-

ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-115)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން 

(ހ) މިއީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ނުވަތަ އެނޫންވެސް އިސް ފަރާތްތައް، އެ ވިޔަފާރި ހިންގުމުގެ ބޭނުމަށާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ބޭންކެއްގައި ދިގު މުއްދަތަކަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ފައިސާ ބަހައްޓާ ފަރާތްތަކަށާއި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކެއްގައި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގައި ކަނޑައަޅާ އަދަދަކަށް އިންވެސްޓްކުރާ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާއި، އެ ވިޒާތަކުގެ މުއްދަތު އިތުރުކުރުމާއި، ވީޒާތައް ބާތިލުކުރުމާ ގުޅޭ އެންމެހައި އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ގަވާއިދެވެ. 

(ށ)  މި ގަވާއިދަކީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ) އިން ބާރު ލިބިގެން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ހަދާ ގަވާއިދެކެވެ.

(ނ)  މި ގަވާއިދަށް ކިޔާނީ، "ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

  

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ނުވަތަ އެނޫންވެސް އިސް ފަރާތްތައް، އެ ވިޔަފާރި ހިންގުމުގެ ބޭނުމަށާއި، ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ބޭންކެއްގައި ދިގު މުއްދަތަކަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ފައިސާ ބަހައްޓާ ފަރާތްތަކަށާއި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކެއްގައި ގާނޫނުގައި ކަނޑައަޅާ އަދަދަށް އިންވެސްޓްކުރާ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާއި، އެ ވީޒާތަކުގެ މުއްދަތު އިތުރުކުރުމާއި، ވީޒާތައް ބާތިލުކުރުމުގައި އަމަލުކުރާނެ ގޮތާއި، މި ވީޒާއާބެހޭ އެންމެހައި ށަރުތުތައް ކަނޑައެޅުމެވެ.

  

3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

މި ގަވާއިދު ހިނގާނީ، އަންނަނިވި ފަރާތްތަކަށެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައް.

(ށ) ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 (ދެލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް.

(ނ) ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތީން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250،000 (ދެލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް.

(ނ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އާއިލާގެ މެންބަރުން.

  

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާނެ ފަރާތް

މި ގަވާއިދުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ ހުއްދަ ދޫކުރުމާއި، އެ ވީޒާތަކުގެ މުއްދަތު އިތުރުކުރުމާއި، ވީޒާތައް ބާތިލުކުރުމަށް ހުއްދަ ދިނުމުގެ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރާނީ، ރަޖިސްޓްރާރ އޮފް ބިޒްނަސަސްއެވެ. ރަޖިސްޓްރާރ އޮފް ބިޒްނަސަސް ދޫކުރާ ހުއްދައިގެ މައްޗަށް ބިނާކޮށް، އިތުރު ށަރުތަކާ ނުލައި ވީޒާ ދޫކުރާނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) ގައި ބަޔާންކުރާ ގޮތުގެ މަތީން ކޮންޓްރޯލަރ އޮފް އިމިގްރޭށަންއެވެ. 

 

5 ވަނަ މާއްދާ - ފޮރިން އިންވެސްޓްމަންޓުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ށަރުތުތައް 

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، ދިގު މުއްދަތަށް ރާއްޖޭގައި ހުރުމަށް، އެ ފަރާތަކަށް ނުވަތަ އެ ފަރާތެއްގެ އާއިލާގެ މެންބަރަކަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއްގެ ކިބައިގައި ނުވަތަ ޑިރެކްޓަރެއްގެ ކިބައިގައި ނުވަތަ ޕާޓްނަރެއްގެ ކިބައިގައި ނުވަތަ އެނޫންވެސް އިސް ފަރާތެއްގެ ކިބައިގައި ފުރިހަމަވުމުންނެވެ.

(ހ)  ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގެ ދަށުން، ފޮރިން އިންވެސްޓްމަންޓުގެ ހުއްދަ ހޯދުމަށްފަހު، ވިޔަފާރި ރަޖިސްޓަރީކޮށްފައިވުން.

(ށ)  ގާނޫނު ނަންބަރު 1979-25 (ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގެ ދަށުން، ސޮއިކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެގްރީމެންޓާ ހިލާފުވެފައި ނުވުން.

(ނ)  ވިޔަފާރީގެ ޖުމުލަ ފުލްޓައިމް މުވައްޒަފުންގެ %50 (ފަންސާސް އިން ސައްތަ) ދިވެހި މުވައްޒަފުން ބޭތިއްބުން.

(ރ)  ކުންފުންޏެއް ނަމަ، އެ ކުންފުންޏެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން މެނޭޖްމަންޓުގެ އެންމެ ސީނިއަރ 5 (ފަހެއް) މުވައްޒަފުންގެ ތެރޭގައި ހިމެނޭކަމަށް ބަޔާންކޮށްފައިވާ މުވައްޒަފެއް.

(ބ)  ޕާޓްނަރށިޕެއް ނަމަ، ޕާޓްނަރެއް ކަމުގައި ވުން.

(ޅ) ވިޔަފާރީގެ އާމްދަނީގެ ގޮތުގައި، ވޭތުވެދިޔަ 3) ތިނެއް) މާލީ އަހަރުގެ ތެރެއިން، ކޮންމެވެސް އެއް އަހަރެއްގައި 1،000،000 (އެކެއް މިލިޔަން) އެމެރިކާ ޑޮލަރު ލިބި، ވިޔަފާރީގެ އޮޑިޓްކޮށްފައިވާ ހިސާބުތަކުން އެކަން ކަށަވަރުކުރެވުން.

(ކ)  ވޭތުވެދިޔަ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ގަވާއިދު ނަންބަރު 2020-62 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ދަށުން ބްލެކް ލިސްޓު ކޮށްފައި ނުވުން.

(އ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ޑިކްލަރޭށަން ފޯމު ފުރިހަމަކޮށްފައި ވުން.

  

6 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ބޭންކެއްގައި އިންވެސްޓްކުރާ ފަރާތަކުން ވީޒާއަށް އެދުން

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 (ދެލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު 5 (ފަހެއް) އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް އެ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވުމުންނެވެ. 

(ހ)  އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން.

(ށ) ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 (ދެލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބަހައްޓައިފައިވާކަން އަންގައި، އެ ބޭންކަކުން މިނިސްޓްރީއަށް އެކައުންޓް ސްޓޭޓްމަންޓް ފޮނުވުން.

(ނ)  މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ޑިކްލަރޭށަން ފޯމު ފުރިހަމަކޮށްފައިވުން.

  

7 ވަނަ މާއްދާ - ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތީން އިންވެސްޓްކޮށްފައިވާ ފަރާތަކުން ވީޒާއަށް އެދުން 

ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތީން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި، މަދުވެގެން 250،000 (ދެލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގެ ދަށުން ހުއްދަކޮށްފައިވާ އިންވެސްޓްމަންޓެއްގައި އިންވެސްޓްކުރުމާއެކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަން ހުށަހެޅުމުންނެވެ.

(ހ) މިނިސްޓްރީން ގެޒެޓުގައި ށާއިއުކުރާ ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ ބޭނުމަށް އިންވެސްޓްކުރުމަށް ސަރުކާރުން ހުއްދަދޭ ވިޔަފާރިތަކުން ކުރެ ވިޔަފާރިއެއްގައި އިންވެސްޓްކޮށްފައި ވުން. 

(ށ) މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ޑިކްލަރޭށަން ފޯމު ފުރިހަމަކޮށްފައި ވުން.

  

8 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އާންމު ށަރުތުތައް 

ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި، މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގެ ދަށުން ށަރުތު ހަމަވުމާއެކު، މި ވީޒާއަށް އެދި ހުށަހަޅާ ކޮންމެ ފަރާތެއްގެ ކިބައިގައި، އަންނަނިވި އާންމު ށަރުތުތައް، ހުރިހާ ވަގުތެއްގައި ވެސް ފުރިހަމަވެފައި ހުންނާންޖެހޭނެއެވެ. 

(ހ) އެއްވެސް ގައުމެއްގައި ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ށ) އެ މީހަކު ނިސްބަތްވާ ގައުމަކުން ނުވަތަ ރައްޔިތުކަން ލިބިފައިވާ ގައުމަކުން ކުށުގެ ރެކޯޑު ނެތްކަން ނުވަތަ ތަހުގީގު ކުރެވެމުންދާ މައްސަލައެއް ނެތްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން.

(ނ) އެ މީހަކު ނިސްބަތްވާ ގައުމަކުން ނުވަތަ ރައްޔިތުކަން ލިބިފައިވާ ގައުމަކުން ކުށުގެ ރެކޯޑު ނެތްކަން ނުވަތަ ތަހުގީގު ކުރެވެމުންދާ މައްސަލައެއް ނެތްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން.

(ރ) ގެވެށި އަނިޔާ ނުވަތަ އެ ބާވަތުގެ އެހެން މައްސަލައަކާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހޯދަމުންދާ ފަރާތެއް ކަމުގައި ނުވުން.

(ބ) ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުން.

(ޅ)  އިންޓަރޕޮލްގެ ނޯޓިހެއް ނުވަތަ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ދިވެހިރާއްޖެއިން ޑީޕޯޓުކޮށްފައިވާ މީހަކު ކަމުގައި ނުވުން.

 

9 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި އެޕްލިކޭށަން ހުށަހެޅުން 

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކޯޕަރޭޓް ރެސިޑެންޓް ވީޒާ އެޕްލިކޭށަން ފޯމު މެދުވެރިކޮށެވެ.

 

10 ވަނަ މާއްދާއެޕްލިކޭށަން ފުރިހަމަވުން 

ކޯޕަރޭޓް ރެސިޑެންޓް ވީޒާ އެޕްލިކޭށަން ފުރިހަމަވީކަމަށް ބަލާނީ، އެޕްލިކޭށަން ފޯމާއި، ޑިކްލަރޭށަނާއި، ވީޒާއަށް އެދި ހުށަހަޅާ ފަރާތުގެ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު އޮތް ޕާސްޕޯޓުގެ ބަޔޯޑޭޓާ ހިމެނޭ ސަފުހާގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

  

11 ވަނަ މާއްދާއެޕްލިކޭށަން ބަލައިގަތުން 

ކޯޕަރޭޓް ރެސިޑެންޓް ވީޒާ އެޕްލިކޭށަން ފޯމު ބަލައިގަންނާނީ، ހަމައެކަނި ބިޒްނަސް ޕޯޓަލް (business.egov.mv) މެދުވެރިކޮށެވެ. 

  

12 ވަނަ މާއްދާ - ށަރުތު ފުރިހަމަވާ ފަރާތްތަކަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުން 

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި ، 6 ވަނަ މާއްދާގެ ދަށުން ނުވަތަ 7 ވަނަ މާއްދާގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދޭ ފަރާތުން ފުރިހަމަކުރާންޖެހޭ ކަންކަން ފުރިހަމަވާ ހާލަތްތަކުގައި، އެޕްލިކޭށަން ބަލައިގަންނަތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް ކޯޕަރޭޓް ރެސިޑެންޓް ވީޒާ ހުއްދަ ދޫކުރާނީ، ރެޖިސްޓްރާރ އޮފް ބިޒްނަސަސްއެވެ. އަދި މި ހުއްދަ ދޫކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ވީޒާއަށް އެދި މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅާންވާނެއެވެ.

 

13 ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ މުއްދަތުގައި ޕާސްޕޯޓަށް ބަދަލު އައުން

ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ މުއްދަތުގައި، އެ ވީޒާ ދޫކޮށްފައިވާ ފަރާތުގެ ޕާސްޕޯޓަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، މިނިސްޓްރީއަށް އެކަން އަންގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ފުރިހަމަކޮށް، mv.egov.business މެދުވެރިކޮށް، މައުލޫމާތަށް އައި ބަދަލު ހުށަހަޅާންވާނެއެވެ. މައުލޫމާތަށް ބަދަލު އައިތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް އަންގައިފައި ނުވާނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ވީޒާ ބާތިލުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ -  ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކުރުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކުރުމަށް އެދޭ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތަކަށް ދޫކޮށްފައިވާ ކޯޕަރޭޓް ރެސިޑެންޓް ވީޒާގެ މުއްދަތު ހަމަވުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށް، ވީޒާ އައުކުރުމަށް އެދި ހުށަހަޅާންވާނެއެވެ.

(ނ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކުރުމަށް އެދެވޭނީ، މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ނުވަތަ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ދަމަހައްޓާ ކޮންމެ ފަރާތަކަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވީޒާ ދޫކޮށްފައިވާ ފަރާތުގެ ޕާސްޕޯޓަށް އަންނަ ބަދަލަކާ ގުޅިގެން، ވީޒާ އައުކުރުމަށް އެދި ހުށަހެޅުމަކަށް އެއްވެސް ހުރަހެއް ނެތެވެ. އަދި މިގޮތުން ވީޒާ އައުކުރުމަށް އެދުމުން، ވީޒާ ދޫކުރި ފަރާތުގެ މައުލޫމާތަށް އައި ބަދަލު ރެކޯޑުކުރުމަށްފަހު، މޯލްޑިވްސް އިމިގްރޭށަނަށް އަންގަންވާނެއެވެ. 

 

16 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކޮށް ނުދެވޭނެ ހާލަތްތައް

ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކޮށްދިނުމަށް އެދިފައިވަނީ، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވާ ފަހުން ކަމުގައި ވާނަމަ، ކޯޕަރޭޓް ރެސިޑެންޓް ވީޒާ އައުކޮށެއް ނުދެވޭނެއެވެ.

 

17 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ ބާތިލުކުރުމަށް އެދުން

ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ ފަރާތަކުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ބާތިލުކުރުމަށް އެދޭނަމަ، ބާތިލުކުރުމަށް އެދޭ ސަބަބު ބަޔާންކޮށް، ރެޖިސްޓްރާރ އޮފް ބިޒްނަސަސްއަށް އަންގާންވާނެއެވެ.

 

18 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ ބާތިލުކުރުން

އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ ފަރާތެއްގެ އާއިލާގެ މެންބަރަކަށް ދޫކޮށްފައިވާ އެފަދަ ވީޒާ ބާތިލު ކުރެވޭނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އެދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި އެއިން ފަރާތެއްގެ ކިބައިގައި ހުންނާންޖެހޭ ށަރުތުތައް ކަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުން ކުރެ އެއްވެސް ށަރުތެއް އެ ފަރާތުގެ ކިބައިގައި އުނިވުން. 

(ށ) ވީޒާއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ހުށަހަޅައިފައި ވުން.

(ނ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި، ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރީގެ ހިއްސާދާރުންނަށް ބަދަލު އައުމުގެ ސަބަބުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.

 

19 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ ފީ

މި ގަވާއިދުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާއަށް އަލަށް އެދޭ ފަރާތްތަކާއި، ވީޒާ އައުކުރުމަށް އެދޭ ކޮންމެ ފަރާތަކުން ވެސް، ކޮންމެ 3 (ތިނެއް) މަސްދުވަހަކަށް، ނުވަތަ އެ މުއްދަތުން ބަޔަކަށް 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާގެ މަގުން، ޖުމުލަ 15،000 (ފަނަރަހާސް) ރުފިޔާ، ވީޒާގެ ހުއްދަ ދިނުމަށް ނިންމުމާއެކު، މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީއަށް ދައްކާންވާނެއެވެ. 

 

20 ވަނަ މާއްދާ - ކޯޕަރޭޓް ރެސިޑެންޓް ވީޒާ ބާތިލުކުރުމަށް ނިންމުމުގެ ނަތީޖާ 

މި ގަވާއިދުގެ 17 ވަނަ މާއްދާގައި ނުވަތަ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ބާތިލުކުރުމަށް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކަށް ދޫކޮށްފައިވާ ވީޒާ ބާތިލުކުރުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭށަނަށް، ރެޖިސްޓްރާރ އޮފް ބިޒްނަސަސް އަންގާންވާނެއެވެ.

 

21 ވަނަ މާއްދާމައުލޫމާތު ހާމަކުރުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ވީޒާއާ ގުޅިގެން، އަންނަނިވި މައުލޫމާތު، ކޮންމެ ތިން މަހުން އެއްމަހު، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް (business.egov.mv) ގައި އާންމު ކުރާންވާނެއެވެ.

(ހ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރި އަހަރު.

(ށ)  މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަކުރުމުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރި މީހުންގެ ޖުމުލަ އަދަދު.

(ނ) ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރި މީހުން ނިސްބަތްވާ ގައުމުތައް.

  

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

 މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. 

(ހ) "ބިދޭސީން" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ރައްޔިތުން ނޫން މީހުންނަށެވެ.

(ށ) "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" ކަމަށް ބަޔާންކޮށްފައި އެވަނީ، ޤާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ރެޖިސްޓްރާރ އޮފް ބިޒްނަސަސް" އަށެވެ. 

(ނ) "ޢާއިލާ" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން،  ށަރުތު ހަމަވާ ފަރާތުގެ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ގުޅުން އޮންނަ  ކޮންމެ ފަރާތަކަށެވެ.  

  1. މަންމައާއި ބައްޕަ؛
  2. ސްޕައުސް؛
  3. ދަރީންގެ ގޮތުގައި އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ކަމާބެހޭ އިދަރާއަކުން ކަށަވަރުކޮށްދޭ ކޮންމެ ފަރާތެއް
  4. މާމައާއި، ކާފަ؛
  5. މާމަ ދަރީން، ކާފަ ދަރީންގެ ގޮތުގައި އެ މީހަކު ނިސްބަތްވާ ޤައުމެއްގެ ކަމާބެހޭ އިދަރާއަކުން ކަށަވަރުކޮށްދޭ ކޮންމެ ފަރާތެއް.

(ރ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ނުވަތަ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ވަގުތަކު ކަނޑައަޅައިފައިވާ ސަރުކާރުގެ މިނިސްޓްރީއަށެވެ.

(ބ) "ދިވެހިރާއްޖޭގެ ބޭންކް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ކޮންމެ ފަރާތަކަށެވެ.

  

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު