-

ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 87/2021)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރ 34/2020 "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ 133 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ، ފުލުހުންގެ އައިޑެންޓިޓީ ކާޑު، ގެންގުޅުމާއި، ބޭނުންކުރުމާ ގުޅޭ މިންގަނޑުތަކާއި، އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ -  މަގްސަދު

މި ގަވާއިދުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފުލުހުންގެ ވާޖިބު އަދާކުރުމުގައި، އެ ފުލުހަކީ، ކޮން ރޭންކެއްގެ ކާކުކަން އަންގައިދިނުމުގެ ގޮތުން ބޭނުންކުރާ ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ ކޮބައިކަން ބަޔާންކުރުން؛

(ށ) ފުލުހުންގެ އައިޑެންޓިޓީ ކާޑު އޮންނަންވީ ގޮތާއި، ކާޑުގައި ހިމެނޭ މައުލޫމާތާއި، ކާޑު ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތާއި، އިހުމާލުން ކާޑު ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ، އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން؛

(ނ) އައިޑެންޓީޓީ ކާޑު ދޫކުރެވިފައިވާ އެންމެހައި ފުލުހުން އެ ކާޑު ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކުރުން

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ

 

4 ވަނަ މާއްދާ -  އައިޑެންޓިޓީ ކާޑު ހެއްދުމާއި، ދޫކުރުން 

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ކޮންމެ ފުލުހަކަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާއަށް ހާއްސަކުރެވިފައިވާ އައިޑެންޓިޓީ ކާޑެއް ދޫކުރަން ވާނެއެވެ.

(ށ) މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އައިޑެންޓިޓީ ކާޑު ހެއްދުމާއި، ކާޑު ދޫކުރުމާގުޅޭ ކަންކަން ކުރާނީ، މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއިންނެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އައިޑެންޓިޓީ ކާޑު ދޫކުރަންވާނީ، ކާޑު ގެންގުޅުމާއި، ބޭނުންކުރުމާ ގުޅޭގޮތުން އިގުރާރެއްގައި  ސޮއިކުރުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - އައިޑެންޓިޓީ ކާޑާއި، އެ ކާޑުގައި ހިމަނަންޖެހޭ މައުލޫމާތު

(ހ) ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ، ފުލުހުންގެ ގާނޫނީ ޒިންމާއާއި، ވާޖިބު އަދާކުރުމުގައި، އެމީހަކީ ކާކުކަން އަންގައި ދިނުމަށް، އަދި ފުލުހުންގެ މަރުކަޒުތަކަށް ވަދެ ނުކުތުމުގެ ބޭނުމަށް، ދޫކުރެވޭ ފޮޓޯޖެހި ރަސްމީ ލިޔުމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އައިޑެންޓިޓީ ކާޑުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ފުރިހަމަ ނަން؛
  2. ރޭންކް؛
  3. ސަރވިސް ނަންބަރު؛
  4. ފޮޓޯ؛
  5. ކާޑު ހެއްދި ތާރީހު؛
  6. ކާޑުގެ މުއްދަތު ހަމަވާ ތާރީހު؛
  7. ކާޑުގެ ސީރިއަލް ނަންބަރު؛
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  9. މުވައްޒަފުގެ ލޭގެ ގްރޫޕް؛ އަދި
  10. ކާޑު ހޮވައިފިނަމަ ހަވާލުކުރަންވީ އެޑްރެސް.

(ނ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޮޓޯއަކީ، އެ މީހެއްގެ ޔުނީފޯމުގައި ނަގާފައިވާ ފޮޓޯއަކަށް ވާންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކުރާ އައިޑެންޓިޓީ ކާޑުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

 

6 ވަނަ މާއްދާ -  އައިޑެންޓިޓީ ކާޑު ގެންގުޅުމާއި، ބޭނުންކުރުން

(ހ)ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ، އެ މީހެއްގެ ގާނޫނީ ހައިސިއްޔަތު އަންގައިދިނުމުގެ ގޮތުން ކޮންމެ ވަގުތަކުވެސް ބޭނުންކުރެވިދާނެ ކާޑެއްކަމުގައިވުމުން އެ ކާޑު ރައްކައުތެރިކަމާއެކު ބަލަހައްޓަން ވާނެއެވެ.

(ށ) ފުލުހުންގެ މަރުކަޒުތަކަށް ވަދެނުކުމެ ހެދުމުގައި، އެ މީހަކީ ކާކުކަން އަންގައިދޭންޖެހޭ ހާލަތްތަކުގައި، އެ މީހަކީ ކާކުކަން އަންގައި ދިނުމުގެ ގޮތުން، ދައްކަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އައިޑެންޓިޓީ ކާޑު ދޫކޮށްފައިވާ ފަރާތެއް، ފުލުހުންގެ މަރުކަޒަކަށް ވަންނައިރު ހުރީ އޭނާގެ ޔުނީފޯމުގައި ކަމުގައިވާނަމަ، އެ މީހެއްގެ އައިޑެންޓިޓީ ކާޑު ދެއްކުން ލާޒިމެއްނޫނެވެ.

(ރ) ފުލުހުން، ރަސްމީ ޑިއުޓީގައި އުޅޭ ވަގުތުތަކުގައާއި، އެ މީހަކީ ކާކުކަން އަންގައިދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް އެ މީހެއްގެ އައިޑެންޓިޓީ ކާޑު ފަސޭހައިން ދެއްކޭގޮތަށް އަތުގައި އޮންނަންވާނެއެވެ. 

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު، އެހެން މުވައްޒަފަކު ނުވަތަ އެހެން މީހަކު ބޭނުންކުރުމަށް ނުވަތަ އެހެން މީހަކަށް ދިނުމަކީ މަނާކަމެކެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑުގެ ނަކަލެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ދިނުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ - އައިޑެންޓިޓީ ކާޑު އަނބުރާ ހަވާލުކުރުން 

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ދޫކޮށްފައިވާ ކާޑަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މިލްކެކެވެ. އައިޑެންޓިޓީ ކާޑު ދޫކުރެވިފައިވާ އެއްވެސް ފުލުހަކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކޮށްފިނަމަ، ނުވަތަ ރިޓަޔަރ ކޮށްފިނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު ދިވެހި ފުލުހުންގެ ހިދުމަތުން އަންގާގޮތެއްގެމަތިން ހަވާލުކުރަންވާނެއެވެ.

(ށ) ފުލުހަކު ސަސްޕެންޑްކޮށްފިނަމަ، ސަސްޕެންޑުކުރާ ވަގުތުން ފެށިގެން އެ ފުލުހަކަށް ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު ދިވެހި ފުލުހުންގެ ހިދުމަތުން އަންގާގޮތެއްގެމަތިން ހަވާލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ -  އައިޑެންޓިޓީ ކާޑާއި، ވައްތަރު ކާޑު ހެދުން

(ހ) ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ލިޔުމުން ލިބިގެންމެނުވީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އައިޑެންޓިޓީ ކާޑު ނުވަތަ އެ ކާޑާ ވައްތަރު ކާޑެއް ނުވަތަ އެ ކާޑުގެ ޑިޒައިން ނަކަލުކޮށްފައިވާ ކާޑެއް އެއްވެސް ފަރާތަކުން ހެދުމާއި، ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަނާކުރެވޭ ދާއިރާގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އައިޑެންޓިޓީ ކާޑު ނުވަތަ ސައްހަ ކާޑެއްގެ ނަކަލެއް ނުވަތަ ނަކަލަކަށް ބަދަލު ގެނެސްގެން ބޭނުންކުރުންވެސް ހިމެނިގެންވެއެވެ.

 

9 ވަނަ މާއްދާ -  ކާޑު ގެއްލުން ނުވަތަ ހަލާކުވުން 

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހަވާލުކުރެވިފައިވާ އައިޑެންޓިޓީ ކާޑު ހަވާލުކޮށްފައިވާ ފަރާތެއްގެ އިހުމާލުން އެ ކާޑު ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، ވަގުތުން އެކަން އެ ފަރާތެއްގެ ސުޕަވައިޒަރަށާއި، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް އަންގަންވާނެއެވެ. އަދި ގެއްލުނު ކާޑަކީ ވަކިތަނަކަށް ވަނުމުގެ އެކްސަސް ދީފައިވާ ކާޑެއްނަމަ، އެ ކާޑުގެ އެކްސަސް ކަނޑާލުމަށްޓަކައި އަންގަންޖެހޭ ފަރާތްތަކަށް އެކަން ވަގުތުން އަންގަންވާނެއެވެ.

(ށ) ހަވާލުކޮށްފައިވާ އައިޑެންޓިޓީ ކާޑު ގެއްލިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެންގުމުގެ އިތުރުން، ސަބަބު ބަޔާންކޮށް ލިޔުމުން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ޖޫރިމަނާކުރުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަވާލުކޮށްފައިވާ އައިޑެންޓިޓީ ކާޑު، ހަވާލުކުރެވިފައިވާ ފަރާތެއްގެ އިހުމާލުން ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެ ފަރާތެއް އަންނަނިވި ގޮތުގެމަތިން ޖޫރިމަނާކުރަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 1,000 (އެއްހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު، 2,000 (ދެހާސް) ރުފިޔާ؛
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ޖޫރިމަނާ ފައިސާ އެ މުވައްޒަފުގެ މުސާރައިން އުނިކުރުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - އައިޑެންޓިޓީ ކާޑު ހޮވުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު އެއްވެސް ފަރާތަކުން  ހޮވައިފިނަމަ، ލަސްނުކޮށް އެ ކާޑު ފުލުހުންގެ މަރުކަޒަކަށް ހަވާލުކުރާންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1 އެނެކްސްކުރެވިފައިވާ ލިޔުމުގައި ހިމެނިފައި
 

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު