-

ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-22) އަށް 1 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-35)

1 ވަނަ މާއްދާ - ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިމުގެ ފެންފަށަލަ ހިމާޔަތްކޮށް ބެލެހެއްޓުން 6.

(ށ) ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފެނުގެ އެންމެހައި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ޓަކައި، މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ މަށްވަރާއާއެކު، އެ ރަށެއްގެ "ވޯޓަރ ރިސޯސް ކޮންޒަވޭށަން އެންޑް މެނޭޖްމަންޓް ޕްލޭން"، މި ގަވާއިދަށް އަމަލު ކުރަން ފަށާތާ 14 (ސާދަ) މަސްދުވަހުގެ ތެރޭގައި، އެ ރަށެއްގެ ކައުންސިލުން އެކުލަވައިލައި، އޮތޯރިޓީން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމު ބޭނުންތަކަށް ވަޅުފެން ބޭނުންކުރުމުގައި އިގްތިސާދުކުރުން 18.

(ހ) ބިމުގެ ފެން ބޭނުންކުރުމުގައްޔާއި، ފެން ވަޔަރު ކުރުމުގައްޔާއި، ފާހާނާތައް ހެދުމުގައި ބޭނުންކުރާ އާލާތްތައް ލޭބަލްކޮށް، ރޭޓްކޮށް، އެ ކަންކަމަށް އިންސެންޓިވް ދެވޭނެ އޮނިގަނޑެއް، މި ގަވާއިދަށް އަމަލު ކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، މިނިސްޓްރީން އެކުލަވައިލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

(ށ) ބިމުން ފެން ނެގުމުގެ ސަބަބުން ބިމުގެ ފެންފަށަލައަށް ކުރާ އަސަރު ދެނެގަތުމަށް ޓަކައި، ތިރީގައިވާ މައުލޫމާތު، ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ކައުންސިލުން ބަލަހައްޓަންވާނެއެވެ. އަދި މި މައުލޫމާތު، ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ކުރިން މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ރަށާއި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށުގައި ދަނޑުވެރިކަން ނުވަތަ ސިނާއީ އެނޫންވެސް މަސައްކަތްތައް ކުރާ ސަރަހައްދުތަކުގެ ބޮޑުމިނާއި، އެ މަސައްކަތްތަކަށް ބޭނުންކުރާ ފެނުގެ ބާވަތް (އެ މަސައްކަތަށް ބޭނުންކުރަނީ ވަޅުފެން، ނުވަތަ ވާރޭފެން، ނުވަތަ ރަށުގައި ގާއިމުކޮށްފައި ހުންނަ ފެންޕްލާންޓަކުން ނުވަތަ އަމިއްލަ ފެން ޕްލާންޓަކުން ނަގާ ފެންކަން އެނގޭ ފަދަ މައުލޫމާތު ހިމެނޭގޮތަށް)؛
  2. ވަޅުތަކުގެ އަދަދު؛
  3. ޕަންޕު ހަރުކޮށްގެން ފެން ނަގަމުންދާ ފެންވަޅުތަކުގެ އަދަދު؛
  4. ވަޅުގައި ހަރުކޮށްފައިވާ ޕަންޕުގެ ކެޕޭސިޓީ؛
  5. ބިން ތޮރުފައިގެން ފެން ނަގާނަމަ، އެ ނަގާ ފެނުގެ މިންވަރު؛
  6. އެ ރަށެއްގައި ބިމުގެ ފެންފަށަލަ ޓެސްޓްކުރާނެ އާލާތްތަކާއި މޮނިޓަރކުރާނެ އާލާތްތައް ގާއިމުކޮށްފައިވާނަމަ، އެ އާލާތްތަކުން ނެގޭ ފެނުގެ ކޮލިޓީ ރިޕޯޓުތައް.

 

3 ވަނަ މާއްދާ - ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަތައް ރިޕޯޓް ކުރުމާއި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުން 25.

(ހ) އެއްވެސް ފަރާތަކުން ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމަކުން ފެންފަށަލައަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ ފަރާތަކުން ނުވަތަ އެކަން އެނގުނު ފަރާތަކުން އެކަން އޮތޯރިޓީއަށް ރިޕޯޓު ކުރަންވާނެއެވެ. އަދި މިފަދަ ކަންކަން ރިޕޯޓު ކުރުމުގައި އަމަލުކުރަންވާނީ، އޮތޯރިޓީން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-22)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު