-

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2023-31)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖަނަވަރީ 2023 ގައި)

 

އެއްވަނަ ބާބު

އާންމު މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކުރެވިފައިވާ ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް ހިންގުމުގައި އަމަލުކުރާނ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 108 ވަނަ މާއްދާއިން ބާރު ލިބިގެން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް ހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދު ފާސްކޮށްފައިވަނީ، 14 ސެޕްޓެމްބަރު 2022 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުގެ 25 ވަނަ ބައްދަލުވުމުގައެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ދެވަނަ ބާބު

ކައުންސިލުގެ ރައީސާއި ނައިބު ރައީސާއި މެންބަރުން

 

4 ވަނަ މާއްދާ - ކައުންސިލުގެ ރައީސް

ރަށު ކައުންސިލުގެ ރައީސް އިންތިހާބުކުރާނީ، ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ.

 

5 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް

(ހ) ރަށު ކައުންސިލުގެ ނައިބުރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދީފިނަމަ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ،ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަން އަންގައި، ނައިބު ރައީސްގެ މަގާމު ހުސްވާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ މަގާމަށް އިންތިހާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، އެ ނޫން މައްސަލައަކާބެހޭ ގޮތުން ކައުންސިލުގައި މަށްވަރާކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިހާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން، ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
  2. ނައިބު ރައީސްކަމަށް މެންބަރަކު އިންތިހާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
  3. ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ.

(ށ) ކައުންސިލުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

7 ވަނަ މާއްދާ - ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދިނުން

(ހ) ކައުންސިލުގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަގާމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ.

 

9 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން

(ހ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި ވޯޓަށް އަހަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ.

  1. ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތު ދިނުން؛
  2. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ހުކުމެއް ކޮށްފި ހާލަތުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާމަރުހަލާ ފުރިހަމަކުރުމަކާ ނުލައި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށްކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެހުރި ކައުންސިލަރެއް އެޖެންޑާ ކުރަންވާނެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.

(ބ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިސްލާހުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުސަތެއް، ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ.

(ޅ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިސްލާހުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް 
ނަގަންވާނެއެވެ.

(ކ) ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހު ކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ

(ޅ) ގައި ބަޔާންކޮށްފައިވާ މަރުހަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަށްވަރާކޮށްގެން ނުވާނެއެވެ.

(އ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަގުލަބިއްޔަތުން އެކަން ފާސްވުމުންނެވެ.

(ވ) ކައުންސިލުގެ ނައިބު ރައީސް މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.

(މ) ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ލިޔެކިޔުމާއެކު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ކައުންސިލުން ފޮނުވަންވާނެއެވެ.

  1. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛
  2. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛
  3. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛
  4. އިސްލާހު ކުރުމަށް ފުރުސަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛
  5. އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛
  6. އިސްލާހުކުރަންވީ ކަންކަމާއި، އެ ކަންކަން އިސްލާހު ކުރުމަށް ދެވޭ މުއްދަތު އަންގައި ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި، ލިޔުން ހަވާލުކުރި ތާރީހު އެނގޭނެ ލިޔެކިޔުން؛
  7. ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން.

(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މައުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

(ދ) ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ރޫހާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށްޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ.

(ތ) ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ.

(ލ) ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަގާމަށް މެންބަރަކު އިންތިހާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދާއި ލޯކަލް ކައުންސިލްތަކުގެ އާންމު ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ.

(ގ) އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ކައުންސިލުގެމެންބަރުންގެ ތެރެއިން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވިފައި ނުވާނަމަ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާކޮށްގެން ނުވާނެއެވެ.

(ޏ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިސްލާހުކުރަންވީ ކަންކަމާއި އެ ކަންކަން އިސްލާހުކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގުނު ތާރީހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ.

(ސ) ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދިނުމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިސްލާހުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީހުން ފެށިގެންނެވެ.

(ޑ) މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ.

 

10 ވަނަ މާއްެދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތައް

ކައުންސިލުގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ށާއިއުކުރުމާއި ތަންފީޒުކުރުން.

(ށ) ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން.

(ރ) ކައުންސިލުގެ މަށްވަރާގެ މަތީން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޒަންތަކާއި ސެކްށަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން.

(ބ) ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ޅ) ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަދާ އެއްގޮތްވާ ގޮތުގެމަތީންތޯ ބެލުން.

(ކ) ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން.

(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން.

(ވ) ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.

(މ) ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ) އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން.

(ފ) ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން.

(ދ) ގައުމީ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.

(ތ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން.

(ލ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް

ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން.

(ށ) ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން.

(ނ) ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ރ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

12 ވަނަ މާއްދާ - ކައުންސިލު މެންބަރުންގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.

(ށ) ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން.

(ނ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން.

(ރ) ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި އަމަލީގޮތުން ބައިވެރިވުން.

(ބ) ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ރަށު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

(ޅ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

 

 

ތިންވަނަ ބާބު

ކައުންސިލުގެ ބައްދަލުވުން

 

13 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުން

ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ.

(ހ) ކައުންސިލުގެ އާންމު ބައްދަލުވުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން.

 

14 ވަނަ މާއްދާ - ބައްދަލުވުމުގެ ޤާނޫނީ އަދަދު

(ހ) ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާ ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން

(ހ) ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަނެއްގައި އެ މެންބަރަކަށް ހާއްސަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ.
  2. އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭށަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މައުލޫ މާތު ކައުންސިލުގެ އިދާރާއިން ރިކޯޑުކުރަން ވާނެއެވެ.
  3. ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާސަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭށަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ.
  4. މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވީ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ.
  5. ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގް ނޭޗަރ"އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއި ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ.
  6. ޒަމާނީ މުއާސަލާތީ ވަސީލަތް ނުވަތަ އެޕްލިކޭށަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭށަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ.

(ބ) ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީއާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭތޯ ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީން ނުކުރެވޭނަމަ، ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ.

(ޅ) ޒަމާނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަށްވަރާކުރާ ސިއްރު މައުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާހައުލަކުންނެވެ.

 

16 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ.

(ށ) ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ނ) ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިހްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.

(ރ) ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތުދިނުމުގެ ބާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް، މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ.

 

17 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ހަފުތާގެ އަންގާރަދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ، ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަގުލަބިއްޔަތަށް ފެނިއްޖެނަމަ، ހަފުތާއަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

18 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ

(ހ) ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ.

(ށ) ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ،އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލިޔުމަކުން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ.

(ނ) ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ކަމެއް ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ.

(ރ) ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިހްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ.

 

20 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން

އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ހ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލުގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދުން.

(ނ) ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެ ކައުންސިލެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލުގެ ރައީސަށް ފެނުން.

(ރ) އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލުގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން.

 

21 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން

ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު، ކައުންސިލުގެ ރައީސަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅައިފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެ މަތީން، ކައުންސިލުގެ ރައީސެވެ.

(ށ) ކައުންސިލުގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލުގެ ރައީސް ކަނޑައަޅާ ތަނާއި ގަޑިއާއި އެޖެންޑާ، ވީ އެންމެ އަވަހަކަށް، ކައުންސިލުގެ ރައީސް، ކައުންސިލުގެ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.

 

23 ވަނަ މާއްދާ - ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް 

އަންނަނިވި ކަންކަމުން ކުރެ ކަމެއް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ.

(ހ) ނައިބު ރައީސްގެ މަގާމަށް މެންބަރަކު ހޮވުމާއި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން.

(ށ) ކައުންސިލުގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނިއިތުރެއް ގެނައުން.

(ނ) ދަރަންޏަށް ޒިންމާވާ ގޮތަށް އެއްވެސް ލޯނެއް ނެގުން ނުވަތަ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން.

(ރ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުމާއި، ބަޖެޓު ފާސްކުރުން.

(ބ) ކައުންސިލުގެ ޕްލޭންތައް އެކުލަވައިލުމާއި ފާސްކުރުނ

(ޅ) ކައުންސިލުގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން.

 

24 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުން

(ހ) ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމައިފައިވާ ކަމެއް ކުރުމަށް މެންބަރަކު ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ކައުންސިލުގެ ރައީސަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ހާޒިރީގައި ފާހަގަކުރާނީ ސަލާމުގައި ހުރި މެންބަރެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކައުންސިލުގެ ރައީސަށް ނާންގައި، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތީން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލުގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތައް ކުރުމަށް ހާޒިރުނުވެ ހުރެގެން ނުވާނެއެވެ.

(ރ) ޗުއްޓީގައި ހުންނަ ކައުންސިލަރަކަށް ކައުންސިލުގެ އެދުމުގެ މަތިން ނުވަތަ އެ ކައުންސިލަރެއްގެ އެދުމުގެ މަތީން ކައުންސިލުގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ.

(ބ) ބައްދަލުވުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެ ކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެ ކައުންސިލަރަކާމެދު، ތިރީގައިވާ ގޮތުގެ މަތީން ކައުންސިލުން އަމަލުކުރަންވާނެއެވެ.

  1. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ ކައުންސިލުން ނަސޭހަތްދިނުން؛
  2. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަކާ ހިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލުގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ކަންތައް ތަކުރާރުވާނަމަ،އެ ކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން.

 

25 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން

(ހ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސެވެ. ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ.

(ށ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އެއްފަހަރާ ކައުންސިލުގެ ހިންގުމާ އެކަހެރިވާންވާނީ، ކައުންސިލުގެ ޖަލްސާއެއް ބާއްވައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަނު ކުރުމަށްފަހުގައެވެ.

(ނ) ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލް ހިންގާނެ މެންބަރަކު އައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް އަމަލުކުރަން ވާނެއެވެ.

 

26 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް ފެށުމާއި ނިންމުން

(ހ) މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިއުލާނުކުރަންވާނެއެވެ. މިގޮތުން، ބައްދަލުވުން ފަށަމުން "بسم االله الرمحن الرحيم، احلمد الله، والصالة والسالم على رسول االله، وعلى آله وصحبه ومن واالہ. ކައުންސިލުގެ ބައްދަލުވުން ފެށުނީ" މިގޮތަށް، އަދި ބައްދަލުވުން ނިންމަމުން "واحلمد الله رب العاملني. ކައުންސިލުގެ ބައްދަލުވުން ނިމުނީ" މި ގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިއުލާނުކުރަންވާނެއެވެ.

(ށ) ބައްދަލުވުން ބޭއްވުމަށް ކަނޑައަޅައިފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ގާނޫނީ އަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ގާނޫނީ އަދަދު ހަމަވާނަމަ، މެންބަރުންގެ އަދަދު ރިޔާސަތުން އިއުލާނުކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ގާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވޭތޯ 15 (ފަނަރަ) މިނިޓު ބަލަންވާނެއެވެ. މި ވަގުތު ފަހަނަޅައިދިއުމުން ވެސް ގާނޫނީ އަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - އެޖެންޑާ އިއްވުމާއި ފާސްކުރުން

(ހ) ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތީން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ.

(ށ) އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ.

(ނ) އާންމު ބައްދަލުވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، އާން މު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެން ވެސް ނުވާނެއެވެ.

 

28 ވަނަ މާއްދާ - އެޖެންޑާއާއި ބައްދަލުވުން އެއްގޮތަށް ކުރިޔަށް ގެންގޮސް ބަހުސަށް ހުޅުވައިލުން

(ހ) ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނައިފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެ މަތީން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސްގެ ފުރުސަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމުލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ އިހްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެ މަތީން ފުރުސަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމުލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުސަތުގެ ދިގުމިން، ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން އިއުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތު ދޭންވާނީ، ހަމަހަމަ އުސޫލަކުންނެވެ.

 

29 ވަނަ މާއްދާ - ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ.

(ށ) ބަހުސްގައި ބައިވެރިވުމަށް ފުރުސަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުސަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުންފުރުސަތު ދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް

ކައުންސިލުގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކު ވެސް، އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކު ވެސް އެ ދެމެދަށް ހުރަސް ނޭޅުން.

(ށ) ހުށަހަޅައިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.

(ނ) އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވެ، ވާހަކަދެއްކުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެ މަތީން ވާހަކަދެއްކުން.

 

31 ވަނަ މާއްދާ - ބަހުސް ނިންމުން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމުލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީވުމަށާއި ފަހުބަސް ބުނުމަށް، މަދުވެގެން 3 (ތިނެއް) މިނިޓު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުސަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިއުލާނުކުރުމުން، އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ.

 

32 ވަނަ މާއްދާ - މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން

(ހ) ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅި ބަހުސް ކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު އަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވައިލަންވާނެއެވެ. އަދި އެފަދައިން ފުރުސަތަށް އެދުމާއި ފުރުސަތު ދިނުމުގައި އަމަލުކުރަންވާނީ، މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަހުސްގެ މަރުހަލާގެ ތެރެއިން، މައްސަލައާ މެދު އަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިހްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - ވާހަކައިގެ މެދުތެރެއިން ހުއްޓައިލަންޖެހުން

މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ދިމާވެއްޖެނަމަ،އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓައިލަންވާނެއެވެ.

(ހ) މެންބަރަކު ދައްކާ ވާހަކައަކީ، އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ށ) މެންބަރަކު ވާހަކަދައްކަނީ ކައުންސިލުގައި ވާހަކަދެއްކުމުގެ އަދަބުތައް ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ތައާރުޒުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

(ނ) މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއް ނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން.

 

34 ވަނަ މާއްދާ - ވާހަކަ ހުއްޓައިލަން އެންގި ސަބަބު ބަޔާންކުރުން

މެންބަރެއްގެ ވާހަކަ ހުއްޓައިލުމަށް ރިޔާސަތުން އަންގައިފިނަމަ، އެ ވާހަކައެއް ހުއްޓައިލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުމެއްގައި ކުރުން ހުއްދަ ނޫން ކަންކަން

ކައުންސިލުގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން.

(ށ) ބައްދަލުވުން ހިނގަމުންދާއިރު، ކައުންސިލުގެ ހުރުމަތް ކެނޑޭފަދަގޮތަކަށް، ނޫސް މަޖައްލާ ފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކައި ހެދުމާއި، ބައްދަލުވުމުގެ އަޑުއެހުމަށް އައިސްތިބޭ މީހުންނަށް އިށާރާތްކޮށް މުއާމަލާތުކޮށްހެދުން.

(ނ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ ނުވަތަ ޓޭޕް ރެކޯޑަރ ނުވަތަ ކެމެރާ ނުވަތަ މަންޒަރު ނުވަތަ އަޑު ރިކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލުގެ ބައްދަލުވުންތަކުގައި ބޭނުންކުރުން.

(ރ) މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް، އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން.

(ބ) ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރިކޯޑުކުރުން.

 

36 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ، ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

  1. ކައުންސިލުގެ ނައިބު ރައީސް މަގާމުން ދުރުކުރުން؛
  2. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުން ކުރެ ކަމެއް ފާސްކުރެވޭނީ، މުޅި ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ.

  1. އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛ 
  2. ރަށްރަށުގެ މަގާއި ޕާކުތަކާއި މައިޒާން ފަދަ އާންމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން؛
  3. ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ނައްތައިލުން ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން؛
  4. ކައުންސިލުން މާލީ ކަންކަމުގައި ލުއިދިނުން.

 

37 ވަނަ މާއްދާ - ކައުންސިލުން ކަމެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް

ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދޭންވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްގީގެ ޕްލޭނާއި ގައުމީ ތަރައްގީގެ ޕްލޭނާ ތައާރުޒުނުވާ ގޮތުގެ މަތީންނެވެ.

 

38 ވަނަ މާއްދާ - މާލީ ކަންކަން ނިންމުން

(ހ) ކައުންސިލުގެ ބަޖެޓު ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން އަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ގާނޫނުތަކާއި، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫ ލުން ހިންގުމުގެ ގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މާ ފުކުރަން ނުވަތަ 
ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ، އެކަން ކުރަންވާނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.

 

39 ވަނަ މާއްދާ - ވޯޓު ދިނުން

(ހ) ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓުދޭނީ، އަތް އުފުލައިގެންނެވެ.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓު ނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ.

 

40 ވަނަ މާއްދާ - ރިޔާސަތުން ވޯޓުގައި ބައިވެރިވުން

ކައުންސިލުން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓުގައި ބައިވެރިވެވޭނީ، ވޯޓު އެއްވަރުވެއްޖެ ހާލަތުގައެވެ. ނަމަވެސް، ކައުންސިލުގެ ފުލް މެޖޯރިޓީން ކަމެއް ނިންމަންޖެހޭ ހާލަތުގައި މަދުވަނީ އެއްވޯޓު ކަމަށްވާނަމަ، ރިޔާސަތުން ވޯޓުގައި ބައިވެރިވާން ވާނެއެވެ.

 

41 ވަނަ މާއްދާ - ވޯޓު ގުނައި ތަފުސީލު ރިކޯޑުކުރުމާއި ނަތީޖާ އިއުލާނުކުރުން

ވޯޓު ގުނައި، އޭގެ ތަފުސީލު ރިކޯޑު ކުރާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ، ބައްދަލުވުމުގެ ރިޔާސަތުންނެވެ.

 

42 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތު

ކައުންސިލުގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑުއެއްބަފާ މީހެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލުގަ އި މަށްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ.

 

43 ވަނަ މާއްދާ - ނިންމުންތައް ހާމަކުރުން

(ހ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ، ސައްހަ އަމުރުތަކެއް ކަމުގައި ނުބެލެވޭނެއެވެ.

(ށ) ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރުމަށް ޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑުގެ އިތުރުން، ކައުންސިލުގެ ވެބްސައިޓާއި ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ ގަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

 

44 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލުގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

 

45 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ޔައުމިއްޔާ

(ހ) ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.

(ށ) އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީހާއި ތަނާއި ވަގުތުގެ އިތުރުން، އެ ބައްދަލުވުމުގައިކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ، އެކަމުގެ މައުލޫމާތު ވެސް ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިސްލާހުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ ބެލެވޭނީ، ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ.

 

 

ހަތަރުވަނަ ބާބު

ކައުންސިލުގެ އިދާރާ

 

46 ވަނަ މާއްދާ - ކައުންސިލުގެ އިދާރާ

ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ، އެކަމަށް ޓަކައި ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރާ އިދާރާއިންނެވެ.

 

47 ވަނަ މާއްދާ- ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް

(ހ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލުގެ ލަފަޔާއެކުކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ށ) ކައުންސިލުގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ފަރާތަކީ ވެސް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ.

 

48 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް

ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

(ށ) ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސް، ނުވަތަ ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން.

(ނ) ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.

(ރ) ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން.

(ބ) ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލަށް ލަފާދިނުން.

(ޅ) ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި، ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން.

(ކ) ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓުތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި، ކައުންސިލުން ނިންމާ ގޮތެއްގެ މަތީން ތަންފީޒުކުރުން.

(އ) ކައުންސިލުގެ މަސައްކަތްތައް ތަރައްގީކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލުގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލުގެ ރައީސަށް ލަފާދިނުން.

(ވ) ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލުގެ ރައީސްގެ ލަފާގެ މަތީން، ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން.

(މ) ކައުންސިލުގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ޓަކައި ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ބައިވެރިވުން.

(ފ) ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަށްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.

(ދ) ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ސިވިލް ސަރވިސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައްކުރުން.

(ތ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން.

 

49 ވަނަ މާއްދާ - މީޑިއާއަށް މައުލޫމާތު ދިނުން

ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ، ކައުންސިލުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ މަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.

 

 

ފަސްވަނަ ބާބު

އަންހެނުން ގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އޮންނަ ގުޅުން

 

50 ވަނަ މާއްދާ - ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން

ކައުންސިލުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެހީތެރިވުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެށްޓެއް ގާއިމުކޮށްދިނުން.

(ށ) ރަށު ތަރައްގީގެ ޕްލޭނާއި، ފައިނޭންށަލް ޕްލޭނާއި މަސައްކަތު ތާވަލާއި ލޭންޑް ޔޫޒް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމިޓީގެ ބައިވެރިވުމާއި ލަފަޔާއި މަށްވަރާ ހޯދުން.

(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަށްވަރާ ދިނުން.

(ރ) މަދުވެގެން މަހަކު 1 (އެކެއް) ފަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރުން. އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދިއްޖެނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން.

(ބ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން.

(ޅ) ކައުންސިލުތަކުން އާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މައުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން.

(ކ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްގީގެ ޕްލޭނުގައި ހިމެނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަ ސައްކަތު ތާވަލާއި ބަޖެޓު އެކުލަވައިލުމުގައި ކޮމިޓީއަ ށް އެހީތެރިކަން ފޯރުކޮށްދިނުން.

(އ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ ގާބިލުކަމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް ޓަކައި ދޭންޖެހޭ ތަމްރީނުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން.

(ވ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

(މ) އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލުގެ އެހީތެރިކަމަށް ކޮމެޓީން އެދިއްޖެނަމަ، ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

 

ހަވަނަ ބާބު

ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން

 

51 ވަނަ މާއްދާ - ގައުމީ އިދާރާއާ އޮންނަ ގުޅުން

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 9 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ.

 

 

ހަތްވަނަ ބާބު

އެހެނިހެން ކަންކަން

 

52 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

(ހ) މި ގަވާއިދަށް ނުވަތަ ގަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާހެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިސްލާހެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް، ސަރުކާރުގައި ގެޒެޓުގައި ށާއިއުކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ގަވާއިދަށް ގެނެވޭ އިސްލާހުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި ކައުންސިލުގެ ރަސްމީ ވެބްސައިޓާއި، ކައުންސިލުގެ ރަސްމީ ސޯށަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކުރަން ވާނެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ނިންމާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

54 ވަނަ މާއްދާ - އިޖުރާއީ ގަވާއިދާ ފުށުއެރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް، ގަވާއިދު ނަންބަރު 2021-143 (ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދު) އާ ފުށުއަރައިފިނަމަ އިސްކަންދެވޭނީ،ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށެވެ.

 

55 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ގަވާއިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްއުކޮށް ބޭނުންކުރާ މާނަ ވެސް ހިމެނިގެންވެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލަށެވެ.

(ށ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުގެ މެންބަރުންނަށެވެ.

(ނ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަރާތެއް ނުވަތަ އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުރި މުވައްޒަފަށެވެ.

(ރ) "ގައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި،އޮފީސްތަކާއި، އެ ތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި،ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.

 

ޖަދުވަލު 1

 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު