-

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2024-41)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 މާރިޗު 2024 ގައި)

(މި ގަވާއިދުގެ 25 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2018-69 އުވާލެވިފައި)

 

އެއް ވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ ބޮޑުމިނާއި، ސިފަޔާއި، ބާވަތާއި، ފަންތިއާއި، ބިން އޮތް ތަނާއި، ބިން ދޫކޮށްފައިވާ ބޭނުމާއި، ބިމުގެ މިލްކުވެރިކަން ހަވާލުކުރި ފަރާތާއި، ބިމުގެ މިލްކުވެރިކަން ލިބޭ ފަރާތާއި، މިލްކުވެރިކަމުގެ ބާވަތާއި، މިލްކުވެރިކަމުގެ މުއްދަތު އެނގޭނޭހެން ރަޖިސްޓަރީ ތައްޔާރުކުރުމާއި، ރަޖިސްޓަރީ ދޫކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށާއި، ބިން ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމާއި، ދޫކޮށްފައިވާ ބިމެއް ވަކިކުރުމާއި، އެއްބަސްވުން އެކުލަވައިލުމާއި، ބިމާ ގުޅޭ އެންމެހައި މައުލޫމާތުތައް ދަފުތަރުކޮށް، އަދާހަމަކޮށް ބެލެހެއްޓުން ފަދަ އެންމެހައި ކަންކަން ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (އ) އާއި، އެ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.

(ހ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ށ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ބިމުގެ ރަޖިސްޓަރީ ތައްޔާރުކޮށް، ރަޖިސްޓަރީ ދޫކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން.

(ނ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭ ފަރާތަށް ލިބިދޭ ބިމާ ގުޅިފައިވާހައްގުތައް ބަޔާންކުރުން.

(ރ) ބިމުގެ މިލްކުރެވިކަން ރަޖިސްޓަރީ ކުރުމާއި، މިލްކުވެރިކަން ރަޖިސްޓަރީކޮށްދީ ބަލަހައްޓާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން.

(ބ) ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކަށް ހެދޭ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

(ހ) މި ގަވާއިދު ހިނގާނީ، ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކުންނާއި، މިނިސްޓްރީންނާއި ދައުލަތުގެ އެނޫންވެސް އިދާރާއަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ފިޔަވައި، ދައުލަތުގެ އެނޫން އިދާރާއަކާއި ބިން ދޫކުރެވޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތައް އެގޮތުގައި ދެމިއޮންނާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ތަރަހައިގެ ތެރެއިން އެކުލަވައިލާ ބިމުގެ ދަފުތަރު އަދާހަމަކުރުމުގެ ބޭނުމަށް،މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކާބެހޭ މައުލޫމާތ،ުއެ އެއްބަސްވުމެއް ވެފައިވާ ދައުލަތުގެ އިދާރާއަކުން މިނިސްޓްރީއާއި އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލަކާ ހިއްސާކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގައި ތަންފީޒު ކުރާނީ މިނިސްޓްރީންނެވެ. އަދި މި ގަވާއިދުގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާ ލުކޮށްފައިވާ ކަންކަން ފުރިހަމަކޮށް ތަންފީޒު ކުރާނީ އެ ކައުންސިލަކުންނެވެ.

 

 

ދެވަނަ ބާބު

ބިން ދޫކުރުން

 

5 ވަނަ މާއްދާ - ބިން ދޫކުރެވޭ ނުވަތަ ހަވާލުކުރޭވޭ ގޮތްތައް

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި ބިން ދޫކުރުމުގެ ތެރޭގައި އަންނަނިވި ގޮތްތަކަށް ބިން ދޫކުރުން ނުވަތަ ބިން ހަވާލުކުރުން ހިމެނެއެވެ.

  1. ކުއްޔަށް ދިނުން؛
  2. ވިއްކުން؛
  3. ވަގުތީގޮތުން ބެލެހެއްޓުމަށް ދޫކުރުން ނުވަތަ ހަވާލުކުރުން؛
  4. ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދޫކުރުން؛
  5. ކުއްޔަކާނުލައި ދިނުން.

(ށ) މި ގަވާއިދުގެ ދަށުން ، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ، ބިމާބެހޭ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ލޯކަލް ކައުންސިލްތަކުގެއިހްތިސާސްގެ ތެރޭގައި ހިމެނޭ އަދި ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިމެއްނަމަ އެ ކައުންސިލަކުންނެވެ. އެ ނޫން ބިން ދޫކުރާނީ ނުވަތަ ހަވާލުކުރާނީ މިނިސްޓްރީންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ބިން ދޫކުރަންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިން ހަވާލުކުރާ ފަރާތާއި ބިން ލިބޭ ފަރާތާ ދެމެދު ލިޔުމަކުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އިގްތިސާދީ ބޭނުންތަކަށް ދޫކުރާ ބިމަކަށް ބިން ލިބޭ ފަރާތުން ރަޖިސްޓަރީއެއް ހެދުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެ ބިމުގެ މައްޗަށް ލިބިފައިވާ ހައްގާ އެއްގޮތަށް ރަޖިސްޓަރީ ހެދުމުގެ އިހްތިޔާރާއި ބާރު، ބިމާބެހޭ ގާނޫ ނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަ ތީން އެ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އިގްތިސާދީ ބޭނުމަށް ދޫކުރާ ބިމަކަށް، ބިން ލިބޭ ފަރާތުން ރަޖިސްޓަރީއެއް ހެދުމަށް ބޭނުންވެއްޖެ ހިނދެއްގައި، ރަޖިސްޓަރީ ހެދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީ ން އެ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލަށް ނުވަތަ މިނިސްޓްރީއަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިންތަކަށް ކުލި ކަނޑައެޅުމާއި ކުލި ކަނޑަނޭޅުމުގެ އިހްތިޔާރު، އެ ބިމެއް ދޫކުރާ އިދާރާއަކަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިން ދޫކުރުން

(ހ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިން މި ގަވާއިދުގެ ދަށުން ދޫކުރާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުން ނުވަތަ ބިން ވިއްކުން؛ 
  2. ބީލަމުގެ އުސޫލަށް ނުފެތޭގޮތަށް އެހެންނަމަވެސް އާންމުކޮށް އިއުލާނުކޮށްގެން ބިން ދޫކުރުން؛ 
  3. އިއުލާނު ނުކޮށް ބިން ދޫކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ބިން ކުއްޔަށް ދޫކުރާނީ ނުވަތަ ވިއްކާނީ އާންމުކޮށް ހުޅުވައިލައިގެން، ބީލަމުގެ އުސޫލުންނެވެ.

(ނ) ބީލަމުގެ އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ނުވަތަ ވިއްކުމަށް ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ދޫކުރުމަށް ނުވަތަ ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފަޔާއި، ބިމުގެ ބާވަތާއި، ބިމުގެ ފަންތިއާއި، ބިމުގައި ކުރެވޭނެ ބޭނުން)؛ 
  2. ކުއްޔަށް ދޫކުރާ ބިންތަކުގެ ކުއްޔަށް ދޫކުރާ މުއްދަތު؛ 
  3. ބިން ލިބޭ ފަރާތް ކަނޑައެޅުމަށް ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތް؛
  4. ފޯމު ހުށަހަޅަންޖެހޭ މުއްދަތު؛ 
  5. ހުށަހެޅޭނެ އެންމެ ކުޑަ ކުލި ނުވަތަ ބިން ވިއްކުމަށް ހުށަހަޅާ އެންމެ ކުޑަ އަގު؛
  6. ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހާއްސަ ށަރުތުތަކެއް ފުރިހަމަވާން ޖެހޭނަމަ އެ ށަރުތުތައް؛
  7. މީގެ އިތުރުން، ބިން ދޫކުރާ ފަރާތުން ކުރާ އިއުލާނުގައި ބަޔާންކުރަން ބޭނުންވާ އިތުރު ކަންކަން، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން ހިމެނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީ ން ބީލަމުގެ އުސޫލަށްނުފެތޭގޮތަށް އެހެންނަމަވެސް އާންމުކޮށް އިއުލާނުކޮށްގެން ތިރީގައިވާ ބޭނުންތަކަށް ބިން ދޫކުރެވިދާނެއެވެ.

  1. މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތްފަދަ މަސައްކަތްތަކަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން؛
  2. ދަނޑުވެރިކަމުގެ މަސައްކަތަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛
  3. ޖަނަވާރު ގެންގުޅުމަށް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛
  4. ގާޑިޔާގެ ވިޔަފާރި ހިންގުމަށް 1 (އެކެއް) އަހަރުދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛ 
  5. ސާފުކޮށް ބެލެހެއްޓުމަށް 1 (އެކެއް) އަހަރުދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން؛

(ބ) މި މާއްދާގެ (ރ) ގެ ދަށުން ދޫކުރާ ބިމަށް ކުލި ނެގުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ކައުންސިލްތަކުން އާންމުކުރާ އިއުލާނުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު )ބިން އޮތް ތަނާއި، ބިމުގެ ބޮޑުމިނާއި، ބިމުގެ ސިފަޔާއި، ބިމުގެ ބާވަތާއި، ބިމުގެ ފަންތިއާއި، ބިމުގައި ކުރެވޭނެ ބޭނުން(؛ 
  2. ބިން ދޫކުރާ މުއްދަތު؛
  3. ޕޮއިންޓް ދިނުމުގައި އަމަލުކުރާނެ ގޮތް؛
  4. ފޯމު ހުށަހަޅަންޖެހޭ މުއްދަތު؛ 
  5. ކުލި ނަގާނަމަ، ހުށަހެޅޭނެ އެންމެ ކުޑަ އަގު؛ 
  6. ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ހާއްސަ ށަރުތުތަކެއް ފުރިހަމަވާން ޖެހޭނަމަ އެ ށަރުތުތައް؛
  7. މީގެއިތުރުން، ބިން ދޫކުރާ ފަރާތުން ކުރާ އިއުލާނުގައި ބަޔާންކުރަން ބޭނުންވާ އިތުރު ކަންކަން، މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން ހިމެނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ކ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އާންމުކޮށް އިއުލާނު ނުކޮށް، ތިރީގައިވާ ބޭނުންތަކަށް ބިން ދޫކުރެވިދާނެއެވެ.

  1. އެކި ބޭނުންތަކަށް ދައުލަ ތުގެ އިދާރާތަކަށް ދޫކުރާ ބިން؛ 
  2. އާންމު އިޖުތިމާއީ ބޭނުމަށް ދޫކުރާ ބިން؛ 
  3. އާންމު ހިދުމަތްތަކަށް ދޫކުރާ ބިން ؛
  4. ދައުލަތުގެ އިދާރާއަކާ ގުޅިގެން ބޭރު ގައުމެއްގެ އެމްބަސީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާގެ އިދާރާއެއްގެ ބޭނުމަށް ދޫކުރާ ބިން؛
  5. އޮޑިވަޅު ބިން؛

(އ) މި މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ބިމަށް ކުލި ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

7 ވަނަ މާއްދާ - ބިމުގެ އަގާއި، ކުލި ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި، ބިން ވިއްކާ އެންމެ ކުޑަ އަގާއި، އާންމު ހިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި، ދައުލަތުގެ ބޭނުމަށް އެކަށައަޅައިފައިވާ ބިންތަކުގެ އަގު ކަނޑައަޅާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ލޭންޑް ވެލުއޭށަން ކޮމިޓީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތައް ދޫކުރެވޭނެ އެންމެ ކުޑަ ކުއްޔާއި، ވިއްކައިލެވޭނެ އެންމެ ކުޑައަގު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ ބިމުގެ ތަނަވަސްކަން؛
  2. އެ ސިޓީއެއްގެ ނުވަތަ އެ ރަށެއްގެ އާންމު އިގްތިސާދީ ފުދުންތެރިކަން؛
  3. ސިޓީއެއްގެ ނުވަތަ ރަށެއްގެ ބިމުގެ ޑިމާންޑް؛
  4. ބިމުގެ އަގު ނުވަތަ ކުލި ކަނޑައެޅުމުގައި އާންމުކޮށް ބަލާ އެހެނިހެން ކަންކަން؛

(ނ) މި މާއްދާގެ (ށ) ގައިވާ ކަންކަމަށް ރިއާޔަތްކޮށް ސިޓީއެއްގެ ނުވަތަ ރަށެއްގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި ބޭނުމަކަށް ނުވަތަ ބިން ދޫކުރާ މުއްދަތަށް ބަލައި،އެކި ބިންތަކަށް އަގު ނުވަތަ ކުލި ތަފާތު ކުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކަނޑައަޅާ ކުޑަކުލި ނުވަތަ ކުޑައަގު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ލޭންޑް ވެލުއޭށަން ކޮމިޓީ

(ހ) ލޭންޑް ވެލުއޭށަން ކޮމިޓީ އެކުލަވައިލާނީ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ތަމްސީލުކުރާ ފަންނީ 9 (ނުވައެއް) މެންބަރުން ހިމެނޭ ގޮތަށެވެ.

(ށ) ލޭންޑް ވެލުއޭށަން ކޮމީޓީ އެކުލަވައިލުމުގައި އަންނަނިވި އިދާރާތަކުން މެންބަރުން ހިމަނަންވާނެއެވެ.

  1. މިނިސްޓްރީ އޮފް ފިނޭންސް؛
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް؛
  3. މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އޯށަން ރިސޯސަސް؛ 
  4. މިނިސްޓްރީ އޮފް ޓޫރިޒަމް؛
  5. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް؛ 
  6. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ؛
  7. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް؛ 
  8. ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛ 
  9. މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ؛

(ނ) ލޭންޑް ވެލުއޭށަން ކޮމިޓީ ޗެއަރކުރާނީ، ކޮމިޓީގެ 9 (ނުވައެއް) މެ ންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރެކެވެ.

(ރ) ކޮމިޓީގެ ބައްދަލުވުންތަކުގެ ކޯރަމަކީ 5 (ފަހެއް) މެންބަރުންނެވެ.

(ބ) ކޮމިޓީގެ ބައްދަލުވުމެއްގައި ނިންމާ ނިންމުންތައް ފާސްވާނީ، ބައްދަލުވުމުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ޅ) ލޭންޑް ވެލުއޭށަން ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 

9 ވަނަ މާއްދާ - ބިން ދޫކުރާ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ މުއްދަތ،ު ގާނޫނުއަސާސީއާއި، ބިމާބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތީން ކަނޑައެޅުމުގެ އިހްތިޔާރު، ބިން ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި މާއްދާގެ ދަށުން ބިން ދޫކުރާ މުއްދަތު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ބިން ދޫކުރާ ބޭނުމުގެ އަލީގައި ބިމުން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާ؛
  2. ބިން ދޫކުރުމުން އިގްތިސާދީގޮތުންނާއި އުމްރާނީގޮތުން އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ނުވަތަ އެ ސަރަހައްދަށާއި ރައްޔިތުންނަށް ލިބޭނެ މަންފާތައް؛
  3. ދޫކުރާ ބިމުގެ ފަންތި؛
  4. ބިން ދޫކުރާ ބޭނުން ؛
  5. ދޫކުރާ ބިމަށް ކަނޑައަޅާ ކުލި؛
  6. ބިމުގެ މުއްދަތު ކަނޑައެޅުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކުން އާންމުކޮށް ބަލާ މިނޫންވެސް މިފަދަ އެހެނިހެން ކަންތައްތައ.ް

 

10 ވަނަ މާއްދާ - ބިން ދޫކުރާ އެއްބަސްވުން އެކުލަވަ އިލުން

(ހ) މި ގަވާއިދުގެ ދަށުން ބިން ދޫކުރަންވާނީ، އެ ބިން ދޫކުރާ ފަރާތާއި، އެ ބިން ލިބޭ ފަރާތާ ދެމެދު ލިޔުމުން ވާ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ބިން ދޫކުރާ ފަރާތުގެ މައުލޫމާތު؛ 
  2. ބިން ލިބޭ ފަރާތުގެ މައުލޫމާތު؛ 
  3. ދޫކުރާ ބިމުގެ ތަފުސީލު (ބިމުގެ ބޮޑުމިނާއި، ސިފަޔާއި، ބާވަތާއި، ފަންތި)؛ 
  4. ބިން ދުކުރާ މަގުސަދު؛
  5. ދޫކުރާ ބިމުގައި ކުރެވޭނެ ބޭނުން؛ 
  6. ބިން ދޫކުރާ ބޭނުން ނޫން އެހެން ބޭނުމަކަށް ބިން ބޭނުންކޮށްފިނަމަ އަޅާނެ ފިޔަވަޅު؛ 
  7. ވަކި މުއްދަތަކަށް ދޫކުރާ ބިމެއް ކަމުގައި ވާނަމަ، އެ ބިން ދޫކުރާ މުއްދަތު؛
  8. ދޫކުރާ ބިމަށް އަގެއް ނުވަތަ ކުއްޔެއް ކަނޑައަޅައިފައިވާނަމަ، އަގު ނުވަތަ ކުލީގެމިންވަރާއި، އަގު ނުވަތަ ކުލި ދައްކަންޖެހޭ ގޮތާއި، އަގު ނުވަތަ ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި އަޅާނެ ފިޔަވަޅު؛ 
  9. ބިން ރަހުނުކުރުމަށް ހުއްދަދޭކަން ނުވަތަ ނޫންކަމާއި، ރަހުނު ކުރުމަށް ހުއްދަ ދޭނަމަ އެކަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛
  10. ބިން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން؛ 
  11. އެއްބަސްވުމަށް ބަދަލު ގެނެވޭ ކަމުގައި ވާނަމަ، އެއްބަސްވުމަށް ބަދަލު ގެނެވޭނެ ހާލަތްތަކާއި ގޮތްތައް ؛
  12. އެއްބަސްވުން ބާތިލުކުރެވޭނެ ގޮތްތަކާއި، ބަދަލު ދެވޭނެ ހާލަ ތްތަކާއި، ބަދަލު ދެވޭނެ މިންވަރު ކަނޑައަޅާނެ ގޮތުގެ ތަފުސީލު؛
  13. އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅު؛ 
  14. ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހިމެނުން ލާޒިމުކޮށްފައިވާ މިނޫން އެހެނިހެން ކަންކަން؛
  15. ބިން ދޫކުރާ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް؛
  16. ބިން ދޫކުރެވޭ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްތުތައް؛
  17. މުއްދަތު އިތުރުކުރާނަމަ އިތުރު ކުރެވޭނެ ގޮތް (ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން)؛ 
  18. ސ.ީއެސް.އާރް (ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ) ގެ މަސައްކަތެއް ހިމެނޭ ކަމުގައި ވާނަމަ އެ މަސައްކަތުގެ ތަފުސީލު؛
  19. ބިމާގުޅޭ ގޮތުން އަމަލުކުރާނެ އެހެނިހެން ކަންކަން؛
  20. އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ބިން ތިންވަނަ ފަރާތަކަށް ދޫކުރުމުގެ ހައްގު ލިބިދޭކަން ނުވަތަ ނޫންކަން؛

(ނ) ބިން ލިބޭ ފަރާތުން ތިންވަނަ ފަރާތަކަށް ބިން ދޫކުރުމަށް ހަދާ އެއްބަސްވުމެއް ހަދާނަމައެ އެއްބަސްވުމަކީ، މި މާއްދާގެ (ށ) ގެ އެއްވެސް ނަންބަރަކާ ހިލާފުނުވާ ގޮތުގެ މަތީންއެކުލަވައިލެވޭ އެއްބަސްވުމެއް ކަމުގައި ވާންވާނެއެވެ.

 

 

 

ތިންވަނަ ބާބު

ބިމާ ގުޅިފައިވާ ހައްގުތައް ރަޖިސްޓަރީކުރުން

 

11 ވަނަ މާއްދާ - ބިން ދޫކުރެވޭ ފަރާތަށް ލިބިދޭ ހައްގުތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ބިމާގުޅޭ ހައްގުތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީއަށް ނުވަތަ އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލުގެ އިދާރާއަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބިމާގުޅޭ ހައްގުތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް، ނުވަތަ އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

  1. ބިން ލިބިފައިވާކަން އަންގައިދޭ ލިޔެކިޔުންތައް؛
  2. މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސަރވޭ ކުރުމާބެހޭ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ސަރވޭކޮށްފައިވާ ބިމުގެ ސަރވޭ ރިޕޯޓް؛
  3. ބިމުގެ ވެރިފަރާތް ބަދަލުވާފަދަ ހާލަތްތަކުގައި އައު ވެރިފަރާތުގެ ނަންމައްޗަށް ރަޖިސްޓަރީ ބަދަލުކުރުމަށް އެދި ހުށަހަޅާއިރު އެ ބިމުގެ ހައްގުތައް ބަދަލުވެފައިވާކަން އަންގައިދޭ ށަރުއީ ލިޔުން؛

(ނ) މިނިސްޓްރީއަށް ނުވަތަ އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލުގެ އިދާރާއަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން، މި ގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެ ހައްގެއް ރަޖިސްޓަރީކޮށް، އެ ހައްގަކާ ގުޅޭ ރަޖިސްޓަރީއެއް ދޫކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބިމުގެ ހައްގުތައް ރަޖިސްޓަރީ ކޮށްދޭނީ،އެ ބިން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔުންތަކަށް ރިއާޔަތްކޮށް، އެ ބިމަކީ ވިއްކައިފައިވާ ނުވަތަ އިގްތިސާދީ ބޭނުމަކަށް ދޫކޮށްފައިވާ ބިމެއްކަމުގައި ވާނަމައެވެ.

 

12 ވަނަ މާއްދާ - ބިން ރަޖިސްޓަރީކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ތެރެއިން 15 (ފަނަރަ) އަހަރަށް ވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތައް ރަޖިސްޓަރީ ކުރުމަށް ހުށަހަޅައިފިނަމަ، އެފަދަ ބިންތައް ރަޖިސްޓަރީކުރާނީ،އެ ބިމެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ އިދާރާއިންނެވެ.

 

13 ވަނަ މާއްދާ - ބިމުގެ ރަޖިސްޓަރީ

(ހ) ބިމުގެ ރަޖިސްޓަރީއަކީ، ބިމުގެ ބޮޑުމިނާއި، ސިފަޔާއި، ބާވަތާއި، ފަންތިއާއި، ބިން އޮތް ތަނާއި، ބިމުން ލިބިދޭ ހައްގުތަކުގެ ބާވަތްތަކާއި، ބިމުގެ ހައްގުތައް ލިބުނު ފަރާތާއި، ބިމުގެ ހައްގުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފުސީލާއި، ހައްގުތައް ލިބިފައިވާ މުއްދަތާއި، ބިމުގެ ސަރވޭގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބިމުގެ ޗާޓު ހިމަނައިގެން، މިނިސްޓްރީން ނުވަތަ އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލުން، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިއްކަ ޖަހައިފައިވާ ލިޔުމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ބިމުގެ ރަޖިސްޓަރީއަށް، އެއް ރަޖިސްޓަރީ އަނެއް ރަޖިސްޓަރީއާ ތަފާތުކޮށްދޭނެ ނަންބަރެއް ދީފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބިމުގެ ރަޖިސްޓަރީ ދޫކުރެވޭނީ، ބިމުގެ ސަރވޭ ކުރުމަށްފަހު، މިނިސްޓްރީން ނުވަތަ ކައުންސިލުގެ އިދާރާއިންނެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީ ން ބިން ރަޖިސްޓަރީ ކުރުމަށްފަހު ދޫކުރަންވާނީ، ބިމުގެ ރަޖިސްޓަރީގެ އެންމެ އަސްލެކެވެ.

(ބ) މި މާއްދާގެ ދަށުން ދޫކުރާ ބިމުގެ ރަޖިސްޓަރީއާއި، ބިމުގެ ރަޖިސްޓަރީއަށް ގެންނަ އެންމެހައި ބަދަލުތައް ، ބިމުގެ ދަފުތަރުގައި ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން ބިން ރަޖިސްޓަރީކޮށްދެވޭނީ، އެ ބިމެއް ރަޖިސްޓަރީ ކުރުމަށް ޓަކައި މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރީ ފީ ދެއްކުމުންނެވެ.

 

14 ވަނަ މާއްދާ - ބިމާގުޅޭ ހައްގުތައް

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްދެވޭ ބިމާގުޅޭ ހައްގުތައް ބެހިގެންވަނީ އަންނަނިވި ގޮތަށެވެ.

(ހ) ބިން ގަނެގެން ނުވަތަ އެނޫންވެސް ގޮތަކުން ބިމެއްގެ މައްޗަށް ލިބިދޭ ފުރިހަމަ މިލްކުވެރިކަމުގެ ހައްގު.

(ށ) މި ގަވާއިދުގެ ދަށުން ށަރުތުތަކާއެކު ބިން ބޭނުންކުރުމަށް ދެވޭ ހައްގު.

(ނ) ކުއްޔަށް ދޫކުރާ ބިމާ ގުޅިގެން ލިބިދޭ ކުލީގެ ހައްގު.

 

15 ވަނަ މާއްދާ - ރަޖިސްޓަރީ ދޫކުރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވުމުން ބިން ރަޖިސްޓަރީކޮށްދ،ީ ރަޖިސްޓަރީ ހެއްދުމަށް ހުށަހެޅި ފަރާތަށް ބިމުގެ ރަޖިސްޓަރީގެ އަސްލު ދޫކުރަންވާނެއެވެ.

(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ބިންތަކުގެ ރަޖިސްޓަރީ ދޫކުރާނީ ކައުންސިލުންނެވެ. ކައުންސިލުގެ އިހްތިސާސްގައި ނުހިމެނޭ ބިންތަކުގެ ރަޖިސްޓަރީ ދޫކުރާނީ މިނިސްޓްރީންނެވެ.

 

16 ވަނަ މާއްދާ - ބިމުގެ ރަޖިސްޓަރީއަށް ބަދަލު ގެނައުން

(ހ) ބިމުގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ގެންނާނީ، ބިމާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމާ ހަވާލުވެފައިވާ މިނިސްޓްރީން ނުވަތަ ކައުންސިލް އިދާރާއިންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ހަދައިދީފައިވާ ރަޖިސްޓަރީގައި ހިމެނޭ ބިމެއްގެ ބައެއް އެހެން ފަރާތަކަށް ވިއްކާނަމަ، ކުރިން ހަދައިދީފައިވާ ރަޖިސްޓަރީން ވިއްކާލި ބިމުގެ ބައި އުނިކޮށް ރަޖިސްޓަރީ އިސްލާހުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ރަޖިސްޓަރީގެ ސިއްކަ

(ހ) މިނިސްޓްރީން ނުވަތަ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލުން ރަޖިސްޓަރީ ކޮށްދީފައިވާ ކޮންމެ ރަޖިސްޓަރީއެއްގައި މިނިސްޓްރީ ނުވަތަ ކައުންސިލް އިދާރާއިން ބިން ރަޖިސްޓަރީ ކުރުމުގެ ބޭނުމަށް ހާއްސަކޮށްފައިވާ ސިއްކަ ޖަހަންވާނެއެވެ. ބިމުގެ ރަޖިސްޓަރީގައި ޖަހާ ސިއްކަ އޮންނަންވާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ށ) މިނިސްޓްރީން ނުވަތަ ކައުންސިލުން ބިމުގެ ރަޖިސްޓަރީގައި ޖަހާ ސިއްކައަކީ، ބިމުގެ ރަޖިސްޓަރީގައި ޖެހުމަށް ހާއްސަކޮށް، މިނިސްޓްރީން ހުއްދަ ދީފައިވާ ސިއްކައަކަށް ވާންވާނެއެވެ.

(ނ) ރަޖިސްޓަރީގައި ޖަހައިފައިވާ ސިއްކައިގެ ސައްހަކަމާމެދު ހިލާފު އުފެދޭ ހާލަތުގައި، އެ ނޫން ގޮތަކަށް ސާބިތުކޮށް ނުދެވޭހައި ހިނދެއްގައި، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ނުވަތަ ކައުންސިލް އިދާރާއަށް ހާއްސަ ސިއްކަ އެ ރަޖިސްޓަރީއެއްގައި ޖަހައިފައިވާނަމަ އެ ބެލެވޭނީ، މިނިސްޓްރީން ނުވަތަ ކައުންސިލް އިދާރާއިން ދޫކޮށްފައިވާ މިލްކުވެރިކަން ސާބިތުކޮށްދޭ ރަޖިސްޓަރީއެއްގެ ގޮތުގައެވެ.

 

18 ވަނަ މާއްދާ - ބިމުގެ ރަޖިސްޓަރީ ގެއްލުން

(ހ) މި ގަވާއިދުގެ ދަށުން ހަދައިފައިވާ ބިމުގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހަދަން ޖެހިއްޖެ ހާލަތެއްގައި، ބިމުގެ ރަޖިސްޓަރީ އަލުން ހަދައިދޭނީ، މިނިސްޓްރީން ނުވަތަ އިހްތިސާސްލިބިފައިވާ ކައުންސިލް އިދާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބިމުގެ ރަޖިސްޓަރީއެއް ގެއްލިގެން އަލުން ހެއްދުމަށް މިނިސްޓްރީއަށް ނުވަތަ އެ ބިމުގެ އިހްތިސާ ސް ލިބިފައިވާ ކައުންސިލް އިދާރާއަށް ހުށަހަޅައިފިނަމަ، ގެއްލުނު ރަޖިސްޓަރީއަށް ބިނާކޮށް ދޭންޖެހޭ ހިދުމަތެއްނުދިނުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް އަންގައި، އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ، ގެއްލިފައިވާ ބިމުގެ ރަޖިސްޓަރީ ގެއްލިފައިވާކަން ސާބިތުކޮށްދިނުމަށް ޓަކައި، ބިމުގެ ރަޖިސްޓަރީ ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވާކަމުގެ ލިޔުން، މިނިސްޓްރީއަށް ނުވަތަ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އަލުން ރަޖިސްޓަރީ ހަދަން ހުށަހަޅައިފިނަމަ،ގެއްލިފައިވާ ރަޖިސްޓަރީގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި އެ ފަދަ ރަޖިސްޓަރީއެއް ނިސްބަތްވާ ބިން، މާލީ އެއްވެސް އިދާރާއެއްގައި ރަހުނު ކޮށްފައި ނުވާކަން ކަށަވަރު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބިމުގެ ރަޖިސްޓަރީ ގެއްލިގެން އެކަން އަންގައިފައިވަނިކޮށް، ގެއްލުނު ރަޖިސްޓަރީ ފެނިއްޖެނަމަ، ބިމުގެ ރަޖިސްޓަރީ ދޫކުރެވިފައިވާ ފަރާތުން އެ ރަޖިސްޓަރީ ފެނުނުކަން މިނިސްޓްރީއަށް ނުވަތަ ކައުންސިލް އިދާރާއަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރަޖިސްޓަރީއެއް ގެއްލިގެން އަލުން ރަޖިސްޓަރީ ހަދައިދިނުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން ނުވަތަ އިހްތި ސާސް ލިބިފައިވާ ކައުންސިލުން އެކަމަށް ކަނޑައަޅައި އާންމުކުރާ ފޯމުންނެވެ.

(ކ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އައު ރަޖިސްޓަރީއެއް ހަދަން ހުށަހަޅައިފިނަމަ،މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެ ރަޖިސްޓަރީ ހަދައިދޭނީ، މިނިސްޓްރީން ނުވަތަ އެ ބިމެއްގެ އިހްތިސާސް ލިބިފައިވާ ކައުންސިލުންނެވެ.

(އ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ގެއްލިފައިވާ ރަޖިސްޓަރީ ފެނިގެން އެކަން އެންގުމުން، ގެއްލުނު ރަޖިސްޓަރީއަށް އައު ރަޖިސްޓަރީއެއް ހަދައިދީފައިވާނަމަ، ގެއްލުނު ރަޖިސްޓަރީ، އެ ރަޖިސްޓަރީ ހަދައިދީފައިވާ ކައުންސިލް އިދާރާއިން ނުވަތަ މިނިސްޓްރީން ބާތިލުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ބިމުގެ ރަޖިސްޓަރީ ހަލާކުވުން

ބިމުގެ ރަޖިސްޓަރީއެއް ހަލާކުވެއްޖެނަމަ، އެ ރަޖިސްޓަރީ ހަދައިދީފައިވާ ކައުންސިލަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ އެ ބިމުގެ އިހްތިސާސް ލިބިފައިވާ ކައުންސިލުގެ އިދާރާއަށް އެކަން އަންގައި، އައު ރަޖިސްޓަރީއެއް ހަދަންވާނެއެވެ. އަދި މިގޮތަށް އައު ރަޖިސްޓަރީއެއް ހަދާއިރު، އެ ބިމަށް ހަދައިފައިވާ ކުރީގެ ރަޖިސްޓަރީ ބާތިލުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ފީ ނެގުން

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ހަދައިދިނުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިދާރީ ފީއެއް ނެގިދާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ފީ ދައްކާނީ، އެ ރަޖިސްޓަރީއެއް ހަދައިދޭ މިނިސްޓްރީއަށް ނުވަތަ ކައުންސިލަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ފީ ނަގާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ބިންތަކަށް އަލަށް ހަދައިދޭ ރަޖިސްޓަރީގެ ފީއަކީ 500 (ފަސްސަތޭކަ) ރުފިޔާއެވެ.
  2. ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ބިންތަކަށް ހަދައިދީފައިވާ ރަޖިސްޓަރީއެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރާ ކޮންމެ ފަހަރަކު 1,000 (އެއްހާސް) ރުފިޔާއެވެ.
  3. ކައުންސިލުގެ އިހްތިސާސްގައި ނުހިމެނޭ ބިންތަކަށް އަލަށް ހަދައިދޭ ރަޖިސްޓަރީގެ ފީއަކީ 5,000 (ފަސްހާސް) ރުފިޔާއެވެ. 
  4. ކައުންސިލުގެ އިހްތިސާސްގައި ނުހިމެނޭ ބިންތަކަށް ހަދައިދީފައިވާ ރަޖިސްޓަރީއެއް ގެއްލިގެން ނުވަތަ ހަލާކުވެގެން އައުކުރާ ކޮންމެ ފަހަރަކު 10,000 (ދިހަހާސް) ރުފިޔާއެވެ.

 

21 ވަނަ މާއްދާ - ބިމުގެ ދަފުތަރު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ބިންތަކުގެ ނުވަތަ ވިއްކާ ހުރިހާ ބިންތަކުގެ މައުލޫމާތު ހިމެނޭ ދަފުތަރެއް، އެ މުއާމަލާތް ހިންގާ ކައުންސިލް އިދާރާއިން ނުވަތަ މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކައުންސިލުން ދޫކުރާ ނުވަތަ ވިއްކާ ބިމުގެ އެއްބަސްވުމާއި، ރަޖިސްޓަރީއާއި، އެއްބަސްވުންތަކާއި، ރަޖިސްޓަރީއަށް ގެންނަ ބަދަލުތައް ދަފުތަރުގައި ހިމަނައި، އަދާހަމަކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ކައުންސިލްތަކުން ދޫކުރާ ބިންތަކުގެ ނުވަތަ ވިއްކާ ބިންތަކުގެ ދަފުތަރުގައި ހިމެނޭ މައުލޫމާތ،ު ގައުމީ ބިމުގެ ދަފުތަރު އަދާހަމަކުރުމަށް، ކޮންމެ މަހަކު 1 (އެކެއް) ފަހަރު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން ހަދައި ދީފައިވާ ރަޖިސްޓަރީ

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް، މި ގަވާއިދުގެ ދަށުން ބާތިލެއް ނުވާނެއެވެ.

 

 

 

ހަތަރު ވަނަ ބާބު

އާންމު މާއްދާތައް

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ،އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "ބިމުގެ ރަޖިސްޓަރީގެ އަސްލު" ކަމަށް ބުނެފައި އެވަނީ، ބިމުގެ އިހްތިސާސް ލިބިފައިވާ ކަމާ ގުޅޭ ވުޒާރާއިން ނުވަތަ އިދާރާއިން ބިމުގެ މިލްކުވެރިކަން ލިބިފައިވާ ފަރާތަށް މިލްކުވެރިކަން ލިބިފައިވާކަން ސާބިތު ކުރުމަށް ޓަކައި ދޭ ބިމުގެ ރަޖިސްޓަރީއަށެވެ

(ށ) "ބިމުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބިމާއި ބަންޑާރަ ބިމާ ދެބާވަތުގެ ބިމަށެވެ.

(ނ) "ބިމުގެ ފަންތި" ކަމަށް ބުނެފައި އެވަނީ، ބިން އޮތް ސަރަހައްދަށް ބިނާކޮށް ކަނޑައަޅާ ބިމުގެ އަގުގެ ކެޓަގަރީތަކަށް ނުވަތަ ޒޯނުތަކަށެވެ.

(ރ) "ބިމުގެ ބޭނުން" ކަމަށް ބުނެފައި އެވަނީ، ބިމުގައި ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތަށެވެ.

(ބ) "ބިމުގެ ސިފަ" ކަމަށް ބުނެފައި އެވަނީ، ބިމުގެ މިންތަކާއެކު ބިން އޮތް ގޮތުގެ ޗާޓަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާ ލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ ނުވަތަ އިދާރާއަށެވެ.

(ކ) "އާންމު އިޖުތިމާއީ ބޭނުން" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް އެންމެންނަށް ހުޅުވައިލައިފައިވ،ާ އަގަކާ ނުލައި އެ ތަންތަން ބޭނުންކުރުމުގެ ހުއްދަ ލިބިފައިވާ (މިސާލަކަށް: ކުޅިވަރު ކުޅޭ ދަނޑުތައް، ޕާކުތައް، މައިޒާންތައް، ހޮޅުއަށިތައް) އެންމެހައި ތަންތަނަށެވެ.

(އ) "އާންމު ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އަގެއް ނަގައިގެން ނުވަތަ އަގެއް ނުނަގާ އާންމުންނަށް ހިދުމަތް ދިނުމަށެވެ. (މިސާލަކަށް: މުއާސަލާތީ ހިދުމަތް ދިނުމަށް އެންޓަނާ ޖެހުން، ދުރަށް އަލި ފޮނުވާ ބައްތި ޖެހުން، އަވިން ކަރަންޓް އުފެއްދުން، ގުރްއާން ކުލާސް، ޓިއުށަން ކުލާސް، އަމިއްލަ ފަރާތްތަކުން ސިއްހީ ހިދުމަތް ދިނުމަށް ތަރައްގީ ކުރާ ކްލިނިކް، ފިޒިއޮތެރަޕީ ސެންޓަރ ފަދަ ތަންތަން)

(ވ) "އޮޑިވަޅު ބިން" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަނުމަށް ދޫކު ރާ ވަގުތީ ބިމަށެވެ.

(މ) "ބަންޑާރަ ބިން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މިލްކިއްޔާތުގައިވާ އެނމެހައި ބިންތަކަށެވެ.

(ފ) "އަމިއްލަ ބިން" ކަމަށް ބުނެފައި އެވަނީ، ބިން އަމިއްލަކުރާ ފަރާތަކުން ދައުލަތަށް އެ ބިމުގެ އަގު ދައްކައި އަމިއްލަކޮށްފައިވާ ބިންތަކަށެވެ.

(ދ) "ބިމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތަށެވެ.

(ތ) "ގާނޫނު އަސާސީ" ކަމަށް ބުނެފައި އެވަނީ، 7 އޮގަސްޓު 2008 ގައި އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އެ ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭ ގޮތަށެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

25 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުންއައި ގަވާއިދު ނަންބަރު 2018-69 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު)، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު އުވުނީއެވެ.

 

 

ޖަދުވަލު 1

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-41)

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

އުވުނު ގަވާއިދު

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2018-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު