ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-43)
އެއްވަނަ ބާބު
އާންމު އުސޫލުތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 114 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ، ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައްޔާއި، ސުވާލުކުރުމުގައްޔާއި، ހައްޔަރުކުރުމުގައްޔާއި، ބަންދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި، ކުށަށް ހުށަހެޅި، ކުށުގެ ނުރައްކައުތެރި ހާލަތުގައިވާ ކުދިންނާމެދު ފުލުހުން އަމަލުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އިން ފުލުހުންނަށް ލިބިފައިވާ އިހްތިސާސްގެ ތެރެއިން އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.
(ހ) ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި، ކުށަށް ހުށަހެޅި، ކުށުގެ ނުރައްކަލުގައިވާ ކުޑަކުދިންނާމެދު އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުން.
(ށ) ގާނޫނާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގައި، ގާނޫނުނު ކަނޑައަޅާ ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކުރުން.
(ނ) ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަކުދިން ކުރާ ކުށްތައް ބަލައި ތަހުގީގު ކުރުމުގައި އެ ކުދިންނަށް ގާނޫނުން ލިބިދީފައިވާ ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުން.
(ރ) ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށްހިތުމާއެކު، އެ ކުދިންގެ މަސްލަހަތަށް އިސްކަންދެވޭނެ ގޮތަކަށް ކަންތައްތައް ތަރުތީބުކުރުން.
(ބ) އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، މައްސަލަ ށަރީއަތަށް ހުށަހެޅުމަކާ ނުލައި، ކުއްޖާގެ އާއިލާއާއި މުޖުތަމައުގެ ބައިވެރިވުމާއެކު ކުއްޖާ އިސްލާހުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް ޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދިނުން.
(ޅ) ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅިގެން އެ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް ޓަކައި ތަހުގީގުގެ މަރުހަލާގައި ޑައިވާށަންގެ އުސޫލުން ފިޔަވަޅު އެޅޭނެ ގޮތްތަކެއް ކަނޑައަޅައި ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް
މި ގަވާއިދު ތަންފީޒު ކުރާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
ދެވަނަ ބާބު
މަފްހޫމްތަކުގެ ރަދީފު
4 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި މާއްދާގައި ބަޔާންކޮށްފައި މިވަނީ، މި ގަވާއިދުގެ ދާއިރާގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގަވާއިދުގެ މަގުސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގަވާއިދުގެ ހަމަ ކޮންމެ މާއްދާއެއް ވެސް ކިޔަންވާނީ ނުވަތަ މާނަކުރަންވާނީ އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާ މާނަކުރުންތައް، ތިރީގައި ބަޔާންކޮށްފައިވާ މިވަނީއެވެ.
- "ހުއްޓުވުން" ކަމަށް ބުނެފައި އެވަނީ، ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހާލަތު ފިޔަވައި، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ޓަކައި ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކުޑަކުއްޖަކު ބަލައި ފާސްކުރުމަށް ޓަކައި އެ ކުއްޖަކު ހުއްޓުވާ ހުއްޓުވުމަށެވެ.
- "ހިފެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ކުށަށް ހުށަހެޅިފައިވާ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކުއްޖެއްގެ މައުލޫމާތު ފުލުހުން އޮޅުންފިލުވުމަށް ނުވަތަ އެ ކުއްޖާގެ މައުލޫމާތު އިތުރަށް ކަށަވަރު ކުރުމަށް ޓަކައި ފުލުހުންގެ މަރުކަޒަކަށް ގެންނަ ހާލަތަށެވެ.
- "ހައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މިނިވަންކަން ހުއްޓުމަކަށް އައިސް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުމާއެކު، ފުލުހުންގެ ބެލުމުގެދަށަށް ކުއްޖާ ގެނައުމަށެވެ.
- "ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ހައްޔަރުކުރުމަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދިޔަ މަރުކަޒުގައި އެވަގުތު ހުރި އިސް އޮފިސަރު އެ ކުއްޖާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރުކޮށްފައިވާ ކުއްޖާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އެ ކުއްޖަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ނިންމުމަށެވެ.
- "އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ހަށިގަނޑުން ނަގާ، ދަތްޕިލައިގެ ނިށާނާއި، ލެޔާއި، މަންޏާއި، މައިދާގެ ތެރެއިން ނަގާ ސާމްޕަލާއި، ޖިންސީ ގުނަވަނާއި އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދުގެ އިސްތަށިން ނަގާ ސާމްޕަލާއި، އަނގަ ފިޔަވައި ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނަގާ ސާމްޕަލާއި، ޑީ.އެން.އޭ ހެދުމަށް ޓަކައި ނަގާ ކަށީގެ މަދާއި، ސޮފްޓް ޓިށޫއާއި، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ބާނައިގެން ނަގާ ކުޑަކަމުދާ ތަކެއްޗަށެވެ.
- "މައުލޫމާތު ހިއްސާކުރުމަށް ކަނޑައެޅިފައިވާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމަށް ޓަކައި ގާއިމްކުރާ ވިއުގައަށެވެ.
- "ޖުވެނައިލް ޖަސްޓިސް އޮފިސަރު" ކަމުގައި ބުނެފައި އެވަނީ، ފުލުހުންނަށް ތަމްރީނުދިނުމާ ގުޅޭ އިދާރީ ބަހާގެ ފަރާތުން ކުޑަކުދިންގެ މައްސަލަތައް ބަލާ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ ހާއްސަ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
- "ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ކަމާ ގުޅުންހުރި މުއައްސަސާތައް އެކުވެގެން، ކުއްޖާގެ މައްސަލައިގައި ވަށައިޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުންތަކަށެވެ.
- "ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމުގައި ބުނެފައި އެވަނީ، ހާދިސާއެއް ހިނގުމުން އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކަށް ލިބުނު އަނިޔާއާއި ގެއްލުމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ގޮތުން އެ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމައުން އެހީތެރިއެއް ހިމެނޭ ގޮތަށް ބާއްވާ ބައްދަލުވުންތަކަށެވެ.
- "ޑައިވާށަން" ކަމުގައި ބުނެފައި އެވަނީ، ގާނޫނާ ހިލާފުވާ ކުދިންނަށް ށަރުއީ ނިޒާމުން ބޭރުން ފުރުސަތުތައް ހޯދައިދިނުމަށެވެ. މިގޮތުން، އެފަދަ ޕްރޮގްރާމްތައް އެކުލަވައިލައި، އެ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކޮށްގެން، އެފަދަ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން އަލުން މުޖުތަމައަށް ގެނެއުމަށް އެހީތެރިވުމުގެގޮތުން ހިންގާ ބަދަލު ޕްރޮގްރާމްތަކަކީ ކުއްޖާ ހައްޔަރުނުކޮށްވެސް، ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން ށަރީއަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިން ދެވިދާނެ ފުރުސަތެކެވެ.
- "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ.
- "މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށާއި އެ ކުދިންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، ޖަމާއަތްތަކާއި، ކުއްޖާގެ ގާނޫނީ ވަކީލުންނާއި، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރެވިދާނެކަމަށް ކުއްޖާގެ މައްސަލަ ބަލާ ފަރާތަށް ގަބޫލުކުރެވޭ، އާއިލީގޮތުން ނުވަތަ ގާތްތިމާގެކަމުގެ ނުވަތަ ގެވެށި ގުޅުމަކުން ކުއްޖާއާ ގުޅިފައިވާ، ތަސައްރަފު ފުރިފައިވާ ކޮންމެ ފަރާތެކެވެ.
ތިންވަނަ ބާބު
މައްސަލަ ހުށަހެޅުން
5 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގެ އިޖުރާއަތްތައް
ކުޑަކުއްޖަކު ގާނޫނާ ހިލާފު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުމުގައި އަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
6 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެގޮތް
(ހ) ގާނޫނާ ހިލާފު އަމަލެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރަން އުޅޭކަން، ނުވަތަ ކުށެއް ކުރާކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކުން، ތިރީގައިވާ ޒަރީއާތަކުގެ ތެރެއިން ޒަރީއާއަކުން ފުލުހުންނަށް މައުލޫ މާތެއް ނުވަތަ މައްސަލައެއް ހުށަހެޅިދާނެއެވެ.
- ފުލުހުންގެ މަރުކަޒަކަށް ފޯނުކޮށްގެން އަނގަބަހުން؛
- ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެގެން؛
- ޑިއުޓީގައި އުޅޭ ފުލުހަކަށް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް (ހަމައެކަނި އިމަޖެންސީ ނޫން ހާލަތްތަކުގައި)؛
- ސިޓީ ނުވަތަ ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް (ހަމައެކަނި އިމަޖެންސީ ނޫން ހާލަތްތަކުގައި)؛
- އިމަޖެންސީ ހާލަތެއްގައި ނަމަ، 119 ނަންބަރު ފޯނަށް ނުވަތަ 3322111 ނަންބަރު ފޯނަށް ގުޅައިގެން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް މައްސަލަ ހުށަހެޅުމަށް ޓަކައި ބޭނުންކުރާނީ،ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭނެކަމަށް ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯނު ނަންބަރުތަކާއި އެޑްރެސްތަކާއި ލިންކުތަކެވެ. އެ މައުލޫމާތަށް އެއްވެސް ބަދަލެއް އަންނަ ހާލަތުގައި، ފުލުހުން އެ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް އާންމުކުރަންވާނެއެވެ.
(ނ) އިމަޖެންސީ ނޫން ހާލަތްތަކުގައި ޓެކްސްޓް މެސެޖް މެދުވެރިކޮށް ނުވަތަ މެސެޖިންގ އެޕްލިކޭށަނެއް މެދުވެރިކޮށް ފުލުހުންނަށް ކަމެއް އެންގުމަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ފުލުހުންނަށް މައްސަލަ ހުށަހެޅީކަމުގައެއް ނުބެލޭނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް ޓަކައި، އިމަޖެންސީ ހާލަތްތައް ކަމުގައި ބަލާނީ، ކުޑަކުއްޖަކާމެދު ނުވަތަ ކުޑަކުއްޖަކު ހިމެނޭގޮތުން ކުރެވޭ ކުށަކާ ގުޅިގެން ފުލުހުން ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ، އެ ކުށެއްގެ އަމަލުގައި ހިމެނޭ ކުޑަކުއްޖަކަށް ނުވަތަ އެހެން މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ވެދާނެ ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ހާލަތްތަކަށެވެ.
7 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ވަގުތު
ޖިނާއީ ކުށަކާ ގުޅޭ ކޮންމެ މައްސަލައެއް، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް ފުލުހުންނަށް ހުށަހެޅުމުގެ ހައްގު، ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ފަރާތްތަކާއި ގޮތްތައް
ގާނޫނާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށެވެ.
(ހ) ކުއްޖަކު ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ، ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބޭ ކޮންމެ ފަރާތެއް.
(ށ) ގާނޫނު ތަންފީޒުކުރުމުގެ ބާރު ލިބިދޭ އެހެން އިދާރާއަކުން ބަލަމުންދާ ކަމަކާ ގުޅިގެން އެ އިދާރާއަކުން ފުލުހުންނަށް ހުށަހެޅުމުން.
(ނ) ފުލުހުންގެ އަމިއްލަ އިސްނެގުމުން.
(ރ) ޕްރޮސެކިއުޓަރ ޖެނަރަލްގެ ފަރާތުން ތަހުގީގު ކުރުމަށް އަންގާ އެންގުމެއްގެ ދަށުން.
9 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމުގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާއިރު، އެ ފަރާތަކަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
- މައްސަލަ ހުށަހަޅާ ފަރާތަކީ ކޮން ފަރާތެއްކަން އަންގައިދޭ މައުލޫމާތު؛
- މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
- ކުށެއް ކުރިކަން، ނުވަތަ ކުށެއް ކުރަމުންދާކަން، ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް؛
- ކުށް ކުރިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލޭ ތާރީހު؛
- މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެކަމަށް ބެލޭ ތަން؛
- މައްސަލަ ހުށަހަޅާ ފަރާތާ ގުޅޭނެ ފޯނު ނަންބަރެއް (ހުށަހަޅާ ފަރާތުން ބޭނުންނަމަ)؛
- މައްސަލަ ހުށަހަޅާ ފަރާތުގެ އީމެއިލް އެޑްރެސް (ހުށަހަޅާ ފަރާތުން ބޭނުންނަމަ).
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތް ނަމަވެސް، ކުޑަކުއްޖަކު، ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުން ނުވާނަމަ، އެ މައުލޫމާތު ދިނުން، މި ގަވާއިދުގެ ދަށުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ ބަޔާންވެދިޔަ މައުލޫމާތު ފުލުހުންނަށް ދިންނަމަވެސް، އޭނާގެ އެދުމުގެ މަތީން ނުވަތަ އޭނާގެ ރައްކައުތެރިކަމަށް ފުލުހުން އެ މައުލޫމާތު ސިއްރުކުރަން ވާނެއެވެ.
ހަތަރުވަނަ ބާބު (ނޯޓް: މި ބާބުގެ ސުރުހީ ތިރީގައި ތަކުރާރުވެފައިވޭ)
ހުށަހެޅޭ މައްސަލަ ގިންތިކުރުން
10 ވަނަ މާއްދާ - މައްސަލަ ގިންތިކުރުން
(ހ) ކުއްޖަކާ ގުޅޭގޮތުން މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލަ ގިންތިކުރުމާއި މައްސަލައިގައި ފިޔަވަޅު އެޅުމުގައި އަމަލު ކުރާނޭ ގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ގިންތި 1: މި ބާވަތުގެ މައްސަލަތަކަކީ، ކުށުގެ ވެށްޓެއް އޮވެ، ވީ އެންމެ އަވަހަކަށް އެ ވެށްޓަށް ހާޒިރުވާންޖެހޭ އަދި އެފަދަ ކުށުގެ އަމަލަކާ ގުޅިގެން ފުލުހުން ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ، ކުޑަކުއްޖެއްގެ ހަށިގަނޑަށް ބޮޑުއަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާނެ ބާވަތުގެ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި އެ މައްސަލައިގައި ހަރަކާތްތެރިވާނެ ޖުވެނައިލް ޖަސްޓިސް އޮފިސަރަކު އައްޔަނު ކުރަންވާނެއެވެ. އަދި ކުށުގެ ވެށީގެ އެންމެހައި ކަންކަން ކުރަންވާނީ، ޖުވެނައިލް ޖަސްޓިސް އޮފިސަރުގެ އިރުށާދުގެ ދަށުންނެވެ.
- ގިންތި 2: މި ބާވަތުގެ މައްސަލަތަކަކީ، ކުށުގެ ވެށްޓެއް އޮވެ، އެ ކުށުގެ ވެށްޓަށް ހާޒިރުވާންޖެހޭ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި، ކުށަށް ހުށަހެޅުނު ކުއްޖާގެ އުމުރާއި މައްސަލައިގެ ބާވަތަށް ރިއާޔަތްކުރުމާއެކު ޖުވެނައިލް ޖަސްޓިސް އޮފިސަރަކު، ކުށުގެ ވެށްޓަށް ދިޔުމަށް އައްޔަނު ކުރެވިދާނެއެވެ.
- ގިންތި 3: މި ބާވަތުގެ މައްސަލަތަކަކީ، ކުށުގެ ވެށްޓެއް ނެތް ނަމަވެސް، ކުޑަކުދިން ކުރާ ކުށްތަކުގެ ތެރެއިން ޖިނާއީ ކުށަކަށް ވުމުގެ ފުރުސަތު އޮތް މައްސަލަތަކުގެ ތެރެއިން ފުލުހުން އެ ތަނަށް ހާޒިރުވެގެން ކުރިޔަށް ގެންދަންޖެހޭ މައްސަލަތަކެވެ. އަދި މި ބާވަތުގެ މައްސަލައަކާ ގުޅިގެން ލިބޭ މައުލޫމާތު، ޖުވެނައިލް ޖަސްޓިސް އޮފިސަރާ ހިއްސާކުރަންވާނެއެވެ.
- ގިންތި 4: މި ބާވަތުގެ މައްސަލަތަކީ، ކުށުގެ ވެށްޓެއް ނެތް އަދި މައްސަލަ ހުށަހެޅުމުގެ ކުރިން ހިނގައިފައިވާ މައްސަލަތަކެވެ. އަދި މައްސަލައިގައި ވަގުތުން ކުރަންޖެހޭ ކަމެއް ނެތް މައްސަލަތަކެވެ. މީގެ ތެރޭގައި، ސިޓީން ނުވަތަ ލިޔުމުން ހުށަހަޅާ މިފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތައް ހުށަހެޅުމުން،މައްސަލަ ހައްލު ކުރެވޭނޭ ގޮތްތަކެއް އޮތްތޯ ބެލުމަށްފަހު، މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަންވާނެއެވެ. މި ބާވަތުގެ މައްސަލަތަކުގައި އަމަލުކުރި ގޮތުގެ ތަފުސީލު، ޖުވެނައިލް ޖަސްޓިސް އޮފިސަރާ ހިއްސާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، ކުށުގެ ވެށީގެ މައުލޫމާތު ނަގަންވާނެއެވެ. އަދި ކުށުގެ ވެށީގައި ހިމެނޭ ކުޑަކުދިންނާމެދު ގޮތް ނިންމަންވާނީ، ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިފައިވާ އިދާރީ ބަހާއެއްގެ ނުވަތަ އެފަދަ ޕޮލިސް ސްޓޭށަނަށް ނުވަތަ ފުލުހުންގެ މަރުކަޒަކަށް ހާޒިރުކޮށް، ކުއްޖާގެ މައުލޫމާތު ކަށަވަރުކުރުމަށް ފަހުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުދިންގެ މައްސަލައެއްގައި ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ކުށުގެ ވެށްޓަށް ހާޒިރުވެ ހުރެއްޖެނަމަ، އެ ކުށުގެ ވެށިން މައުލޫމާތު ނެގުމާއި، ކުށުގެ ވެށީގައި ހިމެނޭ ކުޑަކުއްޖާއާ ގުޅޭ އެނޫން ކަންކަމުގައި ވެސް އަމަލުކުރަންވާނީ، ޖުވެނައިލް ޖަސްޓިސް އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.
(ރ) ކުޑަކުދިން ކުރާ ކުށްތަކުގެ މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތުގައި ބަލަހައްޓާ ކުށުގެ މައުލޫމާތުތަކުގެ ތެރޭގައި ވަކި ބާވަތެއްގެ މައުލޫމާތެއްގެ ގޮތުގައި ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) ކުޑަކުއްޖަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފިނަމަ، އެ މައުލޫމާތު ލިޔުމުން ރިކޯޑުކޮށް، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިންސިޑެންޓެއް ހަދަންވާނެއެވެ.
11 ވަނަ މާއްދާ - ކުށުގެ ވެށީގައި ހިމެނޭ ކުޑަކުއްޖާ އާމެދު އަމަލުކުރާނެ ގޮތް
(ހ) ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ މައްސަލައެއްގެ ކުށުގެ ވެށްޓެއްގައި ހިމެނޭ ފަރާތެއްގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭނަމަ، އެފަދަ ކުޑަކުއްޖަކު ހައްޔަރުކުރުމާމެދު ގޮތެއް ނިންމަންވާނީ، އެ ކުށުގެ ވެށި ހިމެނޭ މައްސަލަ ތަހުގީގުކުރާ ޑިޕާޓްމަންޓުގެ އެންމެ އިސްފަރާތުންނެވެ.
(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގިންތި 1 ގެ ގޮތުގައި ކަނޑައަޅައިފައިވާ މައްސަލައެއްނަމަ، އެފަދަ މައްސަލައިގެ ކުށުގެ ވެށްޓަށް ޖުވެނައިލް ޖަސްޓިސް އޮފިސަރެއް ހާޒިރުވާންވާނެއެވެ.
(ނ) ކުށުގެ އަމަލު ހިންގައިފައިވާ ރަށެއްގައި ޖުވެނައިލް ޖަސްޓިސް އޮފިސަރެއް ނެތްނަމަ، ކުށުގެ ވެށްޓަށް ހާޒިރުވާންވާނީ، އެ ސްޓޭށަނެއްގެ އެންމެ އިސްފަރާތުން ކަނޑައަޅާ ފަރާތެކެވެ. އަދި މިގޮތުން ކަނޑައަޅާ ފަރާތަކީ، ކުޑަކުދިންގެ މައްސަލަތައް ބެލުމާބެހޭ ހާއްސަ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ކުޑަކުއްޖަކާމެދު އަމަލުކުރުމަށްފަހު، ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮށްފައިވާ ޑިޕާޓްމަންޓަށް އެކަން އަންގަންވާނެއެވެ. މިގޮތުން، އެ އެންގުން އެންގިފަރާތާއި، މައުލޫމާތު ބަލައިގަތް ފަރާތުގެ ނަމާއި ސަރވިސް ނަންބަރާއި ތާރީހާއި ގަޑި އެނގޭނޭހެން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށް ޓަކައި، "ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޮށްފައިވާ ޑިޕާޓްމަންޓް" ކަމުގައި ބުނެފައި އެވަނީ، ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލެއްނަމަ، ކުޑަކުދިންގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ އިދާރީ ބަހާއަށެވެ. އަދި ކުޑަކުއްޖަކީ ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތެއްނަމަ، ކުށުގެ ށިކާރައަކަށް ވެފައިވާ ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ އިދާރީ ބަހާއަށެވެ.
ހަތަރުވަނަ ބާބު (ނޯޓް: މި ބާބުގެ ސުރުހީ މަތީގައި ތަކުރާރުވެފައިވޭ)
ހުއްޓުވުމާއި ހިފެހެއްޓުމާއި ހައްޔަރުކުރުން
12 ވަނަ މާއްދާ - ހުއްޓުވުމުގައްޔާއި، ހިފެހެއްޓުމުގައްޔާއި، ހައްޔަރުކުރުމުގައްޔާއި،ބަލައިފާސްކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) ކޯޓު އަމުރަކާ ނުލައި ކުޑަކުއްޖަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކުށުގެ ވެށިން ފެންނަ ނުވަތަ ކުށެއް ކުރުމަށްފަހު ކުށުގެ ވެށި ދޫކޮށްދިޔަތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާ ދިމާވާ ކުދިންގެ ތެރެއިން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އަންނަނިވި ކަންކަމަށް ށައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ހާލަތެއްގައި އެކަންޏެވެ.
- އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލެވޭ ވަޅިއެއް ނުވަތަ ހަންޖަރެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އެ ކުއްޖާގެ އަތުގައި އޮތްކަމަށް ބެލެވުން؛
- ކުއްޖާގެ އަތުގައި ބަނގުރާ ނުވަތަ މަސްތުވާ އެހެން އެއްޗެއް ހުރިކަމަށް ބެލެވުން؛
- ވަގަށް ނަގައިފައިވާ އެއްޗެއް ނުވަތަ މިލްކުވެރިކަން ސާބިތުކޮށް ނުދެވޭ އެއްޗެއް،ކުއްޖާގެ އަތުގައި ހުރިކަމަށް ބެލެވުން؛
- ކުށްކޮށްގެން ހޯދައިފައިވާ އެއްޗެއް ކުއްޖާގެ އަތުގައި ހުރިކަމަށް ބެލެވުން؛
- ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ކުއްޖާގެ އަތުގައި ހުރިކަމަށް ބެލެވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި ހުއްޓުވި ކުއްޖާއާ މެދު އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
- ގާނޫނާ ހިލާފު އަމަލެއް ކުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ،ވީ އެންމެ އަވަހަށް އެ ކުއްޖާ ދޫކޮށްލުން؛
- ގާނޫނާ ހިލާފު އަމަލެއް ކުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ،ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް އެ ކުއްޖާ ގެންދިއުން؛
- އަނިޔާވެރި އަމަލެއް އެކުލެވޭ ޖިނާއީ ބޮޑު ކުށެއް ކުރިކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ގަބޫލު ކުރެވޭނަމަ، އެ ކުއްޖާ ހައްޔަރު ކުރުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރާ ހާލަތުގައި، އެފަދަ ކުއްޖާގެ މައުލޫމާތު ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައިވާ ގޮތަށް ކުޑަކުއްޖަކު ހައްޔަރުކުރާނަމަ، ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެންނަނަމަ، އެފަދަ ހާލަތުގައި ދޭންޖެހޭ ގާނޫނީ އިންޒާރުކަމަށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ކުއްޖާއަށް ދޭންވާނެއެވެ. އަދި ކުއްޖާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ، އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަށެވެ. އަދި ކުއްޖާ ބަންދުކުރުމަށް ނިންމާ ނިންމުމަކީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިން ގެ އަދުލުގެ ގާނޫނު) ގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަވާއިދުން މުރާޖައާ ކުރެވޭ ނިންމުމަކަށް ވާންވާނެއެވެ.
(ބ) ކުއްޖަކު ހިފަހައްޓާ ހާލަތުގައްޔާއި ހައްޔަރުކުރާ ހާލަތުގައި ބާރުގެ ބޭނުންކުރަންވާނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. އަދި އެ މައުލޫމާތު އެކަމަށް ހާއްސަކޮށްފައިވާ ނިޒާމުގެ ތެރެއިން ރިކޯޑުކޮށް ބަލަހައްޓައި، ޖުވެނައިލް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް، ލަސްކުރުމެއްނެތި އެ މައުލޫމާތު ލިޔުމުން ފޮނުވަންވާނެއެވެ. މިކަން އެންމެ ލަސްވެގެން ވެސް، 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ކުރަންވާނެއެވެ.
(ޅ) ކުއްޖަކު ހިފަހައްޓާ ހާލަތުގައްޔާއި ހައްޔަރުކުރާ ހާލަތުގައި، އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ ފަރާތެއް ކުއްޖާއާއެކު ހާޒިރުވެ ހުރުމުގެ ހައްގު، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިގެންވެއެވެ. އަދި އެ މައުލޫމާތު، އެކަމަށް ހާއްސަކޮށްފައިވާ ނިޒާމުގެ ތެރެއިން ރިކޯޑުކޮށް ބަލަހައްޓައި، އެކަށީގެންވާ ވަގުތެއްގައި،ޖުވެނައިލް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އެ މައުލޫމާތު ފޮނުވަންވާނެއެވެ.
(ކ) ހުއްޓުވާ ކުއްޖާއަށް ނުވަތަ ހިފަހައްޓާ ކުއްޖާއަށް، ނުވަތަ ހައްޔަރުކުރާ ކުއްޖާއަށް، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުން ގާނޫނީ ވަކީލު އައްޔަނު ކުރުމުން ބެލެވޭނީ، އެ ކުއްޖާ ވަކީލަކު އައްޔަނުކުރީ ކަމަށެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ހާލަތެއްގައި ކުއްޖަކު ބަލައި ފާސްކުރަން ޖެހިއްޖެ ނަމަ ބަލައިފާސްކުރާނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ކުއްޖަކު ހިފެހެއްޓުމަށްފަހު އަދި ހައްޔަރުކުރުމަށްފަހު އެ ކުއްޖަކު ދޫކޮށްލަންވާނީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ ށަރުއީ ބަލަދުވެރިޔާ ނުވަތަ އެނޫންވެސް އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްކަން ކަށަވަރުކުރުމަށްފަހު، އެ ފަރާތަކާއެވެ.
(މ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖަކު ހިފަހައްޓައިފިނަމަ ނުވަތަ ހައްޔަރުކޮށްފިނަމަ، ފޯނުން ނުވަތަ މެސެޖުން، ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ ށަރުއީ ބަލަދުވެރިޔާއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ވަގުތުން އެކަން އަންގަންވާނެއެވެ. އަދި އެ މައުލޫމާތު، އެކަމަށް ހާއްސަކޮށްފައިވާ ނިޒާމުގެ ތެރެއިން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ފ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހަލާތުގައި ކުއްޖާ ހަވާލުކުރާއިރު، އެ ކުއްޖާއާ ހަވާލުވާ ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ހަވާލުވި ތާރީހާއި ގަޑި ލިޔުމުން ރިކޯޑުކޮށް، އެ ލިޔުމުގައި އެ ފަރާތުގެ ސޮއި ހިމަނަންވާނެއެވެ.
(ދ) ހައްޔަރުކުރާ ކުޑަކުއްޖަކީ، ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެންނަ ކުޑަކުއްޖަކީ، ބޭރު ގައުމެއްގެ ކުއްޖެއްނަމަ، އެ ކުއްޖަކާ ގުޅޭ އަންނަނިވި މައުލޫމާތު، އެ ކުއްޖާ ނިސްބަތްވާ ގައުމުގެ ކޮންސިއުލަރ މިށަނަށް އެންގުމަށް ޓަކައި ހާރިޖީ ކަންކަމާ ބެހޭ ވުޒާރާއަށް އަންގަންވާނެއެވެ.
- ކުއްޖާ ހައްޔަރުކޮށްފައިވާކަން؛
- ކުއްޖާ ހައްޔަރުކޮށްފައިވަނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ، ކޮން ކުށަކާ ގުޅިގެންކަން؛
- ކުއްޖާ ހައްޔަރުކޮށްފައިވާ މައްސަލަ ބަލާ ޑިޕާޓްމަންޓް ނުވަތަ ޕޮލިސް ސްޓޭށަން؛
- ކުއްޖާ ހައްޔަރުކޮށްފައި ހުރި ތަން.
13 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން
(ހ) ކުށެއްގެ ތުހުމަތުގައި ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކޮންމެ ކުއްޖަކަށް ވެސް، އެ ހިނދުން ފެށިގެން އޭނާގެ މައްސަލައާމެދު ގޮތެއް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) ކުށެއްގެ ތުހުމަތުގައި ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްކަމަށް، އެ ކުއްޖަކު ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔަކު ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތުން ބުނެފިނަމަ، އެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަޖައް ސައިދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހަށް، ވީ އެންމެ އަވަހަކަށް، އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދުމުގައި، އަންނަނިވި ގޮތުގެ މަ ތީން އަމަލުކުރަންވާނެއެވެ.
- ކުޑަކުދިން، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ ފޯމު ފުރިހަމަކޮށްފައި ފޮނުވުން؛ (ފޯމާއެކު، ކުޑަކުއްޖާއަށް ގާނޫނީ ވަކީލު ހަމަޖައްސައިދިނުމަށް އެދި ފޮނުވާ ސިޓީ ފޮނުވުން)
- ކުޑަކުއްޖާއަށް ގާނޫނީ ވަކީލު ހަމަޖައްސައިދިނުމަށް އެދި ފޮނުވާ ސިޓީގައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ، ކޮން ކުށަކާ ގުޅިގެންކަން ބަޔާންކުރުން.
14 ވަނަ މާއްދާ - ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އުނިކަމެއް ލިބިފައިވާ ކުދިންނާމެދު އަމަލުކުރެވޭ އުސޫލު
(ހ) ސިއްހީ މައްސަލައެއް މެދުވެރިވެފައިވާ ކުދިންނާއި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރި ނުވަތަ ނަފްސާނީ އަނިޔާއެއް ލިބިފައިވާ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަންވާނީ، އެ ކުއްޖަކު ކުރި ކުށަކަށް ނުވަތަ ކުރަމުންދާ ކުށަށް ރިއާޔަތްކޮށް އެކަން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ އެ ކުއްޖާ ހައްޔަރުކުރުންކަމުގައި ވާ ހާލަތުގައި އެކަންޏެވެ.
(ށ) ގާނޫނާ ހިލާފުވިކަމަށް ބެލެވޭ ކުޑަކުއްޖަކީ، ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ ކުއްޖެއްނަމަ، ނުވަތަ ލިޔަންކިޔަން ނޭނގޭ ކުއްޖެއްނަމަ، އެ ކުއްޖާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަހުގީގު ކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އެ ކުއްޖާ ދީފައިވާ ބަޔާން އެ ކުއްޖާއަށް އިއްވަންވާނެއެވެ.
(ނ) ގާނޫނާ ހިލާފުވިކަމަށް ބެލެވޭ ކުޑަކުއްޖަކީ، ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ ނުވަތަ ވާހަކަނުދެއްކޭ ކުއްޖެއްނަމަ، އެ ކުއްޖަކާމެދު ކުރެވޭ ތަހުގީގުގައި އެ ކުއްޖާއަށް އެހީތެރިވެދިނުމަށް ޓަކައި، އެފަދަ ކުއްޖަކާ މުއާމަލާތުކުރަން އެނގޭ މީހަކު ނުވަތަ ތަރުޖަމާނަކު، ތަހުގީގުކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި އެފަދަ ކުއްޖަކާ މުއާމަލާތު ކުރަންވާނީ އެފަދަ މީހެ އްގެ އެހީތެރިކަމާއެކުގައެވެ.
15 ވަނަ މާއްދާ - ޖިނާއީ ކުށްތަކަށް ނުވާ މައްސަލަތަކުގައި ހިފެހެއްޓުން
(ހ) ގާނޫނާ ހިލާފަށް ކުޑަކުދިން ކުރާ ކުށްތަކުގެ ތެރެއިން ޖިނާއީ ކުށަކަށް ނުވާ މައްސަލަތަކުގައި، ކުޑަކުއްޖަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރަން އުޅޭކަމަށް ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭ ހާލަތުގައި، އެފަދަ ކުއްޖަކީ ކާކުކަން ދެނަގަނެވޭ މައުލޫމާތު އޮޅުންފިލުވިދާނެއެވެ. މިގޮތުން މައުލޫމާތު އޮޅުފިލުވުމުގައި، އެ ކުއްޖާ އެވަގުތު ހުރި ހާލަތާއި، އަދި އެ ކުއްޖާ ބެލެނިވެރިޔަކާ ހަވާލުނުކޮށް ދޫކޮށްލައިފިނަމަ ކުއްޖާގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ، ނުވަތަ ކުއްޖާ ކުށަކަށް ހުށަހެޅިދާނެކަމަށް ބެލެވޭނަމަ، އެފަދަ ކުއްޖަކު ބެލެނިވެރިޔަކާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކާ ހަވާލުކުރުމަށް ޓަކައި ފުލުހުންގެ މަރުކަޒަކަށް ގެންދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އެ ކުދިންގެ މައުލޫމާތު ވީ އެންމެ އަވަހަކަށް، އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަށާއި، ޑިޕާޓްމަނޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ކުރެވޭ ކުދިންނާ ގުޅޭ އަންނަނިވި މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
- ކުއްޖާގެ ފުރިހަމަ ނަން؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- ކުއްޖާއާ މުއާމަލާތު ކުރިއިރު ކުއްޖާ ހުރި ތަން؛
- ކުއްޖާ ފުލުހުންގެ މަރުކަޒަކަށް ގެނައި ސަބަބު؛
- ކުއްޖާއާއެކު އެވަގުތު އިތުރު ކުދިން/ބަޔަކު ތިބިނަމަ، އެ ފަރާތެއްގެ މައުލޫމާތު؛
- ކުއްޖާއާ މުއާމަލާތު ކުރި ގަޑި؛
- ބެލެނިވެރިޔާއަށާއި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް މައުލޫމާތު ދިން ގަޑި؛
- ބެލެނިވެރިޔާއަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް މައުލޫމާތު ސާފުކޮށް ނުދެވޭނަމަ، އެ މައުލޫމާތު ސާފުކޮށްދިނުމަށް ކޮށްފައިވާ މަސައްކަތް؛
- ބެލެނިވެރިޔާއާއި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް ކުއްޖާއާއި ހަވާލުވިގަޑި؛
- ކުއްޖާ ކުރި އަމަލާމެދު ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް ބުނާ ބުނުން؛
- ކުއްޖާއާ މުއާމަލާތު ކުރި ފުލުހުންގެ ނަމާއި ސަރވިސް ނަންބަރާއި ސޮއި.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ގިނަވެގެން (ސައުވީސް) 24 ގަޑިއިރުގެ ތެރޭގައި، އެކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ މައްސަލަ ބަލާ ޑިޕާޓްމަންޓަށް ނުވަތަ، އެފަދަ މައްސަލަތައް ބެލުމަށް ވަކި ޑިޕާޓްމަންޓެއް ކަނޑައަޅައިފައި ނުވާ ސަރަހައްދުތަކުގައި، ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ކަނޑައަޅައިފައިވާ އެންމެ އިސްފަރާތާ ހިއްސާ ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ހުއްޓުވާ، ނުވަތަ ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކުއްޖަކާ ސުވާލު ކުރުން
(ހ) ގާނޫނާ ހިލާފުވިކަމުގެ ތުހުމަތުގައި ކުޑަކުދިން ހުއްޓުވާ، ނުވަތަ ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކުޑަކުއްޖެއްގެ ފަރާތުން، އަންނަނިވި މައުލޫމާތު ސާފުކުރުމުގެ ގޮތުން،އަންނަނިވި ކަންކަން ސާފުކުރުމަށް ޓަކައި އެ ކުއްޖާއާ ސުވާލު ކުރެވިދާނެއެވެ.
- ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތާއި، ކުއްޖާގެ އުމުރު؛
- ކުއްޖާގެ ސިއްހީހާލަތު ދެނެގަތުމަށް އެހިނދަކަށް ބޭނުންވާނެ މައުލޫމާތު؛
- ކުއްޖާގެ ބެލެނިވެރިން ނުވަތަ މަސްލަހަތު ހިމާޔާތްކުރެވޭނެ ފަރާތްތަކުގެ މައުލޫމާތު؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުވާލުތައް އެ ކުއްޖަކާ ކުރުމަކީ، އެ ކުއްޖާގެ ގާނޫނީ ވަކީލަކު ނެތި ޖިނާއީ ތަހުގީގުގައި އެ ކުއްޖާއާ ސުވާލުކުރީކަމުގައެއް ނުބެލެވޭނެއެވެ.
17 ވަނަ މާއްދާ - ހައްޔަރުކުރާއިރު ބާރުގެ ބޭނުންކުރުމުގައި ބަލަންވާނެ ކަންކަން
(ހ) ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު ނުވަތަ އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނައިރު ބާރުގެ ބޭނުންކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ހާއްސަ ހާލަތްތަކުގައި، އެ ކުއްޖާ ފުލުހުންގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި އެހެން ވަސީލަތްތައް ބޭނުންކުރުމަށްފަހު، އެކަން ކާމިޔާބު ނުވެގެން ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ކުޑަކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުން ހިފާނީ، އެ ކުއްޖާގެ މައްޗަށް ބޭނުންކުރެވެނީ އެ ވަގުތެއްގައި އެ ތަނެއްގައި ނުވަތަ އެ ވެށްޓެއްގައި ހުރި، ކުއްޖާގެ މައްޗަށް އެންމެ އެކަށޭނަ ބާރެއްތޯ ބެލުން؛
- ކުޑަކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުން ހިފުމުގައި އެ ކުއްޖާގެ މައްޗަށް ބޭނުންކުރެވޭ ބާރު ބޭނުންކުރުމުގައި، އެ ވަގުތު އެ ތަނެއްގައި ނުވަތަ އެ ވެށްޓެއްގައި ތިބި އެހެން މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން؛
- އެ ބާރެއްގެ ބޭނުންހިފޭ ހާލަތާ އެއްވަރުގެ ބާރެއް ބޭނުންކުރުން؛
- ބާރުގެ ބޭނުންކުރުމުގައި، އެ ތަނެއްގައި ހުރި ކުއްޖަކާއި، އެ ބާރެއްގެ ބޭނުންހިފާ ފަރާތުގެ ރައްކައުތެރިކަމަށް ބެލުން؛
- ހައްޔަރުކުރެވޭ ކުއްޖާ ހައްޔަރުކުރުމުގައި، އެ ތަނުގައި ހިނގަމުންދާ ކުށުގެ ހާލަތަށް ބަލައި، އެކަށީގެންވާ ބާރެއް ބޭނުންކުރުން؛
- ކުއްޖަކު، ހައްޔަރުކުރުމާ ދެކޮޅުހަދާ ހާލަތުގައި ބާރުގެ ބޭނުންކުރާނީ، ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ފުލުހުން ބާރުގެ ބޭނުންކުރާނަމަ ބޭނުންކުރަންވާނީ، އެ ހާލަތުގައި އެ ނުރައްކާ ނައްތައިލުމަށް ޓަކައި ފުލުހުން ބޭނުންކުރުން ގާނޫނުން ހުއްދަކޮށްފައިވާ އާލާތްތަކެވެ.
18 ވަނަ މާއްދާ - ހައްޔަރުކުރުމަށް ދެކޮޅުހެދުން
(ހ) ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުއްޖަކު ހައްޔަރުކުރުމަށް ފުލުހުން އެ ކުޑަކުއްޖަކަށް އަންގާ އެންގުމާ އެއްގޮތަށް އެ ކުއްޖާ ފުލުހުންނަށް އެއްބާރުލުން ނުދޭކަން ބެލުމުގައި، އެ ކުއްޖާ ކުރާ އަންނަނިވި ފަދަ އަމަލުތައް ހިމެނިގެންވެއެވެ.
- ހައްޔަރުކުރުމާ ދެކޮޅުހަދާކަން އަނގަބަހުން ހާމަކުރުން؛
- ވެއްޓިގަތުން؛
- ތަނެއްގައި ހިފަހައްޓައިގެން ވީއްލުނަނުދީ ހުރުން؛
- އެހެން މީހެއްގެ ގައިގައި ހިފެހެއްޓުން؛
- އެހެން މީހަކު ކުޑަކުއްޖާގެ ގައިގައި ހިފެހެއްޓުމުން ވީއްލުނަ ނުދީ ހުރުން؛
- އެ ތަނުން ދާންއުޅުން ނުވަތަ ދިޔުން؛
- ހައްޔަރުކުރެވޭ ކުށުގެ ބާވަތުން ނުވަތަ ހައްޔަރުކުރެވޭ ކުއްޖާގެ އަމަލުތައް ހުރިގޮތުން ހައްޔަރުކުރާ ފަރާތަށް ނުވަތަ އެހެން މީހަކަށް އަނިޔާއެއް ކޮށްފާނެކަމަށް ނުވަތަ ހާނީއްކައެއް ލިބިދާނެކަމަށް ބެލުން؛
- ކުއްޖަކު ހައްޔަރުކުރުމުގެ ތެރޭގައި ހައްޔަރުކުރުމާ ދެކޮޅުހެދުމުގެ ގޮތުން ކުރާ އަމަލެއްކަން ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ފުލުހަކު ކުޑަކުއްޖަކު ހައްޔަރުކުރާނަމަ ހައްޔަރުކުރަންވާނީ، ކޮމިށަންޑް އޮފިސަރެއްގެ ހުއްދަޔާ އެކުގައެވެ. ނަމަވެސް ކޮމިށަންޑް އޮފިސަރެއް ނެތް ހާލަތުގައި ކުއްޖަކު ހައްޔަރުކުރާނީ، އެވަގުތު ސްޓޭށަންގެ އިސްކޮށް ހުރި އޮފިސަރުގެ ހުއްދަޔާ އެކުގައެވެ. އަދި ކުއްޖާ ހައްޔަރުކުރުމަށްފަހު އެކަމުގެ މައުލޫމާތު ލިޔުމުން ރިކޯޑުކުރުމާއެކު، ޖުވެނައިލް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.
ފަސްވަނަ ބާބު
މައްސަލަ ތަހުގީގުކުރުން
19 ވަނަ މާއްދާ - ތަހުގީގުގައި ކުޑަކުދިންނާ ސުވާލުކުރުން
(ހ) ކުޑަކުއްޖަކު ގާނޫނާ ހިލާފުވިކަމަށް ތުހުމަތުކުރެވިގެން ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރަންވާނީ، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.
(ށ) ހުރިހާ ހާލަތެއްގައި ވެސް، ތަހުގީގުގައި ކުޑަކުދިންނާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.
(ނ) ކުޑަކުދިންގެ މައްސަލަތަކުގެ ތަހުގީގުގައި ކުޑަކުދިންނާ ސުވާލުކުރާއިރު، ތަހުގީގުކުރާ ފަރާތް ފުލުހުންގެ ޔުނީފޯމުގައި ހުރެގެން ނުވާނެއެވެ.
(ރ) ކުށެއްގެ ތުހުމަތުގައި ތަހުގީގުގައި ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކާއި އެ ކުއްޖެއްގެ ގާނޫނީ ވަކީލެއްގެ ހާޒިރުގައެވެ. މިގޮތުން ތުހުމަތުގައި ސުވާލުކުރެވޭ ކުއްޖާއަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމާ ގުޅޭ އުސޫލު ހިނގާނެއެވެ.
(ބ) ކުށެއްގެ ތުހުމަތުގައި ތަހުގީގުގައި ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އޯޑިއޯއާއި ވީޑިއޯ ރިކޯޑު ކުރެވޭ ގޮތަށެވެ.
(ޅ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާ ތަހުގީގުގައި ސުވާލުކުރަންވާނީ، އެ ކުއްޖާގެ އުމުރަށާއި،އެ ކުއްޖާއަށް ކަންކަން ފަހުމުވާމިންވަރަށާއި، އެ ކުއްޖާގެ ސިއްހީ ހާލަތަށާއި އިޖުތިމާއީ ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
(ކ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކީ ބަންދުގައި ހުރި ކުއްޖެއްނަމަ، އެ ކުއްޖަކާ ސުވާލުކުރުމުގައި މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ކުއްޖަކާ ސުވާލުކުރުމުގައި އަންނަނިވި ކަންކަން ކަށަވަރު ކުރަންވާނެއެވެ.
- ނިދުމަށާއި އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ލިބުން؛
- ސުވާލުކުރާ ކޮންމެފަހަރަކު، ގިނަވެގެން 2) ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށް ސުވާލުކުރުން؛
- ހެނދުނު 8) އަށެއް) ގެ ކުރިންނާއި، ރޭގަނޑު (ދިހައެއް) 10 ގެ ފަހުން ސުވާލު ނުކުރުން؛
- ކޮންމެ ދުވާލެއްގެ މައްޗަށް މަދުވެގެން 4) ހަތަރެއް) ފަހަރަށްވާ ގޮތަށް ކެއުމާއި ބުއިން ހަމަޖައްސައިދިނުން؛
- ފާހާނާ ކުރުމާއި، ތާހިރުވާނެ ވަސީލަތްތައް ފޯރުކޮށްދިނުން.
20 ވަނަ މާއްދާ - ހާއްސަ ހާލަތުގައިވާ ކުޑަކުދިންނާ ތަހުގީގުގައި ސުވާލުކުރުން
(ހ) ހާއްސަ ހާލަތްތަކުގައިވާ ކުޑަކުދިންނާ ތަހުގީގުގައި ސުވާލުކުރުމުގައި، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ށ) ހާއްސަ ހާލަތްތަކުގައިވާ ކުޑަކުއްޖަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހުގީގުގައި އެ ކުއްޖާއާ ކުރެވޭ ސުވާލުތަކާއި، އެ ކުއްޖާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިފައިވާ ގޮތަށް އެ ކުއްޖަކަށް ވިސްނިފައިވާކަން ތަހުގީގުކުރާ ފަރާތުން ޔަގީންކުރަންވާނެއެވެ.
(ނ) ހާއްސަ ހާލަތްތަކުގައިވާ ކުޑަކުއްޖަކު ހައްޔަރުކުރާނަމަ، ނުވަތަ ބަންދުކުރާނަމަ، އެ ކުއްޖާގެ ނަފްސާނީ ހާލަތަށާއި ޖިސްމާނީ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ. އަދި އެ ކުއްޖާ ހައްޔަރުކުރުމުގައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުގައި އެ ކުއްޖާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމު އެ ކުއްޖާ ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) ޖިނާއީ އެއްވެސް އިޖުރާއަތެއް ހާއްސަ ހާލަތުގައިވާ ކުޑަކުއްޖެއްގެ މައްޗަށް ހިންގުމުގައި،އެ ކުއްޖެއްގެ ނަފްސާނީ ހާލަތާ ނުވަތަ ޖިސްމާނީ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ ކުއްޖަކާ ކުރިމަތިކޮށްގެން ނުވާނެއެވެ.
(ބ) ހާއްސަ ހާލަތުގައިވާ ކުޑަކުއްޖާއަކީ، ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ ކުއްޖެއްނަމަ،އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް މެދުވެރިކޮށް، އެ ކުއްޖާ ދީފައިވާ ބަޔާން އެ ކުއްޖާއަށް އިއްވަންވާނެއެވެ.
(ޅ) ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ ނުވަތަ ވާހަކަނުދެއްކޭ ކުޑަކުއްޖަކާމެދު،ކުރެވޭ ތަހުގީގުގައި އެފަދަ ކުއްޖަކާ މުއާމަލާތު ކުރަންވާނީ، އެ ކުއްޖާއާ މުއާމަލާތުކުރަން އެނގޭ މީހަކު މެދުވެރިކޮށެވެ. އަދި އެ ކުއްޖާ ދީފައިވާ ބަޔާން އެ ކުއްޖާއަށް ފަހުމުވާގޮތަށް އެ މީހަކު މެދުވެރިކޮށް އެ ކުއްޖާއަށް ކިޔައިދޭންވާނެއެވެ.
(ކ) މި މާއްދާގެ ބޭނުމަށް ޓަކައި، ހާއްސަ ހާލަތުގައިވާ ކުޑަކުދިން ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވާ ކުޑަކުދިންނަށެވެ.
21 ވަނަ މާއްދާ - އިންޓަވިއު ރޫމްތަކުގެ މިންގަނޑު
ޖިނާއި ބޮޑުތި ކުށްތައް ފިޔަވައި އެ ނޫން ކުށްތަކުގެ ތުހުމަތުގައި ހިފަހައްޓާ ނުވަތަ ހައްޔަރުކުރާ ކުޑަކުދިންނާ އެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރާ އިންޓަވިއު ރޫމުގައި އަންނަނިވި ކަންކަން ފުރިހަމަކޮށްފައި ހުންނަންވާނެއެވެ.
(ހ) އިންޓަވިއު ރޫމުގައި ހިނގާ ކަންކަމުގެ އަޑާއި މަންޒަރު ރިކޯޑު ކުރެވޭގޮތަށް ކެމެރާ ބަހައްޓައިފައި ހުރުން؛
(ށ) އެކަށީގެންވާ ޖާގަ ހުރުން؛
(ނ) ކުއްޖާގެ ހަރަކާތްތައް ކައިރިން ބެލެނޭ ފަދަ ގޮތަކަށް މަންޒަރު ރިކޯޑު ކުރެވޭނެ ގޮތެއް ހަމަޖެހިފައި ހުރުން.
22 ވަނަ މާއްދާ - މައްސަލަ ތަހުގީގުކުރުމުގައި އަމަލުކުރާނެ ގޮތުގެ މެނުއަލް
ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި، ހާއްސަ ހާލަތުގައިވާ ކުދިންގެ މައްސަލަތައް، މި ގަވާއިދުގެ ދަށުން ތަހުގީގުކޮށް ސުވާލު ކުރުމާ ގުޅޭ މެނުއަލެއް، އަންނިވި ކަންކަން ހިމަނައިގެން ހަދަންވާނެއެވެ.
(ހ) ތަހުގީގު މަރުހަލާ ކުރިޔަށްދާނެ ގޮ ތުގެ ތަފުސީލާއެކު ފްލޯ ޗާޓެއް؛
(ށ) ތަހުގީގު ބެހިގެންދާ ބައިތަކުގެ ތެރެއިން އަންނަނިވި ބައިތަކުގައި ކަންކަން ކުރާނޭ ގޮތް؛
- މައުލޫމާތު ވަޒަންކުރުމާއި، އަޅައިކިޔުން؛
- ސުވާލުކުރުމާއި، ލިޔެކިޔުމާއި، ހެކި ހޯދުން؛
- ބަޔާން ނެގުން؛
- ހައްޔަރުކުރުމާއި، މައްސަލައިގައި ގޮތް ނިންމުން.
(ނ) ސުވާލު ކުރުމުގައި ބައިވެރިވާނެ މީހުންނާއި، އެ ފަރާތްތަކުގެ ދައުރު؛
(ރ) ސުވާލު ކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް؛
(ބ) ކުޑަކުދިން ހިމެނޭ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންގެ އިދާރީ ބަހާތަކުގެ ތެރެއިން އެކި އިދާރީ ބަހާތައް ގުޅިގެން ތަހުގީގު ކުރުމުގައި އަމަލުކުރާނެ ގޮތް؛
(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 4) ހަތަރެއް) މަސްދުވަހުގެ ތެރޭގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގުކުރުމުގެ މެނުއަލް އެކުލަވައިލަންވާނެއެވެ.
23 ވަނަ މާއްދާ - ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ގިސާސް ކަނޑައެޅިފައިވާ ކުށްތައް
(ހ) އިސްލާމްދީނުގައި ހައްދު ކަނޑައަޅައިފައިވާ ކުށާއި ގިސާސް ކަނޑައަޅައިފައިވާ ކުށް، ކުޑަކުއްޖަކު ކޮށްފިކަމަށް ބެލެވިގެން ހުށަހެޅޭ މައްސަލައެއް ތަހުގީގުކުރުމުގައި ވެސް ކުޑަކުއްޖަކާ ސުވާލުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުކުރުމަށް ނިންމުމުގައި އަމަލުކުރަންވާނީ، އެ ނޫން ކުށެއްގައި ވެސް ކުޑަކުއްޖަކާ މެދު އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) އިސްލާމްދީނުގައި ހައްދު ކަނޑައަޅައިފައިވާ ކުށާއި ގިސާސް ކަނޑައަޅައިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފިކަމަށް ބެލެވިގެން ހުށަހެޅޭ މައްސަލައެއްގެ ތަހުގީގުން އެ ކުއްޖަކު އެފަދަ ކުށެއް ކޮށްފިކަމަށް ބެލެވޭ ހެކި ލިބިފައިވާނަމަ، އެ މައްސަލައަކާ ގުޅިގެން ނަސޭހަތް ދިނުން ނުވަތަ ޑައިވާށަންއަށް ފުރުސަތު ދިނުމަކަށް ނުނިންމޭނެއެވެ. އެފަދަ މައްސަލައެއްގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ކުށަކާ ގުޅޭ ކޮންމެ މައްސަލައެއްވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވަންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓާ އެކުގައެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނީ، ލިޔުމުން ނުވަތަ އެ އޮފީހާއެކު ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށެވެ.
24 ވަނަ މާއްދާ - ތަހުގީގަށް ކުދިން ހާޒިރުކުރުން
(ހ) ތަހުގީގަށް ކުޑަކުދިން ހާޒިރު ކުރުމުގައި އަމަލު ކުރާނީ، ގަވާއިދު ނަންބަރު 2019-1052 (ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 20 ވަނަ މާއްދާއިން ފެށިގެން 28 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުޑަކުއްޖެއް ތަހުގީގަށް ހާޒިރު ކުރިނަމަވެސް، ކުޑަކުއްޖަކު ތަހުގީގަށް ހާޒިރު ކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިޔެއް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކާއެކުގައެވެ.
(ނ) ކުއްޖަކު ހާޒިރުވުމަށް ފޮނުވާ ޗިޓުގައި، ބެލެނިވެރިޔަކާއެކު ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކާއެކު ހާޒިރުވުމަށް ބަޔާން ކުރަންވާނެއެވެ.
(ރ) ކުއްޖަކު ހާޒިރުވުމަށް އަންގާ ޗިޓެއް ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެނޭ ފަރާތަކާ ހަވާލުކުރުމުން ބެލެވޭނީ، އެ ކުއްޖަކާ ހަވާލުކުރީ ކަމުގައެވެ.
(ބ) މި މާއްދަގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހަވާލުކުރާ ޗިޓު ހަވާލުކުރެވެނީ ކުއްޖާގެ ބެލެނިވެރިޔާއާކަން ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކާކަން، ޗިޓު ހަވާލުކުރާ އޮފިސަރު ކަށަވަރު ކުރަންވާނެއެވެ. މިގޮތުން ޗިޓު ހަވާލުކުރެވޭ ފަރާތުގެ ކާކުކަން ދެނެގަނެވޭނެ މައުލޫމާތު، ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ޅ) ކުއްޖަކު ހާޒިރުވެ ހުރީ އެ ފަރާތުގެ ބެލެނިވެރިޔާއާ އެކު ކަން ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަކާ އެކު ކަން، އެ ކުއްޖާޔާ ބައްދަލުކުރާ އޮފިސަރު ކަށަވަރު ކުރަންވާނެއެވެ.
25 ވަނަ މާއްދާ - ޖިންސީ ގުނަވަން ބަލައިފާސްކުރުމާއި، އެތެރެހަށީގެ ސާމްޕަލް ނެގުން
(ހ) ކުޑަކުއްޖަކު ބަލައިފާސްކުރުމުގައި ޖިންސީ ގުނަވަނެއް ބަލައިފާސްކުރަންވާނީ، ނުވަތަ އެތެރެހަށީގެ ސާމްޕަލްއެއް ނަގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްގެންނެވެ.
(ށ) ކުޑަކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކާ ގުޅިގެން އެ ކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައިފާސްކުރަންވާނީ، ނުވަތަ އެތެރެހަށީގެ ސާމްޕަލެއް ނަގަންވާނީ، އެ ކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑުކުށެއް ނުވަތަ ޖިންސީ ކުށުގެ އަމަލެއް ކަމުގައި ވުމާއެކު، އެފަދަ ކުށެއް ކޮށްފައިވާކަން ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެ ކުއްޖާ ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އެ ސާމްޕަލުން ދައްކުވައިދޭނެކަމަށް އެ ކުއްޖާގެ މައްސަލަބަލާ އިދާރީ ބަހާއަށް ނިސްބަތްވާ އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، އެ ސާމްޕަލް ނެގުމުގެ ހުއްދަ އެ އޮފިސަރު ލިޔުމުން ދީފައި އޮތުމާއެކު، އެކަމަށް ކޯޓު އަމުރެއް ލިބިފައިވާނަމައެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވިޔަސް، ކުޑަކުއްޖެއްގެ ޖިންސީ ގުނަވަން ބަލައިފާސްކުރަންވާނީ ނުވަތަ އެތެރެހަށިން ސާމްޕަލެއް ނަގަންވާނީ، ކުއްޖާގެ އެދުމުގެ މަތިން، އެ ކުއްޖާގެ ބެލެނިވެރިޔެއްގެ ހާޒިރުގައެވެ.
(ރ) ކުޑަކުއްޖާގެ މައިންބަފައިންގެ ހާޒިރުގައި ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި އެ ކުއްޖާ ބަލައި ފާސްކުރަން ނުވަތަ ސާމްޕަލް ނަގަން އެ ކުއްޖާ ބޭނުން ނުވާނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާ ހާޒިރުގައި ބަހައްޓައިގެން ނުވާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވެސް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެ ތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.
(ބ) ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައިފާސްކުރުމުގެ ކުރިން ނުވަތަ އެތެރެހަށީގެ ސާމްޕަލްއެއް ނެގުމުގެ ކުރިން އެތެރެހަށިން ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަމާއި، ޖިންސީގުނަވަން ބަލައިފާސްކުރަނީ ނުވަތަ އެތެރެހަށިން ސާމްޕަލް ނަގަނީ ކޮން ސަބަބަކަށް ޓަކައި ކަން، ކުށުގެ ތުހުމަތުގައިވާ ކުއްޖާއަށް ބަޔާންކޮށްދޭންވާނެއެވެ. އަދި އެ ކުއްޖާގެ ކިބައިން ހޯދާ ސާމްޕަލް، އެ ކުއްޖާ ޖިނާއީ ބޮޑު ކުށެއް ކުރިތޯ ބެލުމަށް ޓަކައި ނުވަތަ ޖިންސީ ކުށެއް ކުރިތޯ ބެލުމަށް ޓަކައި ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށް ޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް ބޭނުންކުރެވިދާނެކަން ވެސް ބަޔާންކޮށްދޭންވާނެއެވެ.
(ޅ) ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައިފާސްކުރަންވާނީ، ނުވަތަ އެތެރެހަށީގެ ސާމްޕަލްއެއް ނަގަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.
(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުއްޖަކާމެދު އަމަލުކުރަންވާނީ، އެކަމުގެ ސަބަބުން އެ ކުއްޖެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވާނެކަން ކަށަވަރު ކުރުމަށް ފަހުގައެވެ. އަދި ކުޑަކުއްޖެއްގެ އެތެރެހަށީގެ ސާމްޕަލެއް ނަގަންވާނީ، ސިއްހީހިދުމަތްދޭ މަރުކަޒެއްގައެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފިނަމަ، އެކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ ކުއްޖާގެ ރުހުމުގައިކަން ނުވަތަ ނުވަތަ ބާރުގެ ބޭނުންކޮށްގެންކަމާއި، އެ ސާމްޕަލް ނެގި ފަރާތެއްގެ މައުލޫމާތު އެ ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
26 ވަނަ މާއްދާ - ގާނޫނާ ހިލާފު އަމަލުކުރާ ކުޑަކުދިންނަށް ފިޔަވަޅު ނާޅައި ދޫކޮށްލުން
(ހ) ގާނޫނާ ހިލާފަށް ކުޑަކުދިން ކުރާ އަމަލުތަކުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން ބަލާއިރު، އެ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ، ފުރުސަތުދިނުން ކަމަށް ވާނަމަ، އެ ކުއްޖާއާމެދު އަމަލުކުރާ ފުރަތަމަ ގޮތަކަށް ވާންވާނީ، އެ ކުއްޖަކާމެދު ފިޔަވަޅެއް ނާޅައި ދޫކޮށްލުމެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅެއް ނާޅައި ދޫކޮށްލާނަމަ، ކުއްޖާ ކުރި ކުށުގެ މައުލޫމާތާއި، އެ ކުއްޖެއްގެ މައުލޫމާތު، ތަހުގީގުކުރާ ފަރާތުން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފިޔަވަޅު ނާޅައި ދޫކޮށްލާ ކުޑަކުދިންގެ މައުލޫމާތު އެކަމަށް ހާއްސަ ކޮށްފައިވާ ނިޒާމުގެ ތެރެއިން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު ނާޅައި ދޫކޮށްލާ ކުޑަކުދިންގެ މައުލޫމާތު ވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެފަދަ މައުލޫމާތު ފޮނުވަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވަންވާނެއެވެ.
27 ވަނަ މާއްދާ - ތަހުގީގުކުރެވޭ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން
(ހ) ކުއްޖާއަށް ތަހުގީގު މަރުހަލާގައި ފުރުސަތު ދިނުމާއި، ނުވަތަ ޑައިވާށަންއަށް ފޮނުވުމާއި، ނުވަތަ ދައުވާ އުފުލުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއި، މި ގޮތްތަކުން ކުރެ ގޮތެއް އިހްތިޔާރު ކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް
ރިއާޔަތްކުރަންވާނެއެވެ.
- ކުއްޖާގެ ނަފްސާނީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ޖިސްމާނީ ހާލަތު؛
- ކުއްޖާ ތަސައްރަފު ފުދިފައިވާ މިންވަރު؛
- ކުއްޖާ ކުށްކުރަން މެދުވެރިވި ހާލަތު؛
- ކުއްޖާ ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތް މިންވަރު؛
- މައްސަލައިގައި އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ނަމަ، އެ ކުއްޖާގެ އުމުރު؛
- ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން؛
- އަޅައިފައިވާ ޑައިވަރށަންގެ ފިޔަވަޅުތައް؛
- މައްސަލައިގެ ނުރައްކާތެރިކަމާއި، މައްސަލައިގެ ކުޑަ ބޮޑުމިން؛
- އާންމު މަސްލަހަތު އޮތްގޮތް؛
- ކުއްޖާ ކުށަށް އިއުތިރާފުވެ، ކުށުގެ އަމަލާމެދު ދެރަވެ، ކުއްޖާ މުޖުތަމައަށް އެނބުރި އަންނަން ބޭނުންވުން.
(ށ) ކުއްޖެއްގެ މައްސަލައިގެ ތަހުގީގު ނިންމައި މައްސަލައާމެދު ގޮތެއް ނިންމުމަށް އެންގުމުން، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެކަމާމެދު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ލަފަޔާއި އިރުށާދު ހޯދުމަށްފަހު، ޑައިވަރށަން ޕްރޮގްރާމެއްގައި އެ ކުއްޖާ ބައިވެރިކުރުމަށް، މައްސަލަތަކުގައި ގޮތް ނިންމުމުގެ އިހްތިޔާރު ލިބިފައިވާ ކަމިށަންޑް އޮފިސަރަށް ކަނޑައެޅިދާނެއެވެ.
28 ވަނަ މާއްދާ - ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުން
(ހ) ކުއްޖެއްގެ މައްޗަށް ގާނޫނާ ހިލާފު އަމަލެއް ކުރިކަމުގެ ތުހުމަތު ކުރެވިގެން، އެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނީ އަންނަނިވި މައުލޫމާތުތަކާއި ލިޔެކިޔުންތަކާ އެކުގައެވެ.
- ތުހުމަތުގައި ހުރި ކުއްޖާގެ ރިސްކް އެސެސްމަންޓް ރިޕޯޓު؛
- ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ތުހުމަތުގައިވާ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ތަހުގީގު މަރުހަލާގައި ކުއްޖާއަށް ދީފައިވާ ފުރުސަތުތަކާއި އަޅައިފައިވާ ފިޔަވަޅުތައް އެނގޭނޭ ލިޔުންތައް؛
- ތަހުގީގު މަރްހަލާގައި ނަގައިފައިވާ ބަޔާންތަކާއި، އެނޫން ވެސް ތަހުގީގީ ލިޔުންތައް؛
- ތަހުގީގު ކުރަމުންދާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާކަން ނުވަތަ ނޫންކަން؛
- ތަހުގީގު ކުރަމުންދާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ކުއްޖާގެ މައްޗަށް ހުށަހެޅިފައިވާނަމަ، އެ މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތަފުސީލުތައް؛
(ށ) ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮއްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާ ނިންމުމުގައި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ، ކުއްޖާ ޒިންމާދާރު ކުރުވުމާއެކު، އެ ކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް އަލުން ގެނައުމަށް ބާރުއަޅަންވާނެއެވެ.
29 ވަނަ މާއްދާ - މައްސަލައިގައި ފިޔަވަޅުއެޅުން
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، ކުއްޖެއްގެ މައްޗައް ތުހުމަތުކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހެޅި، ތަހުގީގުކޮށް، އެ މައްސަލައިގެ ތަހުގީގު ނިންމައި ދިރާސާ ކުރުމަށްފަހު، މައްސަލައާމެދު ގޮތް ނިންމަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.
- ނަސޭހަތް ދިނުން ނުވަތަ އިންޒާރު ދިނުން؛
- ޑައިވާރށަންގެ ޕްރޮގްރާމަކަށް ފުރުސަތުދިނުން؛
- ދައުވާ އުފުލުމަށް ޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.
(ށ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި ޒާތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މި މާއްދާގައިވާ ފިޔަވަޅުތައް އިސްފަސް ކުރެވިދާނެއެވެ.
30 ވަނަ މާއްދާ - އުމުރަށް ބަލައިފައި ކުށްވެރި ނުކުރުން
އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހަކު ކުރާ ވަކި އަމަލަކީ ކުށެއް ކަމުގައި ނުބެލޭ ހާލަތުގައި، އެ އަމަލު ކުޑަކުއްޖަކު ކުރާ ހާލަތުގައި އެއީ ކުށެއް ކަމުގައި ނުވިޔަސް، އެއީ ކުއްޖާގެ އުމުރާ ނުގުޅޭ އަދި އެކަށީގެންނުވާ އަމަލެއް ކަމުގައި ވާނަމަ، އެފަދަ އަމަލެއް ކުރާ ކުޑަކުއްޖައަކީ އެޓްރިސްކް ކުދިން ކަމުގައި ކަނޑައަޅައި، އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ކުއްޖާގެ ބެލެނިވެރިޔާގެ ސަމާލުކަމަށް ގެނައުން؛
(ށ) ކުއްޖާގެ މަސްލަހަތުގައި މަސައްކަތްކުރާ އިދާރާތަކާ މައުލޫމާތު ހިއްސާކުރުން.
31 ވަނަ މާއްދާ - މައްސަލަ ނިންމުން
(ހ) ކުޑަކުއްޖެއްގެ މައްސަލައެއްގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މައްސަލަ ނިންމައި، ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން އެކަމަށް ހާއްސަކޮށްފައިވާ ނިޒާމުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ހިއްސާ ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލައަކަށް ގޮތް ނިންމުމުގައި، ގާނޫނުތަކުގައި މައްސަލަ ނިންމުމަށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި، އެފަދަ މައްސަލައެއްގެ ދައުވާ އުފުލަންވާނެކަމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑައިވަރށަންއަށް ފޮނުވުމަށް ނިންމިދާނެއެވެ.
32 ވަނަ މާއްދާ - ނަސޭހަތް ދިނުމާއި އިންޒާރު ދިނުން
(ހ) ކުޑަކުދިން ކުރާ ކުށްތަކުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން ބަލާއިރު، އެ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ، ނަސޭހަތް ދިނުން ނުވަތަ އިންޒާރު ދިނުން ކަމުގައި ވާނަމަ، އެފަދަ ކުއްޖަކަށް ނަސޭހަތް ދިނުމުގައި ނުވަތަ އިންޒާރު ދިނުމުގައި އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ކުޑަ ކުއްޖަކު ކުރި ކުށަކާ ގުޅިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި އެ ކުއްޖަކަށް އަނގަބަހުން ނަސޭހަތް ދޭންޖެހޭކަމަށް ކުޑަކުއްޖާގެ މައްސަލަ ބަލާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖަކަށް އަނގަބަހުން ނަސޭހަތް ދޭންވާނީ، އިތުރު ކުށެއްގެ އަމަލު ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އެ ކުއްޖާގެ އަމަލުތައް ބެހެއްޓުމަށާއި، އެ ކުއްޖާގެ އަމަލުތައް އިސްލާހުކުރުމަށް އެ ކުއްޖާއަށް ވިސްނައިދިނުމަށެވެ. މިގޮތުން އެ ކުއްޖާއަށް ނަސޭހަތް ދޭނީ، އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޑަކުއްޖަކަށް އަނގަބަހުން ނަސޭހަތްދޭންޖެހޭ ކަމަށް އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައަޅަންވާނީ،އަންނަނިވި ހާލަތްތަކުގައެވެ. އެ ހާލަތްތަކުގައި އަނގަބަހުން ނަސޭހަތްދިނުމުގައި އަދި އަނގަބަހުން ނަސޭހަތް ދިނުމަށްފަހު، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި،ކުއްޖާއަކީ ރިސްކް ނެތް ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއްކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ލޯ ރިސްކް ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ނެތް ކުއްޖަކަށް ވުން.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަނގަބަހުން ނަސޭހަތް ދިނުމަށްފަހު، އެ މައުލޫމާތު، އެކަމަށް ހާއްސަ ކޮށްފައިވާ ނިޒާމުގެ ތެރެއިން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ބ) ގާނޫނާ ހިލާފުވާ ކުދިން ކުރާ އަމަލުތަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި އެ ކުއްޖަކަށް ނުރަސްމީ އިންޒާރެއް ދޭންޖެހޭކަމަށް، ކުޑަކުއްޖާގެ މައްސަލަ ބަލާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖަކަށް ނުރަސްމީ އިންޒާރު ދޭންވާނީ، އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުންނެވެ.
(ޅ) ކުޑަކުއްޖަކަށް އަނގަބަހުން ނުރަސްމީ އިންޒާރު ދިނުމުގައްޔާއި ނުރަސްމީ އިންޒާރު ދިނުމަށްފަހު، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޑަކުއްޖަކަށް ނުރަސްމީ އިންޒާރެއް ދޭންޖެހޭކަމަށް އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައަޅަންވާނީ، އަންނަނިވި ހާލަތްތަކުގައެވެ.
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި،ކުއްޖާއަކީ ރިސްކް ނެތް ކުއްޖަކަށް ވުން؛
- ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ފުރަތަމަ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ލެވެލް ލޯ ކުއްޖެއް ކަމުގައި ވުން؛
- ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ފުރަތަމަ ކުށަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ލެވެލް މީޑިއަމް ކުއްޖެއް ކަމުގައި ވުން؛
- ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ފުރަތަމަ ކުށަކީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ލެވެލް ހައި ކުއްޖެއް ކަމުގައި ވުން؛
- ކުއްޖާގެ މައްޗައް ތުހުމަތުކުރެވޭ ކުށަކީ އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރު ކަމުގައި ވުމާއެކު، އެ ކުށަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ނެތް ކުއްޖެއް ކަމުގައި ވުން؛
- ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރު ކަމުގައި ވުމާއެކު، އެ ކުށަކީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި، ކުއްޖާއަކީ ރިސްކް ނެތް ކުއްޖެއް ކަމުގައި ވުން.
(އ) ގާނޫނާ ހިލާފުވާ ކުދިން ކުރާ އަމަލުތަކާ ގުޅިގެން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި އެ ކުއްޖަކަށް ރަސްމީ އިންޒާރެއް ދޭންޖެހޭކަމަށް، ކުޑަކުއްޖާގެ މައްސަލަ ބަލާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖަކަށް ރަސްމީ އިންޒާރު ދޭންވާނީ، އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން ލިޔުމުންނެވެ.
(ވ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޑަކުއްޖަކަށް ރަސްމީ އިންޒާރެއް ދޭންޖެހޭކަމަށް އެ ކުއްޖާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައަޅަންވާނީ، އަންނަނިވި ހާލަތްތަކުގައެވެ.
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި،ކުއްޖާއަކީ ލޯ ރިސްކް ލެވެލުގެ ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި،
ކުއްޖާއަކީ މީޑިއަމް ރިސްކް ލެވެލުގެ ކުއްޖަކަށް ވުން؛ - ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފުރަތަމަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވުމާއެކު، ކުއްޖާއަކީ ހައި ރިސްކް ލެވެލްގެ ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ވުމާއެކު، ކުއްޖާއަކީ ރިސްކު ނެތް ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 2 ވަނަ ދަރަޖައިގެ ކުށަކަށް ވުމާއެކު،ކުއްޖާއަކީ ލޯ ރިސްކް ލެވެލްގެ ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ދެވަނަ ފަހަރަށް ވެފައި، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވުމާއެކު،ކުއްޖާއަކީ މީޑިއަމް ރިސްކް ލެވެލްގެ ކުއްޖަކަށް ވުން؛
- ކުއްޖާ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ތިންވަނަ ފަހަރަށް ވެފައި ކުއްޖާގެ މައްޗައް ތުހްމަތުކުރެވޭ ކުށަކީ ޖުނަހުގެ 3 ވަނަ ދަރަޖައިގެ ކުށަކަށް ވެފައި ކުއްޖާއަކީ ރިސްކް ނެތް ކުއްޖަކަށްވުން؛
(މ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަސްމީ އިންޒާރު ދިނުމަށްފަހު،އެކަމަށް ހާއްސަ ކޮށްފައިވާ ނިޒާމުގެ ތެރެއިން ލިޔުމުން ރިކޯޑުކޮށް އެ މައުލޫމާތު ބަލަހައްޓަންވާނެއެވެ.
(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގައި ގޮތް ނިންމަންވާނީ، އެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު އެ މައްސަލަތަކުގައި ގޮތް ނިންމުމުގެ އިހްތިޔާރު ލިބިގެންވާ ޑިޕާޓްމަންޓުގައި ނުވަތަ ސްޓޭށަނުގައި ހުރި ކޮމިށަންޑް އޮފިސަރަށް އެ ކުއްޖާ ކުށް ކުރިކަމަށް ފެންނަ ކަމުގައި ވާނަމައެވެ.
(ދ) މި މާއްދާގެ (ނ) އާއި، (ވ) އާއި، (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅެއް އެޅުމަށް ނިންމައިފިނަމަ، ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި، އެކަމަށް ހާއްސަކޮށްފައިވާ ނިޒާމުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެކަން އަންގަންވާނެއެވެ.
(ތ) މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަންގާ އެންގުން އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތަކަށް، ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.
(ލ) މި މާއްދާގެ (ނ) އާއި، (ކ) އާއި، (ވ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ބަޔާންކޮށްފައިވާ ކުއްޖާއަކީ ރިސްކް އޮތް ކުއްޖެންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބަލާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހަދާ، ކުއްޖާގެ އެސެސްމަންޓް ރިޕޯޓަށެވެ.
(ގ) މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖާއާމެދު އަޅާނެ ފިޔަވަޅެއް ނިންމުމުގައި ބަލަންވާނީ، މި ގަވާއިދުގެ ޖަދުވަލު1 ގައި ހިމަނައިފައިވާ، ކުށުގެ ތުހުމަތުގައިވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި ބަލާނެ މިންގަނޑުތަކުގެ ތާވަލުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.
33 ވަނަ މާއްދާ - ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުން
(ހ) ގާނޫނާ ހިލާފުވާ ކުދިން ކުރާ އަމަލުތަކާއި، ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން ބަލާއިރު، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތަކީ، ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުން ކަމުގައި ވާނަމަ، އެފަދަ ކުއްޖަކާ ގުޅޭގޮތުން ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުމުގައި އަމަލުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުމަށް ނިންމުމުގައި، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ކުއްޖާ ކުރި އަމަލުތަކުގެ ބާވަތާއި، އެ އަމަލު ކުރިއިރު އެ ކުއްޖަކު ހުރި ހާލަތާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި މަސްލަހަތު ހުރިގޮތް؛
- ކުއްޖާއަށް ތައުލީމު އުނގެނުމުގެ ފުރުސަތު އޮތް މިންވަރު؛
- ކުއްޖާ މުޖުތަމައަށް އަލުން ގެނައުމުގެ މަގުސަދު ހާސިލުކުރުމަށާއި، ކުއްޖާއަށްފުރުސަތުދިނުމުގެ މުހިންމުކަން؛
- ކުއްޖާ ކުރި އަމަލާމެދު ކުއްޖާ ދެކޭގޮތް ހާމަކުރަން ފުރުސަތުދިނުމުގެ މުހިންމުކަން؛
(ނ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނާ ހިލާފުވާ ކުދިން ކުރާ އަމަލުތަކުގެ ބާވަތާއި، އެ އަމަލު ކުރިއިރު އެ ކުއްޖަކު ހުރި ހާލަތާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި މަސްލަހަތަށް ރިއާޔަތްކޮށް، ކުއްޖާއަށް ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، އެ ކުއްޖާ މުޖުތަމައަށް އަލުން ގެނައުމުގެ މަގުސަދުގައި ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުމަށް ނިންމުމުގެ އިހްތިޔާރު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.
- ކުއްޖާގެ މައްސަލަ ބަލާ ފަރާތް މަސައްކަތްކުރާ ޑިޕާޓްމަންޓް ނުވަތަ ޔުނިޓުގެ ކޮމިށަންޑް އޮފިސަރެއް؛
- ކުއްޖާގެ މައްސަލަ ބަލާ ޕޮލިސް ސްޓޭށަން ނިސްބަތްވާ އަތޮޅުގެ މައި ސްޓޭށަނުގެ ކޮމިށަންޑް އޮފިސަރެއް؛
- ކުއްޖާގެ މައްސަލަ ބަލާ ޑިޕާޓްމަންޓް ނުވަތަ ޕޮލިސް ސްޓޭށަން ނިސްބަތްވާ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރު.
(ރ) ގާނޫނާ ހިލާފުވާ ކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ ކުދިން މުޖުތަމައަށް އަލުން ގެނައުމަށް ޓަކައި، ކަމާ ގުޅޭ މުއައްސަސާތަކާއެކު، ވީ އެންމެ އަވަހަކަށް ކޮމިއުނިޓީ ކޮންފަރެންސެއް ބާއްވަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިއުނިޓީ ކޮންފަރެންސިންގ ބޭއްވުމަށްފަހު،އެކަމުގެ މައުލޫމާތު ލިޔުމުން ރިކޯޑު ކުރަންވާނެއެވެ. މިގޮތުން، އެ މައުލޫމާތު ލިޔުމުން ރިކޯޑުކޮށް، އެ މައުލޫމާތު އެކަމަށް ހާއްސަ ކޮށްފައިވާ ނިޒާމުގެ ތެރެއިން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނާ ހިލާފުވާ ކުދިން ކުރާ އަމަލުތަކުގެ ބާވަތާއި، އެ އަމަލުކ ◌ުރިއިރު އެ ކުއްޖަކު ހުރި ހާލަތާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި މަސްލަހަތަށް ރިއާޔަތްކޮށް، މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަރުތީބުން އެޅުން ލާޒިމެއް ނޫނެވެ.
34 ވަނަ މާއްދާ - ކުއްޖާ ދެކޭގޮތް ހާމަކުރަން ފުރުސަތު ދިނުން
ކުޑަކުއްޖަކާމެދު ގޮތެއް ނިންމުމުގެ ކުރިން، ހުރި ފުރުސަތުތައް، ކުއްޖާއާއެކު ބާއްވާ ބައްދަލުވުމުގައި ބުނެދީ، ކުއްޖާ އެކަމުގައި ދެކޭ ގޮތާއި ބޭނުންވާ ގޮތް ހާމަކުރަން ފުރުސަތުދީ،ލިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.
35 ވަނަ މާއްދާ - ޑައިވާށަން
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު،
ތުހުމަތުގައި ހުރި ކުއްޖާ މުޖުތަމައަށް އަލުން ގެނެވުމުގެ ފުރުސަތު ބޮޑުކަމަށް ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ ކުއްޖާގެ މައްޗަށް ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވާށަންއަށް ފޮނުވުމަށް ބާރުއަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ދެނެގަތުމަށް ޓަކައި، ތިރީގައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރަންވާނެއެވެ.
- ކުއްޖާގެ އުމުރު (15 އަހަރު ވެފައި ވުން)؛
- ކުއްޖާގެ ރިސްކް އެސެސްމަންޓުގައިވާ މައުލޫމާތުތައް؛
- ކުއްޖާގެ ކުށުގެ ރިކޯޑު؛
- އެއްވެސް މަޖުބޫރުކަމެއް ނެތި ކުއްޖާ ކުށުގެ ޒިންމާ އުފުލާކަން؛
- އަނިޔާ ލިބިފައިވާ މީހާގެ ބަސް: (އަނިޔާ ލިބިފައިވަނީ ކުޑަކުއްޖަކަށް ނަމަ، އެ ކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާގެ ބަސް)
- ތުހުމަތުކުރެވޭ މައްސަލައިގައި ކުއްޖާ އެއްބާރުލުންދީފައި ވެފައިވާ އިއުތިރާފް؛
- ޑައިވާށަންގައި ބައިވެރިވުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން އޮތްތޯ ބެލުން؛
- ޑައިވާށަން ފިޔަވަޅުތައް ފުރިހަމަކުރުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު؛
- މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުއްޖާއަށް ކުރިން ފުރުސަތު ދީފައިވާނަމަ، ނުވަތަ ޑައިވާށަންއަށް ފޮނުވައިފައިވާނަމަ، އެގޮތުން ދިން ފުރުސަތުތަކުގައި ކުއްޖާ އަމަލުކޮށްފައިވާ ގޮތް؛
- ކޭސް ކޮންފަރެންސިންގއިން އެއްކުރި މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑައިވާށަން ޕްލޭން އެކުލަވައިލަންވާނީ، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ބާއްވާ ކޭސް ކޮންފަރެންސްއިން ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެ މަތީންނެވެ.
- ކުއްޖާއާއި ބެލެނިވެރިޔާގެ މައުލޫމާތު ނުވަތަ މަސްލަހަތު ހިމާޔަތްކުރާ ފަރާތުގެ މައުލޫމާތު؛
- މައްސަލައިގެ ކުރު ހުލާސާއާއި، ހައްޔަރުކޮށްފައިވާނަމަ ހައްޔަރުކުރި ތާރީހުތައް؛
- ކޭސްކޮންފަރެންސުން ކުއްޖާއާ ދޭތެރޭގައި އެޅުމަށް ނިންމައިފައިވާ ޑައިވާށަންގެ ފިޔަވަޅުތައް؛
- ޑައިވާށަންގެ ފިޔަވަޅު އެޅުމުގެ ކަންކަން ކުރާނެ މުއައްސަސާގެ މައުލޫމާތު؛
- ޑައިވާށަންގެ މުއްދަތު؛
(ރ) ޑައިވަރށަންގައި ބައިވެރިވުމަށް ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ހޯދުމުގެ ކުރިން ޑައިވަރށަންގެ ތެރެއިން ކުއްޖާއާމެދު އެޅޭނެ ފިޔަވަޅުތަކުގެ ބާވަތާއި، ފިޔަވަޅުތަކުގެ މުއްދަތާއި، އެ ފިޔަވަޅުތައް ފުރިހަމަކުރުމާއި، ފުރިހަމަ ނުކުރުމުގެ ނަތީޖާ ކުއްޖާއަށް ސާފުކޮށްދޭންވާނެއެވެ.
(ބ) ކުއްޖަކާ މެދު އެޅޭނެ ޑައިވާ ށަންގެ ފިޔަވަޅުތައް ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ބަލަންވާނެއެވެ.
- ކުއްޖާ ކޮށްފައިވާ އަމަލުތަކުގެ ބާވަތާއި، އެ އަމަލު ކުރިއިރު އެ ކުއްޖަކު ހުރި ހާލަތާއި، ކުއްޖާގެ ރައްކައުތެރިކަމަށާއި މަސްލަހަތަށް ރިއާޔަތްކުރުން؛
- ކުއްޖާގެ ރިސްކް އެސެސްމަންޓާއި، އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓާއި، ސައިކޮލޮޖިކަލް އެސެސްމަންޓް؛
- ކުއްޖާއަށް ކުށުގެ އިހުސާސް ކުރެވިފައިވާ މިންވަރު؛
- ކުއްޖާ ކުރި ކުށުގެ ބާވަތާއި މިންވަރު؛
(ޅ) ކުއްޖަކާމެދު އެޅުމަށް ހުށަހެޅިފައިވާ ޑައިވާރށަން ފިޔަވަޅާ ބެހޭގޮތުން ގާނޫނީ ލަފާ ހޯދަން ބޭނުންނަމަ، ގާނޫނީ ވަކީލާ މަށްވަރާ ކުރުމަށް ކުއްޖާއަށް މަދުވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ފުރުސަތެއް ދޭންވާނެއެވެ.
(ކ) ތަހުގީގު މަރުހަލާގައި ކުއްޖާ ޑައިވަރށަންއަށް ދިއުމާމެދު، މި މާއްދާގެ ދަށުން ދޭ ރުހުން އޮންނަންވާނީ، ލިޔުމުން ރިކޯޑުކުރެވިފައެވެ.
(އ) ތަހުގީގު މަރުހަލާގައި ކުއްޖާ ޑައިވަރށަންއަށް ފޮނުވުމަށް ނިންމައިފިނަމަ، ކުއްޖާއާއި ދިވެހި ފުލުހުންގެ ހިދުމަތާއެކު އެއްބަސްވުމެއް ހަދަންވާނެއެވެ. އަދި ލިޔުމުން އެކަން ރިކޯޑުކުރަންވާނެއެވެ.
(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖާއާއެކު އެކުލަ ޑައިވާށަން އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކުއްޖާ އަދި ބެލެނިވެރިޔާގެ މައުލޫމާތު ނުވަތަ މަސްލަހަތު ހިމާޔަތް ކުރާ ފަރާތުގެ މައުލޫމާތު؛
- މައްސަލައިގެ ކުރު ހުލާސާ؛
- ކުއްޖާ ހައްޔަރު ކުރެވިފައިވާނަމަ ހައްޔަރު ކުރެވުނު ތަރީހް؛
- ޑައިވާށަން ފުރުސަތުގެ ތެރެއިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް؛
- ބެލެނިވެރިޔާ އަދި މަސްލަހަތު ހިމާޔަތް ކުރާ ފަރާތުގެ އިގްރާރު؛
- ޑައިވާށަން ޕްރޮގްރާމް ހިންގުމަށް ކޭސް ކޮންފަރެންސް އިން ނިންމާފައިވާ މުއްދަތު؛
- ޑައިވާށަން ޕްލޭން އާއި އެއްގޮތަށް އަމަލުނުކޮށްފިނަމަ އަމަލުކުރާނެގޮތް.
(މ) ކުއްޖާ ޑައިވާރށަންގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ނިންމާ ނިންމުންތައް އެކަމަށް ހާއްސަކުރެވިފައިވާ ނިޒާމުގެ ތެރެއިން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެކަން އެކަމަށް ހާއްސަކުރެވިފައިވާ ނިޒާމުގެ ތެރެއިން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ކުއްޖަގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އަންގަންވާނެއެވެ.
(ފ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، ކުއްޖާއާ ނުވަތަ މި ގަވާއިދުގެ ދަށުން މައުލޫމާތު ހިއްސާކުރުމަށް ކަނޑައަޅައިފައި ފަރާތްތައް ފިޔަވައި އެހެން ފަރާތަކާ އެ މައުލޫމާތު ހިއްސާކޮށްގެން ނުވާނެއެވެ.
(ދ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކުއްޖާ މުޖުތަމައަށް އަނބުރާ ގެނެވުމުގެ ފުރުސަތު ބޮޑުކަމަށް ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެފަދަ ކުއްޖަކު ޑައިވާށަން ފޮނުވުމަށް، މައްސަލަތަކުގައި ގޮތް ނިންމުމުގެ އިހްތިޔާރު ލިބިފައިވާ ކަމިށަންޑް އޮފިސަރަށް ކަނޑައެޅިދާނެއެވެ.
(ތ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުއްޖަކާ މެދު އަޅާ ޑައިވާށަންގެ ފިޔަވަޅު މޮނިޓަރ ކުރުމަށް ޓަކައި، ޑައިވާށަންގެ ފިޔަވަޅު އަޅައިފައިވާ ކުއްޖާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ޑައިވާށަން މުއްދަތުގައި ކޮންމެ މަހަކު އެއްފަހަރު ކުއްޖާގެ ޕްރޮގްރެސް ރިޕޯޓު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހޯދުމަށްފަހު، މައްސަލައާ އެޓޭޗްކޮށް ރިކޯޑުތައް ބެލެހެއްޓުން.
- މަހަކު އެއްފަހަރު، އިންޓެލިޖެންސް ބެކްގްރައުންޑުގެ އެސެސްމަންޓެއް ހެދުން.
- ކުއްޖާ ދިރިއުޅޭ މާހައުލަށް މަހަކު އެއްފަހަރު ޒިޔާރަތްކޮށް، ކުއްޖާގެ ހާލަތު ބެލުން.
- ނަންބަރު (1) އާއި (2) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ފާހަގަވާ ކަންކަން ހިމެނޭގޮތަށް، ކުއްޖާއާ ގުޅޭ ޑައިވާށަން ޕްރޮގްރެސް ރިޕޯޓު ހެދުމަށްފަހު، ކުއްޖާގެ ކޭސް ފައިލްއަށް އަޕްޑޭޓް ކުރަމުން ގެންދިއުން.
- ނަންބަރު (4) ގައި ބަޔާންކޮށްފައިވާ ރިޕޯޓުން ކުއްޖާއާ ގުޅޭ އިތުރު ކަމެއް ފާހަގަކުރެވިއްޖެނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެކަން އަންގަންވާނެއެވެ.
- ޑައިވާށަން ޕްލޭނުގައި ކަނޑައަޅައިފައިވާ ޑައިވާށަން މުއްދަތަށް ބެލުމަށްފަހު ޑައިވާށަން ޕްރޮގްރެސް ރިޕޯޓު ތައްޔާރުކުރާނެ މުއްދަތު ކަނޑައަޅާނީ، ކުއްޖާގެ މައްސަލަ ބަލާ އިދާރީ ބަހާގެ އިސްވެރިޔާ ނުވަތަ އެވަގުތަކު ހިންގުމާ ހަވާލުވެހުރި ފަރާތުންނެވެ.
36 ވަނަ މާއްދާ - ޑައިވާށަން ނިމުމަކަށް ގެނައުމާއި މުރާޖައާކުރުން
(ހ) މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޑައިވާށަން ޕްލޭން ފުރިހަމަ ކުރަމުން ނުދާނަމަ، ޑައިވާށަން ޕްލޭން ހުއްޓައިލުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ށ) ޑައިވަރށަން ޕްލޭނާ އެއްގޮތަށް ކުއްޖާ އަމަލު ނުކޮށްފިނަމަ، ދެވަނަފަހަރަށް ޑައިވަރށަން ޕްލޭން މުރާޖައާކޮށްފައި، ކުއްޖާގެ ހާލަތަށް ބެލުމަށްފަހު، ޑައިވަރށަންގެ ފުރުސަތު އަލުން ދެވިދާނެއެވެ.
(ނ) ގާނޫނާ ހިލާފުވާ ކުއްޖަކަށް ދީފައިވާ ޑައިވާށަން ޕްލޭން ފުރިހަމަ ކުރަމުން ނުދާތީ، ޑައިވާށަން ޕްލޭން ނިމުމަކަށް ގެނެސްފިނަމަ، ވީ އެންމެ އަވަހަކަށް، ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ރ) ގާނޫނާ ހިލާފުވާ ކުއްޖަކަށް ދީފައިވާ ޑައިވާށަންގެ ފުރުސަތު ނިމުމަކަށް ގެނެސްފައިވާނަމަ، އެ ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިޔާއަށް އެކަން އަންގަންވާނެއެވެ.
(ބ) ކުއްޖަކަށް ދީފައިވާ ޑައިވާށަންގެ ފުރުސަތު ނިމުމަކަށް ގެނެސްފައިވަނީ، ކުއްޖާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަނި ނޫންކަމަށް ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ފެނިއްޖެނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެންގުން އަންގާތާ ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ޑައިވަރށަން ޕްލޭން މުރާޖައާ ކުރުމަށް ކުއްޖާގެ ފަރާތުން އެދެވިދާނެއެވެ.
(ޅ) ޑައިވާށަން ޕްލޭން މުރާޖައާކުރަން ކުއްޖާ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ހުށަހަޅާ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން މުރާޖައާކުރުމަށްފަހު ލިޔުމުން އެކަން ރިކޯޑުކޮށް، އެކަން ނިމުނު ގޮތް، ކުއްޖާގެ ބެލެނިވެރިޔާއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ލިޔުމުން އަންގަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ޑައިވާށަން ޕްލޭން ނިމުމަކަށް ގެނައުމާއި، ޑައިވަރށަން ޕްލޭން މުރާޖައާކުރާނަމަ، ގުޅުންހުރި މުއައްސަސާތަކާއެކު ކޭސް ކޮންފަރެންސެއް ބާއްވަންވާނެއެވެ.
(އ) ޑައިވަރށަންގެ ފިޔަވަޅެއް ފުރިހަމަކުރަމުންދާ ކުއްޖާ އިސްލާހުވަމުން އަންނަ މިންވަރަށާއި، ޑައިވަރށަންގެ ފިޔަވަޅު ފުރިހަމަކުރުމުގައި އަމަލުތައް ބަހައްޓާ ގޮތުގެ މައްޗަށް ބެލުމަށްފަހު، ޑައިވަރށަންގެ ފިޔަވަޅަށް ބަދަލުގެނައުމުގެ އިހްތިޔާރު، ކުއްޖާގެ މައްސަލަ ބަލާ ޑިޕާޓްމަންޓް ނުވަތަ ޕޮލިސް ސްޓޭށަން ނިސްބަތްވާ އިދާރީ ބަހާގެ ކޮމިށަންޑް އޮފިސަރަކަށް ލިބގެންވެއެވެ. މިގޮތުން ޑައިވަރށަންގެ ފިޔަވަޅަށް
ބަދަލުގެނައުމުގައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ތައްޔާރުކުރާ، ކުއްޖާއާ ގުޅޭ ޕްރޮގެރެސް ރިޕޯޓު؛
- އިންޓެލިޖެންސް ބެކްގްރައުންޑުގެ އެސެސްމަންޓް ރިޕޯޓު؛
- ކުއްޖާ ދިރިއުޅޭ ތަނަށް މަހަކު އެއްފަހަރު ޒިޔާރަތްކޮށްގެން ކުއްޖާގެ ހާލަތަށް ބެލުމުން ފާހަގަވާ ކަންކަން؛
- ޕްރޮގްރާމަށް ކުއްޖާ އެއްބާރުލުން ދޭ މިންވަރު؛
- ޑައިވާށަން ޕްރޮގްރެސް ރިޕޯޓުން ފާހަގަވާ ކަންކަން.
(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑައިވާށަން ޕްލޭން ނިމުމަކަށް ގެނައުމާއި،އެކަން މުރާޖައާކުރަންވާނީ ކޭސް ކޮންފަރެންސް ބާއްވައިގެން ކުއްޖާގެ ހާލަތަށާއި ކުއްޖާދެކޭގޮތް ބެލުމަށް ފަހުގައެވެ.
(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑައިވަރށަން ޕްލޭން ނިމުމަކަށް ގެނައުމުގައި ނުވަތަ މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑައިވަރށަންގެ ފިޔަވަޅަކަށް ބަދަލުގެނައުމަށް ނިންމައިފިނަމަ، އެކަން ކުރަންވާނީ ކޭސް ކޮންފަރެންސް ބާއްވައިގެން، ކުއްޖާގެ ހާލަތަށާއި ކުއްޖާ ދެކޭގޮތް ބެލުމަށް ފަހުގައެވެ.
(ފ) މިމާއްދާގެ ބަޔާންކުރާ ގޮތުގެ މަތީން ކުއްޖެއްގެ ޑައިވާށަން ޕްލޭން ނިމުމަކަށް ގެނެސްފިނަމަ އެމައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިދާނެއެވެ.
37 ވަނަ މާއްދާ - ޑައިވާށަން ޕްރޮގްރާމު ފުރިހަމަކު ރުމުގެ ނަތީޖާ
ކުޑަކުއްޖަކާމެދު ހުށަހެޅިފައިވާ މައްސަލައެއްގައި އަޅާ ފިޔަވަޅެއްގެ ގޮތުން އެ ކުއްޖަކު ފުރިހަމަކުރުމަށް ކަނޑައަޅާ ޑައިވާށަން ޕްރޮގްރާމް އެ ކުއްޖަކު ފުރިހަމަކުރުމުން، އެ ކުއްޖަކާމެދު އެ މައްސަލައިގައި އެޅި ފިޔަވަޅު އެހިނދުން ފެށިގެން ނިމުނީއެވެ. އަދި އެކަން ލިޔުމުން ރިކޯޑުކޮށްފައި މައްސަލައިގެ ލިޔުންތައް ފައިލުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ގާނޫނާ ހިލާފުވާ ކުދިންގެ މައުލޫމާތު ހިއްސާކުރުން
(ހ) ގާނޫނާ ހިލާފު އަމަލެއް ކުރިކަމަށް ތުހުމަތުކުރެވި، އެ މައްސަލައެއް ތަހުގީގުކުރަން ފެށުމާއެކު، އެ މައްސަލައިގެ މައުލޫމާތު އެއްކޮށް ނުވަތަ އެ އަމަލުގެ މައުލޫމާތުން ބައެއް،ލަސްކުރުމެއްނެތި، އަންނަނިވި ފަރާތްތަކަށް އަންގަންވާނެއެވެ.
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް؛
- ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އެހެން ފަރާތެއް.
(ށ) ގާނޫނާ ހިލާފު އަމަލެއް ކުޑަކުއްޖަކު ކޮށްފިކަމަށް ބެލެވޭނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، އެފަދަ މައްސަލަތަކުގެ "ރިފެރަލް" ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ހިއްސާކުރަންވާނެއެވެ.
(ނ) ގާނޫނާ ހިލާފު އަމަލުކުރިކަމަށް ބެލެވޭ ކުޑަކުއްޖަކީ ސްކޫލް/މަދަރުސާއެއްގައި ތައުލީމު ހާސިލުކުރަމުންދާ ކުއްޖެއްނަމަ، އެ ކުއްޖާގެ މައުލޫމާތާއި "ރިފެރަލް" 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަމަށް ކަނޑައެޅިފައިވާ ކޮންޕިއުޓަރ ނެޓްވޯކްގެ ނިޒާމުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭށަނަށް ފޮނުވަންވާނެއެވެ.
(ރ) ގާނޫނާ ހިލާފުވެފައިވާކަމަށް ބެލެވޭ ކުދިންގެ މައްސަލަތަކާ ގުޅޭ ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތަކުގެ ތެރެއިން އިދާރީގޮތުން ބަލަހައްޓާ ރިކޯޑުތަކަކީ އެ ކުދިންގެ ކުށުގެ ރިކޯޑުގެ ގޮތުގައި ނުހިމެނޭނެ ރިކޯޑުތަކެކެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށުގެ މައުލޫމާތު އެއްކޮށް ނުވަތަ އެއިން މައުލޫމާތަކުން ބައެއް، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކުން ހޯދުމަށް އެދިއްޖެނަމަ، އެ ފަރާތަކާ ހިއްސާ ކުރަންވާނެއެވެ. އަދި ހަމަ އެ މައުލޫމާތު، ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ނުވަތަ ބެލެނިވެރިޔާ ނުވަތަ ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތާ ހިއްސާކުރަންވާނެއެވެ. މިގޮތުން ހިއްސާކުރާ މައުލޫމާތަކީ އެ މައުލޫމާތުގެ ސަބަބުން ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުއްޖާގެ ކަރާމާތަށް އުނިކަން ނާންނާނެ މައުލޫމާތެއްކަން ކަށަވަރު ކުރަންވާނެއެވެ.
(ކ) ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރާތްތަކާއެކު މައުލޫމާތު ހިއްސާކުރުމަށް ޓަކައި، އެކަމަށް ހާއްސަ ނިޒާމެއް ފުލުހުންގެ ފަރާތުން ގާއިމްކުރަންވާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ކުރެވޭ މުއާމަލާތްތަކަކީ ރަސްމީ މުއާމަލާތްތަކެކެވެ.
(އ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މައުލޫމާތެއް ހޯދުމަށް ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާއަކުން އެދިއްޖެނަމަ، އެ މައުލޫމާތު
72) ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި އެ މުއައްސަސާއަކަށް ފޮނުވަންވާނެއެވެ.
(ވ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 112 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ގާނޫނާ ހިލާފުވާ ކުއްޖެއްގެ ރިކޯޑު އެއްކޮށް ނުވަތަ ރިކޯޑުން ބައެއް ކުއްޖާ ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް ފިޔަވައި އެނޫން ތިންވަނަ ފަރާތަކާ ހިއްސާ ކުރަންވާނީ، ކޯޓު އަމުރަކުން ހުއްދަ ލިބިގެންނެވެ. އަދި އެފަދައިން އެ މައުލޫމާތު ހިސާކުރަންވާނީ، ކުއްޖާގެ މަސްލަހަތަށް އިސްކަންދީގެން، އެ ކުއްޖާއަށް އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނޭ ފަދައިންނެވެ.
(މ) ޑައިވާށަންއަށް ފުރުސަތު ދީފައިވާ ކުއްޖެއްނަމަ، އެފަދަ ކުއްޖަކާ ގުޅޭގޮތުން ޑައިވަރށަންގެ ދަށުން އަޅާ ފިޔަވަޅަކާ ގުޅޭ މައުލޫމާތު، ރިކޯޑު ބެލެހެއްޓުމުގެ ބޭނުމަށް ޓަކައި ބެލެހެއްޓި ކަމުގައި ވިޔަސް، ޑައިވަރށަންގެ ޕްރޮގްރާމެއް ފުރިހަމަކުރާ ކުއްޖަކާ ގުޅޭގޮތުން ރިކޯޑުކޮށްފައިވާ ޑައިވަރށަން ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހާމަކުރަންވާނީ، އެ ކުއްޖާއަށް ދީފައިވާ ޑައިވާށަން ޕްލޭނަށް ހުރަސްނޭޅޭ ފަދަ ގޮތަކަށެވެ.
(ފ) މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖެއްގެ ރިކޯޑު ހާމަކުރުމުގެ ކުރިން، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ކުއްޖަކަށް ޑައިވާށަންގެ ފުރުސަތު ދީފިކަން ޔަގީން ކުރަންވާނެއެވެ.
ހަވަނަ ބާބު
ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު
39 ވަނަ މާއްދާ - ބަންދުކުރުމާއި ބަންދުގައި ތިބޭ ކުޑަކުދިންނާމެދު އަމަލު ކުރާނެ ގޮތް
(ހ) ބަންދު ކުރުމާއި، ބަންދުގައި ހުންނަ ހުރުމުގައި ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް ކުއްޖާއަށް ލިބިދެވެން ޖެހޭނެއެވެ.
(ށ) ބަންދުގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތެއްގައި ވެސް، ކުއްޖާގެ އުމުރުފުރާއާ އެއްވަރަށް މެދުކެނޑުމެއްނެތި ކުއްޖާއަށް ތައުލީމު ލިބެމުން ދިއުމުގެ ފުރުސަތު، ކުއްޖާ ބަންދުގައި ބަލަހައްޓާ ފަރާތުން ފަހިކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް ލިބިދެވުނުކަން،އެ މައްސަލައެއް ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ނުވަތަ ސްޓޭށަނުގެ އެންމެ އިސްފަރާތުން ކަށަވަރުކުރަންވާނެއެވެ.
(ރ) މި މާއްދާގައި (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް، އެ މައްސަލަ ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ނުވަތަ ސްޓޭށަޏުގެ އެންމެ އިސްފަރާތަށް އެނގިއްޖެނަމަ، އެކަން ހިނގައިދިޔަ ގޮތް ބަލައިފައި، ލަސްކުރުމެއްނެތި އެކަމަށް ފިޔަވަޅު އަޅަންވާނެއެވެ.
40 ވަނަ މާއްދާ - ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި ބަންދު ކުރެވޭނެ ކުދިން
(ހ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއްގައި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ބައިތިއްބޭނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުކުރާ ކުދިންގެ ތެރެއިން ތަހުގީގު މަރުހަލާގައި ތިބޭ ކުޑަކުދިންނާއި، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ ކުޑަކުދިންގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމަށް ހައްޔަރުކޮށް، ބަންދުކުރާ ކުޑަކުދިންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައިވާ ކުޑަކުއްޖަކު ކަސްޓޯޑިއަލް ޖަލަކަށް ވެއްދުމަށްފަހު، އެ ކުއްޖަކާމެދު އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ އިތުރުން، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނ) ކަސްޓޯޑިއަލް މަރުކަޒުތަކުގައި ބަންދުކުރާ ކުޑަކުއްޖާގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ރިކޯޑު ސިސްޓަމުގައި، އެއްވެސް ކުއްޖެއްގެ މައުލޫމާތު ހިމެނުމާއެކު، އެ ކުއްޖަކު ކަސްޓޯޑިއަލް މަރުކަޒުތަކުން ދޫކޮށްލުމާ ހަމަޔަށް، އެ ކުއްޖަކާ ގުޅޭގޮތުން ކުރެވޭ އެންމެހައި މުއާމަލާތެއްގެ މައުލޫމާތު، އަދި އެއްވެސް ފިޔަވަޅެއް އެޅިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ވަގުތު އެ ސިސްޓަމުގައި ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ރ) ކަސްޓޯޑިއަލް މަރުކަޒުތަކުގައި ބަންދުކުރާ ކުޑަކުދިން ބައިތިއްބަންވާނީ، ދެޖިންސުގެ ކުދިން ވަކިންނެވެ.
(ބ) ކަސްޓޯޑިއަލް މަރުކަޒުތަކުގައި ބަންދުކުރާ ކުޑަކުދިންނާ މުއާމަލާތު ކުރަންވާނީ، އެ ކުދިންގެ ކަރާމާތާއި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާ އެކުގައެވެ.
41 ވަނަ މާއްދާ - ބަންދުކުރެވޭ ކުޑަކުދިން
(ހ) ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ނުވަތަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުކުރާ ކުޑަކުދިން ހައްޔަރުކޮށް ބަންދުކޮށްފައި ބައިތިއްބަންވާނީ، އެފަދަ ކުޑަކުދިން ބަންދުކޮށްފައި ބޭތިއްބުމަށް ކަނޑައަޅައިފައިވާ ކަސްޓޯޑިއަލް ޖަލެއްގައެވެ.
(ށ) ކަސްޓޯޑިއަލް މަރުކަޒު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ކުޑަކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ގާނޫނު ހިންގުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ، ކުޑަކުދިންނާ ގުޅޭގޮތުން އެފަދަ މަސައްކަތްކުރުމަށް ގާނޫނުން ކަނޑައަޅައި ބަޔާންކޮށްފައިވާ ވަކި ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމުގައި ވާންވާނެއެވެ.
42 ވަނަ މާއްދާ - ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކުރާ ކުޑަކުދިންގެ މައުލޫމާތު ރިކޯޑު ކުރުން
ކުށެއްގެ ތުހުމަތުގައި ކަސްޓޯޑިއަލް މަރުކަޒުގައި ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުޑަކުދިންގެ އަންނަނިވި މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ހ) ވަނަވަރު؛
(ށ) ފިންގަރ ޕްރިންޓް (ތަމްބްޕްރިންޓް، ޕާރމްޕްރިންޓް، ޓެންޕްރިންޓްސް ހިމެނޭގޮތަށް)؛
(ނ) މަގްށޮޓް ނެގުން؛
(ރ) ކާކުކަން ދެނަގަނެވޭނެ މާއްދީ ނިށާންތައް ފާހަގަކޮށް، ފޮޓޯނެގުން؛
(ބ) ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ހުރިނަމަ، އެ އަނިޔާއެއްގެ މައުލޫމާތާއި ފޮޓޯ؛
(ޅ) އިސްކޮޅާއި ބަރުދަން؛
(ކ) ފާއިތުވި މުއްދަތުގެ ސިއްހީ މައުލޫމާތު.
43 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލަށް ވެއްދުމުގައި ކުޑަކުދިން ބަލައިފާސްކުރުން
(ހ) ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކުރާ ކޮންމެ ކުއްޖަކު، ކަސްޓޯޑިއަލް ޖަލަށް ވެއްދުމުގެ ކުރިން އެ ކުއްޖެއްގެ އަތުގައި ނުވަތަ އަންނައުނުގައި ނުވަތަ ހަށިގަނޑުގައި، ކަސްޓޯޑިއަލް ޖަލަށްވެއްދުން ހުއްދަނުކުރާ އެއްވެސް އެއްޗެއް އޮތްތޯ ބެލުމަށް ޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ކުއްޖަކު ބަލައި ފާސްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އާންމު އުސޫލުން ކުއްޖަކު ބަލައި ފާސްކުރަންވާނީ، އޭނާގެ ޖިންސީ ގުނަވަން ހާމަނުވާގޮތަށް ކުއްޖާއާ އެއްޖިންސުގެ މީހެކެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ކުއްޖަކު ބަލައި ފާސްކުރަންވާނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަމަށް ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓަންތިބޭ ފަރާތްތަކަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމައެވެ.
- ހަތިޔާރެއް ނުވަތަ ގާނޫނަކުން ގެންގުޅުން މަނާ އެއްޗެއް ނުވަތަ މުދަލެއް، ބަންދުކުރާ ކުއްޖާގެ ހަށިގަނޑުގައި ފޮރުވައިފައި އޮތްކަމަށް ގަބޫލުކުރެވުން؛
- ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކޮށްފައި ހުރި ކުއްޖާގެ ހަށިގަނޑަށް މާއްދީ އަނިޔާއެއް ދެވިދާނެފަދަ އެއްޗެއް، ބަންދުކުރާ ކުއްޖާގެ ހަށިގަނޑުގައި ފޮރުވައިފައި އޮތްކަމަށް ގަބޫލުކުރެވުން؛
- ބަލައި ފާސްކުރެވޭ ކުއްޖާގެ އަމިއްލަ ނަފްސަށް މާއްދީ އަނިޔާއެއް ދެވިދާނެފަދަ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވައިފައި އޮތްކަމަށް ގަބޫލުކުރެވުން؛
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެގެން ޖިންސީ ގުނަވަން ހާމަވާގޮތަށް ކުއްޖަކު ބަލައި ފާސްކުރަން ޖެހިއްޖެނަމަ، ބަލައި ފާސްކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 53 ވަނަ މާއްދާގައި، ކަސްޓޯޑިއަލް ފެސިލިޓީއެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ސްޓްރިޕް ސަރޗެއް ހެދުމުގައި އަމަލުކުރުމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
44 ވަނަ މާއްދާ - ނަފްސާނީ އުނިކަމެއް ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ ކުދިން ބަލައި ފާސްކުރުން
(ހ) ނަފްސާނީގޮތުން އުނިކަމެއް ހުރި ކުއްޖަކު ބަލައި ފާސްކުރަންވާނީ، އެ ކުއްޖަކާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތް ކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އެފަދަ މީހަކު ނެތްނަމަ، އަދި ކުއްޖަކީ މައްސަލައިގެ އެންމެހައި ހާލަތްތަކަށް ރިއާޔަތްކޮށް، ކޮންމެހެން ބަލައި ފާސްކުރަންޖެހޭ ކުއްޖެއްނަމަ، ކޮމިށަންޑް އޮފިސަރެއްގެ ހުއްދަޔަކާއެކު، އެފަދަ ކުއްޖަކު ބަލައި ފާސްކުރެވިދާނެއެވެ.
(ށ) ނަފްސާނީގޮތުން އުނިކަމެއް ހުރި ކުއްޖަކު އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހެއްގެ ޣައިރު ހާޒިރުގައި ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އެ ލިޔުމުގައި، އެ ކުއްޖަކު ބަލައި ފާސްކުރި އޮފިސަރާއި، އެކަމަށް ހުއްދަ ދިން އޮފިސަރުގެ ނަމާއި ސަރވިސް ނަންބަރު ޖަހައިފައި، އެ މީހުން ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ ކުއްޖަކު ބަލައި ފާސްކުރާއިރު، ހާޒިރުގައި ހުންނަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް ހާޒިރުވެ ހުރުމުގެ ބޭނުމަކީ، ނަފްސާނީގޮތުން އުނިކަން ލިބިފައިވާ ކުއްޖާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަށަވަރުކުރުމެވެ. އަދި މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް އެކަން ބުނެދޭންވާނެއެވެ.
- ފާސްކުރެވޭ ކުއްޖާއަށް ލަފަޔާއި އިރުށާދު ދިނުން؛
- އެ ކުއްޖަކާމެދު އަމަލުކުރެވެނީ ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކުތޯ ބެލުން ؛
- ނަފްސާނީގޮތުން އުނިކަން ލިބިފައިވާ ކުއްޖާ ބުނަން ބޭނުންވާ ވާހަކައެއް އޭނާގެ ފަރާތުން ބުނުމަށް އެހީތެރިވެދިނުމާއި، އެ ކުއްޖާއާ މުއާމަލާތުކުރުމުގައި އެހީތެރިވެދިނުން.
45 ވަނަ މާއްދާ - ކުޑަކުދިން ބަލައި ފާސްކުރުން
(ހ) ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކުރާ ކުޑަކުދިން ބަލައި ފާސްކުރުމުގެ ކުރިން، އެ ކުއްޖާ ބަލައި ފާސްކުރަން އުޅޭކަމާއި، އެ ކުއްޖާ ބަލައި ފާސްކުރެވެނީ ކީއްވެގެންކަން، އެ ކުއްޖާއަށް ފަހުމުވާނޭ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 43 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ޖިންސީ ގުނަވަން ހާމަވާގޮތަށް ކުޑަކުއްޖަކު ބަލައި ފާސްކުރާ ހާލަތުގައި ވެސް، ކުޑަކުއްޖާގެ އެދުމުގެ މަތިން މެނުވީ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ އެ ކުއްޖާގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުއްޖާގެ މައިންބަފައިންގެ ހާޒިރުގައި ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި އެ ކުއްޖާ ބަލައި ފާސްކުރަން އެ ކުއްޖާ ބޭނުންނުވާނަމަ، އެ ކުއްޖާގެ މައިންބަފައިންގެ ހާޒިރުގައި ނުވަތަ ބެލެނިވެރިޔާގެ ހާޒިރުގައި ބަހައްޓައިގެންނުވާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވެސް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެ ތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.
(ރ) ކުޑަކުއްޖަކު ބަލައި ފާސްކުރިއިރު، ހާޒިރުވެހުރި އޭނާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތުގެ މައުލޫމާތު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
46 ވަނަ މާއްދާ - ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކޮށްފައި ތިބޭ ކުދިންނަށް ދެވޭ އިނާޔަތްތައް
(ހ) ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކޮށްފައި ތިބޭ ކުދިންނަށް އަސާސީ ހިދުމަތްތަކުގެ އިތުރުން، ލިބިދެވޭ އިނާޔަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އާއިލާއާ ހަވާލުކޮށްގެން އަންނައުނު ދޮވެ އިސްތިރިކުރުމުގެ ފުރުސަތު؛
- ބޯކޮށުމާއި، ތުނބުޅި މަތިމަސް ބޭލުމަށާއި، ނިޔަފަތި ކެނޑުމަށާއި، ގައިގެ އެހެނިހެން ތަންތަނުން އިސްތަށި ކޮށުމަށާއި ބޭލުމަށާއި، އިސްތަށި ފިލުވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ؛
- ހަފުތާއަކު 3 (ތިނެއް) ދުވަހު، ހިނގުމާއި ކަސްރަތުކުރުން؛
- އާއިލާއަށް ފޯނުކުރުމުގެ އިންތިޒާމު؛
- އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު؛
- ތައުލީމު ދިނުމުގެ ފުރުސަތު ލިބިދިނުމުގެ އިންތިޒާމު؛
- ކައުންސިލިންގއާއި ނަފްސާނީ އެހީލިބިދިނުމުގެ އިންތިޒާމު؛
- ކުޅިވަރުކުޅެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާއިލާ މެދުވެރިކޮށް، އަންނައުނު ދޮންނަން ބޭނުންވާ ފަރާތްތަކުން، އެ ތަކެތި ގެންދިއުމާއި ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަންދުގައި ހުރި ކުއްޖާ މެދުވެރިވެގެން ނުވަތަ އޭނާގެ އާއިލާގެ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
(ނ) އިސްތަށި ބޭލުމުގައި ކުދިންގެ ތެރޭގައި ކުރުމަށް އުޒުރުވެރިވާ ކަންކަމުގައި އެފަދަ ކަންކަން ކުރުމަށް ޓަކައި، ކަނޑައެޅޭ ވަކި ވަގުތަކަށް ގޮޅިތެރޭގައި ބޭނުންކުރުމަށް އިސްތަށި ބޭލުމަށް ބޭނުންވާ އާލާތްތައް ކުދިންނަށް ދޫކުރެވިދާނެއެވެ.
(ރ) ބަންދުކޮށްފައި ތިބޭ ކުޑަކުދިން، ކަސްޓޯޑިއަލް މަރުކަޒުގެ ގަވާއިދުތަކާ ހިލާފަށް ކުރާ އަމަލުތަކާ ގުޅިގެން، އެފަދަ އަމަލެއްގެ ބާވަތާއި ޒާތަށް ބަލައި، މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ނުވަތަ އިނާޔަތެއް ނުވަތަ އިނާޔަތަކުން ބައެއް އުނިކުރުމަށް،ކަސްޓަޑީގެ އިސް އޮފިސަރަކަށް ނިންމިދާނެއެވެ.
47 ވަނަ މާއްދާ - ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއްގައި ބަންދުކޮށްފައި ތިބޭ ކުދިން ށަކުވާ ހުށަހެޅުން
(ހ) ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތަކުގައި ބަންދުކޮށްފައި ތިބޭ ކުޑަކުދިން ހުށަހަޅަން ބޭނުންވާ ށަކުވާއެއް ހުށަހެޅޭނެ އިންތިޒާމު، އެ ކަސްޓޯޑިއަލް ޖަލު ބެލެހެއްޓުމާ ހަވާލުވެހުރި އެންމެ އިސް އޮފިސަރު ހަމަޖައްސަންވާނެއެވެ.
(ށ) ބަންދުކޮށްފައި ހުރި ކުއްޖަކު ހުށަހަޅާ ށަކުވާއެއް އެ ކުއްޖާ ނުވަތަ ކުއްޖާގެ ގާނޫނީ ވަކީލު ނުވަތަ ބެލެނިވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް މެދުވެރިކޮށް،އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ.
- ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓާ އޮފިސަރެއްގެ ގާތުގައި އަނގަބަހުން ބުނެގެން؛
- ލިޔުމުން؛
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅަން ބޭނުންވާ ށަކުވާއަކީ، ބަންދުގައި ހުރި ކުއްޖާ ލިޔުމުން ހުށަހަޅަން ބޭނުންވާ ށަކުވާއެއްނަމަ، އެކަމަށް ބޭންންވާނެ ލިޔެކިޔުމަށް ބޭނުންވާ ތަކެތި ކަސްޓޯޑިއަލް ޖަލުން އެ ކުއްޖާއަށް ފޯރުކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާއެއް ހުށަހަޅައިފިނަމަ، އެ ށަކުވާއެއް ހުށަހެޅި ތާރީހާއި، ގަޑިއާއި، ށަކުވާ ބަލައިގަތް ފަރާތުގެ ނަމާއި، ސަރވިސް ނަންބަރު، ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ބ) ށަކުވާއެއް ބަލައިގަތުމަށްފަހު، އެ ށަކުވާއެއް ބަލައިގަތްކަން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
48 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ކުދިންހުށަހަޅާ ށަކުވާއާ ގުޅިގެން ފިޔަވަޅު އެޅުން
ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތަކުގައި ބަންދުކޮށްފައިތިބޭ ކުޑަކުދިން ހުށަހަޅާ ށަކުވާއެއް ބަލައި، އެ ށަކުވާއަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އެންމެހައި ކަންކަން ކުރަންވާނީ، އަންނަނިވި ގޮތުގެ މަތީން އަމަލުކޮށްގެންނެވެ.
(ހ) ށަކުވާ ބެލުމުގައި، ށަކުވާ ރައްދުވާ ފަރާތުގެ އެއްވެސް ދައުރެއް ނެތުން؛
(ށ) ށަކުވާ ބެލުމުގެ ކަންކަން އެ ކަސްޓޯޑިއަލް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެންމެ އިސް އޮފިސަރުގެ ސީދާ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުން؛
(ނ) ށަކުވާއާ ގުޅިގެން ތައުދީބީ މައްސަލައެއް ބަލަންޖެހޭކަމަށް ފެންނަނަމަ، އެ މައްސަލައެއް ބެލުމަށް ޕްރޮފެށަނަލް ސްޓޭންޑަރޑްއަށް ފޮނުވުން.
49 ވަނަ މާއްދާ - ޖިސްމާނީ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި ކުދިން ބަންދުކުރުން
(ހ) ޖިސްމާނީ އުނިކަމެއްގެ ސަބަބުން އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ނުކުރެވޭ ކުއްޖަކު ޕޮލިސް ކަސްޓަޑީގެ ބަންދުގައި ބަހައްޓާނަމަ، އޭނާގެ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ. އަދި އޭނާ އަމިއްލައަށް ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމުއެކަސްޓޯޑިއަލް ޖަލަކުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ޖިނާއީ އެއްވެސް އިޖުރާއަތެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހެއްގެ މައްޗަށް ހިންގުމުގައި އެ ކުއްޖެއްގެ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ ކުއްޖަކަށް ކުރިމަތިކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނާ ފަދަ ކުއްޖަކު ކަސްޓަޑީގައި ބަހައްޓަންވާނީ، ބަންދުގައި ތިބޭ އެހެން ކުދިންގެ ފަރާތުން އޭނާއަށް ގޯނާއެއް ނުވަތަ އަނިޔާއެއް ނުލިބޭ ގޮތަކަށެވެ.
(ރ) ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ، އެފަދަ ކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ދައުލަތުގެ މުއައްސަސާއަކާ، ނުވަތަ އެނޫންވެސް އެފަދަ ފަރާތަކާ ހަވާލުކުރެވެންދެން އޭނާއަށް އަނިޔާއެއް ނުވާނޭ ގޮތެއްގެ މަތީން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.
50 ވަނަ މާއްދާ - ބަންދުކުރާ ކުދިން ގިންތިކުރުން
ޕޮލިސް ކަސްޓަޑީގައި ބަންދުކުރާ ކުދިން ބެހިގެންވާ ގިންތިތައް، މި މާއްދާގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ގިންތި 1: މި ގިންތީގައި ހިމެނޭނީ، ނުކިޔަމަންތެރިކަން ދައްކާ ފަރާތްތަކާއި، ނުރައްކާތެރި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ކުދިންގެ ތެރެއިން ސެކިއުރިޓީގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަންޖެހޭ ކުދިންނެވެ. މި ގިންތީގެ ކުދިން ކަސްޓޯޑިއަލް މަރުކަޒުގައި ހައްޔަރުކުރަންވާނީ ނުވަތަ ބަންދު ކުރަންވާނީ އެ ނޫން ކުދިންނާ ވަކިންނެވެ.
(ށ) ގިންތި 2: މިއީ ސިއްހީގޮތުން އެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަންޖެހޭ ކުދިންނެވެ. ނުވަތަ ބަލީގެ ގޮތުން އެހެން ކުދިންނާ ވަކިން ގެންގުޅެންޖެހޭފަދަ ކުދިންނެވެ. މިފަދަ ކުދިން ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެ ކުދިންގެ ބައްޔަށް ރިއާޔަތްކޮށް ލުއިދެވޭފަދަ ގޮޅިތަކެއްގައެވެ. އޭގެތެރޭގައި ހިމެނޭ ގައިންގަޔަށް އަރާފަދަ ބަލި ހުންނަ ކުދިން އެހެން ކުދިންނާއެކު އެއްގޮޅިއެއްގައި ބަންދުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކުދިންނަށް ހާއްސަ ޖަލެއް ނުވަތަ ގޮޅިތަކެއް ހުންނަންވާނެއެވެ.
(ނ) ގިންތި 3: މި ގިންތީގައި ހިމެނޭނީ، މުޅިން އަލަށް ނުވަތަ ކުށެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ކުދިންނެވެ. މި ބާވަތުގެ ކުދިން ބައިތިއްބަންވާނީ، ކުށުގެ ތުހުމަތުގައި ތަކުރާރުކޮށް ގެންނަ ކުދިންނާ މުޅިން ވަކިން އެ ކުދިންނާ މުއާމަލާތު ނުކުރެވޭ ގޮތަށެވެ.ކަސްޓޯޑިއަލް މަރުކަޒު
51 ވަނަ މާއްދާ - ބަލަހައްޓާ ފަރާތްތަކުން އަންގާ އެންގުންތަކާއި، ކުދިން ކުރުން މަނާ ކަންތައްތައް
(ހ) ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކޮށްފައި ތިބޭ ކުދިން، އެ ޖަލެއްގެ ސެކިއުރިޓީ އޮފިސަރުން އަންގާ އެންގުންތަކަށް ކިޔަމަންވާންވާނެއެވެ.
(ށ) ބަންދުގައިތިބޭ ކުދިން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ މަނާކަމެކެވެ.
- ކަސްޓޯޑިއަލް މަރުކަޒުގެ ތަނަކަށް ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ ގެއްލުމެއް ލިބޭފަދަ އަމަލެއް ކުރުން، ނުވަތަ އެފަދަކަމަކަށް ހިތްވަރު ދިނުން؛
- ކަސްޓޯޑިއަލް މަރުކަޒުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ފިޔަވައި އިތުރުއެއްޗެއް ޖަލަށް ވެއްދުން، ނުވަތަ ވެއްދުމަށް މަސައްކަތް ކުރުން، ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ސެކިއުރިޓީ އޮފިސަރުން އަންގާ އެންގުންތަކާ ހިލާފުވުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ސެކިއުރިޓީ އޮފިސަރަކަށް ނުވަތަ އެނޫންވެސް މުވައްޒަފަކަށް ނުވަތަ ޖަލަށް އަންނަ މީހެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއް ކުރުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި ހިދުމަތްދިނުމަށް ދަތިވާފަދަ އަމަލުކުރުން؛
- ގާނޫނަކުން ކުށެއްކަމަށް ކަނޑައަޅައިފައިވާ އަމަލެއް ހިންގުން؛
- އޮރިޔާން ނިވާނުކޮށް ގޮޅިތެރޭގައި އުޅުން؛
- ކަސްޓޯޑިއަލް މަރުކަޒަށް ވައްދާއިރު، އަމަލުކުރަންވާނެކަމަށް، ބަންދުކުރެވޭ ފަރާތަށް އަންގައިފައިވާ އެންގުމަކާ ހިލާފަށް އަމަލުކުރުން؛
- މި ނޫނަސް ކަސްޓޯޑިއަލް މަރުކަޒުގެ ސަލާމަތާއި ރައްކައުތެރިކަމަށް ނުވަތަ ކަސްޓޯޑިއަލް މަރުކަޒުގައި ތިބޭ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާފާނެ ނުވަތަ ކަސްޓޯޑިއަލް މަރުކަޒު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް
ދަތިވާނެ އަމަލެއް ކުރުން.
52 ވަނަ މާއްދާ - ކަސްޓޯޑިއަލް މަރުކަޒުގައި ތިބޭ ކުދިން ނުކިޔަމަންތެރިވުން
(ހ) ކަސްޓޯޑިއަލް މަރުކަޒެއްގައި ހައްޔަރުކޮށްފައި ހުރި ނުވަތަ ބަންދުކޮށްފައި ހުރި އެއްވެސް ކުއްޖަކު، މި ގަވާއިދު 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ކަސްޓޯޑިއަލް މަރުކަޒުގެ ގަވާއިދާ ހިލާފު އަމަލެއް ކުރުމުގެ ސަބަބުން ނަސޭހަތާއި އިންޒާރު ދިނުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، ކަސްޓޯޑިއަލް މަރުކަޒުގެ މަސްލަހަތު ގެއްލުވައިލަން މަސައްކަތްކުރާ ނަމަ، އެ ކުއްޖަކު ވަގުތީގޮތުން ގޮޅިން ނެރެ، ކިޔަމަންތެރިކުރުމަށް ޓަކައި އެހެން ކުދިންނާ ވަކިން ބެއިންދުމުގެ އިހްތިޔާރު، އެ ކުއްޖަކު ބަންދުގައި ހުރި ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓާ އިސް އޮފިސަރެއްގެ ހުއްދަޔާއެކު، ކަސްޓޯޑިއަލް މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ށ) ކަސްޓޯޑިއަލް މަރުކަޒުގައި ބަންދުކޮށްފައި ހުރި ކުއްޖަކު، ކަސްޓޯޑިއަލް މަރުކަޒުގެ ގޮޅިއަށް ވަނުމަށް ނުވަތަ ގޮޅިން ނުކުތުމަށް އިންކާރުކޮށް ދެކޮޅުހަދައިފިނަމަ، އެގޮތަށް އަމަލުނުކުރުމަށް އެފަދަ ކުއްޖަކަށް ނަސޭހަތްތެރި ވާންވާނެއެވެ. މިގޮތުން ނަސޭހަތްތެރިވުމުން ވެސް، ކަސްޓޯޑިއަލް މަރުކަޒުގެ ގޮޅިއަށް ވަނުމަށް ނުވަތަ ގޮޅިން ނުކުތުމަށް އިންކާރުކޮށް ދެކޮޅުހަދާނަމަ، ބާރުގެ ބޭނުންކުރާނެކަމަށް އަންގައި އިންޒާރު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އިންޒާރުކުރުމުން ވެސް، ކިޔަމަން ނުވެއްޖެނަމަ، ކިޔަމަންތެރިކުރުވުމަށް ޓަކައި، އެ ހާލަތަކާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަދި އެންމެ ކުޑަ ވަގުތަކަށް ބާރުގެ ބޭނުންކުރެވިދާނެއެވެ. މިގޮތުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ކުއްޖާއަށް ލިބޭ އެއްވެސް އަނިޔާއަކަށް ފުލުހުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
(ރ) ދިމާވާ ވަކި ހާލަތަކާ ގުޅިގެން ނުވަތަ ނުކިޔަމަންތެރިކަން ދައްކާ ކުއްޖެއްގެ އަމަލުތައް ހުރި ގޮތުގެ މައްޗަށް ބަލައި، އިންޒާރުދިނުމަކާ ނުލައި، ވަގުތުން އަޅާ ފިޔަވަޅެއްގެ ގޮތުން ބާރުގެ ބޭނުންކުރުމަށް ނިންމިދާނެއެވެ.
(ބ) މި މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ކިޔަމަންތެރި ކުރުވުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން ގޮޅިން ނެރުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި، އޭނާގެ އަމަލުތައް ހުއްޓުވޭނެފަދަ ގޮތަކަށް، ބޭނުންކުރުން ގާނޫނަކުން ހުއްދަކޮށްފައިވާ އާލާތެއް ބޭނުންކުރުމުގެ އިހްތިޔާރު، ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖަކާމެދު އަޅާ ފިޔަވަޅަކުން އޭނާ ކިޔަމަންތެރިވެއްޖެނަމަ، އެ ހިނދުން ފެށިގެން އޭނާ ކިޔަމަންތިރިކުރުވުމަށް އެޅި ފިޔަވަ ޅު ނިމުމަކަށް ގެންނަންވާނެއެވެ.
(ކ) ކަސްޓޯޑިއަލް ޖަލެއްގައި ހުރި ކުއްޖަކު ނުކިޔަމަންތެރިވެގެން ކިޔަމަންތެރި ކުރުވުމަށް ޓަކައި ބާރުގެ ބޭނުންކޮށްފިނަމަ، އެކަން ހިނގައިދިޔަގޮތް، ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު، ޖުވެނައިލް ކޯޓަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ފޮނުވަންވާނެއެވެ.
53 ވަނަ މާއްދާ - ތަހުގީގުގެ ބޭނުމަށް ކަސްޓޯޑިއަލް މަރުކަޒުގެ ގޮޅިން ކުޑަކުއްޖަކު ނެ ރުން
ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ހުރި ކުޑަކުއްޖަކާ ތަހުގީގުގެ ބޭނުމަށް ސުވާލުކުރުމަށް ޓަކައި، އާންމު އުސޫލުން، ރޭގަނޑު 22:00 އާއި، ހެނދު 08:00 އާ ދެމެދުގެ ވަގުތުގައި ގޮޅިން ނެރެގެން ނުވާނެއެވެ.
54 ވަނަ މާއްދާ - އެހެން ގޮޅިއަކަށް އެ ކުއްޖާ ބަދަލުކުރުން
(ހ) ކަސްޓޯޑިއަލް މަރުކަޒެއްގައި ބަންދުގައި ހުރި ކުއްޖެއްގެ ފަރާތުން ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ އެ ކުއްޖާގެ އަމަލުތައް ކަސްޓޯޑިއަލް މަރުކަޒުގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، އަންނަނިވި ހާލަތްތަކުގައި، އެ ކުއްޖާ ބަންދުކޮށްފައިވާ ގޮޅި ނޫން އެހެން ގޮޅިއަކަށް ބަދަލުކުރުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ކަސްޓޯޑިއަލް މަރުކަޒު ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
- އަނިޔާވެރި އަމަލެއް ހިންގުން؛
- އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް މަސައްކަތްކުރުން؛
- ސިއްހީގޮތުން ރައްކައުތެރިނޫން ހާލަތެއް ދިމާވުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ހިންގުމަށް ބުރޫއަރާފަދަ އަމަލެއް ކުރުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާފަދަ އަމަލެއް ކުރުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުން؛
- ކަސްޓޯޑިއަލް މަރުކަޒުގެ މުދަލަށް ނުވަތަ ތަކެއްޗަށް ނުވަތަ ވަސީލަތަކަށް ގެއްލުން ދިނުމުގެ އަމަލެއް ކުރުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން ވެސް، ބަންދުކޮށްފައި ހުރި ކުއްޖަކީ ވަކި ގޮތަކަށް ވަކި އުސޫލަކުން ނިދުމާއި އަރާމުކުރުމާއި ކަސްރަތުކުރުން ފަދަ ކަންކަން ކުރަންޖެހޭ ކުއްޖެއްކަމުގައި ޑޮކްޓަރަކު ލަފާދީފިނަމަ، އެފަދަ ކުއްޖަކާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް، އެފަދަ ކުއްޖަކު ބަންދުކޮށްފައިވާ ގޮޅި ބަދަލުކުރެވިދާނެއެވެ.
55 ވަނަ މާއްދާ - ކަސްޓޯޑިއަލް މަރުކަޒުން ގޭބަންދަށް ބަދަލުކުރުމާއި، ބަންދުން ދޫކޮށްލުން
ބަންދުން ދޫކޮށްލަނީ ކުޑަކުއްޖެއްނަމަ، ފުލުހުންގެ ބެލުމުގެދަށުން އެ ކުއްޖާގެ ބެލެނިވެރިޔާއާ ނުވަތަ ބަލަދުވެރިޔާއާ ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކާ ހަވާލުކުރަންވާނެއެވެ. އެފަދަ ފަރާތެއް ނެތްނަމަ، އެފަދަ ކުޑަކުއްޖެއްގެ މަސްލަހަތުގައި މަސައްކަތްކުރުމަށް، ސަރުކާރުން ކަނޑައަޅާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތާ ހަވާލުކުރަންވާނެއެވެ.
56 ވަނަ މާއްދާ - ކަސްޓޯޑިއަލް މަރުކަޒުގައި ތިބޭ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދިނުން
(ހ) މި ގަވާއިދުގެ 46 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުއްޖަކަށް ތައުލީމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަނިވި އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެއެވެ.
- އޮންލައިން ކުލާސްތަކުގެ ބައިވެރިކުރުމަށް ބޭނުންވާ ވަސީލަތް ފޯރުކޮށްދިނުން؛
- ހާޒިރުވެގެން ކިޔަވައިދޭ ކުލާސްތަކަށް ގެންދިޔުން؛
- މި މައްދާގެ (ހ) ގެ 1 ވަނަ މާއްދާއާއި 2 ވަނަ ނަންބަރުގައި ބަޔާކޮށްފައިވާ ފަދަ އިންތިޒާމެއް ހަމަޖެހިފައި ނެތްނަމަ، ކަސްޓޯޑިއަލް މަރުކަޒުގައި އެފަދަ ކުލާހެއް ހިންގާނެ ފަދަ ކުލާސް ރޫމެއް ކަނޑައެޅުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ތައުލީމު، ކުއްޖާއަށް ފޯރުކޮށްދޭންވާނީ، މިނިސްޓްރީ އޮފް އެޑިއުކޭށަންގެ ބެލުމުގެ ދަށުން އެފަރާތުން ކަނޑައަޅާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައުލީމު ދިނުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
57 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
ކިޔުންތެރިންގެ ހިޔާލު