-

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 311-2014) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-66)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 މޭ 2022 ގައި)

 

ގަވާއިދު ނަންބަރު 311-2014 (ސިވިލް ސަރވިސްގެ ގަވާއިދު 2014) އަށް 10 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 88 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
ވަޒީފާގެ ކުރިއެރުން ދިނުން 88.

(ނ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 116 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

އުޖޫރަ 116.

(ބ) ސިވިލް ސަރވިސްގެ ވަގުތީ މަސައްކަތްތަކަށް ހޮވާ ވަގުތީ މުވައްޒަފުންގެ ތެރެއިން، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ހޮވާ ވަގުތީ މުވައްޒަފުންނާއި، އެ ޕޭ ފްރޭމްވަރކުގައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުކުރެވޭ ވަގުތީ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކާއި އެލަވަންސްތައް ދޭންވާނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކުގައްޔާއި ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަޒީފާއަކަށްއައްޔަނުކުރާ ހާލަތްތަކުގައި މުސާރައާއި އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

3 ވަނަ މާއްދާ - 3. ބުނެވިދިޔަ ގަވާއިދުގެ 149 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު 149.

ސިވިލް ސަރވިސްގެ މުވައްޒަފަކަށް ދުވަހަކަށްޖެހޭ މުސާރައިގެ އަދަދު ބަލާނީ، މުވައްޒަފުގެ މުސާރަ 30 (ތިރީސް) އިން ގެއްލައިގެންނެވެ. މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު ބަލާނީ، އެ އިރެއްގައި ސަރުކާރުން ކަނޑައަޅައިފައިވާ ރަސްމީ މަސައްކަތު ގަޑިން ގެއްލައިގެންނެވެ. އަދި މިނެޓަކަށް ޖެހޭ އަދަދު ބަލާނީ،މުވައްޒަފުގެ މުސާރައިން ގަޑިއަކަށް ޖެހޭ އަދަދު 60 (ފަސްދޮޅަސް) އިން ގެއްލައިގެންނެވެ. ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދުވަހަކަށްޖެހޭ މުސާރައިގެ އަދަދު ބަލާނީ،ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 150 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުސާރަ ކަނޑައެޅުން 150.

2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެމުވައްޒަފުންނަށް، މުސާރައާއި އިނާޔަތްތަކާއި އެލަވަންސްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 152 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުވައްޒަފުންގެ މުސާރަ ކަނޑައެޅުން 152.

(ހ) ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާ ދޭއިރު، އެ މުވައްޒަފެއްގެ މުސާރަ އޮންނަންވާނީ ކަނޑައަޅައިފައެވެ. މިގޮތުން ކަނޑައެޅޭ މުސާރަ ވާންވާނީ، އެ މުވައްޒަފަކު އައްޔަނު ކުރެވޭ ވަޒީފާ ހިމެނޭ ވަޒީފާގެ ފަންތިއަށް ކަނޑައަޅައިފައިވާ އޮނިގަނޑުގައިވާ މުސާރައަކަށެވެ. ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތްތަކާއި ތަފާތު ހާލަތްތަކާ ގުޅޭގޮތުން ދޭ އެލަވަންސްތަކަކީ ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅާ އާންމުކުރާ މިންގަނޑުތަކުގައިވާ ގޮތުގެ މަތީން ދެވޭ މުސާރައާއި އިނާޔަތްތަކާއި އެލަވަންސްތަކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 156 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މުސާރައިގެ ކުރިއެރުން ދިނުން 156.

މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފަކު ހިމެނޭ އޮނިގަނޑުގައިވާ ގޮތުގެ މަތީންނެވެ. ނުވަތަ މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީންނެވެ. ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައާއި މަގާމުގެ ކުރިއެރުން ދޭނީ،ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 160 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

މުސާރައިން އުނިކުރުން 160.

(ބ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، މުވައްޒަފު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ އަސާސީ މުސާރައިންނާއި މަގާމުގެ އެލަވަންސުން އުނިކުރާނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 162 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ތައާރުފު 162.

(ރ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، އިނާޔަތްތަކާއި އެލަވަންސްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 163 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

އިތުރުގަޑީގެ ފައިސާ 163.

(ފ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަ މަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 164 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

އިސްތިސްނާ ކުރެވޭ ފަރާތްތަކަށް އިތުރުގަޑީގެ ފައިސާ ދިނުން 164.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރާނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 167 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ހާއްސަ އެހީގެ ފައިސާ 167.

(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޖާނަށް ނުވަތަ ސިއްހަތަށް ލިބޭ ގެއްލުމުގެ ސަބަބުން އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވަނިކޮށް ނިޔާވުމުން އިނާޔަތް ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅުންހުރި އިނާޔަތްތައް ދޭނެ ގޮތުގެ އާންމު މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 176 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަސްމީ ބަންދު ދުވަސްތައް 176.

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ރަސްމީ ބަންދު ދުވަސް ކަމަށް ބުނެފައިވާ ދުވަސްތަކާއި، ބަންދު ދުވަހެއް ކަމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ދުވަސްތަކަކީ، ސިވިލްސަރވިސްގެ ރަސްމީ ބަންދު ދުވަސްތަކެވެ.

(ށ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ރަސްމީ ބަންދު ދުވަސްތައްކަމުގައި ކަނޑައަޅައިފައިވާ ދުވަސްތަކަކީ ސިވިލް ސަރވިސްގެ ރަސްމީ ބަންދު ދުވަސްތަކެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 177 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަންދު ދުވަހުގެ އިނާޔަތް 177.

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ބަންދު ދުވަސްކަމަށް ކަނޑައަޅައިފައިވާ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއަށް ނުކުންނަން ޖެހިއްޖެނަމަ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 38 މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތްދޭން ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފަށް އިނާޔަތް ދެވޭނެއެވެ.

(ށ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 38 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރުވައިފި ނަމަ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން އިނާޔަތް ދޭނެ ގޮތުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީން އިނާޔަތް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 227 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

65 އަހަރު ވުމުން ވަޒީފާއިން މުސްކުޅި ކުރުން 227.

(ށ) އުމުރުން 65) ފަސްދޮޅަސްފަހެއް) އަހަރުވުމުން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާ މުވައްޒަފުންނަށް ދޭ މުސްކުޅި ކުރުމުގެ އިނާޔަތް، މި ގަވާއިދުގެ ޖަދުވަލު 17 ގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ. ނަމަވެސް، 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާއިން މުސްކުޅިކުރުމުން އިނާޔަތް ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 228 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

55 އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން 228.

(ބ) 2022 މޭ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރާ ދައުލަތުގެ ޕޭ ފްރޭމްވަރކުގައި ކަނޑައަޅައިފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާއިން މުސްކުޅިކުރުމުން އިނާޔަތް ދޭނީ، ނޭށަނަލް ޕޭ ކޮމިށަނުން ކަނޑައަޅައިފައިވާ "ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑު" ގައިވާ ގޮތުގެ މަތީންނެވެ.

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރިހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު 2014-311)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2014 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-311)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު