-

ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި

(ގަވާއިދު ނަންބަރު 2024-69)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އޮގަސްޓް 2024 ގައި)

(މި ގަވާއިދުގެ 23 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-180 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓ ގެ މަށްވަރާޔާއެކު، އެ މާއްދާގެ (ތ) އަށް ރިއާޔަތްކޮށް، ވަގުތީ ގޮތުން މަގު ބަންދުކުރުމާ ބެހޭގޮތުން ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނ، "ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކ، މަގުމަތ ގައްޔާއި އިމާރާތްތަކުގައި ކުރާ މަސައްކަތްތަކުން ދިމާވެދާނެ ނުރައްކައުތެރި ހާދިސާތަކުން އާންމު ފަރާތްތަކަށް ސަލާމަތްތެރިކަން ހޯދައިދީ، އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް މަސައްކަތްކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް ޓަކައި، ވަގުތީ ގޮތުން މަގު ބަންދުކުރުމަށް ކައުންސިލުން ހުއްދަ ހޯދުމާއި، ވަގުތީ ގޮތުން މަގު ބަންދުކުރެވޭ ހާލަތްތައް ކަނޑައެޅުމާއި، އެ ހާލަތްތަކުގައި މަގު ބަންދުކުރުމަށް ހުއްދަ ދޫކުރާނީެ ގޮތާއި، ހުއްދަ ދޫކުރުމަށް ފީ ކަނޑައެޅުމާއި، ވަގުތީ ގޮތުން މަގު ބަންދުކުރުމާ ގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އިސްތިސްނާ ހާލަތް

މި ގަވާއިދުގެ ދަށުން، ދައުލަތުގެ ބޭނުމަށް ވަގުތީ ގޮތުން މަގު ބަންދުކުރާ ހާލަތްތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ. 

 

4 ވަނަ މާއްދާމަގު ބަންދުކު ރާނެ ހާލަތްތައް 

މަގެއް ނުވަތަ މަގެއްގެ ބައެއް ވަގުތީ ގޮތުން ބަންދުކުރަންވާނީ، އަންނަނިވި ހާލަތްތަކުގައި، 

މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުން ހުއްދަ ހޯދުމަށް ފަހުގައެވެ.

(ހ) ހާއްސަ މުނާސަބަތުތައް.

(ށ) ރަސްމިއްޔާތުތައް.

(ނ) އިޖްތިމާއީ ހަރަކާތްތައް.

(ރ) ސިނާއީ މަސައްކަތްތަކާއި އުމްރާނ މަސައްކަތްތައް.

(ބ) އާންމު ރައްކައުތެރިކަމަށް ޓަކައި މަގު ބަންދުކުރަންޖެހޭ ކޮންމެ ހާލަތެއް.

 

5 ވަނަ މާއްދާ ވަނަ މާއްދާ - ހުއްދަ ދޫކުރުން  

ވަގުތީީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދައަށް އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަގުތީ ގޮތުން މަގެއް ބަންދުކުރުމަށް ހުއްދަ ދޫކުރެވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ވަގުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސ،ް މަގު ބަންދުކުރުމަށް އެދޭ ހާލަތަށް ނުވަތަ މަސައްކަތުގެ ބާވަތަށް ނުވަތަ މަސައްކަތުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މަގު ބަންދުކުރުމަށް ހުއްދަ ދިނުމަށް، މި ގަވާއިދެއް ހުރަހެއްނާޅައެވެ.

 

6 ވަނަ މާއްދާ - މަގު ބަންދުކުރުމުގެ ހުއްދައިގައި ހިމަނަންވާނެ ކަންކަން

ކައުންސިލުން ވަގުތީ ގޮތުން މަގު ބަންދުކުރުމަށް ހުއްދަ ދިނުމުގެގޮތުން ދޫކުރާ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ބަންދުކުރުމަށް ހުއްދަދެވޭ ފަރާތް.

(ށ) ބަންދުކުރުމަށް ހުއްދަދޭ މަގު ނުވަތަ ސަރަހައްދު.

(ނ) ބަންދުކުރުމަށް ހުއްދަދޭ ހާލަތް ނުވަތަ ސަބަބ.ު

(ރ) ބަންދުކުރުމަށް ހުއްދަދޭ ތާރީހާއި ވަގުތު:

(ބ) ބަންދުކުރާ މަގުގައި ނުވަތަ ސަރަހައްދުގައި ބަހައްޓަންޖެހޭ ބޯޑުތަކާއި، ބެރިކޭޑާއި،އެފަދަ އެހެން ނިށާންތައް.

(ޅ) ވަކި މަސައްކަތެއް ކުރުމަށް ބަންދުކުރާ ނަމަ، ބަންދުކުރާ ސަރަހައްދުގައި ފުރިހަމަކުރަންޖެހޭ ސަލާމަތ މިންގަނޑުތައް.

 

7 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ހުއްދަ ދިނުމުގައި ރިއާޔަތް ކުރަންވާނެ ކަންކަން

މަގު ބަންދުކުރުމަށް އެދި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުން ހުށަހެޅުމުން، މަގެއް ބަންދުކުރުމަށް އެ ފަރާތަށް މަގު ބަންދުކުރުމުގެ ހުއްދަ ދޭންވާނީ، އެ ސަރަހައްދެއްގެ ނުވަތަ އެ ހިސާބެއްގެ ކާރޫބާރޫގެ ކުޑަބޮޑުމިނަށް ބަލައި އެ މަގެއްގެ ނުވަތަ އެ ސަރަހައްދެއްގެ ނުވަތަ އެ ހިސާބެއްގެ ކާރޫބާރޫ އެންމެ ކުޑަވަގުތަކަށް އިސްކަންދ ގެންނެވެ. 
މިގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) މަގު ބަންދުކުރުމަށް ބޭނުންވާ އެންމެ ކުޑަ ސަރަހައްދު ކަނޑައަޅައި، އެ ސަރަހައްދު ބަންދުކުރުން

(ށ) އެކަމަށް ހޭދަވާނެ އެންމެ ކުޑަ ވަގުތު ކަނޑައަޅައި، އެ ވަގުތަށް މަގު ބަންދުކުރުން.

(ނ) މަގެއް ބަންދުކުރުމުން ހިނގާމީހުންނަށާއި ދުއްވާ އުޅަނދުތަކަށް ދަތިނުވާނެ ވަގުތުތަކަށް ސަމާލުކަން ދެވެން އޮތް ނަމަ، އެ ކަމަށް ސަމާލުކަންދ ގެން ކަނޑައެޅިފައިވާ މަގުތައް ބަންދުކުރުން.

 

8 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ފީނެގުން 

މަގު ބަންދުކުރުމަށް ފީ ނަގާނ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މަގު ބަންދުކުރަނީ ސިނާއީ މަސައްކަތަކަށް ނުވަތަ އުމްރާނ މަސައްކަތަކަށް ނަމަ، ފުރަތަމަ ހިނގާ 6 (ހައެއް) ގަޑިއިރާ ހަމަޔަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް 150 (އެއް ސަތޭކަ ފަންސާސް) ރުފިޔާގެ ފީ އެއް ދައްކައިގެންނެވެ.

(ށ) މަގު ބަންދުކުރަނީ އިޖްތިމާއީ ހަރަކާތްތަކަށް ނުވަތަ މަސައްކަތަކަށް ނަމަ، ފުރަތަމަ 6 (ހައެއް) ގަޑިއިރާ ހަމަޔަށް 150 (އެއްސަތޭކަ ފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް 50 (ފަންސާސް) ރުފިޔާގެ ފީ އެއް ދައްކައިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދަދޭ ފުރަތަމަ2 (ދޭއް) ގަޑިއިރަށް 75 (ހަތްދިހަފަހެއް) ރުފިޔާ، އަދި އިތުރަށް ހިނގާ ކޮންމެ 2 (ދޭއް) ގަޑިއިރަކަށް ނުވަތަ 2 (ދޭއް) ގަޑިއިރުން ބަޔަކަށް 50 (ފަންސާސް) ރުފިޔާގެ ފީ އެއް ދައްކާގޮތަށެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންކޮށް ފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަނުވިނަމަވެސް ފީ ދައްކަންވާނީ، ގަޑިއެއްގެއިރު ފުރިހަމަވެފައިވާކަމަށް ބަލައި، މުޅި ޖުމުލަ ވަގުތަށެވެ.

 

9 ވަނަ މާއްދާ - މަގު ބަންދުކުރުމު ގެ ހުއްދަ އަށް އެދެވޭނެ ފަރާތްތައް 

(ހ) ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދައަށް އެދެވޭނީ، މަސައްކަތަކަށް މަސްއޫލުވާ ފަރާތުން ނުވަތަ އެ މަސައްކަތެއް ކުރަމުންގެންދާ ކޮންޓްރެކްޓަރެވެ. އަދި އެ ފަރާތަކ މަސްއޫލުވެރި ފަރާތްކަން ނުވަތަ ކޮންޓްރެކްޓަރުކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. 

(ށ) އިމާރާތްކުރުމުގެ މަސައްކަތަކަށް މަގެއް ބަންދުކުރާ ނަމަ، މަގު ބަންދުކުރުމުގެ ހުއްދައަށް އެދޭ ފޯމާއެކު އިމާރާތްކުރުމުގެ ހުއްދައިގެ ކޮޕީ އެއް ހުށަހަޅަންވާނެއެވެ.

(ނ) މަގު ބަންދުކުރުމުގެ ހުއްދައަށް އެދި، މަގު ބަންދުކުރުމަށް ބޭނުންވާ ތާރީހުގެ ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ކުރިން އެކަމަށް އެދޭ ފޯމުން ހުށަހަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ބަންދުކުރުމުގެ ހުއްދަ ދީފައިވާ މަގު ނުވަތަ ސަރަހައްދު ފިޔަވައި އެއްވެސް މަގެއް ނުވަތަ ސަރަހައްދެއް ބަންދުކުރުމަކ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - މަގު ބަންދުކުރުން 

(ހ) މަގު ބަންދުކުރަން ބޭނުންކުރަންވާނީ، އެކަމަށް ޓަކައި ކައުންސިލުން ކަނޑައަޅައި،ކައުންސިލުން ދޫކުރާ ބެރިކޭޑު ނުވަތަ ބޯޑެވެ. އަދި ކައުންސިލުން ކަނޑައަޅައިފައިވާ އަދަދަށް، ކައުންސިލުން ދޫކުރާ ބެރިކޭޑު ނުވަތަ ބޯޑު ނެތި މަގު ބަންދުކުރުމަކ މަނާކަމެކެވެ.

(ށ) މަގެއް ބަންދުކުރުމަށް ހުއްދަ ލިބިފައި އޮތް ނަމަވެސ،ް މަގު ބަންދުކޮށްގެން މަސައްކަތްކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ބޭނުންކުރާ ބޯޑު ނުވަތަ ބެރިކޭޑް 

މަގު ބަންދުކުރުމަށް ހުއްދަ ދޭއިރު މަގު ބަންދުކުރުމަށް ބޭނުންކުރާ ބޯޑު ނުވަތަ ބެރިކޭޑް ކައުންސިލުން ލިބޭގޮތަށް ތައްޔާރުކޮށްފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - މަގު ބަންދުކުރާ ބޯޑު ނުވަތަ ބެރިކޭޑް ބެހެއްޓުން 

(ހ) މަގު ބަންދުކުރުމަށް ދޫކުރާ "މަގު ބަންދު ބޯޑު" ނުވަތަ ބެރިކޭޑް ބަހައްޓަންވާނީ، ކައުންސިލުގެ ފަރާތުން މީހަކު ހާޒިރުވެ ހުރެގެންނެވެ.

(ށ) މަގު ބަންދުކުރުމަށް ދޫކުރާ ބޯޑަށް އެއްވެސް ގެއްލުމެއްވެއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ، އެ ބޯޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކައުންސިލަށް ދައްކަންވާނެއެވެ. ބޯޑަށް ލިބޭ ގެއްލުމުގެ ބަދަލު ނަގާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ ފީ ސްޓްރަކްޗަރގައި ހިމެނިފައިވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - މަގު ބަންދުކުރާ ބޯޑާއި ބެރިކޭޑަށް ފީ ނެގުން 

(ހ) މަގު ބަންދުކުރާ ބޯޑާއި ބެރިކޭޑަށް ފީ ނެގޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިތައް ފުރިހަމަނުވިނަމަވެސް ފީ ދައްކަންވާނީ، ވަގުތު ފުރިހަމަވެފައިވާކަމަށް ބަލައި، މުޅި ޖުމުލަ ވަގުތަށެވެ.

(ނ) މި މާއްދާގެ ދަށުން ނެގޭ ފީ ދައްކަންވާނީ ކައުންސިލުގެ އިދާރީާއަށެވެ.

 

14 ވަނަ މާއްދާ - މަގުން ހިނގާ މީހުންނަށް ދަތިނުވާ ގޮތަކަށް މަސައްކަތްކުރުން

މަގުގެ ވަކި ހިސާބެއް ބޭނުންކުރެވޭގޮތަށް މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެން މަސައްކަތްކުރާ ހާލަތުގައި މަސައްކަތްކުރަންވާނީ، އެ މަގުން ހިނގާ މީހުންނަށް ހިނގާބިނގާވެ އުޅުމުގައި ދަތިނުވާނޭ ގޮތެއްގެ މަތީންނެވެ. 

 

15 ވަނަ މާއްދާ - ރޭގަނޑު މަސައްކަތްކުރުން 

(ހ) ަގު ބަންދުކޮށްގެން މަސައްކަތްކުރަނ ހަވީރު 6:00 އާއި ހެނދުނު 6:00 އާ ދެމެދުގެ ވަގުތެއްގައި ނަމަ، މަސައްކަތްކުރާ ސަރަހައްދު ފާހަގަވާނޭގޮތަށް ފްލޭށިންގ ލައިޓް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ށ) ފްލޭށިންގ ލައިޓުގެ ގޮތުގައި ބޭނުންކުރާ ލައިޓުގެ ކުލައަކީ އަންނަނިވި ކުލަތަކުގެ ތެރެއިން ކުލައަކަށް ވާންވާނެއެވެ.

  1. ރަތް ކުލަ؛
  2. އެމްބަރ ކުލަ؛
  3. ރީނދޫ ކުލަ.

(ނ) ފްލޭށިންގ ލައިޓުގެ ގޮތުގައި ބޭނުންކުރާ ލައިޓަކ ނިވިދިއްލޭ ލައިޓެއް ކަމުގައި ވާންވާނެއެވެ. އަދި އެ ލައިޓުގެ އަލި ދުރަށް ފެންނަންޖެހޭނެއެވެ.

(ރ( ފްލޭށިންގ ލައިޓުގެ ގޮތުގައި، މަސައްކަތްކުރާ ފަރާތުގެ އަމިއްލަ ލައިޓް ނުވަތަ ކައުންސިލުން ދޫކުރާ ފްލޭށިންގ ލައިޓް ބޭނުންކުރެވިދާނެއެވެ. ކައުންސިލުން ދޫކުރާ ފްލޭށިންގ ލައިޓަށް ފީ ނެގޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ. 

 

16 ވަނަ މާއްދާ - މަސައްކަތު ސަރަހައްދުގައި މައުލޫމާތު ދެވޭވަރުގެ މީހަކު ހުރުން 

މަަސައްކަތް ފެށުމަށްފަހު މަސައްކަތް ނިމުމާ ހަމަޔަށް، މަސައްކަތާ ގުޅިގެން ނުވަތަ މަގު ބަންދުކުރުމަށް ދެވިފައިވާ ހުއްދައާ ގުޅިގެން މަސްއޫލުވެރި ފަރާތުން ނުވަތަ ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ދެވޭނެ ފަރާތެއް އެ ތަނުގައި ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުން

މަސައްކަތް ކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މަސައްކަތެއް ކުރަމުންދާއިރު ކައުންސިލުގެ ފަރާތުން މަސައްކަތް ސުޕަވައިޒްކުރުމަށް ކަނޑައަޅައިފައިވާ ފަރާތަކުން އެކަން ބަލާއިރ،ު އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވި އެކަން އިސްލާހުކުރަން އަންގައިފި ނަމަ، އެ މަސައްކަތް ކުރިޔަށް ގެންދަންވާނީ އެކަން ރަނގަޅު ކުރުމަށްފަހުގައެވެ. 

 

18 ވަނަ މާއްދާ - ސަލާމަތ ކަންކަން ފުރިހަމަކުރުން

(ހ) މަގެއް ބަންދުކޮށް ކުރަންޖެހޭ މަސައްކަތަކ، އިމާރާތެއް ކުރުމުގެ މަސައްކަތެއް ނަމަ އެ މަސައްކަތް ކުރަންވާނީ، ގަވާއިދު ނަންބަރު 2019-1004 (އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) ގައި ކަނޑައަޅައިފައިވާ ސަލާމަތ ފިޔަވަޅުތައް ފުރިހަމަޔަށް އަޅައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތްތައް ކުރަންވާނީ، އެކަށ ގެންވާ ރައްކައުތެރިކަމުގެ ސަލާމަތ ފިޔަވަޅު އަޅައިގެންނެވެ.

 

19 ވަނަ މާއްދާ - މަސައްކަތް ނިމުމުން މަގު ސާފުކުރުން

މަގު ބަންދުކޮށްގެން ކުރި މަސައްކަތް ނިމުމުން، އެ މަގު ރީތިކޮށް ކުނިކަހައި ސާފުކުރަންވާނެއެވެ. އަދި މަގުމައްޗަށް ސިމެންތި ފަދަ އެއްޗެއް އެޅިފައިވާ ނަމަ، ނުވަތަ އެ މަސައްކަތުގެ ސަބަބުން މަގުމަތި ހަޑިވެފައިވާ ނަމަ، އެ ތަނެއް ރަނގަޅަށް ސާފުކުރުމަކ ހުއްދަ ދޫކުރެވުނު ފަރާތުގެ ޒިންމާއެކެވެ. އެ މަގަކ ތާރު އަޅައިފައިވާ މަގެއް ނަމަ، އެ މަގު ދޮވެ ސާފުކުރަންވާނެއެވެ. އަދި މަސައްކަތްކުރާއިރު މަގަށް އެޅޭ ސިމެންތި ފަދަ ތަކެތި ދޮވެ ސާފުކުރާއިރު ކާނުގެ ތެރެއަށް އެފަދަ ތަކެތި އެޅުމަކ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - ޖޫރިމަނާކުރުން 

(ހ) މި ގަވާއިދާ ހިލާފަށް ކުރާ ކަންކަމުގެ ތެރެއިން، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންކަމުގައި، ފުރަތަމަފަހަރު ނަސޭހަތް ދިނުމަށްފަހ،ު ދެވަނަފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500 (ފަސް ސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރ،ު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. 

(ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އި ބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ.

(ހ) ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، " ކައުންސިލް" ނުވަތަ "ހުއްދަދޭ ފަރާތް" ނުވަތަ "ހުއްދަ ދޫކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ.

(ށ) "ހުއްދަ ލިބިފައިވާ ފަރާތް" ނުވަތަ "ހުއްދަ ދެވޭ ފަރާތް" ނުވަތަ "ހުއްދަ ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ވަގުތީ ގޮތުން މަގު ބަންދުކުރުމަށް ކައުންސިލުން ދޭ ހުއްދ،ަ ލިޔުމުން ދޫކޮށްފައިވާ ކޮންމެ ފަރާތަކަށެވެ.

(ނ) "ސިނާއީ އަދި އުމްރާނީ މަސައްކަތްތައް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ހުރިހާ މަސައްކަތަކާއި، މަގު ކޮނެގެން ކުރާ ހުރިހާ މަސައްކަތަކާއި، ބަރު ވެހިކަލް ބޭނުންކޮށްގެން ކުރާ އެންމެހައި މަސައްކަތްތަކަށެވެ.

(ރ) "އެމްބަރ ކުލަ" ކަމަށް ބުނެފައި އެވަނީ، ޓްރެފިކް ލައިޓުގައި ބޭނުންކުރާ ރީނދޫކުލައަށެވެ. 

 

22 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

23 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކައުންސިލުން އެކުލަވައިލައި، 31 އޮގަސްޓު 2014 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ގަވާއިދު ނަންބަރު 2014-180 (ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު – ހދ. ކުޅުދުއްފުށި) އުވުނީއެވެ. 

 

އުވުނު ގަވާއިދު

ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި (ގަވާއިދު ނަންބަރު 2014-180)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު