-

ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-36) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-56)

ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-36) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިހްތިސާސް 3.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ ޓެކްސް އޭޖެންޓުންނަށް ކުރެވޭނީ އަންނަނިވި މަސައްކަތްތަކެވެ.

  1. ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުން؛
  2. ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން؛
  3. ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން އެންގުންތަކާއި ފޯމުތަކާއި ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅިގެން ނުވަތަ އެ ފަރާތުގެ ގާނޫނީ ޒިންމާތަކާ ނުވަތަ ހައްގުތަކާ ގުޅިގެން މީރާއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން؛
  4. މީރާއިން ނުވަތަ ކޮމިށަނަރ ޖެނެރަލް ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރަން ބޭނުންވާނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން؛
  5. ޓެކްސް ގާނޫނުތަކުގެ ދަށުން ޓެކްސް ދައްކާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅޭގޮތުންނާއި ޓެކުހާ ގުޅޭ ކަންކަމުގައި ޓެކްސް ދައްކާ ފަރާތަށް ލަފާދިނުން؛
  6. ޓެކްސް ދައްކާ ފަރާތާ ގުޅޭ ކަންކަމުގައި އެ ފަރާތުގެ ބަދަލުގައި މީރާއާ މުއާމަލާތުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް، މި ގަވާއިދުގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓެއް ފިޔަވައި އެހެން ފަރާތަކުން، ޓެކްސް އޭޖެންޓެއްގެ ހައިސިއްޔަތުން ކުރުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް އޭޖެންޓުންނަށް ނުކުރެވޭނެ ކަންތައްތައް 4.

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ އެއްވެސް ޓެކްސް އޭޖެންޓަކީ މީރާގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، އެ ފަރާތުން މީރާގެ މުވައްޒަފެއްގެ ހައިސިއްޔަތުން ތަމްސީލުކޮށްފައިވާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މައްސަލައެއްގައި މަސައްކަތްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

5(ބ). ދިވެހި ރައްޔިތެއް ކަމުގައި ވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

5(ޅ). ގަވާއިދު ނަންބަރު 2014-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގަވާއިދުގެ ދަށުން، ދިވެހި ރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ދީފައިވާ ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދެމިއޮންނާނީ 31 ޑިސެންބަރު 2022 ގެ ނިޔަލަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2 (ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

7(ށ). (2) ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިހާނަކުން ފާސްވުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އުނިކުރުން.

7(ށ). (3) (އުނިކޮށްފައި).

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

8(ށ) (3) މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޯސް ފުރިހަމަކުރުމުން، ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިހާނަކުން ފާސްވުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

8(ށ). (4) (އުނިކޮށްފައި).

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރުތަކެއް އިތުރުކުރުން.

9(ހ). (1-3) ދި އެމެރިކަން އިންސްޓިޓިއުޓް އޮފް ސަރޓިފައިޑް ޕަބްލިކް އެކައުންޓެންޓްސް (AICPA)؛

(3-2( އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އިން އިންގްލެންޑް އެންޑް ވޭލްސް (ICAEW)؛

(3-3) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (CA Maldives)؛

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) އުނިކުރުން.

10(ނ). (އުނިކޮށްފައި).

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10(ރ). މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާގެ މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ބާތިލުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ މުވައްޒަފަކަށް މި ގަވާއިދުގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

11(ހ). (4) (އުނިކޮށްފައި).

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

12(ރ). މި މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އައްޔަނުކުރާ ޓެކްސް އޭޖެންޓަކީ އެ ފަރާތުގެ މުވައްޒަފެއް ކަމުގައި ވެގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް އޭޖެންޓުން ރަޖިސްޓަރީކުރުން 16.

ގަވާއިދު ނަންބަރު 2020-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މި ގަވާއިދުގެ ދަށުން ދޫކުރާ ހުރިހާ ފަރާތްތަކުން ވެސް ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) އާއި (ނ) އުނިކުރުން.

18(ށ). (އުނިކޮށްފައި).
(ނ) (އުނިކޮށްފައި).

 

16 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު