-

ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި

(ގަވާއިދު ނަންބަރު 2014-180)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 އޮގަސްޓް 2014 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-69 ގެ 23 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އެމާއްދާގެ (ތ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ވަގުތީ ގޮތުން މަގު ބަންދުކުރުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - އިސްތިސްނާ

މިގަވާއިދުގެ ދަށުން، ހާއްސަ ހާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން މަގު ބަންދުކުރާ ކުރުމާއި ދައުލަތުގެ ބޭނުމަށް ވަގުތީ ގޮތުން މަގުބަންދުކުރާ ކުރުން ނުހިމެނެއެވެ.

 

4 ވަނަ މާއްދާ - މަސައްކަތެއް ކުރުމަށްޓަކައި މަގު ބަންދުކުރުން

މަސައްކަތެއް ކުރުމަށް މަގެއް ބަންދުކުރެވޭނީ އެމަސައްކަތަކީ މަގެއް ބަންދުކޮށްގެން ނޫން ގޮތަކަށް ކުރެވެން ނެތް މަސައްކަތަކަށްވާނަމައެވެ. އެފަދަ މަސައްކަތެއް ކުރުމަށް މަގު ބަންދުކުރަން ޖެހޭނަމަ ކައުންސިލަށް ހުށަހަޅައިގެން ކަނޑައެޅިފައިވާ އުސޫލުން މަގު ބަންދު ކުރުމުގެ ހުއްދަ ލިއުމުން ހޯދަންވާނެއެވެ.

 

5 ވަނަ މާއްދާ - ވަގުތީގޮތުން މަގު ބަންދު ކުރެވޭ ހާލަތްތައް

(ހ) އާންމު މަގެއް ބަންދު ކުރެވޭނ،ީ ހާއްސަ މުނާސަބަތު ތަކަށާއި ރަސްމިއްޔާތު ތަކަށާއި އިޖްތިމާއީ ކަންކަމަށާއި އުމްރާނީ ކަންތައްތަކަށާއ،ި އަދި މިނޫންވެސ،ް ކޮންމެހެން މަގު ބަންދު ކޮށްގެން ނޫނީ ނުކުރެވޭ މަސައްކަތެއް ކުރުމަށް އެވަގުތެއްގައި ހާލަތު ނިޔާ ކުރާ ގޮތުން މަގު ބަންދުކުރަން ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ށ) މަގެއް ބަންދު ކުރެވުނީ ކަމަށް ބެލެވޭނީ މަގު ބަންދުކުރުމަށް މިގަވާއިދު ލާޒިމުކުރާ "މަގު ބަންދުކުރާ ބޯޑު" ބެހެއްޓުމުންނެވެ. 

(ނ) މިގަވާއިދުގެ ދަށުން ވަގުތީ ގޮތުން މަގެއް ބަންދުކުރެވޭނީ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ވަގުތަކަށެވެ.

(ރ) މިމާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް މަސައްކަތުގެ ހާލަތަށާއި ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރު ވަގުތު މަގު ބަންދުކުރުމަށް ކައުންސިލުން ހުއްދަ ދިނުމަށް މިގަވާއިދު ހުރަހެއްނާޅައެވެ.

 

6 ވަނަ މާއްދާ - ހުއްދަ ދޫކުރުން

މަގު ބަންދުކުރުމުގެ ހުއްދަ ދޭންވާނ،ީ މަގުބަންދު ކުރުމަށް ބޭނުންވާ ފަރާތުން ކުރަން ބޭނުން މަސައްކަތް ބަޔާންކޮށް މަސައްކަތްކުރުމަށްޓަކައި މަގު ބަންދުކުރަން ބޭނުންކަމަށް ކައުންސިލަށް ލިއުމަކުން ހުށަހެޅުމުން މިގަވާއިދުގެ 5 ވަނަ ނަންބަރުގެ (ހ) ގައިވާ ކަންތައްތައް ކުރުމަށެވެ.

 

7 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ހުއްދަދޭ ވަގުތު ކަނޑައެޅުން

މަގެއް ބަންދު ކުރުމަށް އެދި ހުށަހެޅުމުން އެފަރާތަށް މަގުބަންދުކުރުމުގެ ހުއްދަ ދޭންވާނީ އެސަރަހައްދެއްގެ ނުވަތަ އެހިސާބެއްގެ ކާރުބާރުގެ ކުޑަބޮޑުމިނަށް ބަލައި އެމަގެއްގެ، ނުވަތަ އެސަރަހައްދެއްގެ ނުވަތަ އެހިސާބެއްގެ ކާރުބާރު އެންމެ ކުޑަވަގުތަކަށް އިސްކަންދީގެންނެވެ.

 

8 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ފީނެގުން

(ހ) މަގުބަންދު ކުރަނީ އުމުރާނީ މަސައްކަތަކަށްނަމަ، ފުރަތަމަ ހިނގާ 6 (ހައެއް) ގަޑިއިރާ ހަމައަށް 250 ރ (ދުއިސައްތަ ފަންސާސް) ރުފިޔާއާއ،ި ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް 150 ރ (ސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

(ށ) މަގުބަންދު ކުރެވެނީ އިޖްތިމާއީ ހަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ، ފުރަތަމަ 6 (ހައެއް) ގަޑިއިރާ ހަމައަށް 150 ރ (ސަތޭކަ ފަންސާސް) ރުފިޔާއާއ،ި ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް 50 ރ (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދަދެވޭ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް 75 ރ )ހަތްދިހަ ފަހެއް( ރުފިޔ،ާ އަދި އިތުރަށް ހިނގާ ކޮންމެ 2 (ދޭއް) ގަޑިއިރަކަށް ނުވަތަ 2 (ދޭއް) ގަޑިއިރުން ބަޔަކަށް 50 ރ (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާގޮތަށެވެ.

(ރ) މިމާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބުނެފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނ،ީ ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމްލަ ވަގުތަށެވެ.

 

9 ވަނަ މާއްދާ - މަގެއް ބަންދު ކުރުމުގެ ހުއްދައަށް އެދުން

(ހ) މަގެއް ވަގުތީގޮތުން ބަންދު ކުރުމުގެ ހުއްދައަށް އެދެވޭނީ އެމަގެއް ބަންދުކޮށްގެން ކުރަންޖެހޭ މަސައްކަތަކަށް މަސްއޫލުވާ ފަރާތަށް، ނުވަތަ އެމަސައްކަތެއް ކުރަމުންގެންދާ ކޮންޓްރެކްޓަރަކަށެވެ. އަދި އެފަރާތަކީ މަސައްކަތުގެ ވެރިފަރާތްކަން ނުވަތަ ކޮންޓްރެކްޓަރުކަން އެނގޭނޭ ސައްހަ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. ނުވަތަ މިހުއްދައަށް އެދެނީ ވެރިފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ބަދަލުގައި އެހެން ފަރާތަކުންނަމަ، ވެރިފަރާތުން ނުވަތަ ކޮންޓްރެކްޓަރު އެކަން އެފަރާތާ ހަވާލުކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދ،ި ހުއްދަ ހޯދަން ހުށަހަޅާ ފަރާތުން އެފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއް ހުއްދައަށް އެދޭ ލިޔުންތަކާއެކު ހުށަހަޅަންވާނެއެވެ.

(ށ) މަގެއް ބަންދުކޮށްގެން ނޫނީ ކުރެވެން ނެތް މަސައްކަތެއް ކުރުމަށްޓަކައި 2 (ދޭއް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މަގެއް ބަންދުކުރަން ބޭނުންވާނަމަ، އެމަގެއް ބަންދުކުރުމުގެ ހުއްދައަށްއެދި އެމަސައްކަތެއް ކުރުމަށް މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން އެކަމަށް އެދި ރަސްމީ ގަޑީގައި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ބޭނުން ކުރާ ބޯޑު

މަގުބަންދު ކުރުމަށް ހުއްދަ ދެވޭއިރު މަގުބަންދުކުރުމަށް ބޭނުން ކުރާ ބޯޑު ކައުންސިލުން ލިބޭގޮތަށް ތައްޔާރުކޮށްފައި ހުންނަންވާނެއެވެ.

 

11 ވަނަ މާއްދާ - މަގު ބަންދު ކުރާ ބޯޑު ބެހެއްޓުން

(ހ) މަގެއް ބަންދު ކުރުމަށް ހުއްދަލިބިފައިވީނަމަވެސ،ް މަގު ބަންދުކޮށްގެން މަސައްކަތްކުރަންވާނީ މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.

(ށ) މަގު ބަންދުކުރުމަށް ދޫކުރާ ބޯޑު ބަހައްޓަންވާނީ ކައުންސިލުގެ ފަރާތުން މީހަކު ހާޒިރުވެ ހުރެގެންނެވެ.

(ނ) މަގު ބަންދުކުރުމަށް ދޫކުރެވޭ ބޯޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެބޯޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކައުންސިލަށް ދައްކަންވާނެއެވެ. ބޯޑަކަށްލިބޭ ގެއްލުމުގެ ބަދަލު ނުދައްކާ ފަރާތްތަކާމެދު އަމަލު ކުރާނެ އުސޫލެއް މިގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މަގު ބަންދުކުރާ ބޯޑަށް ފީނެގުން 

މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުން ކުރަނީ 6 (ހައެއް) ގަޑިއިރަށްވުރެ މަދު ވަގުތަކަށްނަމަ 20 (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ބޯޑު ބޭނުންކުރެވެނީ 6 (ހައެއް) ގަޑިއިރާއި 12 (ބާރަ) ގަޑި އިރާ ދެމެދުގެ ވަގުތަކަށްނަމަ، 40 (ސާޅީސް) ރުފިޔ،ާ އަދި 12 (ބާރަ) ގަޑިއިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް 20 (ވިހި) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.

 

13 ވަނަ މާއްދާ - މަގުން ހިނގާ މީހުންނަށް ދަތި ނުވާ ގޮތަށް މަސައްކަތްކުރުން

މަގުބަންދު ކުރާބޯޑު ބަހައްޓައިގެން މަސައްކަތްކުރިނަމަވެސ،ް މަސައްކަތް ކުރާންވާނީ އެމަގުން ހިނގާ މީހުންނަށް ހިނގާ ބިނގާވެ އުޅުމުގައި ދަތި ނުވާނެ ގޮތެއްމަތީންނެވެ.

 

14 ވަނަ މާއްދާ - ރޭގަ ނޑު މަސައްކަތް ކުރުން

މަގެއް ބަންދުކޮށްގެން މަސަކަތްކުރަން ބޭނުންވަނީ ހަވީރު 6 ގެ ފަހުން ކަމުގައިވާނަމަ، ނުވަތަ މަސަކަތް ދުވާލު ފެށިނަމަވެސް އެމަސައްކަތް ހަވީރު 6 ގެ ފަހުން ދެމިގެންދާނަމަ، ހަވީރު 6 ގެ ފަހުން ނިވިދިއްލޭ ބައްތިއެއް ބޯޑުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

 

15 ވަނަ މާއްދާ - މަސައްކަތުގެ ސަރަހައްދުގައި މައުލޫމާތު ދެވޭ ވަރުގެ މީހަކު ހުރުން

މަސައްކަތް ފެށުމަށްފަހު މަސައްކަތް ނިމުމާ ހަމައަށް، މަސައްކަތާ ގުޅިގެން ނުވަތަ މަގު ބަންދުކުރުމަށް ދެވިފައިވާ ހުއްދައާ ގުޅިގެން މައުލޫމާތު ދެވޭ ވަރުގެ ދިވެއްސެއް އެތަނުގައި ހުންނަންވާނެއެވެ.

 

16 ވަނަ މާއްދާ - ގާނޫނު ތަކާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

މަގެއް ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ކުރަމުންދާއިރު އެމަގެއް ހިމެނޭ ކައުންސިލްގެ ފަރާތުން މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ކަނޑައަޅާފައިވާ ފަރާތަކުން އެކަން ބަލާއިރު އިސްލާހުކުރާންޖެހޭ ކަމެއް ފާހަގަކުރެވި އެކަން އިސްލާހުކުރަން އަންގައިފިނަމަ، އެމަސައްކަތް ކުރިއަށް ގެންދަންވާނީ އެކަން ރަނގަޅު ކުރުމަށްފަހުގައެވެ.

 

17 ވަނަ މާއްދާ - ސަލާމަތީ ކަންތައް ފުރިހަމަ ކުރުން

(ހ) މަގެއް ބަންދުކޮށް ކުރަންޖެހޭ މަސައްކަތަކީ އިމާރާތެއްކުރުމުގެ މަސައްކަތެއްނަމަ، އެމަސައްކަތް ކުރުމުގައި އިމާރާތްކުރުމުގައި ސަލާމަތީގޮތުން ގެންގުޅެންޖެހޭނެކަމަށް ކަމާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަ ނޑުތަކާ އެއްގޮތައް ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތް ކުރަންވާނީ އެކަށީގެންވާ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

 

18 ވަނަ މާއްދާ - މަސައްކަތް ނިމުމުން މަގު ސާފުކުރުން

މަގުބަންދުކޮށްގެން ކުރެވުނު މަސައްކަތް ނިމުމުން އެ މަގު ރީތިކޮށް ކުނިކަހައި ސާފުކުރަންވާނެއެވެ. އަދި މަގުމައްޗަށް ސިމެންތިފަދަ އެއްޗެއް އެޅިފައިވާނަމަ، ނުވަތަ އެމަސައްކަތުގެ ސަބަބުން މަގުމަތި ހަޑިވެފައިވާނަމަ، އެތަނެއް ރަނގަޅަށް ސާފުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - މިގަވާއިދުގައި ނުހިމެނޭ ގޮތެއްގައި މަގު ބަންދުކުރުން

މިގަވާއިދުގެ ދަށުން ހުއްދަދީފައިވާ ފަރާތަކުން މެނުވީ އާންމު މަގެއް ބަންދުކުރުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާ މެދ،ު އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައ،ި ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500 (ފަސްސަތޭކަ)ރުފިޔާއާއި 1000 (އެއްހާސް) ރުފިޔާ އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000 (އެއްހާސް) ރުފިޔާއާއި 3000 (ތިން ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000 (ތިންހާސް) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - މިގަވާއިދުގެ ދަށުންކަނޑައަޅާ އުސޫލުތައް

މިގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައ,ި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަން ޖެހޭ އުސޫލުތައް މިގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އެ އުސޫލުތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

"ކައުންސިލް": މިގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (2010-07) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލެވެ. 

 

އުވި ގަވާއިދު

ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި (ގަވާއިދު ނަންބަރު 2024-69)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު