ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-35)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ޑިސެމްބަރު 2022 ގައި)
ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ތައާރުފާއި ނަން 1.
(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރާނެ ސަރަހައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށް ދޫކުރުމާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި، ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުމާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ބިން ދޫކުރުމާއި، އެފަދަ ތަންތަން ހިންގުމާއި، ޓޫރިސްޓް އުޅަނދުތަކާއި، ފީނުމުގެ ހިދުމަތްދޭ ތަންތަނާއި، ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކާއި، އެނޫންވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިއާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
2. ޓޫރިސްޓް ރިޒޯޓާއި ހޮޓާ ހެދުމަށް ބިންދޫކުރުމާއި އެފަދަ ތަންތަން ހިންގުމާއި ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ފަދަ ތަންތަން ހިންގުން
ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ ހެދުމަށް ރަށްރަށާއި ބިންބިމާއި ފަޅު ދޫކުރަންވާނީ، އަދި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރަންވާނީ، އަދި ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓުހައުސް ފަދަ ތަންތަނާއި ޔޮޓް ބަނދަރު ހިންގަންވާނީ، އަދި ޓޫރިސްޓް އުޅަނދުތައް ދުއްވަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުން.
3-1. އިންޓަގްރޭޓަޑް ޓޫރިޒަމް ނުވަތަ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ބިން ދޫކުރުމާއި އެފަދަ ތަންތަން ހިންގުން
ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކޮށް، އެފަދަ ޕްރޮޖެކްޓްތަކުގެ ދަށުން ތަންތަން ތަރައްގީކޮށް، އެފަދަ ތަންތަން ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
4. ޓޫރިޒަމްގެ ސަރަހައްދުތަކާއި ރިޒޯޓު ހަދާނެ ރަށްރަށާއި ޓޫރިސްޓު ހޮޓަލާއި ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ހަދާނެ ތަންތަން ކަނޑައެޅުން
(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓު ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމްތަރައްގީކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ބިން އެކަށައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.
5.ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން
(ހ) ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ،ތިރީގައި ބަޔާންކޮށްފައިވާ ތިން ގޮތުންކުރެ ގޮތަކަށެވެ.
6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
5.(ހ)(3). ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި، މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.
7 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) އަންނަނިވި ފަދައިން އިސްލާހުކުރުން.
(ކ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް މި ގާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް 5 (ފަހެއް) އެމެރިކާ ޑޮލަރުގެ މަގުން އަގުކުރުމަށްފަހު ޖެހޭ އަދަދަކަށް، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އެފަދައިން ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި އާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
8 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (އ) އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.
(އ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި އަމަލުކުރަންވާނީ މި ގާނޫނަށެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށެއްގެ ބިނާވެށީގެ ޕްލޭންގައި ކަނޑައަޅާފައިވާ ބިންތައް ކުއްޔަށް ދޫކުރާނީ، އެ ބިމެއް ނިސްބަތްވާ ކައުންސިލުން އާންމުކޮށް އިއުލާންކޮށްގެން، ކަމާގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
9 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަންނަނިވި 2 އަކުރު އިތުރުކުރުން.
5. (ވ) މި މާއްދާގެ (އ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކައުންސިލްތަކުން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ، މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(މ)
- ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޭންވާނީ، މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
- މި މާއްދާގެ ބޭނުމަށްޓަކައި "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުތަކާއި، އެ މަށްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
- މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނީ، ގިނަވެގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
- މި އަކުރުގެ (4) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ރަށް ހަވާލުކުރެވޭ ފަރާތާ މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހަވާލުކޮށްފައިވާ މަށްރޫއު ފުރިހަމަކޮށް ނިމިފައިވާ ހާލަތުގައި، އެފަރާތުން މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދެވިދާނެއެވެ.
- މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ވަކި ފަރާތަކަށް ދޫކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރަން ނިންމަނީ، ސަރުކާރުގެ އެހެން އިދާރާއަކުން ކަމުގައިވީނަމަވެސް، އެފަދައިން ކްރޮސް ސަބްސިޑީގެ ގޮތުގައި މި ގާނޫނުގެ ދަށުން ވަކި ފަރާތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ކަމާބެހޭ އިދާރާއިން ނިންމުމާއެކު، މި ގާނޫނުގެ ބޭނުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ޓޫރިޒަމާބެހޭ މިނިސްޓްރީގެ ދަށަށް ނަގުލުވެގެންދާނެއެވެ. އަދި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭގޮތުން އަމަލުކުރެވޭނީ މި ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
- މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ފަރާތާއި ދިވެހިސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމުގައި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއެއްގެ ދަށުން ތަރައްގީކުރުމަށް އެފަރާތާ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަނުކޮށްފިނަމަ ރަށް ނުވަތަ ބިން ނުވަތަ ފަޅު ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވެނީ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުގެ ދަށުން ކުރާ މަސައްކަތް، އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން ކުރާކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި އެފަރާތަށް ދޭ އިނާޔަތެއް ނުވަތަ ލުޔެއް ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރެވޭ ރަށެއްގެ ގޮތުގައި ކަމަށްވާތީ، އެ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް ދައްކަންޖެހޭ ކުލި، އެފަރާތުން ކުރާ އިންވެސްޓްމަންޓާ އަޅައިކަނޑައިދެވޭނެއެވެ.
- މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށްރަށް ދޫކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
10 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
5-1 ވަނަ މާއްދާ – އެއް ފަޅެއްގައި ހިމެނޭ ދެ ރަށް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އުފެދިފައިވާ ނުވަތަ ހިއްކާފައިވާ އެއް ރަށަށްވުރެ ގިނަ ރަށް، އެއް ފަޅެއްގައި ހިމެނޭނަމަ، އެ ރަށްތަކަކީ ވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށްތައް، ވަކިވަކި ފަރާތްތަކަށް ކުއްޔަށްދެވިދާނެއެވެ.
(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ކުއްޔަށްދީފައިވާ ނުވަތަ ޓޫރިސްޓް ރިޒޯޓެއް ހިންގާ އެއްވެސް ރަށަކީ ނުވަތަ ފަޅަކީ ނުވަތަ ބިމަކީ، އެއް ރަށަށްވުރެ ގިނަ ރަށް އެއް ފަޅެއްގައި ހިމެނޭގޮތުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއްނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، އެ ރަށްތަކަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، ކުއްޔަށް ހިފާފައިވާ ފަރާތުން އެއިން ރަށެއް ނުވަތަ ރަށްތަކެއްގެ މައްޗަށް ލިބިފައިވާ ހައްގުތައް، ތިންވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށްދީ ހެދިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަދައިން އެއް ފަޅެއްގައި ހިމެނޭ ދެ ރަށެއް ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ރަށްތަކުގެ ބައުންޑަރީ ކަނޑައަޅާނެ ގޮތާއި، އެފަދަ ރަށްތަކަށް ނެގޭނެ ފީއާއި، އެފަދަ ރަށްތަކާ ގުޅޭގޮތުން އަމަލުކުރާނެ އެނޫންވެސް އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
11 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން
7.ކުލި
(ހ) މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއޓޫރިސްޓް ގެސްޓްހައުސް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
- ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާ އަދި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ފަޅު ރަށްތަކާއި ފަޅު ރަށްތަކުގެ ބިމުގެ ކުލި ދައްކާނީ މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ގޮތުގެމަތިންނެވެ
- މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލި ދައްކާނީ މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިންނެވެ.
(ށ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމަށްވެސް، ކުލި ދައްކާނީ މި މާއްދާގެ (ހ) ގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުލި ދައްކަން ފަށާނީ، 1 ޖަނަވަރީ 2021 އިން ފެށިގެންނެވެ.
12 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން
(ނ) ގާާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ހިފާފައިވާ ފަރާތުން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، ތިރީގައި ބުނެފައިވާ ގޮތަށް ފީއެއް ނެގުމަށްފަހު އެ ރަށެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެއެވެ.
- ޤާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100،00 (އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެއެވެ.
- ޤާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހިނގާ ފުރަތަމަ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށްފަހު ފައިސާ ދައްކައި ޚަލާޞްކުރުމަށް އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންވާނެ އެވެ.
13 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަގަލުކޮށްފައިވާ، 9 ވަނަ މާއްދާގެ (ރ) އުނިކުރުން
(ރ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، ދައްކައި ހަލާސްކޮށްފައިނުވާ ފަރާތްތަކުންނާއި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 8 ވަނަ އިސްލަހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނެ ފަރާތްތަކުން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން، 31 ޑިސެންބަރު 2017 ގެ ނިޔަލަށް ދައްކައި ހަލާސްކޮށް ނިންމަންވާނެއެވެ.
14 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަގަލުކޮށްފައިވާ، 9 ވަނަ މާއްދާގެ (ބ) އުނިކުރުން
(ބ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ދައްކައި ހަލާސްނުކޮށްފިނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާތިލުވާނެއެވެ. އަދި އެ ހާލަތު މެދުވެރިވެއްޖެ ހިނދެއްގައި، އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެފަރާތްތަކާއި ދިވެހިސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ކަމާގުޅޭ މާއްދާތައް، މި މާއްދާއާ ފުށުއަރާ ނިސްބަތަށް ބާތިލުވާނެއެވެ.
15 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޅ) މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުންތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ކަމަށްވާނަމަ، އެ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭންވާނެއެވެ.
16 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.
9(ކ)(3). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ފުރަތަމަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި، މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް ލާޒިމުވާނެއެވެ. އަދި އެ މުއްދަތަށްފަހު 99 (ނުވަދިހަ ނުވައެއް) އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާ ފަރާތްތަކަށް މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 10،000،000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެކީއެއްފަހަރާ ދެއްކުމަށް ލާޒިމުވާނެއެވެ.
17 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވ ފަދައިން ތިން ބާބު އިތުރުކުރުން
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުން
16-1.އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުން
(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގަންވާނީ، މި ގާނޫނުގެ 1 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 5-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި:
- "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސް އަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.
- "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ހުއްދަ ދޭ ފަރާތަށެވެ.
- "ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، އެ ރިޒޯޓުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް ގާއިމުކޮށް ހިންގާ ވަކި އިންވެސްޓަރަށެވެ.
(ނ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް؛
- ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ތަނެއް އިންޓަގްރޭޓަޑް ރިޒޯޓަކަށް ބަދަލުކުރުމުގައި ބަލާނެ ށަރުތުތަކާއި އަމަލުކުރާނެ ގޮތުގެ އުސޫލުތައް؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ވަކި ބައިތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނެކަމާއި، ތިންވަނަ ފަރާތަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ވަކި ބައިތަކާ ގުޅިގެން މެނޭޖްމަންޓް އެއްބަސްވުމެއް ހަދަންވާނެކަމާއި، އެ އެއްބަސްވުން ހެދުމުގައި އަމަލުކުރާނެ އުސޫލުތައް؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ ދަފްތަރު ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް؛
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ އުސޫލުތައް.
16-2.އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށްދިނުން
(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް މި ގާނޫނުގެ ދަށުން ކަނޑައެޅޭ ސަރަހައްދެއްގައި، އަންނަނިވި ދެގޮތުންކުރެ ގޮތަކަށެވެ.
- ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށްނަމަ، މި ގާނޫނުގެ 5-16 ވަނަ މާއްދާގައިވާ ގޮތުގެމަތިން؛ ނުވަތަ
- އެނޫން ފަރާތަކަށްނަމަ، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން.
(ށ) އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ ބޭނުމަށްޓަކައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ސަރަހައްދެއްގައި، ތިންވަނަ ފަރާތެއް މެދުވެރިކޮށް ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސް ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށްޓަކައި، އެ ރަށެއް ނުވަތަ ސަރަހައްދެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއެކު އެއްބަސްވުން ވެފައިވާ ފަރާތުން، އެ ރަށުގެ ނުވަތަ ސަރަހައްދުގެ ވަކިވަކި ބައިބައި ތިންވަނަ ފަރާތަކަށް ކުއްޔަށްދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
16-3.އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ހުއްދަ ދިނުން
(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގޭނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދެވޭނީ، އެތަން ތަރައްގީކުރާ ޑިވެލޮޕަރަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުއްދަ ދެވޭނީ، ޑިވެލޮޕަރާއި ޓޫރިޒަމާބެހޭ މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން އެ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށެވެ. އެ އެއްބަސްވުމުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރިއެއް ހިންގަންވާނީ، އެތަންތަން ހިންގުމަށް މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެންނެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމުގެ ހުއްދަ ދޫކުރަންވާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.
- އެތަނަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ރަށެއް ނުވަތަ ސަރަހައްދެއް ކަމުގައިވުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކުރެވޭ ތަނަކަށްވުން؛
- ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ވަކިވަކި ހިދުމަތްތަކެއް، ވަކި ފެންވަރެއްގައި، އެތަނުން ލިބެން ހުރުން؛
- މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން ށަރުތުތައް.
(ޅ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ޓޫރިސްޓް ރިޒޯޓުތަކުގެ މައްޗަށް މި ގާނޫނުން ލާޒިމުކުރާ އެންމެހައި ކަންކަން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި މި ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ގްރީން ޓެކްސް ދެއްކުމުގެ އިލްތިޒާމުވެސް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.
16-4.ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ރަށްރަށުގެ ގޮތުގައި ބަދަލުކުރުން.
(ހ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ޓޫރިސްޓް ރިޒޯޓު ހިންގުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް، ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ހިންގަމުންދާ ރަށެއް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.
(ށ) ޓޫރިސްޓް ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ހިންގަމުންދާ ރަށެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގާ ރަށެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ތަނެއް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ތަނެއްގެ ގޮތުގައި ބަދަލުކުރެވޭނީ، 1,000,000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށްފަހުގައެވެ.
16-5.ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުން
(ހ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ވަކި ސަރަހައްދެއްގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއަރުވައި، އެ ސަރަހައްދެއްގައި އިގްތިސާދީ ހަރަކާތް އިތުރުކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށްޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް، އަންނަނިވި ގޮތުގެމަތިން ކުއްޔަށްދެވިދާނެއެވެ.
- އެ ރަށަކީ ނުވަތަ ފަޅަކީ ނުވަތަ ބިމަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްގީކޮށް ހިންގުމަށް ކަނޑައަޅާފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަބިމެއް ކަމަށްވުން؛ އަދި
- އެ ރަށް ނުވަތަ ފަޅު ނުވަތަ ބިން ހިމެނޭ ސަރަހައްދަކީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށްވުން؛ އަދި
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވުން؛ އަދި
- އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާގެ ގޮތުގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތަށް، ދެމިއޮތުން.
(ށ) މި މާއްދާގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްޓަކައި ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ދޭންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށްދެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގައި ތަރައްގީކުރާ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އަކީ، މި ގާނޫނުގެ 6-16 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކޮޓަރި ނުވަތަ ވިލާ ކުއްޔަށް ދިނުމަށް ތަރައްގީކުރާ ތަންތަން ކަމުގައި ވާންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުން، މި ގާނޫނުގެ 2-16 ވަނަ މާއްދާގެ (ށ) އާއި މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގަން ފަށާތާ 10 (ދިހައެއް) އަހަރުދުވަސް ފާއިތުވުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދައާއެކު، އެ ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުމަށް ސަރުކާރާއެކު ކޮށްފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރެވިދާނެއެވެ.
16-6.ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުން
(ހ) މި ގާނޫނުގެ 7-16 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 14-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާ ނުވަތަ ކޮޓަރި، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭންގައި ހިމެނޭ، އެ ރިޒޯޓުގައި ހިމެނޭ އެހެނިހެން ތަންތަނާ ވަކިން، ވަކި ބައުންޑަރީއެއް ކަނޑައެޅިފައިވާގޮތަށް އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާއާއި، އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗަށެވެ. އަދި އެތަންތަނަކީ، ރިޒޯޓުގެ އާންމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްތަކާއި، ރިޒޯޓަށް އަރާ ފޭބުމާއި، ކޮޓަރި ނުވަތަ ވިލާއަށް ވަދެ ނުކުތުމުގެ ހައްގު ލިބިދެވޭ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ދިގު މުއްދަތަކަށް ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އެ ކޮޓަރި ނުވަތަ ވިލާ އަދި އެ ކޮޓަރި ނުވަތަ ވިލާއާ ގުޅިފައިވާ ބިމާއި އިމާރާތާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަން ނުހިމެނޭގޮތަށް، އެ ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގެ ހައްގު ދިގު މުއްދަތަކަށް ވިއްކުމަށެވެ.
16-7.ރިޒޯޓެއްގެ ވިލާ ނުވަތަ ކޮޓަރި ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުން
(ހ) މި ގާނޫނުގެ ދަށުން ހިންގާ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ވިލާއެއް ނުވަތަ ކޮޓަރިއެއް، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.
(ށ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ
- ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ވިލާތަކުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި؛
- ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރާ ވިލާތަކުގެ ދަފްތަރު ބަލަހައްޓާނެ ގޮތް؛
- ސްޓްރާޓާ އުސޫލުން ވިލާ ކުއްޔަށް ދޫކުރުމަށްޓަކައި ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންތައްތައް؛
- ސްޓްރާޓާ އުސޫލުން ކުއްޔަށް ދޫކުރާ ވިލާގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ އުސޫލުތައް.
16-8.ސްޓްރާޓާ އުސޫލުން ކުއްޔަށްދޭ ތަންތަން މިނިސްޓްރީގައި ރަޖިސްޓަރީކުރުން
(ހ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ކުރިން، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ކުއްޔަށް ދިނުމަށް ގަސްދުކުރާ ތަން ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި ރަޖިސްޓަރީކުރަން ހުށަހަޅާ ތަންތަނުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ނުވަތަ އެއިން ތަނެއްގެ ބައެއް، ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދިނުމަށް އެތަން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށްދެވޭނީ، 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް ދެއްކުމަށްފަހުގައެވެ.
16-9.ސްޓްރާޓާ އުސޫލުން ކުއްޔަށްދިނުމުގެ އެއްބަސްވުން
(ހ) ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއްބަސްވުމެއްގައި، ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު ސޮއިކޮށް، އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ވިއްކާ ފަރާތް" ކަމަށް ބަޔާންކޮށްފައިވަނީ، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތް، ނުވަތަ ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް ކުލީގެ އެއްބަސްވުން ކުއްޔަށްދީފައިވާނަމަ (ސަބްލީސްކޮށްފައިވާނަމަ) އެފަރާތަކުން (ސަބްލީސްގެ ވެރިފަރާތް)، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި، ސަރުކާރުން އެފަރާތަކަށް ރަށެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށެވެ.
(ނ) ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި މި ގާނޫނުގެ 8-16 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޮޓަރިއެއް ނުވަތަ ވިލާއެއް، ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން؛ ނުވަތަ
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށްވުން.
16-10.ކުއްޔަށްދިނުމުގެ މުއާމަލާތުގެ ށަރުތުތައް
(ހ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއްގެ ދަށުން ކުއްޔަށްދެވޭ ރަށް ކުއްޔަށްދެވޭ މުއްދަތު ސަރުކާރުން ރަށް ނުވަތަ ބިން ކުއްޔަށްދީފައިވާ މުއްދަތަށްވުރެ ދިގުވެގެން ނުވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއްގައި، ވިލާ ގަންނަ ފަރާތުން، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށް ދިނުމުގެ ހައްގު ލިބިގެނެއްނުވެއެވެ.
(ނ) މި ގާނޫނުގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން އެ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ކޮށްފައިވާ އެއްބަސްވުމާ އެއްވެސް ހިލާފެއް އޮވެގެންނުވާނެއެވެ. އަދި ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި، ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެއްބަސްވުމާ ހިލާފު އެއްވެސް މާއްދާއެއް ހިމެނޭނަމަ، އެ މާއްދާއަކީ ބާތިލު މާއްދާއެއް ކަމުގައި ބެލޭނެއެވެ.
(ރ) ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ވިލާ ގަންނަ ފަރާތަށް ލިބިގެންވާ އެންމެހައި ހައްގުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކުއްޔަށްދިނުމުގެ އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްގު ލިބިގެންވެއެވެ.
(ބ) ރިޒޯޓެއްގެ ވަކި ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ވިލާ ގަންނަ ފަރާތަށް ލިބިގެންވާ އެންމެހައި ހައްގުތަކާއި މަސްލަހަތުތަކަކީ، އެފަރާތަށް އެ ހައްގާއި މަސްލަހަތުގެ ގާނޫނީ މިލްކުވެރިކަން، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތަށް ލިބިދޭ ހައްގާއި މަސްލަހަތެވެ. އަދި އެ ހައްގާއި މަސްލަހަތު، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، ރަހުނުކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ. އަދި މިގޮތުން ކުއްޔަށްހިފާ ފަރާތަށް ލިބިގެންވާ ހައްގުތައް ރަހުނުކުރާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެކަން ރަޖިސްޓަރީކުރަންވާނެއެވެ.
16-11.ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަން
މި މާއްދާގެ ދަށުން ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ދިގު މުއްދަތަށް އެހެން ފަރާތަކަށް ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(ހ) ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ މުއްދަތު؛
(ށ) ކޮންޓްރެކްޓުގެ މުއްދަތުގައި ހިމެނޭ ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގެ ހައްގު ލިބިދޭ ދުވަސްތަކުގެ ޖުމްލަ؛ އަދި އެ ދުވަސްތަކުގެ ޖުމްލަ އެ މީލާދީ އަހަރެއްގެ ތެރޭގައި ބަހާލެވޭ ގޮތް ނުވަތަ އެ ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމަށް މީލާދީ ކޮންމެ އަހަރެއްގައިވެސް ވަކި ދުވަސްތަކެއް ދުރާލާ ކަނޑައަޅާފައިވާނަމަ، އެ ދުވަސްތައް؛
(ނ) ކޮޓަރި ނުވަތަ ވިލާ ކުއްޔަށްދެވޭ އަގާއި، އަގު އަދާކުރާނެ ގޮތް؛
(ރ) އެއްބަސްވުން ނިސްބަތްވާ ކޮޓަރި ނުވަތަ ވިލާ ހުރި ރަށާއި އެ ކޮޓަރި ނުވަތަ ވިލާގެ ބޮޑުމިން އަދި އެތަނުގައި ލިބެންހުރި ހިދުމަތްތައް؛
(ބ) ރަށް ނުވަތަ ބިން ކުއްޔަށްދިނުމަށް ސަރުކާރުން ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތަށް ލިބިގެންވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ކުއްޔަށްދޭނަމަ، ނުވަތަ ރިޒޯޓުގެ މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކުރާނަމަ، އަމަލުކުރާނެ ގޮތް؛
(ޅ) ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު، ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންތައްތައް؛
(ކ) ކޮޓަރި ނުވަތަ ވިލާ ބޭނުންކުރުމުގައި ކުއްޔަށް ހިފާ ފަރާތަށް ލިބިދޭ ހައްގުތައް ދޫކޮށްލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ، ނުވަތަ އެ ހައްގުތައް އެހެން ފަރާތަކަށް ނަގުލުކުރާނަމަ ނުވަތަ އެ ހައްގުތައް އެހެން ފަރާތަކާ އެކްސްޗޭންޖްކުރާނަމަ، އަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކުރާ މާއްދާތައް؛
(އ) ކޮންޓްރެކްޓެއް ބާތިލުކުރާނަމަ އަމަލުކުރަންޖެހޭނެ އުސޫލާއި، ބާތިލުކުރުމަށް ނޯޓިސް ދޭންޖެހޭނަމަ އެ ނޯޓިސް ދޭންޖެހޭ އެންމެ ކުރު މުއްދަތާގުޅޭ އުސޫލާއި، އެ ކޮންޓްރެކްޓް ބާތިލުކުރުމާ ހަމައަށް ދައްކަންޖެހިފައިއޮތް ފައިސާ ދެއްކުމުގައި އަމަލުކުރަންޖެހޭ އުސޫލާގުޅޭ މާއްދާތައް؛
(ވ) ރިޒޯޓު އަލުން ތަރައްގީކުރާ ހާލަތުގައި އަމަލުކުރާނެ ގޮތް.
16-12.މެނޭޖްމަންޓް އެގްރީމަންޓް
ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށްދޭ ހާލަތުގައި، މި ގާނޫނުގެ 11-16 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމުގެ އިތުރުން، ކުއްޔަށްދޭ ފަރާތާއި ވިއްކާ ފަރާތާ ދެމެދު ސޮއިކުރެވޭ މެނޭޖްމަންޓް އެގްރީމަންޓެއް އޮންނަންވާނެއެވެ. އެ އެގްރީމަންޓްގައި ހިމެނެންޖެހޭނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
16-13.މަސްލަހަތު ރަޖިސްޓްރީ ކުރުން
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ފުރިހަމަވުމާއެކު، އެ މުއާމަލާތުގެ ދަށުން ވިލާ ގަންނަ ފަރާތަށް ލިބިދީފައިވާ މަސްލަހަތު، އެފަރާތުގެ ނަމުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ، މިނިސްޓްރީން އެފަރާތުގެ ނަމުގައި އެފަދަ ރަޖިސްޓަރީއެއް ހައްދައިދޭންވާނެއެވެ.
16-14.ޓެކްސް ދައްކަން ލާޒިމުވާ ހާލަތްތައް
ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅޭގޮތުން ނެގޭނީ، އަންނަނިވި ޓެކުހެވެ.
(ހ) ވިއްކުމުގެ މުއާމަލާތަށް، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނުގެދަށުން ނެގޭ ޖީ.އެސް.ޓީ؛
(ށ) އެތަނުގައި ޓޫރިސްޓަކު ހުންނަ ހާލަތުގައި، އަންނަނިވި ގާނޫނުތަކުގެ ދަށުން އެ ޓޫރިސްޓެއްގެ އަތުން ނެގޭ ޓެކްސް:
- މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ގާނޫނުގެ ދަށުން ނެގޭ ޖީ.އެސް.ޓީ؛
- ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ނެގޭ ގްރީން ޓެކްސް؛
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ގާނޫނެއްގެ ދަށުން ޓޫރިސްޓެއްގެ އަތުން ނެގޭ ޓެކުހެއް
16-15.ސްޓްރާޓާ އުސޫލުން ކުއްޔަށްދޭ ތަންތަނުގެ ދަފްތަރު
މި ގާނޫނުގެ 13-16 ވަނަ މާއްދާގެ ދަށުން ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި ރަޖިސްޓަރީކުރާ ތަންތަނާއި، އެތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި، އެތަންތަނާ ގުޅޭގޮތުން ރަޖިސްޓަރީކޮށްފައިވާ މަސްލަހަތުގެ ދަފްތަރެއް، ޓޫރިޒަމާބެހޭ މިނިސްޓްރީން ގާއިމުކޮށް ބަލަހައްޓަންވާނެއެވެ.
16-16.ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދީ ހިންގުން
(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޕްރައިވެޓް އައިލެންޑް ކުއްޔަށްދީ، ތަރައްގީކޮށް، ހިންގަންވާނީ، މި ގާނޫނުގެ 17-16 ވަނަ މާއްދާއިން ފެށިގެން މި ގާނޫނުގެ 19-16 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި:
- "ޕްރައިވެޓް އައިލެންޑް" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް، އެ ރަށެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްގީކުރާ ޓޫރިޒަމްގެ ރަށަކަށެވެ.
- "ޑިވެލޮޕަރ" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.
- "އިންވެސްޓަރ" ކަމަށް ބުނެފައި އެވަނީ، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ރަށެއް، އެ ޕްރައިވެޓް އައިލެންޑްގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ކުއްޔަށް ހިފާ ފަރާތަށެވެ.
(ނ) މި ގާނޫނުގެ 5 ވަނަ މާއްދާ އެހެންއޮތްނަމަވެސް، ޕްރައިވެޓް އައިލެންޑް ކުއްޔަށްދީ، ތަރައްގީކޮށް، ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް، އަންނަނިވި ގޮތުގެމަތިން، ފަޅެއް ކުއްޔަށްދެވިދާނެއެވެ.
- އެ ފަޅަކީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށް ކަނޑައަޅާފައިވާ ފަޅެއް ކަމަށްވުން؛ އަދި
- އެ ފަޅަކީ، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ކަނޑައަޅާފައިވާ ތަނަކަށްވުން؛ އަދި
- ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ފަޅު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާފައިވުން؛ އަދި
- ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ފަޅު ކުއްޔަށްދެވޭ ކުންފުނީގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާގެ ގޮތުގައި، އެ ފަޅު ކުއްޔަށްދެވޭ މުއްދަތަށް، ދެމިއޮތުން.
(ރ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް ފަޅެއް ކުއްޔަށްދެވޭނީ، 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސް ނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ
(ޅ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ފަޅެއް ދޭންވާނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ސަރުކާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ކ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުން، މި ގާނޫނުގެ 17-16 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި މެނުވީ، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.
16-17.ޕްރައިވެޓް އައިލެންޑް ދިގު މުއްދަތަށް ކުއްޔަށް ދިނުން
(ހ) މި ގާނޫނުގެ 16-16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެމަތިން، އިންވެސްޓަރަކަށް، އެފަރާތުން އަމިއްލައަށް ޗުއްޓީ ހޭދަކުރުމުގެ ބޭނުމުގައި ބޭނުންކުރުމަށް، ނުވަތަ ވިޔަފާރި އުސޫލުން ނޫން ގޮތަކަށް އެފަރާތުން ހުއްދަކުރާ އެހެން ފަރާތްތަކުން ޗުއްޓީ ހޭދަކުރުމުގެ ބޭނުމަށް އެކަނި އަމާޒުކޮށްގެން، ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަށް ކުއްޔަށްދޭއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއްބަސްވުމެއްގައި، ޑިވެލޮޕަރާއި ކުއްޔަށް ހިފާ އިންވެސްޓަރާ ދެމެދު ސޮއިކޮށް، އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި މި އެއްބަސްވުން ފުރިހަމަކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއެކު، މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ އެއްބަސްވުމުގައި ބަޔާންކުރާ ޑިވެލޮޕަރުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ހުއްދަކުރާ ގޮތެއްގެމަތިން، އެ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކުރާ މުއްދަތަށް، ކުއްޔަށް ހިފާ އިންވެސްޓަރަށް ބަދަލުވެގެންދާނެއެވެ.
(ނ) މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑެއް ކުއްޔަށް ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވެފައިވާ ވަކި ފަރުދަކަށްވުން؛ ނުވަތަ
- ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށްވުން.
(ރ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ދިގުމުއްދަތަށް ކުއްޔަށްދިނުމުގެ މުއާމަލާތެއްގެ ދަށުން ކުއްޔަށްދެވޭ ރަށް ކުއްޔަށްދެވޭ މުއްދަތު، ސަރުކާރުން ޑިވެލޮޕަރަށް ފަޅު ކުއްޔަށް ދީފައިވާ މުއްދަތަށްވުރެ ދިގުވެގެންނުވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މުއާމަލާތެއްގައި، ކުއްޔަށް ހިފާ އިންވެސްޓަރ، ތިންވަނަ ފަރާތަކަށް އެތަން ކުއްޔަށްދިނުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.
(ޅ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކުއްޔަށް ހިފާ އިންވެސްޓަރަށް ލިބިގެންވާ އެންމެހައި ހައްގުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ކުއްޔަށްދިނުމުގެ އެއްބަސްވުމާ ހިލާފު ނުވާނެ ގޮތެއްގެމަތިން، އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްގު ލިބިގެންވެއެވެ.
16-18.މަސްލަހަތު ރަޖިސްޓަރީކުރުން
މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ފުރިހަމަވުމާއެކު، އެ މުއާމަލާތުގެ ދަށުން އެ ޕްރައިވެޓް އައިލެންޑް ކުއްޔަށް ހިފާ އިންވެސްޓަރަށް ލިބިދީފައިވާ މަސްލަހަތު، އެފަރާތުގެ ނަމުގައި، ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ. އަދި އެފަދައިން ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނަމަ، މިނިސްޓްރީން އެފަރާތުގެ ނަމުގައި އެފަދަ ރަޖިސްޓަރީއެއް ހައްދައިދޭންވާނެއެވެ.
16-19.ޕްރައިވެޓް އައިލެންޑްގެ އަހަރީ ކުލި
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށްދެވޭ ރަށްރަށަށް ޑިވެލޮޕަރ، ނުވަތަ ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްފަހު މި ގާނޫނުގެ 17-16 ވަނަ މާއްދާގެ ދަށުން ދިގު މުއްދަތަށް އިންވެސްޓަރަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ އިންވެސްޓަރ، ސަރުކާރަށް ކުލި ދައްކާނީ، ކޮންމެ އަހަރަކު، އަކަމީޓަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
18 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
24(ށ). މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުޅަނދުތަކުގެ ތެރެއިން، ދިގުމިނުގައި 15 (ފަނަރަ) މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރަށް އެ މާއްދާގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދޫކުރާނީ، 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ. މި ފީއަކީ، އެ އުޅަނދު ދިވެހިރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ދޫކުރުމަށް ނެގޭ ފީއެކެވެ. މި ފީ ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ދިވެހިރާއްޖޭގައި ހުންނަ އޭޖެންޓެވެ.
19 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
43.ހުއްދަ ދޫކުރާ މުއްދަތާއި، ހުއްދަ އާކުރުން
މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރު ހިންގުމަށާއި ޓޫރިސްޓް އުޅަނދު ދުއްވުމަށާއި ފީނުމުގެ ހިދުމަތް ދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދައާއި އެނޫންވެސް ހުއްދަ ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބުނެފައިވާ މުއްދަތަށެވެ. ކޮންމެ ހުއްދައެއްވެސް، އެ ހުއްދައެއް ދޫކުރި މުއްދަތު ހަމަވުމުން، އާކުރަންވާނެއެވެ.
20 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ވ) "ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ޓޫރިސްޓް ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ.
21 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.
(ދ) "ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ހާއްސަކުރެވިގެން، އެ ދާއިރާގައި ރިއަލް އެސްޓޭޓް އުސޫލުން، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ހިންގުމަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ތަރައްގީގެ މަށްރޫއަކަށެވެ.
(ތ) "ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުނި ހިމެނޭ ގޮތުންނެވެ.
22 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ ޖަދުވަލު އިތުރުކުރުން.
ޖަދުވަލު 1 (އިތުުރު ކުރެވިފައި)
ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި ޔޮޓް މެރީނާއާއި އިންޓަގްރޭ ޓަ ޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި
އަތޮޅު |
200،000 (ދެލައްކަ) އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް |
200،000 (ދެލައްކަ) އަކަމީޓަރާއި 400،000 (ހަތަރުލައްކަ) އަކަމީޓަރާ ދެމެދުގެ ބިންތަކަށް |
400،000 (ހަތަރުލައްކަ) އަކަމީޓަރަށް ބޮޑެތި ބިންތަކަށް |
ޏ، ސ | އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) އެމެރިކާ ޑޮލަރު (250،000 (ދެލައްކަ ފަންސާސްހާސް) ޑޮލަރާ ހަމައަށް | 400،000 (ހަތަރުލައްކަ) އެމެރިކާ ޑޮލަރު | އަހަރަކަށް 800،000 (އަށްލައްކަ) އެމެރިކާ ޑޮލަރު |
ހއ، ހދ، ށ | އަކަމީޓަރަކަށް އަހަރަކަށް 4 އެމެރިކާ ޑޮލަރު (500،000 (ފަސްލައްކަ) ޑޮލަރާ ހަމައަށް) | އަހަރަކަށް 750000 (ހަތްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު |
އަހަރަކަށް 1،000،000(އެއްމިލިއަން) އެމެރިކާ ޑޮލަރު |
ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ |
އަކަމީޓަރަކަށް އަހަރަކަށް 8 (އަށެއް) އެމެރިކާ ޑޮލަރު (1،000،000 (އެއްމިލިއަން ޑޮލަރާ ހަމައަށް) |
އަހަރަކަށް 1،500،000 (އެއްމިލިއަން ފަސްލައްކަ) އެމެރިކާ ޑޮލަރު |
އަހަރަކަށް 2،000،000(ދެމިލިއަން) އެމެރިކާ ޑޮލަރު |
ތ، ލ، ގއ، ގދ |
އަކަމީޓަރަކަށް އަހަރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރު 750،000 (ހަތްލައްކަ ފަންސާސްހާސް (އެމެރިކާ ޑޮލަރާ ހަމައަށް) |
އަހަރަކަށް 1،125،000 (އެއްމިލިއަން އެއްލައްކަ ފަންސަވީސްހާސް) އެމެރިކާ ޑޮލަރު |
އަހަރަކަށް 1،125،000 (އެއްމިލިއަން އެއްލައްކަ ފަންސަވީސްހާސް) އެމެރިކާ ޑޮލަރު |
ޖަދުވަލު 2 (އިތުުރު ކުރެވިފައި)
މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންބިމުގެ ކުލި
އަތޮޅު |
200،000 (ދެލައްކަ) އަކަމީޓަރަށްވުރެ ކުޑަ ބިންތަކަށ |
200،001 (ދެލައްކަ އެކެއް) އަކަމީޓަރާއި 400،000 (ހަތަރުލައްކަ) އަކަމީޓަރާ ދެމެދުގެ ބިންތަކަށް |
400،001 (ހަތަރުލައްކަ އެކެއް) އަކަމީޓަރަށްވުރެ ބޮޑެތި މިންތައް |
ޏ، ސ | ޏ، ސ އަކަމީޓަރަކަށް އަހަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރު (125،000 (އެއްލައްކަ ފަންސަވީސްހާސް (ޑޮލަރާ ހަމައަށް) |
އަހަރަކަށް 200،000 (ދެލައްކަ) އެމެރިކާ ޑޮލަރު |
އަހަރަކަށް 400،000 (ހަތަރުލައްކަ) އެމެރިކާ ޑޮލަރ |
ހއ، ހދ | އަކަމީޓަރަކަށް އަހަރަކަށް 2 (ދޭއް) އެމެރިކާ ޑޮލަރު (250،000 (ދެލައްކަ ފަންސާސްހާސް) ޑޮލަރާ ހަމައަށް) | އަހަރަކަށް 375،000 (ތިންލައްކަ ހަތްދިހަފަސްހާސް) އެމެރިކާ ޑޮލަރު | އަހަރަކަށް 500،000 (ފަސްލައްކަ) އެމެރިކާ ޑޮލަރު |
ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ |
އަކަމީޓަރަކަށް އަހަރަކަށް 4 އެމެރިކާ ޑޮލަރު (500،000 (ފަސްލައްކަ (ޑޮލަރާ ހަމައަށް) |
އަހަރަކަށް 750،000 (ހަތްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރ | އަހަރަކަށް 100،0000 (އެއްމިލިއަން) އެމެރިކާ ޑޮލަރު |
ށ، ތ، ލ، ގއ، ގދ |
އަކަމީޓަރަކަށް އަހަރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރު (375،000 (ތިންލައްކަ ހަތްދިހަ ފަސްހާސް) ޑޮލަރާ ހަމައަށް) |
އަހަރަކަށް 562،500 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރ |
އަހަރަކަށް 750،000 (ހަތްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު |
23 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައިގާނޫނު
ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)
ކިޔުންތެރިންގެ ހިޔާލު