-

މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-38) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-40)

މިއީ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-38) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދަފުތަރުގައި މީހުން ހިމެނުން 5.

މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދީންނާއި، އެ ކުދީން ބަލަހައްޓާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނުމަށް އެޖެންސީގައި އެދެންވާނީ، އެކަމަށް އެޖެންސީން ކަނޑައަޅާ އާންމުކޮށްފައިވާ "ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދީންނަށާއި، އެ ކުދީން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމު މެދުވެރިކޮށެވެ. މި ފޯމު، އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެޖެންސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. މި ފޯމު ހުށަހަޅަންވާނީ، އެޖެންސީއަށް ނުވަތަ އެޖެންސީން ކަނޑައަޅާ ތަނަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އަންނިވި ގޮތަށް އިސްލާހު ކުރުން.

އެހީއަށް އެދި ހުށަހެޅޭނެ ހާލަތް 8.

(ނ) މައިންބަފައިން ދިރިތިބިކަމުގައި ވިޔަސް، ކުއްޖާއާ ނުވަތަ ކުދީންނާ އަޅައިނުލުމުގެ ސަބަބުން ނުވަތަ އެ ކުދީންނަށް އިހުމާލުވުމުގެ ސަބަބުން، އެ ކުއްޖާ ނުވަތަ އެ ކުދީން ބެލުމަށް ޤާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާ މީހެއް ކަމުގައި ވުން. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް (ރ) އާއި (ބ) އިތުރުކުރުން.

އެހީއަށް އެދި ހުށަހެޅޭނެ ހާލަތް 8.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) ގައި ކަނޑައަޅައިފައިވާ ހާލަތްތަކުގެ އިތުރުން ވެސް، ކުއްޖާ ނުވަތަ ކުދީން ބެލުމަށް ޤާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ، އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ށަރުތުތައް ފުރިހަމަވާނަމަ، އެހީ ހަމަޖައްސައިދިނުމުގެ އިހުތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

(ބ) ރައްޔިތުންނަށް އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައްކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިން، ކަމާ ގުޅުންހުރި ޤާނޫނާއި، ގަވާއިދާއި، އުސޫލުތަކުގެ މަތީން ކުއްޖާގެ ބެލެނިވެރިކަން ހަވާލުކޮށްފައިވާ މީހެއް ކަމުގައި ވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހީ ލިބޭ ކުއްޖާގެ ށަރުތުތައް 9.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) މިލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައި ނުވުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހީ ލިބެމުންދާ ފަރާތުގެ ހާލަތު ބަދަލުވުން 16.

(ހ) މި ގަވާއިދުގެ ދަށުން އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެއްޖެ ނަމަ، ނުވަތަ އެ ފަރާތުގެ މައުލޫމާތެއް ބަދަލުވެއްޖެ ނަމަ، ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތަކުން ށަރުތެއް އުނިވެއްޖެ ނަމަ ނުވަތަ ބަދަލުވެއްޖެ ނަމަ، ނުވަތަ 8 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ހާލަތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، ހާލަތު ބަދަލުވިކަން އެންގުމަށް އެޖެންސީން ކަނޑައަޅާ އާންމުކޮށްފައިވާ "ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދީންނަށާއި އެ ކުދީން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީއަށް އެދޭ ފަރާތުގެ ހާލަތު ބަދަލުވިކަން އަންގާ ފޯމު" ފުރިހަމަކުރުމަށްފަހު، އެ ފޯމު މެދުވެރިކޮށް އެހީ ލިބެމުންދާ ފަރާތުން އެޖެންސީއަށް އެކަން އަންގަންވާނެއެވެ. މި ފޯމު، އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު، އެޖެންސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ހާލަތު ބަދަލުވުމުން، އެޖެންސީއަށް އެކަން ނާންގައި ހުއްޓައި އެހެން އެއްވެސްއިދާރާއަކުން ނުވަތަ ފަރާތަކުން އެޖެންސީއަށް އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ،ނުވަތަ އެޖެންސީން އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބެލުމަށް ހިންގާ ޕްރޮގްރާމަކުން އެކަން ފާހަގަ ކުރެވިއްޖެ ނަމަ، އެހީ މެދުކަނޑައިލެވޭނެއެވެ. މިގޮތަށް އެހީ މެދުކަނޑައިލުމަށްފަހު، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ހާލަތު ބަދަލުނުވާކަން ސާބިތުކޮށްދީފިނަމަ، ވަގުތީގޮތުން އެހީ މެދުކަނޑައިލި ތާރީހުން ފެށިގެން އެހީ ކުރިޔަށް ގެންދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހާލަތު ބަދަލުވިކަން ސާބިތުވެއްޖެ ނަމަ، ނުވަތަ ދީފައިވާ މުއްދަތު ހަމަވީއިރު ވެސް ހާލަތު ބަދަލުނުވާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، އެހީ މެދުކަނޑައިލި ތާރީހުން ފެށިގެން އެހީ ހުއްޓައިލެވޭނެއެވެ. އަދި ހާލަތު ބަދަލުވުމުގެ ސަބަބުން އެހީ ހުއްޓައިލެވިފައިވާ ފަރާތަކަށް އަލުން އެހީ ދޭން ފެށޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މާލީ އެހީއަށް އެދި ހުށަހަޅަންޖެހޭ ފޯމު އަލުން ފުރިހަމަކޮށްފައި ހުށަހެޅުމުންނެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހީ މެދުކަނޑައިލުން ނުވަތަ ހުއްޓައިލުން 17.

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީ ލިބެމުންދާ ފަރާތެއްގެ ށަރުތެއް އުނިވެއްޖެނަމަ، ނުވަތަ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ބަދަލުވެއްޖެ ނަމަ، ނުވަތަ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެ ނަމަ، އެހީ ހުއްޓައިލެވޭނެއެވެ. އަދި މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ދިމާވެއްޖެ ނަމަ،އެހީ މެދުކަނޑައިލެވޭނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެހީ ހުއްޓައިލެވޭނެ ހާލަތްތައް 18.

މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން އެހީ ހުއްޓައިލެވޭނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން ނުވަތަ އެހީ ލިބޭ ފަރާތުން ކުރުމުންނެވެ. 

(ހ) ކުއްޖާއަށް 18 (އަށާރަ) އަހަރު ފުރުން.

(ށ) ކުއްޖާ ނިޔާވުން، ނުވަތަ ކުއްޖާގެ ބެލެނިވެރިޔާ ނިޔާވުން.

(ނ) ދައުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ކުއްޖާ ދިއުން.

(ރ) ޤާނޫނީ ބެލެނިވެރިކަން ހަވާލުވެ ގެން ބަލަމުންދާ ކުއްޖާ ނުވަތަ ކުދީން، އެހެން  ފަރާތެއްގެ ގާތަށް ދިރިއުޅުން ބަދަލުކުރުން.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ސ) ގެ ފަހަތަށް (ޑ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

މާނަކުރުން 23.

(ކ) "ގޭބިސީ" ކަމުގައި ބުނެފައި އެވަނީ، އެއްކޮށް ކައްކައި ކައިބޮއި ނިދައި، ހަރަދު ހިއްސާކުރާ އެންމެންނަށެވެ. (ގޭބީސީގެ މެންބަރުންނާ ވަކިން ކުލި ދައްކައި، ޔޫޓިލިޓީޒްއާއި ކެއިންބުއިން ފަދަ އެންމެހައި ހަރަދުތައް އަމިއްލަޔަށް ބަލަހައްޓާނަމަ، އެއީ ހަރަދު ހިއްސާކުރާ ފަރާތެއް ކަމުގައެއް ނުބެލެވޭނެއެވެ.)

(ޑ) "ވެބްސައިޓް" ކަމުގައި ބުނެފައި އެވަނީ، www.nspa.gov.mv އަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 އުނިކުރުން.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-38)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2016-38)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު