-

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-60)

 

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 11/2022) އަށް 1 އަންނަނިވި އިސްލާހުތައް ގެނައުން

 

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރަފު 1.

(ހ) މިއީ، ޑްރައިވިންގ ސްކޫލު ހިންގުމުގެ ށަރުތުތަކާއި، ޑްރައިވިންގ އިންސްޓްރަކްޓަރަކަށް ވުމުގެ ށަރުތުތަކާއި، ޑްރައިވިންގ ސްކޫލް ހިންގުމުގެ ލައިސަންސް ދިނުމުގެ އުސޫލުތަކާއި، ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި، އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

 

 ދެވަނަ ބާބު

ޑްރައިވިންގ ސްކޫލް ހިންގުން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްއޫލުވެރި ފަރާތުގެ ށަރުތު 6.

(ށ) ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށުގެ ރިކޯޑެއް ނެތް މީހަކަށް ވުން. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ލައިސަންސް ހިފެހެއްޓުން  13

(ހ) (1) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) ގެ ދަށުން، ޑްރައިވިންގ ސްކޫލެއްގައި ހުންނަންޖެހޭ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތިންވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ތިންވަނަ ބާބު

ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރުން

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާ ހުކުރުން.

ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރުންގެ ލައިސަންސް 19.

(ހ) ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި އަދި އާންމު އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީން ދޫކުރާ "ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް" ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުން،މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އާންމު އިންސްޓްރަކްޓަރ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ޕޯޓަލް މެދުވެރި ކޮށެވެ.

(ރ) އާންމު އިންސްޓްރަކްޓަރުންގެ މައުލޫމާތު މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.  

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސަށް އެދި ހުށަހެޅުމެއް ލިބުމުން، މި ގަވާއިދުގައިވާ ކަންކަން އެ ހުށަހެޅުމެއްގައި ފުރިހަމަވާނަމަ، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް މިނިސްޓްރީން ލައިސަންސް ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި ފެށޭ ޖުމުލަ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންގެ ށަރުތު 20.

މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރ ލައިސަންސް ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
20.

(ށ) ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކޮށްގެން ހުކުމެއް އިއްވައިފައިވާ މީހަކަށް ނުވުން.

(ނ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފުވެގެން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މީހެއް ކަމުގައި ނުވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

އާންމު އިންސްޓްރަކްޓަރުންގެ ށަރުތުތައް 1-20

(ހ) އުމުރުން 18 (އަށާރަ) އަހަރާއި 60 (ފަސްދޮޅަސް) އަހަރާ ދެމެދުގެ ފަރާތަކަށް ވުން.

(ށ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފުވެގެން ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން ފާއިތުވި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ލައިސަންސް ހިފަހައްޓައިފައިވާ މީހެއް ކަމުގައި ނުވުން.

(ނ) ދުއްވަން ދަސްކޮށްދޭ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބި، ދުއްވުމުގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

ޑްރައިވިންގ ސްކޫލު ގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރ ލައިސަންސްގެ މުއްދަތު 21.

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ޑްރައިވިންގ ސްކޫލެއްގެ އިންސްޓްރަކްޓަރ ލައިސަންސްގެމުއްދަތަކީ 3 (ތިނެއް) އަހަރުދުވަހެވެ. އަދި އާންމު އިންސްޓްރަކްޓަރގެ ލައިސަންސް އެންމެ ގިނަވެގެން ދެވޭނެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަހެވެ.

(ށ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، ލައިސަންސް އައުކުރަން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރ ލައިސަންސް އައުކުރެވޭނީ، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ޑްރައިވިންގ އިންސްޓަރަކްޓަރުންގެ މަސްއޫލިއްޔަތާއި ޒިންމާ 23.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،އާންމު އިންސްޓްރަކްޓަރުން އެ ފަދަ ލޮގުތައް ކޮންމެހެން ބަލަހައްޓާކަށެއް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ބާތިލުކުރުން 25.

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާއާއި 1-20 ވަނަ މާއްދާގައިވާ ށަރުތެއް އުނިވުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޑްރައިވިން ސްކޫލުގެ އިންސްޓްރަކްޓަރުން ތަމްރީނު ކުރުން 26.

(ހ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ ސްކޫލް އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިންގ ސްކޫލް އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެއެވެ.

(ށ) ޑްރައިވިންގ ސްކޫލް އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި، މަދުވެގެން 6 (ހައެއް) ގަޑިއިރު ހޭދަކުރަންވާނެއެވެ.

(ނ) ޑްރައިވިންގ ސްކޫލް އިންސްޓްރަކްޓަރުން އިމްތިހާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި، ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ދުއްވަން ދަސްކޮށްދިނުމާއި ފީ ނެގުން

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީ ނެގުން 30.

އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދިނުމަށް ޑްރައިވިންގ ސްކޫލަކުން އެންމެ ގިނަވެގެން ފީ ނެގޭނީ، ތިރީގައި ބަޔާންކޮށްފައިވާ އަދަދުތަކަށެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާ އުނިކޮށްފައި އަކުރުތައް ތަރުތީބުކުރުން.

 

16  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާ އުނިކޮށްފައި އަކުރުތައް ތަރުތީބުކުރުން.

 

17  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) އާއި (މ) ގެ ގޮތުގައި 2 އަކުރު އިތުރުކުރުން.

38.

(ވ) "އާންމު އިންސްޓްރަކްޓަރުން" ކަމުގައި ބުނެފައި އެވަނީ، ދުއްވަން ދަސްކޮށްދިނުމުގެ ފީ ނެގުމަކާ ނުލައި، ޑްރައިވިންގ ސްކޫލެއްގައި ރަޖިސްޓަރީނުވެ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ވަކި މުއްދަތަށް ދޭ ހުއްދައެއްގެ ދަށުން، ވަކި ފަރާތްތަކަކަށް ވަކި މުއްދަތަކަށް، ދުއްވަން ދަސްކޮށްދޭ ފަރާތްތަކަށެވެ.

(މ) "ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުން" ކަމުގައި ބުނެފައި އެވަނީ،ޑްރައިވިންގ ސްކޫލެއްގައި ރަޖިސްޓަރީވެ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޭ ހުއްދައެއްގެ ދަށުން ދުއްވަން ދަސްކޮށްދޭ ފަރާތްތަކަށެވެ.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ (ޅ) އާއި 26 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 2 (ދޭއް) މަސްދުވަހަށް ފަހުގައެވެ.  

 

މައި ގަވާއިދު

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-11)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު