ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-116)
1 ވަނަ މާއްދާ - ތައާރުފފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 102 ވަނަ މާއްދާގެ (ށ) އާއި ، 133 ވަނަ މާއްދާގެ (ނ) ގެ (14) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ މިންތަކާއި، ހަމަތައް ބަޔާންކުރުން.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި ހުއްދައަށް އެދުމާއި، ހުއްދަ ދޭނޭ ގޮތްތައް ބަޔާން ކުރުން.
(ނ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި ޖަވާބުދާރީ ކުރުވުމާއި، ޖަވާބުދާރީ ކުރުވާނޭ ގޮތްތައް ބަޔާންކުރުން.
(ރ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދާ ހެކި، ތަހުގީގުގެ މަރުހަލާއާއި، ށަރީއަތުގެ މަރުހަލާއިގައި ބޭނުންކުރާނެ ހަމަތައް ބަޔާންކުރުން.
(ބ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއެކު އެފަދަ އުކުޅުތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން.
(ތ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން އެއްކުރެވޭ މައުލޫމާތު ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، އެފަދަ މައުލޫމާތު ނައްތައިލެވޭނެ ހަމަތަކާ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރެވޭނޭ ހާލަތްތައް
ގާނޫނަކުން ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ގައުމީ ސަލާމަތަށް އުނިކަން އަތުވެދާނެ ކަންކަން ހޯދައި، ބަލައި، އެ ކަންކަން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި.
(ށ) ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްކުށުގެ ތަހުގީގުގައްޔާއި، އެފަދަ ކުށްތައް ހޯދައި ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށް.
(ނ) މަތީގައި ބަޔާންކޮށްފައިވާ ކަންކަން ނޫނަސް، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރުމަށް ގާނޫނަކުން ހުއްދަ ދީފައިވާ ހާލަތުގައި.
4 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަން
(ހ) މި ގަވާއިދުގެ ބޭނުމަށްޓަކައި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ކަމުގައި ބުނެފައި އެ ވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށަކާ ގުޅިގެން، އެފަދަ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ނޭނގޭ ގޮތަށް، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަށެވެ.
- ޑައިރެކްޓެޑް ސަރވައިލެންސް: ވަކި މީހަކު ކުރާ ކަންކަމާއި، ބައްދަލުކުރާ މީހުންނާއި، ދާ ތަންތަން ދެނެގަތުމަށް ޓަކައި، އޭނާއަށް ނޭނގޭގޮތަށް އޭނާ މޮނިޓަރ ކުރުން؛
- ކޯވަރޓް ހިއުމަން އިންޓެލިޖެންސް: ވަކި މީހަކާ ގުޅުމެއް އުފައްދައިގެން އެ ގުޅުމުގެ ތެރެއިން ކުރެވޭ ސުވާލުންނާއި ލިބޭ މައުލޫމާތުން ތަހުގީގަށް ބޭނުންވާ ކަންކަން ހޯދުން؛
- އިންޓްރޫސިވް ސަރވައިލެންސް: ވަކި މީހަކު ދިރިއުޅޭ ގެއެއްގައި ނުވަތަ އޭނާ ބޭނުންކުރާ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމަށް ނުވަތަ ބެލުމަށް ކެމެރާއާއި އަޑުއެހޭނެ ވަސީލަތްތައް ގާއިމްކޮށް، އެ ގެއެއްގައި ނުވަތަ އުޅަނދެއްގައި ދެކެވޭ ވާހަކަ އަޑުއެހުމާއި، މަންޒަރު ރެކޯޑުކުރުމާއި، ބެލުން؛
- އިންޓަސެޕްށަން: މުއާސަލާތީ ވަސީލަތްތަކާއި، ސިޓީއާއި، ލިޔުމާއި، އީމެއިލާއި، ފޯނު މެދުވެރިކޮށް އޭނާ ހިންގާ މުއާމަލާތްތައް ހޯދައި ބެލުމާއި، އަޑުއެހުން؛
- ސްޓިންގ އޮޕަރޭށަން: ވަކި ބާވަތެއްގެ ކުށަކާ ގުޅިގެން ހާއްސަ ތަހުގީގީ އުކުޅެއް ބޭނުންކުރުން ގާނޫނަކުން ކަނޑައެޅިގެން ހުއްދަކޮށްފައިވާ ހާލަތުގައި އެފަދަ ކުށެއް ކުރަމުންދާކަމަށް ތުހުމަތުކުރެވޭ މީހާ އެކަން ކުރަމުން ދަނިކޮށް ހެއްކާއެކު އަތުލައިގަތުމުގެ ގޮތުން ސްޓިންގ އޮޕަރޭށަން ހިންގުން؛
- ޕަރސޯނާ: ތަބީއީ ށަހްސެއް ނޫން ގޮތެއްގައި މުއާމަލާތުކުރާނެ ފަރާތެއް އުފެއްދުމާއި، އެފަދަ ފަރާތްތައް ބޭނުންކޮށްގެން މުއާމަލާތުކުރުން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގެއެއްގެ މާނައިގެ ތެރޭގައި، އެފަދަ އަމިއްލަ އެހެން ތަންތަން ވެސް ހިމެނިގެންވެއެވެ.
5 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދަ ދިނުން
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާއްސަ އުކުޅެއް ބޭނުންކުރުމަށް ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ، އެސިސްޓެންޓް ކަމިށަނަރ އޮފް ޕޮލިސް ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކަށް ހުއްދަދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރަކީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިފައިވާ ކޮމާންޑް ލެވެލުގެ ނުވަތަ ޑައިރެކްޓްރޭޓް ލެވެލުގެ އިދާރީ ބަހާއެއްގެ އިސްފަރާތަކަށް ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދަ ދިނުމަށް، އެއް އޮފިސަރަށްވުރެ ގިނަ އޮފިސަރުން ކަނޑައެޅިދާނެއެވެ.
6 ވަނަ މާއްދާ - ހުއްދައަށް އެދުން
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަން ޖެހިއްޖެނަމަ، އެ ކަމަށް އެދި ލިޔުމުން ހުއްދައަށް އެދެންވާނެއެވެ. މިފަދަ ލިޔުމެއްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މައްސަލައިގެ އިންސިޑެންޓް ނަންބަރު ނުވަތަ ކޭސް ނަންބަރު؛
- މައްސަލައިގެ ބާވަތް؛
- މައްސަލައިގެ ކުރު ތަފުސީލު؛
- ހަވާލާދޭ ގާނޫނާއި، ކުށް؛
- ތުހުމަތުކުރެވޭ ފަރާތުގެ މައުލޫމާތާއި ވަނަވަރު؛
- ކުށާ، ތުހުމަތު ކުރެވޭ ފަރާތާ ހުރި ގުޅުން؛
- ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ތަހުގީގު ކުރުމުގައި ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަންޖެހޭ ސަބަބު؛
- މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ތެރެއިން ބޭނުންކުރުމަށް އެދޭ އުކުޅު؛
- ހާސިލުކުރުމަށް ބޭނުންވާ މަގުސަދު؛
- ހުއްދައަށް އެދޭ މުއްދަތު؛
- ހުއްދައަށް އެދޭ އޮފިސަރުގެ މައުލޫމާތު؛
- ހުއްދައަށް އެދޭ އޮފިސަރު ނިސްބަތްވާ އިދާރީ ބަހާގެ ކޮމިށަންޑް އޮފިސަރެއްގެ މައުލޫމާތު.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔުން ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމްކޮށްފައިވާ އިދާރީ އިންތިޒާމުގެ ތެރެއިން ހުއްދައަށް ހުށަހަޅައި، އެ ހުއްދަ ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ދިނުމަށްފަހު، އެ ހުއްދައިގެ ލިޔުމުގައި ހުއްދައަށް އެދުނު ފަރާތާއި، ހުއްދަ ދިން ފަރާތް ސޮއިކޮށް، އެ ލިޔުމުގެ ރިކޯޑު ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދައަށް އެދެވޭނީ އަންނިވި ފަރާތްތަކަށެވެ.
- މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ތަހުގީގުކުރާ އިންވެސްޓިގޭށަން އޮފިސަރ؛
- މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ ގުޅިގެން ތަހުގީގެއް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންދާ އިންޓެލިޖެންސް އޮފިސަރު.
7 ވަނަ މާއްދާ - ހުއްދަ ދިނުން
(ހ) ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރުމަށް ހުއްދަ ދޭ އޮފިސަރު، ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- މައްސަލައިގެ ބާވަތް؛
- ތުހުމަތު ކުރެވޭ ކުށާ ތުހުމަތު ކުރެވޭ ފަރާތާ ހުރި ގުޅުން؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަންޖެހޭ ސަބަބު؛
- މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ތެރެއިން ބޭނުންކުރުމަށް އެދިފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު؛
- ހާސިލުކުރުމަށް ބޭނުންވާ މަގުސަދު ހާސިލުވާނޭ މިންވަރު؛
- އެދިފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން މައްސަލައިގެ ތަހުގީގަށް ހެކި ލިބިދާނޭކަމަށް ގަބޫލު ކުރެވުން؛
- ތަހުމަތުކުރެވޭ ފަރާތުގެ އެއްވެސް ހައްގެއް ހަނިވެގެންދާނަމަ، އެ ހައްގެއް ހަނިވެގެންދާ މިންވަރު؛
- ހުއްދައަށް އެދޭ މުއްދަތު؛
- ހުއްދައަށް އެދޭ ފަރާތުގެ އިގްރާރު؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި ޒިންމާވާނެ އޮފިސަރެއްގެ މައުލޫމާތު.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ.
(ނ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުޅަހެޅުމަކާ ގުޅިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ތެރޭގައި ހިމެނޭ ވަކި އުކުޅެއް ބޭނުންކުރުމަށް، ނުވަތަ އުކުޅުތަކެއް ބޭނުންކުރުމަށް ހުއްދަދިނުމަށް ނިންމިދާނެއެވެ.
(ރ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ގޮތެއް ނިންމުމުގައި އެ ނިންމުން ނިންމި ސަބަބު، ގޮތް ނިންމި އޮފިސަރު ބަޔާންކުރަންވާނެއެވެ.
(ބ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރުމުގެ ހުއްދަ ލިޔުމުން ދޭއިރު، އެ ލިޔުމުގައި، އެ އުކުޅު ތަންފީޛު ކުރުމުގައި ޒިންމާވާނެ އޮފިސަރެއްގެ މައުލޫމާތު ހިމަނަންވާނެއެވެ.
8 ވަނަ މާއްދާ - ކޯޓު އަމުރަށް އެދުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަންވާނީ ކޯޓުއަމުރެއްގެ ދަށުންނެވެ.
(ށ) މިފަދަ ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމާ ގުޅޭގޮތުން މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރު ހުއްދަދިންކަމުގެ ލިޔުމުގެ ކޮޕީ؛
- ކޯޓު އަމުރަށް އެދޭ ފޯމު؛
- އަމުރަށް އެދުމަށް ބޭނުންވާ އެހެނިހެން ލިޔުންތައް.
9 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުން
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވަސީލަތްތަކާއި އާލަތްތައް ވާންވާނީ، މިނިވަން ދިމިގްރާތީ އެހެނިހެން މުޖުތަމައުތަކުގައި ވެސް މިފަދަ އުކުޅެއްގެ ބޭނުންކުރުމުގައި ބޭނުންކުރާ ފަދަ އުކުޅަކަށް، ނުވަތަ ވަސީލަތަކަށް ނުވަތަ އާލަތަކަށެވެ.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަން ފެށުނުކަން، އެ ހުއްދައަށް އެދުނު އިދާރީ ބަހާ ހިންގުމާ ހަވާލުވެހުރި އިސް އޮފިސަރަށާއި، އެ މައްސަލައެއް ތަހުގީގުކުރާ އިންވެސްޓިގޭށަން އޮފިސަރަށް އެންގުން؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގައި އެންމެ އިސްކޮށް ހުރީ ކޮން ފަރާތެއްކަން އެ ޑިޕާޓްމަންޓެއްގެ އެންމެ އިސް އޮފިސަރަށް އެންގުން؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަން ފެށުނީއްސުރެ ނިމެންދެން ކުރެވޭ ކަންކަން ލިޔުމުން ރެކޯޑުކޮށް، ކަންހިނގައިދިޔަގޮތުގެ ޓައިމްލައިނެއް ތައްޔާރު ކުރުން؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ތެރޭގައި، ތަހުގީގު ބިނާކުރެވޭ ނުވަތަ ތަހުގީގު ކުރެވެމުންދާ މައްސަލައާ ގުޅިގެން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ތަހުގީގާއި ށަރީއަތުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނޭ ރިޕޯޓެއް ތައްޔާރު ކުރުން؛
10 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމުގެ ހުދޫދު
ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަންވާނީ އަންނަނިވި ހުދޫދުގެ ތެރެއިންނެވެ.
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރުމުގައި، އެ ބޭނުންކުރި މަގުސަދު ހާސިލުވާނޭ މިންވަރަށް އެކަނި ބޭނުންކުރުން.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރި މަގުސަދު ހާސިލުވުމުން އިތުރަށް ކުރިޔަށް ނުގެންދިއުން.
(ނ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ކަނޑައަޅާ މަގުސަދުގެ ބޭރުން ބޭނުން ނުކުރުން.
(ރ) ތުހުމަތުކުރެވޭ ފަރާތުގެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނޭ އެންމެ މަތީ މިންވަރަކަށް ކުރުން.
11 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދޭ މައުލޫމާތު ހިއްސާކުރުން
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދައިފައިވާ ހެއްކެއް އެފަދަ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާގައި ބޭނުންކުރުމަށް ހުށަހަޅާނަމަ، އެ ހެއްކާއެކު، ހެއްކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ށަރީއަތަށް ހުށަހަޅަންވާނެއެވެ.
(ށ) މި ގަވާއިދުގައި ވަކިގޮތަކަށް ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކާ ގުޅިގެން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރަންވާނެކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ ގޮތަކުން ހާމަކުރާ އެއްވެސް ލިޔުމެއްގައި ނުވަތަ އެފަދަ ލިޔުމެއް ތައްޔާރުކުރުމުގައި ވެސް، އިންޓެލިޖެންސް ސޯސް ހާމަވާނެ ފަދަ އެއްވެސް މައުލޫމާތެއް ހިމަނައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކޮށްގެން ހޯދައިފައިވާ ހެކީގެ މައްޗަށް ބިނާކޮށް ދައުވާކޮށްފައިވާ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާގައި އެ މައްސަލައެއް ސާބިތުކުރުމަށް އެ އުކުޅެއް ބޭނުންކުރުމުގެ ތެރޭގައި ބޭނުންކޮށްފައިވާ އިންޓެލިޖެންސް ސޯސް ހާމަވެދާނެފަދަ ގޮތަކަށް ހެކިބަސްދޭނެ ފަރާތެއް ކޯޓަށް ކޮންމެހެން ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އެ މިންވަރަށް އެކަން ކުރެވިދާނެއެވެ. އެހެންނަމަވެސް، އެގޮތުން ހާމަކުރާ މައުލޫމާތެއް ހާމަކުރަންވާނީ، މައްސަލައިގައި އެކުލެވޭ ކުށުގެ ނުރައްކާތެރި މިންވަރާއި، ކުށް ސާބިތުކުރުމަށް އެފަދަ ހެކިބަހެއްގެ ބޭނުންތެރި މިންވަރާއި، ހެކިބަސް ދޭންހުރި މީހާއަށް ކުރިމަތިވެދާނެ ނުރައްކާތެރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، އެ ހެކިބަހާ ނުލައި އެ މައްސަލަ ސާބިތުނުވާނެކަމަށް ބެލެވޭ މައްސަލަތަކުގައި އެކަންޏެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އިންޓެލިޖެންސް ސޯސް ހާމަވާފަދަ ގޮތަކަށް ހެކިބަސް ދޭނެ މީހެއްގެ މައުލޫމާތު، އެ މީހަކު އިންކާރުކުރާނަމަ، އެ މީހެއްގެ ނުރުހުމުގައި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްގެން ނުވާނެއެވެ.
12 ހެކީގެ ގޮތުގައި ބޭނުންކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް
ބޭނުންކޮށްގެން ހޯދޭ މައުލޫމާތާއި، ލިބޭ ހެކީގެ މައްޗަށް ބިނާކޮށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ފުލުހުން އެކުލަވައިލާ، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތަކުގެ ރިޕޯޓު، ތަހުގީގު މަރުހަލާގައްޔާއި ށަރީއަތުގެ މަރުހަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހެކީގެ ގޮތުގައި ބޭނުންކުރެވޭނީ، އަންނަނިވި ކަންކަން އެ ރިޕޯޓުގައި ފުރިހަމަވެފައިވާ ނަމައެވެ.
- ރިޕޯޓް ތައްޔާރުކުރި ފަރާތުގެ އިގްރާރު؛
- ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ސޮޔާއި، ސަރވިސް ނަންބަރު؛
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކޮށްގެން ހޯދާ މާއްދީ ހެއްކެއް، ހެކީގެ ގޮތުގައި ހުށަހެޅުމަށް ޓަކައި ފުރިހަމަކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީއެއް އޮންނަންވާނެއެވެ.
13 ވަނަ މާއްދާ - ހިނގާނުހިނގާ ގޮތް ބެލުމާއި، ޖަވާބުދާރީވުން
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރާގޮތް ބެލުމަށް ޓަކައި ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 106 ވަނަ މާއްދާއިން އެކުލަވައިލާ ކޮމެޓީއަށް ޖަވާބުދާރީ ވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް ހުށަހެޅިފައިވާ ށަކުވާއަކާ ގުޅިގެން ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމަށް ހުއްދަދިން ފަރާތާއި، ހުއްދައަށް އެދުނު ފަރާތާއި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ތަންފީޛު ކުރުމުގައި ޒިންމާވާނެ އޮފިސަރާ ސުވާލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ކޮމެޓީން ވަކި މައުލޫމާތެއް ދިނުމަށް އެދިއްޖެނަމަ، ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތެއް ކޮމެޓީއާ ހިއްސާކުރަންވާނެއެވެ. އަދި އެފަދަ މައުލޫމާތަކީ އެ ވަގުތުގެ ތެރޭގައި ކޮމެޓީއަށް ހިއްސާކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާނަމަ، ސަބަބު ބަޔާންކޮށް، ކޮމެޓީއަށް އެކަން އަންގަންވާނެއެވެ.
(ރ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރާ ގޮތް ހިނގާނުހިނގާ ގޮތް ބަލައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމެޓީއަށް ލިބިގެންވެއެވެ.
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުމުން އެ ށަކުވާތައް ބެލުން؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަމުންދާ ގޮތުގެ އިންތިޒާމުތަކާއި، އުސޫލުތައް ހަމަޖެހިފައިވާގޮތް ރިވިއުކޮށް، ރިކަމަންޑޭށަން ދިނުން ؛
- މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ހާޒިރުކޮށްގެން ކަންކަން ހިނގައިފައިވާ ގޮތް އޮޅުންފިލުވުން ؛
- ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަމުން ދަނީ ގާނޫނުގެ ދާއިރާއިން ބޭރުގައިކަމަށް ވާނަމަ، އެ ކަން ހުއްޓައިލަން އެންގުން.
14 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުން
ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ފުލުހުން ވަކި މީހަކާ ދެކޮޅަށް ބޭނުންކުރަމުންދާކަމަށް، އެ މީހަކަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ށައްކުކުރެވޭނަމަ، އެ ކަން ބަލައިދިނުމަށް އެދި މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމެޓީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުށަހަޅާ ށަކުވާއެއް ހުށަހެޅުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ށަކުވާ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- އެ މީހަކާމެދު ބޭނުންކުރާކަމަށް ށައްކުކުރެވޭ، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅަކީ ކޮބައިކަން؛
- އެ މީހަކާމެދު ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަމުންދާކަމަށް ށައްކުކުރެވޭ އެކަށީގެންވާ ސަބަބު؛
- އެ މީހަކާމެދު ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކުރަމުންދާކަމަށް ށައްކުކުރެވުނު ތާރީހު؛
- ށަކުވާ ހުށަހަޅާ ފަރާތަށް ގުޅޭނޭ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް؛
- ށަކުވާ ހުށަހަޅާ ފަރާތުގެ ސޮޔާއި އިނގިލީގެ ނިށާން.
15 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާ ބެލުމާމެދު ގޮތެއް ނިންމުން
މި ގަވާއިދުގެ 14 ވަނަ ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމެޓީއަށް ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާއަކާމެދު އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.
(ހ) ހުށަހެޅިފައިވާ ށަކުވާ ބިނާކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަމަށް، ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ، އެ ށަކުވާއެއް ކޮމެޓީން ބެލުން؛
(ށ) ހުށަހެޅިފައިވާ ށަކުވާ ބިނާކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ކަމަށް ކޮމެޓީއަށް ނުފެންނަކަމަށް ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމައިފިނަމަ، އެ ށަކުވާއެއް ނުބެލުމަށް ނިންމުން.
16 ވަނަ މާއްދާ - ށަކުވާތަކަށް ގޮތެއް ނިންމުން
6 .ކޮމެޓީއަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށްފަހު އެ ށަކުވާއެއް ބަލައި ނިންމަންވާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއްގެ މައްޗަށެވެ.
(ހ) ހުށަހެޅިފައިވާ ށަކުވާއާ ގުޅުންހުރި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަމުންދަނީ ގާނޫނާ އެއްގޮތަށް ކަމަށް.
(ށ) ހުށަހެޅިފައިވާ ށަކުވާއާ ގުޅުންހުރި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަމުންދަނީ ގާނޫނުގެ ދާއިރާއިން ބޭރުގައިކަމަށް ވާނަމަ، އެ ކަން ހުއްޓައިލަން އެންގުން.
(ނ) ހުށަހެޅިފައިވާ ށަކުވާއާ ގުޅުންހުރި، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރަމުންދަނީ ގާނޫނުގެ ދާއިރާއިން ބޭރުގައިކަމަށް ކޮމެޓީއަށް ފެންނަނަމަ، އެ ކަމާ ގުޅިގެން އެޅުނު ފިޔަވަޅަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށާއި، ވަޒީރަށާއި، ޕޮލިސް ބޯޑަށް ހުށަހެޅުން.
17 ވަނަ މާއްދާ - ޖިނާއީ މަސް އޫލިއްޔަތު އުފުލުން
ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައްޔާއި، ގާނޫނީ ތަރަހައާއި، މި ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރާ އަމަލަކާ ގުޅިގެން އަދި މީހަކު ކުށުގެ އަމަލެއްކުރަނިކޮށް ހިފުމަށްޓަކައި މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުށުގެ އުންސުރެއް ފުލުހަކު ނުވަތަ ފުލުހުންގެ ފަރާތު ން އެ މަސްއޫލިއްޔަތު ހަވާލުކުރާ މީހަކު ފުރިހަމަކުރުމަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލުމުން އިސްތިސްނާކުރެވޭ ހާލަތެކެވެ.
18 ވަނަ މާއްދާ - މައުލޫމާތާއި މާއްދީ ހެކި ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި، ނައްތައިލުން
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކޮށްގެން އެއްކުރެވޭ މައުލޫމާތު ގެންގުޅެ ބަލަހައްޓަންވާނީ، އެކްސެސް ކޮންޓްރޯލްކޮށްފައިވާ ތަނެއްގައި ނުވަތަ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރޭގައި، އެ މައުލޫމާތައް އެކްސެސްވާންނުޖެހޭ ފަރާތްތަކަށް އެކްސެސް ނުވެވޭނެ ގޮތަކަށް ރައްކައުތެރިކަމާ އެކުގައެވެ.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކޮށްގެން، ތުހުމަތުކުރެވޭ ފަރާތާ ގުޅޭ މައުލޫމާތު އެއްކުރަމުންދާ މަރުހަލާގެ ތެރެއިން އެއްކުރެވޭ، ކުށާ ގުޅުން ނެތް އެހެން މައުލޫމާތު، ތަހުގީގުކުރެވޭ މައްސަލައާ ގުޅުވައިގެން ރައްކައުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ މައުލޫމާތަކީ ކުށް މަދުކުރުމަށާއި، ކުށް ހުއްޓުވުމަށް ނުވަތަ ކުށުގެ ވެށި ދިރާސާކުރުމަށް ބޭނުންހިފިދާނެފަދަ މުހިންމު މައުލޫމާތެއް ނަމަ، އެފަދަ ބޭނުމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށް، އެ މައުލޫމާތު ރައްކައު ކުރެވިދާނެއެވެ.
(ރ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅެއް ބޭނުންކޮށްގެން އެއްކޮށްފައިވާ މައުލޫމާތު ނައްތައިލަންވާނީ، އެ މައުލޫމާތު އެއްކުރި މައްސަލަ ތަހުގީގުކުރާ އިދާރީ ބަހާގެ އިސް އޮފިސަރެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. މި ގޮތުން އެފަދަ މައުލޫމާތު ނައްތައިލަންވާނީ، އެހެން ފަރާތަކަށް އެ މައުލޫމާތު އަލުން އިޔާދަ ނުކުރެވޭނެ ފަދަ ގޮތަކަށެވެ.
19 ވަނަ މާއްދާ - ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރާނޭ ގޮތުގެ މެނުއަލް
(ހ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުގެ ތެރޭގައި ހިމެނޭ ކަންކަން ކުރާނެ ގޮތްތައް ބަޔާންކޮށް، ތަހުގީގު ކުރުމުގެ ހާއްސަ އުކުޅުތައް ބޭނުންކުރުމުގެ މެނުއަލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވައިލަންވާނެއެވެ.
(ށ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރާނޭ ގޮތުގެ މެނުއަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުކުޅުތައް ބޭނުންކުރާނޭ ގޮތާއި، އެ ކަންކަމަށް ބޭނުންކުރާނޭ ވަސީލަތްތަކާއި، އެ ކަންކަންކުރުމުގައި ބޭނުންކުރާނޭ ލިޔެކިޔުންތަކުގެ ނަމޫނާ އޮންނަންވާނެއެވެ.
(ނ) ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުންކުރާނޭ ގޮތުގެ މެނުއަލް ހާމަކުރަންވާނީ، އެ މެނުއަލް ހާމަކުރެވޭނެކަމަށް އެ މެނުއަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
20 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި "އިންޓެލިޖެން ސޯސް" ކަމަށް ބެނެފައި އެ ވަނީ، ހާއްސަ ތަހުގީގީ އުކުޅެއް ބޭނުންކޮށްގެން މައުލޫމާތު ހޯދުމަށް ބޭނުންކުރާ، މީހުންނާއި އާލަތްތަކާއި ފަންނީ އުކުޅުތަކާއި ލިޔެކިޔުމަށެވެ.
21 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު