-

ޕޯސްޓިންގ އަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-165)

 

އެއްވަނަ ބާބު

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން 

މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކުގެ ތެރެއިން ސަފީރުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާތަކަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ " ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމާ ބެހޭ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގައި ވަޒީފާ އަދާކުރުމަށް، ޕޯސްޓިންގއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމުގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

ޕޯސްޓިންގއަށް މުވައްޒަފުން ފޮނުވާ ވަޒީފާތަ ކާއި މުއްދަތު

 

3 ވަނަ މާއްދާ - ޕޯސްޓިންގއަށް މުވައްޒަފުން ފޮނުވާ ވަޒީފާތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސް ޓުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ފޮނުވޭނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް، އަދި 39 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކުރާ ވަޒީފާތަކަށެވެ.

 

4 ވަނަ މާއްދާ - މުއްދަތު

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ފޮނުވާނީ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަކަށް ފޮނުވާ މުވައްޒަފެއްގެ ޕޯސްޓިންގގެ 3 އަހަރުދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ގިނަވެގެން 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

 

ތިންވަނަ ބާބު

ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސް ޓު ތަކުގެ ވަޒީފާތަކާއި އެ ވަޒީފާތަކަށް ނިސްބަތްވާ ފޮރިން ސަރވިސްގެ މަގާމުތައް

 

5 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތަކުގެ ވަޒީފާތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ވަޒީފާތަކަކީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި 3 (ތިނެއް) ގިންތީގެ ވަޒީފާތަކެވެ.

(ހ) ފުރަތަމަ ގިންތި

  1. ސަފީރު
  2. މިނިސްޓަރ-ކައުންސެލަރ
  3. ކައުންސެލަރ

(ށ) ދެވަނަ ގިންތި

  1. ސަރވިސް އެޓާށޭ 
  2. ފަސްޓް ސެކްރެޓަރީ
  3. ސެކަންޑް ސެކްރެޓަރީ
  4. ތާރޑް ސެކްރެޓަރީ

(ނ) ތިންވަނަ ގިންތި

  1. އެޓާށޭ
  2. ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާ

(ރ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ސަފީރުން އައްޔަންކޮށް ވަކިކުރާނީ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާއާއި 19 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާތީ، މި މަގާމު މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ މިނިސްޓަރ-ކައުންސެލަރގެ މަގާމުގެ މުވައްޒަފުން ތިބޭ މިށަންތަކުގައި ޑެޕިއުޓީ ހެޑް އޮފް މިށަންގެ ގޮތުގައި ހަމަޖައްސާނީ މި މަގާމުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މުވައްޒަފެކެވެ.

(ޅ) މި މާއްދާގައި (ބ) ގައި ބަޔާންކުރާ ޑެޕިއުޓީ ހެޑް އޮފް މިށަންގެ ގޮތުގައި ތިރީގައި ބަޔާންކުރާ ދިވެހިރާއްޖޭގެޑިޕްލޮމެޓިކް މިށަންތަކުގައި ތިބޭ މުވައްޒަފުންނަށް، މިނިސްޓަރަށް ފެންނަ ނަމަ، 'އެކްސްޓްރާއޯޑިނަރީ' އަދި 'ޕްލެނިޕޮޓެންށަރީ' ބާރުތައް ނުހިމެނޭގޮތަށް 'އެމްބެސެޑަރ' ގެ ދަރަޖަދެވިދާނެއެވެ.

  1. އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިށަން، ނިއުޔޯކް
  2. ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިށަން 
  3. އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިށަން 
  4. އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިށަން 
  5. ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ 
  6. ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ 
  7. މީގެ އިތުރުންވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ނުވަތަ ދިވެހިރާއްޖެއަށް މުހިންމު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ މިށަންތައް

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ 'އެމްބެސެޑަރ' އިންނަކީ އެއްވެސް ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ދިވެހިރާއްޖޭގެ ސަފީރުންނާ އެއް ދަރަޖައެއްގައި ތިބޭ ބައެއް ނޫނެވެ. އަދި ހުރިހާ ހާލަތެއްގައި ވެސް މި ފަދަ ފަރާތްތައް މަސައްކަތްކުރާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ސަފީރުންގެ ދަށުންނެވެ. 

 

6 ވަނަ މާއްދާ - (ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ވަޒީފާތަކަށް މުވައްޒަފުން ފޮނުވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ މިނިސްޓަރ-ކައުންސެލަރގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ އެޑިށަނަލް ސެކްރެޓަރީ، ޖޮއިންޓް ސެކްރެޓަރީ، ސީނިއަރ އަންޑަރ ސެކްރެޓަރީ އަދި ޑިރެކްޓަރ ޖެނެރަލް ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނެވެ.

(ށ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ކައުންސެލަރގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރުގެ ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނެވެ.

(ނ) ސަރވިސް އެޓާށޭ، އަށް ހަމަޖައްސާނީ އުސޫލެއްގެ ގޮތުން ފޮރިން ސަރވިސްގެ ޑިރެކްޓަރ ގިންތިއަށް ވުރެ މަތީ މަގާމެއްގައި ހުރި ދައުލަތުގެ އެ އިދާރާއެއްގެ މުވައްޒަފުންނެވެ.

(ރ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ އަދި އެސިސްޓެންޓް ޑިރެކްޓަރުގެ ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނެވެ.

(ބ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ސެކަންޑް ސެކްރެޓަރީގެ މަގާމުތަކަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޗީފް ޖެނެރަލް އޮފިސަރ އަދި ޗީފް ޑެސްކް އޮފިސަރ ގިންތީގެ މުވައްޒަފުންނެވެ.

(ކ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ތާރޑް ސެކްރެޓަރީގެ މަގާމުތަކަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ސީނިއަރ ޑެސްކް އޮފިސަރ އަދި ޑެސްކް އޮފިސަރުގެ ގިންތީގެ މަގާމުގެ މުވައްޒަފުންނެވެ.

(އ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ އެޓާށޭގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޑެޕިއުޓީ ޑެސްކް އޮފިސަރ އަދި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ގިންތީގެ މަގާމުގެ މުވައްޒަފުންނެވެ.

(ވ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް ފުރަތަމަ ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފުންގެ ގިންތި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތައް

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަކީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 3 (ތިނެއް) ގިންތީ ގެ ވަޒީފާތަކެވެ.

(ހ) ފުރަތަމަ ގިންތި

  1. ކޮންސުލް ޖެނެރަލް ނުވަތަ ކޮންސުލް 
  2. ވައިސް ކޮންސުލް

(ށ) ދެވަނަ ގިންތި

  1. ފަސްޓް ސެކްރެޓަރީ 
  2. ސެކަންޑް ސެކްރެޓަރީ 
  3. ތާރޑް ސެކްރެޓަރީ

(ނ) ތިންވަނަ ގިންތި

  1. އެޓާށޭ
  2. ޖެނެރަލް ސަރވިސް ގިންތީގެ ވަޒީފާ

 

8 ވަނަ މާއްދާ - (ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ދިވެހިރާއްޖޭގެ ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ފޮނުވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ ކޮންސުލް ޖެނެރަލް ނުވަތަ ކޮންސުލްގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ އެޑިށަނަލް ސެކްރެޓަރީ އަދި ޖޮއިންޓް ސެކްރެޓަރީގެ ގިންތީގެ މަގާމުގެ މުވައްޒަފުންނެވެ.

(ށ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ ވައިސް ކޮންސުލްގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ސީނިއަރ އަންޑަރ ސެކްރެޓަރީ، ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރުގެ ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނެވެ.

(ނ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޑެޕިއުޓީ ޑިރެކްޓަރ އަދި އެސިސްޓެންޓް ޑިރެކްޓަރުގެ ގިންތީގެ މަގާމުތަކުގެ މުވައްޒަފުންނެވެ.

(ރ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ ސެކަންޑް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޗީފް ޖެނެރަލް ސަރވިސް އޮފިސަރ އަދި ޗީފް ޑެސްކް އޮފިސަރުގެ ގިންތީގެ މުވައްޒަފުންނެވެ.

(ބ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ ތާރޑް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ސީނިއަރ ޑެސްކް އޮފިސަރ އަދި ޑެސްކް އޮފިސަރުގެ ގިންތީގެ މަގާމުގެ މުވައްޒަފުންނެވެ.

(ޅ) ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ އެޓާށޭގެ މަގާމަށް ހަމަޖައްސާނީ ފޮރިން ސަރވިސްގެ ޑެޕިއުޓީ ޑެސްކް އޮފިސަރ އަދި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ގިންތީގެ މަގާމުގެ މުވައްޒަފުންނެވެ.

 

9 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން އޮތް ނަމަވެސް ފުރަތަމަ ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފުންގެ ގިންތި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން އޮތްކަމުގައި ވީނަ މަވެސް އެކި ގައުމުތަކުގައިހުންނަ ކޮންސިއުލޭޓްތަކުގެ މަގާމުތައް ތަފާތުވެދާނެކަމަށްޓަކައި އެފަދަ ހާލަތްތަކުގައި، އެ ގައުމެއްގެ މިނިސްޓްރީން ކަނޑައަ ޅައިފައި އޮންނަ އުސޫލާ އެއްގޮތަށް، އެ ގައުމުގެއިދާރީ ބޭނުންތަކަށް، ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކުގެ މަގާމުތަކަށް ރޭންކާ އެއްގޮތަށް ނަން ދިނުމަށް ހުރަހެއްނެތެވެ.

 

 

 ހަތަރުވަނަ ބާބު

ޕޯސްޓިންގ އަށް އިއުލާނު ކުރުމާއި ކުރިމަތިލުން

 

11 ވަނަ މާއްދާ - ވަޒީފާތަކަށްހުޅުވައިލުން

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގައި ހުރި ވަޒީފާތައް ކޮންމެ މީލާދީ އަހަރެއް ފެށޭއިރު، ސެކަންޑްމަންޓް އުސޫލުން މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް މިނިސްޓްރީގެ ށަރުތުހަމަވާ މުވައްޒަފުންނަށް ހުޅުވައިލެވޭނެއެވެ. 
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ ހުރިހާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުން އެ އަހަރުގެ ތެރޭގައި ހުސްވާ ވަޒީފާތަކަށް ށަރުތު ހަމަވާ މުވައްޒަފުން އެ މުވައްޒަފަކު ޕޯސްޓިންގއަށް ދާން ގަސްތު ކުރާ ތަރުތީބަކުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ވަޒީފާތަކަށް ނަން ހުށަހެޅުމަށް މަދުވެގެން 14 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ނަމަވެސް، ހާއްސަހާލަތްތަކުގައި މި މުއްދަތަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ޕޯސްޓިންގއަށް ހޮވުން

މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ މަގާމުތަކަށް ސެކަންޑްމަންޓް އުސޫލުން ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން "ސެކަންޑްމަންޓް އުސޫލުން މުވައްޒަފުން ހޮވުމުގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތަކުގެ އުސޫލު" އާ އެއްގޮތަށް މުވައްޒަފުން ހޮވާނީ މިނިސްޓަރުގެ މަށްވަރާއާއެކު ފޮރިން ސެކްރެޓަރީއެވެ.

 

13 ވަނަ މާއްދާ - ހާއްސަ ހާލަތްތަކުގައި ޕޯސްޓިންގއަށް ފޮނުވުން

ހާއްސަ ހާލަތްތަކުގައި ޕޯސްޓިންގއަށް ށަރުތު ހަމަވާ މުވައްޒަފުން މިނިސްޓަރު ނިންމާ ގޮތެއްގެ މަތިން ޕޯސްޓިންގއަށް ފޮނުވިދާނެއެވެ.

 

 

ފަސްވަނަ ބާބު

މިށަންތައް ބެހިގެންވާ ކެޓަގަރީތަކާއި ސެކަންޑްމަންޓް އުސޫ ލުން މުވައްޒަފުން ހޮވުމު ގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތައް

 

14 ވަނަ މާއްދާ - މިށަންތައް ބެހިގެންވާ ކެޓަގަރީތައް

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ރަޖިސްޓަރީގައި ވާ ޑިޕްލޮމެޓިކް މަގާމުތަކަށް ސެކަންޑްމަންޓް އުސޫލުން މީހުން ފޮނުވުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ މިށަންތައް ބެހިގެންވަނީ 2 ކެޓަގަރީއަކަށެވެ. އެއީ "A "އަދި "B "ކެޓަގަރީ އެވެ. ކެޓަގަރީތައް ބެހިގެންވާގޮތް މި ގަވާއިދުގެ ދަށުން އެކުލަވައިލައި "ސެކަންޑްމަންޓް އުސޫލުން މުވައްޒަފުން ހޮވުމުގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތަކުގެ އުސޫލު" ގައި އޮންނާނެއެވެ.

 

15 ވަނަ މާއްދާ - ސެކަންޑްމަންޓް އުސޫލުން މުވައްޒަފުން ހޮވުމުގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ސެކަންޑްމަންޓް އުސޫލުން ހޮވާ މުވައްޒަފުން ހޮވުމުގައި ބަލާނެ ށަރުތުތަކާއި މިންގަނޑުތައް މި ގަވާއިދުގެ ދަށުން އެކުލަވައިލައި "ސެކަންޑްމަންޓް އުސޫލުން މުވައްޒަފުން ހޮވުމުގައި ބަލާނެ ށަރުތު ތަކާއި މިންގަނޑުތަކުގެ އުސޫލު" ގައި އޮންނާނެއެވެ.

 

 

ހަވަނަ ބާބު

ޕޯސްޓިންގއަށް މުވައްޒަފުން ފޮނުވުމާ އި، އަނބުރާ ގެނައުމުގައި ބަލަންޖެހޭ ކަންތައްތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތު

 

16 ވަނަ މާއްދާ - ޕޯސްޓިންގއަށް ފޮނުވާއިރު މިނިސްޓްރީން ބަލަންޖެހޭ ކަންތައްތައް

ޕޯސްޓިންގއަށް މުވައްޒަފުން ފޮނުވުމުގެ ކުރިން، މިނިސްޓްރީގެ ކަމާބެހޭ ޑިވިޒަނުން ތިރީގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ބަލަންވާނެއެވެ.

(ހ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާއި ވިއެނާ ކޮންވެންށަން އޮން ކޮންސިޔުލަރ ރިލޭށަންސް 1963 ގައި ބަޔާންކުރާކަންކަމަށް ރިއާޔަތް ކުރުން؛

(ށ) ޕޯސްޓިންގއަށް ފޮނުވާ ގައުމުގެ ސަރުކާރަކުން، އެ ގައުމެއްގައި ހުންނަ މިށަނަކަށް ޕޯސްޓިންގއަށް ފޮނުވާއިރު، ނުވަތަ، ޕޯސްޓިންގއަކުން މީހަކު އަނބުރާ ގެންނައިރު، އެ ސަރުކާރަކަށް އަންގަންޖެހޭ މައުލޫމާތާއި އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަލައި އެ ގޮތަކަށް އަމަލުކުރުން.

 

17 ވަނަ މާއްދާ - ޕޯސްޓިންގގެ މުއްދަތު ހަމަނުވަނީސް އަނބުރާ ރާއްޖެއަށް ގެނައުން

ޕޯސްޓިންގގެ މުއްދަތު ހަމަނުވަނީސް މުވައްޒަފު އަނބުރާ ގެނެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ސަފީރުން ފިޔަވައި ޕޯސްޓިންގއަށް ފޮނުވާ ސްޓާފުން މިނިސްޓްރީގެ މަސައްކަތަށް ކޮންމެހެން ބޭނުންވެއްޖެ ކަމަށް މިނިސްޓަރަށް ފެނިއްޖެނަމަ، ސަބަބު ބަޔާންކުރުމަށްފަހު، އެ މީހަކު އަނބުރާ މިނިސްޓްރީގެ ވަޒީފާއަށް ގެނައުމުގެ އިހުތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ޑިޕްލޮމެޓިކް މިށަނެއްގެ ވަޒީފާގައި ހުރި މުވައްޒަފަކު، މި ގަވާއިދާއި ނުވަތަ، ފޮރިން ސަރވިސްގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ އެންމެހައި ގަވާއިދުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި، ނުވަތަ، ރިސީވިން ސްޓޭޓުގެ ގާނޫނުތަކާއި ނުވަތަ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސާ ހިލާފުކަމެއް ކޮށްފިކަމަށް ފެނިއްޖެނަމަ އެ މުވައްޒަފަކު އަނބުރާ ރާއްޖެ ގެނައުމުގެ އިހުތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) ޕޯސްޓިންގގައި ހުރި މުވައްޒަފަކު ފޮރިން ސަރވިސްގެ އެހެން ވަޒީފާއަކަށް ކުރިމަތިލައި ހޮވިއްޖެނަމަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕޯސްޓިންގ ނިންމައި މިނިސްޓްރީއަށް ބަދަލުކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - ޕޯސްޓިންގގެ މުއްދަތު ހަމަނުވަނީސް އަމިއްލައަށް އެދިގެން ރާއްޖެ އައުމަށް

ޕޯސްޓިންގގެ މުއްދަތު ހަމަނުވަނީސް މުވައްޒަފު އަމިއްލައަށް އެދިގެން އެނބުރި އާދެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފަކު އަމިއްލައަށް ރާއްޖެ އައުމަށް ބޭނުންވެއްޖެނަމަ، އެކަމަށް ހުއްދަދެވޭނީ، ތިރީގައި ބަޔާންކުރާ ސަބަބުތަކުން ސަބަބެއް އެ މުވައްޒަފަކަށް މެދުވެރިވެއްޖެނަމައެވެ.

  1. މަތީތައުލީމުގެ ފުރުސަތެއް ލިބުން (ފަސްޓް ޑިގްރީ، މާސްޓާސް ނުވަތަ ޕީ.އެޗް.ޑީ).
  2. ސިއްހީ ހާލަތު ހުރިގޮތުން އެ ގައުމެއްގައި ވަޒީފާ އަދާކުރުމަށް ނުކުޅެދުން.
  3. މުވައްޒަފުގެ މަންމަ، ބައްޕަ، އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއްގެ ނުވަތަ ށަރުއީގޮތުން ބަލަންޖެހޭ ފަރާތެއްގެ ސިއްހީ ހާލަތުގެ ސަބަބުން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރުމަށް އުޒުރުވެރިވުން.
  4. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 3 ވަނަ ނަންބަރާ ހަމައަށް ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުންވެސް، އެ މުވައްޒަފު އަނބުރާ ރާއްޖެ ގެނައުމަށް އެކަށީގެންވާ މަގްބޫލު ސަބަބެއް ހުށަހަޅައި އެ ސަބަބު މިނިސްޓަރަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން ބަޔާންކޮށް ލިޔުމުން އެ މުވައްޒަފަކު މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފުންގެ މަސްއޫލިއްޔަތުތައް

ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލޭޓްތަކަށް ފޮނުވާ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކުރުމުގައި ދެމިތިބެންވާނެއެވެ. އަދި، ތިރީގައި ބަޔާން ކުރެވިފައިވާ އާންމު ކަންކަމަށް ސަމާލުވާ ންވާނެއެވެ.

(ހ) ކަމާބެހޭ ގާނޫނުތަކާއި، ފޮރިން ސަރވިސްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި މިށަންގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، ހެޑް އޮފް މިށަން އަންގާ ގޮތެއްގެ މަތިން މިށަންގެ މަސައްކަތްތައް ކުރުން.

(ށ) ޕޯސްޓިންގއަށް ފޮނުވާ ގައުމެއްގެ ގާނޫނުތަކަށް އިހުތިރާމް ކުރުމާއި، އާންމު ދިރިއުޅުމުގައި އެ ގައުމެއްގެ އާދަކާދަތަކަށް އިހްތިރާމްކޮށް އިޖުތިމާއީ މިންގަނޑުގެ ތެރޭގައި، މުވައްޒަފު އުޅުން.

(ނ) ފޮރިން ސަރވިސްގައި ބަޔާންކުރާ މިށަންތަކާއި ކޮންސިއުލޭޓްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އެ މީހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.

(ރ) މުވައްޒަފުގެ މަސައްކަތާގުޅޭގޮތުން ނުވަތަ އެ މުވައްޒަފަކު ޕޯސްޓިންގއަށް ފޮނުވައިފައިވާ މުއްދަތާގުޅޭގޮތުން މިނިސްޓްރީން އަންގާ އެންގުންތަކަށް އިހްތިރާމް ކުރުން.

(ބ) އެއްވެސް ބޭނުމެއްގައި، މިށަނުގެ މުވައްޒަފަކު ސްޓޭށަނުން (މިށަން ހުންނަ ސިޓީ) އިން ބޭރަށްދާން ޖެހިއްޖެނަމަ، އެކަމުގެ ހުއްދައަށް އެދި ހެޑް އޮފް މިށަނަށް ލިޔެ، ހުއްދަ ހޯދުން.

(ޅ) މިށަނުގެ މުވައްޒަފުން، މިށަން ހުންނަ ގައުމެއްގެ ސަރުކާރުގެ ފަރާތްތަކާއި އަދި އެނޫން ފަރާތްތަކާއެކުވެސް ބާއްވާ ރަސްމީ ބައްދަލުވުންތަކާއި ނުރަސްމީ ބައްދަލުވުންތައް ބޭއްވުމުގެ ކުރީން، އެކަމުގެ މައުލޫމާތު، ހެޑް އޮފް މިށަނަށް އަންގައި އޭނާއާ މަށްވަރާކުރުން. މިގޮތުން ބާއްވާ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ ފުރިހަމަ މައުލޫމާތު ހެޑް އޮފް މިށަނަށް ލަސްނުކޮށް އެންގުން.

(ކ) މިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފޮނުވާ ސިޓީ، ނޯޓު، ފެކްސް، އީމެއިލް ނުވަތަ އެހެން އެއްވެސް ލިޔުމެއް ހެޑް އޮފް މިށަން އަންގާގޮތެއްގެމަތީން، އަދި އޭނާގެ ހުއްދަ ލިބިގެން ފޮނުވުން.

(އ) މިށަންގެ މުވައްޒަފުންނަކީ ދިވެހިރާއްޖެ ތަމްސީލުކުރަން ބޭރުގައުމުތަކުގައި ތިބޭ ބައެއްކަމަށްވުމާއެކު، މިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މިށަން ހުންނަ ގައުމެއްގެ ސަރުކާރުގެ ފަރާތްތަކާއި އަދި އެނޫން ފަރާތްތަކާއެކުވެސް ބާއްވާ ރަސްމީ ބައްދަލުވުންތަކާއި ނުރަސްމީ ބައްދަލުވުންތަކުގައި، ދިވެހި ސަރުކާރާއި ދިވެހި ދައުލަތް ބަދުނާމުވެދާނެފަދަ، ނުވަތަ ދިވެހި ސަރުކާރުގެ ނުވަތަ ދިވެހި ދައުލަތުގެ ނަމަށް ކިލަނބުކަމެއް އަތުވެދާނެ އެއްވެސް ވާހަކައެއް ނުވަތަ އެފަދަ މޭރުމަކުންވެސް ވާހަކައެއް ނުދެއްކުން.

 

20 ވަނަ މާއްދާ - މުވައްޒަފުން ޕޯސްޓިންގ ނިންމައިފައި ފުރުމާގުޅޭގޮތުން މިށަނުން ކުރަންޖެހޭ ކަންތައްތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލޭޓްތަކުގެ މުވައްޒަފުންގެ ޕޯސްޓިންގ ގެ މުއްދަތު ނިންމުމަށްފަހު، ނުވަތަ މި ގަވާއިދުގެ 17 އަދި 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއްގައިވެސް ޕޯސްޓިންގގައި ހުންނަ ކޮންމެ މުވައްޒަފަކު އަނބުރާ ރާއްޖެ އަންނަންޖެހޭ ހާލަތެއްގައިވެސް ފުރުމާގުޅޭގޮތުން އަންނަނިވި ކަންތައްތައް މިށަނުން ނުވަތަ ކޮންސިއުލޭޓުން ކުރަންވާނެއެވެ.

(ހ) މުވައްޒަފު މަގާމުގެ މުއްދަތު ނިމުމުން މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެކަން އެންގުން.

(ށ) މުވައްޒަފަށާއި މުވައްޒަފުގެ އާއިލާއާއި ނުވަތަ މިށަން ހުންނަ ގައުމުގެ ރަސްމީ ފަރާތްތަކުން މަގާމުގެ މުއްދަތަށް ދޫކޮށްފައިވާ އައިޑެންޓިފިކޭށަން ކާޑާއި ޓެކްސް އެގްޒެމްށަން ކާޑާއި އެފަދަ ތަކެތި މިށަން ހުންނަ ގައުމުގެ ރަސްމީ ފަރާތްތަކަށް އަނބުރާ ރައްދުކުރުން.

(ނ) މުވައްޒަފުގެ މަގާމުގެ ގޮތުން މިށަން ހުންނަ ގައުމުން ހޯދައިފައި ހުންނަ އެންމެހައި ހިދުމަތްތައް ބާތިލުކުރުމާއި، އެފަދަ ހިދުމަތްތަކަށް ފައިސާއެއްދައްކަންޖެހޭނަމަ އެ ފައިސާއެއް ދައްކައި ނިންމައިފައި ވޭތޯ ބެލުން. މިގޮތުން ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

  1. ކުއްޔަށް ހިފައިފައި ހުންނަ ގެ ނުވަތަ އެޕާޓްމަންޓް.
  2. ކުއްޔަށް ހިފައިފައި ހުންނަ ގެ ނުވަތަ އެޕާޓްމަންޓުގެ ފެން، ކަރަންޓް، ގޭސް، ފޯނު، ކޭބަލް ޓީވީ، އިންޓަރނެޓް ފަދަ ހިދުމަތްތައް.
  3. މިށަންގެ މުވައްޒަފެއްގެ ގޮތުން ލިބިފައި ހުންނަ ކްރެޑިޓް ކާޑާއި އެހެނިހެން ކްރެޑިޓް ފެސިލިޓީޒް.

(ރ) މިށަންގެ މުވައްޒަފެއްގެ ގޮތުގައި ހޯދައިފައި ހުންނަ ވެހިލަކްތަކުގެ ރަޖިސްޓަރީ ބާތިލު ކުރުމަށްފަހު އޮންނަ އުސޫލަކުން ޑިޕްލޮމެޓިކް ނަންބަރު ޕްލޭޓް މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތަށް އަނބުރާ ރައްދުކުރުން.

21 ވަނަ މާއްދާ - މުވައްޒަފުން ޕޯސްޓިންގ ނިންމައިފައި ފުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގައާއި ކޮންސިއުލޭޓްތަކުގެ ވަޒީފާތަކުގައި ތިބޭ ހުރިހާ މުވައްޒަފުންވެސް، އެ މުވައްޒަފުންގެ ޕޯސްޓިންގގެ މުއްދަތު ނިންމުމަށްފަހު އަނބުރާ އަންނައިރު، ދިވެހި ސަރުކާރާއި ފޮރިން ސަރވިސްއާއި މިށަންގެ ރީތި ނަމަށް އުނިކަމެއް ނާންނަ ގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރަންވާނެއެވެ.

(ހ) މުވައްޒަފަށާއި މުވައްޒަފުގެ އާއިލާއާއި ނުވަތަ މިށަން ނުވަތަ ކޮންސިއުލޭޓް ހުންނަ ގައުމުގެ ރަސްމީ ފަރާތްތަކުން މަގާމުގެ މުއްދަތަށް ދޫކޮށްފައި ހުންނަ އައި.ޑީ. ކާޑާއި ޓެކްސް އެގްޒެމްށަން ކާޑާއި އެފަދަ ތަކެތި މިށަން ނުވަތަ ކޮންސިއުލޭޓް ހުންނަ ގައުމުގެ ރަސްމީ ފަރާތްތަކަށް އަނބުރާ ރައްދުކުރުން.

(ށ) މުވައްޒަފު ހިފައިފައި ހުންނަ ގެ ނުވަތަ އެޕާޓްމަންޓަށް އެގްރީމަންޓާ އެއްގޮތަށް ނޯޓިސް ދީ ދޫކޮށްލުން.

(ނ) މުވައްޒަފު ހިފައިފައި ހުރި ގެ ނުވަތަ އެޕާޓްންޓުގެ ކަރަންޓް، ފެން، ގޭސް، އިންޓަރނެޓް އަދި ފޯނުބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިންމުން.

(ރ) މިށަން ނުވަތަ ކޮންސިއުލޭޓެއްގެ މުވައްޒަފެއްގެ ގޮތުން ލިބިފައި ހުންނަ ކްރެޑިޓް ކާޑާއި އެހެނިހެން ކްރެޑިޓް ފެސިލިޓީޒަށް ފައިސާއެއް ދައްކަންޖެހޭނަމަ އެ ފައިސާއެއް ދައްކައި ނިންމުން.

(ބ) މިށަން ނުވަތަ ކޮންސިއުލޭޓުން މުވައްޒަފެއްގެ ގޮތުގައި ވެހިކަލެއް ހޯދައިފައި ވާނަމަ އެ ވެހިކަލެއްގެ ރަޖިސްޓަރީ ބާތިލު ކުރުމަށްފަހު، އޮންނަ އުސޫލަކުން ޑިޕްލޮމެޓިކް ނަންބަރު ޕްލޭޓް، މިށަން ނުވަތަ ކޮންސިއުލޭޓް ހުންނަ ގައުމުގެ ކަމާބެހޭ ފަރާތަށް އަނބުރާ ރައްދުކުރުން.

 

22 ވަނަ މާއްދާ - މުވައްޒަފުން ޕޯސްޓިންގ ނިންމައިފައި މާލެ އައިސް ކުރަންޖެހޭ ކަންތައްތައް މުވައްޒަފު ޕޯސްޓިންގ ނިންމައިފައި ރާއްޖެ އައުމަށްފަހު އަންނަނިވި ކަންތައްތައް ކުރަންވާނެއެވެ.

(ހ) މާލެ އައިކަން މިނިސްޓްރީގެ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ފަރާތަށް ލިޔުމުން އަންގައި، އެ ފަރާތުން އަންގާ ގޮތެއްގެ މަތިން މިނިސްޓްރީއަށް ރިޕޯޓު ކުރުން.

(ށ) މުވައްޒަފަށާއި މުވައްޒަފުގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއާހަވާލުކުރުން.

(ނ) ފުރުމުގެ ކުރިން މިށަން ނުވަތަ ކޮންސިއުލޭޓް ހުރި ގައުމުގެ ކަމާބެހޭ ފަރާތުން ނުވަތަ މިށަނުން ނުވަތަ ކޮންސިއުލޭޓުން ދޫކޮށްފައިވާ އައިޑެންޓިފިކޭށަން ކާޑެއް އަނބުރާ ހަވާލުކުރެވިފައި ނުވާނަމަ އެ ތަކެތި މިށަނަށް ނުވަތަ ކޮންސިއުލޭޓަށް ފޮނުވުމަށް ވަގުތުން މިނިސްޓްރީއާ ހަވާލުކުރުން.

 

 

ހަތް ވަނަ ބާބު

ސަރވިސް އެޓާށޭ

 

23 ވަނަ މާއްދާ - ސަރވިސް އެޓާށޭ

(ހ) ސަރވިސް އެޓާށޭގެ ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ މުވައްޒަފުންގެ މައުލޫމާތު ރަސްމީކޮށް މިނިސްޓްރީއަށް އެ މުވައްޒަފެއްގެ ވަނަވަރާއެކު ހުށަހަޅަންވާނެއެވެ.
  2. ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ މުވައްޒަފުންގެ މައުލޫމާތު މިނިސްޓްރީއަށް ރަސްމީކޮށް ހުށަހެޅުމުން މިނިސްޓްރީގެ ކަމާބެހޭ ޑެސްކަކުން އެ އައްޔަންކުރި މުވައްޒަފުގެ މައުލޫމާތު އެ މިށަނަކަށް އަންގަންވާ ނެއެވެ.
  3. ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ މުވައްޒަފުންނަށް އެ މަގާމެއް ހަމަޖައްސަންވާނީ މިނިސްޓްރީ މެދުވެރިކޮށް އެ މުވައްޒަފަކު އައްޔަންކުރެވޭ މިށަން ހުންނަ ގައުމެއްގެ ކަމާބެހޭ އިދާރާއިން ހުއްދަ ލިބިގެންނެވެ. 
  4. އައްޔަންކުރެވޭ މުވައްޒަފަށް ވަޒީފާ ހަމަޖައްސައިފައިވާ ރޭންކް ބަޔާންކޮށް އަދި އެ މުވައްޒަފަށް 'ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލު' އަށް ރިއާޔަތްކޮށް، އެ މުވައްޒަފަށް އެލަވަންސްތައް ދެވޭނެ ރޭންކް އެ އިދާރާއަކުން މިނިސްޓްރީއަށް އަންގަންވާނެއެވެ.
  5. ޑިޕްލޮމެޓިކް ޕާސްޕޯޓް އެ މުވައްޒަފަކަށް ހައްދާނީ ޕޯސްޓިންގއަށް ފޮނުވުމަށް ނިންމައިފައިވާ ގައުމުން ހުއްދަ ލިބުމުންނެވެ.
  6. މަގާމަށް އައްޔަންކުރެވޭ މުވައްޒަފުގެ އިތުރުން ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރެވޭނީ، ޕޯސްޓިންގގެ މުޅި މުއްދަތުގައި އެ މުވައްޒަފާއެކު އެ ގައުމަށް ދާ އެ މުވައްޒަފުގެ ކައިރީގައި ހުންނަ ފިރިމީހާ ނުވަތަ އަނބިމީހާއަށެވެ.
  7. ޕޯސްޓިންގއަށް ފޮނުވާ ގައުމަށް ދިއުމުގެ ދަތުރުގެ އެންމެހައި އިދާރީ ކަންކަމާއި، ޑިޕްލޮމެޓިކް ޕާސްޕޯޓް ހެދުމަށް ހިނގާ ހަރަދު ހަމަޖައްސަންވާނީ އެ މުވައްޒަފު ފޮނުވާ އިދާރާއަކުންނެވެ. އެހެންނަމަވެސް، މުވައްޒަފުގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހެދުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅައިދޭނީ މިނިސްޓްރީންނެވެ.
  8. ޕޯސްޓިންގއަށް ފުރުމުގެ 7 ދުވަސް ކުރިން މިނިސްޓްރީއަށް އެ މުވައްޒަފު ފުރާ ތާރީހާއި ޓިކެޓުގެ ކޮޕީ އެ އިދާރާއަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި އެ މުވައްޒަފު މިށަނަށް ދިއުމަށްފަހު އޮން އެރައިވަލްގައި އެއަރޕޯޓުން އެ މުވައްޒަފު ހުރުމަށް ހަމަޖެހިފައިވާ އެކޮމަޑޭށަނަށް ދިއުމުގެ ލޮޖިސްޓިކްސް މިނިސްޓްރީ މެދުވެރިކޮށް މިށަނުން ހަމަޖައްސައިދެވޭނެއެވެ.
  9. ސަރވިސް އެޓާށޭގެ ވަޒީފާއަށް ހަމަޖައްސާ މުވައްޒަފުން ހަމަޖެއްސު މުގެ ފުރިހަމަ އިހްތިޔާރު ލިބިގެންވަނީ އެ އިދާރާއަކަށެވެ.
  10. ވަޒީފާއަށް ހަމަޖައްސާ މުވައްޒަފަކީ، އެފަދަ މަގާމަކަށް އެކަށީގެންވާ ފަރާތެއްތޯ އަދި ހާއްސަކޮށް އައްޔަނުކުރެވޭ މަގާމަކީ ހޯސްޓް ގައުމުން ކުރިން ހުއްދަ ހޯދަންޖެހޭ މަގާމެއްނަމަ، އެކަންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެ އިދާރާއެއްގެ މަސްއޫލިއްޔަތެކެވެ.

(ށ) ސަރވިސް އެޓާށޭގެ ވަޒީފާތަކަށް ފޮނުވޭ މުވައްޒަފުން ރިޕޯޓު ކުރަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތްތަކުގެ މަތީންނެވެ.

  1. ސަރުކާރުގެ އެކި އިދާރާތަކުން ދިވެހިރާއްޖޭގެ މިށަންތަކަށް ހަމަޖައްސާ ސްޓާފުން މިށަންގައި މަސައްކަތް ކުރާނީ ހެޑް އޮފް މިށަންގެ އިރުށާދުގެ ދަށުންނެވެ. އަދި މިފަދަ ސްޓާފެއްގެ އެއްވެސް މަސައްކަތެއް ހެޑް އޮފް މިށަނަށް ސިއްރުކޮށްގެން ނުވާނެއެވެ.
  2. މި މާއްދާގެ (ށ) ގެ 1 ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް މިފަދަ މުވައްޒަފުންނަކީ އެ މުވައްޒަފަކު ފޮނުވި އިދާރާއަކުން ކަނޑައަޅާ ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖައްސާ މުވައްޒަފުން ކަމުގައިވާތީ، އެ ފަރާތްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ރާވައި ހިންގާނީ ސަރުކާރުގެ އެ އިދާރާއަކާ ގުޅިގެން އެ މުވައްޒަފެކެވެ.

(ނ) ސަރވިސް އެޓާށޭގެ ވަޒީފާތަކަށް އައްޔަންކޮށްފައި ހުންނަ މުވައްޒަފެއްގެ މަސައްކަތް އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާ ފުށުއަރައިގެން ނުވާނެއެވެ. އަދި މިފަދަ ކަމެއް ފާހަގަވެއްޖެނަމަ، މިނިސްޓަރަށް އަންގައި، އެ މަސައްކަތް ވަގުތުން ހުއްޓުވުމުގެ އިހްތިޔާރު ހެޑް އޮފް މިށަނަށް ލިބިގެންވެއެވެ.

(ރ) ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި، މިށަން ހުންނަ ގައުމުގެ ގާނޫނާއި ގަވާއިދާ ހިލާފުނުވާހައި ހިނދަކު، ސަރުކާރުގެ އިދާރާތަކުން ފޮނުވާ މުވައްޒަފުންނަށް މިށަނުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި ސަރުކާރުގެ އިދާރާތަކުން ފޮނުވައިފައި ތިބޭ މުވައްޒަފުންވެސް، ހެޑް އޮފް މިށަން އެދެފިނަމަ އެދޭ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.

 

24 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

މިށަންތަކާއި މިށަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ކުރަންވާނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސްގައި ކަނޑައަޅައިފައިވާ ތިރީގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ހ) އަރޓިކަލް 41 ގެ 1 ވަނަ ނުކުތާގައިވާ ފަދައިން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ސަރުކާރުގެ ދާއިރާތަކުން ހަމަޖައްސާ މުވައްޒަފު އެ މިށަނެއް ހުންނަ ގައުމުގެ ގަވާއިދާއި ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. އަދި އެ ގައުމެއްގެ ދާހިލީ ކަންކަމާ ބެހިގެންނުވާނެއެވެ.

(ށ) އަރޓިކަލް 41 ގެ 2 ވަނަ ނުކުތާގައިވާ ފަދައިން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން މިށަނެއް ހުންނަ ގައުމުގެ އެއްވެސް ފަރާތަކާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަންވާނީ އެ ގައުމެއްގެ ފޮރިން މިނިސްޓްރީ ނުވަތަ އެއްބަސްވެފައިވާ އެހެން މިނިސްޓްރީއެއް މެދުވެރިކޮށެވެ. ސަރުކާރުގެ ދާއިރާތަކުގެ ޑިޕްލޮމެޓުންވެސް މި ނުކުތާއަށް އިހްތިރާމް ކުރަންވާނެއެވެ.

(ނ) އަރޓިކަލް 41 ގެ 3 ވަނަ ނުކުތާގައިވާ ފަދައިން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ސަރވިސް އެޓާށޭގެ ވަޒީފާއަށް ހަމަޖައްސާ މުވައްޒަފު މަސައްކަތްކުރާ އެ މިށަންގެ 'ޕްރެމިސަސް' ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެންނުވާނެއެވެ.

(ރ) އަރޓިކަލް 42 ގައި ބަޔާންކޮށްފައިވާ ފަދައިން ޑިޕްލޮމެޓަކަށްވެހުރެ އަމިއްލަ މަންފާއާއި ފައިދާ ލިބޭ އެއްވެސް މަސައްކަތެއް އަދި ވިޔަފާރިއެއްކޮށް ނުވަތަ ވިޔަފާރިއެއްގައި ބައިވެރިވެގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ސަރުކާރުގެ އެކި އިދާރާތަކުން ފޮނުވާ މުވައްޒަފުންގެ ބަޖެޓާއި ހަރަދު ހިންގާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ ފަރާތްތަކުގެ ހަރަދާއި ބަޖެޓް ހަމަޖައްސާނީ އެ އިދާރާއަކުންނެވެ. އަދި މި ބަޖެޓް މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަންވާނީ އެ އިދާރާއަކުންނެވެ.

(ށ) ބަޖެޓް ހަމަޖައްސައި އެ މައުލޫމާތު މިނިސްޓްރީއަށް ރަސްމީކޮށް އަންގަންވާނެއެވެ. 

(ނ) އައްޔަންކުރެވޭ ފަރާތުގެ ބަޖެޓް އެ އިދާރާއަކުން މިށަން ހުންނަ ގައުމަށް ފޮނުވުމަށްޓަކައި ރާއްޖެއިން ބޭރުގައި ބޭންކް އެކައުންޓެއް ހުޅުވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ހޯދުމަށްފަހު އެ އިދާރާއަކުން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ރ) މިނިސްޓްރީ ނޫން އެހެން އިދާރާއަކުން މިގޮތަށް ހަމަޖައްސާ މުވައްޒަފުންގެ ހުރިހާ ހަރަދެއް ކުރަންވާނީ އެ މުވައްޒަފަކަށް ހަމަޖެއްސި ބަޖެޓުގެ ތެރެއިންނެވެ. ކުރާ ހަރަދުތަކުގެ ތަފުސީލާއި ރިޕޯޓު، ހެޑް އޮފް މިށަނަށް ހުށަހަޅަންވާނެއެވެ.

(ބ) ހަރަދު ކުރުމުގެ ކުރިން އެ މުވައްޒަފު ކަނޑައަޅައިފައިވާ އިދާރާއެއްގެ ހުއްދަ ހޯދައި އެ ހަރަދެއް ކުރައްވާނީ އެ މުވައްޒަފު ފޮނުވައިފައިވާ އިދާރާއެއްގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ލިބިގެންނެވެ. މި ހުއްދައިގެ ލިޔެކިޔުން މިށަނަށް ފޮނުވަންވާނެއެވެ.

(ޅ) ކުރަންޖެހޭ ހަރަދުތަކުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކޯޓޭށަން ހޯދުމާއި އިވެލުއޭޓު ކުރުމާއި އެ ފަރާތެއް ފޮނުވާ އިދާރާއަކުން ހަރަދުކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަންވާނީ އެ މުވައްޒަފެކެވެ. މިފަދަ މަސައްކަތުގައި ހެޑް އޮފް މިށަން ނިންމާގޮތެއްގެ މަތިން މިށަންގެ މުވައްޒަފުންގެ އެހީތެރިކަން ހޯދިދާނެއެވެ.

(ކ) ކޮންމެ މަހަކު އެ މަހެއްގެ ހަރަދު ރިޕޯޓު ތައްޔާރު ކުރުމާއި، ކަނޑައަޅައިފައިވާ އިދާރާއަކަށް ރިޕޯޓު ފޮނުވުމާއި، ކޮންމެ އަހަރަކުވެސް ތައްޔާރުކުރާ ކުރިއަށް އޮތް އަހަރުގެ ބަޖެޓް އ ެެއިދާރާއަކުން އަންގާ ގޮތަކަށް އެކަމަށް ހަމަޖެހިފައި އޮންނަ މުއްދަތުގައި ބަޖެޓް ތައްޔާރުކޮށް ފޮނުވުމަކީ އައްޔަންކުރެވިފައިވާ މުވައްޒަފުގެ ޒިންމާއެކެވެ.

(އ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބުރޫއަރައި ގެއްލުން ލިބޭ އެއްވެސް މަސައްކަތަކަށް އަދި ބައްދަލުވުމަކަށް ހަރަދުކޮށްގެން ނުވާނެއެވެ.

(ވ) ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ ފަރާތްތަކަށް އިނާޔަތްތައް ދޭނީ ޕޭ ކޮމިށަނުން ފާސްކޮށްފައިވާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ކަނޑައަޅައިފައިވާ އެލަވަން ސާއި އިނާޔަތްތަކާ އެއްގޮތަށެވެ.

 

26 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ސަރވިސް އެޓާށޭން މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ މުވައްޒަފުންނާއެކު ކުރެވޭ މުއާމަލާތްތަކާއި މަސައްކަތްތައް ކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ މުވައްޒަފުން މިށަންތަކުގައި ވަޒީފާ އަދާކުރާ އެހެނިހެން މުވައްޒަފުންނަށް ނުފޫޒު ފޯރުވައިގެން ނުވާނެއެވެ.

(ށ) ސަރުކާރުގެ އެކި ދާއިރާތަކުން މިށަންތަކުގައި ތިބޭ މުވައްޒަފުން، މިށަންގެ އެހެން މުވައްޒަފުންނާ އެއްވެސް މަސައްކަތެއް ހަވާލުކުރެވޭނީ ހެޑް އޮފް މިށަންގެ ލަފާގެ މަތިންނެވެ.

(ނ) މިށަންގެ މަސައްކަތްތައް ހިންގުމަށް، ހެޑް އޮފް މިށަން މަސައްކަތް ތަރުތީބުކޮށް ރާވައި އިދާރީގޮތުން ނިންމާ ނިންމުތަކާ ހިލާފަށް އަދި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަށާއި ފޮރިން ސަރވިސްއަށް ގެއްލުން ލިބޭ ނުވަތަ ފޮރިން ސަރވިސްގެ ނަމަށް ހުތުރުވާ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.

(ރ) އެހެން އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރެވޭ މުވައްޒަފުން ބައްދަލުވުންތަކަށް ދިއުމާއި، އެނޫންވެސް ކަންކަމުގައި އެއްގަމުގެ ދަތުރުފަތުރު ކުރާނެ ވެހިކަލް ހަމަޖައްސަންވާނީ އެ މުވައްޒަފަކަށް ހަމަޖެހިފައި އޮންނަ ބަޖެޓުގެ ތެރެއިންނެވެ. ނަމަވެސް، އިމަރޖެންސީ ހާލަތެއްގައި ހެޑް އޮފް މިށަންގެ ހުއްދައާއެކު މިށަންގެ ވެހިކަލް ބޭނުން ކުރެވިދާނެއެވެ.

 

27 ވަނަ މާއްދާ - (ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުން ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަން ކުރެވޭ މުވައްޒަފުން މިށަންތަކުގެ ލިޔެކިޔުންތަކާއި މުއާމަލާތްތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

 

28 ވަނަ މާއްދާ - ފޮރިން ސަރވިސްގެ މުވައްޒަފުންގެ މައްޗަށް ހިނގާ އުސޫލުތައް ފޮރިން ސަރވިސްގެ ބޭރުގެ މުވައްޒަފުންގެ މައްޗަށް ހިންގުން

އަންނަނިވި ކަންކަމާ ގުޅޭގޮތުން މުވައްޒަފުންގެ ގަވާއިދާއި ފޮރިން ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ފޮރިން ސަރވިސްގެ މުވައްޒަފުން އަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ތިރީގައި އެވާ ކަންކަމާ ގުޅޭ އުސޫލުތައް ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންގެ މައްޗަށްވެސް ހިނގާނެއެވެ.

(ހ) ވަޒީފާއަށް އައްޔަންކުރުމާއި ވަކިކުރުން.

(ށ) ފިޔަވަޅު އެޅުން.

(ނ) މަސައްކަތުގެ ގަޑި.

(ރ) ޗުއްޓީ.

(ބ) ގާނޫނު ނަންބަރު 2021-20 (ދިވެހި ފޮރިން ސަރވިސްގެ ގާނޫނު) ގެ ދަށުން އެކުލަވައިލާ ކޯޑް އޮފް ކޮންޑަކްޓް.

(ޅ) ސިއްރު ހިފެހެއްޓުން.

 

 

އަށްވަނަ ބާބު

ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފުން މަސައްކަތު މީހުން ނުވަތަ ޕްރައިވެޓް ސަރވަންޓުން ގެންގުޅުން

 

29 ވަނަ މާއްދާ - މަސައްކަތު މީހުން ނުވަތަ ޕްރައިވެޓް ސަރވަންޓުން

ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް، 1961 ގެ އަރޓިކަލް 1 ގެ 'އެޗް' ގައި ބަޔާންކޮށްފައިވާ "ޕްރައިވެޓް ސަރވަންޓް" އަދި ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް، 1963 ގެ އަރޓިކަލް 1 ގެ 'އައި' ގައި ބަޔާންކޮށްފައިވާ 
"މެމްބަރ އޮފް ދަ ޕްރައިވެޓް ސްޓާފް" ގެ ގޮތުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގައި މަސައްކަތް ކުރާ، މުވައްޒަފުން، އަމިއްލަ ބޭނުންތަކަށް އެ މުވައްޒަފެއްގެ ވަޒީފާގައި މީހުން ގުޅެވޭފަދަ މާލީ ތަނަވަސްކަން ހުރި މުވައްޒަފުންނަށް އެފަދަ މުވައްޒަފުން ގެންގުޅެވިދާނެއެވެ.

 

30 ވަނަ މާއްދާ - ޕްރައިވެޓް ސަރވަންޓުން ގެންގުޅޭވެ އުސޫލުތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތު މީހުން (ޕްރައިވެޓް ސަރވަންޓުން) ގެންގުޅެވޭނީ ތިރީގައިވާގޮތުގެ މަތިންނެވެ.

(ހ) މަސައްކަތު މީހަކު ގެންދިއުމަށް އެދޭ މުވައްޒަފަކީ، އެ މުވައްޒަފަކު ހުންނަ ގައުމެއްގެ މިނިމަމް ވޭޖް ދީގެން، ހުރު މާއި ކެއުމާއި ސިއްހީ ފަރުވާފަދަ އަސާސީ ހައްގުތައް މިށަން ހުންނަ ގައުމަކުން ކަނޑައަޅާ މިންވަރަކަށް، މަސައްކަތު މީހާއަށް ފޯރުކޮށްދެވެންވާނެއެވެ.

(ށ) މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕްރައިވެޓް ސަރވަންޓުން ގެންގުޅެން ބޭނުންވާ މުވައްޒަފުންގެ މާލީ ތަނަވަސްކަން ހުރިތޯ މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ލިޔުމަކުން ނުވަތަ އެހެންގޮތަކުންވެސް ކަށަވަރުކޮށްދިނުމަށް އެ ގައުމަކުން ސަފީރުގެ މައްޗަށް ލާޒި މުކުރާނަމަ، ނުވަތަ އެހެންވެސް ގޮތަކުން ސަފީރު ނުވަތަ މިށަނުން އެކަމަށް ޒިންމާވާންޖެހޭނަމަ، ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.

  1. މާލީ ތަނަވަސްކަން ކަށަވަރުކުރުމަށް ބޭނުންވެދާނެ ބޭންކް ސްޓޭޓްމަންޓް ފަދަ ތަކެތި ފޯރުކޮށްދިނުން
  2. މަސައްކަތު މީހާއަށް މުސާރަ ދިނުމަށްފަހު ޕޭ ސްލިޕުގެ ކޮޕީ މިށަނާ ހަވާލުކުރުން.
  3. މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންވަރަށް ހުރުމާއި ކެއުމާއި ސިއްހީފަރުވާގެ ހިދުމަތް (ހެލްތް އިންސުއަރެންސް ފަދަ) އިންތިޒާމުތައް ހަމަޖައްސައިފައިވާކަން ކަށަވަރުކޮށްދިނުން.

(ނ) މަސައްކަތު މީހާއަކީ އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

(ރ) މުވައްޒަފާ އެއް ގެއެއްގައި އުޅުމާއި، އެ އިންތިޒާ މު ހަމަޖެހިފައިވޭތޯ ބެލުން.

(ބ) މަސައްކަތު މީހާއަކީ ފުލް ޓައިމް، މުވައްޒަފުގެ ވަޒީފާގައި ހުންނަ މީހަކަށް ވުން.

 

31 ވަނަ މާއްދާ - މަސައްކަތު މީހާގެ ހައްގުތަކާއި މުވައްޒަފުގެ ޒިންމާތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތު މީހުން (ޕްރައިވެޓް ސަރވަންޓު) ގެންގުޅޭ މުވައްޒަފުން، އެ މުވައްޒަފުން ގެންގުޅޭ މަސައްކަތު މީހުންގެ އިންސާނީ އަދި އަސާސީ ހައްގުތައް މިށަން ހުންނަ ގައުމުގެ މަސައްކަތު މީހުންގެ ހައްގުތައް ކަނޑައަޅައިފައި އޮންނަ މިންވަރަށް ހިމާޔަތްކޮށްދިނުމަކީ މިށަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވާޖިބެކެވެ. މިގޮތުން ހާއްސަކޮށް ތިރީގައި މިވާ ކަންތައްތައް މުވައްޒަފުގެ މައްޗަށް ލާޒިމުވާނެއެވެ.

(ހ) މަސައްކަތު މީހާގެ ޕާސްޕޯޓް އެއްވެސް ހާލަތެއްގައި ނުހިފެހެއްޓުން.

(ށ) މަސައްކަތު މީހާއަށް ވީސާ ފީ އެއް ދައްކަންޖެހޭނަމަ އެ ފީ ދައްކައި ގަވާއިދުން ވީސާ ޖެހުން.

(ނ) މަސައްކަތު މީހާގެ މުސާރަ ގަވާއިދުން ދިނުން.

(ރ) މަސައްކަތު މީހާއަށް މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންވަރަކަށް ހުރުމާއި ކެއުމާއި ސިއްހީ ފަރުވާގެ ހިދުމަތުގެ (ހެލްތް އިންށުއަރެންސް ފަދަ) އިންތިޒާމުތައް ހަމަޖައްސައި ދިނުން.

(ނ) މަސައްކަތު މީހާ ލައްވައި މަޖުބޫރުން މަސައްކަތް ނުކުރުވުމާއި އޭނާގެ ނުރުހުމުގައި އޭނާ ނުބެހެއްޓުން.

(ރ) މަސައްކަތު މީހާއާގުޅޭގޮތުން މިށަން ހުންނަ ގައުމުގެ ސަރުކާރަށް ރިޕޯޓު ކުރަންޖެހޭ އެންމެހައި ކަންތައްތައް ރިޕޯޓުކުރުން.

(ބ) މަސައްކަތު މީހާ މުވައްޒަފުގެ ވަޒީފާއިން ވަކިވެއްޖެ ނަމަ އެކަން މިށަނަށާއި މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެންގުމާއި، މިށަން ހުންނަ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ވަޒީފާއިން ވަކިވާ ހިސާބުން އަނބުރާ ދައްކަންޖެހޭ ލިޔެކިޔުމެއް (އައި.ޑީ. ކާޑު ފަދަ) އޮތްނަމަ އެ ތަކެތި ލަސްނުކޮށް އަނބުރާ ހަވާލުކުރުން.

(ޅ) މަސައްކަތު މީހާއާއި މުވައްޒަފާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހެދުމާއި، މި އެއްބަސްވުމުގެ ކޮޕީއެއް މިށަނާ ހިއްސާކުރުން.

 

32 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

މަސައްކަތު މީހާއަށް (ޕްރައިވެޓް ސަރވަންޓަށް) އެއްވެސް ޑިޕްލޮމެޓިކް އިމްތިޔާޒެއް ލިބިގެނެއް ނުވެއެވެ.

 

33 ވަނަ މާއްދާ - މަސައްކަތު މީހާގެ ވިސާ

މަސައްކަތު މީ ހާއަށް (ޕްރައިވެޓް ސަރވަންޓަށް) ބޭނުންވާ ވިސާ ހޯދުމުގެ އެންމެހައި ކަންތައްތަކަކީ (ވިސާ ފީއާއި ވީސާއަށް ހުށަހެޅުން ފަދަ) އެފަދަ މީހަކު ގެންނަ މިށަންގެ މުވައްޒަފުގެ މަސްއޫލިއްޔަތެކެވެ.

 

34 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

ވިސާއަށް އެދޭއިރު މިށަންގައި މަސައްކަތްކުރާ މުވައްޒަފުގެ މަގާމު ކަށަވަރުކުރުމަށް ދޭ ލިޔުމެއް މިނިސްޓްރީން ދެވިދާނެއެވެ.

 

 

ނުވަވަނަ ބާބު

އާންމުބައި

 

35 ވަނަ މާއްދާ - ސަލާމަތާއި ނަޒާހަތްތެރިކަމާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތައް

ޕޯސްޓިންގއަށް ފޮނުވާ މުވައްޒަފުން، މުވައްޒަފުންގެ ގަވާއިދާއި އަދި ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ޕޯސްޓިންގގައި މުވައްޒަފުންނަށް ދޭ އެލަވަންސްތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދޭނެ އެލަވަންސްތަކާއި އިނާޔަތްތައް މި ގަވާއިދުގެ ދަށުން ހަދާ "ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށްދޭ އެލަވަންސްތަކާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

 

37 ވަނަ މާއްދާ(ނޯޓް: މި މާއްދާގެ ސުރުހީއެއް ނެތް)

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ށ) މި ގަވާއިދުގައި "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ސަރވިސް އެޓާށޭ" ކަމަށް ބުނެފައި އެވަނީ "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" ގެ 7 ވަނަ މާއްދާގެ ދަށުން، ކަނޑައަޅާ ގައުމަކުން ކުރިން ހުއްދަ ހޯދަންޖެހޭގޮތަށް ހަމަޖައްސައިފައިވާ ވަޒީފާތަކަށެވެ.

(ރ) މި ގަވާއިދުގައި "ކޮންސިއުލަރ ޕޯސްޓް" ނުވަތަ "ކޮންސިއުލޭޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނާއި، ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލާ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.

(ބ) " ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ވަޒީފާ އަދާކުރުމަށް ދާ ދިއުމަށެވެ.

(ޅ) މި ގަވާއިދުގައި "މިށަން" ނުވަތަ "ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނާއި، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" އާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.

(ކ) މި ގަވާއިދުގައި "އެމްބެސެޑަރ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުގެ ޑެޕިއުޓީ ހެޑް އޮފް މިށަންގެ ގޮތުގައި ތިބޭ މުވައްޒަފުންގެ ތެރެއިން، މިނިސްޓަރަށް ފެންނަ ނަމަ، 'އެކްސްޓްރާއޯޑިނަރީ' އަދި 'ޕްލެނިޕޮޓެންށަރީ' ބާރުތައް ނުހިމެނޭގޮތަށް 'އެމްބެސެޑަރ' ގެ ދަރަޖަ ދީފައިވާ މުވައްޒަފުންނަށެވެ.

(އ) 'އެކްސްޓްރާއޯޑިނަރީ' މި ލަފުޒު މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ފަރާތުން، ދައުލަތުގެ ނަމުގައި ބޭރު ގައުމުތަކާ މުއާމަލާތްކުރުމުގެ ބާރު ދީފައިވާ ސަފީރުންނަށް ނިސްބަތްކޮށެވެ.

(ވ) 'ޕްލެނިޕޮޓެންށަރީ' މި ލަފުޒު މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، ދައުލަތުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިހްތިޔާރާއެކު ދައުލަތުގެ އެންމެ އިސްވެރިޔާ އައްޔަނުކޮށްފައި ތިބޭ ސަފީރުންނަށެވެ.

 

މައި ގާނޫނު

ފޮރިން ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު