-

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2022-185)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ނޮވެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތެރިންގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ހިންގުމާ ގުޅޭގޮތުން، އެ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ހިންގުމުގެ އުސޫލުތަކާއި، ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ކައުންސިލު ގެ މަސްއޫލިއްޔަތުތައް

(ހ) ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޓަކައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޓަކައި ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމުގެ ށަރުތުތައް ކަނޑައެޅުން.

(ށ) މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.

(ނ) މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށް ޓަކައި ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން.

(ރ) ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނު ދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ށަރުތުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކުރެޑިޓްކުރުން.

(ބ) މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުން ރަޖިސްޓަރީ ކުރުމާއި، އެ މީހުންގެ ރަޖިސްޓަރީ ބާތިލުކުރުން.

(ޅ) މެޑިކަލް ޕްރެކްޓިށަނަރުންނަށާއި ޑެންޓަލް ޕްރެކްޓިށަނަރުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ލައިސަންސް ބާތިލުކުރުން.

(ކ) މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުން އެ މީހުންގެ މަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން.

(އ) މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެ ކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެ މީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުން ދިޔުން.

(ވ) މެޑިކަލް ޑެންޓަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުން، އެ މީހުންގެ ވަޒީފާ އަދާކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(މ) ރަޖިސްޓަރީކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާނުތަކަށާއި، ކައުންސިލުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން.

(ފ) ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ތައާރުޒު ނުވާނެ ގޮތެއްގެ މަތީން ކޮމެޓީތަކާއި ބޯޑުތައް އުފެއްދުން.

(ދ) މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުންގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި އައު އުސޫލުތައް ތައާރަފުކުރުމާއި، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް ޓަކައި އުސޫލުތައް ތައާރަފުކުރުމާއި، މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ އުސޫލުތަކަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން.

(ތ) ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

(ލ) ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ކައުންސިލުން ކުރުމަށް ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

5 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާ ގޮތް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
(ހ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުންގެ ތެރެއިން އައްޔަނުކުރާ 3 (ތިނެއް) މެޑިކަލް ޕްރެކްޓިށަނަރުން.

(ށ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުންގެ ތެރެއިން އައްޔަނުކުރާ ޑެންޓަލް ޕްރެކްޓިށަނަރެއް.

(ނ) މިނިސްޓަރު އައްޔަނުކުރާ ފަރާތެއް.

(ރ) މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއް ކަމުގައި ނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް.

(ބ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ، މެޑިކަލް ރޮނގުން ނުވަތަ ޑެންޓަލް ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް.

(ޅ) ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަމްރީނު ލިބިފައިވާ ގާނޫނީ ވަކީލެއް.

(ކ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް.

 

6 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތުތައް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި، އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް އައްޔަނުކުރާ 3 (ތިނެއް) މެންބަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) މެންބަރު ވާންވާނީ، ސްޕެށަލިސްޓަކަށެވެ. އަދި މަދުވެގެން 1 (އެކެއް) މެންބަރު ވާންވާނީ، 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅުތެރޭގައި ލިބިފައިވާ މީހެއް ކަމުގައެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް މިނިސްޓަރު އައްޔަނުކުރާ މެންބަރު ވާންވާނީ، މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތްކުރާ ނުވަތަ ކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނުގައި ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް އައްޔަނުކުރާ ކޮންމެ މެންބަރެއްގެ ކިބައިގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

 

7 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށްމެންބަރުން އައްޔަނުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މެންބަރުން އައްޔަނުކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރާނީ މިނިސްޓްރީންނެވެ. އަދި އެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް އައްޔަނުކުރާނީ، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރުމުން، އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، އެންމެ ގިނަ މާކްސް ލިބޭ ބައެކެވެ.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި ދާއިރާތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރުމުން، އެ ދާއިރާތަކުން ކުރިމަތިލާ މީހުންގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސިލެކްށަން ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މަގާމުތަކަށް މެންބަރުން ހޮވުމަށް ޓަކައި، އަންނަނިވި މެންބަރުންގެ މައްޗަށް އެކުލެވޭ ސިލެކްށަން ކޮމިޓީއެއް، މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

  1. މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  2. ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 1 (އެކެއް) މެންބަރު؛
  3. މަދަނީ ޖަމްއިޔާއެއްގެ 1 (އެކެއް) މެންބަރު.

(ރ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި މަގާމުތަކަށް ކުރިމަތިލާ މީހުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މަގާމުތަކަށް ހޮވުމުގައި ސިލެކްށަން ކޮމިޓީން މާކްސްދޭނެ އުސޫލު، ދުރާލައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން ކައުންސިލަށް މެންބަރުން ހޮވުމުން ނުވަތަ އައްޔަނުކުރުމުން، ކައުންސިލް އެކުލަވައިލާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

8 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، މި ގަވާއިދުގެ ދަށުން އައްޔަނު ކުރެވޭ މެންބަރުންގެ ކިބައިގައި، ތިރީގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަ ވާންވާނެއެވެ.

  1. ދިވެހި ރައްޔިތެއް ކަމުގައި ވުން؛
  2. ކައުންސިލުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައްއަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައި ވުން؛ 
  3. އިސްލާމުދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
  4. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  5. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެމަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން؛
  6. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެމަސައްކަތްތެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  7. ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  8. ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއްނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  9. ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތައޭނާގެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން؛
  10. ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން؛
  11. ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ށ) ކައުންސިލުގައި، މަދުވެގެން، އަންހެން 1 (އެކެއް) މެންބަރާއި، ފިރިހެން 1 (އެކެއް) މެންބަރު ހިމެނެންވާނެއެވެ.

(ނ) ކައުންސިލުގެ އިސް މުވައްޒަފެއްގެ ގޮތުގައި މެންބަރެއްގެ އާއިލާގެ މީހަކު ހިމެނިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް ޓަކައި އާއިލާގެ މީހެއް ކަމުގައި ބެލެވޭނީ، އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ މަންމަ، ނުވަތަ ބައްޕަ، ނުވަތަ ދަރިއަކު،ނުވަތަ އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށެވެ.

 

9 ވަނަ މާއްދާ - ކައުންސިލު ގެ ރައީސާއި ނައިބުރައީސް އައްޔަނު ކުރުން

(ހ) ކައުންސިލުގެ ރައީސާއި ނައިބު ރައީސް އައްޔަނު ކުރާނީ، ކައުންސިލުގެ ބައްދަލުވުމެއްގައި، ކައުންސިލުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން،ކައުންސިލުގެ މެންބަރުންގެ ޖުމުލަ އަޣްލަބިއްޔަތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސާއި ނައިބު ރައީސް ވާންވާނީ، މެޑިކަލް ޕްރެކްޓިށަނަރުންގެ ތެރެއިން ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރުންގެ ތެރެއިން ކައުންސިލަށް އައްޔަނުކުރާ މެންބަރަކަށެވެ.

(ނ) ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރާ މީހަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއްގެ ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ އިސް މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތު

ކައުންސިލުގެ ރައީސަކީ، ކައުންސިލުގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކައުންސިލުގެ މަސްއޫލިއްޔަތުތައް ކަމުގައި ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުން މެދުވެރިކޮށް ކުރުވުން.

(ށ) ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ކައުންސިލުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

(ރ) ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ބ) ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރެވެމުންދާކަން ކަށަވަރުކުރުން.

(ޅ) ކައުންސިލުގެ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރަށް ޖަވާބުދާރީވުން.

(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ކައުންސިލުން ނުވަތަ މި ގަވާއިދުގެ ދަށުން ރައީސް ގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލު ގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

ކައުންސިލުގެ ރައީސްގެ މަގާމު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހިނދެއްގައި ނުވަތައުޒުރުވެރިވެއްޖެ ހިނދެއްގައި، ނުވަތަ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ، ކައުންސިލުގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކައުންސިލުގެ ރައީސް، ކައުންސިލުގެ ނައިބު ރައީސާ ހަވާލުކުރާމަސްއޫލިއްޔަތުތައް ވެސް އޭނާ އަދާކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލު ގެ މެންބަރުންގެ މަސްއޫލިއްޔަތު

(ހ) ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

  1. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވުން؛
  2. ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  3. ކައުންސިލުން ބަލާ ށަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި، ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި،ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  4. މުޖްތަމައުގެ ތެރޭގައި އުޅުމުގައި، ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހްލާގީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތަކާއި، އަބުރުވެރިކަން ހިފެހެއްޓުން؛
  5. ޒާތީ ތައައްސުބުން އެއްކިބާވެހުރެ، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  6. މަތީގައި ބަޔާންކޮށްފައިވާ ކަންކަންމުގެ އިތުރުން، ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެހެނިހެން މަސައްކަތްތައް.

(ށ) ކައުންސިލުގެ ކޮންމެ މެންބަރަކު ވެސް ކައުންސިލަށް ހިދުމަތްކުރަންވާނީ، އެ މީހެއްގެ ފަންނީ އިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި،އަދުލުވެރިކަމާއި، އިންސާފުވެރިކަމާއި، މުހްތަރިފްކަމާ އެކުގައެވެ. އަދި އޭނާއާހަވާލުކުރެވޭ ކަންކަން ކުރަންވާނީ، އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތް ނަމަވެސް، އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއް އޮތް މައްސަލައެއްކަން ކައުންސިލުގެރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވީ ކައުންސިލުގެ ރައީސަށް ކަމުގައި ވާނަމަ، ކައުންސިލުގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވާންވާނެއެވެ.

 

13 ވަނަ މާއްދާ - މެންބަރުން މަގާމާއި ހަވާލުވުން

(ހ) ކައުންސިލުގެ މެންބަރަކަށް އެ މެ ންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ކައުންސިލުގެ މެންބަރެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިވަންކަމާއި އަދުލުވެރިކަމާއި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި، އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިގްރާރުވުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ އިގުރާރު އޮންނަވީ ގޮތުގެ ނަމޫނާ ، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާނެއެވެ.

 

14 ވަނަ މާއްދާ - މެންބަރުންގެ ދައުރު 

(ހ) ކައުންސިލަށް އައްޔަނުކުރާ މެންބަރުން އެ މަގާމުގައި ދެމިތިބޭނީ، އެ މީހަކު މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލަށް މެންބަރުން އައްޔަނުކުރާ މުއްދަތު ހަމަވުމުން، އިތުރު 5 (ފަހެއް) އަހަރުގެ 1 (އެކެއް) ދައުރަށް، އެ މެންބަރުން ކައުންސިލަށް އައްޔަނު ކުރެވިދާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން މެންބަރުކަމަށް އައްޔަނުކުރާ އެއްވެސް މީހަކަށް، ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށް ވިޔަސް، 5 (ފަހެއް) އަހަރުގެ 2 (ދޭއް) ދައުރަށްވުރެ ގިނަދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.

(ރ) ކައުންސިލަށް އައްޔަނުކުރާ ކޮންމެ މެންބަރަކު ވެސް، މިނިވަންކަމާއެކު ވަކި ފަރާތަކަށް ލެނބުމެއް ނެތި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އާންމުންގެ ވިންދާ އެއްގޮތަށް، މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމިތިބެންވާނެއެވެ. އަދި ގާނޫނުގެ މަގުސަދުތައް ކުރިއެރުވުމަށް ހުރިހާ ވަގުތެއްގައި ވެސް މަސައްކަތް ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - އެލެވަންސް 

(ހ) ކައުންސިލަށް އައްޔަނުކުރާ މެންބަރުންނަށް، އެ ފަރާތްތަކުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލެވަންސް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ މަށްވަރާގެ މަތީން، މާލީ ވަޒީރެވެ.

 

16 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

  1. މެންބަރުކަމުގެ ދައުރު ހަމަވުން؛
  2. މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްތިއުފާ ދިނުން؛
  3. މި ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ މެންބަރަކު ވަކިކުރުން؛
  4. މަރުވުން؛
  5. މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންކޮށްފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން.

(ށ) އިސްތިއުފާދީގެން މެނުވީ، ކައުންސިލުގެ ރައީސްގެ މަގާމާއި، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކައުންސިލުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

 

17 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަނުކުރުން

(ހ) ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްކޮށް ނޯންނާނެ ގޮތެއްގެ މަތީން،ކައުންސިލުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު ހަމަވުމުގެ ކުރިން، ކައުންސިލަށް އައު މެންބަރުން އައްޔަނުކޮށް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހު ރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މަގާމަށް މީހަކު އަލުން އައްޔަނު ކުރަންވާނެއެވެ. ކައުންސިލެއްގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބު ރައީސްކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަގާމަށް މީހަކު އަލުން އިންތިހާބު ކުރަންވާނެއެވެ.

(ނ) ކައުންސިލެއްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމަށް މެންބަރަކު ހަމަޖައްސާނީ، އެ މަގާމަކަށް އެ މެންބަރަކު ހޮވުމަށް ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

18 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލުގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.އެގޮތުން މަގާމުން ވަކިކުރާއިރު މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ހ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށްނުކުޅެދުން.

(ށ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދައަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވުން.

(ނ) ކައުންސިލުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައްއަދާކުރުމުގައި އިހުމާލުވުން.

 

19 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހާޒިރުނުވުން

މަގުބޫލު ސަބަބެއް ނެތި، ކައުންސިލަށް އެންގުމަކާއި ނުލައި، ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ހުށަހެޅޭނެއެވެ.

 

20 ވަނަ މާއްދާ - އިސްތިއުފާ ދިނުން

(ހ) ކައުންސިލެއްގެ ރައީސް ނުވަތަ ނައިބު ރައީސް އޭނާގެ މަގާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ކައުންސިލަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި ކައުންސިލުގެ މެންބަރަކު، އޭނާގެ މަގާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. 

(ށ) ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް، މި މާއްދާގެ (ހ) ގެ ދަށުން އެ މަގާމުން އިސްތިއުފާދިން ކަމުގައި ވިޔަސް، ކައުންސިލުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

21 ވަނަ މާއްދާ - ކައުންސިލު ގެ ސެކްރެޓޭރިއަޓް

(ހ) ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ، އެކަމަށް ޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ގާއިމުކުރާ ސެކްށަނުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގައި ގާއިމުކުރާ ސެކްށަނުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުންނާނީ، ކައުންސިލުގެ ރެޖިސްޓްރާރއެވެ.

 

22 ވަނަ މާއްދާ - ކޮންސަލްޓަންޓުން 

(ހ) ކައުންސިލަށް ލަފާ ދިނުމަށް ޓަކައި ކޮންސަލްޓަންޓުންގެ ގޮތުގައި ފަންނީ ފަރާތްތައް ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެއެވެ. މިގޮތުން ކޮންސަލްޓަންޓުން އައްޔަނުކުރަންވާނީ، ގަވާއިދު ނަންބަރު 2017-27 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށެވެ. އަދި މި ގޮތަށް ކޮންސަލްޓެންޓުން ހޯދާނެ ގޮތާއި، އިޖުރާއަތުތަކާއި، ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ކައުންސިލުން އެކަށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުން ހޯދާ ކޮންސަލްޓަންޓުންނަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވެސް ކައުންސިލުގެ މަސައްކަތާ ގުޅުންހުރި މަސްލަހަތެއް އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ.

 

23 ވަނަ މާއްދާ - ކައުންސިލު ގެ ބައްދަލުވުންތައް

(ހ) ކައުންސިލުގެ ޖަލްސާއެއް، މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) ކައުންސިލުގެ ދެބައިކުޅައެއްބައި މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް، ކައުންސިލުގެ ރައީސަށް އެކަން ހުށަހެޅިދާނެއެވެ. އަދި ކައުންސިލުގެ ރައީސަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅައިފައިވާ ގޮތުގެ މަތީން ކައުންސިލުގެ ބައްދަލުވުމެއް، ކައުންސިލުގެ ރައީސް ބާއްވަންވާނެއެވެ.

(ނ) ކައުންސިލުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ކައުންސިލުގެރައީސަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އެގޮތުން ރަޖިސްޓްރާރ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ކައުންސިލުގެ ރައީސަށް އެ ހުށަހެޅުން ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، ރަޖިސްޓްރާރ ހުށަހަޅައިފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް، ކައުންސި ލުގެ ރައީސަށް ފެނިއްޖެނަމަ، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވިދާނެއެވެ.

 

24 ވަނަ މާއްދާ - ކައުންސިލު ގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދު

ކައުންސިލުގެ ޖަލްސާއެއް ބޭއްވޭނީ، ކައުންސިލުގެ މެންބަރުންގެ ދެބައިކުޅައެއްބައި މެންބަރުން ހާޒިރުވުމުންނެވެ.

 

25 ވަނަ މާއްދާ - ކައުންސިލު ގެ ނިންމުންތައް

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ކައުންސިލުން ކަމެއް ނިންމީކަމަށް ބެލޭނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއް ކުރިޔަށްދާކަން އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން، ރިޔާސަތަށާއި، ކައުންސިލުގެ އެހެން މެންބަރުންނަށް މިކަން އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.

(ނ) ކައުންސިލުން ނިންމާ ނިންމުމެއްގައި، ކައުންސިލުގެ ރައީސް ނުވަތަ ރަޖިސްޓްރާރސޮއިކޮށްފައި އޮންނަންވާނެއެވެ. ކައުންސިލުގެ ރައީސް ނުވަތަ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، ކައުންސިލުގެ އެއްވެސް ލިޔުމެއްގައި ކައުންސިލުގެ ސިއްކަ ޖަހައިގެން ނުވާނެއެވެ.

 

26 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - ކައުންސިލު ގެ ބައްދަލުވުންތަކުގެ ރިޔާސަތު

ކައުންސިލުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ތިރީގައި ބަޔާކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ރައީސް.

(ށ) ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސް.

(ނ) ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ، ހާޒިރުވެ ތިބި މެންބަރުން އައްޔަނުކުރާ މެންބަރެކެވެ.

 

28 ވަނަ މާއްދާ - ކައުންސިލު ގެ ބައްދަލުވުން ޔައުމިއްޔާ ކުރުން

(ހ) ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، ކައުންސިލުގެ ރަޖިސްޓްރާރ ލިޔެފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެދިޔަ ޔައުމިއްޔާ ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓޭރިއެޓުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ، ކޮންމެ ބައްދަލުވުމެއް ނިންމައި، ޖެހިގެން އަންނަ ބައްދަލުވުމުގައި ފާސްކޮށް، އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ކައުންސިލު ގެ ލިޔެކިޔުންތައް ބެލެހެއްޓުން 

ކައުންސިލުގެ މެންބަރުންގެ ހާޒިރީއާއި، ބައްދަލުވުންތަކުގެ އެޖެންޑާއާއި، ނިންމުންތަކާއި، ކައުންސިލުންން ތައްޔާރުކުރާ މުހިންމު ލިޔެކިޔުންތަކާއި، އަހަރީ ރިޕޯޓާއި، މިނޫންވެސް ގާނޫނާއި ގަވާއިދުތަކުން ބެލެހެއްޓުން ލާޒިމުކުރާ ލިޔެކިޔުންތަކުގެ ރިކޯޑު، ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

30 ވަނަ މާއްދާ - ކައުންސިލު ގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނެ ގޮތް

ކައުންސިލުގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސްގެ ލަފާގެ މަތީން، ކައުންސިލުގެ ސެކްރެޓޭރިއެޓުންނެވެ.

 

31 ވަނަ މާއްދާ - ކައުންސިލު ގެ ލޯގޯ

ކައުންސިލުގެ ލޯގޯ އޮންނަންވީ ގޮތުގެ ނަމޫނާއާއި، ލޯގޯއާ ގުޅޭ މައުލޫމާތު މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނިފައިވާނެއެވެ.

 

32 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ރ) "ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ މެޑިކަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ. 

(ބ) "ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ޑެންޓަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.

(ޅ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) އަށެވެ.

 

މައި ގާނޫނު

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 2015-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު