ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު
(ގަވާއިދު ނަންބަރު 2020-43)
1 ވަނަ މާއްދާ - ތައާރުފާއި ނަން
މިއީ ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރާއި، އެ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަ ދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ފުރިހަމަ ގޮތުގައި ގާނޫނުގެ 68 ވަނަ މާއްދާ ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި، އެ މާއްދާ އެ ފަރާތްތަކެއްގެ މައްޗަށް ހިނގާ ފަރާތްތަކުން އަމަލުކުރަންވާނެ ގޮތް ކަނޑައެޅުމާއި، އެ މާއްދާގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރުން
ގާނޫނުގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން، ނުވަތަ ފަރާތްތަކާ ގުޅޭގޮތުން، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި ހިމަނަންވާނެއެވެ.
- ގާނޫނުގެ 68 ވަނަ މާއްދާ ރައްދުވާ މުއާމަލާތް ނުވަތަ އިންތިޒާމު؛
- މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ މުއާމަލާތް ނުވަތަ އިންތިޒާމު ރައްދުވާ ފަރާތް؛
- މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ މުއާމަލާތް ނުވަތަ އިންތިޒާމު ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕު.
(ށ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކޮށް ނިމުނު ތާރީހު، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި ބަޔާންކުރަންވާނެއެވެ.
(ނ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.
(ރ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ނިސްބަތްވާ ހިސާބުކުރާ މުއްދަތު، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭ ށަންގައި ބަޔާންކުރަންވާނެއެވެ.
4 ވަނަ މާއްދާ - ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްދުވާ ފަރާތަކުން "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ތައްޔާރުކޮށްފައިވާނަމަ، މި ގަވާއިދުގައި "ސަބްޖެކްޓް ޓްރާންޒެކްށަން" އެއް ކަމުގައި ބުނެފައިވާ މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން އެ ފަރާތަކުން ތައްޔާރުކުރާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި އަންނަނިވި ހުރިހައި ށަރުތެއް ފުރިހަމަވާންވާނެއެވެ.
- މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުން؛ އަދި
- ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން އެ ފަރާތުން ތައްޔާރުކޮށްފައިވާ ކަމަށް ބަޔާންކޮށް އިގުރާރެއް ހިމެނުމާއެކު، އެ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގެ ކޮޕީއެއް ހިމަނައިފައިވުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިގުރާރަކީ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަނެއް ނޫނެވެ.
5 ވަނަ މާއްދާ - ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން މާނަކުރުން
(ހ) މި ގަވާއިދުގައި "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ކަމުގައި ބުނެފައި އެވަނީ، ރައްދުވާ ފަރާތަކުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރާ މުއާމަލާތް (ސަބްޖެކްޓް ޓްރާންޒެކްށަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތަށް މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއަށެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފައިބެ ހިސާބުކުރާ މުއްދަތަށް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކޮށްފައި ނުވާނަމަ،ނުވަތަ ފައިބެ ހިސާބުކުރާ މުއްދަތަށް ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން އެއްވެސް ށަރުތެއް ފުރިހަމަ ނުވާނަމަ، "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ކަމުގައި ބުނެފައި އެވަނީ، ރައްދުވާ ފަރާތަކުން، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރާ މުއާމަލާތް (ސަބްޖެކްޓް ޓްރާންޒެކްށަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ވިދިގެން ނިމުނު ހިސާބުކުރާ މުއްދަތަށް މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއަށެވެ.
(ރ) މި މާއްދާގެ (ނ) ރައްދުވާ ހާލަތުގައި ވެސް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
6 ވަނަ މާއްދާ - ކޮލިފައިން ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގެ ށަރުތުތައް
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށްފައި ހުރުން؛
(ށ) އެ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރެވުނު މުއާމަލާތަކީ، ސަބްޖެކްޓް ޓްރާންޒެކްށަންއާ އެއް ބާވަތެއްގެ މުއާމަލާތެއް ނުވަތަ އިންތިޒާމެއް ކަމުގައި ވުން؛
(ނ) އެ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ބަޔާންކޮށްފައިވާ މައުލޫމާތަކީ، ސަބްޖެކްޓް ޓްރާންޒެކްށަންއާ ގުޅިގެން ތިރީގައިވާ ކަންކަމުގައި ބަޔާންކުރާނެ މައުލޫމާތުކަމުގައި ވާންވާނެއެވެ.
- ދެ ފަރާތުގެ ދެމެދުގައިވާ މާލީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް؛
- ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމާއި، ކަނޑައަޅައިފައިވާ ށަރުތުތައް؛
- މުއާމަލާތުގައި ނުވަތަ އިންތިޒާމުގައި ބޭނުންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑްތައް؛
- މުއާމަލާތުގައި ނުވަތަ އިންތިޒާމުގައި ބޭނުންކޮށްފައިވާ، ގާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި މާނަކޮށްދީފައިވާ އާމްސް ލެންތުގެ އުސޫލުތައް.
7 ވަނަ މާއްދާ - އިސްތިސްނާތައް
އަންނަނިވި ހާލަތްތަކުގައި، ރައްދުވާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރަން ލާޒިމެއް ނޫނެވެ.
(ހ) އެ މުއާމަލާތަކީ ނުވަތަ އިންތިޒާމަކީ އަންނަނިވި ހުރިހައި ށަރުތުތައް ހަމަވާ މުއާމަލާތަކަށް ނުވަތަ އިންތިޒާމަކަށްވުން:
- ރައްދުވާ ފަރާތަކީ، އަންނަނިވި މުއްދަތުތަކުގައި، ގާނޫނު ނަންބަރު 2013-06 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރެވޭ ފަރާތެއް ކަމުގައި ވުން؛
(i) އެ މުއާމަލާތް ނިސްބަތްވާ ހިސާބުކުރާ މުއްދަތު؛
(ii) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ފެށުމުގެ ކުރިން ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތު (މީގެ ފަހުން ފައިބެ ހިސާބުކުރާ މުއްދަތު)؛
(iii) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ފެށުމުގެ ކުރިން ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތު (މީގެ ފަހުން ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ފާއިތުވެދިޔަ ހިސާބުކުރާ މުއްދަތު). - ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން، އަންނަނިވި ކޮންމެ މުއްދަތަކަށް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރަން ޖެހުން؛
(i) ފައިބެ ހިސާބުކުރާ މުއްދަތު؛
(ii) ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ފާއިތުވެދިޔަ ހިސާބުކުރާ މުއްދަތު.
(ށ) ލޯނުގެ މުއާމަލާތަކަށް ނުވާ، އަދި އަންނަނިވި ހުރިހައި ށަރުތުތައް ފުރިހަމަވާ މުއާމަލާތަކަށް ވުން؛
- މުއާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛
- މުއާމަލާތުގެ ބައިވެރިންގެ ތެރެއިން ފުރަތަމަ ފަރާތަށް އެ މުއާމަލާތުން ލިބޭ އާމްދަނީއަކީ، ގާނޫނުގެ ދަށުން ޓެކްސް ނަގާ އާމްދަނީއެއް ކަމުގައިވުން؛
- ދެވަނަ ފަރާތުން ފުރަތަމަ ފަރާތަށް ދައްކާ ފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާ، ދެވަނަ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވެނީ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާމްދަނީން ފުރަތަމަ ފަރާތުން ޓެކްސް ދައްކަންޖެހޭ ރޭޓުގައި ދެވަނަ ފަރާތުން ޓެކްސް ދައްކަންޖެހޭ އާމްދަނީން އެކަނި ކަމުގައި ވުން؛
(ނ) ލޯނުގެ މުއާމަލާތަކަށް ނުވާ، އަދި އަންނަނިވި ހުރިހައި ށަރުތުތައް ފުރިހަމަވާ މުއާމަލާތަކަށް ވުން؛
- މުއާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛
- މުއާމަލާތުގެ ބައިވެރިންގެ ތެރެއިން ފުރަތަމަ ފަރާތަށް، އެ މުއާމަލާތުން ލިބޭ އާމްދަނީއަކީ ގާނޫނުގެ ދަށުން އިސްތިސްނާ އާމްދަނީ ކަމުގައި ކަނޑައަޅައިފައިވާ އާމްދަނީއަކަށް ވުން؛
- ދެވަނަ ފަރާތުން ފުރަތަމަ ފަރާތަށް ދައްކާ ފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކީ ދެވަނަ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިނުކުރެވޭ އަދަދެއް ކަމުގައި ވުން، ނުވަތަ އުނިކުރެވޭނީ ދެވަނަ ފަރާތަށް ލިބޭ އިސްތިސްނާ އާމްދަނީއަކުން އެކަނި ކަމުގައި ވުން؛
(ރ) މުއާމަލާތަކީ، ގުޅުންހުރި ފަރާތަކަށް ދީފައިވާ، ނުވަތަ ގުޅުންހުރި ފަރާތަކުން ނަގައިފައިވާ އަންނަނިވި ހުރިހައި ށަރުތުތައް ފުރިހަމަވާ ލޯނުގެ މުއާމަލާތަކަށްވުން؛
- މުއާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛
- ލޯނު ދޭ ފަރާތަކީ ދިވެހިރާއްޖޭގައި "ބޮރޮވިންގ އެންޑް ލެންޑިންގ" ގެ ވިޔަފާރިކުރާ ފަރާތެއްކަމުގައި ނުވުން؛
(ބ) ލޯނު ދޫކުރި ނުވަތަ ލޯނު ނެގި އަހަރުގެ "އިންޑިކެޓިވް މާޖިން ރޭޓް" ބޭނުންކުރުމަށް މުއާމަލާތުގެ ބައިވެރިން އެއްބަސްވާ އަދި ލޯނުގެ މިންވަރު 15،000،000 (ފަނަރަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާ ލޯނުގެ މުއާމަލާތަކަށް ވުން؛
(ޅ) މުއާމަލާތަކީ، އާންމުކޮށް ދޭ ސަޕޯޓް ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ، އަދި އަންނަނިވި ހުރިހާ ށަރުތުތަކެއް ފުރިހަމަވާ މުއާމަލާތަކަށް ވުން؛
- ހިދުމަތް ދިނުމަށް ހިނގި ހަރަދަށް އިތުރުކުރެވިފައިވަނީ %5 (ފަހެއް އިންސައްތަ) ގެ "މާކް-އަޕެއް" ކަމުގައި ވުން؛
- އެ ހިދުމަތަކީ، ހަމައެކަނި އެ ހިދުމަތް ފޯރުވައިދޭ ފަރާތް ނިސްބަތްވާ ގުރޫޕުގައި ހިމެނޭ ފަރާތްތަކަށް އެކަނި ފޯރުކޮށްދޭ ހިދުމަތަކަށް ވުން؛
(ކ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ރ) ނުވަތަ (ބ) ނުވަތަ (ޅ) ރައްދުވާ މުއާމަލާތްތައް ފިޔަވައި، ގުޅުންހުރި ފަރާތްތަކާއެކު ޓެކްސް އަހަރުގައި ކޮށްފައިވާ އެންމެހައި މުއާމަލާތްތަކުގެ ޖުމްލަ، 5،000،000 (ފަސް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވުން؛
8 ވަނަ މާއްދާ - މާނަކުރުންތައް
މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާހައި ހިނދަކު:
(ހ) "އިންޑިކެޓިވް މާޖިން" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ ލޯނުގެ މުއާމަލާތްތަކުގެ އިންޓްރެސްޓް ކަނޑައެޅުމުގައި ބޭނުންކުރުމަށް، މީރާގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ އިންޑިކެޓިވް މާޖިންއަށެވެ.
(ށ) "ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރަންޖެހޭ ފަރާތަށެވެ.
(ނ) "ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތައް ވެސް ހިމެނޭ ގޮތުން، ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ ގުރޫޕަކަށެވެ.
- ރައްދުވާ ފަރާތް؛
- ރައްދުވާ ފަރާތަކީ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕްގެ ޕާޓްނަރުން؛
- ރައްދުވާ ފަރާތަކީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ޓްރަސްޓީން؛
(ރ) "އާންމުކޮށް ދޭ ސަޕޯޓް ހިދުމަތް" ތަކަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ،އަދި އެ ފަރާތުގެ މައިގަނޑު ވިޔަފާރީގެ ބައެއްކަމުގައި ނުހިމެނޭ، "ސަޕޯޓިވް ނޭޗަރ" ގެ ހިދުމަތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކެވެ.
- އެ ހިދުމަތް ފޯރުވައިދިނުމަށް ހާއްސަ މުދަލެއް ނުވަތަ އަގުހުރި އައިރު މާއްދީ މުދަލެއް ބޭނުންކުރަން ނުޖެހުން އަދި އެ ހިދުމަތުގެ ސަބަބުން އެފަދަ އައިރު މާއްދީ މުދަލެއް އުފެދިގެން ނުދިއުން؛ އަދި
- ރައްދުވާ ފަރާތުން ސިގްނިފިކަންޓް ރިސްކެއް ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން އަދި އެފަދަ ރިސްކެއް ކޮންޓްރޯލްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން.
(ބ) "ޓްރާންސްފަރ ޕްރައިސިންގ މެތަޑް" ކަމަށް ބުނެފައި އެވަނީ، އާމްސް ލެންތު އަގު ކަނޑައެޅުމަށް ބޭނުންކުރާ އަންނަނިވި މެތަޑްތަކުގެ ތެރެއިން މެތަޑަކަށެވެ.
- "ކޮމްޕްރަބަލް އަންކޮންޓްރޯލްޑް ޕްރައިސް (ކަޕް) މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިން އަގު، އަޅައިކިއޭ ހާލަތެއްގައި އެކަމަކު ކޮންޓްރޯލް ނެތް މުއާމަލާތެއްގައި ދެވޭނެ އަގާ އަޅާކިއާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް؛
- "ކޯސްޓް ޕްލަސް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، މުދަލެއް ނުވަތަ ހިދުމަތެއް ދިނުމަށް ހިނގި ހަރަދުތަކުގެ މައުލޫމާތު ބޭނުންކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ފަންކްށަންތަކާއި މާކެޓް ކަންޑިށަންތަކަށް ބިނާކޮށް (ބޭނުންކުރި އެސެޓްތަކާއި ނެގި ރިސްކްތަކަށް ބަލައިގެން) އެކަށީގެންވާ ފައިދާއެއް އިތުރުކުރާނީ ހިނގި ހަރަދަށް މިންވަރެއް (މާކް-އަޕް) އިތުރުކޮށްގެންނެވެ. ކޮންޓްރޯލް އޮތް މުއާމަލާތަކަށް، މިގޮތަށް މިންވަރެއް އިތުރުކޮށްގެން އަންނަ އަދަދަކީ، އެ މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
- "ރީސޭލް ޕްރައިސް މެތަޑް": ގުޅުންހުރި ފަރާތެއްގެ އަތުން ގަތް މުދަލެއް، ގުޅުން ނެތް ފަރާތަކަށް ވިއްކާ އަގު އަސާސްއަކަށް ބަލާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ގުޅުން ނެތް ފަރާތަށް ވިއްކާ އަގުން، "ރީސޭލް ޕްރައިސް މާޖިން " އަދި އެ މުދަލެއް ގަތުމަށް ހިނގި އެހެނިހެން ހަރަދުތައް (މިސާލަކަށް، ކަސްޓަމް ޑިއުޓީ) އުނިކުރުމުން އޮންނަ އަދަދަކީ، ގުޅުންހުރި ފަރާތުން އެ މުދަލެއް ގަތުމަށް ކުރި މުއާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.
- "ޕްރޮފިޓް ސްޕްލިޓް މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި،ގުޅުންހުރި ފަރާތްތަކުގެ މެދުގައި ބަހައިލާނެ ޖުމްލަ ފައިދާ ކަނޑައަޅައި، އަދި އިގްތިސާދީގޮތުން އެކަށީގެންވާ އަސާސަކަށް ބިނާކޮށް (އާމްސް ލެންތު އެއްބަސްވުމެއްގައި ވެސް އެ ފައިދާ ބެހުމަށް ކަނޑައަޅާނެ މިންވަރުކަމަށް އަންދާޒާކުރެވޭ މިންވަރަށް) އެ ފައިދާ ބަހައިލެވޭ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
- "ޓްރާންޒެކްށަނަލް ނެޓް މާޖިން މެތަޑް": ކޮންޓްރޯލް އޮތް މުއާމަލާތެއްގައި، އެކަށީގެންވާ އަސާސަކަށް ބިނާކޮށް (މިސާލަކަށް، ހަރަދު، ސޭލްސް، އެސެޓްތައް)، ޓެކްސް ދައްކާ ފަރާތަށް ލިބޭ ނެޓް ޕްރޮފިޓް މާޖިން ބަލާ ޓްރާންޒެކްށަނަލް ޕްރޮފިޓް މެތަޑް.
- "އަދަރ ސަޗް މެތަޑް": ދެއްކި އަގު ނުވަތަ ދައްކަންޖެހޭ އަގު، ގުޅުން ނެތް ފަރާތްތަކެއްގެ މެދުގައި ހަމަ އެފަދަ ހާލަތެއްގައި، ރިއާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ މުއާމަލާތެއްގައި ދައްކާނެ ނުވަތަ ދައްކަންޖެހޭނެ އަގަށް ރިއާޔަތް ކުރެވޭ، މީރާއިން ހުއްދަކުރާ ކޮންމެ މެތަޑެއް.
9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1 :އާންމުކޮށް ދޭ ސަޕޯޓް ހިދުމަތްތައް
އެކައުންޓިންގ އެންޑް އޮޑިޓިންގ
އެކައުންޓިންގގެ ރިކޯޑުތައް ބެލެހެއްޓުން، އެކައުންޓިންގގެ ރިކޯޑުތަކަށް ބިނާކޮށް މާލީ ހިސާބުތައް ތައްޔާރުކުރުން، ފައިނޭންށަލް ޑޭޓާ ރިކޮންސައިލްކުރުން، އެކައުންޓިންގ ރިކޯޑުތަކުގެ ސައްހަކަން ކަށަވަރުކުރުން، އޮޕަރޭށަނަލް ނުވަތަ ފައިނޭންށަލް އިންޓަރނަލް އޮޑިޓްކުރުން، ނުވަތަ މިފަދަ އެހެން ހިދުމަތެއް.
އެކައުންޓްސް ރިސީވަބްލް އެންޑް އެކައުންޓްސް ޕޭޔަބަލް
އެކައުންޓްސް ރިސީވަބްލް އަދި އެކައުންޓްސް ޕޭޔަބަލްގެ ޑޭޓާތައް އަ ޅައިކިޔުމާއި ސައްހަކަން ކަށަވަރުކުރުން، އޭޖިންގ، ބިލިންގ، ކަސްމަޓަރުން އަތުން ލިބެންޖެހޭ ފައިސާ ހޯދުން، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން، ތަކެތި ހޯދުން، ނުވަތަ މިފަދަ އެހެން ބޭނުމަކަށް އެކައުންޓްސް ރިސީވަބްލް އަދި އެކައުންޓްސް ޕޭޔަބަލްގެ ޑޭޓާތައް އަޅައިކިޔުމާއި ސައްހަކަން ކަށަވަރުކުރުން.
ބަޖެޓިންގ
ބަޖެޓް އަންދާޒާތަކަށް ނުވަތަ ބަޖެޓް ރިޕޯޓްތަކުގެ ބޭނުމަށް، ޑޭޓާ ކޮމްޕައިލް ކޮށްދިނުން.
ކޮމްޕިއުޓަރ ސަޕޯޓް
ކޮމްޕިއުޓަރ ހާޑްވެއަރ ނުވަތަ ކޮމްޕިއުޓަރ ސޮފްޓްވެއަރއާ ގުޅިގެން ދެވޭ ޓެކްނިކަލް ހިދުމަތް، އިންފޮމޭށަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ބަލަހައްޓައިދިނުން، ޓްރަބަލްށޫޓިންގ ހިދުމަތް، ނުވަތަ މިފަދަ އެހެން ހިދުމަތެއް.
ޑޭޓާބޭސް އެޑްމިނިސްޓްރޭށަން
ޑޭޓާ ސްޓޯރޭޖް ވެސް ހިމެނޭ ގޮތުން، ކޮމްޕިއުޓަރ ޑޭޓާބޭސްގެ ޖެނެރަލް މެއިންޓެނެންސް ހިދުމަތް (ޑޭޓާބޭސްގައި ހުރި ޑޭޓާ އެނަލައިޒްކޮށްދިނުން ނުހިމެނޭ ގޮތުން).
އެމްޕްލޯއީ ބެނިފިޓްސް އެޑްމިނިސްޓްރޭށަން
މުވައްޒަފުންގެ ސިއްހީ ކަންކަން، ލައިފް އިންށުއަރެންސް، ދަތުގެ ފަރުވާ، މުވައްޒަފުންގެ އުޖޫރައާ ގުޅޭ ކަންކަން ރާވައި ހިންގުން، ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާޔަތާއި މަންފާ ވެސް ހިމެނޭ ގޮތުން، މުވައްޒަފުންގެ އުޖޫރައާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން.
ޖެނެރަލް އެޑްމިނިސްޓްރޭށަން
ޑޭޓާ އެންޓްރީ، ޖެނެރަލް ޕަރޗޭސިންގ، ލިއެކިއުންތައް ފޮޓޯކޮޕީ ހެދުން ނުވަތަ ސްކޭން ކުރުން، އެޕޮއިންޓްމަންޓްތައް ރޭވުން، ލިޔެކިޔުންތައް ކޮމްޕިއުޓަރުން ލިއުން ނުވަތަ ފައިލްތައް ބެލެހެއްޓުން ފަދަ ކްލެރިކަލް ނުވަތަ އިދާރީ މަސައްކަތް.
ލީގަލް ސަރވިސް
އެ ތަނުގައި ވަޒީފާ އަދާކުރާ ގާނޫނީ މުވައްޒަފެއް މެދުވެރިކޮށް އާންމުކޮށް ދޭ ގާނޫނީ ހިދުމަތް.
ޕޭރޯލް
މުވައްޒަފުންނަށް ދޭންވާ އުޖޫރައިގެ އަދަދު ހިސާބުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް އޭގެ ސައްހަކަން ކަށަވަރުކުރުން، މުވައްޒަފުންނަށް ދޭންޖެހޭ ކޮމިށަންތަކާއި ރީއިމްބަރސް ކުރަންޖެހޭ އަދަދުތައް ހިސާބުކުރުން، މުސާރަ ޗެކް ތައްޔާރުކުރުން ނުވަތަ މުވައްޒަފުންގެ ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރުން.
ކޯޕަރޭޓް ކޮމިއުނިކޭށަންސް
ކޯޕަރޭޓް ޕޮލިސީތަކާ ގުޅޭ އެތެރެއާއި ބޭރުގެ މުވާސަލާތު ބެލެހެއްޓުން.
ސްޓާފިންގ އެންޑް ރެކްރޫޓިންގ
މުވައްޒަފުން ބޭނުންވާ މިންވަރާއި ކަންކަން މެނޭޖްކުރުން، މަސައްކަތުގެ ފެންވަރާ ގުޅޭ ކަންކަމާއި މުވައްޒަފުންގެ ވެލްފެއަރއާ ގުޅޭ ކަންކަން މެނޭޖްކުރުން، މުވައްޒަފުން ހޯދުމަށް އިއުލާނުކުރުމާއި، ކެންޑިޑޭޓުން ސްކްރީންކުރުން ފަދަ ރެކްރޫޓްމަންޓް ޕްލޭން އިމްޕްލިމެންޓްކުރުމުގެ މަސައްކަތްތައް.
ޓެކްސް
ޓެކްސް ހިސާބުކުރުމާއި ޓެކްސް ބަޔާނާއި ކްލެއިމް ފޯމް ތައްޔާރުކޮށްދިނުން، ޓެކްސް އިދާރާއަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށްދީ އެ ތަނަށް ހުށަހެޅުން، ނުވަތަ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޓެކްސް އިދާރާއާ ހަވާލުކުރުން.
ޓްރެއިނިންގ އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓް
މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
ޖަދުވަލު 2 :ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންގައި ހިމަނަންޖެހޭ މައުލޫމާތު
1. މާސްޓަރ ފައިލް
ހިސާބުކުރާ މުއްދަތާއި، އެ މުއްދަތާ ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް، ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުން ކުރާ ވިޔަފާރީގެ ބާވަތާއި، އެކި ގައުމުތަކުގައި ހިންގާ ވިޔަފާރި ހަރަކާތްތަކާއި، މައިގަނޑު ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކާއި، މުއާމަލާތް ހިނގާ ހިސާބުކުރާ މުއްދަތުގައި އާމްދަނީއާއި އިގްތިސާދީ ހަރަކާތްތަކުގެ ގްލޯބަލް އެލޮކޭށަންއާ ގުޅޭ ހުލާސާއެއް:
(ހ) އޯރގަނައިޒޭށަން ސްޓްރަކްޗަރ
ގުރޫޕުގައި ހިމެނޭ ފަރާތްތަކާއި، އެ ފަރާތްތައް ގާއިމުވެފައިވާ ތަންތަނާއި ގުރޫޕުގައި ހިމެނޭ ގުޅުންހުރި ފަރާތްތަކުގެ މެދުގައި، ގާނޫނީ ނުވަތަ މިލްކުވެރިކަމުގެ ސަބަބުން އޮތް ގުޅުންތައް ދައްކުވައިދޭ ޗާޓެއް؛
(ށ) ވިޔަފާރީގެ މައުލޫމާތު
އަންނަނިވި މައުލޫމާތުތައް ހިމެނޭ ގޮތުން، ހިސާބުކުރާ މުއްދަތުގައި ގުރޫޕުން ކުރާ ވިޔަފާރީގެ ބާވަތްތަކުގެ ތެރެއިން، ރައްދުވާ ފަރާތާ ރެލަވަންޓް ވިޔަފާރީގެ ބާވަތްތަކުގެ ތައާރަފެއް؛
- ގުރޫޕުގެ ވިޔަފާރިތަކާއި، އުފެއްދުންތަކާއި، ފޯރުވައިދޭ ހިދުމަތްތަކާއި، ޖިއޮގްރެފިކް މާކެޓްތަކުގެ މައުލޫމާތާއި، ވިޔަފާރީގެ މައިގަނޑު ވާދަވެރިން؛
- ވިޔަފާރިތަކާއި، އުފެއްދުންތަކާއި ފޯރުވައިދޭ ހިދުމަތްތަކުގެ ސަޕްލައި ޗެއިންތަކުގެ މައުލޫމާތު؛
- ގުރޫޕުގެ ވިޔަފާރި މޮޑެލްތަކާއި ސްޓްރެޓެޖީތައް؛
- ގުރޫޕުގެ "ބިޒްނަސް ޑްރައިވަރ" ތައް؛
- ގުރޫޕު އޮޕަރޭޓްކުރަމުންދާ އިންޑަސްޓްރީތަކާއި، މާކެޓްތަކާއި، ރެގިއުލޭޓަރީ އަދި އިގްތިސާދީ މާހައުލު؛
- ގުރޫޕުގައި ހިމެނޭ ކޮންމެ ފަރާތެއްގެ ވިޔަފާރި ހަރަކާތްތަކާއި، އެ ހަރަކާތްތަކުން ވެލިއު އިތުރުވާ މިންވަރު ދައްކުވައިދޭ ފަންކްށަނަލް އެނަލިސިސް (އެ ހަރަކާތްތަކުން އަދާކޮށްފައިވާ ފަންކްށަންތަކާއި،ބޭނުންކޮށްފައިވާ އެސެޓްތަކާއި، ނަގައިފައިވާ ރިސްކްތައް ހިމެނޭ ގޮތުން)؛
- ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން، ނުވަތަ އެކުއިޒިށަނެއްގެ ސަބަބުން، ނުވަތަ ޑައިވެސްޓިޗަރއެއްގެ ސަބަބުން، ގުރޫޕު އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް.
(ނ) ގުރޫޕުގެ އައިރު މާއްދީ މުދާ
އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، ގްރޫޕަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން ހިސާބުކުރާ މުއްދަތުގައި ބޭނުންކޮށްފައިވާ ގުރޫޕުގެ އައިރު މާއްދީ މުދަލުގެ މައުލޫމާތު؛
- ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް ގާއިމުކޮށްފައިވާ ތަންތަނާއި، އެ ފެސިލިޓީތަކުގެ ބެލެހެއްޓުން ކުރިއަށް ގެންދެވޭ ތަންތަނުގެ މައުލޫމާތު ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ އައިރު މާއްދީ މުދާ ތަރައްގީކުރުމަށާއި، މިލްކުކުރުމަށާއި، ނަފާ ހޯދުމަށް ބޭނުންކުރުމަށް ގުރޫޕުން ރާވައިފައިވާ ގޮތް؛
- ގާނޫނީ ވެރިފަރާތުގެ މައުލޫމާތު ހިމެނޭ ގޮތުން، އައިރު މާއްދީ މުދަލުގެ ލިސްޓެއް؛
- ހަރަދުތައް ހިއްސާކުރުމާ ގުޅޭ އެއްބަސްވުންތަކާއި، ހަރަދުތަކަށް ކޮންޓްރިބިއުޓްކުރުމާ ގުޅޭގޮތުން ހަދައިފައިވާ އިންތިޒާމްތަކާއި، ރިސަރޗް ހިދުމަތާ ގުޅޭ އެއްބަސްވުންތަކާއި، ލައިސަންސް އެއްބަސްވުންތައް ވެސް ހިމެނޭ ގޮތުން، އައިރު މާއްދީ މުދަލާ ގުޅޭގޮތުން ގުޅުންހުރި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ލިސްޓެއް؛
- ރިސަރޗް އެންޑް ޑިވެލޮޕްމަންޓާއި އައިރު މާއްދީ މުދަލާ ގުޅޭގޮތުން ގުރޫޕުގެ ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކުގެ މައުލޫމާތު؛
- ގުޅުންހުރި ފަރާތްތަކުގެ މެދުގައި އައިރު މާއްދީ މުދަލެއްގެ މަސްލަހަތެއް ބަދަލުކުރެވިފައިވާނަމަ، އެ މުއާމަލާތްތަކުގައި ހިމެނުނު ފަރާތްތަކާއި އެ ފަރާތްތަކުން ވިޔަފާރިކުރަމުންދާ ގައުމުތަކުގެ މައުލޫމާތާއި މުއާމަލާތުގެ މުގާބިލުގެ މިންވަރު ހިމެނޭ ގޮތުން، އެ ބަދަލުކުރުންތަކާ ގުޅޭ މައުލޫމާތު؛
(ނ) ގުރޫޕުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިނގާ މާލީ ހަރަކާތްތައް
އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއާ ގުޅިފައިވާ، އެ ހިސާބުކުރާ މުއްދަތުގެ ގުރޫޕުގެ މާލީ ހަރަކާތްތަކުގެ މައުލޫމާތު؛
- ގުރޫޕުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިނގަމުންދާ މާލީ ހަރަކާތްތަކާ ގުޅުން ނެތް ފަރާތްތަކާ އެކީ ހަދައިފައިވާ މާލީ އިންތިޒާމުތައް ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ މާލީ ހަރަކާތްތައް؛
- އިންކޯޕަރޭޓްކޮށްފައިވާ ގައުމާއި، ހިންގުމާއި ކޮންޓްރޯލް އޮތް ތަން ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ ސެންޓްރަލް ފައިނޭންސިންގ ފަންކްށަން ކުރިއަށް ގެންދިޔަ ފަރާތް ނުވަތަ ފަރާތްތަކުގެ މައުލޫމާތު؛
- ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގާ ފައިނޭންސިންގ އިންތިޒާމުތަކާ ގުޅޭ ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކުގެ މައުލޫމާތު؛
(ބ) ގުރޫޕުގެ މާލީ ހާލަތާއި ޓެކުހުގެ ހާލަތު
ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ ރެގިއުލޭޓަރީ ބޭނުމަށް ނުވަތަ މެނޭޖްމަންޓުގެ ބޭނުމަށް، ނުވަތަ ޓެކުހުގެ ބޭނުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމަކަށް ގުރޫޕުގެ އެ ހިސާބުކުރާ މުއްދަތުގެ ކޮންސޮލިޑޭޓެޑް މާލީ ހިސާބުތައް ތައްޔާރުކޮށްފައިވާނަމަ، އެ މާލީ ހިސާބުތައް؛
2 ލޯކަލް ފައިލް
އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން ކުރާ ވިޔަފާރީގެ ބާވަތާއި، ހިސާބުކުރާ މުއްދަތުގައި ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު؛
(ހ) ރައްދުވާ ފަރާތުގެ މައުލޫމާތު
- ގުޅުންހުރި ފަރާތްތަކާއި ރައްދުވާ ފަރާތުގެ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ދެމެދުރިޕޯޓްކުރުން އޮންނަ ގޮތް ދައްކުވައިދޭ މެނޭޖްމެންޓް ސްޓްރަކްޗަރ؛
- ރައްދުވާ ފަރާތުގެ އޮގަނައިޒޭށަނަލް ސްޓްރަކްޗަރ، ކޮންމެ ޑިޕާޓްމަންޓެއްގައި ހިސާބުކުރާ މުއްދަތު ނިމުނުއިރު ތިބި މުވައްޒަފުންގެ އަދަދު އެނގޭ ގޮތަށް؛
- އަންނަނިވި މައުލޫމާތު ހިމެނޭ ގޮތަށް، ހިސާބުކުރާ މުއްދަތުގައި ރައްދުވާ ފަރާތުން ކޮށްފައިވާ ވިޔަފާރީގެ މައުލޫމާތު؛
(i) ވިޔަފާރިތަކާއި، އުފެއްދުންތަކާއި، ފޯރުވައިދޭ ހިދުމަތްތަކާއި، ޖިއޮގްރެފިކް މާކެޓްތަކުގެ މައުލޫމާތާއި، އައިރު މާއްދީ މުދާތަކާއި، ވިޔަފާރީގެ މައިގަނޑު ވާދަވެރިން؛
(ii) ރައްދުވާ ފަރާތުން އޮޕަރޭޓްކުރާ އިންޑަސްޓްރީތަކާއި، މާކެޓްތަކާއި، ރެގިއުލޭޓަރީ އަދި އިގްތިސާދީ މާހައުލު؛
(iii) ރައްދުވާ ފަރާތުގެ ވިޔަފާރީގެ މޮޑެލްތަކާއި، ސްޓްރެޓިޖީތަކާއި،ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން، ނުވަތަ އެކުއިޒިށަނެއްގެ ސަބަބުން، ނުވަތަ ޑައިވެސްޓިޗަރއެއްގެ ސަބަބުން ރައްދުވާ ފަރާތުގެ ސްޓްރަކްޗަރއަށް އައިސްފައިވާ ބަދަލު؛
(ށ) ކޮންޓްރޯލް އޮތް މުއާމަލާތްތައް
އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތްތަކާއެކު ހިސާބުކުރާ މުއްދަތުގައި ކޮށްފައިވާ މުއާމަލާތުގެ މައުލޫމާތު؛
- ގުޅުންހުރި ފަރާތަކީ ކޮން ފަރާތެއްކަމާއި، އެ ފަރާތް އިންކޯޕަރޭޓްކޮށްފައިވަނީ ނުވަތަ އުފައްދައިފައިވަނީ، ނުވަތަ ރަޖިސްޓަރީކޮށްފައިވަނީ ނުވަތަ ގާއިމުކޮށްފައިވަނީ ކޮން ގައުމެއްގައިކަމާއި، ރައްދުވާ ފަރާތާ އެ ފަރާތާ އޮތީ ކޮން ގުޅުމެއްކަމާއި، މުއާމަލާތުގެ އަގު ހިމެނޭ ގޮތުން، ކޮންމެ މުއާމަލާތެއްގެ މައުލޫމާތު؛
- ކޮންމެ މުއާމަލާތަކާ ގުޅޭގޮތުން އެއްބަސްވެފައިވާ ކަންތައްތަކާއި ށަރުތުތައް ހިމެނޭ ކޮންޓްރެކްޓް ނުވަތަ އެއްބަސްވުންތައް؛
- ރައްދުވާ ފަރާތް ހިމެނޭ ކޮންމެ ބާވަތެއްގެ މުއާމަލާތަކަށް ވަކިން، ގުރޫޕު
ތެރޭގައި ދައްކާ ފައިސާއާއި ލިބޭ ފައިސާއާއި، ފައިސާ ދައްކާ ނުވަތަ ލިބޭ ދިވެހިރާއްޖެއިން ބޭރުގެ ފަރާތުން ޓެކްސް ދައްކަންޖެހޭ ގައުމުތައް ވަކިން އެނގޭ ގޮތަށް؛ - ކޮންމެ މުއާމަލާތެއްގައި ހިމެނޭ ކޮންމެ ފަރާތަކުން އަދާކޮށްފައިވާ ފަންކްށަންތަކާއި ބޭނުންކޮށްފައިވާ އެސެޓްތަކާއި (އައިރު މާއްދީ މުދާ ވެސް ހިމެނޭ ގޮތުން)، ނަގައިފައިވާ ރިސްކްތައް ދައްކުވައިދޭ ފަންކްށަނަލް އެނަލިސިސްއެއް؛
- ޔުނިލެޓަރަލް އަދި ބައިލެޓަރަލް/މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްތަކާއި އެނޫން ޓެކްސް ރޫލިންގތަކުގެ ތެރެއިން:
(i) އެރޭންޖްމަންޓް ނުވަތަ ރޫލިންގގެ ބައިވެރިއެއްގެ ގޮތުގައި މީރާ ނުހިމެނޭ؛ އަދި
(ii) ކޮންމެ މުއާމަލާތަކާ ވެސް ގުޅުންހުރި؛ އަދި
(iii) އަމަލުކުރަން ފަށައިފައިވާ އެރޭންޖްމަންޓްތަކާއި ރޫލިންގތަކުގެ ކޮޕީއެއް. - އަންނަނިވި ކަންކަން ވެސް ހިމެނޭ ގޮތުން، ރައްދުވާ ފަރާތާ، އެ ފަރާތާ ގުޅުންހުރި ފަރާތާ ދެމެދު ހިނގައިފައިވާ މުއާމަލާތުގައި ކޮށްފައިވާ ނުވަތަ ކުރިމަތިކުރުވައިފައިވާ ށަރުތުތައް، ގާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލާ އެއްގޮތްތޯ ބެލުމަށް ހަދައިފައިވާ ޓްރާންސްފަރ ޕްރައިސިންގ އެނަލިސިސްއެއް؛
(i) ރައްދުވާ ފަރާތާ، އެ ފަރާތާ ގުޅުންހުރި ފަރާތާ ދެމެދު ހިނގައިފައިވާ މުއާމަލާތުގައި ކޮށްފައިވާ ނުވަތަ ކުރިމަތިކުރުވާފައިވާ ށަރުތުތަކާ، މުސްތަގިއްލުކަމާއެކު އަދި އަޅައިކިޔޭ ހާލަތްތަކުގައި ގުޅުން ނެތް ފަރާތްތަކާއެކު ކޮށްފައިވާ މުއާމަލާތްތަކާ އަޅައިކިޔޭ މަލްޓި އިޔަރ ކޮމްޕްރަބިލިޓީ އެނަލިސިސްއެއް؛
(ii) ޓެސްޓް ކުރެވުނު ފަރާތް ނުވަތަ ޓެސްޓް ކުރެވުނު މުއާމަލާތާއި، ބޭނުންކުރި ޓްރާންސްފަރ ޕްރަސިންގ މެތަޑާއި، މި އިހްތިޔާރުތައް ކުރުމުގައި ބޭނުންކުރި އަސާސް؛
(iii) އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، އެ ޓްރާންސްފަރ ޕްރައިސިންގ މެތަޑް ބޭނުންކުރި ގޮތް؛
(ހހ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުއާމަލާތްތަކުގެ ތައާރަފަކާއި ލިސްޓެއް؛
(ހށ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުއާމަލާތްތައް އިހްތިޔާރުކުރި އަސާސް؛
(ހނ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުއާމަލާތްތަކުގެ ފައިނޭންށަލް ޑޭޓާ؛
(ހރ) ބޭނުންކުރި އެސަމްޕްށަންތައް؛
(ހބ) ޓެސްޓް ކުރެވުނު ފަރާތާއި ނުވަތަ ޓެސްޓް ކުރެވުނު މުއާމަލާތާއި އަޅައިކިޔޭ ކުންފުނި ނުވަތަ އަޅައިކިޔޭ މުއާމަލާތާ ދެމެދުގައި އަޅައިކިޔުން ހާސިލުކުރުމަށްޓަކައި ގެނެވުނު ބަދަލުތައް ސާބިތު ކޮށްދިނުމަށް ޓަކައި ބޭނުންވާ ލިއެކިއުންތަކާއި މައުލޫމާތު.
(iv) އާމްސް ލެންތުގެ އަގާއި، އެ އަގު ހިސާބުކުރި ގޮތް؛
(v) ޓްރާންސްފަރ ޕްރައިސިންގ މެތަޑްގައި ބޭނުންކުރި މާލީ މައުލޫމާތާއި، އެ މައުލޫމާތު ހޯދި އަސާސް؛
(vi) އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުން، ހަރަދު ހިއްސާކުރާ އިންތިޒާމުތަކުގެ މައުލޫމާތު؛
(ހހ) ހަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގެ ކޮޕީއެއް؛
(ހށ) ހަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، ގުޅުންހުރި ފަރާތްތަކާއެކު ހަދައިފައިވާ އެހެން އެއްބަސްވުންތައް؛
(ހނ) ބައިވެރިންގެ ލިސްޓަކާއި، ހަރަކާތްތަކުގެ އިހްތިސާސް؛
(ހރ) ބައިވެރިންނަށް ލިބިފައިވާ ހިއްސާގެ ނިސްބަތުން ލިބޭނެކަމަށް ބެލެވޭ މަންފާގެ މިންވަރު ހިސާބުކުރާނެ ގޮތާއި، މިފަދަ ހިސާބުކުރުމެއްގައި ހަދައިފައިވާ ޕްރޮޖެކްށަންތައް؛
(ހބ) ހަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގެ މުއްދަތުގައި، ކޮންމެ ބައިވެރިއަކު ހަރަދުކޮށްފައިވާ މިންވަރާއި، އަދި ކޮންމެ ބައިވެރިއަކު ކުރަންޖެހޭ ހަރަދުގެ މިންވަރު ކަނޑައެޅިގޮތުގެ ތަފުސީލު
(ހޅ) ހަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުން ބާތިލު ކޮށްފައިވާނަމަ، ނުވަތަ ބަދަލެއް ގެނެސްފައިވާނަމަ އެކަން، ސަބަބުތަކާއެކު.
3. މާނަކުރުން
މި ޖަދުވަލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހައި ހިނދަކު:
(ހ) "އާމްސް ލެންތުގެ އަގު" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުން ކަނޑައަޅާ އަގެވެ.
(ށ) "ކޮމްޕްރަބިލިޓީ އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކީ ކުރެވޭ މުއާމަލާތެއްގައި ހުންނަ އިކޮނިމިކަލީ ރެލަވަންޓް ސިފަތައް ދެނެގަތުމަށްފަހު، މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ހުންނަ އެފަދަ ސިފަތަކާ އަޅައިކިއުމަށެވެ. މީގެ ތެރޭގައި، ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ހުރި އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ނެތް ކަންކަން، އަދި ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ނެތް އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލާތެއްގައި ހުރި ކަންކަން ބެލުން ހިމެނެއެވެ.
(ނ) "ޓެސްޓް ކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކަށް ޓްރާންސްފަރ ޕްރައިސިންގ މެތަޑް އެޕްލައިކުރުމުގައި އެންމެ ރިލައަބަލް ގޮތަށް އެޕްލައިކުރެވޭނެ އަދި އެންމެ ރިލައަބަލް ކޮމްޕްރަބަލް ހޯދޭނެ ފަރާތަށެވެ.
(ރ) "ކޮންޓްރޯލް އޮތް މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުއާމަލާތަށެވެ.
(ބ) "އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ކޮންޓްރޯލް އޮތް މުއާމަލާތެއްގެ ޓްރާންސްފަރ ޕްރައިސިންގ ކަނޑައެޅުމުގައި ބަލާނެ ކަންކަން (މިސާލަކަށް، މެތަޑް، ކޮމްޕްރަބަލްސް އަދި އެ ކަންކަމަށް ގެނެވޭނެ އެކަށީގެންވާ ބަދަލުތައް، ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކާ ގުޅޭގޮތުން ހަދައިފައިވާ ކްރިޓިކަލް އެސަމްޕްށަންތައް) ކުރީ ބައިގައި ކަނޑައެޅޭ އިންތިޒާމުތަކަށެވެ.
(ޅ) "ހަރަދު ހިއްސާކުރާ އިންތިޒާމު" ކަމަށް ބުނެފައި އެވަނީ، އެ އެއްބަސްވުމުގެ ކޮންމެ ބައިވެރިއެއްގެ ވިޔަފާރިއަށް ވެސް މަންފާ ލިބޭނެކަމަށް ބަލައިގެން، އައިރު މާއްދީ މުދަލެއް ނުވަތަ މާއްދީ މުދަލެއް ނުވަތަ ހިދުމަތެއް، ހުރިހައި ބައިވެރިން ގުޅިގެން ޑިވެލޮޕްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ހޯދުމަށް ހިނގާ ހަރަދާއި ނަގާ ރިސްކް އެ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމަށް އެއްބަސްވެވޭ އިންތިޒާމުތަކަށެވެ.
(ކ) މި ޖަދުވަލުގެ ބޭނުމަށް، ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުގެ ވިޔަފާރި، އެ ގުރޫޕުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަށް ނުވަތަ ރައްދުވާ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަށް، "ރެލަވަންޓް" ވާނީ، އެ ވިޔަފާރިތަކަކީ އެއްފަދަ ނުވަތަ އެއްގޮތް ވިޔަފާރިތަކެއް ކަމަށްވާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކީ ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުގެ ވިޔަފާރީގެ ބައެއް ކަމުގައިވާނަމަ، ނުވަތަ އެ ވިޔަފާރިތައް އެނޫންވެސް ގޮތަކުން ގުޅިފައިވާނަމައެވެ.
މައި ގާނޫނު
މަގުސަދު
https://gaanoon.com/regulations/page/1362##
ކިޔުންތެރިންގެ ހިޔާލު