-

ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-36) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-04)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޖަނަވަރީ 2016 ގައި)

 

މިއީ ގާނޫނު ނަންބަރު 2011-14 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި އެ ވަނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށެވެ. އަދި ގަވާއިދަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2014-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ގާނޫނީ ގޮތުން ލާޒިމްކުރެއެވެ. 

 

1 ވަނަ މާއްދާ - ތައާރަފު

މި ރޫލިންގގެ މަގުސަދަކީ ގަވާއިދުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއި 18 ވަނަ މާއްދާ އިސްލާހުކުރުމެވެ. 

 

2 ވަނަ މާއްދާ - ރޫލިންގ

ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކޮށް، އޭގެ ފަހަތަށް ހުރި އަކުރުތައް ތަރުތީބުކުރުން. 

(ރ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ބާތިލުުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ހަމަވުމުގެ ކުރިން އެ މުވައްޒަފަކަށް މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. 

 

3 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (8) އުނިކުރުން. 

 

4 ވަނަ މާއްދާ - ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޭ ކޮންމެ ޓެކްސް އޭޖެންޓަކު ވެސް، ޓެކްސް އޭޖެންޓުންގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން މީރާއިން ހިންގާ ޕްރޮގްރާމް ފުރިހަމަކުރަންވާނެއެވެ. 

(ށ) ޓެކްސް އޭޖެންޓުންގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން މ މާއްދާގެ (ހ) ގެ ދަށުން މީރާއިން ހިންގާ ޕްރޮގްރާމްގެ ދަށުން އިންޒާމްކުރާ ސެށަންތަކުގެ ތެރެއިން ސެށަނަކަށް ޓެކްސް އޭޖެންޓަކު ހާޒިރުނުވެއްޖެނަމަ، އެ ޓެކްސް އޭޖެންޓަށް ދޫކޮށްފައިވާ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ބާތިލުކުރެވޭނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެ ފަރާތެއްގެ ހުއްދަ ބާތިލުކޮށްފައިވާ ފަރާތަކުން އަލުން ހުއްދަ ހޯދަން އެދޭނަމަ، މިގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެންމެހައި ލިޔެކިޔުންތަކާއެކު، އައު ފޯމެއް ހުށަހަޅަންވާނެއެވެ. އަދި އެ ފަދަ ފަރާތްތަކުން، މި ގަވާއިދުގެ 7 ވަނ ަމާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކޮށް، އިމްތިހާނުން ފާސްވާންވާނެއެވެ. 

 

5 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ރޫލިންގއަށް އަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު