-

ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-92)

(މި ގަވާއިދުގެ 21 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-09 އާއި އުސޫލު 6 ޖޫން 2017 އާއި ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން ގަވާއިދު އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ފެހިކަން އިތުރުކުރުމަށް ޓަކައި ރުއްގަސް އިންދުން އިތުރުކުރުމަށާއި، ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާބެހޭ އިޖުރާތުތައް ކަނޑައެޅުމަށް ޓަކައި، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށް ޓަކައި ރުއްގަސް އިންދުން އިތުރުކޮށް، މިކަމަށް ހިތްވަރުދިނުން.

(ށ) ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާއި، އެ ތަކެތި ބެލެހެއްޓުން.

(ނ) ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން، ލާމަރުކަޒީ އުސޫލުން ބެލެހެއްޓުން.

(ރ) ދިވެހިރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުމާ ގުޅިގެން ނުވަތަ އުފުރުމާ ގުޅިގެން ރަށްރަށުގެ ފެހިކަމަށާއި ގަސްކަރައަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެކަމުގެ ސަބަބުން ރަށްރަށުގެ ގުދުރަތީ ރީތިކަމަށާއި ތިމާވެށްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ޓަކައި، ވަކި ހާއްސަ އުސޫލުތަކެއްގެ ދަށުން ދިވެހިރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުމުގައްޔާއި އުފުރުމުގައްޔާއި ކޮނެގެން ނެގުމުގައްޔާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައްޔާއި ރަށުން ބޭރުކުރުމުގައި އަމަލުކުރުންޖެހޭ ހާއްސަ އިޖުރާތުތައް ކަނޑައެޅުން.

(ބ) ރުއްގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ އަދި އެ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، ކޮންމެހެން އެކަން ކުރަން ޖެހިގެން ނުވަތަ އެ ނޫން ގޮތެއް ނެތިގެން، ހަމައެކަނި މުޖުތަމައުގެ ޒަރޫރީބޭނުންތަކަށް ޓަކައި ކަން ކަށަވަރުކޮށް، އެ ކަންކަން ބަލަހައްޓައި ރިޕޯޓުކުރެވޭނެ ގޮތްތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސް ހިމާޔަތްކުރުން

(ހ) މި ގަވާއިދުގެ ދަށުން، ދިވެހިރާއްޖޭގައި 50 (ފަންސާސް) އަހަރުން މަތީގެ ގަހަކީ ހިމާޔަތްކޮށްފައިވާ ގަހެވެ.

(ށ) ރަށްރަށުގައި ހުންނަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުވަސްވީ ގަހުގެ ދަފުތަރު، ކައުންސިލުތަކުން ބަލަހައްޓަންވާނެއެވެ. މި ދަފުތަރު، އެ ރަށެއްގެ ކައުންސިލުން، ކޮންމެ އަހަރަކު، އަދާހަމަކުރަންވާނެއެވެ. އަދި ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ގެ ކުރިން، މި މާއްދާގައި ބަޔާން ކޮށްފައިވާ ދުވަސްވީ ރުއްގަހުގެ ދަފުތަރު އަޕްޑޭޓްކުރުމަށްފަހު އެޖެންސީއަށް ފޮނުވަންވާނެއެވެ.

(ނ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ ރަށްރަށާއި، ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި، އެ ރަށް ހަވާލުކޮށްފައިވާ ފަރާތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުވަސްވީ ގަހުގެ މައުލޫމާތު، ކޮންމެ އަހަރެއް ނިމި، ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ގެ ކުރިން، އެޖެންސީއަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 1 ގެ ކުރިން އެޖެންސީން ށާއިއު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ުނަވ ަތ އެއް ތަނުން އަނެއް ތަނަށް ގެންދެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ރުއްގަހުގެ ތެރެއިން ކެނޑުން، ނުވަތަ އުފުރުން، ނުވަތަ ކޮނެގެން ނެގުން،ނުވަތަ އެއް ތަނުން އަނެއް ތަނަށްގެންދިއުން މަނާ ބާވަތްތައް

(ހ) ރުއްގަހުގެ ތެރެއިން އަންނަނިވި ގިންތިތަކުގައި ހިމެނޭ އެއްވެސް ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެކެވެ.

  1. ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 (ވިހި) މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭށަން ބެލްޓުގައި ހިމެނޭ ރުއްގަސް؛
  2. ހިމާޔަތްކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް؛
  3. ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައްޔާއި، އެ ސަރަހަ އްދުތައް ވަށައިގެންވާ 20 (ވިހި) މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް؛
  4. ދިރޭތަކެތި ހިމާޔަތްކުރުމުގެ ބޭނުމަށް ޓަކައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަސް؛
  5. ރާއްޖޭގައި ހުރި ނެތި ހުސްވެދާނެކަމުގެ ބިރުހީވެފައިވާ ގަސްގަހާގެހި.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް ކެނޑުމަށް، ނުވަތަ އުފުރުމަށް، ނުވަތަ ކޮނެގެން ނެގުމަށް ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

  1. އެ ގަހެއްގެ ގޮފިތަކާއި މޫތައް ދިގުވެ، ގަސް ބިޔަވުމުގެ ސަބަބުން، އަވަށްޓެރި ގޭގެއަށާއި ގޯތި ގޯއްޗަށް ނުވަތަ އިމާރާތަށް ބޮޑު ގެއްލުމެއް ލިބެމުންދާނަމަ، ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަ،ދިގުވެ އުނދަގޫ ފޯރާ ގޮފިތަކާއި މޫތައް ކޮށައި، ގަސް ބެލެހެއްޓުން. މިފަދަ ގަސްގަހުގައި ހުންނަ ފަލަ ގޮފިތައް ނުވަތަ ބޮޑެތި ގޮފިތައް ކަނޑަންވާނީ، މީހުން ދިރިއުޅޭ ރަށެއް ނަމަ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަޔާ އެކުގައެވެ. އަދި ފަޅު ރަށެ އް ނަމަ، ނުވަތަ ފަޅުރަށަކުން ބައެއް ނަމަ، ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ކަނޑައަޅައިފައިވާ ރަށެއް ނަމަ، އެޖެންސީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
  2. މި މާއްދާގެ (1) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކުރެވޭނަމަ، ރުއް ނުވަތަ ގަސް ހުރި ކައުންސިލެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގެ ތެރޭގައިވާ އެހެން ތަނަކަށް ބަދަލުކޮށްފައި އެ ރުއް ނުވަތަ އެ ގަސް އިންދުން؛
  3. މި މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކުރެވޭނަމަ، ރުއް ނުވަތަ ގަސް، އެހެން ކައުންސިލެއްގެ ނުވަތަ އެހެން ސިޓީއެއްގެ އިހްތިސާސް ހިނގާ ސަރަހައްދެއްގެ ތެރޭގައި އިންދުން؛
  4. މި މާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކުރެވޭނަމަ، އެ ރުއް ނުވަތަ އެ ގަސް ކަނޑައިލުން؛ އަދި އެ ރުކުގެ ބަދަލުގައި ނުވަތަ އެ ގަހުގެ ބަދަލުގައި 4 (ހަތަރެއް) ރުއް ނުވަތަ 4 (ހަތަރެއް) ގަސް، އެ ރުއް ނުވަތަ އެ ގަސް ކެނޑި ކައުންސިލުގެ ނުވަތަ ސިޓީގެ އިހްތިސާސްގައި ހިމެނޭ ތަނެއްގައި އިންދުން؛
  5. މި މާއްދާގެ (4) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކުރެވޭނަމަ، ކަނޑައިލި ރުއް ނުވަތަ ގަސް ހިމެނޭ ކައުންސިލުގެ ނުވަތަ ސިޓީގެ އިހްތިސާސް ހިނގާ ސަރަހައްދުން ބޭރުގައި، އެ ރުއް ނުވަތަ އެ ގަހުގެ ބަދަލުގައި 4 (ހަތަރެއް) ރުއް ނުވަތަ 4 (ހަތަރެއް) ގަސް އިންދުން.

 

5 ވަނަ މާއްދާ - ރުއް ނުވަތަ ގަސް ކެނޑުން ނުވަތަ އުފުރުން ނުވަތަ ކޮނެގެން ނެގުން ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިޔުން

(ހ) ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީން،ސަރުކާރުގެ ކަމާބެހޭ އިދާރާގެ ހުއްދަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށް ހޯދުމަށްފަހު، އެ ހުއްދައިގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ 50 (ފަންސާސް) ނުވަތަ 50 (ފަންސާސް) އަށް ވުރެ މަދު ރުއް ނުވަތަ ގަސް ކަނޑަންވާނީ، ނުވަތަ އުފުރަންވާނީ، ނުވަތަ ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ،މީހުން ދިރިއުޅޭ ރަށެއްނަމަ، އެ ރަށުގެ ރަށު ކައުންސިލުން ނުވަތަ ސިޓީއެއްނަމަ ސިޓީ ކައުންސިލުން ހުއްދަ ދޫކުރި ލިޔުމާއެކު، ނުވަތަ، ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ، މީހުން ދިރިނޫޅޭ ރަށެއްނަމަ،ކައުންސިލުން ނުވަތަ ސިޓީއެއްނަމަ ސިޓީ ކައުންސިލުން ހުއްދަ ދޫކުރި ލިޔުމާއެކު، ނުވަތަ ފަޅުރަށެއްނަމަ ނުވަތަ ފަޅުރަށަކުން ބައެއްނަމަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ފަރާތުން ހުއްދަ ދޫކުރިކަމަށް ބަޔާންކޮށްފައިވާ ލިޔުމާއެކުގައެވެ.

  1. ރުކުގެ ކަނދުބުޑު ފެންނަ، ނުވަތަ ނުވަތަ އެއަށްވުރެ ދިގުރުއް؛
  2. ފޯދިފައި ހުންނަ ގަސް ނުވަތަ ގަހުގެ ބުޑުގެ އެންމެ ތިރިން (ބިމާ ހަމައިން) ފެށިގެން ގަސްގަނޑުގެ ދިގުމިނުގައި 30 (ތިރީސް) ސެންޓިމީޓަރު ހުންނަ ނުވަތަ އެއަށްވުރެ ދިގު، ގަހުގެ ވަށަމިނުގައި 45 (ސާޅީސްފަހެއް) ސެންޓިމީޓަރު ހުންނަ ނުވަތަ އެއަށްވުރެ ބޮޑެތި ގަސްގަހާގެހި.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ 50 (ފަންސާސް) ރުއް ނުވަތަ ގަހާއި، 200 (ދުއިތައްސަ) ރުއް ނުވަތަ ގަހާ ދެމެދުގެ އަދަދަކަށް ރުއް ނުވަތަ ގަސް ކަނޑަންވާނީ ނުވަތަ އުފުރަންވާނީ،އެޖެންސީގެ ހުއްދަ ހޯދައިގެންނެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން އެއްތަނުން އަނެއް ތަނަށް ގެންދާ ރުއްގަހުގެ އަދަދު 200 (ދުއިސައްތަ) އަށް ވުރެ ގިނަވާނަމަ، ނުވަތަ، ރުއްގަސް ނަގާ ސަރަހައްދު 4000 (ހަތަރުހާސް) އަކަފޫޓަށް ވުރެ ބޮޑުނަމަ، ގަވާއިދު ނަންބަރު 2021-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންވާނެއެވެ.

 

6 ވަނަ މާއްދާ - ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ ރުއްގަސް އެހެން ރަށަކަށް ގެންދިޔުން

(ހ) އެއްވެސް ރަށަކުން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ ރުކެއް ނުވަތަ ގަހެއް، އެހެން ރަށަކަށް ގެންދާނަމަ، ނުވަތަ ރަށަކުން ބޭރުކުރާނަމަ، އެކަން ކުރަންވާނީ، އެޖެންސީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުއެވެ.

(ށ) މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ކަނޑައި ނުވަތަ ކޮނެގެން ނަގައިގެން އެހެން ރަށަކަށް ގެންދާނަމަ، އެ މަސައްކަތް ކުރަންވާނީ، އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ކައުންސިލުން އައްޔަނުކުރާ ފަރާތެއްގެ ފުރިހަމަ ބެލުމުގެ ދަށުން ނުވަތަ އެ ފަރާތުން އައްޔަނުކުރާ މުވައްޒަފެއްގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. އަދި އެ ރުކެއް ނުވަތަ ގަހެއް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީންކަން ކަށަވަރުކުރުމަކީ ކައުންސިލުގެ ޒިންމާއެކެވެ.

(ނ) ފަޅުރަށްރަށުން، ނުވަތަ ފަޅުރަށަކުން ބައެއް، ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ކަނޑައަޅައިފައިވާ ރަށެއްނަމަ، ރުއްގަސް ކަނޑައިގެން ނުވަތަ ކޮނެގެން ނަގައި އަދި އެއްރަށުން އަނެއް ރަށަށް ގެންދާނަމަ އެ މަސައްކަތް ކުރަންވާނީ، އެ ވަގުތަކު އެ ރަށެއް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތެއްގެ ނުވަތަ އެ ރަށެއް ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތެއްގެ ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތަކާއި، އަތޮޅު ކައުންސިލުގެ ކަމާބެހޭގެ މުވައްޒަފެއްގެ ހާޒިރުގައެވެ.

 

7 ވަނަ މާއްދާ - މަގުތަކުގައި، ނުވަތަ އިޖުތިމާއީ ސަރަ ހައްދުތަކުގައި، ނުވަތަ ސަރުކާރުގެއޮފީސްތަކުގައި ހެދިފައިވާ ނުވަތަ ހައްދައިފައިވާ ބޮޑެތި ރުއްގަސް ކެނޑުން

މި ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުގައިވާ އެންމެހައި ތަންތަނުގައި ނުވަތަ މަގުތަކުގައި ނުވަތަ އިޖުތިމާއީ ސަރަހައްދުތަކުގައި ހައްދައިފައި ހުންނަ، ނުވަތަ ހެދިފައި ހުންނަ، ވަށަމިނުގައި 36 (ތިރީސްހައެއް) އިންޗިއަށްވުރެބޮޑު ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި އަމަލުކުރާނީ، އަންނަނިވި ގޮތަށް، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.

(ހ) އެ ގަހެއްގެ ގޮފިތަކާއި މޫތައް ދިގުވެ ގަސް ބިޔަވުމުގެ ސަބަބުން އަވައްޓެރި ގޭގެއަށާއި ގޯތިގޯއްޗަށް ނުވަތަ އިމާރާތަށް ބޮޑު ގެއްލުމެއް ލިބެމުންދާނަމަ،ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަ، ދިގުވެގެން އުނދަގޫވާ ގޮފިތަކާއި މޫތައް، ފޫނުބެއްދޭ ފަދަ ގެއްލުމެއްއެ ގަހަށް ނުލިބޭގޮތަށް ކޮށައި، ގަސް ބެހެއްޓުން؛ މި އަކުރުގައި މި ބަޔާންކުރި ފަދަ ފަލަ ގޮފިތައް ނުވަތަ ބޮޑެތި ގޮފިތައް ކަނޑަންވާނީ، މީހުން ދިރިއުޅޭ ރަށެއް ނަމަ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަޔާ އެކުގައެވެ. އަދި ފަޅު ރަށެއް، ނުވަތަ ފަޅުރަށަކުން ބައެއް، ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ކަނޑައަޅައިފައިވާ ރަށެއްނަމަ، އެޖެންސީގެ ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރެވޭނަމަ، އެ ގަސް އެހެން ތަނަކަށް ބަދަލުކުރުން ނުވަތަ ރީލޮކޭޓް ކުރުން؛ އެކަން ކުރަންވާނީ،މީހުން ދިރިއުޅޭ ރަށެއްނަމަ، ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލުގެ ހުއްދަޔާ އެކުގައެވެ. އަދި ފަޅު ރަށެއް، ނުވަތަ ފަޅުރަށަކުން ބައެއް، ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ކަނޑައަޅައިފައިވާ ރަށެއްނަމަ، އެޖެންސީގެ ހުއްދަ ލިބިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކުރެވޭނަމަ، އެ ރުކުގެ ބަދަލުގައި ނުވަތަ އެ ގަހުގެ ބަދަލުގައި 2 (ދޭއް) ރުއް ނުވަތަ ކޮންމެ ގަހަކަށް ބަދަލުގައި 2 (ދޭއް) ގަސް، އެ ރުއް ނުވަތަ އެ ގަސް ނެގުމަށް އެދޭ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރު އިންދަންވާނެއެވެ.

 

8 ވަނަ މާއްދާ - ދަރުގެ ގޮތުގައި ބޭނުންކުރުމަށް ރުއް ނުވަތަ ގަސް ކެނޑުން

(ހ) ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ ދިރިހުރި (ރޯ) އެއްވެސް ރުކެއް ނުވަތަ ގަހެއް، ދަރުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައިގެން ނުވާނެއެވެ.

  1. ރުކުގެ ބުޑުގެ އެންމެ ތިރިން (ބިމާހައިން) ފެށިގެން ރުކުގެ އެންމެ ތިރިއަށް ހުރި ފަނުގެ ބުޑާ (ފަންވަޅާ) ހަމަޔަށް 6 (ހައެއް) ފޫޓުހުންނަ ރުއް ނުވަތަ އެއަށްވުރެ ދިގު ރުއް.
  2. ގަހުގެ ބުޑުގެ އެންމެ ތިރިން (ބިމާހައިން) ފެށިގެން 1 ފޫޓު އުސްމިނުގައި، ގަހުގެ ވަށަމިނުގައި 18 (އަށާރަ) އިންޗި ހުންނަ ގަސްގަހާގެހި.

(ށ) ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގަހެއް ނުވަތަ ރުކެއް ދަރުގެ ގޮތުގައި ކެނޑޭނީ، އެ ރަށެއްގެ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައެއް އޮވެގެންނެވެ. މި ހުއްދަ ދެވޭ މީހުންގެ ދަފުތަރެއް، ރަށު ކައުންސިލުން އެކުލަވައިލައި، ކޮންމެ އަހަރެއް ނިމުމުގެ ކުރިން އެޖެންސީއަށް ފޮނުވަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދަރު ނެގުމަށް ޓަކައި ވަކި ހުއްދައެއް ދޫކުރުމާއި، ދަފުތަރު ހެދުމުގެ އުސޫލު ކައުންސިލުން އެކުލަވައިލައި އާންމު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ރުއް ނުވަތަ ގަސް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެން ދިޔުމުގަ އި އަމަލުކުރާނެ އުސޫލު

(ހ) ރުއްގަސް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ، ރުކެއް ނުވަތަ ގަހެއް ނެގުމަށްފަހު، އެ ރުކެއްގެ ނުވަތަ ގަހެއްގެ މޫގަނޑުގައި (ރޫޓްބޯލްސްގައި) ހަރުލައިފައިވާ ކަޅުފަސް ފިޔަވައި އިތުރު ވެލި ނުހިމެނޭ މިންވަރަށް ސާފުކޮށްގެންނެވެ.

(ށ) ރުއްގަސް ނެގުމަށްފަހު، ރުއްގަސް ނެގި ވަޅުގަނޑަށް ވެލި ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނާޅައި، ފަސްއަޅައި ރަނގަޅަށް ބާރުކުރަން ޖެހޭނެއެވެ. އަދި އެ ތަންތަނަށް ލޮނުވެއްޔާއި އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

(ނ) ބަލި ޖެހިފައިވާ ރުއްގަސް، ނުވަތަ ބައްޔެއް ޖެހިފައިވާކަމަށް ށައްކު ކުރެވޭ ރުއްގަސް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ، މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. ބަލި ޖެހިފައިވާ ނުވަތަ ބައްޔެއް ޖެހިފައިވާކަމަށް ށައްކު ކުރެވޭ ރުއްގަސް ކަނޑައަޅާނީ، ދަނޑުވެރިކަމާބެހޭ ސިޔާސަތު ކަނޑައަޅާ ސަރުކާރުގެ ވުޒާރާގެ ލަފާގެ މަތީންނެވެ.

 

10 ވަނަ މާއްދާ - ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ ރުއްގަސް އިންދުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ ރުއްގަސް އިންދަންވާނީ، އެ ކައުންސިލެއްގެ ނުވަތަ އެ ސިޓީއެއްގެ އިހްތިސާސްގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކައުންސިލެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގެ ތެރޭގައި އެ ރުއް ނުވަތަ ގަސް އިންދެން ނެތްނަމަ، އެޖެންސީގެ ހުއްދަޔާއެކު، ކަނޑާ ނުވަތަ އުފުރާ ނުވަތަ ކޮނެގެން ނަގާ ރުއްގަހުގެ އެންމެ މަދުވެގެން %50 (ފަންސާސް އިންސައްތަ) ރުއްގަސް، އެ ރުއްގަސް ކެނޑި ނުވަތަ އުފުރި ނުވަތަ ނެގި ރަށެއްގައި އިންދުމަށް ކަނޑައަޅައި، އެ ރަށަކުން ބޭރުކުރެވޭނީ، އެ ރުއްގަހުގެ %50 (ފަންސާސް އިންސައްތަ) ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު، އެޖެންސީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ކައުންސިލެއްގެ ނުވަތަ އެ ސިޓީއެއްގެ އިހްތިސާސްގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށް ރުއް ނުވަތަ ގަސް އިންދެން ނެތްނަމަ، އެޖެންސީގެ ހުއްދަޔާއެކު، ކަނޑާ ނުވަތަ އުފުރާ ނުވަތަ ކޮނެގެން ނަގާ ރުއްގަހުގެ އެންމެ މަދުވެގެން %30 (ތިރީސް އިންސައްތަ) ރުއްގަސް، އެ ރުއްގަސް ކެނޑި ނުވަތަ އުފުރި ނުވަތަ ނެގި ރަށެއްގައި އިންދުމަށް ކަނޑައަޅައި، އެ ރަށަކުން ބޭރުކުރެވޭނީ، އެ ރުއްގަހުގެ %70 (ހަތްދިހަ އިންސައްތަ) ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު،އެޖެންސީއަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ، ނުވަތަ އެއްރަށުން އަނެއް ރަށަށް ގެންދާ ރުއްގަހުގެ ބަދަލުގައި ރުއްގަސް އިންދުން

(ހ) އެއްވެސް ރަށަކުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑުމަށްފަހު، ނުވަތަ އުފުރުމަށްފަހު، ނުވަތަ ކޮނެގެން ނެގުމަށް ފަހު، އެ ރުއް ނުވަތަ ގަސް އެ ރަށުގެ އެހެން ތަނެއްގައި އިންދަންވާނެއެވެ. އަދި މިގޮތަށް އަމަލު ނުކުރެވޭނެ ހާލަތުގައި، އެ ރަށަކުން ރުކެއް ނުވަތަ ގަހެއް ކަނޑުމަށްފަހު ނުވަތަ އުފުރުމަށްފަހު އެހެން ރަށަކަށް ގެންދާނަމަ، އެ ކަމެއް ކުރުމުގެ ކުރިން، ކަނޑާ ކޮންމެ ރުކަކަށް، ނުވަތަ ގެންދާ ކޮންމެ ރުކަކަށް، ބަދަލުގައި 2 (ދޭއް) ރުއް ނުވަތަ ކޮންމެ ގަހަކަށް ބަދަލުގައި 2 (ދޭއް) ގަސް، އެ ރުއް ނުވަތަ ގަސް ނެގުމަށް އެދޭ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރު އިންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ރުކެއްގެ ނުވަތަ ގަހެއްގެ ބަދަލުގައި 4 (ހަތަރެއް) ރުއް، ނުވަތަ ކޮންމެ ގަހެއްގެ ބަދަލުގައި 4 (ހަތަރެއް) ގަސް، އެ ރުއް ނުވަތަ ގަސް ނެގުމަށް އެދޭ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރު އިންދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން، ބަދަލުގައި އިންދާ ރުކެއް ނުވަތަ ގަހެއް އިންދަންވާނީ، ގަސް އިންދާ ރަށެއްގެ ކަމާގުޅޭ ގަވާއިދުތަކާއި ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ރުކެއް ނުވަތަ ގަހެއް ނެގި ރަށެއްގައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރުއްގަސް ނަގާ ރަށުގައި، ބަދަލުގައި އިންދަންޖެހޭ އަދަދަށް ރުއްގަސް އިންދާނެ ޖާގަ ނެތްކަން އެ ރަށެއްގެ ކައުންސިލުން ކަނޑައަޅައިފިނަމަ، ނުވަތަ ފަޅު ރަށެއް ނުވަތަ ފަޅުރަށަކުން ބައެއް ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތުން ކަނޑައަޅައިފިނަމަ، ބަދަލުގައި ރުއް ނުވަތަ ގަސް އިންދާނެ އެހެން ތަނެއް ނުވަތަ ރަށެއް ނުވަތަ ރަށްތަކެއް ސިޓީ ކައުންސިލް މެދުވެރިކޮށް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަނޑައަޅައި، ބަދަލުގައި އިންދަންޖެހޭ ރުއްގަސް އެ ރަށްރަށުގައި އިންދައި ހެއްދުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ ދަށުން ބަދަލުގައި ރުއްގަސް އިންދާ ރަށަކީ، މީހުން ދިރިއުޅޭ ރަށެއްނަމަ، އެ ރަށެއްގައި ރުއްގަސް އިންދަންވާނީ، ރަށު ކައުންސިލް ނުވަތަސިޓީ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހު، އެ ފަރާތުގެ ބެލުމުގެ ދަށުންނެވެ.

(ޅ) މި މާއްދާގެ ދަށުން ބަދަލުގައި ރުއްގަސް އިންދާ ރަށަކީ، ފަޅު ރަށެ އް ނަމަ، ނުވަތަ ފަޅުރަށަކުން ބައެއް ނަމަ، ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ދޫކޮށްފައި ހުންނަ ރަށްރަށް ނަމަ، އެ ރަށްރަށުގައި ރުއްގަސް އިންދަންވާނީ، އެ ރަށަކާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަކުން އެކަމަށް ހުއްދަ، ލިޔުމުން ލިބިގެން އެ ފަރާތުގެ ބެލުމުގެ ދަށުން، އެ ރުއް ނުވަތަ އެ ގަސް ނެގުމަށް އެދޭ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރެވެ.

(ކ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ، ނުވަތަ އެއްރަށުން އަނެއް ރަށަށް ގެންދާ ރުއް ނުވަތަ ގަހުގެބަދަލުގައި އިންދާ ރުއްގަސް، އެ ރުކެއް ނުވަތަ ގަހެއް ނަގާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިންދަންވާނެއެވެ. އަދި އިންދުމަށްފަހު، ގަސް ރޯވަންދެން ބެލެހެއްޓުމާއި، އެ ގަސް ހެދޭނެކަން ކަށަވަރުކުރަންވާނެއެވެ. މިފަދައިން ރުއް ނުވަތަ ގަސް އިންދުމަށްފަހު، ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގައި ނަމަ އެ ކައުންސިލަކަށް، އަދި އެ ނޫން ރަށެއްގައިނަމަ އެޖެންސީއަށް އެކަން އަންގަންވާނެއެވެ. އަދި ގަސް ރޯވުމުން ކައުންސިލަށް ނުވަތަ އެޖެންސީއަށް އެކަން އަންގާވެނެއެވެ.

(އ) ބަދަލުގައި އިންދާ ކޮންމެ ގަހެއްގައި ސީރިއަލް ނަންބަރެއް ޖަހައިފައި ހުންނަންވާނެއެވެ.

 

12 ވަނަ މާއްދާ - އަލަށް ހިއްކަން ކަނޑައަޅައިފައިވާ ބިންތައްފެހިކުރުމަށް ރުއްގަސް އިންދުން

(ހ) އެ ސަރަހައްދަކީ އަލަށް ހިއްކަން ކަނޑައަޅައިފައިވާ ބިމެއްނަމަ، އެ ސަރަހައްދު ފެހިކުރުމަށް ރުއްގަސް ހޯދާނެ ގޮތާއި، ފެހިކުރުމަށް ރުއްގަސް ހޯދާނެ ތަން، ގަވާއިދު ނަންބަރު 2013-15 (ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު) ގެ ދަށުން ބިންހިއްކުމަށް ހުއްދައަށް ހުށަހަޅާއިރު، މަށްރޫއުގެ އެދިޔާރު، އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންދާ ރުއްގަހަކީ އެހެން ރަށެއްގެ ފެހިކަމާއި، ގަސްކަރައަށް ކުރާ އަސަރުކުޑަވާނޭ ގޮތަކަށް އިންދާ ރުއްގަސްކަން ޔަގީންކުރަންވާނެއެވެ.

(ނ) އަލަށް ހިއްކާ ސަރަހައްދުތަކާއި ހިއްކައިފައިވާ ސަރަހައްދުތައް ފެހިކުރުމަށް އިންދާ ރުއްގަހަކީ، އެހެން ރަށެއްގެ ހޭޅިފަށުން (ވެޖިޓޭށަން ބެލްޓުން) ނަގާ ރުއްގަސް ނޫންކަން ކަށަވަރުކުރަންވާނެވެ.

(ރ) އަލަށް ހިއްކާ ސަރަހައްދުތަކާއި ހިއްކައިފައިވާ ސަރަހައްދުތަކުގައި އިންދާ ގަސްގަހަކީ، އެ އިންދާ ސަރަހައްދަކަށް އެންމެ އެކަށޭނަ ގަސްކަން ޔަގީންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - އެއްތަނުން އަނެއް ތަނަށް ގެންދާ ރުއްގަހުގައި، ރުއްގަސް ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ޖެހުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން، ރަށުން ބޭރުކުރާ ނުވަތަ އެއްރަށުން އަނެއްރަށަށް ގެންދާ ކޮންމެ ރުކެއްގައި ނުވަތަ ގަހެއްގައި، ކުލަ ނުފިލާ ދެއްޔަކުން ނުވަތަ ދަވާދަކުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް، ރުއް ނުވަތަ ގަސް ނަގާ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރު އެ ތަކެތި ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ޖަހައި، ލޭބަލް ކުރަންވާނެއެވެ.

  1. ރުއް ނުވަތަ ގަސް ނެގި ރަށާއި އަތޮޅު އަންގައިދޭ ކޯޑު (މިސާލު: LD0000)؛
  2. އަހަރު (ފަހަތު 2 ނަންބަރު)، 2022 ވަނައަހަރު ނަމަ، މިސާލު: 22
  3. ހުއްދައިގެ ސުމާރު ނަންބަރު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ރުއްގަސް ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ގައި ހިމެނޭ ބައިތައް ހުންނަންވާނީ، "LD0000/22/001" ފޯމެޓަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރުކުގައި ނުވަތަ ގަހުގައި، ރުއްގަސް ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ޖަހައި ލޭބަލްކުރުމުގެ މަސްއޫލިއްޔަތު އުފުލަންވާނީ، މަށްރޫއުގެ އެދިޔާރެވެ. ރުއްގަސް ގެންދާތަން ބެލުމަށްޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ކަނޑައަޅާނީ، މީހުންއުޅޭ ރަށެއް ނަމަ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުންނެވެ. އަދި ފަޅު ރަށަކުން ނުވަތަ ފަޅުރަށަކުން ބައެއް ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ރަށެއްގެ ބައެއްނަމަ މި މަސްއޫލިއްޔަތު އުފުލަންޖެހޭނީ، އެ ވަގުތަކު އެ ތަންތަން ގާނޫނީގޮތުން ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަކުންނެވެ. މިކަމަށް ހަރަދެއް ހިނގާނަމަ، އެ ހަރަދެއް ކުރަންވާނީ، ރުއްގަސް ނެގުމުގެ ހުއްދައަށް އެދި އެ ހުއްދަ ލިބިފައިވާ ފަރާތަކުންނެވެ.

 

14 ވަނަ މާއްދާ - ހުއްދަ ނަގަންޖެހޭ ހާއްސަ ހާލަތްތައް

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ރުއްގަސް ކެނޑުމަށް ނުވަތަ އުފުރުމަށް ނުވަތަ ކޮނެގެން ނެގުމަށް ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށް އެޖެންސީން ހުއްދަ ނަގަންވާނެއެވެ.

  1. އެ ރަށަކީ، 1 (އެކެއް) ހެކްޓަރަށްވުރެ ކުޑަރަށެއް ނަމަ؛
  2. ވަކި ބާވަތެއްގެ ނުވަތަ ބާވަތްތަކެއްގެ ދޫނި އާންމުކޮށް ދިރިއުޅޭ ނުވަތަ ނިދަންއަރާ ފަޅުރަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ އެފަދަ ސަރަހައްދުތަކުން ރުއްގަސް ކަނޑާނަމަ ނުވަތަ އުފުރާނަމަ؛
  3. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ރުއްގަސް.

(ށ) އެ ރަށަކީ ނުވަތަ އެ ސަރަހައްދަކީ ނުވަތަ އެ ރުކަކީ ނުވަތަ އެ ގަހަކީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތަށް ފެތޭ ސިފަ ލިބިފައިވާ ރަށެއްކަން ނުވަތަ ސަރަހައްދެއްކަން ނުވަތަ ރުކެއްކަން ނުވަތަ ގަހެއްކަން ޔަގީންކުރާނީއެޖެންސީންނެވެ.

 

15 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

(ހ) ރުއް ނުވަތަ ގަސް ކެނޑުމާއި ކޮނެގެން ނެގުމަށް ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތް ކުރުމަށް ދޭ ހުއްދައިގައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ކޮށް ނިންމަންވާނެއެވެ.

(ށ) ހުއްދައިގެ މުއްދަތުގެ ތެރޭގައި ހުއްދަ ލިބިފައިވާ މަސައްކަތް ނުނިމޭނެކަމަށް ބެލެވޭނަމަ، އަދި އެ މަސައްކަތެއް ފުރިހަމަކުރުމަށް އިތުރު މުއްދަތު ބޭނުންވާނަމަ، އެކަން ހުށަހަ ޅައިގެން ހުއްދައިގެ މުއްދަތު އިތުރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަ އިތުރުކުރެވޭނީ، ހުއްދައިގެ މުއްދަތު ހަމަވާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ހުށަހެޅޭ ހުށަހެޅުންތަކަށެވެ. ހުއްދަ އިތުރުކުރެވޭނީ، 2 (ދޭއް) ފަހަރަށެވެ. މިގޮތަށް ހުއްދަ ދޫކުރެވޭނީ، 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް އެޖެންސީއަށް ދެއްކުމަށް ފަހުގައެވެ. އަދި 2 (ދޭއް) ފަހަރަށް ވުރެ ގިނަ ފަހަރު އިތުރުކުރަން ބޭނުންވާނަމަ، އެކަމަށް އެދި ހުށަހަޅަންވާނީ، އައު ހުއްދަކެވެ.

 

16 ވަނަ މާއްދާ - މޮނިޓަރ ކުރުމާއި ރިޕޯޓް ކުރުން

(ހ) މީހުން ދިރިއުޅޭ ރަށަކުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑައިފިނަމަ،ނުވަތަ އުފުރައިފިނަމަ، ނުވަތަ ކޮނެގެން ނަގައިފިނަމަ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދާނަމަ، އެ ކަންކަން މޮނިޓަރކޮށް، ބަދަލުގައި އިންދަންޖެހޭ ރުއް ނުވަތަ ގަސް އިންދާކަން އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އިންދުމަށްފަހު، ގަސް ރޯވަންދެން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރަންވާނެއެވެ. އަދި މިކަމަށް ހިނގާނެ ހަރަދުގެ ޒިންމާ އުފުލާނީ، އެ ރުއް ނުވަތަ ގަސް ކެނޑުމަށް ހުއްދައަށް އެދޭ ފަރާތުން ނުވަތަ މަށްރޫއުގެ އެދިޔާރެވެ.

(ށ) މި ގަވާއިދު ގެ 11 ވަނަ މާއްދާގެ (ރ) ގެ ދަށުން، ރުއްގަސް ނަގާ ރަށުގައިބަދަލުގައި އިންދަންޖެހޭ އަދަދަށް ރުއްގަސް އިންދާނެ ޖާގަ ނެތްކަން އެ ރަށެއްގެ ކައުންސިލުން ކަނޑަ އަޅާ ހާލަތުގައި، ނުވަތަ ފަޅު ރަށެއް ނުވަތަ ފަޅުރަށަކުން ބައެއް ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތުން ކަނޑައަޅާ ހާލަތުގައި، ބަދަލުގައި އިންދާ ރުއް ނުވަތަ ގަސް އިންދާ ރަށުގެ ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ނުވަތަ ކައުންސިލް މެދުވެރިކޮށް، އެ ރުއް ނުވަތަ ގަސް މޮނިޓަރކޮށް ރިޕޯޓުކުރަންވާނެއެވެ.

(ނ) މިގޮތަށް ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ އަދި އެއްރަށުން އަނެއް ރަށަށް ގެންދާ ރުއް ނުވަތަ ގަހުގެ ބަދަލުގައި އިންދާ ރުއްގަހުގެ އަންނަނިވި މައުލޫމާތުތައް އާންމުންނަށް ފެންނާނޭހެން އަހަރަކު އެއްފަހަރު އެޖެންސީން ށާއިއު ކުރަންވާނެއެވެ.

  1. ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ އަދި އެއްރަށުން އަނެއް ރަށަށް ގެންދާ ރުއް ނުވަތަ ގަހުގެ ބާވަތާއި އަދަދު؛
  2. ކަނޑާ، ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ ރުއް ނުވަތަ ގަސް ނަގާ ރަށާއި، ބަދަލުގައި ރުއް ނުވަތަ ގަސް އިންދާ ރަށް؛

 

17 ވަނަ މާއްދާ - އިސްތިސްނާ

މި ގަވާއިދުގެ ދަށުން އަމަލުކުރުމުގައި އަންނަނިވި ރުއް ނުވަތަ ގަސް އިސްތިސްނާވާނެއެވެ.

(ހ) މުޑުވަށްކޮށްގެން ހައްދާ ރުއްގަސް؛

(ށ) ރުއް ނުވަތަ ގަސް އަދި ގަސްގަހުގައި ނުވަތަ ގަސްގަހުގެ ގޮފީގައި ވެލިބަނދެގެން ނުވަތަ ގަސް ގްރާފްޓް ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް،ނާސަރީއެއްގައި ހައްދައިފައި ހުންނަ ރުއްގަސް.

(ނ) މީހުން ދިރިއުޅުމަށް ރަޖިސްޓަރީކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް.

(ރ) މީހުންގެ މުދަލަށާއި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ހެދިފައިވާ ރުއްގަހާއި ނުވަތަ ވެއްޓިދާނެކަމުގެ ބިރުއޮތް ރުއް ގަސް.

(ބ) އަމިއްލަ ފަރާތްތަކުގެ ރުއްގަސް.

(ޅ) ގުދުރަތީގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން ނުވަތަ ރައްގިރުމުގެ ސަބަބުން ނުވަތަ ވައިގަދަވުމާ ގުޅިގެން ރުއްގަސް އަރިއަޅައިލައިގެން ވެއްޓުމުގެ ފުރުސަތު އޮތްނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ސަބަބުން އެއްވެސް ބާވަތެއްގެ ނުރައްކަލެއް ނުވަތަ ގެއްލުމެއް މެދުވެރިވެދާނެކަމަށް އެޖެންސީއަށް ފާހަގަކުރެވިއްޖެނަމަ، ނުވަތަ ކާރިސާއެއްގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ޓަކައި ނުވަތަ ލިބެމުންދާ ގެއްލުން ހުއްޓުވުމަށް ޓަކައި، ކަނޑާ ރުއްގަސް.

 

18 ވަނަ މާއްދާ - މަނާ ކަންކަން

ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ހާލަތްތަކުގައި ހުއްދަ ނުހޯދައި އެއްވެސް ކަމެއް ކުރުން.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ކުރާ އެއްވެސް ކަމެއް، ދީފައިވާ ހުއްދަޔާ ހިލާފަށް ކުރުން.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވުން.

(ރ) މި ގަވާއިދުގެ ބަޔާންކޮށްފައިވާ ގޮތަށް ރުއްގަސް ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސިބިލިޓީ ނަންބަރު) ނުޖަހައި ރުއްގަސް ގެންދިއުން.

(ބ) ރުއް ނުވަތަ ގަސް ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމުގެ ތެރޭގައި ރުކުގެ ނުވަތަ ގަހުގެ ބުޑުގައި (ރޫޓްބޯލްސްގައި) ހަރުލައިފައިވާ ކަޅުފަސް ފިޔަވައި އިތުރު ވެއްޔާއެކު ގެންދިޔުން.

(ޅ) ރުއް ނުވަތަ ގަސް ކޮނެގެން ނެގުމަށްފަހު، އެ ވަޅުގަނޑަށް އެއްވެސް ބާވަތެއްގެ ކުނި ނުވަތަ ލޮނުވެލި އެޅުން.

(ކ) މި ގަވާއިދާ ހިލާފަށް އެއްވެސް ރަށަކުން ބޭރުކުރާ ރުކެއް ނުވަތަ ގަހެއް ބަލައިގަތުން.

 

19 ވަނަ މާއްދާ - ފިޔަވަޅުއެޅުން

މި ގަވާއިދުގައި މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތްތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ އިހްތިޔާރު، އެޖެންސީއަށާއި ކައުންސިލަށް ލިބިގެންވެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ހާލަތްތަކުގައި، ހުއްދަ ހޯދަންޖެހޭ ފަރާތުގެ ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، އެ ހުއްދަ ހޯދަންޖެހޭ ފަރާތުން ޖޫރިމަނާ ކުރާނީ އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިން ވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ކުރަންޖެހޭ އެއްވެސް ކަމެއް، ހުއްދަ ދޭންޖެހޭ ފަރާތުން ދީފައިވާ ހުއްދަޔާ ހިލާފަށް ކޮށްފިނަމަ، އެ ހުއްދަ ހޯދަންޖެހޭ ފަރާތުން ޖޫރިމަނާ ކުރާނީ އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) ރުއް ނުވަތަ ގަސް ނަގައިގެން އެއްރަށުން އަނެއްރަށަށް ގެންދިއުމުގެ ތެރޭގައި،ވެއްޔާއެކު ގެންދިޔުމާއި، ރުއް ނުވަތަ ގަސް ކޮނެގެން ނެގުމަށްފަހު، އެ ވަޅުގަނޑަށް އެއްވެސް ބާވަތެއްގެ ކުނި ނުވަތަ ލޮނުވެލި އަޅައިފިނަމަ،ޖޫރިމަނާ ކުރާނީ އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 15،000 (ފަނަރަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި ގަވާއިދުގެ ބަޔާންކޮށްފައިވާ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވުމާއި ރިޕޯޓު ނުކޮށްފިނަމަ ޖޫރިމަނާ ކުރާނީ، އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިން ވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 15،000 (ފަނަރަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނޭ، ކަނޑައެޅިފައިވާ މުއްދަތުގައި ގެންދާ ތަން ބެލުމަށް ޖަހާ ނަންބަރު (ޓްރޭސަބިލިޓީ ނަންބަރު) ނުޖަ ހައިފިނަމަ ޖޫރިމަނާ ކުރާނީ، އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ޅ) މި ގަވާއިދާ ހިލާފަށް އެއްވެސް ރަށަކުން ބޭރުކުރާ ރުކެއް ނުވަތަ ގަހެއް ބަލައިގެންފިނަމަ، ޖޫރިމަނާ ކުރާނީ އަންނަނިވި އުސޫލުގެ މަތީންނެވެ.

  1. ފުރަތަމަ ފަހަރު، 50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  2. ދެވަނަ ފަހަރު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
  3. ތިން ވަނަ އަދި އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ކ) މި ގަވާއިދުގެ ވަކި ކަމަކަށް އެޅިދާނެ ފިޔަވަޅެއް ބަޔާންކޮށްފައި ނުވާ ކަމެއްގައި، އެ ކަމެއްގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، އެ ކަމެއް ކުރި ފަރާތެއް، ގަވާއިދު ނަންބަރު 2011-09 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ހިލާފަށް ރުކެއް ނުވަތަ ގަހެއް އުފުރައިގެން ނަގައިފައިވާނަމަ، އެ ރުކެއް ނުވަތަ ގަހެއް ހުރި ތަނުގައި އަލުން އިންދައި، އެކަން އިއާދަކުރުމަށްއެންގުމުގެ އިހްތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ.

(އ) އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އިސްކަންދޭނީ، މި ގަވާއިދަށެވެ. އަދި އެހެން ގަވާއިދެއްގެ ދަށުން އެ ހާލަތުގައި ފިޔަވަޅު އަޅައިގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރުން

ގަވާއިދު ތަންފީޒު ކުރާނީ، އޭޖެންސީންނާއި ކައުންސިލުތަކުންނެވެ.

 

21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) މަސްދުވަސް ފަހުންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 15 ޖަނަވަރީ 2006 ގައި ށާއިއުކޮށް، ތަންފީޒު ކުރަމުންގެންދާ "ރުއް ނުވަތަ ގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު" އާއި، ގަވާއިދު ނަންބަރު 2014-07 (ރުއް ނުވަތަ ގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، 6 ޖޫން 2017 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، އަމަލުކުރަން ފަށައިފައިވާ "ރުއް ނުވަތަ ގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިޔުމުގައި ގެންގުޅެންވީ އުސޫލު" އުވުނީއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 5 ޖޫން 2007 ގައި އަމަލުކުރަން ފަށައިފައިވާ "ގުދުރަތީ އަދި ތަބައީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އުވުނީއެވެ.

 

22 ވަނަ މާއްދާ - މާނަކުރުން

(ހ) "ކެނޑުން" ކަމަށް ބުނެފައި އެވަނީ، ރުކުގެ ނުވަތަ ގަހުގެ ބުޑު ބެހެއްޓުމަށްފަހު، ރުއް ނުވަތަ ގަސް ކަނޑައިލުމަށެވެ.

(ށ) "އުފުރުން" ކަމަށް ބުނެފައި އެވަނީ، ރުކެއް ނުވަތަ ގަހެއް މޫތަކާއެކު ނުވަތަ މުލާ ނުލައި އުފުރުމަށެވެ.

(ނ) "ކޮނެގެން ނެގުން" ކަމަށް ބުނެފައި އެވަނީ، ރުކުގެ ނުވަތަ ގަހުގެ ވަށައިގެން ކޮނުމަށްފަހު، މޫތަކާއެކު ނުވަތަ މުލާ ނުލައި ނެގުމަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތިމާވެށް ޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ބ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ޅ) "ނާސަރީ" ކަމަށް ބުނެފައި އެވަނީ، ގަސްގަހުގެ އޮށާއި ކާށި، މުޑުވައްކޮށްގެން ހައްދާ ރުއް ނުވަތަ ގަހާއި، ގަސްގަހުގައި ނުވަތަ ގަސްގަހުގެ ގޮފީގައި ވެލިބަނދެގެން ނުވަތަ ގަސް ގްރާފްޓް ކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް، ވެލިބަނދެ، މޫބާލައިގެން ތަފާތު ބޭނުންތަކަށް ގަސް ފޯރުކޮށްދެވޭ ގޮތަށް ހައްދައިފައި ހުންނަ ގަސްގަހާގެހި ހައްދައި ބެލެހެއްޓުމުގެ މަސައްކަތްކުރާ ތަނަށެވެ.

(ކ) "އަމިއްލަ ފަރާތްތަކުގެ ރުއްގަސް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ މީސްމީހުންގެ ބިންބިމުގައި ހުންނަ ރުއްގަހާއި ބަންޑާރަ ބިންބިމުގައި ހުންނަ އަމިއްލަ މީހުންގެ ރުއްގަހަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަށް ކުއްޔަށް ހިފާ ބިންބިމުގައި ހުންނަ ރުއްގަހާއި ހައްދާ ރުއްގަސް މީގެ ތެރެޔަކު ނުހިމެނެއެވެ. 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

 

އުވުނު ގަވާއިދާއި އުސޫލު

  1. ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލު (އުސޫލު - 6 ޖޫން 2017)
  2. ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-07)
  3. ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު