-

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-82)

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

3 (ހ). ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރަޖިސްޓަރީކުރުމާއި މައުލޫމާތުބަދަލުކުރުން" (117 MIRA) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރުމަށް، އިގްތިސާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ މިނިސްޓްރީއަށް ހުށަހަޅާ ފަރާތްތަކުން، ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް، "ރަޖިސްޓަރީކުރުމާއި މައުލޫމާތު ބަދަލުކުރުން" (117 MIRA) ފޯމު، މީރާއަށް އިތުރަށް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައުލޫމާތު ބަދަލުވުން 11.

(ހ) ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ރެޖިސްޓްރޭށަނާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލު އައި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މައުލޫމާތު ބަދަލުކުރުން" (117 MIRA) ފޯމު މެދުވެރިކޮށް އެ ފަރާތުން މީރާއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތަކުން، އެ ފަރާތުން އުޖޫރަ ދޭ މީހެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މީހެއްގެ އެ ފަރާތުން ދީފައިވާ ވަޒީފާއާ ގުޅޭ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބަދަލެއް، މީރާކަނެކްޓް މެދުވެރިކޮށް މީރާއަށް އަންގަންވާނެއެވެ.

(ނ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން ،އުޖޫރަ ލިބޭ މީހާއަށް އެހެން ބާވަތެއްގެ އާމްދަނީއެއް ލިބޭނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މައުލޫމާތު ބަދަލުކުރުން" (117 MIRA) ފޯމު މެދުވެރިކޮށް، އުޖޫރަ ލިބޭ މީހާ، މީރާއަށް އެކަން އަންގަންވާނެއެވެ.

(ރ) އުޖޫރަ ދޭ ފަރާތަކުން އުޖޫރަ ލިބޭ މީހަކު ރަޖިސްޓަރީކުރި ފަހުން، އެ މީހާ އިތުރު ވަޒީފާއެއް އަދާކުރާނަމަ، އަދި އެ ވަޒީފާ ދިން ފަރާތުން އެކަން މީރާއަށް އަންގައިފައި ނުވާނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ "ރަޖިސްޓަރީކުރުމާއި މައުލޫމާތު ބަދަލުކުރުން" (117 MIRA) ފޯމު މެދުވެރިކޮށް، އުޖޫރަ ލިބޭ މީހާ، މީރާއަށް އެކަން އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

21 (ކ). އެއްގަމު އުޅަނދެއް ނުވަތަ ކަނޑު އުޅަނދެއް ބޭނުންކުރުމުގެ ހައްގު ދީފައިވަނީ ދައުލަތުން ނުވަތަ ދައުލަތުގެ އެހެން އޮފީހަކުން ކަމުގައި ވީނަމަވެސް، މި މާއްދާގެ ބޭނުމަށް، އެ އުޅަނދަކީ އުޖޫރަ ދޭ ދައުލަތުގެ އޮފީހުގެ އުޅަނދެކެވެ.

 

4 .ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

36 (ހ). އެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ އަދަދު އެނގެން ނެތް ހާލަތު ތަކުގައި، ގާނޫނުގެ 80 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ، އެ ފައިސާ ނިސްބަތްވާ މުއާމަލާތާ ގުޅޭގޮތުން ޕްރޮވިޜަނެއް ހަދަންޖެހޭނަމަ، އެ ޕްރޮވިޜަންގެ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދުކަމަށް ބަލައިގެންނެވެ. ޕްރޮވިޜަނެއް ހަދަންޖެހޭތޯ މި މާއްދާގެ ބޭނުމަށް ބަލާނީ، ހިސާބު ތައްޔާރުކުރުމަށް މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިހްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިސާބުކުރެވޭ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، އެ ޕްރޮވިޜަން ނިސްބަތްވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

36 (ރ). މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނައިފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން އިތުރަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، އެ ގޮތުން ކަށަވަރުވި މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ،އިތުރަށް އުނިކުރަންޖެހޭ އަދަދު ހިމަނަންވާނެއެވެ. އަދި އެއާ ގުޅިގެން އިތުރަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.

 

6 .ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

(ބ) މި މާއްދާގެ ދަށުން، ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށްފައި އޮތް ނަމަވެސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް ބަޔާނުގައި ހިމެނިފައި އޮތީ އިތުރަށް ކަމުގައި ވާނަމަ، އެ ގޮތުން އިތުރުވާ އަދަދު ކަށަވަރުވި މަހަށް، މި މާއްދާގެ

(ހ) ގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކުރި ފަރާތުން ހުށަހަޅާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.

(ޅ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ބ) ގެ ދަށުން އުފެދޭ ރީފަންޑް ލިބޭނީ، މި މާއްދާގެ ދަށުން ޕްރޮވިޜަންގެ އަދަދުން ވިތުހޯލްޑިންގ ޓެކްސް ހިސާބުކޮށް، ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމެނި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޑެބިޓް ނޯޓް ނުވަތަ ކްރެޑިޓް ނޯޓާ ގުޅިގެން ވިތުހޯލްޑިންގ ޓެކްސް އުނިކުރުން 1-36

(ހ) ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުއާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ޑެބިޓް ނޯޓެއް މެދުވެރިކޮށް ބޮޑުކޮށްފިނަމަ، އެ ޑެބިޓް ނޯޓް ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ޑެބިޓް ނޯޓު ހިމަނަންޖެހޭ މުއްދަތުގައި އެ އިތުރުވި މިންވަރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ.

(ށ) ގާނޫނުގެ 55 ވަނަ މާއް ދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ މުއާމަލާތެއްގެ އަދަދު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ކްރެޑިޓް ނޯޓެއް މެދުވެރިކޮށް ކުޑަކޮށްފިނަމަ، އެ ކްރެޑިޓް ނޯޓު ލިބޭ ފަރާތުގެ ހިސާބުތަކުގައި އެ ކްރެޑިޓް ނޯޓް ހިމަނަންޖެހޭ މުއްދަތަށް ހުށަހަޅާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި އެ އުނިއިތުރުކުރުން ހިމެނިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އުފެދޭ ރީފަންޑް ދިނުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 123 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.

44 (1-ހ) ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

(2-ހ) ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުން؛ ނުވަތަ

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

59 (.1-ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެރިވެފައިނުވާ ފަރާތެއްގެ ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ގާނޫނާއި މި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތީން، "އޯ.އީ.ސީ.ޑީ މޮޑެލް ޓެކްސް ކޮންވެންށަން އޮން އިންކަމް އެންޑް އޮން ކެޕިޓަލް "(2017) ގެ 7 ވަނަ އާޓިކަލްގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާންމު އުސޫލުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ (2)  ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް 
އިތުރުކުރުން.

101 (ޅ) (1-2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން، އެ ފަރާތުގެ ދާއިމީ މަރުކަޒެއް ދިވެހިރާއްޖޭގައި  ހުރި ފަރާތްތައް؛

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

101 (އ). މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތައް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާކަށެއްނުޖެހޭނެއެވެ. މި މާއްދާގެ (ޅ) އަށް އަމަލުކުރާނީ، މި އަކުރާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

  1. ދައުލަތުގެ އޮފީސްތައް؛
  2. ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތައް.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 103 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން 103.

(ހ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ، މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި އެ ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ ،މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

  1. މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
  2. ވިތުހޯލްޑިންގ ޓެކްސް ރިކޮންސިލިއޭށަން ބަޔާން؛
  3. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން؛
  4. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން.

(ށ) އަންނަނިވި ޓެކްސް ބަޔާންތައް ހުށަހަޅަންވާނީ، މީރާކަނެޓް މެދުވެރިކޮށެވެ.

  1. އިންކަމް ޓެކްސް ބަޔާން؛
  2. އިންޓެރިމް ބަޔާން.

(ނ) އެ ޓެކްސް ބަޔާނެއް ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 10،000،000 (ދިހަ މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ އަންނަނިވި ފަރާތްތަކަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.

  1. ފަރުދެއް؛
  2. ޑީމްޑް ޕާޓްނަރށިޕް.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަ ޅާ ޓެކްސް ބަޔާންތަކާ ގުޅޭ ފައިސާ ދައްކަންވާނީ، މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށެވެ.

(ބ) އެ ޓެކްސް ބަޔާން ނިސްބަތްވާ ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި 20،000،000 (ވިހި މިލިޔަން) ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް މި މާއްދާގެ (ރ) ރައްދެއް ނުވާނެއެވެ.

(ޅ) މި މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު،ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ ބޭނުމަށް އާމްދަނީގެ މިންވަރު ބަލާނީ، ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީއާއި ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާއާމްދަނީ ވެސް ހިމެނޭ ގޮތުންނެވެ.

 

13 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު