-

ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1979-25) 

 

1 ވަނަ މާއްދާ

(ހ) މިގާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ބިދޭސީންނަށް، ނުވަތަ ބޭރުގައުމުތަކުގެ ސަރުކާރުތަކަށް، ނުވަތަ ރާއްޖޭން ބޭރުގައި އުފެދިފައިވާ ޖަމާއަތްތަކަށާއި ކުންފުނިތަކަށް، އިންވެސްޓް ކުރެވިދާނެއެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކުގައި، ދިވެހިސަރުކާރަށް، ނުވަތަ ދިވެހި ސަރުކާރުގެ ފަރާތަކަށް ނުވަތަ ދިވެހިންނަށް، ނުވަތަ ރާއްޖޭގައި ގަވާއިދުން ރަޖިސްޓަރީ ކުރެވިފައިވާ ޖަމާއަތްތަކަށާއި ކުންފުނިތަކަށް، ބައިވެރިވެވިދާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގޭނީ، މިގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ޓޫރިޒަމްގެ މަސައްކަތެއްގައިނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި، އެހެން ކަމެއްގައިނަމަ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑު ލޭބަރުގައި އެ އިންވެސްޓްމަންޓެއް ރަޖިސްޓަރީކޮށް، އެގްރީމަންޓެއްގައި ސޮއިކުރުމަށް ފަހުގައެވެ.

 

2 ވަނަ މާއްދާ

ދިވެހި ރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓްގެ ބާވަތާއި ދާއިރާ ކަނޑައަޅާނީ، ޓޫރިޒަމްގެ މަސައްކަތެއްގައިނަމަ، މިނިސްޓްރީ އޮފް ޓޫރިޒަމުންނެވެ.އެހެން ކަމެއްގައިނަމަ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުންނެވެ. އަދި މިފަދަ ކޮންމެ އިންވަސްޓްމަންޓެއްގައި ވެސް ދިވެހި ސަރުކާރު ގަބޫލުކުރާ ރައުސްމާލެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.

 

3 ވަނަ މާއްދާ

ޓޫރިޒަމްގެ މަސައްކަތުގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު،  އެގްރީމަންޓެއްގައި ސޮއި ކުރަންވާނެއެވެ. އަދި މިނޫން އެހެން ކަމެއްގައި ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ކޮންމެ ފަރާތަކާ މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރާ ދެމެދު އެގްރީމަންޓެއްގައި ސޮއި ކުރަންވާނެއެވެ. އެއެގްރީމަންޓްގައި ސޮއި ކުރަންވާނެއެވެ. އެ އެގްރީމަންޓްގައި، އެ އިންވަސްޓްމަންޓެއްގެ ދަށުން ކުރާނެ ހުރިހާ މަސައްކަތަކާއި، އެ މަސައްކަތްތައް ހިންގާނޭގޮތް ތަފްސީލުކޮށް ކަނޑައެޅި ބަޔާންވެފައި އޮންނަންވާނެއެވެ.

 

4  ވަނަ މާއްދާ

މިގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ބޭރުގެ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އިންވެސްޓްކުރެވޭނީ، ދިވެހިސަރުކާރު ގަބޫލުކުރާ ސަރުކާރަކަށް، ނުވަތަ ބޭންކަކަށް، ނުވަތަ ދިވެހި ސަރުކާރު ގަބޫލުކުރާ ސަރުކާރެއްގެ ނުވަތަ ބޭންކެއްގެ ނުވަތަ ބެންކެއްފަދަ ތަނެއްގެ އިތުބާރު ލިބިގެންވާ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ

ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓެއް، ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނާ އެއްގޮތަށް ހިނގަމުންދާނަމަ، އެ އިންވެސްޓްމަންޓެއްގެ މުއްދަތު ހަމަވަންދެން ހިންގުމަށް ސަރުކާރުން ހުރަހެއް ނާޅާނެއެވެ. އަދި ކިއެއްތަ، އެފަދަ އިންވެސްޓްމަންޓަކަށް ސަރުކާރުން ވެދެއްވެންއޮތް އެހީއެއް ވެދޭނެއެވެ.

 

6  ވަނަ މާއްދާ

ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން ރާއްޖޭގެ އަމަނަށް ގެއްލުމެއް ލިބޭފަދަ އަމަލެއް ހިންގައިފިނަމަ، ނުވަތަ އެފަދަ އިންވެސްޓްމަންޓެއް ހިންގާފަރާތުގެ އަމަލުތައް ހުންނަގޮތުން ރާއްޖޭގެ އަމަން އަމާންކަމަށް  އެއްވެސް ގެއްލުމެއް ލިބިދާނެކަމަށް ދިވެހިސަރުކާރަށް ފެނިއްޖެނަމަ، ނޯޓިސް ދީފައި، ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ނަމަވެސް، އެއިންވެސްޓްމަންޓެއް ވަގުތީގޮތުން ހުއްޓާލުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. މިމާއްދާގައިވާ ގޮތުގެ މަތިން ހުއްޓާލެވޭއިންވެސްޓްމަންޓެއްގެ ސަބަބުން ލިބޭ ގެއްލުމެއްގައި އެއްވެސް ދިވެއްސަކު، ނުވަތަ ދިވެހި ސަރުކާރު، ނުވަތަ ދިވެހިސަރުކާރުގެ ފަރާތެއް ޒިންމާވާކަށް ނުޖެހޭނެއެވެ. ހަމަ އެހެންމެ އިންވެސްޓްމަންޓް ހުއްޓާލުމުގެ ކުރިން އިންވެސްޓްމަންޓް ހިންގާ ފަރާތުން މިގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ސޮއިކޮށްފައިވާ އެގްރިމަންޓް ފިޔަވައި އެހެން ފަރާތަކާ ކުރެވިފައިވާ މުއާހަދާއެއްގެ ދަށުން ދޭން އެއްބަސްވެފައިވާ އެއްޗަކުން، ނުވަތަ ކުރަން އެއްބަސްވެފައިވާ ކަމެއް ކުރުމަކުން، އިންވެސްޓްމަންޓް ހިންގާ ފަރާތް މަހްރޫމެއް ނުވާނެއެވެ.

 

7 ވަނަ މާއްދާ

މިގާނޫނުގެ 6 ވަނަ މާއްދާގައިވާ ސަބަބަށްޓަކައި ވަގުތީގޮތުން ހުއްޓާލެވޭ އިންވެސްޓްމަންޓެއް ހިންގާ ފަރާތުން ދިވެހިރާއްޖޭގެ އަމަން އަމާންކަމަށް އެއްވެސް ގެއްލުމެއް ލިބޭފަދަ އަމަލެއް ކުރިކަން، ނުވަތަ ކުރަންއުޅުނުކަން، އެއިންވެސްޓްމަންޓެއް ހުއްޓާލިތާ 60 ދުވަހުގެ ތެރޭގައި ދިވެހިސަރުކާރަށް ސާބިތުނުވިނަމަ، އެއިންވެސްޓްމަންޓެއް ވަގުތީ ގޮތުން ހުއްޓާލުމުން ލިބުނުގެއްލުމަށް އިންސާފުވެރި ބަދަލު ދިވެހިސަރުކާރުން އެފަރާތަކަށްދީ، އެއިންވެސްޓްމަންޓް ހިންގުމުގެ ހުއްދަދޭނެއެވެ.

 

8 ވަނަ މާއްދާ

ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލެއްކޮށްފިނަމަ، އަދި ދިވެހިސަރުކާރުން އެފަރާތަކަށް ނަސޭހަތްތެރިވެ އިންޒާރު ކުރުމަށް ފަހުވެސް އިސްލާހު ނުވެއްޖެނަމަ، އެއިންވެސްޓްމަންޓެއް ހުއްޓާލައި، އެގްރީމަންޓް ބާތިލު ކުރުމުގެ އިހްތިޔާރު ދިވެހިސަރުކާރަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ

މިގާނޫނުގެ 6 ވަނަ މާއްދާ އާއި 8 ވަނަ މާއްދާގެ ދަށުން ހުއްޓާލެވޭ އިންވެސްޓްމަންޓެއްގެ މުދަލާއި ފައިސާ، ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ.

 

10  ވަނަ މާއްދާ

ދިވެހިރާއްޖޭގައި އިންވެސްޓް ކޮށްގެން ހިންގާ މަސައްކަތަކީ، ރާއްޖޭގައި އުފެދޭ ނުވަތަ އުފައްދާ ތަކެތި ބޭނުންކޮށްގެން ކުރެވެން އޮތް މަސައްކަތެއްނަމަ، އެފަދަ ތަކެތި އެކަށީގެންވާ ވަރަށް ރާއްޖޭން ލިބެންނެތް ހިނދެއްގައި މެނުވީ، އެމަސައްކަތެއްގައި ބޭނުންކުރަންވާނީ ރާއްޖޭގައި އުފެދޭ ނުވަތަ އުފައްދާ ތަކެއްޗެވެ.

 

11  ވަނަ މާއްދާ

ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެންހިންގާ މަސައްކަތުގައި ބިދޭސީން ބޭނުންކުރަންޖެހޭ ކަންތައްތަކުގައި މެނުވީ، އާއްމު ގޮތެއްގައި ބޭނުންކުރަން ވާނީ ދިވެހިންނެވެ.

 

12  ވަނަ މާއްދާ

އިންވެސްޓްކޮށްގެން ހިންގާ މަސައްކަތުން އުފައްދާ ތަކެއްޗަކީ، ދިވެހިރާއްޖެއަށް ބޭނުންވާތަކެތި ކަމުގައިވާނަމަ، އެއުފައްދާ ތަކެތިން ބައެއް ދިވެހި ސަރުކާރާއި އެއިންވެސްޓްމަންޓެއް ހިންގާ ފަރާތަކާ ދެމެދު އެއްބަސްވެވޭ އުސޫލަކުން ދިވެހި ރާއްޖޭގެ ބާޒާރަށް ދޫކުރަންވާނެއެވެ.

 

13  ވަނަ މާއްދާ

ދިވެހިރާއްޖޭގައިކުރާ އިންވެސްޓްމަންޓްގެ ފައިދާ، މިގާނޫނުގެ 3 ވަނަ މާއްދާގައިބުނާ އެގްރީމެންޓްގައިވާ ގޮތުގެމަތިން ރާއްޖޭން ބޭރަށް ގެންދެވިދާނެއެވެ.

 

14  ވަނަ މާއްދާ

ދިވެހިރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓްމަންޓުން ސަރުކާރަށް ނެގޭ ޑިއުޓީއާއި ޓެކްސް، ދިވެހި ސަރުކާރަށް ފެނުނު މުއްދަތަކަށް މައާފްކުރުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. ގާނޫނު ނަންބަރު 1979-15 ގައި ބަޔާންވެގެންވާ ޓެކްސް، މިމާއްދާއިން އިސްތިސްނާ ވާނެއެވެ.

 

15  ވަނަ މާއްދާ

މިގާނޫނުގެ ދަށުން ހިނގާ އިންވެސްޓްމަންޓެއްގައި، ދިވެހި ސަރުކާރާއި އިންވެސްޓްކުރި ފަރާތާ ވާހަކަދައްކައިގެން ކަމެއް ހަމަނުޖެއްސިއްޖެނަމަ، އެކަމެއް ނިންމާނީ އެގްރިމަންޓުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިންނެވެ.

 

16  ވަނަ މާއްދާ

މިގާނޫނު ތަސްދީގު ކުރެވޭއިރު ދިވެހިރާއްޖޭގައި ހިނގަމުންދާ ހުރިހާ ފޮރިން އިންވެސްޓްމަންޓްތަކުގެ މައްޗަށްވެސް މިގާނޫނު ހިންގޭނެއެވެ.

 

17  ވަނަ މާއްދާ

މިގާނޫނުގައި:

(ހ) "ފޮރިން އިންވެސްޓްމަންޓް" އޭ ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-04 ގެ ދަށުން "ދިވެހިރާއްޖޭގައި ބިދޭސީން ކުރާވިޔަފާރި" ފިޔަވައި، މިގާނޫނުގެ 1 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ ގައި ކަނޑައަޅާފައިވާ ގޮތަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި، ޖަމާއަތްތަކާއި، ކުންފުނިތަކާއި، ބިދޭސީން ރާއްޖޭގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި ފައިސާއާއި ހިދްމަތަށެވެ.

(ށ) "ރައުސްމާލް" ގެ މާނައަކީ މުދަލާއި ފައިސާއެވެ. 

(ނ) "އިންވެސްޓްމަންޓް ހިންގާ ފަރާތް" ބުނެފައި އެވަނީ، އެއިންވެސްޓްމަންޓެއްގެ ހިއްސާދާރުންނާއި، މެނޭޖަރުންނާއި، ޑިރެކްޓަރުންނާއި، ހުރިހާ މުއައްޒަފުން ހިމެނޭގޮތުގެ މަތިންނެވެ.

(ރ) "ޓޫރިޒަމްގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-25 ގެ "ނޯޓް" ގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓޫރިސްޓް ރިޒޯޓެއް" ނުވަތަ (ށ) ގައި ބަޔާން ކޮށްފައިވާ "ޓޫރިސްޓް ހޮޓަލެއް" ނުވަތަ "ގެސްޓްހައުސް" އެއް ހެދުމަށާއި އެފަދަ ތަނެއް ހިންގުމުގެ މަސައްކަތަށެވެ.

(ބ) މިގާނޫނުގައި މުފްރަދު މާނަ ދޭހަވާގޮތަށްހުރި ކޮންމެ ތަނެއް ޖަމްއު މާނަދޭހަވާ ގޮތައްވެސް ބޭނުންކުރެވޭނެއެވެ. ހަމަ މިއުސޫލުން މީގެ އަނެއްކޮޅައްވެސް ބޭނުން ކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އުސޫލު/ޕޮލިސީ

ފޮރިންގ ޑިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (ޕޮލިސީ ތާރީހް 11 ފެބްރުއަރީ 2020) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު