-

ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-81) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-237)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 ޑިސެމްބަރު 2022 ގައި)

ގަވާއިދު ނަންބަރު 2022-81 (ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އެއީ އެ ގަވާއިދުގެ 1-3 ވަނަ މާއްދާކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އެ މާއްދާ އިސްލާހުކުރުން.

3-1. އަމިއްލަ ފަރާތްތަކުން މަރުކަޒުތައް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

ދިވެހިރާއްޖެއިން ބޭރުގެ އަމިއްލަ ފަރާތްތަކުން، ދިވެހިރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ރަޖިސްޓަރީީ ކުރުމަށް އެދި ހުށަހެޅޭނީ އަންނަނިވި ގިންތިތަކުގެ ތެރެއިންނެވެ.

 

2 ވަނަ މާއްދާބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

4-1. ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން މަރުކަޒު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން މަރުކަޒު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅޭނީ، ދިވެހި ސަރުކާރުގެ މަތީ ތައުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ ހުއްދަޔާއެކު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) ދިވެހި ސަރުކާރުން ދައުވަތު ދީގެން، ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ގައުމެއްގެ ސަރުކާރު ހިއްސާވާ، ރާއްޖެއިން ބޭރުގެ މަތީތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ކެމްޕަސްތައް.

(ށ) ބޭރު ގައުމެއްގެ ސަރުކާރުން އެދިގެން، ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ ގައުމެއްގެ ސަރުކާރު ހިއްސާވާ، ރާއްޖެއިން ބޭރުގެ މަތީތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ކެމްޕަސްތައް.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

5-1. ދިވެހި ސަރުކާރުން ނުވަތަ ބޭރުގެ ސަރުކާރަކުން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ މަރުކަޒެއްގެ ކެމްޕަސްތަކަށް ހާއްސަވާ ސިފަތައް

މި ގަވާއިދުގެ އެހެން މާއްދާތަކުގައި ބާޔާންވެގެންވާ ކަންކަމުގެ އިތުރުން،އަންނަނިވި ސިފަތައް، ދިވެހި ސަރުކާރުން ދައުވަތު ދީގެން ނުވަތަ ބޭރުގެ ސަރުކާރަކުން އެދިގެން، ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ މަތީތައުލީމުދޭ މަރުކަޒުތަކުގެ ކެމްޕަސްތަކަށް ހާއްސަވާނެއެވެ.

(ހ) ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަން ފުރުސަތުދޭ މަރުކަޒަކީ، އެ މަރުކަޒު ނިސްބަތްވާ ގައުމުގެ ސަރުކާރު ހިއްސާވާ، މަތީ ތައުލީމާއި ތަމްރ ނުދޭ މަރުކަޒެއް ކަމުގައި ވާންވާނެއެވެ.

(ށ) ރަޖިސްޓަރީ ކޮށްދެވޭ މަތީ ތައުލީމާއި ތަމްރީނުދެވޭ މަރުކަޒު ވާންވާނީ، ދިވެހިރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ ތަނަކަށެވެ.

(ނ) ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލ މަންފާއެއް ނުވަތަ ފީ އެއް ނަގާގޮތަށް ވިޔަފާރި އުސޫލުން ހިންގޭ މަރުކަޒެއްކަމުގައި ވެގެން ނުވާނެއެވެ.

(ރ) މަރުކަޒުގައި ހިންގޭނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމްތަކުގެ ތެރެއިން މިނިސްޓްރން ހުއްދަދޭ ޕްރޮގްރާމްތައް އެކަންޏެވެ.

(ބ) މަރުކަޒުގައި ކިޔަވައިދޭ ހުރިހާ ޕްރޮގްރާމްތަކަށް ސަނަދު ދޫކުރަންވާނީ،އެ މަރުކަޒު ނިސްބަތްވާ މައި އިދާރާއިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި، އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

8. (ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ދިވެހި ސަރުކާރުން ދައުވަތު ދީގެން ނުވަތަ ބޭރުގެ ސަރުކާރަކުން އެދިގެން، ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ކެމްޕަސްތަކަށް އިސްތިސްނާ ކުރެވޭނެއެވެ. އަދި އެފަދަ މަރުކަޒުތަކުގައި ރަޖިސްޓަރީ ވެގެން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލ މަންފާއެއް ހޯދުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި، އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން.

13. (ނ) ދިވެހި ސަރުކާރުން ދައުވަތު ދީގެން ނުވަތަ ބޭރުގެ ސަރުކާރަކުންއެދިގެން، ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ މަތީތައުލީމުދޭ މަރުކަޒުތަކުގެ ކެމްޕަސްތަކަށް މި މާއްދާގެ (ހ) ގައިވާ ކަންކަން އިސްތިސްނާވާނެއެވެ. އެ ފަރާތްތަކުން މަރުކަޒު ރަޖިސްޓަރީ ކުރުމުގެ އެންމެހައި ކަންކަން ފުރިހަމަކުރުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އެކުލަވައިލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިސްޓްރ އަށެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން.

29. (ނ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލ މާއި ތަމްރީނު ދިނުމަށް މިނިސްޓްރީ ގައި ރަޖިސްޓަރީ ކޮށްގެން ހިންގާ، ބޭރުގެ ފަރާތަކުން ދިވެހިރާއްޖޭގައި އަލަށް ހުޅުވާ އިންސްޓިޓިއުޓް، ބޭރު ގައުމެއްގައި ހިންގާ އިންސްޓިޓިއުޓެއްގެ ކެމްޕަހެއް، ބޭރު ގައުމެއްގައި ހިންގާ ކޮލެޖެއްގެ ކެމްޕަހެއް، ބޭރު ގައުމެއްގައި ހިންގާ ޔުނިވަރސިޓީ އެއްގެ ކެމްޕަހެއް އަދި ދިވެހި ސަރުކާރުން ދައުވަތު ދީގެން ނުވަތަ ބޭރުގެ ސަރުކާރަކުން އެދިގެން ދިވެހި ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ގެނެވޭ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގެ ކެމްޕަސްތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން. 

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-81)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-81)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު