-

އެއްމެދު އިމާރާތާއި ޔުނިޓް ރަޖިސްޓަރީކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-26)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 23 މާޗް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެއްމެދު އިމާރާތްތަކާއި އެއްމެދު އިމާރާތްތަކުގެ ޔުނިޓުތައް ރަޖިސްޓަރީކޮށްދިނުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެއްމެދު އިމާރާތާއި ޔުނިޓް ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމާއި، އިމާރާތުގައި ހިމެނޭ ޔުނިޓްތަކަށް ރަޖިސްޓަރީ ދޫކުރުމުގައި ކައުންސިލްތަކުން އަމަލުކުރާނެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމަށް ހުށަހެޅުން

(ހ) ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 76 ވަނަ މާއްދާއާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީން، ބިމުގެ އަސްލުވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތަކުން ޕޯޓަލް މެދުވެރިކޮށް އެއްމެދު އިމާރާތެއްގެ ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީން ކައުންސިލުން އެއްމެދު އިމާރާތް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން، ޔުނިޓުގެ ވެރިފަރާތުން އެއްމެދު އިމާރާތުގެ ވަކިވަކި ޔުނިޓުތަކުގެ ރަޖިސްޓަރީ ހެދުމުގެ އިޖުރާއަތު ފުރިހަމަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ދޫކުރުމުގެ އުސޫލު

ބިމުގެ އަސްލުވެރިފަރާތުން އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުން، ކައުންސިލުން އެ ފަރާތަށް ރަޖިސްޓަރީ ދޫކުރަންވާނީ އަންނަނިވި އުސޫލުގެ ދަށުންނެވެ.

(ހ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހެޅޭނީ، އެ އިމާރާތާ ގުޅޭ ސްޓްރާޓާ ސްކީމުގެ ހުއްދަ މިނިސްޓްރީން ދޫކުރުމުންނެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްމެދު އިމާރާތާގުޅޭ މާސްޓަރ ރަޖިސްޓަރީ ކައުންސިލުން ހަދަންވާނެއެވެ. އަދި ވަކިވަކި ޔުނިޓުގެ ރަޖިސްޓަރީ ހަދަންވާނީ މާސްޓަރ ރަޖިސްޓަރީގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. އެއްމެދު އިމާރާތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުން، މާސްޓަރ ރަޖިސްޓަރީ ހެދުމާއެކު، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ ބިމުގެ ރަޖިސްޓަރީ ބާތިލުވާނެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީއާއި މާސްޓަރ ރަޖިސްޓަރީ އެކުލަވައި ލާނެ ގޮތުގެ ނަމޫނާއެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ސްކީމުގެ ހުއްދަ ދޫކުރިކަމުގައިވީނަމަވެސް، އިމާރާތުގައި ހިމެނޭ ޔުނިޓްތަކަށް ރަޖިސްޓަރީ ދޫކުރާނީ، އެ ސްކީމަކާ ގުޅޭ ޔުނިޓުތަކުގެ ރަޖިސްޓަރީ ހެދުމުގެ ހުއްދަ (ޔުނިޓް ރެޖިސްޓަރޭށަން ޕާރމިޓް) މިނިސްޓްރީން ދޫކުރުމުންނެވެ.

(ރ) ޔުނިޓް ރަޖިސްޓަރީ ހަދައި ދޫކުރުމުގެ ކުރިން އެ ޔުނިޓަށް، ޔުނިޓް ބޭނުންކުރުން ނުވަތަ ދިރިއުޅުމުގެ ދާއިމީ ހުއްދަ ދޫކުރެވިފައިވާކަން ކަމާބެހޭ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.

(ބ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން "އާންމު ތަންތަން" (ކޮމަން ޕްރޮޕަޓީ) ގެ ގޮތުގައި ކަނޑައަޅާ އެއްވެސް ތަނަކަށް ރަޖިސްޓަރީ ދޫކޮށްގެންނުވާނެއެވެ. މީގެ ތެރޭގައި ލިމިޓެޑް ކޮމަން ޕްރޮޕަޓީ އަދި އެކްސެސަރީ ޔުނިޓުގެ ގޮތުގައި ކަނޑައަޅާ ތަންތަން ހިމެނެއެވެ. ނަމަވެސް، ޔުނިޓުގެ ބޭނުމަކަށް، ޔުނިޓަކާ ގުޅިގެން ކަނޑައަޅާ އެކްސަސަރީ ޔުނިޓުގެ ތަފުސީލު ޔުނިޓް ރަޖިސްޓަރީގައި ބަޔާންކުރަންވާނެއެވެ.

(ޅ) އެއްމެދު އިމާރާތުގެ ގާނޫނު ގެ 77 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުން،އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓަކަށް ދޫކުރާނީ 1 (އެކެއް) ރަޖިސްޓަރީއެވެ.

(ކ) މިނިސްޓްރީން ސްޓްރާޓާ ސްކީމުގެ ހުއްދަ ދޫކުރާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމަށް، ބިމުގެ އަސްލުވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(އ) އެއްމެދު އިމާރާތުގެ ގާނޫނު ގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން މުޅި އިމާރާތުގެ މަސައްކަތް ނިމި، އިމާރާތުގެ ކޮންޕްލީށަން ސެޓުފިކެޓު ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެއްމެދު އިމާރާތުގައި ހިމެނޭ ހުރިހާ ޔުނިޓެއްގެ ރަޖިސްޓަރީ ހެދުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ބިމުގެ އަސްލުވެރިފަރާތަށް ލާޒިމުވާނެއެވެ.

 

5 ވަނަ މާއްދާ - ނިމިފައިވާ އިމާރާތްތަކުގެ ރަޖިސްޓަރީ ދޫކުރުން

ސްޓްރާޓާ ސްކީމް ހުއްދަ ދޫކުރެވިފައިވަނީ ނިމިފައިވާ އިމާރާތަކަށްނަމަ، އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުމާއެކު، އެ އިމާރާތުގައި ހިމެނޭ ހުރިހާ ޔުނިޓްތަކަށް ކައުންސިލުގެ ފަރާތުން ރަޖިސްޓަރީ ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - މަސައްކަތުގެ ބައެއް ނިމިފައިވާ އިމާރާތްތަކުގެ ރަޖިސްޓަރީ ދޫކުރުން

ސްޓްރާޓާ ސްކީމް ހުއްދަ ދޫކުރެވިފައިވަނީ އަމަލީ މަސައްކަތުގެ ބައެއް ނިމިފައިވާ އިމާރާތަކަށްނަމަ، އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުމާއެކު، އިމާރާތުގެ ޔުނިޓް ރަޖިސްޓަރީ ހެދުމުގެ ހުއްދަ (ޔުނިޓް ރެޖިސްޓަރޭށަން ޕާރމިޓް) ދޫކުރެވިފައިވާ ޔުނިޓްތަކަށް، ކައުންސިލުގެ ފަރާތުން ޔުނިޓް ރަޖިސްޓަރީ ހަދައި ދޫކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއާގުޅޭ އިމާރާތްތަކުގެ ރަޖިސްޓަރީ ދޫކުރުން

ސްޓްރާޓާ ސްކީމް ހުއްދަ ދޫކުރެވިފައިވަނީ ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއަކަށްނަމަ، ރަޖިސްޓަރީ ދޫކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ޔުނިޓް ރަޖިސްޓަރީކުރުމަށް ހުށަހަޅަނީ ނިމިފައިވާ އިމާރާތަކަށްނަމަ، އަދި މިނިސްޓްރީން މުޅި ސްކީމުގެ ހުރިހާ ޔުނިޓެއް ރަޖިސްޓަރީކުރުމުގެ ހުއްދަ ދޫކުރެވިފައިވާނަމަ، މާސްޓަރ ރަޖިސްޓަރީއާއެކު ހުރިހާ ޔުނިޓްތަކަށް ޔުނިޓް ރަޖިސްޓަރީ ކައުންސިލުން ދޫކުރަންވާނެއެވެ.

(ށ) ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ޔުނިޓު ރަޖިސްޓަރީކުރުމަށް ހުށަހަޅަނީ އިމާރާތުގެ އަމަލީ މަސައްކަތުގެ ބައެއް ނިމި، މިނިސްޓްރީން ސްކީމުގެ ހުއްދަ ދޫކުރެވިފައިވާ އިމާރާތަކަށްނަމަ، އިމާރާތުގެ ޔުނިޓް ރަޖިސްޓަރީ ހެދުމުގެ ހުއްދަ (ނުވަތަ ޔުނިޓް ރެޖިސްޓަރޭށަން ޕާރމިޓް) ދޫކުރެވިފައިވާ ޔުނިޓްތަކަށް ޔުނިޓް ރަޖިސްޓަރީ ހަދައި ކައުންސިލުން ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުން ރަޖިސްޓަރީ ދޫކުރާއިރު،ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުތަކުގައި ހިމެނޭ ޔުނިޓްތަކުގެ މިލްކުވެރިކަން ބިމުގެ އަސްލުވެރިފަރާތުން ޔުނިޓް ގަންނަ ފަރާތަށް ބަދަލުކުރުމަށް، އެއްމެދު އިމާރާތުގެ ގާނޫނު ގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުނިޓުގެ މިލްކުވެރިކަމާގުޅޭ ކަންކަން ކަށަވަރުކުރުން، ނުވަތަ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ޔުނިޓުގެ މިލްކުވެރިކަމާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމާއެކު، ޔުނިޓް ގަނެވިއްކުމަށް، ދެ ފަރާތުން ސޮއިކުރެވިފައިވާ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވާނަމަ، ހިބައިގެ އަދި ތަރިކައިގެ މައްސަލައެއް ނުހިމެނޭ ހާލަތުގައި، އެ އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތަކުގެ ރަޖިސްޓަރީ ބިމުގެ އަސްލުވެރިފަރާތުގެ ނަމުގައި އަލުން ނުހަދައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު ޔުނިޓުގެ ރަޖިސްޓަރީ އެހެން ފަރާތަކަށް ބަދަލުކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުން

އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެއްމެދު އިމާރާތުގެ ގާނޫނު ގެ 76 ވަނަ މާއްދާއާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހަދަންވާނެއެވެ. އަދި މާސްޓަރ ރަޖިސްޓަރީ ހަދަންވާނީ މިނިސްޓްރީން ފާސްކުރެވިފައިވާ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ހިމެނޭ މައުލޫމާތުތަކުގެ މައްޗަށެވެ. މާސްޓަރ ރަޖިސްޓަރީގެ އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހައިފައިވާ ކޮޕީއެއް އަންނަނިވި ފަރާތްތަކަށް ކައުންސިލުން ދޭންވާނެއެވެ.

(ހ) ބިމުގެ އަސްލުވެރިފަރާތަށް އަދި / ނުވަތަ އެއްމެދު އިމާރާތް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނަށް.

(ށ) ބިމަކީ ރަހުނު ކުރެވިފައިވާ ބިމެއްނަމަ، ބިމުގެ ރަހުނު ހިފައިފައިވާ ފަރާތް.

 

9 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުމަށް ހުށަހަޅާ ލިޔެކިޔުންތައް

އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ ހެދުމަށް އެދި އަންނަނިވި ލިޔުންތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންޖެހޭނަމަ، އަސްލު ހުށަހަޅަންވާނެއެވެ.

(ހ) ޕޯޓަލް މެދުވެރިކޮށް "އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމު.

(ށ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ކޮޕީ.

(ނ) ސްޓްރާޓާ ސްކީމެއްގޮތުގައި ހުއްދަ ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ރ) ބިމުގެ ރަޖިސްޓަރީގެ އަސްލު.

(ބ) މެނޭޖަމަންޓް ކޯޕަރޭށަނުގެ ރަޖިސްޓަރީގެ ކޮޕީ.

(ޅ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ ގޯއްޗަކީ ރަހުނުކޮށްފައިވާ ގޯއްޗެއްނަމަ، އެއްމެދު އިމާރާތުގެ ގޯތި ރަޖިސްޓަރީކުރުމަށް ރަހުނު ހިފާ ފަރާތުގެ ނުވަތަ ބޭންކުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

 

10 ވަނަ މާއްދާ - އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހެޅުން

އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރިކަން އެހެންފަރާތަކަށް ބަދަލުކުރުމަށް އެދި ޔުނިޓުގެ ވެރިފަރާތުން ނުވަތަ އެ ފަރާތުން އައްޔަނުކުރާ ފަރާތަކުން ޕޯޓަލް މެދުވެރިކޮށް އަންނަނިވި ލިޔުންތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންޖެހޭނަމަ، އެ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ހ) ޕޯޓަލް މެދުވެރިކޮށް "އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމު.

(ށ) ޔުނިޓް ވިއްކާ ފަރާތާއި ގަންނަ ފަރާތުގެ ނުވަތަ ލިބޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ 'ދިވެހި ޕާސްޕޯޓް' އަދި ޔުނިޓު ގަންނަ ފަރާތަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް ނުވަތަ ޖަމު އިއްޔާއެއް ފަދަ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، ރަޖިސްޓްރޭށަނުގެ ކޮޕީއާއި، ހިއްސާދާރުން ނުވަތަ ޕާޓްނަރުންގެ ތަފުސީލު އެނގޭނެ ފަދަ ލިޔުމެއް (މިސާލަކަށް؛ ސެޓިފިކެޓް އޮފް އިންކަމްބެންސީ) ހުށަހަޅަންވާނެއެވެ.

(ނ) ޔުނިޓުގެ ރަޖިސްޓަރީ؛ ޔުނިޓުގެ ރަޖިސްޓަރީ ދޫކުރެވިފައިނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެކަމާ ގުޅޭ ލިޔެކިޔުންތައް.

(ރ) ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކޯޓުން ނިންމައިފައިވާ ގަޒިއްޔާގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު،

(ބ) ޔުނިޓެއް ވިއްކުމަށް ޓަކައި ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "މެމޮރެންޑަމް އޮފް ސޭލް" ފޯމު ނުވަތަ ޔުނިޓެއް ވިއްކުމަށް ޓަކައި ސޮއިކޮށްފައިވާ "ގަނެވިއްކުމުގެ އެއްބަސްވުން" ހުށަހެޅުމަށް. އަދި ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މުއާމަލާތްތަކާ ގުޅިގެން، އެ ޔުނިޓުގެ މިލްކުވެރިކަން ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު، އެ ޔުނިޓެއް ލިބޭ ހައްގުވެރިފަރާތުގެ ނަމުގައި ޔުނިޓް ރަޖިސްޓަރީ ހެދުމުގެ ބޭނުމަށް، ޔުނިޓާގުޅޭ ތަފުސީލު ހިމަނައި، ޔުނިޓުގެ ވެރިފަރާތ،ާ ޔުނިޓް ގަންނަ ފަރާތް ނުވަތަ ޔުނިޓް ލިބޭފަރާތް ސޮއިކޮށްފައިވާ، މި ގަވާއިދުގެޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "މެމޮރެންޑަމް އޮފް ޓްރާންފަރ" ފޯމު.

(ޅ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ކޮޕީ އަދި އެ ކަމާގުޅޭ ލިޔެކިޔުންތައް؛ (މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓާގުޅޭ މައުލޫމާތު ބަދަލު ނުވަތަ އިސްލާހުކުރެވިފައިވާނަމަ، އެ ޔުނިޓާގުޅޭ އެންމެފަހުގެ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.)

(ކ) ޔުނިޓް ވިއްކާ ފަރާތުން ސަރުކާރުގެ އިދާރާއަށް ދައްކަންޖެހޭ ފީ ނުވަތަ ޓެކްސް ނުވަތަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުން އަދި ޓެކްސް ކްލިއަރެންސް ރިޕޯޓު،

(އ) ޔުނިޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ޔުނިޓް ގަތުމަށް ފައިސާ ދައްކައިހަލާސްކޮށްފައިވާ ލިޔުން.

(ވ) މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓަކީ ރަހުނުކޮށްފައިވާ ތަނެއްނަމަ، ރަހުނު ހިފާ ފަރާތުގެ ނުވަތަ ބޭންކުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

 

11 ވަނަ މާއްދާ - ގަންނަ ފަރާތުން ގަނެވިއްކުމުގެ އެއްބަސްވުމާ ހިލާފުވުން

ޔުނިޓުގެ އަގު ދައްކައި ހަލާސްކުރުމުގެ ކުރިން ގަންނަ ފަރާތުން ގަނެވިއްކުމުގެ އެއްބަސްވުމާ ހިލާފުވެއްޖެނަމަ، އެއްބަސްވުން ބާތިލުކުރުމާއި، މި މުއާމަލާތް ރޫޅާލައި، ޔުނިޓް ގަންނަން ހުށަހެޅި ފަރާތުން ޔުނިޓް ގަތުމަށް ޓަކައި ދައްކައިފައިވާ ފައިސާގެ ތެރެއިން މި މުއާމަލާތާ ގުޅިގެން ޔުނިޓް ވިއްކާ ފަރާތުން ޔުނިޓް ވިއްކުމުގެ މުއާމަލާތާ ގުޅިގެން އެހާތަނަށް ހަރަދުކޮށްފައިވާ ފައިސާއެއް އުނިކުރުމަށްފަހު، ގަންނަ ފަރާތަށް ލިބެންޖެހޭ މިންވަރު އެ ފަރާތަށް އަނބުރާ ލިބި ދެވޭނެއެވެ.

 

12 ވަނަ މާއްދާ - ގަންނަ ފަރާތް މަރުވުން

ޔުނިޓުގެ އަގު ދައްކައި ހަލާސްކުރުމުގެ ކުރިން ގަންނަ ފަރާތް މަރުވެއްޖެނަމަ، އެ ޔުނިޓް ތަރިކައިގެ އުސޫލުން ލިބޭ ބަޔަކާއެކު މި މުއާމަލާތް ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ޔުނިޓް ވިއްކާ ފަރާތަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - މެމޮރަންޑަމް އޮފް ސޭލް

(ހ) އެއްމެދު އިމާރާތުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮ ށްފައިވާ އުސޫލުގެ ދަށުން ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މުއާމަލާތްތަކާ ގުޅިގެން، އެ ޔުނިޓެއް ލިބޭ ހައްގުވެރިފަރާތުގެ ނަމުގައި ޔުނިޓް ރަޖިސްޓަރީ ހެދުމަށް ނުވަތަ އެ ފަރާތަށް "އިންޑިފީސިބަލް ޓައިޓްލް" އެއް ދޫކުރުމުގެ ބޭނުމަށް، ޔުނިޓްގެ ވެރިފަރާތާއި ޔުނިޓް ގަންނަ ފަރާތް ނުވަތަ ޔުނިޓް ލިބޭ ފަރާތުން، ޔުނިޓް ވިއްކާ ހާލަތުގައި ޖުމުލަ އަގު އެއްކޮށް ދައްކައި ހަލާސްކޮށްފައި ނުވިނަމަވެސް، ގަނެ ވިއްކުމުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ގަންނަ ފަރާތަށް ޔުނިޓުގެ ރަޖިސްޓަރީއެއް ދޫކުރުމުގެ ގޮތުން، ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ސޭލް" އާ ގުޅޭ ފޯމުގައި ސޮއިކޮށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އަދި އެ ފޯމުގައި ދެ ފަރާތުން ސޮއިކުރުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރަންވާނެއެވެ.

(ށ) ޔުނިޓުގެ ބޮޑުމިން އަދި ޔުނިޓަށް ކަނޑައަޅާ ބިމުގެ ހިއްސާގެ އަދަދުތައް އެންމެފަހުން ފާސްކުރެވިފައިވާ ނުވަތަ އިސްލާހުކުރެވިފައިވާ "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ކަނޑައަޅައިފައިވާ މައުލޫމާތުތަކާ އެއްގޮތްކަން ކަށަވަރުކުރުން.

(ނ) ގާނޫނީ ގޮތުން ޔުނިޓް މިލްކުވެރިކަން ބަދަލުކުރުމަށާއި ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުގެ ކުރިން، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭ ސުވާލު އުފެދޭ އެއްވެސް ކަމެއްވާނަމަ، އެކަންކަން ބަލައި ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުން.

(ރ) ޔުނިޓުގެ ރަހުނުކުރާނަމަ، ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއްނެތް ކަން ކަށަވަރުކުރުން.

(ބ) ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުތަކުގެ ޔުނި ޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާއިރު، މި މާއްދާގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ސޭލް" ލިޔުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ސޭލް" ހުށަހެޅުމުން، އެ ލިޔުން ހުށަހަޅާ ތަރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ލިޔުން ޗެކްކޮށް، ކައުންސިލުން ސޮއިކުރުމާއެކު، އެ ލިޔުމުގެ ކޮޕީއެއް ޕޯޓަލް މެދުވެރިކޮށް މިނިސްޓަރީއަށް ފޮނުވަންވާނެއެވެ.

 

14 ވަނަ މާއްދާ - މެމޮރަންޑަމް އޮފް ޓްރާންސްފަރ

(ހ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މުއާމަލާތްތަކާ ގުޅިގެން، އެ ޔުނިޓެއް ގަންނަ ފަރާތުގެ ނުވަތަ ލިބޭ ފަރާތުގެ ނަމުގައި ޔުނިޓް ރަޖިސްޓަރީ ހެދުމަށް ނުވަތަ އެ ފަރާތަށް "އިންޑިފީސިބަލް ޓައިޓްލް" އެއް ދޫކުރުމުގެ ބޭނުމަށް، ޔުނިޓުގެ ވެރިފަރާތާއި ޔުނިޓް ގަންނަ ފަރާތް ނުވަތަ ޔުނިޓް ލިބޭ ފަރާތުން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ޓްރާންސްފަރ" އާ ގުޅޭ ފޯމުގައި ސޮއިކޮށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. އަދި އެ ފޯމުގައި ދެ ފަރާތުން ސޮއިކުރުމާއެކު، ތިރީގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރަންވާނެއެވެ.

(ށ) ޔުނިޓުގެ ބޮޑުމިން އަދި ޔުނިޓަށް ކަނޑައަޅާ ބިމުގެ ހިއްސާގެ އަދަދުތައް އެންމެފަހުން ފާސްކުރެވިފައިވާ ނުވަތަ އިސްލާހުކުރެވިފައިވާ "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ކަނޑައަޅައިފައިވާ މައުލޫމާތުތަކާ އެއްގޮތްކަން ކަށަވަރުކުރުން.

(ނ) ގާނޫނީ ގޮތުން ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށާއި ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުގެ ކުރިން، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭ ސުވާލު އުފެދޭ އެއްވެސް ކަމެއްވާނަމަ، އެ ކަންކަން ބަލައި ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުން.

(ރ) ޔުނިޓު ރަހުނުކޮށްފައިވާނަމަ، ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއްނެތް ކަން ކަށަވަރުކުރުން.

(ބ) ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުތަކުގެ ޔުނި ޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާއިރު، މި މާއްދާގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ޓްރާންސްފަރ" ލިޔުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ނުވަތަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ޓްރާންސްފަރ" ހުށަހެޅުމުން، އެ ލިޔުން ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ލިޔުން ޗެކްކޮށް، ކައުންސިލުން ސޮއިކުރުމާއެކު، އެ ލިޔުމުގެ ކޮޕީއެއް ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ކ) ޔުނިޓެއް ވިއްކުމަށް ޓަކައި ގަނެވިއްކުމުގެ އެއްބަސްވުމުގެއްގައި ސޮއިކޮށްފައިވާނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "މެމޮރެންޑަމް އޮފް ސޭލް" އާގުޅޭ ފޯމް ނުވަތަ ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މުއާމަލާތްތަކާ ގުޅިގެން، އެ ޔުނިޓުގެ މިލްކުވެރިކަން ބަދަލު ކުރުމަށްއެދި ހުށަހަޅާނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "މެމޮރެންޑަމް އޮފް ޓްރާންސްފަރ" އާ ގުޅޭ ފޯމް؛

 

15 ވަނަ މާއްދާ - ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުން

ދިވެހިރާއްޖޭގެ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު،އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރު ކުރަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ށަރުއީ ކޯޓުން މިލްކުވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރުން. މި ގޮތުން، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 88 ވަނަ މާއްދާގެ އިތުރުން، ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކަށަވަރުކުރުން.

(ށ) ދިވެހިރާއްޖޭގެ ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ކުރިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުން.

 

16 ވަނަ މާއްދާ - އަލަށް އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމަށް ހުށަހެޅުން

އަލަށް އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންޖެހޭނަމަ، އެ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ހ) ޕޯޓަލްގައިވާ "އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު،  އެ ފޯމު.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާސްޓަރ ރަޖިސްޓަރީ ހެދުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް.

(ނ) އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް މިނިސްޓްރީން ދޫކޮށްފައިވާ ޔުނިޓް ރެޖިސްޓްރޭށަން ޕާރމިޓުގެ ކޮޕީ. 

(ރ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ލިޔެކިޔުންތައް.

 

17 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓުތައް ރަޖިސްޓަރީކުރުމަށް ހުށަހެޅުން

ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއުތަކުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓުގެ ރަޖިސްޓަރީ ހެދުމަށާއި ޔުނިޓުގެ މިލްކުވެރިފަރާތް ބަދަލުކުރުމަށް ހުށަހަޅާނަމަ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ހ) ޕޯޓަލްގައިވާ "އެއްމެދު އިމާރާތް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު،  އެ ފޯމު.

(ށ) ޔުނިޓް ވިއްކާ ފަރާތ،ް އަދި ގަންނަ ނުވަތަ ލިބޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ޔުނިޓު ގަންނަ ފަރާތަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް ނުވަތަ ޖަމުއިއްޔާއެއް ފަދަ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، ރަޖިސްޓްރޭށަނުގެ ކޮޕީއާއި، ހިއްސާދާރުން ނުވަތަ ޕަރޓްނަރުންގެ ތަފުސީލު އެނގޭނެ ފަދަ ލިޔުމެއް. (މިސާލަކަށް؛ ސެޓިފިކެޓް އޮފް އިންކަމްބެންސީ)

(ނ) ޔުނިޓުގެ ރަޖިސްޓަރީ؛ ޔުނިޓުގެ ރަޖިސްޓަރީ ދޫކުރެވިފައި ނުވާނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުސޫލުން ރަޖިސްޓަރީ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.

(ރ) ގަނެ ވިއްކުމުގެ މުއާމަލާތެއްގެ ދަށުން ޔުނިޓް ވިއްކައިފައިވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ގަނެވިއްކުމުގެ އެއްބަސްވުމެއްގެ އިތުރުން މިލްކުވެރިކަން ބަދަލުކުރުމުގެ ގަޒިއްޔާއާ ގުޅޭ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު،

(ބ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ސޭލް" އާ ގުޅޭ ލިޔުން؛ އަދި މި ލިޔުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ލިޔުމެއްކަމުގައިވާންވާނެއެވެ.

(ޅ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "މެމޮރަންޑަމް އޮފް ޓުރާންސްފަރ" އާ ގުޅޭ ލިޔުން؛ އަދި މި ލިޔުމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ވަކީލަކު ނޯޓަރައިޒްކޮށްފައިވާ ލިޔުމެއްކަމުގައި ވާންވާނެއެވެ.

(ކ) މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭން އަދި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގެ ކޮޕީ އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް؛ (މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓާގުޅޭ މައުލޫމާތު އިސްލާހުކުރެވިފައިވާނަމަ، އެ ޔުނިޓާގުޅޭ އެންމެފަހުގެ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.)

(އ) ދައުލަތުގެ އިދާރާއަށް ދައްކަންޖެހޭ ފީ ނުވަތަ ޓެކްސް ނުވަތަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުން އަދި ޓެކްސް ކްލިއަރެންސް ރިޕޯޓު،

(ވ) ޔުނިޓް ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ޔުނިޓް ގަތުމަށް ފައިސާ ދައްކައި ހަލާސްކޮށްފައިވާ ލިޔުން.

(މ) މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ ޔުނިޓަކީ ރަހުނުކޮށްފައިވާ ތަނެއްނަމަ، ރަހުނު ހިފާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

 

18 ވަނަ މާއްދާ - އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީ

ކައުންސިލުގެ ފަރާތުން އެއްމެދު އިމާރާތުގެ މާސްޓަރ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

(ހ) މާސްޓަރ ރަޖިސްޓަރީ ނަންބަރު.

(ށ) ގޭގެ ނަން ނުވަތަ ޑިވަލޮޕްމަންޓުގެ ނަން.

(ނ) ސްޓްރާޓާ ޕްލޭނުގެ ހުއްދައިގެ ނަންބަރު.

(ރ) ބިމުގެ އަސްލުވެރިފަރާތުގެ ނަމާއި މެނޭޖްމަންޓް ކޯޕަރޭށަންގެ ނަން.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ޔުނިޓްތަކުގެ ތަފުސީލ،ު އަދި ޔުނިޓްތަކުގެ ތަފުސީލުގެ ތެރޭގައި "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ހުރިހާ ޔުނިޓައް ކަނޑައަޅާ "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ނުވަތަ "ޔ.ޫޑ.ީއެސް" ގެ ޖުމްލަ އަދަދު؛ (އަދި ބިމުގެ ބޮޑުމިން، ޔުނިޓްތަކުގެ ބޮޑުމިން، ޔުނިޓަށް ކަނޑައަޅައިފައިވާ ބޭނުން އަދި ޖުމްލަ ސްޓްރާޓާ އޭރިއާގެ ތަފުސީލު ހިމެނޭ ތާވަލެއް ހިމަނަންވާނެއެވެ.) 

(ޅ) ބިމުގެ ބާވަތް.

(ކ) ބިން ރަހުނުކުރެވިފައިވާނަމަ ރަހުނު ހިފި ފަރާތުގެ މައުލޫމާތާއި، ވަކި ޔުނިޓެއް ނުވަތަ ޔުނިޓުތަކެއް ރަހުނުކުރެވިފައިވާނަމަ އެ ރަހުނުތައް ހިފި ފަރާތްތަކުގެ މައުލޫމާތު.

(އ) ވެހިކަލް ޕާކިންގެ ގޮތުގައި ކަނޑައަޅައިފައިވާ ލޮޓްތަކުގެ ތަފުސީލުތައް.

(ވ) ގަވާއިދު ނަންބަރު 2023-23 (ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމު ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އީޒްމަންޓެއްގެ ގޮތުގައި ބިމެއް ކަނޑައަޅައިފައިވާނަމަ، އެކަމާ ގުޅޭ ތަފުސީލު.

 

19 ވަނަ މާއްދާ - ށަރުއީ ގޮތުން ބެހުން، ހިބައިން ދިނުން ނުވަތަ ވަސިއްޔަތެއްގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓް ރަޖިސްޓަރީ ދޫކުރުން

(ހ) ބިމުގެ އަސްލު ވެރިފަރާތްތަކުގެ މެދުގައި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓްތައް ބަހައި، ހިބައިން ނުވަތަ ވަސިއްޔަތުން ދީ، ވަކިވަކި ޔުނިޓްތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާނަމަ، އެއްމެދު އިމާރާތުގެ ގާނޫނު ގެ 70 ވަނަ މާއްދާއާއި 89 ވަނަ މާއްދާއާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތައް، ރަޖިސްޓަރީ ދޫކުރާ ފަރާތުން ކަށަވަރުކުރުމަށްފަހު، އެ ފަރާތްތަކަށް އެއްމެދު އިމާރާތުގެ ޔުނިޓް ރަޖިސްޓަރީ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތްތަކަށް ޔުނިޓް ރަޖިސްޓަރީ ދޫކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ، މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކޯޓުން ނިންމައިފައިވާ ގަޒިއްޔާގެ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީ ހުށަހެޅުމުންނެވެ.

 

20 ވަނަ މާއްދާ - ޔުނިޓަށް ދޫކުރާ ރަޖިސްޓަރީގައި ހުންނަންޖެހޭ މައުލޫމާތު

ސްޓްރާޓާ ސްކީމަށް ކައުންސިލުން ދޫކުރާ ޔުނިޓް ރަޖިސްޓަރީގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) 'ޔުނިޓު ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތް ނުވަތަ ފަރާތްތައް.

(ށ) ޔުނިޓް ރަޖިސްޓަރީކުރެވިފައިވަނީ ބަންޑާރަ ގޯއްޗެއްގައި ނުވަތަ އަމިއްލަ ގޯއްޗެއްގައިކަން.

(ނ) މަށްރޫއުގެ ނަން ނުވަތަ ގޭގެ ނަން، ފަންގިފިލާ އަދަދު އަދި ޔުނިޓް ނަންބަރު (ސްޓްރާޓާ ޔުނިޓް ނަންބަރު ނުވަތަ ތަރުތީބު ނަންބަރު).

(ރ) ޔުނިޓް ގަންނަ ފަރާތުގެ އެޑްރެސް.

(ބ) ޔުނިޓަށް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދު؛ (މި މާއްދާގައި ބަޔާންކުރާ ބިމުގެ ހިއްސާގެ އަދަދު ކަމުގައި ބުނެފައިއެވަނީ "ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް" ގައި ޔުނިޓަށް ކަނޑައަޅާ "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ނުވަތަ "ޔ.ޫޑ.ީއެސް" އަށެވެ.

(ޅ) ރަޖިސްޓަރީ ދޫކުރި ތާރީހު.

(ކ) މިނިސްޓްރީން ދޫކުރާ ސްޓްރާޓާ ޕްލޭން އަދި ސްކީމުގެ ހުއްދައިގެ ނަންބަރު.

(އ) ރަހުނު ކުރެވިފައިވާނަމަ، ރަހުނު ހިފި ފަރާތުގެ މައުލޫމާތު.

(ވ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ނަމާއި، ރަޖިސްޓްރޭށަން ނަންބަރު.

(މ) ޔުނިޓުގެ ބޮޑުމިން އަދި ޔުނިޓުގެ ބޮޑުމިން އެނގޭނެ ޗާޓު، (މި ޗާޓުގައިވާ ޔުނިޓުގެ ބޮޑުމިން އަދި މިންތައް ހުންނަންވާނީ ސްޓްރާޓާ ޕްލޭންގެ ހުއްދައާއެކު ފާސްކުރާ ސްޓްރާޓާ ޔުނިޓުގައި ހިމެނިފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.)

(ފ) ޔުނިޓުގެ ވެރިފަރާތަށް އެކްސެސަރީ ޔުނިޓެއް ކަނޑައެޅިފައިވާނަމަ، އޭގެ ތަފުސީލު. (ޔުނިޓް ރަޖިސްޓަރީގައި ބަޔާންކުރާ އެކްސަސަރީ ޔުނިޓުގެ ތަފުސީލު ހިމަނަންވާނީ ޔުނިޓުގެ ތަފުސީލުގެ އިތުރުން ވަކިންނެވެ. މި ގޮތުން ޔުނިޓް ރަޖިސްޓަރީގައި ކަނޑައަޅާ ޔުނިޓުގެ ބޮޑުމިނުގެ ތެރޭގައި އެކްސަސަރީ ޔުނިޓުގެ އަކަފޫޓު ނުހިމެނޭނެއެވެ.)

(ދ) ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން، އަދި ކަމާބެހޭ ކައުންސިލުން ހިމަނަން ބޭނުންވާ މުހިންމު އިތުރު މައުލޫމާތު.

 

21 ވަނަ މާއްދާ - ކައުންސިލުން އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމާގުޅޭ މަސައްކަތްތައް

ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން، ކަމާބެހޭ ކައުންސިލުން އެއްމެދު އިމާރާތުގެ ރަޖިސްޓަރީ ހެދުމުގެ އަމަލީ މަސައްކަތްކުރަންވާނީ، ރަޖިސްޓަރީ ހެދުމާއި ދޫކުރާނެ ގޮތުގެ "ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ" (އެސް.އޯ.ޕީ) އެއް އެކުލަވައިލައި، ކަމާގުޅޭ ކައުންސިލުގެ ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ. މިގޮތުން،  މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީގެ ލަފާގެ މަތީން މި މާއްދާގައި ބަޔާންކޮށްފައިވާ އެސ.ްއް.ޯޕީ އެކުލަވައިލައި ފާސްކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ޔުނިޓުގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެދުން

މި ގަވާއިދުގެ ދަށުން ހަދައިދެވިފައިވާ ރަޖިސްޓަރީއެއް ގެއްލިއްޖެނަމަ، އެކަން ލަސްނުކޮށް ކައުންސިލަށް އަންގައި، އަލުން ރަޖިސްޓަރީ ހަދަންވާނެއެވެ. އަދި ގެއްލުނު ރަޖިސްޓަރީގެ ބަދަލުގައި އައު ރަޖިސްޓަރީއެއް ހަދައިދެވޭނީ އަންނަނިވި ކަންކަން ކަށަވަރުކުރުމަށްފަހު، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ހިދުމަތަށް ކައުންސިލުން ކަނޑައަޅާ ފީއެއް ކައުންސިލަށް ދެއްކުމުންނެވެ.

(ހ) އެ ބިން ނުވަތަ އެ ޔުނިޓް ރަހުނުކުރުމުގެ ގޮތުން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ބޭއްވިފައިތޯ ބަލައި ކަށަވަރުކުރުން.

(ށ) ގެއްލުނު ރަޖިސްޓަރީ ހޯދުމުގެ ގޮތުން އާންމުކޮށް އިއުލާނު ކުރިކަން ކަށަވަރުކުރުން.

(ނ) ޔުނިޓް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަނުން ދޫކޮށްފައިވާ ރަޖިސްޓަރީ ހެދުމާ ބެހޭ ލިޔުން އޮތްކަން ކަށަވަރުކުރުން.

 

23 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ހުއްދަތައް ސައްހަވުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ސައްހަކަން މަތީ ދެމިގެންދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާއަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތެއްގެ ޔުނިޓެއް ވިއްކައިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކޮށް އެހެން ފަރާތަކަށް ޔުނިޓު ރަޖިސްޓަރީކުރާނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ. 

 

24 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 33-2021 (އެއްމެދު އިމާރާތުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި ގާނޫނުގައި މާނަކޮށްފައިނުވާ، އެހެން ނަމަވެސް ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައިވާ އަކުރުތަކަށްދީފައިވާ މާނަކުރުންތަކެވެ. 

(ހ) "ޔުނިޓުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭނުގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރި ފަރާތްކަމުގައި އެ ޔުނިޓުގެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މެމޮރަމްޑަމް އޮފް ސޭލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން ޔުނިޓެއް ވިއްކުމަށް ޓަކައި ގަނެވިއްކުމުގެ އެއްބަސްވުމުގެއްގައި ސޮއިކޮށްފައިވާނަމަ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ

(ބ) ގެ ދަށުން ހުށަހަޅަންޖެހޭ މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ ލިޔުމަށެވެ.

(ރ) "މެމޮރެންޑަމް އޮފް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި، މި ގަވާއިދުގެ ދަށުން ޔުނިޓެއްގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ މުއާމަލާތްތަކާ ގުޅިގެން، އެ ޔުނިޓުގެ މިލްކުވެރިކަން ބަދަލު ކުރުމަށް އެދި ހުށަހަޅާއިރު، އެ ޔުނިޓެއް ލިބޭ ހައްގުވެރިފަރާތުގެ ނަމުގައި ޔުނިޓް ރަޖިސްޓަރީ ހެދުމުގެ ބޭނުމަށް، ޔުނިޓާގުޅޭ ތަފުސީލު ހިމަނައި، ޔުނިޓުގެ ވެރިފަރާތާއި، ޔުނިޓް ގަންނަ ފަރާތް ނުވަތަ ޔުނިޓް ލިބޭފަރާތ،ް ސޮއިކޮށް، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގެ ދަށުން ހުށަހަޅަންޖެހޭ މި ގަވާއިދުގެ ޖަދުވަލު 2 ގެ ގޮތުގައި ހިމަނައިފައިވާ ލިޔުމަށެވެ.

(ބ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އަށެވެ.

(ޅ) "ޕޯޓަލް" (ސްޓްރާޓާ ޕޯޓަލް) ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާއި، އެ އިމާރާތުގައި ހިމެނޭ ޔުނިޓްތައް ރަޖިސްޓަރީކުރުމަށާއި، އެ އިމާރާތަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަން ދަފުތަރުކުރުމާގުޅޭ އެންމެހައި ހިދުމަތްތައް ދިނުމަށް މިނިސްޓްރީގެ ވެބްސައިޓްގައި (ނުވަތަ www.strata.gov.mv) ގާއިމުކޮށްފައިވާ ޕޯޓަލްއަށެވެ.

(ކ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ރަޖިސްޓަރީކުރުމުގެ އިޖުރާއަތު ފުރިހަމަކުރުން" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގައި ހިމެނޭ ޔުނިޓެއްގެ މިލްކުވެރިކަން ޔުނިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ މަގުސަދުގައި ޔުނިޓެއް ވިއްކުން، ބިމުގެ ބެނިފެށިއަރީންގެ މެދުގައި ޔުނިޓުތައް ބެހުން، ހިބައިން ދިނުން ނުވަތަ ވަސިއްޔަތުން ދިނުން ފަދަ ޔުނިޓެއްގެ މިލްކުވެރިކަމާގުޅޭ މުއާމަލާތެއް ކުރުމުން، އެ ޔުނިޓް ގަންނަ ފަރާތުގެ ނުވަތަ ލިބޭ ފަރާތުގެ ނަމުގެ މައްޗަށް އެ ޔުނިޓުގެ ރަޖިސްޓަރީ ބަދަލު ކޮށްދިނުމުގެ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރުމަށެވެ.

(އ) "މާސްޓަރ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، އެ ޑިވަލޮޕްމަންޓެއްގެ ހުރިހާ ޔުނިޓްތަކެއްގެ މައުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރާ ރަޖިސްޓަރީއަށެވެ.

(ވ) "ލިމިޑެޓް ކޮމަން ޕްރޮޕަޓީ" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމާއި އިމާރާތުގެ ހިމެނޭ ވަކި ޔުނިޓްތަކަކަށް ކަނޑައަޅައި އަދި އެ ޔުނިޓުގެ ވެރިފަރާތުން ބޭނުންކޮށް ބަލަހައްޓާ ތަންތަނަ ށެވެ.

(މ) "އެކްސެސަރީ ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ސްޓްރާޓާ ޕްލޭން ނިސްބަތްވާ ބިމާއި އިމާރާތުގައި ހިމެނޭ ވަކި ޔުނިޓެއްގެ ބޭނުމަށް ކަނޑައަޅާ ޖާގައަށް ނުވަތަ ތަންތަނަށެވެ. 

(ފ) "އިމާރާތުގެ ކޮންޕްލީށަން ސެޓުފިކެޓު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކޮށް ނިމުނުކަން އަންގައިދޭ ލިޔުމަށެވެ.

(ދ) "އިންޑިފީސިބަލް ޓައިޓްލް" ކަމަށް ބުނެފައި އެވަނީ، ދާއިމީ ރަޖިސްޓަރީ (ތައުނު ނުކުރެވޭނެ މިލްކުވެރިކަން ލިބިގެންވާ ދާއިމީ ރަޖިސްޓަރީ) އަށެވެ.

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސްފަހުންނެވެ. 

 

 

 

މައި ގާނޫނު

އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު