-

ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-149)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޑަކްޓަރީ ބޭސް ވިއްކުމުގެ އެންމެމަތީ އަގު ނުވަތަ ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި، އެމް.އާރް.ޕީ ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް، ގާނޫނު ނަންބަރު 29/2015 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ ހަތްވަނަ ބާބުގެ 63 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދުތައް

މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ރައްކައުތެރި ބޭސް، އަތްފޯރާ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

(ށ) އިޖުތިމާއީ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމު (އާސަންދަ) ގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން.

(ނ) އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ހަރަދު ކުޑަކުރުމާއި، ދައުލަތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުން.

 

3 ވަނަ މާއްދާ - ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުން  

(ހ) އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭސް 1 ޖުލައި 2022 އިން ފެށިގެން ވިއްކަންވާނީ، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށްވުރެ ބޮޑު ނޫން އަގެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެސެންށިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު) ގައި ހިމެނޭ ހުރިހައި ބޭހެއްވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ވިއްކަންވާނީ ،މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށްވުރެ ބޮޑު ނޫން އަގެއްގައެވެ.

(ނ) ޕްރީ-އޮތޮރައިޒޭށަން ހޯދަންޖެހޭ ބޭހުގެ ޕްރީ-އޮތޮރައިޒޭށަން ހޯދުމަށް ހުށަހަޅާއިރުގައްޔާއި، ބޭސް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، ބޭސް ގަންނަން ލިބޭނެ އަގު ހުށަހަޅަން ވާނެއެވެ. މިގޮތަށް އަގުތައް ހުށަހެޅުމުން ،މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ޕްރީ-އޮތޮރައިޒޭށަން ހޯދާ އުފެއްދުންތަކަށާއި ރަޖިސްޓަރީކުރާ ބޭސްތަކަށް ހުއްދަދޭނީ، އެ ބޭހެއްގެ އެމް.އާރް.ޕީ ކަނޑައެޅުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - އެމް.އާރު.ޕީ ކަނޑައަޅާނެ ގޮތް

ކޮންމެ ބޭހަކަށް އެމް.އާރު.ޕީ ކަނޑައެޅުމުގައި ބޭހުގެ ކޮސްޓް ޕްރައިސް ނުވަތަ ފްރީ އޮން ބޯޑް (އެފް.އޯ.ބީ) އަގަށް އެންމެ ގިނަވެގެން އިތުރު ކުރެވޭނީ %100 (ސަތޭކަ އިންސައްތަ) މާކަޕް އެވެ.

 

5 ވަނަ މާއްދާ - އެމް.އާރު.ޕީ ފެންނާނެހެން ބެހެއްޓުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، 15 ޖޫން 2022 ގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މި ގަވާއިދުގެ 4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެސެންށިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު) ގައި ހިމެނޭ ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަން ވާނެއެވެ.

(ނ) އެޕްރޫވްޑް ޑްރަގް ލިސްޓަށް އިތުރުކުރެވޭ ބޭހާއި، އެކި ހާލަތްތަކުގައި ރާއްޖެ އެތެރެކުރުމަށް ހުއްދަދެވޭ ބޭހުގެ އެމް.އާރު.ޕީ ހިމެނޭ ގޮތަށް އެމް.އާރް.ޕީ ލިސްޓު، ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓް ކޮށްފައި ،މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގައި ށާއިއު ކުރަން ވާނެއެވެ.

(ރ) އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، އެ އަގުތައް، ކޮންމެ 3 (ތިނެއް) އަހަރަކުން 1 (އެކެއް) ފަހަރު މިނިސްޓްރީން މުރާޖާ ކުރަންވާނެއެވެ.

(ބ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ. ނުވަތަ އެމް.އާރް.ޕީ އެނގޭނެ ގޮތުގެ އިންތިޒާމުފާމަސީގައި ހަމަޖެހިފައި ހުންނަންވާނެއެވެ.

 

6 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކުމަކީ މަނާކަމެކެވެ. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 29/2015 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 70 ވަނަ މާއްދާއަށް ރިއާޔަތްކޮށް ތިރީގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.

  1. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާނަމަ، ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާއިން އެ ތަނެއް ޖޫރިމަނާ ކުރުން؛
  2. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާނަމަ، ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން؛
  3. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާނަމަ، ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 (ފަންސާސްހާސް) ރުފިޔާއިން އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން.

(ށ) ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ ފެންނަ ގޮތަށް ނުހުންނަ ތަންތަން ނުވަތަ އެމް.އާރު.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީގައި ހަމަޖެހިފައި ނުހުންނަ ތަންތަނާމެދު، ގާނޫނު ނަންބަރު 29/2015 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 70 ވަނަ މާއްދާއަށް ރިއާޔަތްކޮށް ތިރީގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.

  1. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ ފެންނަ ގޮތަށް ނުހުންނަ ނަމަ ނުވަތަ އެމް.އާރު.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީގައި ހަމަޖެހިފައި ނުހުންނަ ނަމަ، ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާއިން އެ ތަނެއް ޖޫރިމަނާ ކުރުން؛
  2. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ ފެންނަ ގޮތަށް ނުހުންނަ ނަމަ ނުވަތަ އެމް.އާރު.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީގައި ހަމަޖެހިފައި ނުހުންނަ ނަމަ، ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން؛
  3. ކަނޑައަޅައިފައިވާ އެމް.އާރު.ޕީ ފެންނަ ގޮތަށް ނުހުންނަ ނަމަ ނުވަތަ އެމް.އާރު.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީގައި ހަމަޖެހިފައި ނުހުންނަ ނަމަ، ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 (ފަންސާސްހާސް) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން.

 

7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ އެ ެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެސެންށިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު)" ކަމަށްބުނެފައި އެވަނީ، ފަރުވާކުރާ ކޮންމެ ތަނެއްގައި އެ ތަނަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތަށް ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައަޅައިފައިވާ ބޭހުގެ ލިސްޓަށެވެ.

(ށ) "އެޕްރޫވްޑް ޑްރަގް ލިސްޓު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރުމަށް އިމްޕޯޓުކުރުމަށާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ. 

(ރ) "ފާމަސީ" ކަމަށް ބުނެފައި އެވަނީ، ބަލިމީހުންނަށް ނުވަތަ އެހެން ފަރާތަކަށް ރީޓެއިލްކޮށް ބޭސް ވިއްކާ އެންމެހައި ބޭސްފިހާރަ ނުވަތަ ފާމަސީ ހިމެނޭ ގޮތަށެވެ.  

(ބ) "ވިއްކުން" ކަމަށް ބުނެފައި އެވަނީ، ފާމަސީން ބޭސް ގަންނަ ފަރާތްތަކަށް ރީޓެއިލްކޮށް ބޭސް ވިއްކުމަށެވެ.

(ޅ) "ބޭސް ވިއްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ފާމަސީގައި ބޭސް ވިއްކުމަށް ތިބޭ ފަރާތްތަކަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 29/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު