-

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 20-2017) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-69)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 20-2017 (މާލިއްޔަތުގެ ގަވާއިދު) އަށް 8 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10.55 ވަނަ މާއްދާ އަންނަނިވި ފަދައިން އިސްލާހުކުރުން.

އެއްބަސްވުމަށް ބަދަލުގެނައުން 10.55
 
(ހ) އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ނުވަތަ އެއްބަސްވުން އުވައިލަން ޖެހިއްޖެނަމަ، އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ. މި ހުއްދައިގެ އިތުރުން،އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ، މި މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުއްދަ ހޯދަންވާނެއެވެ.
 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްބަސްވުމަށް ގެނައުމަށް ނިންމައިފައިވާ ބަދަލުގެ ސަބަބުން، އެ އެއްބަސްވުމުގެ އަގަށް ބަދަލެއް އަންނާނެކަމަށް ފެންނަނަމަ، އަދި އެ ބަދަލާ ގުޅުވައިގެން އެ އޮފީހުން އިތުރު ހަރަދެއް ކުރަންޖެހޭނަމަ، އެ އެއްބަސްވުން އިސްލާހުކުރުމުގެ ކުރިން، އެ ހަރަދެއް އެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސޭނެކަން، މާލީ ޒިންމާދާރު ވެރިޔާ ކަށަވަރު ކުރަންވާނެއެވެ.

(ނ) އަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް، އެއްބަސްވުމުގެ އަގަށް އަންނަ ބަދަލުތަކަށް ހުއްދަ ދޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އާހަމަޔަށް އަގު އިތުރުކުރުމަށް ހުއްދަ ދެވޭނީ، އެ އެއްބަސްވުމެއްސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށެވެ.
  2. އެއްބަސްވުން އެވޯޑުކުރި ޖުމުލަ އަގުގެ %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރުވާނަމަ ހުއްދަ ދެވޭނީ، ނޭށަނަލް ޓެންޑަރ ބޯޑަށެވެ.
  3. މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ރޭޓަށް އަންނަ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގުގައި ހިމަނައިފައިވާ ޓެކުހުގެ އިންސައްތައަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެއްބަސްވުން އިސްލާހުކުރުމަށް އެ އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ އެންމެ އިސްވެރިޔާ ކަނޑައަޅާ ފަރާތަކަށް ހުއްދަ ދެވިދާނެއެވެ.

(ރ) އަމަލުކުރަމުންދާ އެއްބަސްވުމުގެ މައިގަނޑު ސްކޯޕް ބަދަލުނުވާނެ ގޮތަކަށް ،އެއްބަސްވުމުގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ ބިޑް ކޮމިޓީއަށް އެ އެއްބަސްވުން އެވޯޑުކުރި މުއްދަތު އިތުރުކުރުމަށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް، ކޮންޓްރެކްޓަރުގެ އިހުމާލުން ހިނގާ ކަމަކަށް މުއްދަތު އިތުރުކޮށްދީގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްބަސްވުމުގެ އަގަށް ގެނެވޭ ބަދަލަކާ ގުޅިގެން މުއްދަތަށް އެއްވެސް ބަދަލެއް ގެންނަނަމަ،މުއްދަތަށް ގެނެވޭ ބަދަލަށް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ފަރާތުންނެވެ. އަދި އެއްބަސްވުމުގެ މުއްދަތަށް ގެނެވޭ ބަދަލާ ގުޅިގެން އެއްބަސްވުމުގެ އަގަށް އެއްވެސް ބަދަލެއް އަންނަނަމަ،މުއްދަތަށް ގެނެވޭ ބަދަލަށް ވެސް ހުއްދަ ދޭނީ، މި މާއްދާގެ (ނ) ގައި އަގަށް ބަދަލު ގެނައުމުގެ ހުއްދަ ދިނުމަށް ދަރަޖަ ކުރެވިފައިވާ ފަރާތުންނެވެ.

(ޅ) އެއްބަސްވުމަށް ގެނެވޭ ބަދަލަކީ އެވޯޑު ކުރެވިފައިވާ މައިގަނޑު ސްކޯޕުގެ ތެރެއިން ގެނެވޭ ބަދަލެއްކަން އެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުންނާއި ހުއްދަ ދޭ ފަރާތުން ވެސް ޔަގީން ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން އެއްބަސްވުމަކަށް ބަދަލު ގެނައުމަށް ހުއްދަ ދިނުމުގެ ކުރިން، އެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދައުލަތުގެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ، އަންނަނިވިކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުލަތުގެ އޮފީހަކުން އަމަލުކުރަންޖެހޭ ބަޖެޓުގެ އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލުތަކާ ތައާރަޒު ނުވާނެކަން ޔަގީންކުރުން؛
  2. ވޭރިއޭށަނަށްވާ ފައިސާ ދައުލަތުގެ އޮފީހެއްގެ ބަޖެޓުން ހަމަޖެއްސުމާ ގުޅުވައިގެން، ބަޖެޓުން އެ އަހަރަކަށް ކުރުމަށް ކަނޑައަޅައިފައިވާ އެހެން ކަންތައްތަކަށް އަންނާނެ ބަދަލު ބަޔާންކުރުން.

(އ) އެއްބަސްވުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެއްބަސްވުމުގެ އަގަށް ނުވަތަ މުއްދަތަށް ބަދަލެއް އަންނަނަމަ ، އެއްބަސްވުމުގައި ސޮއިކުރާ ދައުލަތުގެ އޮފީހަކުން އެ ބަދަލެއް އެއްބަސްވުމަށް ގެންނަތާ، ސަރުކާރު ބަންދު ނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ދައުލަތުން މިފަދަ ކަންތައްތައް ށާއިއުކުރުމަށް ކަނޑައަޅައިފައިވާ ވެބްސައިޓެއްގައި ނުވަތަ އެ އޮފީހެއްގެ ވެބްސައިޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު