ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމު ކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ދިވެހިރާއްޖޭގައި ގާއިމު ކުރުމާއި ހިންގުމާ ގުޅޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-130)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 އޮގަސްޓް 2022 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ދިވެހިރާއްޖޭގައި ގާއިމުކުރުމާއި ހިންގުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށްޓަކައި، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ 7 ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ދިވެހިރާއްޖޭގައި ގާއިމުކުރުމާއި ހިންގުމާ ގުޅޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ބައިނަލްއަގްވާމީ ހަމަތަކާއި މިންގަނޑުތަކާ އެއްގޮތަށް ހިންގުމަށް މަގުފަހިކުރުމެވެ. އަދި އެފަދަ ތަންތަނުގެ އިހްތިސާސާއި އިމްތިޔާޒުތައް ކަނޑައަޅައި، ސަރުކާރުން އެ ތަންތަނާ މުއާމަލާތްކުރާނެގޮތް ބަޔާންކުރުމެވެ.
ދެވަނަ ބާބު
ޑިޕްލޮމެޓިކް މިށަން
3 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތަކުގެ މައިގަނޑު މަސައްކަތްތައް
ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިށަނެއް ހުޅުވާނީ، އަންނަނިވި މައިގަނޑު މަސައްކަތްތައް ކުރުމަށް ނުވަތަ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައެވެ.
(ހ) ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ބަދަހިކުރުން؛
(ށ) ދެ ގައުމުގެ ވިޔަފާރި އަދި އިގްތިސާދީ ބައިވެރިވުން އިތުރުކުރުން؛
(ނ) ދެ ގައުމުގެ ފަރުދީ ގުޅުން އިތުރުކުރުން؛
(ރ) އަދި މިނޫނަސް، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ކުރެވިދާނެ އެހެނިހެން މަސައްކަތް ކުރުން؛
4 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަން ހުޅުވަން އެދުން
(ހ) ޑިޕްލޮމެޓިކް މިށަނެއް ގާއިމުކުރާނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ދިވެހި ސަރުކާރުގެ ހުއްދައާ އެކުގައެވެ.
(ށ) ޑިޕްލޮމެޓިކް މިށަނެއް ހުޅުވުމަށް އެދި ހުށަހަޅަންވާނީ މިނިސްޓްރީ އަށެވެ.
(ނ) ޑިޕްލޮމެޓިކް މިށަނެއް ހުޅުވުމަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ފުރިހަމަވާންވާނެއެވެ.
- ޑިޕްލޮމެޓިކް މިށަނުން ހިދުމަތް ދޭނެ ޖުރިސްޑިކްށަން ނުވަތަ އިހްތިސާސް.
- ޑިޕްލޮމެޓިކް މިށަންގެ މަސްއޫލިއްޔަތުތައް.
- ޑިޕްލޮމެޓިކް މިށަނުން ދޭނެ ހިދުމަތްތަކާއި، އެ ހިދުމަތްތަކަށް އަގެއް ކަނޑައަޅައިފައިވާނަމަ އެކަމާ ގުޅޭ މައުލޫމާތު.
- ޑިޕްލޮމެޓިކް މިށަންގައި މަސައްކަތްކުރާނެ ޑިޕްލޮމެޓުންނާއި އެހެނިހެން މުވައްޒަފުންގެ އަދަދާއި ރޭންކުތައް.
5 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަން ހުޅުވަން ހުއްދަ ދިނުން
(ހ) ޑިޕްލޮމެޓިކް މިށަންތައް ހުޅުވުމަށް ހުއްދަ ދޭނީ، މިނިސްޓަރު ގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ޑިޕްލޮމެޓިކް މިށަންތައް ގާއިމުކުރުމުގައި، ރެސިޕްރޯސިޓީ އުސޫލަށް އިސްކަންދޭންވާނެއެވެ.
(ނ) ޑިޕްލޮމެޓިކް މިށަން ހުޅުވުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމުގައި، މިށަނެއް ހުޅުވުމުގެ ބޭނުންތެރިކަމާމެދު މިނިސްޓްރީއިން ދިރާސާ ކުރަންވާނެއެވެ. މި ދިރާސާގައި، ޑިޕްލޮމެޓިކް މިށަން ހުޅުވުމަށް އެދޭ ގައުމާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި، ހުއްދަދިނުމުގެ ސަބަބުން ކުރާނެ ފައިދާ، ނުވަތަ ލިބިދާނެ ގެއްލުމާއި، އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ކުރާނެ އަސަރު އަންދާޒާކުރަންވާނެއެވެ.
(ރ) ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ޑިޕްލޮމެޓިކް މިށަން ގާއިމުކުރުމަށް ބިން ކަނޑައަޅާ ހަވާލުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާ އެކު، މިނިސްޓްރީންނެވެ.
(ބ) ޑިޕްލޮމެޓިކް މިށަން ހުޅުވުމަށް ބިން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޑިޕްލޮމެޓިކް މިށަން ހުޅުވަން އެދޭ ގައުމާއި ދިވެހި ސަރުކާރާއެކު ސޮއިކުރަންވާނެއެވެ.
(ޅ) ޑިޕްލޮމެޓިކް މިށަން ހުޅުވުމަށް ހަމަޖެހިފައިވަނީ، އިމާރާތެއްގައި ނުވަތަ އިމާރާތެއްގެ ބައެއްގައިނަމަ، އެ ތަނަކީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް މިނިސްޓްރީން ހުއްދަ ދީފައިވާ ތަނަކަށް ވާންވާނެއެވެ.
(ކ) ޑިޕްލޮމެޓިކް މިށަންގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެއަށް އަންނަ ފަރާތްތައް ދިވެހިރާއްޖެ އައުމުގެ ހުއްދަ ދޭނީ، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިސްޓްރީންނެވެ.
6 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތަކަށް ލިބިދޭ އިމްތިޔާޒުތަކާއި އެކިއެކި ހުއްދަތައް
(ހ) ޑިޕްލޮމެޓިކް މިށަންތަކާއި އެ ތަނުގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް ސްޓާފުންނަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެމަތިން އިމްތިޔާޒުތައް ލިބިދެވޭނެއެވެ.
(ށ) ޑިޕްލޮމެޓިކް މިށަން ހިންގުމަށް ބޭނުންވާ އެކިއެކި ހުއްދަތައް ހޯދުމަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށެވެ. މިފަދަ ހުއްދަތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އައިޑީ، އެއަރޕޯޓު ފާސް، އަދި ވެހިކަލް ހުއްދަ ހިމެނެއެވެ.
7 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަން ބަންދުކުރުން
(ހ) ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރަން ބޭނުންވެއްޖެނަމަ، މިށަން ނިސްބަތްވާ ގައުމުން އެކަން މިނިސްޓްރީ އަށް އަންގަންވާނެއެވެ.
(ށ) ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރަން ބޭނުންވެގެން އަންގާއިރު، ޑިޕްލޮމެޓިކް މިށަން ބަންދުކުރާ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި ބަންދުކުރާނެ ތާރީހާއި، މިށަނު ން ހިދުމަތް ލިބޭނެ އެންމެ ފަހުގެ ތާރީހު ބަޔާންކުރަންވާނެއެވެ.
(ނ) ޑިޕްލޮމެޓިކް މިށަން ބަންދުކުރުމަށްފަހު ޑިޕްލޮމެޓިކް މިށަން ހިންގުމަށް ހަވާލުކޮށްފައިވާ ބިން، ޑިޕްލޮމެޓިކް މިށަން ހުޅުވުމަށް ބިން ދިނުމާ ގުޅޭ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެމަތިން މިނިސްޓްރީން ހަވާލުކުރަންވާނެއެވެ.
(ރ) އެއްވެސް ސަބަބަކާހުރެ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރަން ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ބ) އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ ޑިޕްލޮމެޓިކް މިށަން ބަންދުކުރުމަށް އެންގިދާނެއެވެ.
- ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ކަނޑައިލުން؛
- ރާއްޖޭގެ ސަލާމަތާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ޑިޕްލޮމެޓިކް މިށަނުން އަމަލުކުރުން؛
(ޅ) ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރުމަށް ނިންމައިފިނަމަ އެކަން އެ ގައުމަކަށް އަންގާނީ،މިނިސްޓަރެވެ.
ތިންވަނަ ބާބު
ކޮންސިއުލަރ ޕޯސްޓު
8 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ގެ މައިގަނޑު މަސައްކަތްތައް
(ހ) ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ކޮންސިއުލަރ ޕޯސްޓެއް ހުޅުވާނީ، އަންނަނިވި މައިގަނޑު މަސައްކަތްތައް އަދާކުރުމަށް ނުވަތަ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައެވެ.
- ކޮންސިއުލަރ ޕޯސްޓެއްގެ ކޮންސިއުލަރ ޑިސްޓްރިކްޓުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ ހިދުމަތްތައް ފޯރުކޮށްދިނުން؛
- ދެ ގައުމުގެ ވިޔަފާރި އަދި އިގްތިސާދީ ބައިވެރިވުން އިތުރުކުރުން؛
- ދެ ގައުމުގެ ފަރުދީ ގުޅުން އިތުރުކުރުން؛
- މިނޫނަސް، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963 ގެ ދަށުން ކުރެވިދާނެ އެހެނިހެން މަސައްކަތް ކުރުން؛
9 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ހުޅުވަން އެދުން
(ހ) ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރާނީ، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރރިލޭށަންސް 1963 ގެ ދަށުން ދިވެހި ސަރުކާރުގެ ހުއްދައާ އެކުގައެވެ.
(ށ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް އެދި ހުށަހަޅަންވާނީ، މިނިސްޓްރީއަށެވެ.
(ނ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތުތައް ފުރިހަމަވާންވާނެއެވެ.
- ކޮންސިއުލަރ ޕޯސްޓުން ހިދުމަތް ދޭނެ ކޮންސިއުލަރ ޑިސްޓްރިކްޓް؛
- ކޮންސިއުލަރ ޕޯސްޓުގެ މަސްއޫލިއްޔަތުތައް؛
- ކޮންސިއުލަރ ޕޯސްޓުން ދޭނެ ހިދުމަތްތަކާއި، އެ ހިދުމަތްތަކަށް އަގެއް ކަނޑައަޅައިފައިވާނަމަ އެކަމާ ގުޅޭ މައުލޫމާތު؛
- ކޮންސިއުލަރ ޕޯސްޓުގައި މަސައްކަތްކުރާނެ ކޮންސިއުލަރ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ އަދަދާއި ރޭންކުތައް؛
10 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ހުޅުވަން ހުއްދަ ދިނުން
(ހ) ދިވެހިރާއްޖޭގައި ކޮންސިއުލަރ ޕޯސްޓެއް ހުޅުވޭނެ އަތޮޅުތަކާއި ރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް ހުއްދަ ދޭނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރުމުގައި، ރެސިޕްރޯސިޓީ އުސޫލަށް އިސްކަންދޭންވާނެއެވެ.
(ރ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމުގައި، ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމުގެ ބޭނުންތެރިކަމާމެދު މިނިސްޓްރީން ދިރާސާ ކުރަންވާނެއެވެ. މި ދިރާސާގައި، ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް އެދޭ ގައުމާއި،ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި، ހުއްދަދިނުމުގެ ސަބަބުން ކުރާނެ ފައިދާ، ނުވަތަ ލިބިދާނެ ގެއްލުމާއި، އެހެން ގައުމުތަކާ އޮންނަ ގުޅުމަށް ކުރާނެ އަސަރު އަންދާޒާކުރަންވާނެއެވެ.
(ބ) ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޮންސިއުލަރ ޕޯސްޓެއް ގާއިމުކުރުމަށް ބިން ކަނޑައަޅައި ހަވާލުކުރާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު،މިނިސްޓްރީންނެވެ.
(ޅ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް ބިން ދިނުމާގުޅޭ އެއްބަސްވުމެއްގައި ކޮންސިއުލަރޕޯސްޓު ހުޅުވަން އެދޭ ގައުމާއި ދިވެހި ސަރުކާރާއެކު ސޮއިކުރަންވާނެއެވެ.
(ކ) ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމަށް ހަމަޖެހިފައިވަނީ، އިމާރާތެއްގައި ނުވަތަ އިމާރާތެއްގެ ބައެއްގައި ނަމަ، އެ ތަނަކީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް މިނިސްޓްރީން ހުއްދަދީފައިވާ ތަނަކަށް ވާންވާނެއެވެ.
(އ) ކޮންސިއުލަރ ޕޯސްޓުގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެއަށް އަންނަ ފަރާތްތައް ދިވެހިރާއްޖެ އައުމުގެ ހުއްދަ ދޭނީ، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މިނިސްޓްރީންނެވެ.
(ވ) ދިވެހިރާއްޖޭގައި ޑިޕްލޮމެޓިކް މިށަނެއް ގާއިމުކޮށްފައިނުވާ ގައުމަކަށްވެސް ކޮންސިއުލަރ ޕޯސްޓެއް ހުޅުވުމުގެ ހުއްދަ ދެވިދާނެއެވެ.
11 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓުތަކަށް ލިބިދޭ އިމްތިޔާޒުތަކާއި އެކިއެކި ހުއްދަތައް
(ހ) ކޮންސިއުލަރ ޕޯސްޓެއްގައި އެ ތަނުގައި މަސައްކަތްކުރާ ޑިޕްލޮމެޓިކް ސްޓާފުންނަށް، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963 އާ އެއްގޮތްވާ ގޮތުގެ މަތިން އިމްތިޔާޒުތައް ލިބިދެވޭނެއެވެ.
(ށ) ކޮންސިއުލަރ ޕޯސްޓެއް ހިންގުމަށް ބޭނުންވާ އެކިއެކި ހުއްދަތައް ހޯދުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީއަށެވެ. މިފަދަ ހުއްދަތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އައިޑީ، އެއަރޕޯޓު ފާސް، އަދި ވެހިކަލް ހުއްދަ ހިމެނެއެވެ.
12 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ބަންދުކުރުން
(ހ) ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރަން ބޭނުންވެއްޖެނަމަ، ކޮންސިއުލޭޓެއް ނިސްބަތްވާ ގައުމަކުން މިނިސްޓްރީ އަށް އަންގަންވާނެއެވެ.
(ށ) ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރަން ބޭނުންވެގެން އަންގާއިރު، ކޮންސިއުލަރޕޯސްޓު ބަންދުކުރާ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި ބަންދުކުރާނެ ތާރީހާއި، ކޮންސިއުލަރ ޕޯސްޓުން ހިދުމަތް ލިބޭނެ އެންމެ ފަހުގެ ތާރީހު ބަޔާންކުރަންވާނެއެވެ.
(ނ) ކޮންސިއުލަރ ޕޯސްޓު ބަންދުކުރުމަށްފަހު ކޮންސިއުލަރ ޕޯސްޓު ހިންގުމަށް ހަވާލުކޮށްފައިވާ ބިން، ކޮންސިއުލަރ ޕޯސްޓު ހުޅުވުމަށް ބިން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ބަޔާންކުރާ ގޮތުގެ މަތިން މިނިސްޓްރީއާ ހަވާލުކުރަންވާނެއެވެ.
(ރ) އެއްވެސް ސަބަބަކާހުރެ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރަން ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ބ) އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ ކޮންސިއުލަރ ޕޯސްޓު ބަންދުކުރުމަށް ދިވެހި ސަރުކާރަށް އެންގިދާނެއެވެ.
- ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ކަނޑައިލުން؛
- ރާއްޖޭގެ ސަލާމަތާއި ސިޔާދަތަށް ބުރޫއަރާ ފަދަ ގޮތަކަށް ކޮންސިއުލަރޕޯސްޓުން އަމަލުކުރުން؛
- ރައީސުލްޖުމްހޫރިއްޔާ، ކޮންސިއުލަރ ޕޯސްޓު ހުޅުވައިފައިވާ ރަށް ކޮންސިއުލޭޓެއް ހުޅުވޭނެ ރަށްތަކުގެ ލިސްޓުން އުނިކުރުން.
13 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ހިންގުމާ ގުޅޭ އެހެނިހެން ކަންކަން
(ހ) ކޮންސިއުލަރ ޕޯސްޓު ހުޅުވާއިރު މި އުސޫލުގެ ދަށުން ކޮންސިއުލޭޓުތަކަށް ލިބިދޭ ޑިޕްލޮމެޓިކް އިމްތިޔާޒުތަކާއި ބާރުތަކަށް ލޯކަލް ކައުންސިލުތައް އަހުލުވެރި ކުރުވަންވާނެއެވެ.
(ށ) ކޮންސިއުލަރ ޕޯސްޓު ހުޅުވައިފައިވާ ރަށް ނޫން އެހެން ރަށަކަށް، ނުވަތަ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ކޮންސިއުލަރ ޕޯސްޓު ބަދަލުކުރުމަށް ސަރުކާރަށް އެންގިދާނެއެވެ.
(ނ) ހާއްސަ ހާލަތެއްގައި މެނުވީ، ކޮންސިއުލަރ ޕޯސްޓަކުން ކުރަންވާނީ ހަމައެކަނި ކޮންސިއުލަރ މަސައްކަތެވެ. އަދި، ކޮންސިއުލަރ ޕޯސްޓަކުން ޑިޕްލޮމެޓިކް ފަންކްށަނެއް އަދާކުރާނަމަ، އެކަން މިނިސްޓްރީ އަށް އަންގަންވާނެއެވެ. އަދި އެފަދަ ފަންކްށަނެއް އަދާކުރަންވާނީ ވަގުތީގޮތުންނެވެ.
(ރ) ކޮންސިއުލަރ ޕޯސްޓުން ހިދުމަތް ދޭނެ ކޮންސިއުލަރ ޑިސްޓްރިކްޓް ބަދަލުކުރެވޭނީ،އެކަން މިނިސްޓްރީއަށް އަންގައި، ހުއްދަ ލިބުމުންނެވެ.
16 ވަނަ މާއްދާ - ސަލާމަތީ ކަންކަން
(ހ) ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަކީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961އާއި، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963 ގެ ދަށުން ދައުލަތުގެ ޒިންމާއެކެވެ.
(ށ) ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ފޯރުކޮށްދޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނާއި ސިފައިންނެވެ.
ހަތަރު ވަނަ ބާބު
އާންމު އުސޫލުތައް
17 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރޕޯސްޓުތަކުގައި މަސައްކަތް ކުރާ ލޯކަލް މުވައްޒަފުން
ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގައި މަސައްކަތްކުރާ ލޯކަލް މުވައްޒަފުންގެ ވަޒީފާއާ ގުޅިގެން އަމަލުކުރަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
18 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން
މި ގަވާއިދު ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.
19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
20 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "ލޯކަލް މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ދިވެހިރާއްޖޭގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށެވެ.
(ރ) "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" ކަމަށް ބުނެފައި އެވަނީ، 14 އެޕްރީލް 1961 ގައި އަމަލުކުރަން ފަށައިފައިވާ 2 އޮކްޓޫބަރު 2007 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސަށެވެ.
(ބ) "ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963" ކަމަށް ބުނެފައި އެވަނީ، 19 މާރިޗު 1967 ގައި އަމަލުކުރަން ފަށައިފައިވާ 21 ޖަނަވަރީ 1991 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސަށެވެ.
(ޅ) "ކޮންސިއުލަރ ޑިސްޓްރިކްޓް" ކަމަށް ބުނެފައި އެވަނީ، ވަކި ކޮންސިއުލަރ ޕޯސްޓެއްގެ ހިދުމަތް ދެވޭނެކަމަށް ކަނޑައަޅައިފައިވާ އިހްތިސާސަށެވެ.
(ކ) "ކޮންސިއުލަރ ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ. (ނޯޓް: މި ނަންބަރުގައި "މި ގާނޫނާއި" ބުނެވިފައިވަނީ "މި ގަވާއިދާއި" ގެ ބަދަލުގައި އޮޅިގެން ކަމަށް ބެލެވޭ)
(އ) "ރެސިޕްރޯސިޓީ އުސޫލު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް ހަމަތަކުގެމަތިން، އެއް ގައުމުން ހަމަޖައްސާ އުސޫލު ނުވަތަ އިންތިޒާ މުގެ ބަދަލުގައި، ހަމަ އެ މޭރުމުން އަނެއް ގައުމުން އެފަދަ އުސޫލެއް ނުވަތަ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.
(ވ) "ޑިޕްލޮމެޓިކް އައިޑީ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓުންނަށް ދޫކުރާ ކާކުކަން އަންގައިދޭ ލިޔުމަށެވެ.
(މ) "އެއަރޕޯޓު ފާސް" ކަމަށް ބުނެފައި އެވަނީ، ޕްރޮޓޮކޯލް މަސައްކަތް ކުރުމަށް އެއަރޕޯޓަށް ވަނުމަށް ޑިޕްލޮމެޓިކް މިށަންތަކަށް ދޫކުރާ ހުއްދައަށެވެ.
(ފ) "ވެހިކަލް ހުއްދަ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް އުޅަނދުފަހަރަށް ދޫކުރާ ހުއްދައަށެވެ.
ކިޔުންތެރިންގެ ހިޔާލު