-

ވިޔަފާރި މަށްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-59)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 12-1 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ވިޔަފާރި މަށްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާތީ، އެގޮތުގެ މަތީން އިސްތިސްނާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ވިޔަފާރި މަށްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ވަކި ވިޔަފާރި މަށްރޫއުތަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ބަލަންޖެހޭ ށަރުތުތަކާއި،އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - އިސްތިސްނާކުރުމަށް އެދި ހުށަހެޅުން

(ހ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ހޯދުމަށް އެދި ވިޔަފާރި މަށްރޫއު ހިންގާ ފަރާތްތަކުން އެ މަށްރޫއެއް ނިސްބަތްވާ ބެލެނިވެރި ވުޒާރާއަކަށްހުށަހަޅަންވާނެއެވެ.

(ށ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ދާއިރާއެއް އިސްތިސްނާކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، އެ ދާއިރާއަކާ ގުޅުންހުރި ބެލެނިވެރި ވުޒާރާއަކުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ށ) ގެ ދަށުން އިސްތިސްނާ ހޯދުމަށް ހުށަހަޅާ ހުށަހެޅުން ބެލެނިވެރި ވުޒާރާއިން މިނިސްޓްރީއަށް ހުށަހަޅާނީ، މިނިސްޓްރީން އާންމުކޮށްފައިވާ ފޯމުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބެލެނިވެރި ވުޒާރާތަކުން ހުށަހަޅާ ހުށަހެޅުންތައް މުރާޖައާކުރުމުގެ ބޭނުމަށް، ބެލެނިވެރި ވުޒާރާގެ ފަރާތުން އިތުރު މައުލޫމާތުހޯދުމަށް މިނިސްޓްރީއަށް އެދެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީއަށް އިސްތިސްނާއަށް އެދި ހުށަހަޅާ ފޯމު ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ޅ) ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެ މަތީން އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ކ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ވިޔަފާރި މަށްރޫއަކަށް އިސްތިސްނާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ އިސްތިސްނާ ދެމިއޮންނާނީ ،ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށެވެ.

(އ) މި މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނިންމުން، އެ އިސްތިސްނާ އަށް އެދި ހުށަހެޅި ބެލެނިވެރި ވުޒާރާއަކަށް މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - އިސްތިސްނާ ލިބޭނެ ދާއިރާތައް 

(ހ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދިނުމަށް ކަނޑައަޅާ ދާއިރާތައް، މި ގަވާއިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނަންވާނެއެވެ.

(ށ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދެވޭނެ ދާއިރާތަކަށް އުނިއިތުރު ގެނެވޭނީ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާއަށެވެ.

 

5 ވަނަ މާއްދާ - އިސްތިސްނާ ދިނުމުގައި ބަލާނެ ކަންކަން

ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދިނުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.

(ހ) އެ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު.

(ށ) އެ އިސްތިސްނާއެއް ދިނުމުން، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުން.

(ނ) އިސްތިސްނާ ދިނުމުން ހާސިލުވުމަށް ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރު.

 

6 ވަނަ މާއްދާ - ވިޔަފާރި މަށްރޫއުތަކަށްއިސްތިސްނާ ދިނުމުގެ ށަރުތުތައް

ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އިސްތިސްނާ ލިބޭ ފަރާތުން މީރާއަށް ހުށަހަޅައިފައިވާ އެންމެހައި މައުލޫމާތު، މީރާއިން މިނިސްޓްރީއަށް ހާމަކުރުމަށް އިސްތިސްނާ ލިބޭ ފަރާތުން އިންކާރުނުކުރާކަމަށް އެއްބަސްވުން.

(ށ) ވަކި ވިޔަފާރި މަށްރޫއަކަށް އިސްތިސްނާ ދޭނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ގާނޫނީ ށަހްސުން ކުރާ ހަމައެކަނި މަސައްކަތަކީ، އެ މަށްރޫއުގެ މަސައްކަތަކަށް ވުން.

(ނ)

  1. ދައުލަތަށް ލިބޭ ހިލޭ އެހީއެއްގެ ދަށުން ނުވަތަ ލޯނަކުން ހިންގާ ވިޔަފާރި މަށްރޫއަކަށްވުން؛ ނުވަތަ
  2. ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކާއެކު ވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި މަށްރޫއަކަށް ވުން؛ ނުވަތަ 
  3. ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ސަރުކާރާއެކު ވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ވިޔަފާރި މަށްރޫއަކަށް ވުން؛ ނުވަތަ
  4. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ ވިޔަފާރި މަށްރޫއަކަށްވުން.

 

7 ވަނަ މާއްދާ - އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު

(ހ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް އަދާހަމަކުރަމުން ގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ގާނޫނުގެ 1-12 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތީން، ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. އިސްތިސްނާ ލިބޭ ފަރާތުގެ ނަން؛
  2. އިސްތިސްނާ ލިބޭ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭށަން ނަންބަރު؛
  3. އިސްތިސްނާ ދީފައިވާ މުއްދަތު؛
  4. އިސްތިސްނާ ދިން ސަބަބު؛
  5. އިސްތިސްނާ ލިބޭ އާމްދަނީއާ ގުޅުންހުރި އިންވެސްޓްމަންޓުގެ މިންވަރު؛

(ނ) މި މާއްދާގެ (ހ) ގެ ދަށުން ށާއިއުކުރާ ދަފުތަރުގައި ނުހިމެނޭ ފަރާތަކަށް އިސްތިސްނާ ދީފިނަމަ، އެ އިސްތިސްނާއަށް އަމަލުކުރަން ފަށާ

ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ މައުލޫމާތު ދަފުތަރުގައި ހިމަނައި، ދަފުތަރު އިސްލާހުކުރަންވާނެއެވެ.

(ރ) ގާނޫނުގެ 1-12 ގެ ދަށުން ލިބޭ އިސްތިސްނާއަށް އަމަލުކުރަން ފަށާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްތިސްނާ ދިނުމަށް ނިންމާ ތާރީހުން ފެށިގެންނެވެ.

(ބ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ވިޔަފާރި މަށްރޫއުތައް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއެކު، މި ގަވާއިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނަންވާނެއެވެ.

 

8 ވަނަ މާއްދާ - އިސްތިސްނާކުރެވޭ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ދަށުން، އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ނިންމާ ވިޔަފާރި މަށްރޫއަށް ހާއްސަކޮށްގެން، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން، ވަކި ގާނޫނީ  ށަހްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތައް، ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިސްތިސްނާ ލިބޭ ފަރާތްތަކުން މީރާގައި ރަޖިސްޓަރީކުރާނީ، ވަކި ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއްގައެވެ.

 

9 ވަނަ މާއްދާ - އިސްތިސްނާ ލިބޭ އާމްދަނީ ހިސާބުކުރުމާއި މައުލޫމާތު ހުށަހެޅުން

(ހ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބޭ އާމްދަނީއާއި، އެ އާމްދަނީ ހޯދުމަށް ހިނގާ ހަރަދު ހިސާބުކުރާނީ، ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބޭ އާމްދަނީއާއި، އެ އާމްދަނީ ހޯދުމަށް ހިނގާ ހަރަދުގެ ރިކޯޑުތައް، އިސްތިސްނާ ލިބޭ ފަރާތުން ވަކިން ބަލަހައްޓަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އިސްތިސްނާކޮށްފައިވާ ފަރާތްތަކުން، ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ، ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ އާމްދަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިސާބުކޮށް، ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޓެކްސް ބަޔާން މީރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނާއެކު، ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ވިޔަފާރިއަކަށް ނުވަތަ މަށްރޫއަކަށް މުސްތަގިއްލު އޮޑިޓަރުގެ ރިޕޯޓެއް ތައްޔާރުކޮށްފައި މީރާއަށް ހުށަހަޅަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން އިސްތިސްނާކޮށްފައިވާ ފަރާތްތަކުން، ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ ފައިސާއެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާނަމަ، ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން މީރާއަށް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އިސްތިސްނާ ލިބޭ ފަރާތްތައް އޮޑިޓްކުރުން

(ހ) މި ގަވާއިދުގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކޮށްފައިވާ ފަރާތްތައް، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މީރާއިން އޮޑިޓްކުރަންވާނެއެވެ.

(ށ) މީރާއިން ކުރާ އޮޑިޓެއްގައި ފާހަގަކުރެވޭ ކަންކަން މިނިސްޓަރަށާއި އިސްތިސްނާ ލިބިފައިވާ ފަރާތަށް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ - އިސްތިސްނާ ބާތިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދީފައިވާ އިސްތިސްނާ ބާތިލުކުރުމުގެ އިހްތިޔާރު،ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

  1. ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާއަށް އެދި ހުށަހެޅުމުގައި ދީފައިވާ މައުލޫމާތުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިފައިވުން؛
  2. ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާކޮށްފައިވާ ވިޔަފާރި މަށްރޫއު ހުއްޓައިލުން ނުވަތަ އެ މަށްރޫއުގެ ނަމުގައި އިތުރު ވިޔަފާރިއެއް ހިންގަން ފެށުން؛
  3. ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ ވިޔަފާރީގެ މައްޗަށް ށަރުއީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވުން؛
  4. އިސްތިސްނާ ދިން މަގުސަދު ހާސިލުވުން؛
  5. އެކަށީގެންވާ ހެއްކާއެކު، އެއްވެސް ސަބަބަކާހުރެ އިސްތިސްނާ ދިން މަގުސަދު ހާސިލުނުވާނެކަމަށް ބެލެވުން؛
  6. އިސްތިސްނާ ދެމިއޮތުމުން ދައުލަތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ގެއްލޭ ޓެކްސް ފިޔަވައި މާލީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ގެއްލުމެއް ލިބުން، ނުވަތަ ގެއްލުމެއް ލިބޭނެކަމަށް އެކަށީގެންވާ ހެއްކާއެކު ބެލެވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އިސްތިސްނާ ބާތިލުކުރުމަށް ނިންމާނީ ،ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ބެލެނިވެރި ވުޒާރާއަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ލިބޭ ހުށަހެޅުންތައް މިނިސްޓްރީއަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ދީފައިވާ އިސްތިސްނާ ބާތިލުކުރުމަށް ބެލެނިވެރި ވުޒާރާއަކުން ހުށަހަޅައިފައި ނުވިނަމަވެސް، މި މާއްދާގެ (ހ) ގައިވާ ހާލަތްތަކުންކުރެ ހާލަތެއް ދިމާވެއްޖެކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭނަމަ، އޭގެތަފުސީލާއެކު އިސްތިސްނާ ބާތިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ދީފައިވާ އިސްތިސްނާ ބާތިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ ނިންމުމަށް އަމަލުކުރަން ފަށާނީ، އެ އިސްތިސްނާ ބާތިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ތާރީހުން ފެށިގެންނެވެ.

(ކ) ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން ދީފައިވާ އިސްތިސްނާ ބާތިލުކުރުމަށް ނިންމާ ފަރާތްތަކުގެ މައުލޫމާތު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދަފުތަރު އިސްލާހުކޮށް، އިސްތިސްނާ ބާތިލުކޮށްފައިވާ ފަރާތެއްގެ ގޮތުގައި ދަފުތަރުގައި ހިމަނަންވާނެއެވެ. މި ދަފުތަރުގައި، އިސްތިސްނާ ބާތިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާ ތާރީހު ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - އިންތިގާލީ ކަންކަން 

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބެލެނިވެރި ވުޒާރާތަކުން އިސްތިސްނާދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، އެ ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފާއިތުވުމަށްފަހު އިސްތިސްނާއަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ދުވަސް ގުނުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

14 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައި ނުވާހައި ހިނދަކު، ތިރީގައިވާ ލަފުޒުތަކާއި އިބާރާތައް މާނަކުރާނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) އަށެވެ.

(ށ) "ބެލެނިވެރި ވުޒާރާ" ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރި މަށްރޫއެއް ނުވަތަ ދާއިރާއެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އޮފީހަކަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަށެވެ.

(ރ) "މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

 

މައި ގާނޫނު

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019)

ކިޔުންތެރިންގެ ހިޔާލު