-

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-08)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ޖަނަވަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ތަރައްގީީ ކުރުމަށް ނުވަތަ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީީ ކުރުން ފިޔަވައި، އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި، ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ބ) އަށާއި، (ޅ) އަށާއި، އެ ގާނޫނުގެ 1-21 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައްފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ދާއިރާ

މި ގަވާއިދު ހިނގާނީ، އަންނަނިވި ދާއިރާތަކަށް ނުފެތޭގޮތަށް ދޫކުރާ ފަޅުރަށްރަށުގެ މައްޗަށެވެ.

(ހ) ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްރަށް.

(ށ) ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

(ނ) އިގުތިސާދީ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ދޫކުރެވޭ ފަޅުރަށްރަށް.

(ރ) ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށް.

 

3 ވަނަ މާއްދާ - ފަޅުރަށްރަށް ކަނޑައެޅުން 

ރަށު ކައުންސިލް ނުވަތަ ސިޓ ކައުންސިލުގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްތަކުގެ ތެރެއިން، މި ގަވާއިދުގެ ދަށުން ދޫކުރާނެ ފަޅުރަށްރަށް ކަނޑައަޅާނ ރައީސުލްޖުމްހޫރިއްޔާއެވެ.

 

4 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރާ ފަރާތް

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށް ދޫކުރާނ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

(ށ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ދޫކުރާނ، މި ގަވާއިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީންނެވެ.

 

5 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން، ފަޅުރަށްރަށް ނުވަތަ ރަށަކުން ބައެއް ދޫކުރަންވާނީ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ފަޅުރަށްރަށް ދޫކުރާނ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުންނެވެ.

  1. މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް؛ ނުވަތަ 
  2. ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ފަރާތަކަށް؛ ނުވަތަ 
  3. ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ރިޕޯޓަކާއެކު ކައުންސިލަކުން ނުވަތަ ކައުންސިލްތަކަކުން ހުށަހެޅުމުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅާ ކައުންސިލަކަށް ނުވަތަ ކައުންސިލްތަކަށް.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅުންތައް ހުށަހަޅާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިހްތިސާސް ލިބިގެންވާ ފަރާތަށެވެ.

(ރ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހެޅުންތައް ހުށަހަޅާނީ،  މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިޖުރާއ އުސޫލުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވުޒާރާއަށެވެ.

(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ރަށްތަކާއި، އެ ރަށްތަކުގައި ކުރެވޭނެ ކަންކަން ސަރުކާރުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އިސްތިސްނާ

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ %100 (ސައްތައިންސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އިސްތިސްނާވާނެއެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ދޫކުރާ ހާލަތުގައި މި ގަވާއިދުގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާއިން  އިސްތިސްނާވާނެއެވެ.

 

7 ވަނަ މާއްދާ - ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އިއުލާނުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރާ ރަށް ނުވަތަ ކުއްޔަށް ދޫކުރާ ރަށުގެ ބައި؛
  2. ކުއްޔަށް ދޫކުރާ ބޭނުން؛
  3. ކުއްޔަށް ދޫކުރެވޭ ރަށުގެ ނުވަތަ ރަށުގެ ބަޔަށް ކުލީގެ ގޮތުގައި ކަނޑައެޅޭނެ އެންމެ ދަށް އަދަދު؛
  4. ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން؛
  5. ފަޅުރަށް ދޫކުރާ ފަރާތުން ހުށަހަޅަން ބޭނުންވާ މިނޫންވެސް އިތުރު ބައިތައް.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް އިސްކަންދިނުން؛
  2. ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ހުރި މިންވަރަށް ބެލުން؛

(3) މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް އަސަރުކުރާނެ މިންވަރު ބެލުން.

 

8 ވަނަ މާއްދާ - ތަފްސީލު ރިޕޯޓަކާއެކު ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ކުއްޔަށްހިފަން ބޭނުންވާ ރަށް ނުވަތަ ރަށުގެ ބައި؛
  2. ކުއްޔަށްހިފާ ބޭނުން؛
  3. ކުއްޔަށްހިފަން ހުށަހަޅާ ކުލި؛
  4. ސަރުކާރުގެ ތަރައްގީީގެ ޕްލޭނާއި ރަށުގެ ތަރައްގީީގެ ޕްލޭނާ ގުޅުންހުރި މިންވަރު؛
  5. ކޮސްޓް ބެނެފިޓް އެނަލިސިސް (މަސައްކަތުގެ ސަބަބުން މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް ކުރާނެ އަސަރު އެނގޭނެގޮތަށް)؛
  6. ހުށަހަޅާ ފަރާތުގެ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުން (މިގޮތުން ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ، މާލީ ހާލަތު ބަޔާންކޮށްދޭ ލިޔުމެއް، މި ބޭނުމަށް ހުށަހެޅިދާނެއެވެ).

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ދަށުން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ކަނޑައެޅުމުގައި ގާނޫނުގެ 12 ވަނަ މާއްދާގައި ހިމަނައިފައިވާ ށަރުތުތަކަށާއި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ހުށަހަޅާ ކުއްޔަކ އެކަށީގެންވާ ކުއްޔެއްކަން؛
  2. ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ހުރި މިންވަރަށް ބެލުން؛
  3. މަސައްކަތުގެ ސަބަބުން ވަށައިގެންވާ މުޖުތަމައަށާއި ތިމާވެށްޓަށާއި ސަގާފަތަށް އަސަރު މިންވަރު ބެލުން.

 

9 ވަނަ މާއްދާ - ކައުންސިލުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއް ހޯދުމަށް ކައުންސިލަކުން އެދުން

(ހ) އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށެއް ނުވަތަ ފަޅުރަށުން ބައެއް ހޯދުމަށް އެދި ކައުންސިލްތަކުން ހުށަހެޅޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ރަށްތައް ދޫކުރެވޭނ، ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، މިނިސްޓްރީން ކަނޑައަޅައި އިއުލާނުކޮށްފައިވާ މަސައްކަތްތައް ކުރުމަށެވެ.

(ނ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއެކު ހުށަހަޅާ ތަފްސީލު ރިޕޯޓ،ު މިނިސްޓްރީން ކަނޑައަޅާ ބޭނުމެއް ނުވަތަ އެއް ބޭނުމަށްވުރެ ގިނަ ބޭނުންތައް ހިމެނޭގޮތަށް ހުށަހެޅިދާނެއެވެ.

(ރ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކުން ރަށެއް ނުވަތަ ރަށަކުން ބައެއް ހޯދުމަށް ހުށަހެޅޭނ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށެވެ. މިގޮތަށް ހުށަހަޅާއިރު، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިދާރީ ދާއިރާއެއްގައި ދޫކުރާނެ ރަށެއް ނެތް ހާލަތެއްގައި، އެހެން އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ހޯދުމަށް ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހަޅާއިރު، ފަޅުރަށް ނިސްބަތްވާ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންވާނެއެވެ.

(ޅ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއް، ތަފްސީލު ރިޕޯޓާއެކު ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - އިހްތިސާސްގައި ނުހިމެނޭ ރަށްތައް ކައުންސިލްތަކުން ބޭނުންކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލަކަށް ދޫކުރާ ރަށެއް ނުވަތަ ރަށަކުން ބައެއް ބޭނުންކުރަންވާނީ، އެ ކައުންސިލަކުން ހުށަހަޅާ ތަފުސީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލަކަށް ދޫކުރާ ރަށެއް ނުވަތަ ރަށަކުން ބައެއް ހޯދުމަށް ހުށަހަޅާ ތަފުސީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ރަށެއް ނުވަތަ ރަށަކުން ބައެއް ބޭނުންކުރެވޭނ، ކުރަން ބޭނުންވާ ކަމެއް ހިމެނޭ ގޮތުން އަލުން ތަފްސީލު ރިޕޯޓެއްހުށަހަޅައި، ދެފަރާތުގެ ދެމެދުގައި އެކުލަވައިލައިފައިވާ އެއްބަސްވުން އައުކުރުމަށް ފަހުގައެވެ.

(ނ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ރަށެއް ކައުންސިލަކުން ބޭނުންކުރުމުގައި، އެ ރަށް ދޫކުރާ މަގުސަދު ހާސިލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަކ އެ ކައުންސިލެއްގެ ޒިންމާއެކެވެ. އަދި އެ ކަންކަން ފުރިހަމަކުރުމަށް ހުށަހަޅާ ގޮތުގެ މައުލޫމާތ،ު ތަފްސީލު ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ - ލިބޭ ފަރާތް ކަނޑައެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ލިބޭ ފަރާތް ކަނޑައަޅާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ފަޅުރަށް ދޫކުރާ ފަރާތުންނެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ލިބޭ ފަރާތް ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީން ދޫކުރާ ފަޅުރަށްރަށް ދޫކުރުމުގެ ކުރިން، ދިވެހިރާއްޖޭގެ އިގްތިސާދ ހާލަތު ވަޒަންކުރުމަށާއި، އިގްތިސާދު ރަންގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ވަޒ ރުންގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކައުންސިލުގެ ނުވަތަ ކަމާ ގުޅޭ ކޮމިޓީގެ 
ހުއްދަ ހޯދަންވާނެއެވެ.

 

12 ވަނަ މާއްދާ - ފަޅުރަށްރަށް ދޫކުރާ މުއްދަތު

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ދޫކުރާނ، މީލާދީ 21 (އެކާވީސް) އަހަރުދުވަހުގެ މުއްދަތަށެވެ. 

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ފަޅުރަށްރަށް ދޫކުރާނ، މީލާދީ 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރުމުގެ އިހް ތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ފަޅުރަށްރަށާ ގުޅޭގޮތުން ހަދާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ޓަކައި، މުއްދަތު ހަމަވުމުގެ 12 (ބާރަ) މަސްދުވަހާއި 24 (ސައުވީސް) މަސްދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި، ފަޅުރަށް ދޫކުރާ ފަރާތަށް، ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ދޫކުރެވިފައިވާ މުއްދަތު، ޖުމުލަ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން،  މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ފަޅުރަށް ދޫކުރާ ފަރާތަށް، ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، ފަޅުރަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފަޅުރަށް ދޫކުރާ ފަރާތުން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުންމަސައްކަތުގެ މަދުވެގެން %75 (ހަތްދިހަ) ފުރިހަމަކޮށްފައިވުން؛ އަދި 
  2. ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން %75 (ހަތްދިހަ) ފައިސާ އިންވެސްޓް ކޮށްފައިވުން؛ އަދި
  3. ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތްކުރަމުންދާ ރަށަކަށް ވުން.

 

13 ވަނަ މާއްދާ - އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން

މި ގަވާއިދުގެ ދަށުން ފަޅުރަށެއް ދޫކުރާއިރު، ފަޅުރަށް ދޫކުރާ ފަރާތާއި، ފަޅުރަށާ ހަވާލުވާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. މި އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ހަވާލުކުރާ މުއްދަތާއި، އަދި މުއްދަތު އިތުރުކުރުމުގެ ށަރުތެއް އޮތްނަމަ، އެފަދަ ށަރުތެއް ނުވަތަ ށަރުތުތައް.

(ށ) ކުއްޔަކާއެކުނަމަ ކުލީގެ އަދަދާއި، ކުލި ދައްކާނެ ގޮތް.

(ނ) ރަށުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެ ގޮތާއި، މަސައްކަތްތައް ހިންގާނެ ށެޑިއުލް.

(ރ) ހަވާލުވި ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަމަލުކުރާނެ ގޮތް.

(ބ) އެއްބަސްވުން ބާތިލުކުރެވޭ ގޮތް.

(ޅ) އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުން ބާތިލުވުމުން، އެ ރަށުގައި ހުންނަ އިމާރާތްތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް.

 

14 ވަނަ މާއްދާ - ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓ،ް ރަށް ލިބިފައިވާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލެވޭނ، އަންނަނިވި ށަރުތުތައް ފުރިހަމަވާކަން ކަށަވަރުކޮށް، އެކަމުގެ ހުއްދަ، ފަޅުރަށް ކުއްޔަށް ދޫކުރާ ފަރާތުގެ ކިބައިން ލިޔުމުން ހޯދުމަށް ފަހުގައެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުން މަސައްކަތުގެ ށެޑިއުލްގެ މަދުވެގެން %65 (ފަސްދޮޅަސްފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވާކަން.

(ށ) އިންވެސްޓްމަންޓް ގަންނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ހިންގުމުގެ ގާބިލުކަމާއި، އިންވެސްޓްކުރަން ހުށަހަޅައިފައިވާ މިންވަރު އިންވެސްޓު ކުރުމުގެ ގާބިލުކަން ހުރިކަން.

(ނ) ރަށާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމުގެ ދަށުން ހަވާލުވާ ފަރާތުގެ ހައްގުތައް ރަހުނުކުރެވިފައިވާނަމަ، ރަހުނުކޮށްފައިވާ ފަރާތުން، އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަން ލިޔުމުން އެނގެންއޮތްކަން.

(ރ) ރަށާ ގުޅިގެން، ރަށް އަސްލު ހަވާލުވި ފަރާތަށް ރައްދުވާ އެއްވެސް ދައުވާއެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، އެކަމަކަށް އިންވެސްޓްމަންޓް ގަންނަ ފަރާތުން ޒިންމާވާނެކަމުގެ ޔަގީންކަން ލިޔުމުން ދީފައިވާކަން.

 

15 ވަނަ މާއްދާ - އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާއިރު، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސެޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލު، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދެވޭނީ، އެ ތަނަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް ރަށް ދޫކުރާ ފަރާތުން އާންމުކޮށް އިއުލާނުކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ، އެ ރަށް ހަވާލުވެފައިވާ ފަރާތުން އެ މައްސަލައެއް ހައްލުކުރުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނުކުރުމުން، އެ ތަނަކާ ގުޅިގެން ރަށް ހަވާލުވެފައިފައިވާ ފަރާތުން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދެވޭނީ،  އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކުލީގެ އެއްބަސްވުން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމުގައި، ކުލީގެ އެއްބަސްވުން ބަދަލުކުރެވޭ ދުވަހާ ހަމަޔަށް، އެ ރަށަކާ ނުވަތަ ރަށުގެ ބަޔަކާ ގުޅިގެން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއަށާއި ދަރަންޏަށް ޒިންމާވާނެކަމަށާއި، އެ ރަށާ ގުޅޭ އެންމެހައި މައްސަލަތަކަށް ޒިންމާވާނެކަމަށާއި، އެ މައްސަލައެއް ހައްލުކުރާނެކަމުގެ ޔަގީންކަންދީ، އެކަމުގެ ޒިންމާ އުފުލާނެކަމަށް އިންވެސްޓްމަންޓް ގަންނަ ފަރާތުން އެއްބަސްވެ، އެގޮތުގެ މަތީން ދައްކަންޖެހޭ ފައިސާއެއް ދައްކައި ހަލާސްކުރުމުން އިންވެސްޓްމަންޓް ވިއްކައިލުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - އެއްބަސްވުން ބަދަލުކުރުން

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ވިއްކައިލާއިރު، ފަޅުރަށް ކުއްޔަށް ދޫކުރާ ފަރާތާއި ހަވާލުވާ ފަރާތާ ދެމެދު ކޮށްފައިވާ އެއްބަސްވުން، އިންވެސްޓްމަންޓް ގަންނަ ފަރާތަށް ބަދަލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބަދަލުކުރާއިރު، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެއްބަސްވުމުގެ މާއްދާތަކަށް ބަދަލު ގެނައުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

 

17 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށްދިނުން (ސަބްލީސް ކުރުން)

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރުގެ ދަށުން ދޫކޮށްފައިވާ ރަށެއް ނުވަތަ ރަށުން ބައެއް، ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ދެވޭނީ،  އަންނަނިވި ށަރުތުތައް ފުރިހަމަކުރުމަށްފަހު، ފަޅުރަށް ދޫކުރާ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ހ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް، އެއްބަސްވެފައިވާ ށެޑިއުލާ އެއްގޮތަށް ކުރަމުން ގެންގޮސްފައިވުން، އަދި މިގޮތުން މަސައްކަތުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފުރިހަމަކޮށްފައިވުން.

(ށ) ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތަކަށް ކުރަން ހުށަހަޅައިފައިވާ އިންވެސްޓްމަންޓުގެ އަދަދުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ފައިސާ އިންވެސްޓް ކޮށްފައިވުން.

(ނ) ރަށާ ހަވާލުވާ ދެވަނަ ފަރާތުގެ ކިބައިގައި، ރަށުގައި ކުރަން ހުށަހެޅި މަސައްކަތްތައް ކުރުމުގެ ގާބިލުކަމާއި ހަވާލުވާ ފަރާތުން ކުރަން ހުށަހެޅި ހަރަދު ކުރުމުގެ ގާބިލުކަން ހުރުން.

(ރ) ރަށް ނުވަތަ ރަށުން ބައެއް ދެވަނަ ފަރާތަކަށް ރަށް ދޫކުރެވުނު ބޭނުމަކ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވުން.

 

18 ވަނަ މާއްދާ - ކައުންސިލަކަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ރަށުން ބައެއް ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލަކަށް ދޫކުރާ ރަށެއް ނުވަތަ ރަށަކުން ބައެއް، ދެވަނަ ފަރާތަކަށް ކުއްޔަށް ދޫކުރެވިދާނެއެވެ. މިގޮތަށް ދޫކުރުމުގައި އަންނަނިވި ކަންކަން ކައުންސިލުން ފުރިހަމަކުރަންވާނެއެވެ.

  1. ކުއްޔަށް ދޫކުރުމަށް އާންމުކޮށް އިއުލާނުކުރުން؛
  2. ރަށުގެ ވެށްޓަށާއި މާއްދ ތަރިކައަށް ގެއްލުން ނުވާނެ ގޮތަށް ބިންތައް ދޫކުރުން؛
  3. ކައުންސިލްތަކުން ދެވަނަ ފަރާތަކަށް ބިންތައް ކުއްޔަށް ދޫކުރާ ހާލަތުގައި ދޫކުރެވޭ ފަރާތާ ދެމެދު އެއްބަސްވުން އެކުލަވައިލަންވާނެއެވެ. މިފަދަ އެއްބަސްވުންތައް އެކުލަވައިލަންވާނީ، މިނިސްޓްރީ އާއި ކައުންސިލާ ނުވަތަ ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުމަށް ފުށުނާރާނޭހެން އަދި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮމެޓީން ކަނޑައަޅައިފައިވާ އޮނިގަނޑަށް ފެތޭ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ބިންތައް ބޭނުންކުރަމުންދަނ ދޫކޮށްފައިވާ ބޭނުމާ އެއްގޮތަށްކަން ކައުންސިލުން މޮނިޓަރކޮށް ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކައުންސިލަކަށް ދޫކޮށްފައިވާ ރަށަކުން ނުވަތަ ރަށެއްގެ ބަޔަކުން،  މި މާއްދާގެ ދަށުން އެހެން ފަރާތަކަށް އެންމެ ގިނަވެގެން ދެވޭނ އެ ކައުންސިލަކަށް ލިބިފައިވާ ރަށުގެ ނުވަތަ ބައިގެ %20 (ވިހިއިންސައްތަ) އެވެ.

 

19 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހުއްދައަށް ހުށަހެޅުން

(ހ) ރަށެއް ނުވަތަ ރަށުން ބައެއް ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ދިނުމުގެ ހުއްދައަށް އެދި، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅާއިރު، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަން ކަށަވަރު ކުރުމަށް ޓަކައި، މިނިވަން ސެޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭނެ ތަފުސީލު، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) ރަށެއް ނުވަތަ ރަށުން ބައެއް ހަވާލުވާ ފަރާތުން އެހެން ފަރާތަކަށް ދިނުމުގެ ހުއްދައަށް އެދި ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ ކުރިން ރަށާއި ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓް އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމުން، ސަބްލީސް ކުރުމުގެ ހުއްދަ ދެވޭނީ، އެ ތަނަކާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް ވޭތޯ ބެލުމަށް ކުއްޔަށް ދޫކުރާ ފަރާތުން އާންމުކޮށް އިއުލާނުކުރުމަށްފަހު، އެފަދަ މައްސަލައެއް އޮތްނަމަ، އެ ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން، އެ މައްސަލައެއް ހައްލުކުރުމުންނެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނު ކުރުމުން، އެ ތަނަކާ ގުޅިގެން ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްކަމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ސަބްލީސް ކުރުމުގެ ހުއްދަ ދެވޭނީ، އެ ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކުލީގެ އެއްބަސްވުން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމުގައި، ކުލީގެ އެއްބަސްވުން ބަދަލުކުރެވޭ ދުވަހާ ހަމަޔަށް އެ ރަށަކާ ނުވަތަ ރަށުގެ ބަޔަކާ ގުޅިގެން ސަރުކާރަށް ނުވަތަ ދައުލަތަށް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއާއި، ދަރަންޏަށް ޒިންމާވާނެކަމާއި، އެ ރަށާ ގުޅޭ އެންމެހައި މައްސަލަތަކަށް ޒިންމާވާނެކަމަށާއި، އެ މައްސަލައެއް ހައްލުކުރާނެކަމުގެ ޔަގީންކަންދީ، އެކަމުގެ ޒިންމާ އުފުލާނެކަމަށް ކުއްޔަށް ހިފާ ތިންވަނަ ފަރާތުން އެއްބަސްވެ އެކަމުގެ ޔަގީންކަން ލިޔުމުން ދީފައިވާނަމަ، ސަބްލީސް ކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ސަބްލީސް ކުރުމުގެ ހުއްދަ ދޭ ހާލަތުގައި ވެސް ކުއްޔަށް ދޫކުރާ ފަރާތުން ފޮނުވާ އެންމެހައި އެންގުންތަކާއި ލިޔުންތައް ފޮނުވާނީ، ކުއްޔަށް ހިފާ (ހެޑްލީސްގައިވާ) ފަރާތަށެވެ. އަދި އެންގުންތަކާއި ލިޔުންތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ކުއްޔަށްހިފާ ތިންވަނަ ފަރާތުން (ސަބްލީސްކުރާ ފަރާތުން) އަޅާކަން ކަށަވަރުކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.

 

20 ވަނަ މާއްދާ - ފަޅުރަށް ދޫކުރާ ފަރާތަށް އެއްބަސްވުން ހުށަހެޅުން

މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށް ނުވަތަ ރަށުން ބައެއް ހަވާލުވާ ފަރާތުން ދެވަނަ ފަރާތަކަށް ކުއްޔަށްދޭއިރު، ހަވާލުވާ ފަރާތާއި ދެވަނަ ފަރާތާ ދެމެދު ސޮއިކުރާ އެއްބަސްވުމުގެ ކޮޕ އެއް، ފަޅުރަށް ދޫކުރާ ފަރާތަށް ހުށަހަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ރަހުނުކުރުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއް ރަހުނުކުރުމުގެ ހައްގ،ު ރަށާ ހަވާލުވާ ފަރާތަށް ލިބިގެނެއް ނުވެއެވެ.

 

22 ވަނަ މާއްދާ - މޮނިޓަރކުރުމާއި އިންސްޕެކްޓް ކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ފަޅުރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކާއި، އެ ރަށެއްގައި ހިންގާ ހަރަކާތްތައް ބެލުމަށާއި، ރަށް ދޫކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާ ހިލާފުނުވާކަން ކަށަވަރު ކުރުމަށް ޓަކައި، ފަޅުރަށް ދޫކުރާ ފަރާތުން ރަށް އިންސްޕެކްޓް ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން ކުރެވޭ އިންސްޕެކްށަންތައް ކުރުމަށް ޓަކައި ފަޅުރަށް ދޫކުރާ ފަރާތުގެ އޮފިށަލުން ރަށަށް ދަތުރުކޮށް، ރަށުގެ އިންސްޕެކްށަން ހެދުމަށް ބޭނުންވާ ހަރަދުތަކާއި ދަތުރުގެ އިންތިޒާމުތައް، ހަވާލުވާ ފަރާތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

(ނ) އެއްވެސް ގާނޫނަކާ ހިލާފު ނުވަތަ އެއްބަސްވުމުގެ މާއްދާއަކާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ކަމެއް ރަށުގައި ހިނގާކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ފަޅުރަށް ދޫކުރާ ފަރާތަށް ގަބޫލުކުރެވިއްޖެނަމަ، މަދުވެގެން 24 (ސައުވީސް) ގަޑިއިރުގެ ނޯޓިހެއް ދިނުމަށްފަހު، ރަށަށް އަރައި ރަށް އިންސްޕެކްޓް ކުރުމުގެ ބާރާއި އިހުތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ދޫކުރާ ރަށެއް ނުވަތަ ރަށަކުން ބައެއް ލިބޭ ފަރާތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަށުގެ ހާލަތާއި، ރަށް ބޭނުންކޮށްފައިވަ ގޮތުގެ ތަފުސީލުާއި، ފާއިތުވެދިޔަ އަހަރުގެ އާމްދަނ އާއި، ހަރަދުތަކާއި، ކުރަން ރޭވިފައިހުރި ކަންތައްތައް އެނގޭނެ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލަކަށް ދޫކޮށްފައިވާ ރަށެއްނަމަ، އަހަރ ރިޕޯޓު ހުށަހަޅަންވާނީ، ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

24 ވަނަ މާއްދާ - އެއްބަސްވުން ބާތިލުކުރުން

(ހ) ރާއްޖޭގެ ދިފާއަށް ބޭނުންވެއްޖެ ހާލަތެއްގައި މެނުވ، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއްގެ އެއްބަސްވުން ދައުލަތުގެ ބޭނުމަށް ބާތިލުކުރެވޭނ، މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއް ދައުލަތުގެ އެހެން ބޭނުމަކަށް ނެގުމަށް ބޭނުންވެއްޖެ ހިނދެއްގައި، ރަށް ދޫކުރި ފަރާތާއި ރަށް ލިބުނު ފަރާތާ އެއްބަސްވާ ގޮތެއްގެ މަތީން، ނޯޓިހުގެ ބަދަލުގައި މާލީ ބަދަލެއް ދިނުމަށްފަހު، ރަށެއްގެ އެއްބަސްވުން ބާތިލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ރަށެއް ވަކިކުރާ ހާލަތުގައި، އެ ރަށް ދޫކޮށްފައިވާ ފަރާތުގެ އަމިއްލަ، އުފުލޭ މުދާ، ރަށް ވަކިކުރާ ދުވަހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރަށުން ގެންދަންވާނެއެވެ. މި މުއްދަތުގައި ނުގެންގޮސް ދޫކޮށްލާ ތަކެތި ބެލެވޭނ ދައުލަތުގެ މައި އިދާރާގެ މުދާކަމުގައެވެ.

 

25 ވަނަ މާއްދާ - ރަށުގެ ގުދުރަތީ ނުވަތަ ތަބީއީ ސިފަ ދަމަހައްޓައި ހިމާޔަތްކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށަކުން ރުށްގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ،  ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، ތިމާވެށި ހިމާޔަތްކުރުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިސްޓްރީ ގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން ސަބަބަކަށް ޓަކައި ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ، އޭގެ ބަދަލުގައި އެ ރަށެއްގައި 2 (ދޭއް) ގަސް ނުވަތަ 2 (ދޭއް) ރުށް އިންދައި ހައްދަންޖެހޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެނޫން އެހެން ސަބަބަކަށް ޓަކައި ކަނޑާ ނުވަތަ ނަގާ ގަހެއް، މިނިސްޓްރީ ގެ ހުއްދަ ލިޔުމަކުން ހޯދުމަކާ ނުލައި ރަށުން ބޭރަށް ގެންދިޔުމަކ މަނާކަމެކެވެ.

(ރ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި ހުންނަ ބޮޑެތި ބިޔަ އަދި ދުވަސްވ ގަސްގަހާގެއްސާއި، ރާއްޖެއިން އާންމުކޮށް ނުފެންނަ އާދަޔާ ހިލާފު ގަސްގަހާގެހި ކެނޑުމަކ ނުވަތަ އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަކ މަނާކަމެއެވެ. 

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މާއްދާގައިވާ ގޮތުގެމަތީން އިންދަންޖެހޭ ގަސް ނުވަތަ ރުށް އިންދަން ބޭނުންވާ ޖާގަ އެ ރަށެއްގައި ނެތްނަމަ، އެފަދަ ޖާގައެއް ނެތްކަމަށް ބަޔާންކޮށް އެކަން މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން، ރަށް ދޫކުރެވޭ ފަރާތް މި މާއްދާގެ (ށ) އިން އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި، ފަސޭހައިން ރޫޅައިނުލެވޭ އަދި ނޫފުލޭ ބިނާތައް ކުރެވޭނ، ލިބިފައިވާ ޖުމުލަ ބިމުގައި ކުރަން ކަނޑައަޅާ ކަންތައްތަކަށް ރިއާޔަތްކޮށް، އެ ބިމުގެ %10 (ދިހައެއްއިންސައްތަ) އަށްވުރެ ބޮޑުނުވާ ގޮތަށެވެ.

(ކ) ކައުންސިލަށް ދޫކުރާ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި، ފަސޭހައިން ރޫޅައިލެވޭ ނުވަތަ އެއް ތަނުން އަނެއް ތަނަށް ބަދަލުކުރެވިދާނެ ބިނާތައް ކުރެވޭނ، ލިބިފައިވާ ޖުމުލަ ބިމުގައި ކުރަން ކަނޑައަޅާ ކަންތައްތަކަށް ރިއާޔަތްކޮށް، އެ ބިމުގެ %20 (ވިހިއިންސައްތަ) އަށްވުރެ ބޮޑުނުވާ ގޮތަށެވެ.

(އ) ރަށުގައި ކުރަން ނިންމާ ކަމަކ ތިމާވެށްޓަށް އަސަރު ފޯރާނެ ކަމަކަށްވާނަމަ އެ ކަމެއް ކުރަންވާނީ، ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހުގައެވެ. މިފަދަ ކަންކަމަށް ހިނގާނެ ހުރިހާ ހަރަދަކަށް ޒިންމާވާނީ، އެ ރަށެއް ދޫކުރެވިފައިވާ ފަރާތުންނެވެ.

 

26 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ރަށް ނުވަތަ ރަށުން ބައެއް ބޭނުންކޮށްފިނަމަ، އެއްބަސްވުމުގައި އެކަމުގައި ކަނޑައަޅައިފައިވާ ފިޔަވަޅުގެ އިތުރުން ގިނަވެގެން 1,000,000 (އެއް މިލިޔަން) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންވެސްޓްމަންޓް ވިއްކައިލައިފިނަމަ ނުވަތަ ދެވަނަ ފަރާތަކަށް ދޫކޮށްފިނަމަ، ގިނަވެގެން 1,000,000 (އެއް މިލިޔަން) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ހާލަތްތަކުގެ އިތުރުން، ގާނޫނާއި ނުވަތަ މި ގަވާއިދާ ނުވަތަ ކަމާ ގުޅޭގޮތުން އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފިނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، ގިނަވެގެން 1,000,000 (އެއް މިލިޔަން) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ފަޅުރަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.

(ރ) ގާނޫނާ ހިލާފަށް ނުވަތަ ގަވާއިދާ ހިލާފަށް ކުރި އަމަލަކީ ޖިނާއީ ކުށެއް އެކުލެވިގެންވާ އަމަލެއްނަމަ، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ކަމާބެހޭ ފަރާތްތަކަށް، ފަޅުރަށް ދޫކުރާ ފަރާތުން ހުށަހަޅަންވާނެއެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް ފަޅުރަށް ދޫކޮށްފައިވާ ފަރާތަކުން ނުވަތަ ކައުންސިލަކުން އަމަލުކޮށްފިނަމަ، މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (ރ) ގައިވާ ކަންކަމުގެ އިތުރުން، އެ ފަރާތަކާ ނުވަތަ އެ ކައުންސިލަކާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އާންމު ފަރާތް" ކަމަށް ބަޔާންކޮށްފައި އެވަނީ، ލޯކަލް ކައުންސިލްތައް ނުހިމެނޭ ގޮތުގެ މަތީން، ތަބީއީ އަދި ގާނޫނީ ށަހްސު ހިމެނޭ ގޮތަށެވެ.

(ށ) "ފަޅުރަށް" ނުވަތަ "ރަށް" ކަމަށް ބަޔާންކޮށްފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 200 (ދުއިސައްތަ) މީޓަރުގެ ސަރަހައްދަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދ ބޭނުންތައް ފިޔަވައި، އެ ނޫން ބޭނުންތަކަށް ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދު ހިންގައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކަށެވެ.

(ބ) "ގާނޫނު" ނުވަތަ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އަށާއި އެ ގާނޫނަށް ގެނެވޭ އެންމެހައި އިސްލާހުތަކަށެވެ.

(ޅ) މި ގަވާއިދުގައި އެކަހެރި ނަން ބޭނުންކޮށްފައިވާ ތަންތާނގައި ގިނަ ނަމުގެ ގޮތުގައި އަދި ގިނަ ނަން ބޭނުންކޮށްފައިވާ ތަންތާނގައި އެކަހެރި ނަން ދޭހަވާގޮތަށް މާނަކުރެވިދާނެއެވެ.

 

28 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުގައެވެ.

 

29 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2023-138 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

 

 

ޖަދުވަލު 1

ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ފަޅުރަށެއް މި ގަވާއިދުގެ ދަށުން ކައުންސިލަކަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއީ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމާއެކު ހުށަހެޅޭ ތަފުސީލު ރިޕޯޓުތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތާއި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ދޫކުރާ ރަށެއް ނުވަތަ ރަށަކުން ބައެއް، ކައުންސިލަކަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ތަފުސީލު ރިޕޯޓު ހުށަހަޅާނެ ގޮތް

ތަފުސީލު ރިޕޯޓު ހުށަހަޅާނީ، ތަފުސީލު ރިޕޯޓުތައް ވަޒަންކުރުމަށް އެކުލަވައިލައިފައިވާ ކޮމެޓީން ފާސްކޮށް އާންމުކޮށްފައިވާ އޮނިގަނޑަށް ފެތޭގޮތަށް، އިދާރީ ދާއިރާތަކުގެ ތަރައްގީ ގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

 

3 ވަނަ މާއްދާ - ތަފުސީލު ރިޕޯޓާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ތަފުސީލު ރިޕޯޓު ހުށަހެޅުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ހުށަހަޅާ ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާ މަށްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ނިންމައިފައިވާ ނިންމުން؛

(ށ) ހުށަހަޅާ ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުގެ އަގުލަބިއްޔަތުން ނިންމައި، ދީފައިވާ ހުއްދަ؛

(ނ) ތަފުސީލު ރިޕޯޓުތައް ވަޒަންކުރުމަށް އެކުލަވައިލައިފައިވާ ކޮމެޓީން ފާސްކޮށް އާންމުކޮށްފައިވާ އޮނިގަނޑުގައިވާ އެންމެހައި މައުލޫމާތު.

 

4 ވަނަ މާއްދާ - ތަފުސީލު ރިޕޯޓާމެދު ގޮތެއް ނިންމުން

މި ގަވާއިދުގެ ދަށުން ކައުންސިލަކުން ހުށަހަޅާ ތަފުސީލު ރިޕޯޓު އިވެލުއޭޓް ކުރާނީ، މި ގަވާއިދުގެ ދަށުން އަންނަނިވި މަރުހަލާތަކަށް ބަހައިލައިގެންނެވެ.

(ހ) ފުރަތަމަ މަރުހަލާގައި، މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވޭތޯ، މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވުޒާރާއިން ބަލާނެއެވެ. އެ ކަންތައްތަކުން އެއްވެސް ކަމެއް އުނިވާނަމަ، އެ ރިޕޯޓެއް ބާތިލުކޮށް، ހުށަހެޅި ފަރާތަށް އެކަން އަންގާނެއެވެ.

  1. ތަފުސީލު ރިޕޯޓުގައި ފުރިހަމަވާންޖެހޭ އަސާސީ ކަންކަން ފުރިހަމަވޭތޯ ބެލުން؛
  2. ރަށުގެ ރައްޔިތުންގެ މަށްވަރާ ހޯދައި، ރައްޔިތުންގެ ބައްދަލުވުމަކުން ނިންމުމެއް ނިންމައިފައިވާކަން ކަށަވަރުކުރުން؛
  3. އަތޮޅު ކައުންސިލުގެ ހުއްދަ ހޯދައިފައިވޭތޯ ބެލުން؛
  4. ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން މިނިސްޓްރ ން ކަނޑައަޅައި އިއުލާނުކޮށްފައިވާ ބޭނުންތަކަށް ފެތޭތޯ ބެލުން؛
  5. ކައުންސިލްތަކަށް ދޫކުރުމަށް ކަނޑައަޅައި އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ރަށެއްކަން ކަށަވަރުކުރުން؛
  6. ތަފުސީލު ރިޕޯޓުގައި ފުރިހަމަވާންޖެހޭ ކަންކަން ރަނގަޅަށް ފުރިހަމަވޭތޯ ކަށަވަރުކުރުން.

(ށ) ދެވަނަ މަރުހަލާގައި، ރިޕޯޓުތައް ވަޒަންކުރުމަށް މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީން، މައުޒޫއ ގޮތުން ހުށަހަޅައިފައިވާ ހުށަހެޅުންތައް ވަޒަންކޮށް، މާކުސްދީ، ކޮމިޓީން ކަނޑައަޅާ މިންގަނޑު ފުރިހަމަވޭތޯ ވަޒަންކުރާނެއެވެ. ކޮމިޓީން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑާ އެކަށީގެންނުވާ ރިޕޯޓުތައް ބާތިލުކޮށް، ހުށަހެޅި ފަރާތަށް އެކަން އަންގާނެއެވެ.

(ނ) ތިންވަނަ މަރުހަލާގައި، ކޮމިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ ތަފުސީލު ރިޕޯޓުތަކާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފަޔަކަށް އެދެންވާނެއެވެ.

(ރ) ހަތަރުވަނަ މަރުހަލާގައި، ރަށް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތާއި މިނިސްޓްރ އާ ދެމެދު އެގްރީމެންޓު އެކުލަވައިލައި، ހުށަހެޅި ފަރާތާ ރަށް ހަވާލުކުރާންވާނެއެވެ.

 

5 ވަނަ މާއްދާ - ކޮމިޓީއެކުލަވައިލުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކައުންސިލްތަކުން ހުށަހަޅާ ތަފުސީލު ރިޕޯޓުތައް އިވެލުއޭޓްކޮށް، ހޮވޭ ފަރާތް ކަނޑައެޅުމަށް، މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވުޒާރާއިން، ކަމާ ގުޅޭ ވުޒާރާތައް ހިމެނޭހެން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2024-08)

 

އުވި ގަވާއިދު

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނު ންތައް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-138)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1998-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު