ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-33)
(މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2021-171 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާއާއި 19-16 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި އެ ގާނޫނުގެ 52 ވަނަ މާއްދާއިން ބާރުލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި،ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާއާއި 19-16 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ކުލި ކަނޑައެޅުން
(ހ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމާއި ފަޅުތަކުގައި ހިއްކައިފައިވާ ބިންތަކުގެ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ އެ ބިމެއްގެ "މީންޓައިޑްލައިން" ގެ މައްޗަށް ބިނާކޮށް ކަނޑައަޅާ ލޭންޑްއޭރިއާއަށް ބިނާކޮށެވެ.
(ށ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދީފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލޭންޑް އޭރިއާކަމަށް ކަނޑައަޅާނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އޭރިއާއެވެ.
(ނ) ރަށް ނުވަތަ ބިން ނުވަތަ ފަޅު ތަރައްގީކޮށް ނިމި، އޮޕަރޭޓިންގ ލައިސަންސް ހޯދުމުގެ ކުރިން ނުވަތަ އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ތަރައްގީކޮށް ނިމިފައި ނުވާ ހާލަތުގައި ވެސް އެ ރަށެއްގެ ނުވަތަ އެ ބިމެއްގެ ނުވަތަ އެ ފަޅެއްގެ ކުލި ހިނގަން ފަށާ ހާލަތެއް މެދުވެރިވާނަމަ، ކުލި ހިނގަން ފެށުމުގެ ކުރިން އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފައިފައިވާ ފަރާތުން އެ ތަނެއްގެ ލޭންޑް ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅައިގެން، އެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ފަދައިން ރަށެއްގެ ނުވަތަ ބިމެއްގެ ނުވަތަ ފަޅެއްގެ ކުލި ކަނޑައެޅުމަށް ޓަކައި އެ ރަށުގެ ނުވަތަ އެ ބިމުގެ ނުވަތަ އެ ފަޅުގެ ލޭންޑް އޭރިއާ ކަމުގައި ބަލާނީ، އެ ކަމަށް ޓަކައި ކުރާ ސާރވޭއަކުން ކަނޑައަޅާ ލޭންޑް އޭރިއާއެވެ. އަދި މި ސަރވޭ ކުރުމަށްފަހު، ލޭންޑް ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނީ، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ. އަދި މި ސަރވޭ ކުރުމަށް އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ، އެ ހަރަދެއް ވެސް ކުރާނީ، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު ކުލި ދައްކަންވާނީ، ފަހުން ރަޖިސްޓަރީކުރި ލޭންޑް އޭރިޔާއަށް ބިނާކޮށެވެ.
(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލޭންޑް އޭރިއާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބެލެވޭނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން އައު ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިޔުމެއް ދޫކުރުމުންނެވެ.
(ކ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ރިވިއު ނުކުރާ ހާލަތުގައި ގުދުރަތީގޮތުން ރަށް ވޮޑުމުގެ ސަބަބުން ނުވަތަ ރަށް ގިރުމުގެ ސަބަބުން ބިމުގެ ބޮޑުމިނަށް އަންނަ ބަދަލަކުން، ރަށުން ނުވަތަ ބިމުން ސަރުކާރަށް ދައްކަންޖެހޭ ކުއްޔަށް ބަދަލެއް ނާންނާނެއެވެ.
(އ) މި ގަވާއިދުގައިވާ ގޮތުގެ މަތީން ރަށުގެ ނުވަތަ ބިމުގެ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން ރަށުގެ ނުވަތަ ފަޅުގެ ނުވަތަ ބިމުގެ ލޭންޑް އޭރިޔާ ބޮޑުކޮށްފިނަމަ، ރަށުގެ ނުވަތަ ފަޅުގައި ހިއްކައިފައިވާ ބިމަށް އަންނަ ބަދަލާ އެއްގޮތަށް، ނުވަތަ ބިމުގެ ބޮޑުމިނަށް އަންނަ ބަދަލާ އެއްގޮތަށް، އެ ރަށަކުން ނުވަތަ އެ ފަޅަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލު ގެނެވޭނެއެވެ. އަދި ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ބޮޑުކުރެވޭ ލޭންޑް އޭރިއާ، ބިން ބޮޑުކުރުމުގެ މަސައްކަތް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިފަދައިން ބިމުގެ އޭރިއާ ބޮޑުވިކަން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބެލެވޭނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން އައު ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިޔުމެއް ދޫކުރުމުންނެވެ.
(ވ) މި މާއްދާގެ (އ) ގައިވާ ގޮތަށް ބިން ހިއްކުމުގެ ސަބަބުން ބިމަށް އަންނަ ބަދަލު ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށްފިނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ބިން ކުއްޔަށް ހިފައިފައިވާ ފަރާތް ޖޫރިމަނާކުރުމާއެކު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ބިމުގެ އޭރިއާ ރަޖިސްޓަރީކުރުމަށް ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އަންގަންވާނެއެވެ.
(މ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، ރަށުގައި ނުވަތަ ފަޅުގައި ހިއްކައިފައިވާ ބިމުގެ އޭރިއާ މިނިސްޓްރީގެ ހުއްދަ ނުހޯދައި ބޮޑުކޮށްފިނަމަ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން ބިން ކުއްޔަށް ހިފައިފައިވާ ފަރާތް ޖޫރިމަނާކުރުމާއެކު، އިތުރުކުރި ބައި ހިމެނޭގޮތުން، އެ ރަށަކުން ނުވަތަ އެ ފަޅަކުން ނުވަތަ އެ ބިމަކުން ދައްކަންޖެހޭ ކުއްޔަށް ބަދަލު ގެނެވޭނެއެވެ. މި ހާލަތުގައި އިތުރުކޮށްފައިވާ ބިމަށް ދައްކަންޖެހޭ ކުލި ހިސާބުކުރާނީ، ބިން އިތުރުކުރުމުގެ ކުރިން ލޭންޑް އޭރިއާ ރަޖިސްޓަރީކުރި ތާރީހުން ފެށިގެންނެވެ. އަދި ހުއްދަ ހޯދުމާ ނުލާ ހިއްކައިފައިވާ ބިމުގެ ބޮޑުމިން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު ) ގައި ބަޔާންކޮށްފައިވާ ފަދައިން އަކަމީޓަރުގެ ރޭޓުން ކުލި ހިސާބުކުރެވޭ މިންވަރަށް ވުރެ ބޮޑުވެއްޖެނަމަ، އެ އަދަދަށްވުރެ އިތުރުވާ ބިން ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.
(ފ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި، ފަޅުފަޅާއި، ބިންބިން ހިއްކުމުގައި ބިމާ ގުޅުވައިގެން ހިއްކި ކަމުގައި ވިޔަސް ނުވަތަ ވަކިން ހިއްކި ކަމުގައި ވިޔަސްމި ގަވާއިދުގެ ދަށުން ބެލެވޭނީ، އެއީ އެ ތަނެއްގެ ލޭންޑް އޭރިޔާ ބޮޑުކުރުން ކަމުގައެވެ.
(ދ) މި މާއްދާގައި ބަޔާންކޮށްފައިވާ ސަރވޭ ކުރުވާނީ، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ސަރވޭޔަރަކާ ހަވާލުކޮށްގެންނެވެ.
(ތ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ކަނޑައެޅުމަށް ޓަކައި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ސަރވޭކޮށް ކުއްޔަށްހިފި ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމާ ހަމަޔަށް އެ ރަށެއްގެ ނުވަތަ ނުވަތަ އެ ފަޅެއްގެ ނުވަތަ އެ ބިމެއްގެ ލޭންޑް އޭރިއާއަކީ ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ސައިޓް ޕްލޭނުގައި އެ ރަށުގެ ނުވަތަ އެ ބިމުގެ ނުވަތަ އެ ފަޅުގެ ލޭންޑް އޭރިއާކަމަށް ކަނޑައަޅައިފައިވާ އޭރިއާއެވެ.
(ލ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ރަޖިސްޓަރީކޮށްފައިނުވާ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ސައިޓް ޕްލޭނެއް ނެތް ރަށްރަށުގެ ލޭންޑް އޭރިއާއަކީ ސަރުކާރުން ފަޅުރަށްތައް ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ އިދާރާއެއްގެ ރިކޯޑުތަކުގައި އެ ރަށެއްގެ ލޭންޑް އޭރިއާކަމުގައި ބަޔާންކޮށްފައިވާ މިންތަކެވެ.
(ގ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ރަޖިސްޓަރީކޮށްފައި ނުވާ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ތެރެއިން މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ސައިޓް ޕްލޭނެއް ނެތް ފަޅުތަކުގެ ލޭންޑް އޭރިއާ ކަނޑައަޅާނީ އަންނަނިވި ފަދައިންނެވެ.
- ކުލީގެ އެއްބަސްވުމުގައި އެ ފަޅެއްގެ ކުލި ދެއްކުން އިސްތިސްނާކޮށްފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ނިމުމުގެ ކުރިން، ޓޫރިޒަމާބެހޭ މިނިސްޓްރީން، މުޅި ފަޅުގެ ރީފް ލައިންގެ މައްޗަށް ބިނާކޮށް، މުޅި ފަޅުގެ ބޮޑުމިނަކީ އެ ފަޅެއްގެ ލޭންޑް އޭރިއާކަމުގައި ކަނޑައެޅުން؛
- މިފަދައިން މުޅި ފަޅުގެ ބޮޑުމިން ކަނޑައަޅާނީ، އެ ކަމަށް ޓަކައި ޓޫރިޒަމާބެހޭ މިނިސްޓްރީން އައްޔަނުކުރާ ސަރވޭޔަރަކު ކުރާ ސަރވޭއަކުން؛
- ސަރވޭކުރުމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދެއްކުމަށް މިނިސްޓްރީން އެ ފަރާތަށް އަންގަންވާނެއެވެ.
(ޏ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭންޑް އޭރިއާ ރަޖިސްޓަރީކޮށްފައި ނުވާ ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތެރެއިން މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ސައިޓް ޕްލޭނެއް ނެތް ބިންބިމުގެ ލޭންޑް އޭރިއާ ކަނޑައަޅާނީ އަންނަނިވި ފަދައިންނެވެ.
- އެ ބިމެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ލޭންޑް އޭރިއާ؛
- އެ ރަށެއްގެ ބިނާވެށީގެ ޕްލޭނުގައި އެ ބިމެއްގެ ބޮޑުމިންކަމުގައި ބަޔާންކޮށްފައިވާ ލޭންޑް އޭރިއާ.
(ސ) މި މާއްދާގެ (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) ގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ލޭންޑް އޭރިއާއަކީ، ވަގުތީ ލޭންޑް އޭރިއާއެކެވެ. އަދި މިފަދައިން ޓޫރިޒަމާބެހޭ މިނިސްޓްރީން ވަގުތީ ލޭންޑް އޭރިއާ ކަނޑައެޅި ނަމަވެސް،ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށް ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރެވުނީ ކަމަކަށް ނުބެލެވޭނެއެވެ.
(ޑ) މި މާއްދާގެ (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) ގެ ދަށުން ވަގުތީ ލޭންޑް އޭރިއާ ކަނޑައަޅައިފައިވާ ތަނަކުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމުން، ރަޖިސްޓަރީކުރެވޭ ލޭންޑް އޭރިއާއަށް ބިނާކޮށް ކުލި ހިނގަން ފަށައިފައިވާ ތާރީހުން ފެށިގެން ކުލި އަލުން ހިސާބުކުރަންވާނެއެވެ.
(ޒ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ކަނޑައަޅާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ފާސްކޮށްފައިވާ އެ ރަށެއްގެ ބިނާވެށީގެ ޕްލޭނުގައި އެ ބިމެއްގެ ބޮޑުމިނުގެ ގޮތުގައި ފާހަގަކޮށްފައިވާ އޭރިއާއަށް ބިނާކޮށެވެ.
(ޓ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގެ ތެރެއިން އެއްވެސް މިންވަރަކަށް ނުހިއްކައި ބޭނުންކުރާ ފަޅުތަކުގެ ލޭންޑް އޭރިއާ ކަމުގައި ކަނޑައަޅާނީ، އެ ފަޅަކުން އިމާރާތްކޮށްގެން ބޭނުންކުރަމުންދާ ސަރަހައްދެވެ.
(ޔ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކުގައި އިމާރާތް ކުރުމުގެ ބޭނުމަށް މޫދުގެ ލޮނުގަނޑުގެ މަތީގައި އުފުލޭގޮތަށް ތައްޔާރުކުރާ ރަށްތަކުގެ (ފްލޯޓިންގ އައިލެންޑްސް) ނުވަތަ ޕްލެޓްފޯމްތަކުގެ ސަރަހައްދު ވެސް ހިމެނޭނީ، ފަޅުގެ ލޭންޑް އޭރިއާގެ ގޮތުގައެވެ. އެގޮތުން، ލޭންޑް އޭރިއާ ހިސާބުކުރާނީ، އެ ފަދަ ރަށްތަކާއި ޕްލެޓްފޯމްތައް ކަނޑުގެ ލޮނުގަނޑުގައި ބީހޭ ހިސާބުގެ މައްޗަށް ބިނާކޮށެވެ.
4 ވަނަ މާއްދާ - ލޭންޑް އޭރިއާ ރިވިއުކުރުން
(ހ) މި ގަވާއިދުގެ 3 މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅިފައިވާ ލޭންޑް އޭރިއާ ރިވިއުކުރަން ބޭނުންވާނަމަ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ސަރވޭކޮށް، އެ ތަނުގެ ބޮޑުމިނަށް ތަފާތެއް އައިސްފައިވާކަން ނުވަތަ ނޫންކަން ޔަގީންކުރުމަށްފަހު، ކަނޑައަޅާ ލޭންޑް އޭރިއާ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. މި އޭރިއާ ކަނޑައެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ، އެ ހަރަދެއް ކުރާނީ، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ.
(ށ) ލޭންޑް އޭރިއާ ރިވިއުކުރަން މިނިސްޓްރީން ބޭނުންވާ ހާލަތުގައި، އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެކަން އެންގުމުން،މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގައި، ލޭންޑް ސަރވޭ ރިޕޯޓު ، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ނ) ޓޫރިޒަމާބެހޭ މިނިސްޓްރީން އަންގައިގެން ލޭންޑް އޭރިއާ ރިވިއުކުރާ ހާލަތުގައި،މިކަމަށް ކުރަންޖެހޭ މަސައްކަތަށް އެއްވެސް ހަރަދެއް ހިނގާނަމަ، އެ ހަރަދެއް ކުރާނީ، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފައިފައިވާ ފަރާތުންނެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ، އެންމެ ފަހުން ލޭންޑް އޭރިއާ ރަޖިސްޓަރީކުރި ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ލޭންޑް އޭރިއާ ރިވިއުކުރަން ޓޫރިޒަމާބެހޭ މިނިސްޓްރީން ބޭނުންވެއްޖެނަމަ،އެ ކަމަށް ކުރަންޖެހޭ ހަރަދުތައް ކުރާނީ މިނިސްޓްރީންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ލޭންޑް އޭރިއާ ރަޖިސްޓަރީ ކުރުމަށްފަހު ކުލި ދައްކަންވާނީ، ރަޖިސްޓަރީކުރެވޭ ތާރީހުން ފެށިގެން، ފަހުން ރަޖިސްޓަރީކުރި ލޭންޑް އޭރިޔާއަށް ބިނާކޮށެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލޭންޑް އޭރިއާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބެލެވޭނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން އައު ލޭންޑް އޭރިއާ ރަޖިސްޓަރީކުރިކަން ބަޔާންކޮށް ރަށް ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ ފަރާތަށް ލިޔުމެއް ދޫކުރުމުންނެވެ.
(ކ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާގެ ސަބަބުން، އެ ބިމަކުން ސަރުކާރަށް ކުރިން ދައްކައިފައިވާ ކުލީގެ އަދަދު އިތުރުވި ނަމަވެސް ނުވަތަ މަދުވި ނަމަވެސް، ކުރިން ދައްކައިފައިވާ ކުއްޔަށް އުނި އިތުރެއް ނުގެނެވޭނެއެވެ.
5 ވަނަ މާއްދާ - ބިން ހިއްކުމުގެ ސަބަބުން ބިމަށް އަންނަ ބަދަލާ ގުޅިގެން ލޭންޑް އޭރިއާ ރިވިއު ކުރުން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ކަނޑައެޅޭ ލޭންޑް އޭރިއާ ރަޖިސްޓަރީކުރުމަށްފަހު، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (މ) އާއި، (ފ) އާއި (ދ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބިން އިތުރުކޮށްގެ ން ލޭންޑް އޭރިއާ ބޮޑުކޮށްފިނަމަ، އެ ބިމުގެ މުޅި ލޭންޑް އޭރިއާ ކަށަވަރުކުރާނީ، މުޅި ބިމުގެ ލޭންޑް ސަރވޭއެއް އަލުން ހަދައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން، ލޭންޑް އޭރިއާ ރިވިއު ކުރަން ބޭނުންވަނީ ކުއްޔަށްހިފި ފަރާތުން ކަމުގައި ވާނަމަ، ސަރވޭ ކުރަން ފެށުމުގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން، ރިވިއުކުރަން ބޭނުންވަނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައި ވާނަމަ، ކުއްޔަށްހިފި ފަރާތަށް އެކަން އަންގާ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ސަރވޭކޮށް ނިންމައި، ސަރވޭގެ ރިޕޯޓު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތުގައި ލޭންޑް ސަރވޭ ރިޕޯޓު މިނިސްޓްރީއަށް ހުށަނާޅާ ފަރާތްތަކާމެދު، މި ގަވާއިދުގެ 13 ވަނަ މާއްދާއާ އެއްގޮތަށް ފިޔަވަޅު އަޅަންވާނެއެވެ.
(ބ) މި މާއްދާއާ އެއްގޮތަށް ލޭންޑް އޭރިއާ ރިވިއު ކުރުމަށް ހިނގާ އެންމެހައި ހަރަދުތައް ކުރާނީ ކުއްޔަށް ހިފި ފަރާތުންނެވެ.
6 ވަނަ މާއްދާ - ލޭންޑް ސަރވޭ ރިޕޯޓު ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ބިމުގެ ބޮޑުމިން ކަނޑައަޅައި، ބިމުގެ އޭރިއާ މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ހަދަންޖެހޭ ލޭންޑް ސަރވޭގެ ރިޕޯޓުތައް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހުށަހެޅުމަކީ، ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ހިފައިފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ށ) ލޭންޑް ސަރވޭ ރިޕޯޓު ހުށަހަޅާނީ މިނިސްޓްރީއަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާއަކަށް ލޭންޑް ސަރވޭ ރިޕޯޓު ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) ލޭންޑް ސަރވޭ ރިޕޯޓު ތައްޔާރުކުރަންވާނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރަށްތަކުގެ ލޭންޑް ސަރވޭ ތައްޔާރުކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.
(ބ) މިނިސްޓްރީއަށް ލޭންޑް ސަރވޭ ރިޕޯޓު ހުށަހެޅުމުން، ލޭންޑް އޭރިއާ ރަޖިސްޓަރީކޮށްފައި ލިޔުން ދޫކުރުމުގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ މެދުވެރިކޮށް، އެ ރިޕޯޓަކީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަން، މިނިސްޓްރީން ކަށަވަރު ކުރަންވާނެއެވެ.
7 ވަނަ މާއްދާ - ވަކިވަކިން ހިއްކާ ބިންބިމުގެ ކުލި ނުވަތަ އެއް އެއްބަސްވުމެއްގައި ހިމެނޭ އެއް ރަށަށްވުރެ ގިނަ ރަށްތަކުގެ ކުލި ކަނޑައެޅުން
(ހ) ކުލީގެ އެއްބަސްވުމެއްގައި ހިމެނޭ ޖުމުލަ ސަރަހައްދުގައި ހިއްކޭ ވަކިވަކި ރަށްތައް ވެސް، ކުލި ހިސާބުކުރުމުގައި ބެލެވޭނީ އެއް ރަށެއްގެ ގޮތުގައެވެ.
(ށ) ރަށް ކުއްޔަށް ދޫކުރުމުގައި ވަކިވަކި ރަށްތަކެއް ކުލީގެ އެންމެ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާނަމަ، ކުލި ހިސާބުކުރުމުގައި ބެލެވޭނީ، އެއް ރަށެއްގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ވަކިވަކިން ރަށްތަކަށް ކުލި ހިސާބުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވާނަމަ، ކުލި ހިސާބުކުރުމުގައި އަމަލުކުރާނީ، ރަށް ކުއްޔަށް ދޫކުރުމަށް ހަދައިފައިވާ ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގެ 1-5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުލީގެ އެއް އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ހިމެނޭ ދެ ރަށެއް ވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި ކުލީގެ ވަކި އެއްބަސްވުންތައް އެކުލަވައިލުމުން، އެފަދަ ރަށްތަކުގެ ކުލި ހިސާބުކުރުމުގައި އެ ރަށްތަކަކީ ވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެއެވެ.
8 ވަނަ މާއްދާ - ކުލި ދެއްކުން
(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ރަށްރަށާއި، ބިންބިމާއި ފަޅުތަކުގެ ކުލި ސަރުކާރަށް ދައްކާނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ، ސަރުކާރުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު އެމެރިކާ ޑޮލަރުންނެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި އަހަރު ގުނަން ފަށާނީ ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށެވެ.
(ރ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުން ސަރުކާރަށް ކުލި ދައްކަމުން ގެންދާނީ، ކޮންމެ އަހަރަކު ދައްކަންޖެހޭ ކުލި، ހަތަރު ބަޔަށް (ކުއާޓަރަށް) ބަހައިލައިގެންނެވެ. އަދި ކޮންމެ ކުއާޓަރެއްގެ ކުލި، އެ ކުއާޓަރެއް ފެށޭ ދުވަހުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭނެއެވެ.
(ބ) 1 ޖަނަވަރީ 2021 ގައި ފެށޭ ކުއާޓަރުގެ ކުލީގެ ގޮތުގައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރު މިންވަރެއް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ހިފައިފައިވާ ފަރާތަކުން ދައްކައިފައިވާނަމަ، ޖެހިގެން އަންނަ ކުއާޓަރުތަކުގެ ކުލިން އަޅައި ކަނޑައިދޭންވާނެއެވެ.
(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އަލަށް ކުލި ދައްކަންޖެހޭ ތަނަކުން، ނުވަތަ ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތަނަކުން، ނުވަތަ ކުލީގެ އެއްބަސްވުން ބާތިލުވެފައިވާ ތަނަކުން، ނުވަތަ އެ ތަނެއްގެ ލޭންޑް އޭރިއާ ބަދަލުވެފައިވާ ތަނަކުން ކުއާޓަރެއްގެ ބަޔަކަށް ކުލި ދައްކަން ޖެހިއްޖެނަމަ، އެ ފަހަރު ދައްކަންޖެހޭ ކުލީގެ އަދަދު ހިސާބުކުރާނީ ތިރީގައިވާ އުސޫލުގެ މަތީންނެވެ.
އަހަރަކަށް ޖެހޭ ކުލި، 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) އިން ގެއްލުމުން އަންނަ އަދަދު، ކުލި ދައްކަން ފަށަންޖެހޭ ކުއާޓަރުގެ ކުލި ދައްކަންޖެހޭ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން އަންނަ އަދަދު.
ANNUAL RENT /365 X NO.OF EFFECTIVE DAYS IN
THE QUARTER
(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް އަލަށް ކުލި ދައްކަންޖެހޭ ތަނަކުން ނުވަތަ ތަނެއްގެ ލޭންޑް އޭރިއާ ބަދަލުވެފައިވާ ތަނަކުން ދައްކަންޖެހޭ ކުލި ދެއްކުމަށް އެ ކުލި ހިނގަން ފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ޖޫރިމަނާ ހިނގަން ފަށާނީ، މި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ފަހުގައެވެ.
(އ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ޑ) ގެ ދަށުން އަލުން ހިސާބުކުރެވޭ ކުލި ދެއްކުމުގައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
- ބިމު ކުލި އަލުން ހިސާބުކުރެވޭ ހާލަތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް ކުރިން ދައްކައިފައިވާ ކުލި، އަލުން ހިސާބުކުރެވޭ އަދަދަށް ވުރެ ކުޑަނަމަ، ކުރިން ދައްކައިފައިވާ ކުލީގެ އިތުރުން ދައްކަންޖެހޭ އަދަދަށް އިތުރުވާ މިންވަރު 5 (ފަހެއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް، ހަމަހަމައަށް ކުއާޓަރލީ ޕޭމަންޓްތަކަކަށް ބަހައިލައިގެން ދައްކަންވާނެއެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ޖޫރިމަނާ ހިނގަން ފަށާނީ، އެ މުއްދަތުގެ ތެރޭގައި އެ ކުލި ނުދައްކައިފިނަމައެވެ.
- އެ ތަނަކާ ގުޅޭ ގޮތުން ކުރިން ދައްކައިފައިވާ ކުލި އަލުން ހިސާބުކުރެވޭ އަދަދަށްވުރެ ބޮޑުނަމަ، ކުލީގެ ގޮތުގައި އަލުން ދައްކަންޖެހޭ އަދަދުން މަދުވާ މިންވަރު، ކުރިޔަށް އަންނަ ކުއާޓަރުތަކުގެ ކުލިން އުނިކޮށްދޭންވާނެއެވެ.
9 ވަނަ މާއްދާ - ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރުން
(ހ) ޓޫރިސްޓް ރިޒޯޓަކުން، ނުވަތަ ޓޫރިސްޓް ހޮޓަލަކުން، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހާ ހަމަޔަށް ކުލި ނުދައްކައިފިނަމަ، ކުލީގެ ފައިސާ ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ދައްކަންޖެހޭ ކުލީގެ %493 0.0 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ރަށެއްގެ ނުވަތަ އެ ފަޅެއްގެ ނުވަތަ އެ ބިމެއްގެ ކުލީގެ އެއްބަސްވުމުގައި އެއަށްވުރެ ބޮޑު މިންވަރެއް ޖޫރިމަނާގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، 29 ޖުލައި 2019 އިން ފެށިގެން ޖޫރިމަނާ ހިސާބުކުރާނީ %493 0.0 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ނިސްބަތުންނެވެ.
(ށ) ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ފަޅެއްގެ ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުން ސަރުކާރުން ނުވަތަ ކުއްޔަށް ހިފައިފައިވާ ފަރާތުން އެދިގެން ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ، ކުލީގެ އެއްބަސްވުން ބާތިލުކުރާ ދުވަހުން ފެށިގެން، ކުލި ނުދައްކައި ހިނގާ މުއްދަތަށް ދައްކާކަށް ނުޖެހޭނެއެވެ.
(ނ) ގަވާއިދު ނަންބަރު 2020-60 (ގަވާއިދު ނަންބަރު 2010-20 ،ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދު ނަންބަރު 2010-20 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) ގެ ދަށުން ކުލި ނުދެއްކުމުން ޖޫރިމަނާ ހިނގައިފައިވާ މުއްދަތަށް ވެސް،ދުވާލަކަށް %493 0.0 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ މަގުން ޖޫރިމަނާ އަލުން ހިސާބުކޮށް ، އެ މިންވަރަށްވުރެ އިތުރަށް އަރައިފައިވާ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގެ 1-11.07 (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް، އަންނަނިވި ފަރާތްތަކަށް މާފުކޮށްދެވޭނެއެވެ.
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން ނުވަތަ ބިންބިމުގެ ތެރެއިން ނުވަތަ ފަޅުތަކުގެ ތެރެއިން ހަދައި ނިމި ހިންގަން ފަށައިފައި ނުވާ ތަންތަނުގެ ތެރެއިން، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގައި އެ ތަންތަނުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް ހުށަހެޅުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތްތައް؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން،ނުވަތަ ބިންބިމުގެ ތެރެއިން ، ނުވަތަ ފަޅުތަކުގެ ތެރެއިން، ހަދައި ނިމި،ހިންގަން ފަށައިފައިވާ ތަންތަން.
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން،ނުވަތަ ބިންބިމުގެ ތެރެއިން، ނުވަތަ ފަޅުތަކުގެ ތެރެއިން، ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ތަންތަން.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 29 ޖުލައި 2019 ގެ ކުރިން ޖޫރިމަނާގެ ގޮތުގައި ދައްކައިފައިވާ އެއްވެސް ފައިސާއެއްގެ ޖޫރިމަނާ އަލުން ހިސާބުކުރުމަށްފަހު، އެއްވެސް ސިފައެއްގައި އެ ޖޫރިމަނާ ދައްކައިފައިވާ ފަރާތަށް އަނބުރާ ނުދެވޭނެއެވެ.
10 ވަނަ މާއްދާ - އެޑްވާންސްކޮށް ދައްކައިފައިވާ ކުއްޔާމެދު އަމަލުކުރާނެ ގޮތް
(ހ) އެޑްވާންސްކޮށް އެއްވެސް ކުއްޔެއް ދައްކައިފައިވާނަމަ، އެ ރަށެއް، ނުވަތަ ބިމެއް ،ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުމާ އެއްގޮތަށް، އެ އެޑްވާންސް ކުލި، އެ ތަނަކާ ގުޅިގެން، މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލިން އުނިކުރަމުން ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެޑްވާންސް ކުލި އުނިކުރާނެ ގޮތެއް ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ އެޑްވާންސް ކުލި އުނިކުރުމާމެދު ހިލާފެއް އުފެދިއްޖެނަމަ، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރެއިން ބާކީ އޮތް މުއްދަތުގައި ކޮންމެ އަހަރަކަށް 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމައަށް އެޑްވާންސް ކުލި ބަހައިލައިގެން ، އެ ކުއާޓަރަކަށް، މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ކުލިން އުނިކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެ ގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުން، އެޑްވާންސްކޮށް ދައްކައިފައިވާ ކުއްޔާ ގުޅޭގޮތުން ރަށް ނުވަތަ ބިން ނުވަތަ ފަޅު
ކުއްޔަށް ހިފައިފައިވާ ފަރާތުން ވަކިގޮތަކަށް ސަރުކާރާ އެއްބަސްވާނަމަ، އެ ކުއްޔާމެދު އެއްބަސްވާ ގޮތުގެ މަތީން އަމަލު ކުރެވިދާނެއެވެ.
11 ވަނަ މާއްދާ - ކުލި ދެއްކުން ފަސްކޮށްދިނުން
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ، ނުވަތަ ފަޅެއްގެ، ނުވަތަ ބިމެއްގެ ކުއްޔާއި ޖޫރިމަނާ ދެއްކުން ފަސްކޮށްދިނުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ފަޅެއްގެ ނުވަތަ ބިމެއްގެ ކުލި ދެއްކުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ފަސްކޮށްދެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- ހާއްސަ ހާލަތްތަކާ ގުޅިގެން؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ތަރައްގީކޮށް ނިންމުމަށް ދޭ މުއްދަތު ހަމަވާއިރު، އެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ތަރައްގީކޮށް ނިމިފައި ނުވާނަމަ، ތަރައްގީ ކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ތަރައްގީ ކޮށްފައިވާ، ފަތުރުވެރީންނަށް ހިދުމަތްދޭ ތަން މަރާމާތުކުރުމަށް ބަންދުކުރުމާ ގުޅިގެން؛
- ރާއްޖޭގެ ވަކި ސަރަހައްދެއްގެ އިގްތިސާދު ކުރިއެރުވުމަށް ނުވަތަ ވަކި ސަރަހައްދަކަށް ވިޔަފާރީގެ ގޮތުން ދިމާވެފައިވާ ގޮންޖެހުމަކާ ގުޅިގެން އެ ސަރަހައްދެއްގައި ހިންގަމުންގެންދާ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ވިޔަފާރިއަށް ރިއާޔަތްކޮށް އެ ތަންތަނުގެ ފަރާތުން ކުލި ފަސްކޮށްދިނުމަށް އެދޭ ހާލަތުގައި.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ހާއްސަ ހާލަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ ކުލި ފަސްކޮށްދިނުމުގައި އަންނަނިވި ފަދައިން އަމަލުކުރަންވާނެއެވެ.
- ހާއްސަ ހާލަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްފައިވާ އަސަރަށް ރިއާޔަތް ކުރަންވާނެއެވެ.
- ކުލި ފަސްކޮށްދިނުމުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ އެންމެހައި ރަށްރަށާއި، ފަޅުފަޅާއި، ބިންބިމުގެ މައްޗަށް އެއް އުސޫލަކުން އަމަލުކުރަންވާނެއެވެ.
- ކުލި ފަސްކޮށްދިނުމުގައި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގެ 1-11.07 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ކުލީގެ އެއްބަސްވުންތަކަށް އިސްލާހު ގެނައުމަކާ ނުލައި ކުރެވޭ އާންމު އިއުލާނަކުން ވެސް މިފަދައިން ކުލި ފަސްކޮށްދެވިދާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ފަސްކޮށްދޭނެ ކުލީގެ މިންވަރާއި، ކުލި ފަސްކޮށްދޭނެ މުއްދަތު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކުލި ފަސްކޮށްދޭނީ، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އާ އެއްގޮތަށެވެ.
(ޅ) މި މާއްދާގެ ބޭނުމަށް "ހާއްސަ ހާލަތްތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން، ނުވަތަ ގާނޫނު ނަންބަރު 2002-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ.
12 ވަނަ މާއްދާ - ކުލި ބަލައިގަތުމާއި ގަވާއިދު ތަންފީޒުކުރުން
(ހ) މި ގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި، ޔޮޓް ބަނދަރާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓާއި، ޕްރައިވެޓް އައިލެންޑްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އަދަދު ޓޫރިޒަމާބެހޭ މިނިސްޓްރީން ފޯރުކޮށްދޭ ލޭންޑް އޭރިއާއަށް ބިނާކޮށް ހިސާބުކޮށް، ކުލި ބަލައިގަނެ، ކުލި ނުވަތަ ޖޫރިމަނާ ނުވަތަ އިންޓަރެސްޓް ނުދައްކައިފިނަމަ ފޮނުވަންޖެހޭ ނޯޓިސް ކުއްޔަށް ހިފައިފައިވާ ފަރާތަށް ފޮނުވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، މި ގަވާއިދު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ އަދި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި ބަލައިގަނެ، ކުލި ނުދެއްކުމާ ގުޅޭގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ، އެ ބިމެއްގެ މައްޗަށް އިހްތިސާސް ހިނގާ ކައުންސިލަކުންނެވެ.
13 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ލޭންޑް އޭރިއާ ރަޖިސްޓަރީ ނުކޮށްފިނަމަ،ލޭންޑް އޭރިއާ ރަޖިސްޓަރީ ނުކުރާ ފަރާތްތައް، އަންނަނިވި ގޮތަށް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްނަމަ، 100،000 (އެއްލައްކަ) ދިވެހި ރުފިޔާއިން؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅެއްނަމަ، 100،000 (އެއްލައްކަ) ދިވެހި ރުފިޔާއިން؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ފަޅު ރަށްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމެއްނަމަ، 50،000 (ފަންސާސްހާސް) ދިވެހި ރުފިޔާއިން؛
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން،މީހުން ދިރިއުޅޭ ރަށްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމެއްނަމަ، ގަވާއިދާ ހިލާފުވި ހާލަތާއި ގޮތަށް ރިއާޔަތްކޮށް، 50،000 (ފަންސާސްހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން.
(ށ) މިނިސްޓްރީގެ ހުއްދައަކާ ނުލައި ބިން އިތުރުކޮށްފިނަމަ، 100،000 (އެއްލައްކަ) ދިވެހި ރުފިޔާއިން އެ ތަނެއް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތި ރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭގޮތަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.
(ނ) "ލޭންޑް އޭރިޔާ" ކަމަށް ބުނެފައި އެވަނީ، ރަށެއް ނަމަ، ހިކިފަސްތަން ހިމެނޭ ހިސާބުކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ "މީން ޓައިޑްލައިން" އިން ފެށިގެން އެތެރޭގައިވާ ސަރަހައްދަށެވެ. އަދި ރަށެއްގެ ބައެއް ނަމަ ނުވަތަ ބިމެއް ނަމަ، އެ ބިމެއްގެ ކަނޑައަޅައިފައިވާ އިމުން ފެށިގެން އެތެރޭގެ ސަރަހައްދަށެވެ.
(ރ) "މީން ޓައިޑްލައިން" ކަމަށް ބުނެފައި އެވަނީ، ބޮޑުދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ހައި ޓައިޑްލައިން" އަދި ހިކި ދިޔައިގައި ރަށެއްގެ ބިމުގެ ބޮޑުމިން ބެލޭ "ލޯ ޓައިޑްލައިން" ގެ އެވަރެޖުގެ މައްޗަށް ހިސާބުކުރެވޭ ބިމުގެ ބޮޑުމިނުގެ މިންގަނޑެވެ.
(ބ) "ސައިޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް، އެ މަށްރޫއަކާ ގުޅިގެން ތަރައްގީކުރާ އިމާރާތްތައް އަތުރައިލެވިފައިވާ ގޮތް ދައްކުވައިދޭ ސްކޭލަށް ކުރަހައިފައިވާ ޕްލޭނަށެވެ.
15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 23 ޑިސެންބަރު 2021 ގައި އަމަލުކުރަން ފެށުނު، ގަވާއިދު ނަންބަރު 2021-171 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) އުވުނީއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދައްކަމުންއައި ކުލި ދެއްކުން، ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފައިފައިވާ އެއްވެސް ފަރާތަކަށް ފަސްކޮށްދީފައިވާނަމަ، ކުލި ދެއްކުން ފަސްކުރުމަށް ކޮށްފައިވާ އެގްރިމަންޓުގައި ނުވަތަ ކުލި ފަސްކޮށްދީފައިވަނީ އާންމު އިއުލާނަކުންނަމަ، އެ އިއުލާނެއްގައި ކަނޑައަޅައިފައިވާ ގޮތަށް އެ ކުލި ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް، ގަވާއިދު ނަންބަރު 2010-20 (ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދު) އުވައިލި ނަމަވެސް، އެ ގަވާއިދުގެ ދަށުން 1 ޖަނަވަރީ 2021 ގެ ކުރިން ދައްކަންޖެހޭ ކުއްޔާ ގުޅިގެން އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި އަދާކުރަންޖެހޭ އެހެނިހެން އިލްތިޒާމުތައް މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ދެމިއޮންނާނެއެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
އުވުނު ގަވާއިދު
ކިޔުންތެރިންގެ ހިޔާލު