ޖަމްއިއްޔާތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2015-180)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-74 ގެ 76 ވަނަ މާއްދާގެ ދަށުން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ "ޖަމްއިއްޔާތަކުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖޭގައި ޖަމްއިއްޔާ ހެދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޖަމްއިއްޔާއަށް މުދަލާއި ފައިސާ ހޯދުމާއި، ޖަމްއިއްޔާގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުއާމަލާތު ކުރުމާއި، ޖަމްއިއްޔާ އުވާލުމާއި، މިކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ޖަމްއިއްޔާތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމެވެ.
ދެވަނަ ބާބު
ޖަމްއިއްޔާ ރަޖިސްޓަރީ ކުރުމާއި ހިންގުން
4 ވަނަ މާއްދާ - ޖަމްއިއްޔާ ރަޖިސްޓަރީކުރަން ހުށަހެޅުން
(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ދިވެހިރާއްޖޭގައި އެއްވެސް ޖަމްއިއްޔާއެއް ހަދައި ހިންގަންވާނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަމްއިއްޔާތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްގެންނެވެ.
(ށ) ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ، ތިރީގައިވާ ލިޔުންތަކާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯޯމު ފުރިހަމަކުރުމަށްފަހު ރަޖިސްޓްރަރއަށެވެ.
- ޖަމްއިއްޔާ އުފައްދަން އެދޭ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ފޮޓޯކޮޕީ؛
- މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ، ޖަމްއިއްޔާ އުފައްދަން އެދޭ މީހުންގެ ކުށުގެ ރެކޯޑް ފޯމު؛
- ޖަމްއިއްޔާ ހިންގަން ގަސްދުކުރާ ތަނުގައި، ޖަމްއިއްޔާގެ އިދާރާ ބެހެއްޓުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ލިޔުން؛
- ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ 2 އަސްލާއި ސޮފްޓްކޮޕީ؛
- ޖަމްއިއްޔާގައި ލޯޯގޯއެއް، ދިދައެއް ނުވަތަ ކުލައެއް ބޭނުންކުރަން ގަސްދުކޮށްފައިވާނަމަ އެތަކެތީގެ ތަފުސީލު އެނގޭނޭ ކުރެހުމާއި، ކުރެހުމުގެ ސޮފްޓްކޮޕީ؛
- ޖަމްއިއްޔާގައި މޮޓޯއެއް ބޭނުންކުރަން ގަސްދުކޮށްފައިވާނަމަ އެ މޮޓޯއަކާއި އޭގެ މާނަ؛
- ޖަމްއިއްޔާ އުފައްދަނީ ސަރުކާރުގެ އޮފީހަކަށް ނުވަތަ ކުންފުންޏަކަށް ނިސްބަތްވާގޮތަށް ނަމަ އެ އިދާރާއެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ޖަމްއިއްޔާ އުފައްދަން ހުށަހަޅާ މީހުންނަކީ އުމުރުން 18 އަހަރުވެފައިވާ މީހުން ކަމުގައި ވާންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތުން ހުށަހަޅާ ކުށުގެ ރެކޯޑު ފޯމަށް ބެލުމަށްފަހު، ރަޖިސްޓަރީ ކުރަން ހުށަހަޅާ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތެއްނަމަ ނުވަތަ ށަރުއީ ނުވަތަ ގާނޫނީ ބަންދެއްގައި ހުރި ފަރާތެއްނަމަ އެފަރާތުގެ މައްޗަށް ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
5 ވަނަ މާއްދާ - ޖަމްއިއްޔާ ހެދުމުގެ ހުއްދަ ދިނުމާއި ރަޖިސްޓަރީކުރުން
ޖަމްއިއްޔާއެއް ރަޖިސްޓަރީ ކުރުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ހުށަހެޅުމުން، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) އާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޖަމްއިއްޔާ ރަޖިސްޓަރީކޮށް، ޖަމްއިއްޔާގެ ރަޖިސްޓަރީ ސެޓުފިކެޓު އެ ޖަމްއިއްޔާއަކަށް ރަޖިސްޓްރަރ ދޫކުރަންވާނެއެވެ.
6 ވަނަ މާއްދާ - ބޭރުގެ ޖަމްއިއްޔާތަކުން ރާއްޖޭގައި ހަރަކާތްތެރިވުން
(ހ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި، ޖަމާއަތްތަކާއި، ދިވެހިސަރުކާރާއި ވެވޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ފިޔަވައި، ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ޖަމްއިއްޔާއެއް ރާއްޖޭގައި ހަރަކާތްތެރިވާން ބޭނުންނަމަ އެ ޖަމްއިއްޔާގެ ގޮތްޕެއް މި ގަވާއިދުގައިވާ ގޮތުގެމަތިން ޖަމްއިއްޔާތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއްގެ ގޮތްޕެއް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ހޯދަން ހުށަހަޅާނީ ތިރީގައި ބުނެފައިވާ ތަކެއްޗާއެކު މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯޯމު ފުރިހަމަކުރުމަށްފަހު ރަޖިސްޓްރަރއަށެވެ.
- ޖަމްއިއްޔާގެ މަގްސަދާއި ހިންގަން ގަސްދުކުރާ މައިގަނޑު ހަރަކާތްތަކުގެ ތަފުސީލު؛
- ޖަމްއިއްޔާގެ ރައުސުލްމާލު ބަޔާންކޮށްދޭ ލިޔުމެއް؛
- ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުވާނެ ފަރާތްތަކާއި މީހުން ބަޔާންކޮށްދޭ ލިޔުމެއް؛
- ރާއްޖޭގައި އެ ޖަމްއިއްޔާ ހިންގުމަށް އެގައުމެއްގެ އެމްބަސީއިން ހުއްދަދިންކަމުގެ ލިޔުން.
(ނ) ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއް ރާއްޖޭގައި ހިންގުމަށް ހުއްދަ ދިނުމުގައި ބަލާނީ އެ ޖަމްއިއްޔާއަކުން ރާއްޖޭގައި ހިންގުމަށް ހުށަހަޅާފައިވާ، ހަރަކާތްތަކާގުޅޭ ސަރުކާރުގެ އިދާރާތަކުގައި އަމަލުކުރާ އުސޫލުތަކަށާއި، ގައުމީ ތަރައްގީގެ ޕްލޭންތަކަށާއި އަދި އެ ޖަމްއިއްޔާގެ ގޮތްޕެއް ރާއްޖޭގައި ރަޖިސްޓަރީ ކުރުމުން ރާއްޖެއަށް ލިބޭނެކަމަށް ފެންނަ ފައިދާއާއި، ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައްޗަށެވެ.
7 ވަނަ މާއްދާ - ބޭރުގެ ޖަމްއިއްޔާތައް ރާއްޖޭގައި ރަޖިސްޓަރީކުރުން
(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ހުއްދަ ލިބިފައިވާ
ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯޯމު ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ތަކެތީގެ އިތުރުން، ތިރީގައި ބުނެފައިވާ ތަކެއްޗާއެކު، ރަޖިސްޓްރާރަށެވެ.
- އެ ޖަމްއިއްޔާގެ މައި އޮފީސް ރަޖިސްޓަރީކޮށްފައިވާ ގައުމެއްގައި ޖަމްއިއްޔާ ރަޖިސްޓަރީކޮށްފައިވާ ކަމުގެ ލިޔުމެއް؛
- އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދު ނުވަތަ ކޮންސްޓިޓިއުށަންގެ އަސްލާ އެއްގޮތް ކޮޕީއާއި އިނގިރޭސި ތަރުޖަމާގެ ކޮޕީ؛
- ރާއްޖޭގައި އެ ޖަމްއިއްޔާއެއް ރަޖިސްޓަރީކުރަން އެދޭ މީހުންގެ ގޮތުގައި ހުށަހަޅާ މީހުންގެ ތެރޭގައި ދިވެހިރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކުވާނަމަ، އެ ގައުމެއްގެ ކަމާބެހޭ އޮފީހަކުން ދީފައިވާ ކުށުގެ ރެކޯޑު؛
- އެ ޖަމްއިއްޔާގެ ގޮތްޕެއް ރާއްޖޭގައި ހިންގުމަށް އިއުތިރާޒު ނުކުރާކަމަށް އެ ޖަމްއިއްޔާއިން ނިންމާފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް.
(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދަ ލިބިފައިވާ ޖަމްއިއްޔާތައް ރަޖިސްޓަރީ ކުރުމުގައާއި ހިންގުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) އާއި ގަވާއިދާ އެއްގޮތަށެވެ.
8 ވަނަ މާއްދާ - ޖަމްއިއްޔާތަކުގެ ދަފްތަރު
(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުނަ ޖަމްއިއްޔާތަކުގެ ދަފްތަރެއް ލިޔެ ރަޖިސްޓްރަރ ބަލަހައްޓަންވާނެއެވެ.
(ށ) ޖަމްއިއްޔާތަކުގެ ދަފްތަރަށް އަންނަ އުނިއިތުރު އެނގޭނޭހެން ޖަމްއިއްޔާތަކުގެ ދަފްތަރުގައި ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާތަކުގެ މައުލޫމާތު ކޮންމެ މީލާދީ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ޖަމްއިއްޔާ ހިންގުން
ޖަަމްއިއްޔާއެއް ރަޖިސްޓަރީވުމުން އެ ޖަމްއިއްޔާއެއްގެ މަގްސަދުތައް ހާސިލު ކުރުމަށް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި ޖަމްއިއްޔާގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހުތިޔާރު، އެޖަމްއިއްޔާއަކަށް ލިބިގެންވެއެވެ. ނަމަވެސް ޖަމްއިއްޔާއަކުން ކުރާ ކަމެއްގައި އެކަމަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާއަކުން ނަގަންޖެހޭ ހުއްދައެއްވާނަމަ އެ ހުއްދައެއް އެ ޖަމްއިއްޔާއަކުން ނަގަންޖެހޭނެއެވެ.
10 ވަނަ މާއްދާ - ޖަމްއިއްޔާގެ ސުލޫކީ މިންގަނޑު
ކޮންމެ ޖަމްއިއްޔާއެއްވެސް އެ ޖަމްއިއްޔާގެ މެންބަރުން ތަބައަވެ އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވާލައި އެ ޖަމްއިއްޔާއިން ފާސްކުރަންވާނެއެވެ.
11 ވަނަ މާއްދާ - ރާއްޖޭގެ ޖަމްއިއްޔާތައް ރާއްޖޭއިން ބޭރުގައި ހަރަކާތްތެރިވުން
(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާއެއް ދިވެހިރާއްޖެއިން ބޭރުގައި ހިންގަންވާނީ، އެ ގައުމެއްގެ ޖަމްއިއްޔާތަކުގެ ކަންތައްތައް ބަލަހައްޓާ އޮފީހެއްގެ ހުއްދައާއެކު އެ އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖަމްއިއްޔާ ދިވެހިރާއްޖެއިން ބޭރުގައި ހިންގަން ފެށުމުގެ 15 ދުވަހުގެ ކުރިން ޖަމްއިއްޔާއިން ހިންގަން ގަސްދުކުރާ މައިގަނޑު ހަރަކާތްތަކުގެ ތަފުސީލާއި، ޖަމްއިއްޔާގެ ހަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކާއި މީހުންނާއި، ދިވެހިގައުމަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައުލޫމާތު، ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - ޖަމްއިއްޔާގެ ގޮފިތައް އުފެއްދުމާއި ހިންގުން
(ހ) ޖަމްއިއްޔާގެ އިދާރީ ބޭނުމަށްޓަކައި އުފައްދާ ގުނަވަންތަކާއި ކޮމިޓީތައް ފިޔަވައި ޖަމްއިއްޔާގެ ގޮފިތައް އުފައްދައި ހިންގަންވާނީ، ރަޖިސްޓްރަރއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.
(ށ) ޖަމްއިއްޔާގެ ގޮތްޕެއް އުފައްދާނަމަ އެ ގޮފި އުފައްދާ ތަނާއި، ހިންގަން ގަސްދުކުރާ މައިގަނޑު ހަރަކާތްތަކުގެ ތަފުސީލާއި ހަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކާއި މީހުންނަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައުލޫމާތު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ނ) ޖަމްއިއްޔާގެ ގޮފިތައް އުފެއްދުމަށް އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދު ތަން ނުދޭނަމަ އަދި އެ ގޮފިތައް ހިންގުމުގެ އުސޫލުތައް ބިނާވެފައިވަނީ އެ ޖަމްއިއްޔާގެ ކޮންޓްރޯލެއް ނެތްގޮތަށް މުސްތަގިއްލުކަމާއެކު ކަމުގައިވާނަމަ އެފަދަ ގޮތްޕެއް އުފެއްދުމުގެ ހުއްދައެއް ނުދެވޭނެއެވެ.
ތިންވަނަ ބާބު
ޖަމްއިއްޔާގެ ނަމާއި ނިށާން، ދިދަ، ކުލަ އަދި މޮޓޯ
13 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަން
(ހ) ޖަމްއިއްޔާއަށް ނަންކިޔުމުގައި ޖަމްއިއްޔާތަކަށް ނަން ކިޔުމުގެ އުސޫލުގައިާވ ކަންތައްތަކަށް ބަލަންވާނެއެވެ. ޖަމްއިއްޔާގެ ނަމުގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައިވާފަދަ ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
- ޖަމްއިއްޔާތަކުގެ ދަފްތަރުގައި އެވަގުތަކު ހިމެނިފައިވާ ޖަމްއިއްޔާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނޭ ފަދަ ނަމެއް.
- އެނަމެއްގައި އާންމުވެފައިވާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާއެއް، ކްލަބެއް ނުވަތަ ޖަމާއަތަކަށް ކިޔާ ނަމެއް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެނަމެއްގައި އާންމުވެފައިވާ ވިޔަފާރި މަރުކާއެއް.
- ދިވެހިދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނޭ ފަދަ ނަމެއް.
- ރަޖިސްޓަރީކުރަން ހުށަހަޅާ ަޖމްއިއްޔާއަކުން ކުރާ ކަންތައްތަކާ ނުގުޅޭ ނަމެއް.
- އެއްވެސް މާނައެއް ދޭހަނުވާ، ނުވަތަ ފުރިހަމަ މާނައެއް އެކުނުލެވޭ ނަމެއް.
- އިސްލާމްދީނުގެ އަދަބުތަކާއި ހިލާފު ނަމެއް ނުވަތަ ސަލާމަތީ ގޮތުން ނުވަތަ އަހުލާގީގޮތުން ނޭދެވޭ މާނައެއް ދޭހަވާ ނަމެއް.
(ށ) ޖަމްއިއްޔާއަށް ކިޔަން ހުށަހަޅާ ނަމަކީ އާންމުކޮށް ބޭނުންކޮށް ނޫޅޭ ދިވެހިބަހުގެ ލަފްޒެއްނަމަ، ރަދީފުގައިވާ އެބަހެއްގެ މާނައާއި، އެބަޔަކު ގަސްދުކުރާ މާނަ ލިޔެފައި އޮންނަންވާނެއެވެ. އަދި ބޭރު ބަހެއްގެ ލަފްޒެއް ކިޔާނަމަ، ރަދީފުގައިވާ އެލަފްޒުގެ މާނައާއި، އެބަޔަކު ގަސްދުކުރާ މާނައާއި، އަދި އެބަހަކުން އެލަފްޒެއް ލިޔެފައި އޮންނަންވާނެއެވެ.
(ނ) ޖަމްއިއްޔާއަށް ރަމްޒުކޮށް ކުރުކޮށް ކިޔާ ނަން ވާންވާނީ ޖަމްއިއްޔާގެ ނަމުގެ އަކުރުތަކުން ހެދިފައިވާ ނަމަކަށެވެ. ޖަމްއިއްޔާތަކަށް ނަން ކިޔުމުގައި އިސްކަންދޭންވާނީ ދިވެހިބަހަށެވެ.
14 ވަނަ މާއްދާ - ޖަމްއިއްޔާގެ ނަން ބަދަލުކުރުން
(ހ) ތިރީގައިވާ ބަޔާންކޮށް ފައިވާ ގޮތަކުން ކުރެ ގޮތަކުން ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފިނަމަ، އެ ޖަމްއިއްޔާގެ ނަން ބަދަލު ނުވަތަ އިސްލާހުކުރަންވާނެއެވެ.
- ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނިންމުން؛
- ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ރަޖިސްޓްރަރ އެންގުން؛ ޓަކުން
- ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން އަމުރުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށް ކަނޑައަޅައިފިނަމަ، ހިންގާ ކޮމިޓީން ޖަމްއިއްޔާގެ ނަން ބަދަލުކުރުމަށްފަހު ޖަމްއިއްޔާގެ ނަމަށް ގެނެވުނު ބަދަލު އާންމު ޖަލްސާއިން ފާސްކުރުމަށްފަހު ނަން ބަދަލުކުރުމަށް ނިންމިގޮތުގެ ގަރާރުގެ އަސްލާއި، ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ 2 (ދޭއް) ކޮޕީއާއެކު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ނ) ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް އުވާލެވުނު ނަމަވެސް، ނުވަތަ ޖަމްއިއްޔާއަކަށް ކިޔާފައިވާ ނަމެއް ބަދަލުކުރެވުނު ނަމަވެސް އެނަމުގައި އެހެން ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްދެވޭނީ އެ ޖަމްއިއްޔާއެއް އުވާލެވޭތާ ނުވަތަ ނަން ބަދަލުކުރާތާ 5) ފަހެއް) އަހަރު ފަހުންނެވެ.
(ރ) މި ގަވާއިދަށް އަމަލުކުރަންފަށާތާ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޖަމްއިއްޔާތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޖަމްއިއްޔާއެއްގެ ނަން ޖަމްއިއްޔާތަކަށް ނަންކިޔުމުގެ އުސޫލުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބަދަލުރަންވާނެއެވެ.
15 ވަނަ މާއްދާ - ިނށާން، ދިދަ، ކުލަ އަދި މޮޓޯ ރަޖިސްޓަރީކުރުން
(ހ) ޖަމްއިއްޔާއަކުން ވަކި ނިށާނެއް ނުވަތަ ދިދައެއް ނުވަތަ ކުލައެއް ނުވަތަ މޮޓޯ ޯއެއް ބޭނުންކުރަންވާނީ، ތިރީގައި ބުނެފައިވާ މައުލޫމާތާއެކު މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯޯމު ފުރިހަމަ ކުރުމަށްފަހު ރަޖިސްޓްރަރއަށް ހުށަހަޅައި، ރަޖިސްޓަރީކުރުމަށް ފަހުގައެވެ.
- ރަޖިސްޓަރީކުރުމަށް އެދޭ ނިށާން، ދިދައިގެ ކުލަ ކޯޑު، ސައިޒް އަދި ޕްރޮޕޯށަން އެނގޭނެހެން ކުރަހާފައިވާ ކުރެހުން އަދި ސޮފްޓް ކޮޕީ؛
- ރަޖިސްޓަރީކުރުމަށް ހުށަހަޅާ ނިށާން، ދިދަ، ކުލަ އަދި މޮޓޯރަމްޒުކުރާ މާނައާއި ތަފުސީލު؛
- ރަޖިސްޓަރީ ކުރުމަށް އެދޭ ކުލަ އަތުރާލެވޭ ގޮތް ނުވަތަ ތަރުތީބު.
(ށ) އެއް ޖަމްއިއްޔާއަކުން ރަޖިސްޓަރީކޮށްގެން ބޭނުންކުރަމުން ގެންދާ ނިށާން، ދިދަ، ކުލަ އަދި މޮޓޯ ނުވަތަ އެފަދަ އެއްޗަކާއި އޮޅުން އަރާ ނިށާނެއް، ދިދައެއް، ކުލައެއް އަދި މޮޓޯއެއް އެހެން ޖަމްއިއްޔާއަކަށް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
(ނ) އިސްލާމްދީނުގެ އަދަބުތަކާއި ހިލާފުވާ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ،
އަހުލާގީ ގޮތުން ނޭދެވޭ މާނައެއް ދޭހަވާ އަދި އަނިޔާވެރިން ރަމްޒުކޮށްދޭ ކުރެހުމެއް ހިމެނޭ ނިށާނެއް، ދިދައެއް އަދި މޮޓޯއެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
(ރ) ޖަމްއިއްޔާއަކުން ރަޖިސްޓަރީނުކޮށް ނިށާން، ދިދަ، ކުލަ އަދި މޮޓޯއެއް ބޭނުންކޮށްފިނަމަ، އެ ޖަމްއިއްޔާއެއް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
16 ވަނަ މާއްދާ - ނށާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރުން
(ހ) ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއް އުވާލެވުނު ނަމަވެސް، ނުވަތަ ޖަމްއިއްޔާއަކުން ބޭނުންކުރާ ނިށާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރެވިއްޖެނަމަ، އެޖަމްއިއްޔާގެ ނުވަތަ އެއާ އޮޅުން އަރާފަދަ ނިށާނެއް ދިދައެއް ކުލައެއް އަދި މޮޓޯއެއް އެހެން ޖަމްއިއްޔާއަކަށް ރަޖިސްޓަރީކޮށްދެވޭނީ އެޖަމްއިއްޔާ އުވާލެވޭތާ ނުވަތަ އެނިށާން ނުވަތަ ދިދަ ނުވަތަ ކުލަ އަދި މޮޓޯޯ ބަދަލުކުރާތާ 5 (ފަހެއް) އަހަރު ފަހުންނެވެ.
(ށ) ޖަމްއިއްޔާއަކުން ރަޖިސްޓަރީކޮށްފައިވާ ނިށާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރެވޭނީ ރަޖިސްޓްރަރ އަންގައިގެން ނުވަތަ އެޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން ފާސްކުރުމަށްފަހު ރަޖިސްޓްރަރގެ ހުއްދަ ލިބިގެންނެވެ.
(ނ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ރަޖިސްޓަރީކޮށްފައިވާ ނިށާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރަން ހުށަހަޅާނީ ނިށާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރުމަށް ނިންމި ގަރާރުގެ ހުށަހަޅާނީ ނިށާން، ދިދަ، ކުލަ އަދި މޮޓޯ އަސްލާ އެއްގޮތް ކޮޕީއަކާއެކު މިގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ވާގޮތަށެވެ.
ހަތަރުވަނަ ބާބު
ޖަމްއިއްޔާގެ ހިންގާ ގަވާއިދު
17 ވަނަ މާއްދާ - ހިންގާ ގަވާއިދު ފާސްކޮށް ރަޖިސްޓަރީކުރުން
(ހ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކަށައަޅާފައިވާ ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި، ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.
- ޖަމްއިއްޔާގެ ނަން؛
- ޖަމްއިއްޔާގެ އޮފީސް ކަމުގައި ރަޖިސްޓަރީކޮށްފައިވާ ތަނުގެ ފުރިހަމަ އެޑްރެސް؛
- ޖަމްއިއްޔާގެ މަގްސަދު ނުވަތަ މަގްސަދުތައް؛
- ޖަމްއިއްޔާގެ އާމްދަނީއާއި މުދަލަކީ ޖަމްއިއްޔާގެ މެމްބަރުންނާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ބަހާލެވޭ އެއްޗެއް ނޫންކަން؛
- ޖަމްއިއްޔާގެ މެމްބަރުންނާއި، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، ޖަމްއިއްޔާގެ މުއައްސިސުންނަށް، ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިފައިނުވާކަން؛
- ޖަމްއިއްޔާ އުވާލެވޭ ހާލަތެއްގައި، ޖަމްއިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރުމަށްފަހު، ޖަމްއިއްޔާގެ މިލްކުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރިނަމަ އެމުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރާނެކަން؛
- ޖަމްއިއްޔާގެ މެމްބަރުންނަށްވެވޭގޮތާއި، މެމްބަރުންގެ ގިންތިތައް؛
- މެމްބަރުންގެ އަތުން ޗަންދާއެއް ނަގާކަން ނުވަތަ ނޫންކަން. ޗަންދާއެއް ނަގާނަމަ، ޗަންދާ ނަގާ އުސޫލާއި ޗަންދާގެ މިންވަރު؛
- ޖަމްއިއްޔާ ހިންގުމަށާއި، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ދާނެގޮތް؛ ފައިސާ ހޯދާނެގޮތް؛
- ޖަމްއިއްޔާގެ ހިންގާ ކޮމިޓީއާއި، ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް؛
- ހިންގާ ކޮމިޓީއަށް މެމްބަރުން އައްޔަންކުރެވޭ ނުވަތަ އިންތިހާބުކުރެވޭ ގޮތާއި، ވަކިކުރެވޭގޮތް؛
- ޖަމްއިއްޔާގެ އާންމު ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާބެހޭ ގަވާއިދު؛
- ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކާއި، އެ ޖަލްސާތައް ބޭއްވުމާއި، އެ ޖަލްސާތަކުގެ ގާނޫނީ އަދަދާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، އެ ޖަލްސާތަކުގެ ޔައުމިއްޔާ ިލޔެ ބެލެހެއްޓުމާބެހޭ ގަވާއިދު؛
- ޖަމްއިއްޔާގެ އާންމު ޖަލްސާތަކާއި ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ޖަލްސާތަކުގައި ވޯޓުދެވޭ ގޮތާއި، އެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭގޮތް؛
- ޖަމްއިއްޔާ އުވާލެވޭގޮތް؛
- ހިންގާ ގަވާއިދަށް ބަދަލުގެނެވޭ ގޮތް؛
- ހިންގާކޮމިޓީގެ އުމުރު އަދި އުމުރު ކަނޑައަޅާނެ ގޮތް؛
- ޖަމްއިއްޔާގެ ނިށާން، ދިދަ، ކުލަ އަދި މޮޓޯޯ ބަދަލުކުރެވޭނެގޮތް؛
- އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހާއި ގޮތް؛
- އަހަރީ ރިޕޯޓް ތައްޔާރުކުރާނެގޮތާއި، ފާސްކުރާނެގޮތް؛
- އަހަރީ ހިސާބު ތައްޔާރުކުރާނެގޮތާއި، ފާސްކުރާނެގޮތް؛
- ޖަމްއިއްޔާ އުވާލުމަށް ކަނޑައެޅުމުން އަމަލުކުރާނެގޮތް؛
- ޖަމްއިއްޔާ އުވާލެވޭ ހާލަތުގައި ޖަމްއިއްޔާގެ ދަރަނި އަދާކުރާނެގޮތާއި، ދަރަނި އަދާކުރުމަށްފަހު، ޖަމްއިއްޔާގެ މުދަާލާ ދޭތެރޭ އަމަލުކުރާނެގޮތް.
18 ވަނަ މާއްދާ - ހިންގާ ގަވާއިދު ބަދަލުކުރުން
(ހ) މިގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދު ބަދަލުކުރަން ބޭނުންވެއްޖެނަމަ، ގެންނަން ބޭނުންވާ ބަދަލުތައް އާންމު ޖަލްސާއަކަށް ހުށަހަޅައި، އާންމު ޖަލްސާއެއްގެ ހާއްސަ ގަރާރަކުން ފާސްކުރުމަށްފަހު އެބަދަލުތައް ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ޖަމްއިއްޔާގެ ހިންގާ ގަވާއިދުގެ 2 ކޮޕީއާއި، ބަދަލު ގެންނަން ނިންމި ގަރާރުގެ އަސްލާ އެއްގޮތް ކޮޕީ ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގަރާރުގައި ހިންގާ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ސޮއި ކުރަންވާނެއެވެ.
19 ވަނަ މާއްދާ - ޖަމްއިއްޔާގެ މަގްސަދު
(ހ) ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކަށް މަތިކޮށްފައިވާ ކަމެއް އަދި، ދިވެހިސަރުކާރުގެ އޮފީހެއްގެ މެންޑޭޓުން އެ އޮފީހަކަށް މަތިކޮށްފައިވާ ކަމެއް ޖަމްއިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭނެއެވެ.
(ށ) ސަރުކާރުގެ އެކިއެކި ދާއިރާތަކުން، އެ ދާއިރާތަކުގެ ސިޔާސަތު ކަނޑައެޅުމުގައާއި، ވިލަރެސްކުރުމުގައާއި ތަންފީޒުކުރުމުގައި އެހީތެރިވެދިނުމަށް ޖަމްއިއްޔާއަކުން މަސައްކަތްކުރުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
20 ވަނަ މާއްދާ - މަގްސަދު ބަދަލުކުރުން
ޖަމްއިއްޔާގެ މަގްސަދުތައް ބިނާވެފައިވަނީ ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 19 ވަނަ މާއްދާއާއި ހިލާފުކަމަށް ރަޖިސްޓްރަރއަށް ގަބޫލުކުރެވިއްޖެނަމަ ޖަމްއިއްޔާއެއްގެ މަގްސަދު ބަދަލު ކުރުމަށް ރަޖިސްޓްރަރ އަންގަންވާނެއެވެ.
ފަސްވަނަ ބާބު
ޖަމްއިއްޔާގެ މެންބަރުން
21 ވަނަ މާއްދާ - ޖަމްއިއްޔާގެ މެންބަރުން
(ހ) ޖަމްއިއްޔާގެ މެންބަރުންނަކީ އެޖަމްއިއްޔާގައި އެވަގުތަކު އޮތް ހިންގާ ގަވާއިދު ގަބޫލުކޮށް އެ ގަވާއިދުގައިވާ ފަދައިން މެންބަރުންނަށް ވެފައިވާ ފަރާތްތަކެވެ.
(ށ) ޖަމްއިއްޔާއަށް އަލަށް ވަންނަ މެންބަރުންނާއި ޖަމްއިއްޔާއިން ވަކިވާ މެންބަރުން އެނގޭނެފަދަ މެންބަރުންގެ ރަޖިސްޓަރީއެއް ޖަމްއިއްޔާގެ އިދާރާގައި އޮންނަންވާނެއެވެ.
(ނ) މުޅި ގައުމަށް ނިސްބަތްވާގޮތަށް ގައުމީ ފެންވަރުގައި ހިންގާ ޖަމްއިއްޔާތަކުގެ މެންބަރުންގެ ރަޖިސްޓަރީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރަރއަށް ފޮނުވަންނާނެއެވެ.
(ރ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް އެޖަމްއިއްޔާގެ ހިންގާ ގަވާއިދު ހުއްދަކުރާގޮތެއްގެ މަތިން ޗަންދާގެ ތަފާތާއި އަދި ޒިންމާތައް ތަފާތުވާގޮތަށް އެކި ގިންތީގެ މެންބަރުން ތިބުމުގެ ހައްގު ލިބިގެންވެއެވެ.
(ބ) ޖަމްއިއްޔާގެ ހިންގާ ގަވާއިދު ހުއްދަކުރާނަމަ ގާނޫނީ ށަހްސެއް އެ ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީކުރެވިދާނެއެވެ. ނަމަވެސް ޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ދިވެހިރާއްޖެއިން ބޭރުގެ ކުންފުނި، ކުލަބް، ޖަމްއިއްޔާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
(ޅ) ދިވެހިރާއްޖެއާއި ހާރިޖީ ގުޅުން އޮންނަ ގައުމުތަކާއެކު ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް ރާއްޖެއަށް އިތުރުކުރިއެރުންތައް ހޯދައިދިނުމުގެ ގޮތުން ދިވެހިރައްޔިތުންނާއި ބިދޭސީން ގުޅިގެން އުފައްދާ ޖަމްއިއްޔާތަކުގައި މެންބަރުންގެގޮތުގައި ބިދޭސީން ރަޖިސްޓަރީކުރެވިދާނެއެވެ.
22 ވަނަ މާއްދާ - މެންބަރުންގެ ހައްގުތައް
(ހ) މިގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ ޖަމްއިއްޔާއެއްގެ މެންބަރަކަށްވެސް އެތަނެއްގެ ހިންގާ ގަވާއިދުން ލިބިދޭ ހުރިހާ ހައްގެއް ލިބިގެންވެއެވެ. އަދި އެ ހިންގާ ގަވާއިދު ލާޒިމްކުރާ އެންމެހާ ޒިންމާތައްވެސް އުފުލަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ ހިންގާ ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީއާއި، ހިސާބުތަކާއި ލިޔެކިޔުންތަކާއި، އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ބެލުމުގެ ހައްގު ކޮންމެ މެންބަރަކަށްވެސް ލިބިގެންވެއެވެ.
ހަވަނަ ބާބު
ޖަމްއިއްޔާގެ ހިންގާ ކޮމިޓީ
23 ވަނަ މާއްދާ - ހިންގާ ކޮމިޓީ
(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ރައީސް، ސެކްރެޓަރީ، ހަޒާންދާރުގެ މަސްއޫލިއްޔަތު އަދާކުރާނެ މީހުން ހިމެނޭގޮތަށް މަދުވެގެން 3 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ހިންގާކޮމިޓީއެއް އޮންނަންވާނެއެވެ. މި 3 މެންބަރުންނަކީ ދިވެހިރައްޔިތުން ކަމުގައި ވާންވާނެއެވެ.
(ށ) ސަރުކާރުގެ އެކި ފަރާތްތަކުގެ ބޭނުމަށާއި އަދި ށަރުއީ އެކިއެކި ބޭނުމަށްޓަކައި ޖަމްއިއްޔާގެ ހުރިހާ ކަމެއްގެ މަސްއޫލުފަރާތަކީ އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީއެވެ.
(ނ) ޖަމްއިއްޔާގެ ިހންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާނަމަ، އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރެވެންދެން ށަރުއީ އެކިއެކި ބޭނުމަށްޓަކައި ޖަމްއިއްޔާގެ ހުރިހާ ކަމެއްގެ މަސްއޫލުފަރާތަކީ ޖަމްއިއްޔާތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ އެންމެ ފަހު ދައުރުގެ ހިންގާ ކޮމިޓީއެވެ.
(ރ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަދި އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ށަރުއީ މަޖިލީސްތަކުގައި ހިންގާ ކޮމިޓީ ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިދާނެއެވެ.
(ބ) ހިންގާ ކޮމިޓީގެ ދެ މަގާމަށް އެއް މެންބަރަކު އައްޔަނު ނުވަތަ އިންތިހާބެއް ނުކުރެވޭނެއެވެ. ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ވަގުތީގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލުކުރާނީ އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
24 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުންގެ ށަރުތު
ހިންގާ ކޮމިޓީގެ މެންބަރުންގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ޖަމްއިއްޔާގެ މެންބަރަކު ކަމުގައިވުން؛
(ށ) މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
(ނ) ށަރުއީ ނުވަތަ ގާނޫނީ ބަންދެއްގައި ހުރި މީހަކު ކަމުގައި ނުވުން.
25 ވަނަ މާއްދާ - ހިންގާކޮމިޓީ އިންތިހާބުކުރުން
(ހ) ޖަމްއިއްޔާ އުފެއްދުމަށް ހުއްދަ ދެވޭ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ ޖަމްއިއްޔާއެއްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަންވާނެއެވެ.
(ށ) ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އަލުން ހިންގާ ކޮމިޓީ އިންތިހާބު ކުރަންވާނެއެވެ. ހިންގާ ކޮމިޓީގެ އުމުރު ހަމަވުމުގެ ކުރިން ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެމަގާމަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި މީހަކު އިންތިހާބު ކުރަންވާނެއެވެ.
(ނ) ހިންގާ ކޮމިޓީ އިންތިހާބު ކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީ ރަޖިސްޓަރީކުރުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ރ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކުރަންވާނީ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާ ހުރިހާ މަގާމުތަކަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބުނެފައިވާގޮތާ ހިލާފަށް ހުށަހަޅާ ހިންގާ ކޮމިޓީ ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.
(ޅ) މި ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތަށް ހިންގާ ކޮމިޓީ ރަޖިސްޓްރަރއަށް ހުށަނާޅައިފިނަމަ، އެ ޖަމްއިއްޔާއެއް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
26 ވަނަ މާއްދާ - އިންތިހާބާބެހޭ ވަގުތީ ކޮމިޓީ
(ހ) ޖަމްއިއްޔާގެ ފުރަތަމަ ހިންގާ ކޮމިޓީ އެކުލަވާލެވުމުގެ ކުރިން މުއައްސިސަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ މުއައްސިސު ނިޔާވެއްޖެނަމަ ހިންގާ ކޮމިޓީއެއް ހޮވުމަށްޓަކައި އިންތިހާބާބެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން، ރަޖިސްޓްރަރގެ ލަފާގެ މަތިން އާންމު މެންބަރުންގެ މެދުގައި އިންތިހާބާބެހޭ ވަގުތީ ކޮމިޓީއެއް އެކުލަވާލެވިދާނެއެވެ.
(ށ) ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އައްޔަންވުމަށްފަހު، ނުވަތަ އިންތިހާބުވުމަށްފަހު، ޖަމްއިއްޔާ ހިންގުމުގެ އެންމެހައި ކަންތައްތަކުގައި މަސްއޫލުވެ ޒިންމާ އުފުލާނީ، އެއިރަކު ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާގެ ހިންގާ ކޮމިޓީންނެވެ.
(ނ) ޖަމްއިއްޔާގެ ިހންގާ ކޮމިޓީގެ އެންމެހައި މެންބަރުން އިސްތިއުފާދީފިނަމަ، ޖަމްއިއްޔާގެ އާންމު މެންބަރުންގެ ތެރެއިން އިންތިހާބާބެހޭ ކޮމިޓީއެއް އެކުލަވާލަން ރަޖިސްޓްރަރއަށް ހުއްދަދެވިދާނެއެވެ.
ހަތްވަނަ ބާބު
އަހަރީ ރިޕޯޓާއި އަހަރީ ހިސާބު
27 ވަނަ މާއްދާ - އަހަރީ ރިޕޯޓާއި އަހަރީ ހިސާބު
(ހ) ކޮންމެ ޖަމްއިއްޔާއަކުންވެސް، ޖަމްއިއްޔާގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު، ޖަމްއިއްޔާގެ ިހންގާ ގަވާއިދުގައިވާ ގޮތަށް ތައްޔާރުކޮށް، ހިންގާ ކޮމިޓީން ފާސްކޮށް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހު، ކޮންމެ މީލާދީ އަހަރެއްގެ މާޗްމަހުގެ 31 (އެއްތިރީސް) ގެ ކުރިން ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރިޕޯޓަކީ ޖަމްއިއްޔާ ހިނގި ގޮތާއި، މަގްސަދު ހާސިލުކުރުމުގެ ގޮތުން ކުރެވުނު ކަންތައްތަކާއި، ޖަމްއިއްޔާއަށް ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީއާއި ދަރަންޏާއި، ހަރަދުވީ މިންވަރު އެނގޭނެ ރިޕޯޓަކަށް ވާންވާނެއެވެ. ރިޕޯޓް ތައްޔާރުކުރުމުގައި އަހަރު ބަލާނީ ޖަނަވަރީ އިން ޑިސެމްބަރުގެ ނިޔަލަށެވެ.
(ނ) ޖަމްއިއްޔާގެ އަހަރީ ރިޕޯޓް މާޗްމަހުގެ 31 (އެއްތިރީސް) ގެ ނިޔަލަށް ހުށަނާޅައިފިނަމަ، އެ ޖަމްއިއްޔާއެއް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
28 ވަނަ މާއްދާ - އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް
ޖަމްއިއްޔާގެ އަހަރީ ރިޕޯޓްގައި ތިރީގައި ބުނެފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ޖަމްއިއްޔާގެ ނަމަށް ނުވަތަ އިދާރާއަށް ނުވަތަ ހިންގާ ކޮމިޓީއަށް އައި ބަދަލުތައް؛
(ށ) ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތައް؛
(ނ) ހިންގާ ކޮމިޓީގެ ޖަލްސާތައް ބޭވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް؛
(ރ) އާންމު ޖަލްސާތައް ބޭއްވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް؛
(ބ) އަލަށް ވަންނަ މެންބަރުންގެ އަދަދާއި ވަކިވި މެންބަރުންގެ އަދަދާއި އަހަރު ނިމުނުއިރު ތިބި މެންބަރުންގެ އަދަދު؛
(ޅ) ޖަމްއިއްޔާގެ މަގްސަދު ހާސިލު ުކރުމުގެ ގޮތުން ކުރެވުނު ކަންތައްތައް؛
(ކ) ފައިސާ ލިބުނު ގޮތްތަކާއި ލިބުނު އަދަދު؛
(އ) ފައިސާ ހަރަދު ކުރެވުނު ކަންކަމާއި ހަރަދުކުރެވުނު އަދަދު އަދި ބާކީހުރި އަދަދު؛
(ވ) ޖަމްއިއްޔާގައި ހުރި އުފުލޭމުދަލާއި ނުއުފުލޭމުދަލުގެ ތަފުސީލު؛
(މ) ކުރިއަށް އޮތް އަހަރު ޖަމްއިއްޔާއިން ކުރުމަށް ރާވާފައިވާ ކަންތައްތައް؛
(ފ) އަހަރީ ރިޕޯޓް ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު ހިންގާ ކޮމިޓީގެ މެންބަރުން ސޮއިކޮށް އާންމު ޖަލްސާއަކަށް ހުށަހަޅައި ފާސްކުރިކަމުގެ ގަރާރުގެ އަސްލާ އެއްގޮތް ކޮޕީ.
އަށްވަނަ ބާބު
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުން
29 ވަނަ މާއްދާ - ޖަމްއިއްޔާއަކުން ހިންގާ މަށްރޫއުތައް
ޖަމްއިއްޔާގެ މަގްސަދުތައް ހާސިލު ކުރުމުގެގޮތުން ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ގައުމީ ފެންވަރުގައި މަށްރޫއުތައް ހިންގިދާނެއެވެ. މިގޮތުން ހިންގާ މަށްރޫއަކީ 25،000 (ފަންސަވީސްހާސް ރުފިޔާ) ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ މަށްރޫއެއް ނަމަ އެ މަށްރޫއުގެ މައުލޫމާތު މަށްރޫއު ފެށުމުގެ ކުރިން ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
30 ވަނަ މާއްދާ - ހަރަކާތްތަކުގެ ބަޖެޓް ޕްލޭން
(ހ) ކޮންމެ ޖަމްއިއްޔާއަކުންވެސް ކުރިއަށް އޮންނަ އަހަރު އެ ޖަމްއއްޔާއަކުން ހިންގުމަށް ގަސްދުކުރާ ހަރަކާތްތަކުގެ ފުރިހަމަ ޕްރޮގްރާމް ބަޖެޓް ޕްލޭން އެ ހަރަކާތްތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ ތަފުސީލާއެކު ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް ތައްޔާރުކޮށް ޖަމްއިއްޔާގެ ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް އަދި އަހަރީ ހިސާބާއެކު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
- ކުރިއަށް އޮންނަ އަހަރު ޖަމްއިއްޔާއިން ހިންގުމަށް ގަސްދުކުރާ ހަރަކާތްތަކުގެ ތަފުސީލު؛
- ހަރަކާތައް ހިންގުމަށް ލަފާކުރާ ހަރަދުގެ ތަފުސީލު؛
- ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތުގެ ތަފުސީލު؛
- ހަރަކާތްތައް ހިންގުމަށް ހޯދާ ފައިސާ ހަރަދުކުރެވޭނެ ގޮތުގެ ތަފްސީލު؛
- ހަރަކާތްތައް ހިންގުމަށް ރާއްޖެއިން ބޭރުގެ އެހީ ލިބޭނެނަމަ އެކަމުގެ ތަފުސީލު؛
- ފައިސާ ހޯދުމަށް ފަންޑް ރެއިސިންގފަދަ ހަރަކާތެއް ހިންގާނަމަ އެކަމުގެ މަގްސަދު އަދި ތަފުސީލު؛
(ށ) ޖަމްއިއްޔާގެ ކުރިއަށް އޮންނަ އަހަރުގެ އިދާރީ ބަޖެޓް (ރިކަރެންޓް ހަރަދު) ވެސް ވަކިން ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ހިންގާ ކޮމިޓީން ފާސްކުރުމަށްފަހު ޖަމްއިއްޔާގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން ޖަމްއިއްޔާއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކަށް ބަދަލުގެނެވިދާނެއެވެ. މިގޮތުން ގެނެވޭ ބަދަލުތައް 30 (ތިރީސް) ދުވަހުގެ ތެރޭގައި ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
31 ވަނަ މާއްދާ - ބޭންކް އެކައުންޓް
(ހ) ކޮންމެ ޖަމްއިއްޔާއެއްގައިވެސް އެ ޖަމްއިއްޔާގެ ފަންޑުތައް ބެލެހެއްޓުމަށްޓަކައި ރަޖިސްޓަރީކުރެވިފައިވާ ބޭންކް އެކައުންޓެއް އޮންނަންވާނެއެވެ.
(ށ) ޖަމްއިއްޔާގެ އެންމެހައި ފަންޑުތައް ހުންނަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޭންކު އެކައުންޓްގައެވެ.
(ނ) ޖަމްއިއްޔާއަށް ފަންޑު ހޯދައި ލިބިގަނެ އަދި ފަންޑު ޓްރާންސްފަރކޮށް ހަދަންވާނީ ރަސްމީ ނުވަތަ ރަޖިސްޓަރީ ކުރެވިފައިވާ މާލީ އިދާރާތައް މެދުވެރިކޮށެވެ.
32 ވަނަ މާއްދާ - ފަންޑު ހޯދުން
(ހ) ޖަމްއިއްޔާތަކުން ފަންޑު ހޯދާއިރު ފަންޑު ހޯދަނީ ކޮން މަގްސަދެއްގައިކަން ފަންޑު ދޭ ފަރާތަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދާ ފަންޑު ބޭނުންކުރަންވާނީ އެ ފަންޑު ހޯދި މަގްސަދު ހާސިލުކުރުމަށެވެ.
33 ވަނަ މާއްދާ - ޖަމްއިއްޔާއަކުން ވިޔަފާރިކުރުމާއި ލޯނު ނެގުން
(ހ) ޖަމްއިއްޔާތަކާބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ފައިސާ ހޯދުމުގެ ގޮތުން، ލޯޯނު ނެގުމާއި ވިޔަފާރީގެ މުއާމަލާތު ހިންގިދާނެއެވެ. މިގޮތުން ހިންގާ މުއާމަލާތްތަކާބެހޭ ތިރީގައި ބުނެފައިވާ މައުލޫމާތު، އެ މުއާމަލާތެއް ހިންގަން ފެށުމުގެ ކުރިން ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
- ވިޔަފާރީގެ ަރއުސުލްމާލު އަދި ރައުސުލްމާލު ލިބުނު ގޮތުގެ ތަފުސީލު؛
- ވިޔަފާރީގެ ބާވަތް؛
- ވިޔަފާރިކުރަން ގަސްތުކުރާ ގޮތް؛
- ވިޔަފާރީގެ ފައިދާއިން ޖަމްއިއްޔާގެ މަގްސަދު ހާސިލުކުރުމަށް ރާވާފައިވާ ގޮތާއި ހާސިލުވާނެ ކަމަށް ލަފާކުރާ މިންވަރު.
(ށ) ޖަމްއިއްޔާއަކުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރަންވާނީ އެކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ތައާރުޒުނުވާ ގޮތެއްގެމަތިންނެވެ.
(ނ) ޖަމްއިއްޔާއަކުން ކުރާ ވިޔަފާރީގެ ހިސާބު ކޮންމެ އަހަރެއްގެ އަހަރީ ހިސާބާއެކު، ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ. ވިޔަފާރީ ހިސާބުގައި ވިޔަފާރީގެ ރައުސުލްމާލާއި، ހަރަދުވި ފައިސާ އަދި ލިބުނު ފައިސާ އެނގެން އޮންނަންވާނެއެވެ.
34 ވަނަ މާއްދާ - ބޭރުގެ އެހީ ހޯދުން
(ހ) ޖަމްއިއްޔާއަކުން އެޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށްޓަކައި ބޭރުގެ އެހީއެއް ހޯދަންވާނީ ރަޖިސްޓްރަރއަށް ހުށަހަޅައި، އެ އެހީއެއް ހޯދުމުގެ ހުއްދަ ރަޖިސްޓްރަރ ދިނުމުންނެވެ. ބޭރުގެ އެހީއެއް ހޯދާނަމަ، އެ އެހީއެއް ހޯދަނީ ކޮން ފަރާތަކުންތޯޯއާއި، އެ އެހީއެއްގެ އަދަދާއި، އެ އެހީއެއްގެ ދަށުން ކުުރަން ގަސްދުކުރާ ކަންތައްތަކުގެ ތަފުސީލާއި، އެހީދޭ ފަރާތުން އެހީދިނުމުގައި ވަކި ކަމެއް ށަރުތު ކުރާނަމަ އެކަމެއް އަދި އެހީދޭ ފަރާތުން ފޮނުވާ ލިޔުންތަކުގެ އަސްލު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި ބޭރުގެ އެހީ ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ސަރުކާރުތަކުންނާއި، ޖަމާއަތްތަކުންނާއި، އިދާރާތަކުންނާއި، އަދި ވަކިވަކި ފަރުދުން ދޭ ފައިސާއާއި ތަކެއްޗެވެ.
35 ވަނަ މާއްދާ - މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން
(ހ) ޖަމްއިއްޔާގެ މެންބަރުންނާއި ޖަމްއިއްޔާގެ ިހންގާކޮމިޓީގެ މެންބަރުންނާއި ޖަމްއިއްޔާގެ މުއައްސިސުންނަށް ޖަމްއިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ހައްގެއް ލިބިފައެއް ނުވެއެވެ.
(ށ) ޖަމްއިއްޔާގެ މެންބަރަކު ޖަމްއިއްޔާތަކާބެހޭ ގާނޫނާއި ގަވާއިދާއި، ޖަމްއިއްޔާގެ ހިންގާ ގަވާއިދާއި ހިލާފަށް ޖަމްއިއްޔާގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ށަކުވާ ރަޖިސްޓްރަރއަށް ހުށަހަޅައިފިނަމަ އެކަމެއް ބެލުމަށްފަހު، ރަޖިސްޓްރަރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެތަކެތި ޖަމްއިއްޔާއަށް އަނބުރާ ހަވާލުކުރަން އެންގުމުގެ ބާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.
36 ވަނަ މާއްދާ - އޮޑިޓްކުރުން
(ހ) ތިރީގައިމިވާ ޖަމްއިއްޔާތައް ދިވެހި ސަރުކާރުން ގަބޫލުކުރާ އޮޑިޓް ފާމަކުން އަހަރަކު އެއްފަހަރު އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓް ރަޖިސްޓްރަރއަށް ހުުށަހަޅަންވާނެއެވެ.
- މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ގައުމީ ފެންވަރުގައި ހިންގާ ޖަމްއިއްޔާތައް؛
- ޖަމްއިއްޔާ ހިންގުމަށް ނުވަތަ ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ދިވެހިސަރުކާރުން އަހަރަކު 500،000 (ފަސްލައްކަ) ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް އެހީދޭ ޖަމްއިއްޔާތައް؛
- މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ރާއްޖެއިން ބޭރުގެ ޖަމްއިއްޔާތައް؛
- އަހަރަކު 500،000 (ފަސްލައްކަ) ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ރުފިޔާގެ މުއާމަލާތު ކޮށްފައިވާ ޖަމްއިއްޔާތައް.
(ށ) ޖަމްއިއްޔާއެއް އޮޑިޓްކުރުމަށް ރަޖިސްޓްރަރ ކަނޑައަޅައިފިނަމަ އެ ޖަމްއިއްޔާއެއް އޮޑިޓްކުރަންވާނެއެވެ.
37 ވަނަ މާއްދާ - ޖަމްއިއްޔާގެ މައުލޫމާތު ހޯދުން
(ހ) ޖަމްއިއްޔާގެ ރަޖިސްޓްރަރ އެދިއްޖެ ހިނދެއްގައި، ޖަމްއިއްޔާގެ މެންބަރުންގެ ރަޖިސްޓަރީއާއި، ޖަމްއިއްޔާގެ އިދާރީ ލިޔެކިޔުމާއި، ފައިސާއާބެހޭ ލިޔެކިޔުމުގެ ކޮޕީއާއި ޖަމްއިއްޔާއާބެހޭ މައުޫލމާތު، އެ ޖަމްއިއްޔާއަކުން ރަޖިސްޓްރަރއަށް ދޭންވާނެއެވެ.
(ށ) މި މާއްދާގައިވާ ގޮތުގެމަތިން ޖަމްއިއްޔާއަކުން ސައްހަ ނޫން މައުލޫމާތު ދީފައިވާނަމަ، އެޖަމްއިއްޔާއަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ބަލައި ފާސްކުރުމުގެ ބާރު
ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދިވެހި މުޖުތަމައުގެ މަސްލަހަތާއި އަމާންކަމަށް ނުރައްކާވާ ފަދަ އަމަލު ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް އެޖަމްއިއްޔާގެ އިދާރީ އޮފީހަށާއި ޖަމްއިއްޔާގެ ހަރަކާތް ހިންގާ ތަންތަނަށް ވަދެ ބަލައި ފާސްކުރެވިދާނެއެވެ.
ނުވަނަ ބާބު
ޖަމްއިއްޔާ ސަސްޕެންޑު ކުރުމާއި އުވާލުން
39 ވަނަ މާއްދާ - ޖަމްއިއްޔާއެއް ސަސްޕެންޑްކުރަން ރަޖިސްޓްރަރ ކަނޑައެޅުން
ތިރީގައި ބުނެފައިވާ ހާލަތްތަކުގައި ޖަމްއިއްޔާގެ ހަރަކާތްތައް އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓާލަން އެންގުމުގެ އިހުތިޔާރު ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.
(ހ) ހިންގާ ކޮމިޓީގައި މަސްލަހަތު ގެއްލި ދެކޮޅުވެރިކަން އުފެދިގެން ހިންގާ ކޮމިޓީގެ މެންބަރުންގެ ށަކުވާ ރަޖިސްޓްރަރއަށް ހުށަހަޅައިފިނަމަ؛
(ށ) ގައުމީ ސަލާމަތަށް ނުވަތަ މުޖުތަމައުގެ އަމާންކަމަށް ނުރައްކާވެދާނެކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުން؛
(ނ) ފަރުދެއްގެ އަބުރު ގެއްލޭފަދަ ކަމެއް ކުރުން؛
(ރ) ޖަމްއިއްޔާގެ މަގްސަދު ހާސިލު ކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފިޔަވައި، ޖަމްއިއްޔާގެ މެންބަރުންނާއި ޖަމްއިއްޔާގެ ރައުސުލްމާލާއި މުދަލާއި އެހެނިހެން ވަސީލަތްތައް ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ކަންކަމުގައި ބޭނުންކުރުން؛
(ބ) ޖަމްއިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމާއި ހަރަކާތްތައް ހިންގުން؛
(ޅ) މި މާއްދާގެ (ބ) ގައި އެހެންއޮތްނަމަވެސް، މުޅި ގައުމަށް ނުވަތަ އަތޮޅަށް ނުވަތަ ރަށަށް ދިމާވާ ގުދުރަތީ ހާދިސާތަކާއި ނުވަތަ އިޖުތިމާއީ ކަންތައްތަކާ ގުޅިގެން ޖަމްއިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަން ކުރަން މި މާއްދާ ހުރަހެއް ނާޅައެވެ.
40 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލެވޭނެ ގޮތްތައް
މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ޖަމްއިއްޔާއެއް އުވާލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ޖަމްއިއްޔާއަކުން އެދިގެން އެޖަމްއިއްޔާ އުވާލުން؛
(ށ) ޖަމްއިއްޔާއެއް އުވާލުމަށް ޖަމްއިއްޔާގެ ރަޖިސްޓްރަރ ކަނޑައެޅުން؛
(ނ) ކޯޓު އަމުރަކަށް ޖަމްއިއްޔާ އުވާލުން.
41 ވަނަ މާއްދާ - ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާއެއް އުވާލުން
ޖަމްއިއްޔާއެއް އުވާލުމަށް އެ ޖަމްއިއްޔާއަކުން ކަނޑައެޅޭނީ، އެ ޖަމްއިއްޔާއެއް އުވާލުމަށްޓަކައި އެ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކޮށް، އެ ޖަމްއިއްޔާގެ އާންމު ޖަލްސާއަކުން ފާސްކުރާ ހާއްސަ ގަރާރަކުންނެވެ.
42 ވަނަ މާއްދާ - ޖަމްއިއްޔާއެއް އުވާލުމަށް ރަޖިސްޓްރަރ ކަނޑައެޅުން
ތިރީގައި ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެ ޖަމްއިއްޔާއެއް އުވާލުމަށް ރަޖިސްޓްރަރއަށް ކަނޑައެޅިދާނެއެވެ.
(ހ) ޖަމްއިއްޔާއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުވާއިރު، އެ ޖަމްއިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ކަމެއްނުކޮށް ވިދިވިދިގެން 2 (ދޭއް) އަހަރު ވެފައިވުން؛
(ށ) ތަކުރާރުކޮށް ޖަމްއިއްޔާތަކާބެހޭ ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ ޖަމްއިއްޔާތަކާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުން؛
(ނ) މި ގަވާއިދުގެ 39 ވަނަ މާއްދާގެ ދަށުން ސަސްޕެންޑް ކުރެވިފައިވާ ޖަމްއިއްޔާއަކަށް އިސްލާހުކުރަން ރަޖިސްޓްރަރ އަންގާ ކަމެއް އިސްލާހު ނުކުރުން ނުވަތަ އިސްލާހުކުރަން އަންގާ ކަމެއް ތަކުރާރުކުރުން.
43 ވަނަ މާއްދާ - ކޯޓު އަމުރަކަށް ޖަމްއިއްޔާ އުވާލުން
ޖަމްއިއްޔާގެ ދަރަނި އަދާނުކުރެވޭނެކަމަށް ނުވަތަ ޖަމްއިއްޔާ ހިންގަނީ ޣައިރު ގާނޫނީ މަގްސަދަކަށްޓަކައި ކަމަށް ށަރީއަތަށް ސާބިތުވުމުން ނުވަތަ އެނޫންވެސް ސަބަބަކަށްޓަކައި ޖަމްއިއްޔާއެއް އުވާލުމަށް ކަމާބެހޭ ކޯޓަކުން އަމުރުކޮށްފިނަމަ، ޖަމްއިއްޔާގެ ދަރަންޏާއި މުދަލުގެ ކަންތައް ހަމަޖެއްސުމަށް މުއްދަތެއް ކަނޑައަޅައި އެ ޖަމްއިއްޔާއެއް ޖަމްއިއްޔާގެ ރަޖިސްޓްރަރ އުވާލަންވާނެއެވެ.
44 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލުމަށް ކަނޑައެޅުމުން ޖަމްއިއްޔާއިން އަމަލުކުރާނެގޮތް
(ހ) މި ގަވާއިދުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖަމްއިއްޔާއެއް އުވާލަން ކަނޑައަޅައިފިނަމަ ތިރީގައިވާ ކަންތައްތައް އެ ޖަމްއިއްޔާއަކުން ފުރިހަމަކުރަންވާނެއެވެ.
- ޖަމްއިއްޔާ އުވާލުމަށް ކަނޑައަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން އާންމުކޮށް އިއުލާން ކުރުން؛
- ޖަމްއިއްޔާގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްތޯ ބެލުމަށްފަހު، އެ ޖަމްއިއްޔާއަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްއިއްޔާގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ އެކަމެއް ހަމަޖެއްސުން؛
- ޖަމްއިއްޔާގެ މައްޗަށް ދަރަންޏެއްވާނަމަ ދަރަނި އަދާކުރުމަށްފަހ
ޖަމްއިއްޔާގެ މުދަލެއް ނުވަތަ ފައިސާއެއް ހުރިނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ މަސްއޫލިއްޔަތު އަދާކުރަން ކަމަށް އެކަށޭނަ މީހަކު އައްޔަންކުރުމަކަށް މިގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާގޮތަށް ޖަމްއިއްޔާގެ މުދަލުން ދަރަނި އަދާނުކުރެވޭނަމަ، އެކަމުގެ ޒިންމާ އުފުލާނީ ޖަމްއިއްޔާގެ ހިންގާ ކޮމިޓީން ނުވަތަ ޖަމްއިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތަށެވެ.
(ރ) ޖަމްއިއްޔާއެއް އުވާލުމަށް ކަނޑައެޅުމުން، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް އަމަލުކޮށް ޖަމްއިއްޔާ އުވާލުމަށްޓަކައި 45 (ސާޅީސްފަހެއް) ދުވަހުގެތެރޭގައި ތިރީގައިވާ މައުލޫމާތު ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
- ޖަމްއިއްޔާ އުވާލުމަށް ކަނޑައެޅި ގަރާރު ނުވަތަ ކޯޓު އަމުރުގެ އަސްލާ އެއްގޮތް ކޮޕީ؛
- ޖަމްއިއްޔާ އުވާލެވޭއިރު ހުރި މުދަލާއި ދަރަނީގެ ތަފުސީލު؛
- ޖަމްއިއްޔާގެ ދަރަންޏާބެހޭގޮތުން އަމަލުކުރި ގޮތުގެ ތަފުސީލު؛
- ޖަމްއިއްޔާގެ މުދަލާބެހޭގޮތުން އަމަލުކުރިގޮތުގެ ތަފުސީލު؛
(ބ) ޖަމްއިއްޔާއެއް އުވާލުމަށް ކަނޑައެޅުމަށްފަހު، ޖަމްއިއްޔާ އުވާލުމަށްޓަކައި ޖަމްއިއްޔާތަކާބެހޭ ގާނޫނާއި މިގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ކަންތައްތައް ފިޔަވައި އެހެން ހަރަކާތެއް ހިންގައިގެންނުވާނެއެވެ.
45 ވަނަ މާއްދާ - ޖަމްއިއްޔާ އުވާލުން
(ހ) ޖަމްއިއްޔާގެ މުދަލާއި ދަރަންޏާއި މައްސަލަތައް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު އެކަން އެ ޖަމްއިއްޔާއަކުން ރަޖިސްޓްރަރއަށް ނާންގައިފިނަމަ އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ އެންމެހައި ތަކެތި ރަޖިސްޓްރަރ ކަނޑައަޅާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލުކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރަންވާނެއެވެ.
(ށ) މި ގަވާއިދުގެ 44 ވަނަ މާއްދާގެ (ރ) ގައި އެހެން ބުނެފައިވީނަމަވެސް، ޖަމްއިއްޔާގެ ބާރުނުފޯރާ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ރަޖިސްޓްރަރ ކަނޑައަޅާ ގޮތެއްގެ މަތިން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
(ނ) މި ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވުމުން ޖަމްއިއްޔާގެ ރަޖިސްޓަރީ ބާތިލުކޮށް ޖަމްއިއްޔާ އުވާލަންވާނެއެވެ.
(ރ) ޖަމްއިއްޔާ އުވާލުމަށްފަހު ރަޖިސްޓްރަރ އެކަން އާންމުކޮށް އިއުލާން ކުރުމުން މި ގާނޫނުގެ ދަށުން ލިބުނު ހުރިހާ ހައްގުތަކާއި އިމްތިޔާޒުތައް ނިމުމަކަށް އައިސް، އެޖަމްއިއްޔާއެއް އުވުނީއެވެ. ނަމަވެސް ޖަމްއިއްޔާއިން އަދާކުރަންޖެހޭ އެއްވެސް ދަރަންޏެއް ވާނަމަ އެކަމުގެ ޒިންމާވާނީ އެންމެ ފަހުން ރަޖިސްޓަރީ ކުރެވިފައިވާ ހިންގާ ކޮމިޓީއަކުން ނުވަތަ އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ބުނާ ފަރާތަކުންނެވެ. ޖަމްއިއްޔާ ހިންގަމުން ދިޔައިރު ކޮށްފައިވާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމެއްގެ ޒިންމާ ރަޖިސްޓްރަރ އުފުލާކަށް ނުޖެހޭނެއެވެ.
46 ވަނަ މާއްދާ - ޖަމްއިއްޔާ ހިންގުމަށް އިތުރު ފުރުސަތު ދިނުން
(ހ) ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) އާއި 29 ވަނަ މާއްދާގައި ބުނެފައިވާ ކަންތައްތައް ޖަމްއިއްޔާއަކުން ނުކޮށްގެން އެ ޖަމްއިއްޔާއެއް އުވާލަން ކަނޑައަޅައިފިނަމަ، އެ ޖަމްއިއްޔާއަކުން އިތުރު ފުރުސަތަކަށް އެދި ރަޖިސްޓްރަރއަށް ލިޔުމުން ހުށަހަޅައިފިނަމަ، ޖަމްއިއްޔާތަކާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އިން ރަޖިސްޓްރަރއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން ތިރީގައިވާ ކަންތައްތައް ފުރިހަމަކުރުމަށްފަހު ރަޖިސްޓްރަރއަށް ހުށަހެޅުމުން އެ ޖަމްއިއްޔާއެއް ހިންގުމަށް އިތުރު ފުރުސަތެއް ދެވިދާނެއެވެ.
- ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖަމްއިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކޮށް ޖޫރިމަނާ ފައިސާއާއެކު ހުށަހެޅުން؛
- ފާއިތުވެދިޔަ 2 އަހަރު ޖަމްއިއްޔާ ހިނގި ގޮތުގެ ރިޕޯޓް ޖޫރިމަނާ ފައިސާއާއެކު ހުށަހެޅުން.
(ށ) ގާނޫނާއި ގަވާއިދާ އެއްގޮތަށް އަލުން ހިންގުމަށް ދެވުނު ފުރުސަތުގައިވެސް މި މާއްދާގެ (ހ) ގައި ބުނެފައިވާ ކަންތައްތައް ފުރިހަމަނުކޮށްފިނަމަ އިތުރު އެންގުމަކާ ނުލައި އެ ޖަމްއިއްޔާ އުވާލަންވާނެއެވެ.
ދިހަވަނަ ބާބު
އިދާރީ ކަންތައްތައް
47 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ފޮނުވާ ލިޔެކިޔުން
މިގަވާއިދުގެ ބޭނުމަށް، އިލެކްޓްރޯޯނިކް ޒަރީއާކަމަށް ބުނެފައި އެވަނީ ފެކްސް، އީމެއިލް ނުވަތަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެނޫންވެސް ގޮތަކުން އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކަށެވެ.
48 ވަނަ މާއްދާ - އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ހުށަހަޅާނެ ގޮތް
ޖަމްއިއްޔާތަކުން ރަޖިސްޓްރަރއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގައި އަމަ ުލކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) އީމެއިލްގައި ލިޔެކިޔުމެއް އެޓޭޗްކުރާނަމަ، އެކޮޕީއަކީ އަސްލު ލިޔުމުގެ ސްކޭން ކޮޕީއަކަށް ވާންވާނެއެވެ.
(ށ) ހުށަހަޅާ ލިޔެ ިކޔުންތައް އީމެއިލްކުރާނީ، މިނިސްޓްރީން އަންގާ އީ-މެއިލް އެޑްރެހަށެވެ.
49 ވަނަ މާއްދާ - އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ފޮނުވުމާއި ބަލައިގަތުން
(ހ) ޖަމްއިއްޔާތަކުން ރަޖިސްޓްރަރއަށް ހުށަހަޅާ ލިޔެކިޔުންތައް އީމެއިލް ކުރަންވާނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އެ ޖަމްއިއްޔާއެއްގެ އީމެއިލް އެޑްރެހަކުންނެވެ.
(ށ) ޖަމްއިއްޔާތަކުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް މިނިސްޓްރީން ލިޔެކިޔުމެއް ފޮނުވައިފިނަމަ ޖަމްއިއްޔާއަށް އެ ލިޔުމެއް ފޮނުވުނީ ކަމުގައި ބެލެވޭނެއެވެ.
50 ވަނަ މާއްދާ - ފެކްސް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅުން
ޖަމްއިއްޔާތަކުން ރަޖިސްޓްރަރއަށް ހުށަހަޅާ ލިޔެކިޔުންތައް ފެކްސް މެދުވެރިކޮށް ހުށަހަޅާނަމަ ފެކްސް ކުރަންވާނީ މިނިސްޓްރީން އަންގާ ފެކްސް ނަންބަރަކަށެވެ.
51 ވަނަ މާއްދާ - ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުން
(ހ) މިގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްޓްރޯޯނިކް ޒަރީއާއަކުން ހުުށަހަޅާ ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް ރަޖިސްޓްރަރ އަންގައިފިނަމަ، ރަޖިސްޓްރަރ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ލިޔެކިޔުންތައް ރަޖިސްޓްރަރއަށް ހުށަހަޅަންވާނެއެވެ.
(ށ) އިލެކްޓްރޯޯނިކް ޒަރީއާއެއް ނުވަތަ އެނޫންވެސް ގޮތަކަށް މިނިސްޓްރީއަށް ލިޔުމެއް ބަލައިގަތުމަކީ އެލިޔުން ފުރިހަމަކަމަށް ނުވަތަ ސައްހަކަމަށް ރަޖިސްޓްރަރ ގަބޫލުކުރިކަމަށް ނުބެލެވޭނެއެވެ.
52 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން އަމަލުކުރަމުންދިޔަ ޖަމްއިއްޔާތަކާބެހޭ ގަވާއިދު ބާތިލުވީއެވެ.
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-74)
ކިޔުންތެރިންގެ ހިޔާލު