-

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-08) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-34)

 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 މާރިޗް 2024 ގައި)

 

ގަވާއިދު ނަންބަރު 2024-08 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އި ސްލާހުކޮށް، (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

ފަޅުރަށްރަށް ދޫކުރާ މުއްދަތު 12.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ، 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށެވެ.

(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ކައުންސިލަކަށް ފަޅުރަށެއް ދޫކުރުމަށް ވެވޭ އެއްބަސްވުމުގެ މުއްދަތުގެ ގޮތުގައި ބަޔާންކުރަންވާނީ، 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތެވެ. އަދި އެއްބަސްވުމުގެ މުއްދަތު 21 (އެކާވީސް) އަހަރަށްވުރެ އިތުރުކުރަން ކައުންސިލަކުން އެދޭނަމަ، ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހުގެ ކުރިން، އެ ކަމަށް އެދި، އެ ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން، ކަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިގެން، އިތުރު 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކުރެވިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތަފުސީލީ ރިޕޯޓާމެދު ގޮތެއް ނިންމުން 4.

(ށ) ދެވަނަ މަރުހަލާގައި، ރިޕޯޓުތައް ވަޒަންކުރުމަށް މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީން، މައުޒޫޢީގޮތުން ހުށަހަޅައިފައިވާ ހުށަހެޅުންތައް ވަޒަންކޮށް، މާކުސްދީ، ކޮމިޓީން ކަނޑައަޅާ މިންގަނޑު ފުރިހަމަވޭތޯ ވަޒަންކުރާނެއެވެ. އަދި ކޮމިޓީން  ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށް ނުފެތޭ ރިޕޯޓުތައް ބާތިލުކޮށް، ހުށަހެޅި ފަރާތަށް އެކަން އަންގާނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-08)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު