-

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-97)

(މި ގަވާއިދަށް އަމަލުކުރަން ފެށީ/ފަށާނީ 20 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާއާއި، 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 40 ވަނަ މާއްދާއިން ބާރު ލިބިގެން، އެ ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް 
ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އަދި، ދިރުމެއް ނެތް ތަކެތި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް، ގާނޫނާ ހިލާފުވެގެން ހިފެހެއްޓުމުގައި ނުވަތަ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، އެ ތަކެތި ނެގުމަށްފަހު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، ގާނޫނު ނަންބަރު 2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) އާ ހިލާފަށް ވިޔަފާރިކުރެވޭ އަދި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު" އެވެ.

 

މަގުސަދު - މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް، ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާ ހިލާފުވެގެން ހިފެހެއްޓުމުގައި ނުވަތަ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެ ތަކެތި ނެގުމަށްފަހު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ށ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ގާނޫނާ ހިލާފުވެގެން ހިފެހެއްޓުމަށްފަހު ނުވަތަ ނެގުމަށްފަހު ބެލެހެއްޓުމުގައި އެ ތަކެތީގެ ކެއިންބުއިމަށާއި، އިންސާނުންގެ ރައްކައުތެރިކަމަށާއި ސިއްހަތަށް އަދި އެ ތަކެއްޗަށް އެކަށީގެންވާނެ މާހައުލެއް ދެވޭނެކަން ކަށަވަރުކުރުން.

(ނ) ގާނޫނުގައި ހިމެނޭ ދިރޭ އެއްޗެއް، ގާނޫނާ ހިލާފުވެގެން ހިފެހެއްޓުމުގައި ނުވަތަ ނެގުމުގައި އަމަލުކުރަންވާނީ އިންސާނިއްޔަތާ އެއްގޮތަށްކަން ކަށަވަރުކުރުން.

 

3 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއިގެންގުޅޭ ތަކެތި ނެގުން

ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމުގެ ބާރު، މެނޭޖްމަންޓް އޮތޯރިޓީއަށާއި، އެންފޯސްމަންޓް އޮތޯރިޓީއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމަށްފަހު އަމަލުކުރާނެ ގޮތް

ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުން އަދި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި ނެގުމަށްފަހު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެތި ނެގުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން، ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެތި ނެގުމަށްފަހު، އެ ތަކެތި ނެގިތާ ވީ އެންމެ އަވަސް ފުރުސަތެއްގައި، އެ ތަކެތި ހަވާލުކުރާނީ،  2022-13 (ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފައިވާ ހޯލްޑިންގ ފެސިލިޓީގެ އޮފިސަރުންނަށެވެ.

(ށ) ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ހޯލްޑިންގ ފެސިލިޓީއާ ހަވާލުވުމަށްފަހު އެ އެއްޗަކާމެދު މެނޭޖްމަންޓް އޮތޯރިޓީން އަމަލުކުރަން ނިންމާ ގޮތެއްގެ މަތީން އަމަލުކޮށް ނިމެންދެން އެ އެއްޗެއް ބަލަހައްޓަންވާނީ، ހޯލްޑިންގ ފެސިލިޓީންނެވެ. އަދި ހޯލްޑިންގ ފެސިލިޓީއާ ހަވާލުކުރާ ތަކެތީގެ މައުލޫމާތާއި އެ ތަކެއްޗާމެދު އަމަލުކުރިގޮތުގެ މައުލޫމާތު، ހޯލްޑިންގ ފެސިލިޓީގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

(ނ) ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން، އެ ތަކެތި ނަގާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އަންނަނިވި މައުލޫމާތު މެނޭޖްމަންޓް އޮތޯރިޓީއަށް ފޮނުވަންނާއެވެ.

  1. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތީގެ ނަން؛
  2. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތީގެ ބާވަތާއި އަދަދު؛
  3. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި އެތެރެކުރި ފަރާތް؛
  4. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި އެތެރެކޮށްފައިވާ ގައުމު؛
  5. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި އެތެރެކުރި ގޮތް ނުވަތަ އެކްސްޕޯޓްކުރަން އުޅުނު ގޮތް ނުވަތަ ވިއްކުމަށް ތަނެއްގައި ބަހައްޓައިފައިވާ ގޮތުގެ ތަފުސީލު.

(ރ) ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ އަދި ގެންގުޅޭ ތަކެތި ނެގުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން، ހޯލްޑިންގ ފެސިލިޓީ އޮފިސަރުންނަށް އެ ތަކެތި ހަވާލު ކުރުމުން، އެ ތަކެތި ލިބޭތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި، އަންނަނިވި މައުލޫމާތު، މެނޭޖްމަންޓް އޮތޯރިޓީއަށް، ހޯލްޑިންގ ފެސިލިޓީގެ އޮފިސަރުން ފޮނުވަންނާއެވެ.

  1. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުން އަދި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތީގެ ސިއްހަތާއި، އެ ތަކެތީގެ ހާލަތު؛
  2. ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެއްޗާމެދު އަމަލުކުރާނެގޮތް ކަނޑައަޅައި، އެކަން ތަންފީޒުކުރެވެންދެން، އެ ތަކެއްޗަށް ކާންދީ ބެލެހެއްޓުމަށް ހިނގާނެ ހަރަދުގެ ތަފުސީލު.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، މެނޭޖްމަންޓް އޮތޯރިޓީއަށް  ލިބޭތާ އެންމެ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުންނަގައިފައިވާ ތަކެއްޗާމެދު އަމަލުކުރާނެގޮތުގެ އެކްށަން ޕްލޭން، ސައިންޓިފިކް އޮތޯރި ޓީގެ މަށްވަރާޔާއެކު،މެނޭޖްމަންޓް އޮތޯރިޓީން އެކުލަވައިލަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކްށަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން، ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގާ ތަކެއްޗާމެދު އަމަލުކުރުމަށް ނިންމާ ނިންމުން، އެ އެކްށަން ޕްލޭން އެކުލަވައިލާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަންފީޒު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާމެދު އަމަލުކުރުމުގައި ރިއާޔަތް ކުރަންވީ ކަންކަން

ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެއްޗާމެދު އަމަލުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) އިގްތިސާދީގޮތުންނާއި މާލީގޮތުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރު.

(ށ) ދައުލަތުގެ މުއައްސަސާތަކުގައި ނިންމާ ނިންމުން ތަންފީޒު ކުރުމުގެ ފަންނީ ގާބިލުކަމާއި، އިންސާނީ ވަސީލަތްތަކާއި ހިންގުމަށް ބޭނުންވާ އެންމެހައި ތަކެއްޗާއި ވަސީލަތްތައް ހުރި މިންވަރު.

(ނ) ދިވެހިރާއްޖޭގެ ދިރޭ ތަކެއްޗަށާއި މާހައުލީ ނިޒާމްތަކަށާއި، އެ މާހައުލީ ނިޒާމްތަކުން ލިބޭނެ ހިދުމަތްތަކާއި ފައިދާތަކަށް އަސަރުކުރާނެ މިންވަރު.

(ރ) ދިވެހިރާއްޖޭގެ ދިރުންތަކުގެ އާބާދީއާއި ތިމާވެށި ހިމާޔަތްކުރުމަށް ރިއާޔަތްކޮށް އަތުލައިގަނެވުނު ދިރޭ އެއްޗާމެދު އަމަލުކުރެވޭނެ އެންމެ އިންސާފުވެރި ގޮތާއިއިންސާނިއްޔަތާ އެއްގޮތްވާނެ ގޮތެއް ހޯދުން.

(ބ) ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުންނާއި ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތީގެ ސިއްހަތާއި، އެ ތަކެތީގެ ހާލަތު.

 

6 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ދިރޭ ތަކެއްޗާއި އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް

ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ދިރޭ ޖަނަވާރާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ބަންދުކޮށްގެން ކޮށީގައި ގެންގުޅުން.

(ށ) ބަންދުކޮށްފައިވާ، ބެލެހެއްޓޭނެ ސަރަހައްދެއްގައި ގެންގުޅުން.

(ނ) ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނު ވައިލުން.

(ރ) އެ ތަކެތީގެ އަސްލު މާހައުލަށް އަނބުރާ ފޮނުވުން.

(ބ) އިންސާނިއްޔަތުކަމާއެކު މަރާލުން.

 

7 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެތީގެ ތެރެއިން ދިރުން ނެތް ތަކެއްޗާއި، އެ ތަކެތީގެ ބައިތަކާއި އޭގެ އުފެއްދުންތަކާމެދު އަމަލުކުރާނެ ގޮތް

ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެތީގެ ތެރެއިން ދިރުން ނެތް ތަކެއްޗާއި އެ ތަކެތީގެ ބައިތަކާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ އެއްޗެއްނަމަ، ސައިންޓިފިކް ނުވަތަ ތައުލީމީ ނުވަތަ އައިޑެންޓިފިކޭށަނަށް ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށް އެ ތަކެތި ބޭނުންކުރުން ނުވަތަ ރައްކައުކޮށްފައި (ސްޓޯރޭޖްގައި) ބެހެއްޓުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އެ ތަކެއްޗާމެދު އަމަލު ނުކުރެވޭނަމަ، އެ ތަކެތި ނައްތައިލުން.

(ނ) ގާނޫނުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައި ހިމެނޭ އެއްޗެއްނަމަ، އެ ތަކެތި ނައްތައިލުން.

 

8 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ދިރޭ ޖަނަވާރު ގެންނަ ފަރާތުގެ ޒިންމާ

(ހ) ގަވާއިދާ ހިލާފަށް ދިރޭ ޖަނަވާރު އެތެރެކުރާ ފަރާތްތަކުން، ގަވާއިދާ ހިލާފަށް ގެނެވިފައިވާ ދިރުން ގެނައި މަންޒިލަށް އަނބުރާ ފޮނުވައިލުމުގެ އިންތިޒާމު (ބޭނުންވާ ލިޔެކިއުމާއި، ހަރަދާއި އެހެނިހެން އިންތިޒާމުތައް) އެ ދިރުން ނެގޭތާ 2 (ދޭއް) ދުވަހުގެ ތެރޭގައި ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހަމަޖެއްސުމުގެ އިތުރުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންމެހައި ހަރަދުތަކަށް ޒިންމާވާނީ ގަވާއިދާ ހިލާފަށް އެ ތަކެތި ގެންނަ ނުވަތަ ގެންގުޅޭ ފަރާތުންނެވެ.

 

9 ވަނަ މާއްދާ - ބަންދުކޮށްގެން ޖަނަވާރެއް ގެންގުޅުމުގައި އަމަލުކުރާނެ ގޮތް

.ބަންދުކޮށްގެން ޖަނަވާރެއް ގެންގުޅުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުން ނުވަތަ ގެންގުޅުމުގެ ސަބަބުން ނަގާ ދިރޭ ޖަނަވާރަކީ ބަންދުކޮށްގެން ގެންގުޅެފައިވާ ޖަނަވާރެއްނަމަ، އެއާމެދު އަމަލުކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

(ށ) އެ ޖަނަވާރެއްގެ ކަންޓްރީ އޮފް އޮރިޖިންއަކުން އެ ޖަނަވާރެއް އަނބުރާ ގެންދިޔުމަށް ބޭނުންވާނަމަ، އެ ޖަނަވާރެއް އެ ގައުމަކަށް އަނބުރާ ފޮނުވުމަށް އިސްކަން ދޭންވާނެއެވެ.

(ނ) ހާލަތަށް ރިއާޔަތްކޮށް، އެ ޖަނަވާރަކަށް އެކަށީގެންވާ މާހައުލެއް އެކުލެވޭ ތަނަކަށް ނުވަތަ މަރުކަޒަކަށް ނުވަތަ ވަސީލަތަކަށް، ނުވަތަ ފަރާތަކަށް ހަދިޔާކުރުން، ނުވަތަ ކުއްޔަށް ދިނުން.

(ރ) އެ ޖަނަވާރެއް ބެލެހެއްޓުމަށް ހަވާލުވާ ފަރާތެއް، މެނޭޖްމަންޓް އޮތޯރިޓީގައި އެ ޖަނަވާރު ރަޖިސްޓަރީ ކޮށްފައިވާ ތަނަކަށް ބަދަލުކުރަންވާނީ، މެނޭޖްމަންޓް އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހު، އިންސާނިއްޔަތާ އެއްގޮތްވާ ގޮތުގެ މަތީން އެ ޖަނަވާރެއް އާލާކުރުމުގެ މަގުސަދުގައެވެ.

 

10 ވަނަ މާއްދާ - ދިރޭ ޖަނަވާރުގެ އަސްލު މާހަ އުލަށް އަނބުރާ ފޮނުވުން

ދިރޭ ޖަނަވާރުގެ އަސްލު މާހައުލަށް އަނބުރާ ފޮނުވައި ލުމުގައި އަމަލުކުރާނީ، އަންނަނިވި އުސޫލުންނެވެ.

(ހ) ގާނޫނާ ހިލާފަށް ވިޔަފާރިކުރުމުގެ ސަބަބުން ނުވަތަ ގެންގުޅުމުގެ ސަބަބުން ނަގާ ދިރޭ ޖަނަވާރެއް، ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އޭގެ އަސްލު މާހައުލަށް އަނބުރާ ފޮނުވައި ލުމުގައި، އެއާމެދު އަމަލުކުރާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

(ށ) ކަންޓްރީ އޮފް އޮރިޖިންއަށް ޖަނަވާރު އަނބުރާ ފޮނުވައިލާނަމަ، ދިވެހިރާއްޖޭގެ މެނޭޖްމަންޓް އޮތޯރިޓީން އެ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީއަށް އެކަން އެނގޭކަން ޔަގީން ކުރަންވާނެއެވެ.

(ނ) ޖަނަވާރެއް އަނބުރާ މާހައުލަށް ފޮނުވޭނީ އަންނަނިވި ހާލަތުން ކުރެ ކޮންމެވެސް އެއް ސަބަބަކަށްޓަކައެވެ.

  1. އަލަށް ތައާރުފު ކުރުން: އެ ސަރަހައްދެއްގައި ގުދުރަތީގޮތުން ކުރިން ދިރިއުޅެފައިވީނަމަވެސް މިހާރު ނެތިގޮސްފައިވާ ބާވަތެއްގެ ދިރޭތަކެތި ނަމަ؛ ނުވަތަ 
  2. އާބާދީ ވަރުގަދަކުރުން: އެ ސަރަހައްދުގައި ނެތިދިޔުމުގެ ބިރުހީވެފައިވާ ބާވަތެއްގެ ޖަނަވާރެއްގެ އާބާދީ ގިނަކުރުމަށް.

 

11 ވަނަ މާއްދާ - އިންސާނިއްޔަތުކަމާއެކު މަރާލުން (ޔުތަނީށިޔާ)

(ހ) މި ގަވާއިދު ގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނެގޭ ދިރޭ ޖަނަވާރާ މެދު އަމަލުކުރެވެން ނެތްނަމަ، އެ ތަކެތި، އިންސާނިއްޔަތާ އެއްގޮތަށް މަރާލާނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިރޭ ޖަނަވާރެއް ގަސްތުގައި މަރާލެވޭނީ އަންނަނިވި ހާލަތުންކުރެ ހާލަތަކަށް ފެތޭނަމައެވެ.

  1. މާހައުލަށް އަނބުރާ ފޮނުވައިލުމުގެ ސަބަބުން އެހެނިހެން ދިރޭ ތަކެއްޗަށާއި މާހައުލަށާއި އިންސާނުންނަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންވާ ހާލަތްތަކުގައި އެ ދިރުން ބެލެހެއްޓޭނެ އިތުރު އިންތިޒާމެއް ހަމަނުޖެހުން؛
  2. ބައިނަލްއަގްވާމީގޮތުން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް، ޖަނަވާރެއް އޭގެމާހައުލަށް އަނބުރާ ފޮނުވައިލުމަކީ ދައުލަތުގެ ބޮލުގައި ބޮޑު ހަރަދެއް އެޅިގެންދާނެ ކަމެއްކަމަށް ވެފައި، އެ ދިރުން ފޮނުވައިލުމުގެ ހަރަދު ކުރާނެ އެހެން ފަރާތެއް ނުލިބިފައި އަދި އެ ދިރުން ބަލަހައްޓާނެ އެހެން އިންތިޒާމެއް ހަމަނުޖެހުން.
  3. މާހައުލަށް އަނބުރާ ފޮނުވައިނުލެވޭ ހާލަތްތަކުގައި ބަންދުކޮށްގެން ގެންގުޅުމަކީ ބޮޑު ހަރަދުތަކެއް ހިނގާނެ ކަމަކަށް ވެފައި، ބަންދުކޮށްގެން ގެންގުޅޭނެ އެކަށީގެންވާ ނިޒާމެއް ނުވަތަ ފަރާތެއް ނެތުން ނުވަތަ އޭގެ ވިޔަފާރި ކޮށްފާނެކަމުގެ ބިރު އޮތުން ނުވަތަ އޭގެ ސަބަބުން އިތުރު މައްސަލަތަކެއް ދިމާވުން.
  4. ޖަނަވާރަށް ބޮޑު ބައްޔެއް ޖެހިފައިވުން، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައްޔާއި ބަންދުކޮށްގެން ގެންގުޅުމުގައި ޖަނަވާރަށް ބައްޔެއް ޖެހި، އެ ބަލީގެ ސަބަބުން އެހެން ޖަނަވާރުތަކަށާއި އިންސާނުންނަށް އަސަރުކޮށްފާނެކަމުގެ ބިރުއޮތުން.
  5. ވާރުތަވާ ބައްޔެއްގެ ސަބަބުން އެ ޖަނަވާރާއި ޖަނަވާރުގެ ދަރިފަސްކޮޅަށް އަސަރުކުރާނެކަމުގެ ބިރު އޮތުން. މިފަދަ ހާލަ ތްތަކުގައި ދިރާސާކޮށް ތަހުލީލުކުރާ ފެސިލިޓީއަކުން، އެކުލަވައިލެވޭ އެއްބަސްވުމެއްގެ ދަށުން އެ ޖަނަވާރު ހަދިޔާކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ނައްތައިލާ އެއްޗެއްސާ ގުޅޭގޮތުން އަމަލުކޮށްފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް، އެ ތަކެތި ނައްތައިލާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މެނޭޖްމަންޓް އޮތޯރިޓީން އެކުލަވައިލައި، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާ އެ ރި ޕޯޓު ހިއްސާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ގަސްގަހާ އި ގެންގުޅޭ ގަސްގަހާމެދު އަމަލުކުރާނެ ގޮތް

ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ގަސްގަހާގެހީގެ ބާވަތްތަކާމެދުގައްޔާއި ގެންގުޅޭ ގަސްގަހާގެހީގެ ބާވަތްތަކާމެދު މެނޭޖްމަންޓް އޮތޯރިޓީން އަމަލުކުރަންވާނީ ، ތިރީގައިވާ ގޮތްތަކުން ކުރެ ކޮންމެވެސް އެއްގޮތަކަށެވެ.

(ހ) ހާއްސަ މަރުކަޒެއްގައި ނުވަތަ ފެސިލިޓީއެއްގައި ބެހެއްޓުމަށް އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އެގޮތުން، ގަސްގަހާގެއްސަށާއި ހާލަތަށް ރިއާޔަތް ކުރުމަށްފަހު، އެ ގަސްގަހާގެހީގެ ބާވަތަށް އެކަށީގެންވާ މާހައުލެއް އެކުލެވޭ މަރުކަޒަކަށް ނުވަތަ ފެސިލިޓީއަކަށް ނުވަތަ ފަރާތަކަށް ހަދިޔާކުރުން، ނުވަތަ ކުއްޔަށްދިނުން، ނުވަތަ ވިއްކައިލެވިދާނެއެވެ.

(ށ) ގަސްގަހާގެހީގެ އަސްލު މާހައުލަށް އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. ކަންޓްރީ އޮފް އޮރިޖިންއަށް އެ ގަސްގަހާގެހީގެ ބާވަތް އަނބުރާ ފޮނުވައިލާނަމަ، ދިވެހިރާއްޖޭގެ މެނޭޖްމަންޓް އޮތޯރިޓީން އެ ގައުމުގެ މެނޭޖްމަންޓް އޮތޯރިޓީއަށް އެކަން އެނގޭކަން ޔަގީންކުރަންވާނެއެވެ. ގަސްގަހާގެހީގެ ބާވަތެއް އަނބުރާ މާހައުލަށް ފޮނުވޭނީ، އަންނަނިވި ހާލަތުންކުރެ ކޮންމެވެސް އެއް ސަބަބަކަށްޓަކައެވެ.

  1. އަލަށް ތައާރުފު ކުރުން: އެ ސަރަހައްދެއްގައި ގުދުރަތީގޮތުން ކުރިން ދިރިއުޅެފައިވީނަމަވެސް މިހާރު ނެތިގޮސްފައިވާ ބާވަތެއްގެ ދިރޭތަކެތި ނަމަ؛
  2. އާބާދީ ވަރުގަދަކުރުން: އެ ސަރަހަ އްދުގައި ނެތިދިޔުމުގެ ބިރުހީވެފައިވާ ބާވަތެއްގެ ގަސްގަހާގެހީގެ ބާވަތެއްގެ އާބާދީ ގިނަކުރުމަށް.

(ނ) ނައްތައިލުން: ނައްތައިލެވޭ ގަސްގަހާގެހީގެ މައުލޫމާތު، މެނޭޖްމަންޓް އޮތޯރިޓީން ބަލަހައްޓަންވާނެއެވެ. ދިރުން ހުރި ގަސްގަހާގެހީގެ ބާވަތެއް ނައްތައިލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. އެ ގަހުގެ ބާވަތަކީ މާހައުލުގައި ގިނަ ނުވަތަ އާންމު ބާވަތެއް ކަމުގައި ވެފައި،އެ ދިރުން ބޭނުންވާ ނާސަރީއެއް ނުވަތަ ބަގީޗާއެއް ނުވަތަ އެފަދަ އެހެން ފެސިލިޓީއެއް ނުލިބުން ނުވަތަ ނެތުން؛
  2. އެ ގަހުގެ ބާވަތާ ބެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވުން / ނެތުން އަދި އެ ދިރުން ހަވާލުކުރެވޭނެ ނާސަރީއެއް ނުވަތަ ބަގީޗާއެއް ނުވަތަ އެފަދަ އެހެން ފެސިލިޓީއެއް ނުލިބުން ނުވަތަ ނެތުން؛
  3. މި ގަވާއިދުގެ ޖަދުވަލު 3 އާއި ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލުން އޭގެ އަސްލު ގުދުރަތީ މާހައުލު ނޫން (ހޯޓިކަލްޗަރަލް އޮރިޖިން) ވަކި ސަރަހައްދެއްގައި (ބަގީޗާއެއް، ނުވަތަ ދަނޑެއްގައި) ހައްދައިފައިވާ އެއްޗަކަށް ވުން؛
  4. ބަލިމަޑުކަމެއް ޖެހިފައިވުން ނުވަތަ ޖެހިދާނެކަމުގެ ބިރު ހީވުން ނުވަތަ އެ ގަހަށާއި އެހެން ގަސްގަހަށް ނުވަތަ މާހައުލަށާއި އިންސާނުންނަށް ގެއްލުން ދީފާނެފަދަ ދިރޭއެއްޗެއް އެ ގަހުގައި ހިމެނުން؛
  5. ގަސްގަހާގެހީގެ ބާވަތް ބެލެހެއްޓުމުގެ ހަރަދު ދައުލަތަށް ބޮޑުވެފައި، އެ ދިރުން ބަލަހައްޓާނެ އިތުރު ފަރާތެއް ނުލިބުން؛
  6. މާހައުލަށް އަނބުރާ ފޮނުވައިލައިފިނަމަ، އެ ގަހުގެ އެހެން ބާވަތަކަށްވުރެ ގަދައަށް ހެދި، އެހެން ދިރުންތަކަށާއި މާހައުލަށާއި އިންސާނުންނަށް އަސަރު ކުރުން.

 

13 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގައިފައިވާ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އެކްށަން ޕްލޭން

(ހ) ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގައިފައިވާ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އެކްށަން ޕްލޭން ތައްޔާރުކުރާނީ މެނޭޖްމަންޓް އޮތޯރިޓީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކްށަން ޕްލޭން އެކުލަވައިލުމުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ ހައި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކްށަން ޕްލޭން އެކުލަވައިލަންވާނީ ސައިންޓިފިކް އޮތޯރިޓީގެ މަށްވަރާޔާއެކުގައެވެ.

 

14 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގާ ތަކެއްޗާމެދު އަމަލުކުރުމަށް ނިންމާ ނިންމުން ތަންފީޒުކުރުން

ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގާ ތަކެއްޗާމެދު އަމަލުކުރުމަށް ނިންމާ ނިންމުން ތަންފީޒުކުރުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ނުވަތަ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަން ނިންމައިފިނަމަ، އެ ނިންމުން ތަންފީޒުކުރަންވާނީ އަންނަނިވި ފަރާތްތަކުގެ ހާޒިރުގައެވެ.

(ހ) މެނޭޖްމަންޓް އޮތޯރިޓީ.

(ށ) ސައިންޓިފިކް އޮތޯރިޓީ.

(ނ) އެންފޯސްމަންޓް އޮތޯރިޓީ.

(ރ) ހޯލްޑިންގ ފެސިލިޓީގެ އޮފިސަރެއް.

(ބ) ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނުވަތަ ވިޔަފާރިކުރުމުގެ ސަބަބުން ނަގާ ތަކެތި ގެންގުޅެފައިވާ ފަރާތް ނުވަތަ އެ ތަކެތީގެ ވިޔަފާރިކުރި ފަރާތް.

 

15 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ ދިރޭ އެއްޗެއް، އަދި އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ގާނޫނާ ހިލާފަށް އަމިއްލަ ބޭނުމަށް ގެންގުޅުމާއި، ކޮންޓްރޯލްކުރުމާއި، ވިއްކުމާއި، ވިއްކުމަށް މަސައްކަތްކުރުމާއި، އާންމުންނަށް ފެންނަ ތަންތާނގައި ބެހެއްޓުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމަލެއްކޮށްފި ފަރާތެއް، އަންނަނިވި އުސޫލުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މެނޭޖްމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު 5،000 (ފަސްހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 20،000 (ވިހިހާސް) ރުފިޔާ؛
  4. ތިންވަނަ ފަހަރަށް ވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން.

 

16 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، މެނޭޖްމަންޓް އޮތޯރިޓީއާއި، އެންފޯސްމަންޓް އޮތޯރިޓީއާއި،ސައިންޓިފިކް އޮތޯރިޓީއާއި، ހޯލްޑިންގ ފެސިލިޓީއާއި، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 30 (ތިރީސް) ދުވަސް ފަހުންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް އޮތްގޮތުން އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ބަންދުކޮށްގެން ގެންގުޅޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، އެ ތަކެތީގެ ގުދުރަތީ މާހައުލުގެ ތެރޭގައި ނުހިމެނޭ އަދި އިންސާނުން އެ މާހައުލެއް ކޮންޓްރޯލްކޮށްފައިވާ މާހައުލެއްގައި ގަރުބަގަނެ އުފަންވެ އާލާވެ ބޮޑުވާ ދިރޭ ތަކެއްޗަށެވެ.

(ށ) "ކަންޓްރީ އޮފް އޮރިޖިން" ކަމަށް ބުނެފައި އެވަނީ، ކަނޑައަޅައިފައިވާ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނިސްބަތްވާ ގައުމަށެވެ.

(ނ) "މެނޭޖްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ދިވެހިރާއްޖޭގެ ފޯކަލް ޕޮއިންޓް އޭޖެންސީގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސަރުކާރުގެ އިދާރާއެވެ.

(ރ) "އެންފޯސްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއަށެވެ.

(ބ) "ސައިންޓިފިކް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށާއި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށެވެ.

(ޅ) "ހޯލްޑިންގ ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނާ ހިލާފަށް ގެންގުޅުމުގެ ސަބަބުން ނަގާ ތަކެތި، އެ ތަކެއްޗާމެދު ނިންމާ ނިންމުން ތަންފީޒުކުރަންދެން، ބަހައްޓާ ތަނަށެވެ.

(ކ) "ހޯލްޑިންގ ފެސިލިޓީ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ފެސިލިޓީގެ މުވައްޒަފުންނަށެވެ. 

 

ޖަދުވަލު 1

 

 

ޖަދުވަލު 2

 

 

ޖަދުވަލު 3

 

 

 

 

ޖަދުވަލު 4

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13) އާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2023-97)

 

މައި ގާނޫނު

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު