-

 މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާ ބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-98)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު، އެ މާއްދާގެ (ބ) ގެ ދަށުން ކައުންސިލުން އެކުލަވައިލައިފައިވާ، މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - އާންމު ތަންތަނުގައި އިއުލާނާއި އިސްތިހާރު ހިއްޕުން ނުވަތަ ހަރުކުރުން

(ހ) އާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިއުލާނެއް ނުވަތަ އިސްތިހާރެއް ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ، އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ހުންނާނެ ގޮތް ކައުންސިލަށް ހުށަހަޅައި، ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ށ) އެއްވެސް އިއުލާނެއް ނުވަތަ އިސްތިހާރެއް ނުވަތަ އެންގުމެއް މަގުމަތީގައި ނުވަތަ ގޯޅިއެއްގައި ނުވަތަ އާންމުން ބޭނުންކުރާ އެނޫން ތަނެއްގައި ވެސް ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ، އާންމުންނަށް ދަތިނުވާނެ ގޮތެއްގެ މަތީންނެވެ.

(ނ) މަގުމަތީގައި، މަގުހުރަހަށް ވާގޮތަށް އެއްވެސް އިސްތިހާރެއް ނުވަތަ އެންގުމެއް ނުވަތަ އެނޫންވެސް އެއްޗެއް ދަމަންވާނީ، ބިންމަތިން ފެށިގެން 15 (ފަނަރަ) ފޫޓަށްވުރެ ތިރިނުވާނޭ ގޮތަށެވެ.

(ރ) މަގަށް ނެރެފައި އެއްވެސް ނަން ބޯޑެއް ހަރުކުރަންވާނީ ނުވަތަ އިސްތިހާރެއް ބަހައްޓަންވާނީ، އުސްމިނުގައި 15 (ފަނަރަ) ފޫޓަށްވުރެ ތިރިނުވާނޭ ގޮތަކަށް 3 (ތިނެއް) ފޫޓަށްވުރެ ބޮޑަށް މަގަށް ނުނެރެވާގޮތަށެވެ. މިގޮތުން ބަހައްޓާ އެއްޗެއް މަގަށް ނުވެއްޓޭނޭ ފަދަ ގޮތަކަށްހަރުކޮށްފައިވާކަން، އެ އެއްޗެއް ބަހައްޓާ ފަރާތުން ކަށަވަރުކުރަން ވާނެއެވެ. މިގޮތުން ބަހައްޓާ ބޯޑެއް ވެއްޓިގެން ލިބޭގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ، އެފަދަ އެއްޗެއް ބެހެއްޓި ފަރާތުންނެވެ.

(ބ) މަގުމަތީގައި މަސައްކަތްކުރާކަން އަންގައިދޭ ބޯޑެއް ނުވަތަ އެންގުމެއް މަގުމަތީގައި ނުވަތަ ގޯޅީގައި ބަހައްޓަންވާނީ، އެ މަސައްކަތަކުން ނުވަތަ އެ ސަރަހައްދުން ދިމާވެދާނެ ނުރައްކަލަކަށް އެ މަގެއް ނުވަތަ ގޯޅިއެއް ބޭނުންކުރާ ފަރާތްތަކުން ސަމާލުވާންވާނެކަން އަންގައިދިނުމަށް އިސްކަންދީގެން، އެ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ.

(ޅ) ވިޔަފާރިކުރާ ތަނަކުން، ނުވަތަ އޮފީހަކުން، ނުވަތަ ގެޔަކުން ނުވަތަ މިނޫން އެހެން ތަނަކުން ވެސް ވަކި ހާއްސަ ވަގުތެއްގައި ދޭ ހިދުމަތަކާ ގުޅިގެން ބަހައްޓާ ސައިންބޯޑު ފަދަ ތަކެތި މަގަށް ފެންނަ ގޮތަށް ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ ، އެ ތަނަކުން ހިދުމަތްދޭ ވަގުތުތަކުގައެވެ. އެނޫން ވަގުތުތަކުގައި މިގޮތަށް ބަހައްޓާ ނުވަތަ ހަރުކުރާބޯޑުތައް ނަގަންވާނެއެވެ.

 

4 ވަނަ މާއްދާ - އިއުލާނާއި އިސްތިހާރު ކައުންސިލުން ފާސްކުރުން

(ހ) ކައުންސިލަށް އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރުމަށް ހުށަހަޅާއިރު ހުށަހަޅަންވާނީ، ކައުންސިލުން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމެއްގައި އެ އިއުލާނެއްގެ ނުވަތަ އިސްތިހާރެއްގެ މަދުވެގެން 2 (ދޭއް) ކޮޕީ ނުވަތަ ސޮފްޓްކޮޕީއާ އެކުގައެވެ.

(ށ) މިފަދަ އިއުލާނުތައް ނުވަތަ އިސްތިހާރުތައް އާންމުކޮށް ފެންނަގޮތަށް ބެހެއްޓުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން، އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ފާސްކުރުމަށް ޓަކައި ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެ އިއުލާނާ ގުޅިގެން ނުވަތަ އިސްތިހާރާ ގުޅިގެން ވަކި ކަމެއް އިސްލާހުކުރުމަށް ކައުންސިލުން އަންގައިފިނަމަ، އެ ކަމެއް އިސްލާހުކުރުމަށްފަހު، އެ އިއުލާނު ނުވަތަ އިސްތިހާރު ފާސްކުރުމަށް ޓަކައި އަލުން ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ސަރުކާރުގެ އިމާރާތްތަކުގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާއި ހިއްޕުމާއި ބެހެއްޓުން

(ހ) ސަރުކާރުގެ އިމާރާތްތަކުގައްޔާއި ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުގައި އިއުލާނު ނުވަތަ އިސްތިހާރު ހަރުކުރުމަކީ ނުވަތަ ހިއްޕުމަކީ މަނާކަމެކެވެ.

(ށ) މިސްކިތްތަކުގައި ގިބުލައަށް ކުރިމަތިލައިގެން ތިބޭއިރު، 100 (އެއްސަތޭކަ) ފޫޓަށްވުރެ ކައިރިން ފެންނަގޮތަށް އެކިއެކި ތަސްވީރު ހުންނަ އިއުލާނާއި އިސްތިހާރު ބެހެއްޓުމަކީ ނުވަތަ ހަރުކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ގޭގޭ ފާރުގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާއި ހިއްޕުމާއި ބެހެއްޓުން

ގޭގޭގައްޔާއި އިމާރާތްތަކުގައި އިއުލާނު ނުވަތަ އިސްތިހާރު ބަހައްޓަންވާނީ ނުވަތަ ހަރުކުރަންވާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިއުލާނު ނުވަތަ އިސްތިހާރު ކައުންސިލަށް ހުށަހަޅައިގެން ހުއްދަ ހޯދުމުގެ އިތުރުން، އެ އިއުލާނު ނުވަތަ އިސްތިހާރު ހަރުކުރުމަށް ނުވަތަ ބެހެއްޓުމަށް އެ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި އިއުލާނުކުރާ ނުވަތަ އިސްތިހާރުކުރާ މުއްދަތު ހަމަވުމުން، އެ ތާކުން އެ އިއުލާނެއް ނުވަތަ އިސްތިހާރެއް ނައްޓައި ނުވަތަ ނަގައި ތަން ސާފުކުރުމަކީ އިއުލާނު ނުވަތަ އިސްތިހާރު ބަހައްޓާ ނުވަތަ ހަރުކުރާ ފަރާތަކުން ކުރަންޖެހޭ ކަމެކެވެ.

 

7 ވަނަ މާއްދާ - ވިޔަފާރިއަކުން ކުރާ އިސްތިހާރުތަކަށް ކައުންސިލުން އަގު ނެގުން

ވިއްކާ އެއްޗެއްގެ އިސްތިހާރު ނުވަތަ އަގުނަގާ ގޮތަށް ދޭ ހިދުމަތެއްގެ އިސްތިހާރު ކައުންސިލުން ފާސްކޮށްދިނުމުގައި ތިރީގައި މިވާ އުސޫލުން އަގު ނެގުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ހ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ، 4*2 ފޫޓަށްވުރެ ކުޑަ ސައިޒުގެ ބޯޑަކަށް މަހަކަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

(ށ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ، 4*2 އާއި 8*4 ފޫޓާ ދެމެދުގެ ބޮޑުމިނުގެ ސައިޒުގެ ބޯޑަކަށް މަހަކަށް 850 (އަށްސަތޭކަ ފަންސާސް) ރުފިޔާ.

(ނ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ، 8*4 ފޫޓުގެ ބޯޑަކަށް 250,1 (އެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާ.

(ރ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ، 4*2 ފޫޓަށްވުރެ ކުޑަ، ކަރުދާހުގައިހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކަށް މަހަކަށް 25 (ފަންސަވީސް) ރުފިޔާ.

(ބ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ، 4*2 ފޫޓާއި 8*4 ފޫޓާ ދެމެދުގެސައިޒުގައި، ކަރުދާހުގައި ހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކަށް މަހަކަށް 75 (ހަތްދިހަފަހެއް) ރުފިޔާ.

(ޅ) އިސްތިހާރު ހެދުމަށް ހުށަހަޅައިފައިވާ 8*4 ފޫޓުގެ ބޮޑުމިނުގައި،ކަރުދާހުގައި ހަދައިފައިވާ ނުވަތަ ފޮތީގައި ހަދައިފައިވާ އިސްތިހާރަކަށް މަހަކަށް 100 (އެއްސަތޭކަ) ރުފިޔާ.

 

8 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

(ހ) މި ގަވާއިދުގެ ދަށުން އިއުލާނެއް ނުވަތަ އިސްތިހާރެއް ހަރުކުރާ ނުވަތަ ބަހައްޓާ ނުވަތަ ދަމާ ފަރާތުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، މި ނަންބަރުގެ ދަށުން އެ ފަރާތެއް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ އެ ގާނޫނެއް ނުވަތަ ގަވާއިދެއްގައިވާ ގޮތެއްގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލަށެވެ.

(ށ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެ ތަނެއްގައި މީހުން ހިނގާބިނގާ އުޅޭ ނުވަތަ އެއްވެސް ހުރަހެއްނެތި އެ ތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބުމަށް ހުންނަ ތަންތަނާއި، ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، މި ގަވާއިދުގެ ދަށުން ކައުންސިލުން ކަނޑައަޅާ އާންމު ތަންތަނަށެވެ.

(ނ) "ސައިން ބޯޑު" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވަތަ އެއްޗެއް ދޭހަކޮށްދިނުމުގެ ގޮތުން ތަސްވީރެއް، ނުވަތަ ލިޔުމެއް، ނުވަތަ އަކުރެއް ނުވަތަ ނިށާނެއް ބޭނުންކޮށްގެން އެ ކަމެއް ނުވަތަ އެއްޗެއް އަންގައިދިނުމަށް ޓަކައި ހަދައިފައިވާ ބޯޑުތަކަށެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު