖަމްއިއްޔާއިން ހުށަހަޅާ މާލީ ރިޕޯޓު ފުރިހަމަނޫންކަމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ނަމަ، އެ ކަމެއް ރަނގަޅުކުރުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ވެސް އެކަން ރަނގަޅުނުކޮށްފި ނަމަ، ނުވަތަ މާލީ ރިޕޯޓު ހުށަހަޅައިފައި ނުވާ ނަމަ، އޮޑިޓްކުރުމަށް ރަޖިސްޓްރާރ އެންގުން.
53 ވަނަ މާއްދާ - ޖަމްއިއްޔާގެ މައުލޫމާތު ހޯދުން
(ހ) ރަޖިސްޓްރާރ އަންގައިފި ހިނދެއްގައި، ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީއާއި، ޖަމްއިއްޔާގެ އިދާރީ ލިޔެކިޔުމާއި، ފައިސާއާބެހޭ ލިޔެކިޔުމުގެ ކޮޕީއާއި، ޖަމްއިއްޔާއާބެހޭ މައުލޫމާތު، އެ ޖަމްއިއްޔާއަކުން ރަޖިސްޓްރާރއަށް ފޯރުކޮށްދޭންވާނެއެވެ.
(ށ) އެހެން ގާނޫނަކުން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން ޖަމްއިއްޔާއެއްގެ މައުލޫމާތު ހޯދުމަށް ޖަމްއިއްޔާގެ ކިބައިން އެދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މައުލޫމާތު ހޯދުމަށް އެދުމުން، އެ މައުލޫމާތަކީ ފޯރުކޮށްދެވޭނެ މައުލޫމާތު ކަމުގައި ވާ ނަމަ، އެ މައުލޫމާތެއް ލަސްނުކޮށް ފޯރުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މައުލޫމާތު ހޯދަން އެދުނު ފަރާތަށް އެ މައުލޫމާތު ފޯރުކޮށް ނުދީފި ނަމަ، ރަޖިސްޓްރާރއަށް އެކަން ބަލައިދިނުމަށް އެދި މައުލޫމާތަށް އެދުނު ފަރާތަށް ހުށަހެޅިދާނެއެވެ.
(ބ) މި މާއްދާގެ ދަށުން ޖަމްއިއްޔާއަކުން ސައްހަނޫން މައުލޫމާތު ދީފައިވާ ނަމަ، ނުވަތަ ޖަމްއިއްޔާއިން އެ މައުލޫމާތެއް އެދުނު ފަރާތަށް ފޯރުކޮށްދިނުމަށް ރަޖިސްޓްރާރ އެންގުމުން މަގުބޫލު ސަބަބެއް ނެތި އެ ޖަމްއިއްޔާއަކުން އިންކާރުކޮށް އެ މައުލޫމާތެއް ނުދީފި ނަމަ، މި ގަވާއިދުގެ ދަށުން އެކަށައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެ ޖަމްއިއްޔާއަކާމެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ބަލައި ފާސްކުރުމުގެ ބާރު
ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދިވެހި މުޖުތަމައުގެ މަސްލަހަތާއި އަމަންއަމާންކަމަށް ނުރައްކައުވާ ފަދަ އަމަލެއް ނުވަތަ އެނޫން ވެސް ޖިނާއީ ކުށެއް ޖަމްއިއްޔާއަކުން ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ޖަމްއިއްޔާގެ އިދާރީ އޮފީހަށާއި ޖަމްއިއްޔާގެ ހަރަކާތްތައް ހިންގާ ތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ތަހުގީގީ އިދާރާތަކަށާއި ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
ނުވަވަނަ ބާބު
ޖަމްއިއްޔާއިން ރަޖިސްޓްރާރއަށް ށަކުވާ ހުށަހެޅުމާއި ފިޔަވަޅުއެޅުން
55 ވަނަ މާއްދާ - ރަޖިސްޓްރާރ އަށް ށަކުވާ ހުށަހެޅުން
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރއަށް ށަކުވާ ހުށަހެޅިދާނެއެވެ.
(ށ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމްއިއްޔާތަކުން ރަޖިސްޓްރާރއަށް ށަކުވާ ހުށަހަޅަންވާނީ، އެ ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީން ފާސްކުރުމަށް ފަހުގައެވެ. ޖަމްއިއްޔާގެ ފަރާތުން ށަކުވާ ހުށަހަޅާނީ، ޖަމްއިއްޔާގެ ރައީސް ނުވަތަ ނައިބު ރައީސެވެ. އަދި ށަކުވާ ހުށަހަޅަންވާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު މެދުވެރިކޮށްގެންނެވެ.
(ނ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަމްއިއްޔާގެ މެންބަރުން ރަޖިސްޓްރާރއަށް ހުށަހަޅާ ށަކުވާތައް މެންބަރުން ރަޖިސްޓްރާރއަށް ހުށަހަޅާއިރު، އެކަމާ ގުޅިގެން ޖަމްއިއްޔާއަށް ފުރަތަމަ ހުށަހެޅި ށަކުވާއާއި ޖަމްއިއްޔާއިން ނިންމި ގޮތުގެ ލިޔުން ހުށަހަޅަންވާނެއެވެ.
56 ވަނަ މާއްދާ - ށަކުވާ ބެލުން
(ހ) މި ގަވާއިދުގެ 55 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ކޮންމެ ށަކުވާއެއް ރަޖިސްޓަރީކޮށް، ވަކި ރިފަރެންސް ނަންބަރެއްދީ، ވަކި މައްސަލައެއްގެ ގޮތުގައި އެ ށަކުވާއެއް ބަލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް ރަޖިސްޓަރީކޮށްފި ނަމަ، ރަޖިސްޓަރީކުރިކަމުގެ ސްލިޕް. ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، މައްސަލަ ހުށަހެޅި ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) ރަޖިސްޓަރީކުރިކަމުގެ ސްލިޕްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މައްސަލަ ހުށަހެޅުނު ތާރީހާއި ގަޑި؛
- މައްސަލަ ރަޖިސްޓަރީކުރި ތާރީހު؛
- މައްސަލައިގެ ރިފަރެންސް ނަންބަރު؛
- މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރި ތާރީހު؛
- މައްސަލަ ހުށަހެޅި ފަރާތުގެ މައުލޫމާތު؛
- މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތު.
57 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ
(ހ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރއަށް ށަކުވާ ހުށަހެޅުމުން، އެފަދަ ށަކުވާއަކާ ގުޅިގެން ގޮތެއް ނިންމުމުގައި ރަޖިސްޓްރާރއަށް އެހީތެރިވުމަށް، ށަކުވާ ބަލާ ކޮމެޓީއެއް އެކުލަވައިލަންވާނެއެވެ.
(ށ) މި ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބޭނީ، ޖަމްއިއްޔާތަކުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރާރ އައްޔަނުކުރާ ފަރާތްތަކެވެ.
(ނ) މި ކޮމިޓީ އެކުލެވިގެންވަނީ، ޖުމުލަ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
(ރ) މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަނޑައަޅާނީ، ކޮމިޓީގެ މެންބަރުންގެ ތެރެއިންނެވެ.
(ބ) މި ކޮމިޓީގެ ބައްދަލުވުމުގެ ގާނޫނީ އަދަދަކީ، 3 (ތިނެއް) އެވެ.
(ޅ) ކޮމިޓީގެ ނިންމުންތައް ނިންމަންވާނީ، ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އަޣްލަބިއްޔަތުން ނުވަތަ އިއްތިފާގު ންނެވެ.
58 ވަނަ މާއްދާ - ށަކުވާ ނިމުނުގޮތުގެ ރިޕޯޓު
(ހ) މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކޮމިޓީން ނިންމާ ކޮންމެ މައްސަލައެއް ވެސް ނިމޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި، ށަކުވާ ހުށަހެޅި ފަރާތަށާއި، ށަކުވާ ރައްދުވާ ފަރާތަށާއި، ރަޖިސްޓްރާރއަށް އެ ރިޕޯޓު ހިއްސާކުރާންވާނެއެވެ.
(ށ) މައްސަލަ ބަލައި ނިމުނުގޮތުގެ ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހެޅި ފަރާތުގެ މައުލޫމާތު؛
- ށަކުވާ ރައްދުވާ ފަރާތް؛
- ހުށަހެޅި މައްސަލައިގެ ބާވަތާއި ތަފުސީލު؛
- މައްސަލައާ ގުޅޭގޮތުން މައްސަލަ ރައްދުވާ ފަރާތުގެ ބަޔާން؛
- މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނިންމި ނިންމުމަށް ވާސިލުވި ގޮތްތައި.
59 ވަނަ މާއްދާ - ށަކުވާ އަލުން ބަލައިދިނުމަށް އެދުން
(ހ) ށަކުވާ ބަލާ ކޮމިޓީން މައްސަލައެއް ނިންމައި ރިޕޯޓު ލިބުނު ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ނިންމުމާ މެދުގައި އިއުތިރާޒުކުރާ ނަމަ، އަލުން ބަލައިދިނުމަށް އެދި ރަޖިސްޓްރާރއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާއަކާމެދ،ު ށަކުވާއެއް ހުށަހެޅޭ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ރަޖިސްޓްރާރ ނިންމައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
- ށަކުވާ ބަލާ ކޮމިޓީގެ ނިންމުމަށް ތާއީދުކުރުން؛
- އެ މައްސަލައެއް އަލުން މުރާޖާކޮށް ބެލުމަށް ށަކުވާ ބަލާ ކޮމިޓީއަށް އެންގުން؛
- އެ މައްސަލައަކާމެދު ށަކުވާ ބަލާ ކޮމިޓީން ނިންމި ނިންމުން ބާތިލުކޮށް، އެ ށަކުވާއަކާމެދު ރަޖިސްޓްރާރއަށް ފެންނަ ގޮތެއް ނިންމުން.
(ނ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ގޮތެއް ނިންމާ ހާލަތުގައި، މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ށ) ގައިވާ ބައިތައް އެކުލެވޭ ގޮތަށް ރިޕޯޓެއް އެކުލަވައިލަންވާނެއެވެ. މި ރިޕޯޓު އެކުލަވައިލާނީ ރަޖިސްޓްރާރއެވެ.
ދިހަވަނަ ބާބު
ޖަމްއިއްޔާ އުވައިލުން
60 ވަނަ މާއްދާ - ޖަމްއިއްޔާ އުވައިލުމުގެ އަމުރު
(ހ) ގާނޫނާ ހިލާފު މަގުސަދެއް ހާސިލުކުރުމަށް ޖަމްއިއްޔާއެއް ހިންގާ ނަމަ، ނުވަތަ ޖަމްއިއްޔާ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ގާނޫނާ ހިލާފު މަގުސަދުތަކެއް ނުވަތަ ކަންތައްތަކެއް ކުރާ ނަމަ، އަދި މިފަދަ ހާލަތެއްގައި އެ ޖަމްއިއްޔާއެއް އުވައިލުން ނޫން އެހެން ހައްލެއް ނެތްކަމަށް ރަޖިސްޓްރާރއަށް ފެނިއްޖެ ނަމަ، ޖަމްއިއްޔާ އުވައިލުމުގެ އަމުރަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ ށަރުއީ ކޯޓެއްގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަށް އެދޭ ލިޔުމުގައި، ޖަމްއިއްޔާ އުވައިލުމަށް ހުށަހަޅާ ސަބަބާއި، އެ ޖަމްއިއްޔާއެއް ވުޖޫދުގައި އޮވެއްޖެ ނަމަ ނުކުމެދާނެ ނޭދެވޭ ނަތީޖާ ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާ ނަމަ، އެ އަމުރެއް ކޯޓަށް ހުށަހެޅުމުގެ 5 (ފަހެއް) ދުވަހުގެ ކުރިން، އެފަދައިން އަމަލުކުރުމަށް ނިންމައިފިކަމުގެ ނޯޓިސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.
61 ވަނަ މާއްދާ - ހައްގުތައް
(ހ) ޖަމްއިއްޔާއެއްގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅަންޖެހޭ ނުވަތަ އެއްވެސް އެންގުމެއް އަންގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ފިޔަވަޅެއް އެޅުމުގެ ކުރިން ނުވަތަ އެ އެންގުމެއް އެންގުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ޖަމްއިއްޔާއަކަށް ވެސް ލިބިގެންވާ ހައްގެކެވެ.
(ށ) ޖަވާބުދާރީވުމަށް ހާޒިރުވުމުގެ ނޯޓިސް އެ ޖަމްއިއްޔާއަކަށް ރައްދުވި ތާރީހުން ފެށިގެން ޖަވާބުދާރީވުމަށް ހާޒިރުވާންޖެހޭ ތާރީހާ ދެމެދުގައި މަދުވެގެން 7 (ހަތެއް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ.
(ނ) ޖަވާބުދާރީވުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކު ހާޒިރުވުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް، މި ހާލަތުގައި އެ ގާނޫނީ ވަކީލަކާއެކު، އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ކަނޑައަޅާ މުވައްޒަފަކު ވެސް ހާޒިރުވާންވާނެއެވެ.
(ރ) ޖަމްއިއްޔާއަކުން ކުރާ އަމަލަކާ ގުޅޭގޮތުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ ގުޅޭގޮތުން އިސްލާހުކުރުމަށް އަންގައި ނަސޭހަތްތެރިވުމަށް ފަހުގައި މެނުވ،ީ އެއްވެސް ޖަމްއިއްޔާއަކާމެދު ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. ނަމަވެސް، ގާނޫނެއްގައި ވަކި ގޮތަކަށް ކަނޑައަޅައިފައިވާ ނަމަ،އެ މައްސަލައިގެ ބާވަތަށް ބަލައި، ނަސޭހަތް ދިނުމުގެ ބަދަލުގައި ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) އެ ޖަމްއިއްޔާއެއްގެ މަގުސަދަށް ނުވަތަ ޖަމްއިއްޔާއެއްގެ އިދާރާ ނިސްބަތްވާ ރަށަށް ބަލައި، މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެއެވެ.
62 ވަނަ މާއްދާ - ޖަވާބުދާރީވުމަށް ހާޒިރުނުވުން
(ހ) މަގުބޫލު އުޒުރެއް ދިމާވެގެން ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް، ހާޒިރުވުމަށް އަންގައިފައިވާ ގަޑި ޖެހުމުގެ 30 (ތިރީސް) މިނިޓުގެ ކުރިން، އީމެއިލަކުން ނުވަތަ ސިޓީއަކުން ރަޖިސްޓްރާރއަށް އަންގަންވާނެއެވެ.
(ށ) ޖަވާބުދާރީވުމަށް ޓަކައި ހާޒިރުވުމުގެ އަމުރު ލިބި، މަގުބޫލު ސަބަބެއް ބަޔާންކުރުމެއް ނެތި، އެ އަމުރުގައި ބަޔާންކޮށްފައިވާ ތާރީހާއި ގަޑިއަށް 2 (ދޭއް) ފަހަރަށްވުރެ ގިނައިން ހާޒިރުނުވެއްޖެ ނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
- (ދޭއް) ފަހަރަށްވުރެ ގިނައިން ހާޒިރުނުވެއްޖެ ނަމަ، ހާޒިރުނުވި 3 (ތިނެއް) ވަނަ ފަހަރުން ފެށިގެން، ހާޒިރުނުވާ ކޮންމެ ފަހަރަކު 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ޖަމްއިއްޔާގެ ފަރާތުން މައްސަލައަށް އައްޔަނުވެފައިވާ ގާނޫނީ ވަކީލަކު ހާޒިރުނުވެއްޖެ ނަމަ، 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެ ޖަމްއިއްޔާއެއް ޖޫރިމަނާ ކުރެވިދާނެއެވެ.
- މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަކީލުގެ ފަރާތުން އެ އަމަލު ތަކުރާރުވާ ނަމަ، މައްސަލައިން ވަކީލު ތަނާޒުލު ކުރެވިދާނެއެވެ.
63 ވަނަ މާއްދާ - ޖަމްއިއްޔާއަށް އަންގާ އެންގުން ރައްދުވުން
ލިޔެކިޔުންތައް ފޮނުވުމުގައި ބޭނުންކުރާ ޖަމްއިއްޔާގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމުގެ އިތުރުން، ޖަމްއިއްޔާގެ ފޯނު ނަންބަރަކީ، ވައިބަރ، ވަޓްސްއެޕް. ޓެލެގްރާމް ފަދ،ަ ސޯށަލް އެޕްލިކޭށަން ބޭނުންކުރެވޭ ނަންބަރެއް ނަމަ، އެފަދަ އެޕްލިކޭށަނެއް މެދުވެރިކޮށް، ޖަމްއިއްޔާއަށް އަންގާ އެންގުން ފޮނުވުމުން، އެ އެންގުމެއް އެ ޖަމްއިއްޔާއަށް ރައްދުވީކަމުގައި ބަލަންވާނެއެވެ.
64 ވަނަ މާއްދާ - ޖަމްއިއްޔާގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓައިލުމަށް އެންގުން
ޖަމްއިއްޔާތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ނުވަތަ ހަރަކާތެއް ޖަމްއިއްޔާއަކުން ކުރަމުންގެންދާކަމުގެ އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ، ޖަމްއިއްޔާގެ ހަރަކާތްތައް ވަގުތީގޮތުން ހުއްޓައިލުމަށް އަންގައި، އެކަން ރަޖިސްޓްރާރ ބަލަންވާނެއެވެ.
65 ވަނަ މާއްދާ - ޖަމްއިއްޔާ އުވައިލުން
ޖަމްއިއްޔާއެއް އުވައިލެވޭނީ، އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ޖަމްއިއްޔާއެއް އުވައިލުމަށް ޖަމްއިއްޔާގެ ރަޖިސްޓްރާރ ކަނޑައެޅުން.
(ށ) ކޯޓު އަމުރަކުން ޖަމްއިއްޔާ އުވައިލުން.
(ނ) ޖަމްއިއްޔާއަކުން އެދިގެން އެ ޖަމްއިއްޔާއެއް އުވައިލުން
66 ވަނަ މާއްދާ - ޖަމްއިއްޔާއަކުން އެދިގެން އެ ޖަމްއިއްޔާ އުވައިލުން
(ހ) ޖަމްއިއްޔާއެއް އުވައިލުމަށް އެ ޖަމްއިއްޔާއަކުން ކަނޑައެޅޭނީ، ޖަމްއިއްޔާގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކޮށް، އެ ޖަމްއިއްޔާގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާއެއް އުވައިލުމަށް އެ ޖަމްއިއްޔާއަކުން ކަނޑައަޅައި ރަޖިސްޓްރާރއަށް ހުށަހެޅުމުގެ ކުރިން، ޖަމްއިއްޔާތަކުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުން ސައްހަވާނީ، އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން ރަޖިސްޓްރާރއަށް ހުށަހަޅާ ތާރީހާ ދެމެދުގައި 25 (ފަންސަވީސް) ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައި ނުވާނަމައެވެ.
67 ވަނަ މާއްދާ - ޖަމްއިއްޔާއެއް އުވައިލުމަށް ޖަމްއިއްޔާގެ ރަޖިސްޓްރާރ ކަނޑައެޅުން
އަންނަނިވި ހާލަތްތަކުގައި ޖަމްއިއްޔާއެއް އުވައިލުމަށް ކަނޑައެޅުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.
(ހ) ޖަމްއިއްޔާއިން ކުރުމަށް، ޖަމްއިއްޔާތަކުގެ ގާނޫނާއި މި ގަވާއިދުން މަތިކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކޮށް 1 (އެކެއް) އަހަރުދުވަސް ފާއިތުވެއްޖެ ނަމަ، އެ ޖަމްއިއްޔާއެއް ހަރަކާތްތެރި ނޫން (އިންއެކްޓިވް) ޖަމްއިއްޔާއެއްގެ ހާލަތަށް ބަދަލުވާނެއެވެ.
(ށ) ޖަމްއިއްޔާއެއް ރަޖިސްޓަރީވުމަށްފަހު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއް އެއްވެސް ހަރަކާތެއް ބާއްވައިފައި ނެތުން.
(ނ) ޖަމްއިއްޔާތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ޖަމްއިއްޔާއަކުން ކުރުމުގެ ސަބަބުން، އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުން ވެސް، އެ އަމަލެއް ތަކުރާރުކުރުން ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓްރާރ އަންގާ އެންގުމާ ހިލާފުވުން.
(ރ) ޖަމްއިއްޔާއަކުން ކުރާ އަމަލަކާ ގުޅިގެން، ޖަމްއިއްޔާތަކުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުރިހާ ފިޔަވަޅެއް އެޅުމަށްފަހުގައި ވެސް އެ ޖަމްއިއްޔާއަކުން އެ ކަމެއް ތަކުރާރުކުރުން.
68 ވަނަ މާއްދާ - ކޯޓު އަމުރަކަށް ޖަމްއިއްޔާ އުވައިލުން
އެއްވެސް ސަބަބަކަށް ޓަކައި ޖަމްއިއްޔާއެއް އުވައިލުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފި ނަމަ، ޖަމްއިއްޔާގެ ދަރަންޏާއި މުދަލުގެ ކަންތައް ހަމަޖެއްސުމަށް މުއްދަތެއް ކަނޑައަޅައި، ޖަމްއިއްޔާގެ ރަޖިސްޓްރާރ އެ ޖަމްއިއްޔާއެއް އުވައިލަންވާނެއެވެ.
69 ވަނަ މާއްދާ - ޖަމްއިއްޔާ އުވައިލުމަށް ކަނޑައެޅުމުން ޖަމްއިއްޔާއިން އަމަލުކުރާނެ ގޮތް
މި ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާއެއް އުވައިލަން ކަނޑައަޅައިފި ނަމަ، ތިރީގައިވާ ކަންތައްތައް އެ ޖަމްއިއްޔާއަކުން ފުރިހަމަކުރަންވާނެއެވެ.
(ހ) ޖަމްއިއްޔާ އުވައިލުމަށް ނިންމީ އެ ޖަމްއިއްޔާއަކުން އަމިއްލައަށް ކަމުގައި ވާ ނަމަ، މި ގަވާއިދުގެ 66 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ޖަމްއިއްޔާ އުވައިލުމަށް ކަނޑައެޅިކަން، އެންމެ މަދުވެގެން ވެސް، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ މުއްދަތަށް އާންމުކޮށް އިއުލާނުކުރުން.
(ށ) ޖަމްއިއްޔާގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތް ނަމަ، އެ ކަމެއް ހަމަޖެއްސުން.
(ނ) ޖަމްއިއްޔާގެ މައްޗަށް ދަރަންޏެއް އޮތް ނަމަ، ދަރަނި އަދާކުރުމަށްފަހު، ޖަމްއިއްޔާގެ މުދަލެއް ނުވަތަ ފައިސާއެއް ހުރި ނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރުން.
(ރ) ޖަމްއިއްޔާއެއް އުވައިލުމަށް ކަނޑައެޅުމުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކޮށް، ޖަމްއިއްޔާ އުވައިލުމަށް ޓަކައި 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރއަށް ހުށަހަޅަންވާނެއެވެ. އެހެން ނަމަވެސް ޖަމްއިއްޔާގެ ދަރަންޏާއި ޖަމްއިއްޔާއަށް ރައްދުވާ ދައުވާތަކާ ގުޅޭ ކަންކަން ހަމަޖެއްސުމަށް އިތުރު ވަގުތު ބޭނުންވާ ނަމަ، މި މުއްދަތު އިތުރުކޮށްދިނުމަށް އެދި ރަޖިސްޓްރާރއަށް ހުށަހެޅުމާ ގުޅޭ އުސޫލުތައް މި ގަވާއިދުގެ ދަށުން އެކުލަވައިލަންވާނެއެވެ.
70 ވަނަ މާއްދާ - ޖަމްއިއްޔާ އުވައިލުން
(ހ) ޖަމްއިއްޔާއެއްގެ މުދަލާއި ފައިސާއާއި ދަރަންޏާ ގުޅޭ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު އެކަން އެ ޖަމްއިއްޔާއަކުން ހަމަޖައްސައިފައި ނުވާ ނަމަ، އަދި ޖަމްއިއްޔާ އުވައިލުމަށް ކޯޓު އަމުރެއް އޮތް ނަމަ، އެ ޖަމްއިއްޔާގެ މުދަލާއި ފައިސާއިން އެ ޖަމްއިއްޔާގެ ހަރަދާއި ދަރަނި އުނިކުރުމަށްފަހު، ޖަމްއިއްޔާގެ މުދަލެއް ނުވަތަ ފައިސާއެއް ހުރި ނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަހައިލަންވާނެއެވެ. މިކަން ކުރާނީ ރަޖިސްޓްރާރއެވެ.
(ށ) މި ގަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުން ޖަމްއިއްޔާގެ ރަޖިސްޓަރީ ބާތިލުކޮށް، ޖަމްއިއްޔާ އުވައިލަންވާނެއެވެ.
(ނ) ޖަމްއިއްޔާ އުވައިލުމަށްފަހު ރަޖިސްޓްރާރ އެކަން އާންމުކޮށް އިއުލާނުކުރުމުން، ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ލިބުނު ހުރިހާ ހައްގުތަކާއި އިމްތިޔާޒުތައް ނިމުމަކަށް އައިސް، އެ ޖަމްއިއްޔާއެއް އުވުނީއެވެ.
އެގާރަވަނަ ބާބު
އިދާރީ ކަންތައްތަކާއި އެހެނިހެން ކަންތައްތައް
71 ވަނަ މާއްދާ - ލިޔެކިޔުންތައް ފޮނުވުން
(ހ) ޖަމްއިއްޔާތަކަށް ރަޖިސްޓްރާރ ފޮނުވަންޖެހޭ ލިޔުންތަކާއި އެންގުންތައް ފޮނުވަންވާނީ، އެ ޖަމްއިއްޔާއެއް ރަޖިސްޓަރީވެފައިވާ އެޑްރެހަށް ނުވަތަ އެ ޖަމްއިއްޔާއަކުން އެފަދަ މުއާމަލާތެއް ފޮނުވުމަށް އެދިފައިވާ އެޑްރެހަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތައް، އެ ޖަމްއިއްޔާއަކުން ދީފައިވާ އިލެކްޓްރޯނިކް އެޑްރެހަށް ފޮނުވުމުން ނުވަތަ މީސްޕޯޓަލްސް މެދުވެރިކޮށް ފޮނުވުމުން ވެސް، އެ ލިޔުންތަކާއި އެންގުންތައް ފޮނުވުނީކަމަށް ބެލެވޭނެއެވެ.
72 ވަނަ މާއްދާ - ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުން
(ހ) އިލެކްޓްރޯނިކް ޒަރީއާއެއް މެދުވެރިކޮށް ޖަމްއިއްޔާއަކުން ހުށަހަޅައިފައިވާ ލިޔެކިޔުމެއް ނުވަތަ ލިޔެކިޔުންތަކެއްގެ އަސްލު ހުށަހެޅުމަށް ރަޖިސްޓްރާރ އަންގައިފި ނަމަ، ރަޖިސްޓްރާރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ށ) އިލެކްޓްރޯނިކް ޒަރީއާއަކުން ނުވަތަ އެނޫން ވެސް ގޮތަކަށް ލިޔުމެއް ބަލައިގަތުމަކީ އެ ލިޔުން ފުރިހަމަކަމަށް ނުވަތަ ސައްހަކަމަށް ރަޖިސްޓްރާރ ގަބޫލުކުރިކަމަކަށް ނުބެލެވޭނެއެވެ.
73 ވަނަ މާއްދާ - އުސޫލު ހެދުން
މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އެންމެހައި އުސޫލުތައް ހަދައި ހިންގާނީ ރަޖިސްޓްރާރއެވެ.
74 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށްޖަމްއިއްޔާތަކުގެ ގާނޫނުގައި ދީފައިވާ މާނަކުރުމެވެ. މީގެ އިތުރުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް މި ގަވާއިދުގައި ދީފައި މިވަނީ ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ މާނަކުރުމެވެ.
(ހ) "ޖަމްއިއްޔާގެ ރަޖިސްޓްރާރ" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަށެވެ.
(ށ) "ޖަމްއިއްޔާތަކުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) އަށެވެ.
(ނ) "މާލީ މަންފާއަކަށް ނުވާގޮތަށް" ކަމަށް ބުނެފައި އެވަނީ، ޖަމްއިއްޔާތަކުން މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރާ މަސައްކަތުގެ ނުވަތަ ވިޔަފާރީގެ ފައިދާއަކީ ނުވަތަ ޖަމްއިއްޔާގެ މުދަލަކީ، އެ ޖަމްއިއްޔާއެއްގެ މެންބަރުންނަށް ނުވަތަ މުއައްސިސުންނަށް މާލީ ފައިދާއެއް ނުވަތަ މަންފާއެއް ނުލިބޭ ގޮތުގެ މަތީން ހިންގާ މުއާމަލާތްތަކަށެވެ.
(ރ) "އިލެކްޓްރޯނިކް ޒަރީއާ" ކަމަށް ބުނެފައި އެވަނީ، އީމެއިލް ނުވަތަ މިނިސްޓްރީގެ ވެބްސައިޓް ނުވަތަ މީސްޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކަށެވެ.
(ބ) "މުއައްސިސް" ކަމަށް ބުނެފައި އެވަނީ، ޖަމްއިއްޔާ ރަޖިސްޓަރީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ޖަމްއިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީ އެކުލަވައިލުމާ ހަމަޔަށް ޖަމްއިއްޔާގެ އެންމެހައި މަސައްކަތްތައް ކުރުމާއެކު، ޖަމްއިއްޔާ ރަޖިސްޓަ ރީކުރުމަށް ހުށަހަޅާ ފޯމުގައި މުއައްސިސް ކަމުގައި ބަޔާންކޮށްފައިވާ ފަރާތް ނުވަތަ ފަރާތްތަކަށެވެ.
(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެ ވަގުތެއްގައި ޖަމްއިއްޔާތަކުގެ ކަންކަން ހިންގައި ވިލަރެސްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ވުޒާރާއަށް ނުވަތަ އިދާރާއަށެވެ.
75 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
76 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2015-180 (ޖަމްއިއްޔާތަކުގެ ގަވާއިދު) ބާތިލުވީއެވެ. އަދި މި ގަވާއިދުގެ ދަށުން ގެނެސްފައިވާ އެންމެހައި އިސްލާހުތައް ވެސް ބާތިލުވީއެވެ.
ޖަދުވަލު 1
ޖަދުވަލު 2
އުވުނު ގަވާއިދު
ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-180)
ކިޔުންތެރިންގެ ހިޔާލު