-

އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-156)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކާމެދު ބާ ކައުންސިލުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމާއި، އިސްތިއުނާފު ކޮމިޓީން އެ މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

(ނ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - އިސްތިއުނާފުކުރެވޭނެ މައްސަލަތައް 

މި ގަވާއިދުގެ ދަށުން އިސްތިއުނާފު ކުރެވޭނެ މައްސަލަތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 60 ވަނަ މާއްދާގެ ދަށުން އަދި ގަވާއިދު ނަންބަރު 2020-47 (ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު) ގެ 21 ވަނަ މާއްދާގެ ދަށުން، ށަކުވާ ބެލުމުގެ ޕެނަލުން ހުށަހަޅައިފައިވާ ރިޕޯޓަށް ރިއާޔަތްކޮށް، ވަކީލަކާމެދުއަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ.

(ށ) ގަވާއިދު ނަންބަރު 2020-20 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގެ ދަށުން، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ.

(ނ) ގަވާއިދު ނަންބަރު 2019-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު) ގެ 7 ވަނަ މާއްދާގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ.

(ރ) ގަވާއިދު ނަންބަރު 2019-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ 9 ވަނަ މާއްދާގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަ.

 

3 ވަނަ މާއްދާ - އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު

(ހ) އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ނިންމުން ނިންމި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނަން ފަށާނީ، އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ނިންމުން އިސްތިއުނާފުކުރާ ފަރާތާއި ބާ ކައުންސިލުން ހިއްސާކުރި ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވާ ފަހުން ހުށަހަޅާ މައްސަލަތައް އިސްތިއުނާފު ކޮމިޓީން ބަލައިގަނެގެން ނުވާނެއެވެ. އަދި އެ މުއްދަތު ހަމަވާއިރު ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅައި ފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ ހައްގު ދޫކޮށްލީކަމުގައި ބަލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުއްދަތު ހަމަވިއިރު އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހެޅިފައި ނުވަނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމުގައި ވާނަމަ، އެ މައްސަލައެއް ހުށަހެޅުމުން އެ ސަބަބުތަކަށް ރިއާޔަތްކޮށްފައި އެ މައްސަލައެއް ބަލައިގަތުމާމެދު އިސްތިއުނާފު ކޮމިޓީން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ސަބަބުގެ ގޮތުގައި ބަލާނީ، އިސްތިއުނާފުކުރާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ފަދަ ކަމެއްގެ ސަބަބުން މައްސަލަ ހުށަހެޅުމަށް އުޒުރުވެރި ވެފައިވާ ނަމައެވެ.

 

4 ވަނަ މާއްދާ - އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާނެ ގޮތް

(ހ) އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ފޯމުގައި،އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އިސްތިއުނާފުކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު؛
  2. އިސްތިއުނާފުކުރާ މައްސަލައިގެ ތަފުސީލާއި، ކޮމިޓީން ނިންމި ނިންމުމުގެ ތަފުސީލު؛
  3. އިސްތިއުނާފު ބިނާކުރާ ގާނޫނީ ސަބަބުތަކާއި، އޭގެ ތަފުސީލު؛
  4. އިސްތިއުނާފުކުރާ މައްސަލަ ނިންމަން އެދޭގޮތް.

(ނ) އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ މައްސަލައިގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ބޭނުންވާނަމަ، ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ގާނޫނީ ވަކީލަކު އައްޔަނުކުރިކަން އަންގާ ފޯމު" ފުރިހަމަކޮށްފައި، އިސްތިއުނާފު ފޯމާއެކު، ބާ ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

އިސްތިއުނާފު ކޮމިޓީގެ މެންބަރަކާއި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކާ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް މަސްލަހަތުގެ ފުށުއެރުމެއް ވާނަމަ، އެ މެންބަރަކު އެކަން އެގްޒެކެޓިވް ކޮމިޓީއަށް އެންގުމާއެކު، އެ މައްސަލައާ ގުޅޭ އެންމެހައި މަސައްކަތްތަކުން ތަނާޒުލު ވާންވާނެއެވެ.

 

6 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީގެ ނިންމުންތައް ނިންމުމުގެ ގާނޫނީ އަދަދު

(ހ) އިސްތިއުނާފު ކޮމިޓީގެ ނިންމުންތައް ނިންމާނީ ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) ހުށަހެޅޭ މައްސަލައަކުން މެންބަރަކު ތަނާޒުލުވެފައިވާނަމަ، އެ މައްސަލައާ ގުޅޭ ނިންމުންތައް ނިންމާނީ، އެ މައްސަލައާ ގުޅޭގޮތުން ބޭއްވޭ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ އިއްތިފާގުންނެވެ.

 

7 ވަނަ މާއްދާ - އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބަލައިގަތުން

(ހ) އިސްތިއުނާފު ކޮމިޓީގެ ސެކްރެޓޭރިއެޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރާނީ، ބާ ކައުންސިލުގެ ސެކްރެޓޭރިއޭޓުންނެވެ.

(ށ) އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ހުށަހެޅިފައިވަނީ މި ގަވާއިދު 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައިކަން، ބާ ކައުންސިލުން ޔަގީންކުރަންވާނެއެވެ.

(ނ) އިސްތިއުނާފުގެ މުއްދަތު ހަމަވާފަހުން ބާ ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ މެދު އަންނަނިވި ގޮތުގެ މަތީން އަމަލުކުރަން ވާނެއެވެ.

  1. އެފަދަ މައްސަލައެއް، ބާ ކައުންސިލަށް ހުށަހެޅުނުހައި އަވަހަކަށް، އިސްތިއުނާފު ކޮމިޓީގެ ސަމާލުކަމަށް އެ މައްސަލައެއް ގެނައުން؛
  2. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި މައްސަލަ ބެލުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމަށް ބަލައި، އެ މައްސަލަ ބަލައިގަތުމާމެދު ކޮމިޓީން ނިންމިގޮތް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާކުރުން.

(ރ) އިސްތިއުނާފު ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފައިވޭތޯއާ އި،ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމައަށް ހުރިތޯ، ބާ ކައުންސިލުން ޔަގީންކުރަންވާނެއެވެ.

(ބ) އިސްތިއުނާފު ފޯމު ހުށަހެޅުމުން، ގިނަވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓަރީކޮށް، އިސްތިއުނާފު ކޮމިޓީގެ ސެކްރެޓޭރިއެޓު ބެލެހެއްޓުމަށް ހަމަޖެހިފައިވާ މުވައްޒަފު، އެ މައްސަލައާއި އެ މައްސަލައާ ގުޅުންހުރި އެންމެހައި ލިޔެކިޔުމެއް އިސްތިއުނާފު ކޮމިޓީގެ މެންބަރުންނާ ހިއްސާކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީގެ ބާރުތައް

އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ އަތުގައިވާ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމާއި، އިސްތިއުނާފުކުރާ ފަރާތް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމުގެ ބާރު އިސްތިއުނާފު ކޮމިޓީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލެމުގެ އިޖުރާއަތު

(ހ) އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލަންވާނީ އެކަށީގެންވާ އަވަސް މިނެއްގައި، އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އިސްތިއުނާފު ކޮމިޓީއަށް މައްސަލައެއް ހުށަހެޅުމުން، އަންނަނިވި އުސޫލުގެ މަތީން، އެ މައްސަލައެއް ކުރިޔަށް ގެންދަންވާނެއެވެ.

  1. އިސްތިއުނާފު ކޮށްފައިވާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކަށް ބަލައި، އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތާއި ހޯދަންޖެހޭ ލިޔެކިޔުން ހުރިކަމަށް ފާހަގަކުރެވޭނަމަ، އެ މައުލޫމާތާއި ލިޔެކިޔުން ހޯދުން؛
  2. އިސްތިއުނާފުކުރާ ފަރާތް ހާއްސަ އިސްތިސްނާއީ ހާލަތެއްގައި މެނުވީ އެއް ފަހަރަށްވުރެ ގިނަފަހަރު ހާޒިރުނުކުރުން؛
  3. އިސްތިއުނާފުކުރާ ފަރާތް ހާޒިރުކޮށް ޖުމުލަގޮތެއްގައި އިސްތިއުނާފީ މައްސަލަ ހުށަހަޅައިދީ، މައްސަލައާ ގުޅިގެން ހާއްސަ ކަމެއް ފާހަގަކުރަން އޮތްނަމަ، އެ ކަމެއް ފާހަގަކުރުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތާ ކުރަން ބޭނުންވާ ސުވާލުތަކާއި ސާފުކުރަން ބޭނުންވާ މައުލޫމާތު މި ބައްދަލުވުމުގައި ސާފުކުރަންވާނެއެވެ.
  4. އިސްތިއުނާފުކުރާ ފަރަތުން ދޭ މައުލޫމާތަށް ބިނާކޮށް އިތުރު މައުލޫމާތެއް ނުވަތަ ލިޔެ ކިޔުމެއް ހޯދަންޖެހޭނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހޯދުން.
  5. މައްސަލައިގެ ރިޕޯޓާއި މައްސަލައިގެ ނިންމުން ކޮމިޓީގެ ބައްދަލުވުމެއްގައި ނިންމައި ފާސްކޮށް، ބާ ކައުންސިލުގެ ސެކްރެޓޭރިއެޓް މެދުވެރިކޮށް އެ ނިންމުން އިސްތިއުނާފުކުރި ފަރާތާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާ ހަވާލުކުރުން.

 

10 ވަނަ މާއްދާ - އިސްތިއުނާފުކޮށްފައިވާ މައްސަލައާމެދު ގޮތެއް ނިންމުން

(ހ) އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމިދާނެއެވެ.

  1. އެގްޒެކެޓިވް ކޮމިޓީގެ ނިންމުން ދެމެހެއްޓުމަށް؛
  2. އެގްޒެކެޓިވް ކޮމިޓީގެ ނިންމުމުގެ ބައެއް ބާތިލުކުރުމަށް ނުވަތަ ނިންމުމުގެ ބަޔަކަށް ބަދަލު ގެނައުމަށް؛
  3. އެގްޒެކެޓިވް ކޮމިޓީގެ ނިންމުން ބާތިލުކުރުމަށް؛
  4. އެގްޒެކެޓިވް ކޮމިޓީން އެޅުމަށް ނިންމައިފައިވާ ފިޔަވަޅު ލުއިކުރުމަށް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ކޮށްފައިވާ މައްސަލައާމެދު ނިންމި ނިންމުމަށް ވާސިލުވި ސަބަބު ތަފުސީލުކޮށް މައްސަލައިގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ - މައްސަލައިގެ ރިޕޯޓް

(ހ) އިސްތިއުނާފުކުރެވޭ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އިސްތިއުނާފުކުރި ފަރާތުގެ މައުލޫމާތާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައުލޫމާތާއި، އިސްތިއުނާފު ބިނާކުރި ސަބަބުތައް؛
  2. އިސްތިއުނާފު ކޮމިޓީން ރިއާޔަތް ކޮށްފައިވާ ލިޔެކިޔުންތަކާއި، ފާހަގަކުރެވުނު ނުކުތާތަކާއި، އެ ނުކުތާތައް ބިނާކޮށްފައިވާ ގާނޫނީ ސަބަބުތައް؛
  3. އިސްތިއުނާފު ކޮމިޓީން މައްސަލަ ނިންމި ގޮތާއި، އެ ގޮތަށް ނިންމި ސަބަބު.

(ށ) އިސްތިއުނާފު ކޮމިޓީން މައްސަލަ ބެލުމުގައި ހޯދާ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާއި، ބަޔާންތަކުގެ ރެކޯޑިންގތައް، ބާ ކައުންސިލުގެ ސެކްރެޓޭރިއެޓުން ބަލަހައްޓަންވާނެއެވެ.

 

12 ވަނަ މާއްދާ - އިސްތިއުނާފު ކޮމިޓީގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުން

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ކޮމި ޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އިސްތިއުނާފު ކޮމިޓީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގެ ދަށުން އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާކާ ގުޅިގެން، އިސްތިއުނާފު ކޮމިޓީން ނިންމާ ނިންމުމަކީ މި މައްސަލައާ ގުޅިގެން ނިންމޭ، ބާ ކައުންސިލުގެ އެންމެފަހުގެ ނިންމުމެވެ.

 

13 ވަނަ މާއްދާ - މުއްދަތު ގުނުން

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

 

14 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއް ނިންމާނީ،އިސްތިއުނާފު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

 

15 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދުގެ ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު