-

ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 2021-74)

(މި ގަވާއިދުގެ 30 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-158 އުވާލެވިފައި)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ބޭރު ގައުމުތަކުގައި ކުށްކޮށް ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކޮށް ނިންމުމަށް ޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރުމުގެ އިޖުރާއަތު ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ކުށްކޮށް ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން އެ މީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށް ޓަކައި އެ ގައުމުތަކަށް ބަދަލުކުރުމުގެ އިޖުރާއަތު ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލެވިފައިވަނީ، ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މަގުސަދުތައް ހާސިލުކުރުމެވެ.

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒުކޮށް ނިންމުމަށް ޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިޖުރާއަތު ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމުތަކުގެ ކުށްވެރިން، އެ މީހުންގެ އަމިއްލަ ގައުމުގައި ހުކުމް ތަންފީޒުކޮށް ނިންމުމަށް ޓަކައި އެ ގައުމުތަކަށް ބަދަލުކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިޖުރާއަތު ކަނޑައެޅުން.

 

 

ދެވަނަ ބާބު

ދިވެހިރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިން އެ ގައުމަކަށް ބަދަލުކުރުމުގެ އިޖުރާއަތު

 

3 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިން އެ ގައުމަކަށް ބަދަލުކުރުމަށް ހުށަހެޅުން

(ހ) ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި ތިރީގައިވާ ފަރާތްތަކުން މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

  1. ކުށްވެރިޔާ ބަދަލުކުރުމަށް އެދޭ ގައުމުން؛
  2. ކުށްވެރިޔާ އަމިއްލައަށް؛
  3. ކުށްވެރިޔާގެ ގާތްތިމާގެ މީހަކު.

(ށ) ކުށްވެރިޔާ ބަދަލުކުރުމަށް އެދޭ ގައުމުން ކުށްވެރިޔާ އެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށެވެ.

(ނ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި އެ ކުށްވެރިޔާ އަމިއްލައަށް މިނިސްޓަރަށް ހުށަހަޅާނީ، މިނިސްޓަރަށް އެޑްރެސްކޮށް ލިޔާ ސިޓީއަކުންނެވެ.

(ރ) ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކޮށްދިނުމަށް އެދި ކުށްވެރިޔާގެ ގާތްތިމާގެ މީހަކު މިނިސްޓަރަށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް، ލިޔުމުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާއެކު، ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކުށްވެރިޔާގެ ނަމާއި، އުފަން ތާރީހާއި، ބަދަލުކުރެވޭ ގައުމުގައި އޭނާގެ އެޑްރެހާއި، އޭނާއަކީ ބަދަލުކުރަން އެދޭ ގައުމުގެ ރައްޔިތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް؛ 
  2. ކުށްވެރިޔާގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓަކުން އެންމެ ފަހު މަރުހަލާގައި ކޮށްފައިވާ ހުކުމުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތުން ސޮއިކޮށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ؛
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުކުމުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތުން ސޮއިކޮށް ދޫކޮށްފައިވާ ފުރިހަމަ އިނގިރޭސި ތަރުޖަމާގެ ކޮޕީ.

 

4 ވަނަ މާއްދާ - މިނިސްޓަރަށް ލިބޭ ހުށަހެޅުންތަކާ ގުޅިގެން ހޯދަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް، ތިރީގައިވާ މައުލޫމާތު މިނިސްޓަރު ހޯދަންވާނެއެވެ.

(ހ) ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގައި އޭނާގެ ހުކުމުގެ ބާކީބައި ތަންފީޒު ކުރެވޭނެ ގޮތް.

(ށ) ކުށްވެރިޔާގެ ހުކުމް ތަންފީޒުކުރާނެ ތަނުގެ މައުލޫމާތު.

(ނ) ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގެ ކަމާ ގުޅޭ ފަރާތުން ކުށްވެރިޔާ އެ ގައުމަށް ބަދަލުކުރުމާމެދު ދެކޭގޮތް.

(ރ) ދިވެހިރާއްޖެއާއި ކުށްވެރިޔާ ބަދަލުކުރެވޭ ގައުމާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިތުރު ކަންކަން.

 

5 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕްރިޒަންސްގެ ދައުރު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓަރަށް ލިބުމުން، ކޮމިށަނަރ އޮފް ޕްރިޒަންސްއާ ލިޔުމުން އެ މައުލޫމާތު ހިއްސާކޮށް، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމަށް މިނިސްޓަރު އަންގަންވާނެއެވެ.

  1. ބަދަލުކުރެވޭ ކުށްވެރިޔާއަށް، އޭނާގެ ގައުމަށް ބަދަލުވުމަށް ރުހުން ދިނުމުގެ ނަތީޖާއަކީ ކޮބައިކަން އެންގުން؛
  2. ކުށްވެރިޔާ ބަދަލުވުމުގެ ނަތީޖާ އެނގިހުރެ ބަދަލުވުމަށް ރުހުން ދޭނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށްފައި މިނިސްޓަރަށް ފޮނުވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުށްވެރިޔާ ދޭ ރުހުމަކީ، އެއްވެސް މަޖުބޫރުކަމެއްނެތި އަދި އޭނާގެ ހުކުމް ތަންފީޒު ކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްތޯ ކަށަވަރު ކުރުމަށް ޓަކައި، ކުށްވެރިޔާ ދޭ ރުހުމަކީ އެއްވެސް މަޖުބޫރުކަމެއްނެތި އަދި އޭނާގެ ހުކުމް ތަންފީޒު ކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްކަން ބަޔާންކޮށް ކޮމިށަނަރ އޮފް ޕްރިޒަންސްއާއި، ޑައިރެކްޓަރ އޮފް ޕްރިޒަންސް، ކުށްވެރިޔާ ދޭ ރުހުމުގެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފޯމު މިނިސްޓަރަށް ފޮނުވާއިރު، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ކޮމިށަނަރ އޮފް ޕްރިޒަންސް ފޮނުވަންވާނެއެވެ.

  1. ކުށްވެރިޔާ ތަންފީޒު ކުރަންޖެހޭ އަދަބުގެ ބާވަތާއި، އެ އަދަބުގެ މުއްދަތާއި، ހުކުމް ތަންފީޒުކުރަން ފެށި ތާރީހާއި، ހުކުމް ތަންފީޒުވީ މުއްދަތާއި، ހުކުމުގެ ބާކީ މުއްދަތު؛
  2. ކުށްވެރިޔާއަކީ ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމުގައި ވާނަމަ، އެކަން ހެކިކޮށްދޭ ރަސްމީ ލިޔުމެއް؛
  3. ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކުރުމުގެ ގާނޫނު) ގެ ދަށުން ކުށްވެރިޔާއަށް އަދަބު ލުއިކޮށްދީފައިވާނަމަ، އެކަމާ ގުޅޭ ރަސްމީ ލިޔުމެއް.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔުމުގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޕެރޯލްގެ ދަށުން ދޫކުރެވުނު ތާރީހު؛
  2. ޕެރޯލްގެ މުއްދަތު؛
  3. ޕެރޯލްގެ ށަރުތުތަކާއި، ޕެރޯލްގެ ށަރުތުތަކަށް އައިސްފައިވާ ބަދަލުތައް.

(ބ) މި މާއްދާގެ ދަށުން މިނިސްޓަރަށް ހުށަހަޅާ ލިޔުންތަކާއި މައުލޫމާތުގެ ސައްހަކަން ބަލައިފައިވާކަމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށްފައިވާކަން، ކޮމިށަނަރ އޮފް ޕްރިޒަންސް ކަށަވަރުކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސަސްގެ ރަސްމީ ތައްގަނޑު ޖަހަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި ހުށަހެޅުނެ ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމާމެދު މިނިސްޓަރު ގޮތެއް ނިންމަންވާނީ، ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، އެ ކަންތައްތައް ފުރިހަމަވެފައިވާކަން ކަށަވަރު ކުރުމަށް ފަހުގައެވެ.

  1. ބޭރު ގައުމަކަށް ބަދަލުކުރަން އެދޭ ކުށްވެރިޔާއަކީ އޭނާ ބަދަލުކުރުމަށް އެދޭ ގައުމުގެ ރައްޔިތެއްކަން ކަށަވަރުކުރުން؛
  2. ކުށްވެރިޔާ ކޮށްފައިވާ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން އަދި ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމުގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ވުން؛
  3. ކުށްވެރިޔާ ތަންފީޒު ކުރަމުންދާ ހުކުމަކީ، އެންމެ ފަހު މަރުހަލާއިން ނިންމައިފައިވާ ހުކުމެއް ކަމުގައި ވުން؛
  4. ކުށްވެރިޔާ ތަންފީޒު ކުރަމުންދާ ހުކުމަކީ، ޖަލުގައި ބަންދުކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށް ވެފައި، އެ ހުކުމުގެ ބާކީ އޮތް މުއްދަތުގައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު، ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ތަންފީޒުކުރަން އޮތް ހުކުމެއް ކަމުގައި ވުން؛
  5. ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމަށް ބަދަލުވުމަށް ކުށްވެރިޔާ ރުހުން ދީފައިވުން؛
  6. ދިވެހިރާއްޖެއާއި ކުށްވެރިޔާ ބަދަލުކުރަން އެދޭ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ އިތުރު ކަންކަން ފުރިހަމަވެފައި ވުން ނުވަތަ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބަޔާންކޮށްފައިވާ އިތުރު ކަންކަން ފުރިހަމަވެފައި ވުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރުހުމަކީ، އެއްވެސް މަޖުބޫރުކަމެއް ނެތި އަދި އޭނާގެ ހުކުމް ތަންފީޒު ކުރުމަށް އެ ގައުމަކަށް ބަދަލުކުރުމުގެ ނަތީޖާ އެނގިހުރެ ދީފައިވާ ރުހުމެއްތޯ ބެލުމަށް، އެ ގައުމަކަށް މިނިސްޓަރު ފުރުސަތު ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ކޮންމެ ހުށަހެޅުމަކާ ގުޅިގެން މިނިސްޓަރުގެ ނިންމުމާމެދު އެޓަރނީ ޖެނެރަލްގެ ލަފާ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އަމަލުކުރުން އެއީ ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 34 ވަނަ މާއްދާއަށް މިނިސްޓަރު އަމަލުކުރުން ކަމުގައި ބަލަންވާނެއެވެ.

 

8 ވަނަ މާއްދާ - މިނިސްޓަރުގެ ރުހުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު ހުށަހެޅުމާމެދު ރުހުން ދިނުމަށް މިނިސްޓަރު ނިންމައިފިނަމަ، މިނިސްޓަރު ރުހުން ދިންކަމުގެ ލިޔުން އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރުހުމަކީ، ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަކަމަށް ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިނިސްޓަރު ދޭ ރުހުމުގެ ލިޔުމުގެ ކޮޕީ، ތިރީގައިވާ ފަރާތްތަކަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

  1. ބަދަލުކުރެވޭ ކުށްވެރިޔާއަށް؛
  2. ކޮމިށަނަރ އޮފް ޕްރިޒަންސް.

 

9 ވަނަ މާއްދާ - ކުށްވެރިޔާ ބަދަލުކުރެވޭ ގައުމާ މިނިސްޓަރުގެ ރުހުން ހިއްސާކުރުން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިނިސްޓަރު ދޭ ރުހުމުގެ ލިޔުމުގެ ކޮޕީގެ އިތުރުން، ތިރީގައިވާ ލިޔުންތައް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

  1. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްވެރިޔާ ދޭ ރުހުމުގެ ލިޔުމުގެ ކޮޕީ؛
  2. ކުށްވެރިޔާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތުން ސޮއިކޮށް، ދޫކޮށްފައިވާ ފުރިހަމަ އިނގިރޭސި ތަރުޖަމާގެ ކޮޕީ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ހުންނަންވާނީ އެ ކޮޕީއަކީ ލިޔުމުގެ އަސްލުގެ ސައްހަ ކޮޕީއެއްކަން، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ގާނޫނީ ވަކީލެއް މެދުވެރިކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައި ސޮއިކޮށްފައެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު ހުށަހެޅުމާމެދު ރުހުން ނުދޭން މިނިސްޓަރު ނިންމައިފިނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށާއި، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއަށް އެކަން އެންގުމުގެ އިތުރުން، ކުށްވެރިޔާ ބަދަލުވާން އެދޭ ގައުމަށް ވެސް، މިނިސްޓަރު ރުހުން ނުދޭން ނިންމި ސަބަބާއެކު ލިޔުމުން އަންގަންވާނެއެވެ.

(ރ) ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން ކުށްވެރިޔާއަށް މައާފުދީފިނަމަ، ނުވަތަ އަދަބު ލުއިކޮށްދީފިނަމަ، އެ ގައުމުގެ ކަމާ ގުޅޭ ފަރާތަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް، މިނިސްޓަރު ލިޔުމުން އެކަން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - ފޮރިން މިނިސްޓްރީގެ ދައުރު

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ފޮނުވާ ލިޔުންތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގެ ކަމާ ގުޅޭ އިދާރާއާ ހިއްސާކޮށްފައި، ތިރީގައިވާ މައުލޫމާތު ސާފުކޮށް މިނިސްޓަރާ ހިއްސާކުރަންވާނެއެވެ.

  1. ކުށްވެރިޔާ އެ ގައުމަށް ބަދަލުކުރަން ހުށަހަޅާ ތާރީހު؛
  2. ކުށްވެރިޔާ އެ ގައުމަށް ބަދަލުކުރެވޭ ގޮތް؛
  3. ކުށްވެރިޔާއާ ހަވާލުވާން އެ ގައުމުގެ ކަމާ ގުޅޭ އިދާރާއިން ދިވެހިރާއްޖެއަށް އަންނަ ފަރާތުގެ ނަމާއި، މަގާމާއި، ހައިސިއްޔަތާއި، ޕާސްޕޯޓުގެ ކޮޕީ؛
  4. މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކުރުމަށް ޓަކައި ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެވޭ ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރާނެ ފަރާތުގެ ނަމާއި، މަގާމާއި، ހައިސިއްޔަތާއި، ޕާސްޕޯޓުގެ ކޮޕީ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިއްސާކުރާ މައުލޫމާތު، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ތާރީހުގެ މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ - ކުށްވެރިޔާ ބަދަލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންތައްތައް

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މައުލޫމާތު ލިބުމުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް، މިނިސްޓަރު އަންގަންވާނެއެވެ.

  1. ބަދަލުކުރެވޭ ކުށްވެރިޔާ ޖަލުން ދޫކޮށްލުމަށް ޓަކައި އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުން؛
  2. ކުށްވެރިޔާއާ ޖަލުން ހަވާލުކޮށްފައިވާ ތަކެތި ނެގުން؛
  3. ކުށްވެރިޔާގެ އަތުން ނަގައިފައިވާ ތަކެތި އޭނާއާ ހަވާލުކުރުން؛
  4. ކުށްވެރިޔާ ޖަލުގައި ކޮށްފައިވާ މަސައްކަތްތަކަށް އޭނާއަށް އުޖޫރައެއް ދޭންޖެހޭނަމަ، އޭނާއަށް ހައްގުވާ އުޖޫރަ ދިނުން؛
  5. ކުށްވެރިޔާ ޖަލުގައި ހުރިއިރު ކޮށްފައިވާ ހަރަދުތަކަށް އުނިކުރަންޖެހޭ ފައިސާ އެ މީހެއްގެ އަތުން އުނިކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، ކޮމިށަނަރ އޮފް ޕްރިޒަންސް، މިނިސްޓަރަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޮމިށަނަރ އޮފް ޕްރިޒަންސް އަންގާ އެންގުމާ ގުޅިގެން ކުށްވެރިޔާ ބަދަލުކުރެވޭ ގައުމަށް ބަދަލުކުރުމަށް ތައްޔާރުކަން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް، މިނިސްޓަރު ލިޔުމުން އަންގަންވާނެއެވެ. އަދި ކުށްވެރިޔާ އޭނާގެ ގައުމަށް ބަދަލުކުރުމަށް ޓަކައި ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ވެވޭ ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރުމުގެ ކަންތައްތައް ހަމަޖެއްސުމަށް މިނިސްޓަރު އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހޭންޑް އޯވަރ އިންސްޓްރުމަންޓް އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ، މިނިސްޓަރު ކަނޑައަޅާ ފަރާތަކުންނެވެ.

 

12 ވަނަ މާއްދާ - ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރުން އަދި ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގެ ކަމާ ގުޅޭ ފަރާތާ ހަވާލުކުރުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރުމަށާއި، ކުށްވެރިޔާ ބަދަލުކުރެވޭ ގައުމާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ތާރީހާއި، ހަވާލުކުރެވޭ ގޮތް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިނިސްޓަރަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ލިބުމުން، ކުށްވެރިޔާ ބަދަލުކުރުމަށް ކަނޑައެޅިފައިވާ ތާރީހުގައި ކުށްވެރިޔާ ބަދަލުކުރާނެ ތަނާއި ގަޑި، މިނިސްޓަރު ކަނޑައަޅައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ލިބުމުން، ކުށްވެރިޔާ ބަދަލުކުރުމަށް ހަމަޖެހިފައިވާ ތާރީހާއި ގަޑިއަށް، ކުށްވެރިޔާ ބަދަލުކުރެވޭ ތަނަށް ކުށްވެރިޔާ ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު އަންގަންވާނެއެވެ.

(ރ) ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގެ ކަމާ ގުޅޭ ފަރާތާ ކުށްވެރިޔާ ހަވާލުކުރަންވާނީ، ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހޭންޑް އޯވަރ އިންސްޓްރަމަންޓުގައި ސޮއިކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިންސްޓްރަމަންޓުގެ ކޮޕީއެއް، ކޮމިށަނަރ އޮފް ޕްރިޒަންސް މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

13 ވަނަ މާއްދާ - ބޭރު ގައުމެއްގެ ކުށްވެރިޔަކު އެ ގައުމަކަށް ބަދަލުކުރުމަށް މިނިސްޓަރު އެދުން

(ހ) ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމެއްގެ ކުށްވެރިއަކު އެ ގައުމަކަށް ބަދަލުކުރުމަށް އެދި އެ ގައުމެއްގައި މިނިސްޓަރު ލިޔުމުން އެދެންވާނީ ތިރީގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށްވެރިޔާގެ ރުހުން ހޯދުން؛
  2. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވޭތޯ ޔަގީންކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ބޭރު ގައުމަކަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާއާ ގުޅޭ، ތިރީގައިވާ މައުލޫމާތު އެ ގައުމަށް މިނިސްޓަރު ހާމަކުރަންވާނެއެވެ.

  1. ހުށަހެޅުން ނިސްބަތްވާ ކުށްވެރިޔާ އެހެން ގައުމަކަށް އެކްސްޓްރަޑައިޓް ކުރުމަށް ކަމާބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހެޅުމެއް ލިބިފައިވާނަމަ އެކަން؛
  2. ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މައުލޫމާތު؛
  3. ކުށްވެރިޔާ އެ ގައުމަށް ގެންދިޔުމާމެދު ނިންމުމެއް ނިންމުމަށް މުހިންމު ވެދާނެ ކަމަށް މިނިސްޓަރަށް ފެންނަ އެނޫންވެސް މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އެ ގައުމަކަށް ކުށްވެރިޔާ ބަދަލުކުރުމަށް ރުހުން ދީފިނަމަ، ކުށްވެރިޔާ ބަދަލުކުރުމާ ގުޅޭގޮތުން މި ގަވާއިދުގެ 4 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާގެ ނިޔަލަށް ހުރި ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ހަރަދު

(ހ) ކުށްވެރިޔާ ބަދަލުކުރުމުގައި ހިނގާނެ ހަރަދުތަކުގެ ޒިންމާ ދެ ގައުމުން އުފުލަންޖެހޭނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި ކުށްވެރިޔާ ބަދަލުކުރެވޭ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ކުށްވެރިޔާ ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ ދެފަރާތުން އުފުލާނެގޮތުގެ ތަފުސީލު ބަޔާންކޮށްފައި ނުވާނަމަ، ދިވެހިރާއްޖޭގައިވާ ބޭރު ގައުމުގެ ކުށްވެރިޔަކު އެ ގައުމަށް ގެންދިޔުމާ ގުޅޭގޮތުން ހިނގާނެ ހަރަދުގެ ޒިންމާ އުފުލާނީ އެ ގައުމަކުންނެވެ.

 

15 ވަނަ މާއްދާ - ކުށްވެރިން ބަދަލުކުރުމާ ގުޅޭ އެއްބަސްވުންތަކުގެ މައުލޫމާތު ކުށްވެރިންނަށް ދިނުން

(ހ) ދިވެހިރާއްޖެއާއި ބޭރު ގައުމަކާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެވޭ އެއްބަސްވުންތަކާ ގުޅޭ، ތިރީގައިވާ މައުލޫމާތު، ދިވެހިރާއްޖޭގައިވާ އެ ގައުމެއްގެ ކުށްވެރިންނަށް މިނިސްޓަރު ދޭންވާނެއެވެ.

  1. ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރި ތާރީހާއި، އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހު؛
  2. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ކުށްވެރިން ބަދަލުކުރެވޭނެ ށަރުތުތައް؛
  3. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ކުށްވެރިން ބަދަލުކުރެވޭނޭ އިޖުރާއަތު؛
  4. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ބަދަލުކުރެވޭނެ ކުށްވެރިންގެ ހުކުމުގެ ބާކީބައި އެ ގައުމެއްގައި ތަންފީޒު ކުރެވޭނެ ގޮތް؛
  5. އެއްބަސްވުމުގެ ދަށުން އެ ގައުމަށް ބަދަލުކުރެވޭ ކުށްވެރިން އެ ގައުމަށް ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ އުފުލަންޖެހޭނެ ގޮތް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބުމުން، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންދާ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެ އެއްބަސްވުން ނިސްބަތްވާ ގައުމުގެ ކުށްވެރިންނަށް އެ މައުލޫމާތުތައް ދިނުމަކީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތެކެވެ.

 

 

ތިންވަނަ ބާބު

ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމުގެ އިޖުރާއަތު

 

16 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ހުށަހެޅުން

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ތިރީގައިވާ ދެ ގޮތުން ކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.

  1. ދިވެހިރާއްޖެއިން އެ ގައުމެއްގެ ކަމާ ގުޅޭ އިދާރާއަށް ލިޔުމުން ހުށަހެޅުން؛
  2. ކުށްވެރިޔާ ހުކުމް ތަންފީޒު ކުރަމުންދާ ގައުމުން ދިވެހިރާއްޖެއަށް ހުށަހެޅުން.

(ށ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ތިރީގައިވާ ދެ ގޮތުން ކުރެ ގޮތަކަށް ހުށަހެޅިދާނެއެވެ.

  1. އެ ކުށްވެރިޔާއަށް އޭނާ ހުކުމް ތަންފީޒު ކުރަމުންދާ ގައުމެއްގެ ކަމާ ގުޅޭ އިދާރާއަކަށް ހުށަހެޅުން؛
  2. ސީދާ މިނިސްޓަރަށް ލިޔުމުން ހުށަހެޅުން.

(ނ) ބޭރު ގައުމެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި ކުށްވެރިޔާގެ ގާތްތިމާގެ މީހަކަށް ވެސް، މިނިސްޓަރަށް ލިޔުމުން ހުށަހެޅިދާނެއެވެ.

 

17 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެ ގައުމުން އެދުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި އެ ގައުމެއްގެ ކަމާބެހޭ އިދާރާގައި އެދުމުން، އެ ގައުމުގެ ކަމާބެހޭ އިދާރާއިން އެކަމަށް އެދި މިނިސްޓަރަށް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަކޮށްފައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ކޮންމެ ފޯމަކާއެކު، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކުށްވެރިޔާގެ ނަމާއި، އުފަން ތާރީހާއި، އޭނާއަކީ ދިވެހި ރައްޔިތެއްކަން އެނގޭނެ މައުލޫމާތާއި، އޭނާއަކީ ކާކުކަން އެނގޭނެ އެނޫންވެސް މައުލޫމާތު؛
  2. ދިވެހިރާއްޖޭގައި ކުށްވެރިޔާގެ އެޑްރެހެއް ވާނަމަ، އެ އެޑްރެސް؛
  3. ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުކުރި ކޯޓުގެ ހުކުމުގެ އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ސޮއިކޮށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއެއް؛
  4. ކުށްވެރިޔާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅި ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅުނު ގޮތާއި، އެ ނިންމުމަށް ވާސިލުވުމުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ މައްޗަށް އެކުލެވޭ ބަޔާނެއް؛
  5. ކުށްވެރިޔާ ކޮށްފައިވާ ކުށް ކަނޑައަޅައިފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
  6. ކުށްވެރިޔާ ތަންފީޒު ކުރަންޖެހޭ އަދަބުގެ ބާވަތާއި، އެ އަދަބުގެ މުއްދަތާއި، ހުކުމް ތަންފީޒުކުރަން ފެށި ތާރީހު؛
  7. ކުށްވެރިޔާ ކޮށްފައިވާ ކުށުގެ އަދަބު ކަނޑައަޅައިފައިވާ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
  8. ކުށްވެރިޔާއަކީ އެ ގައުމުގެ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމުގައި ވާނަމަ، ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ އެކަން ހެކިކޮށްދޭ ރަސްމީ ލިޔުމަކާއި، އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ކޮޕީ؛
  9. ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އޭނާ ސޮއިކޮށްފައިވާ އިގުރާރު؛
  10. ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރުމަށް ރުހުންދޭ ކަމަށް ބަޔާންކޮށް އެ ގައުމުގެ ކަމާބެހޭ ފަރާތުން ސޮއިކޮށްފައިވާ އިގުރާރު؛
  11. ކުށްވެރިޔާ އެއްވެސް ސިއްހީ ފަރުވާއެއް ހޯދަމުންދާނަމަ، އެ ފަރުވާއެއްގެ މައުލޫމާތާއި، ކުށްވެރިޔާ ރާއްޖެ ގެނައުމަށްފަހު އެ ފަރުވާ ދަމަހައްޓަން ބޭނުންވާނަމަ، އެކަން ބަޔާންކޮށް އެ ގައުމެއްގެ ކަމާބެހޭ ފަރާތުން ހުށަހަޅާ ހުށަހެޅުން؛
  12. ހުށަހެޅުމަށް އަމަލުކުރުމަށް ކޮންމެހެން ބޭނުންވާނެ ކަމަށް މި ގަވާއިދުގައި ނުވަތަ ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ބެހޭގޮތުން ވެފައިވާ އެއްބަސްވުމެއްގައި ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އެ ލިޔުމެއްގެ އަސްލު އޮތީ އިނގިރޭސި ބަހުން ކަމުގައި ނުވާނަމަ، އަސްލާ އެއްގޮތް ކަމަށް ބަޔާންކޮށް، އެ ގައުމުގެ ކަމާބެހޭ ރަސްމީ އިދާރާއަކުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި މިނިސްޓަރަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށްވެރިޔާ ސީދާ މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - މިނިސްޓަރުގެ ހުއްދަ

(ހ) ބޭރު ގައުމުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށް އެދި މިނިސްޓަރަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މިނިސްޓަރު ދެއްވާ ހުއްދަ އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ކޮޕީ، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުއްދައިގެ ކޮޕީ، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލިބުމުން، ކުށްވެރިޔާ ދިވެހިރާއްޖެއަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ތިރީގައިވާ ކަންތައްތައް، ކޮމިށަނަރ އޮފް ޕްރިޒަންސް ކުރަންވާނެއެވެ.

  1. ބޭރު ގައުމެއްގައި ހުކުމް ތަންފީޒު ކުރަމުންދާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުކުމުގައި ހިނގާނެ ހަރަދުތަކުގެ ޒިންމާ ދެ ގައުމުން އުފުލަންޖެހޭނީ ދިވެހިރާއްޖެއާއި ކުށްވެރިޔާ ހުކުމް ތަންފީޒު ކުރަމުންދާ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ސޮއިކޮށް ތަސްދީގު ކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިންކަން، ކުށްވެރިޔާ ހުރި ގައުމަށާއި ކުށްވެރިޔާއަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އަންގަންވާނެއެވެ.
  2. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ކުށްވެރިން ބަދަލުކުރުމުގެ ހަރަދުގެ ޒިންމާ އުފުލަންޖެހޭ ގޮތް ބަޔާންކޮށްފައި ނުވާނަމަ، ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ގެނައުމަށް ހިނގާނެ ހަރަދުގެ ޒިންމާ އުފުލާނީ، ދިވެހި ސަރުކާރުންކަން، ކުށްވެރިޔާ ހުރި ގައުމަށާއި ކުށްވެރިޔާއަށް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް އަންގަންވާނެއެވެ.

(ރ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރުމުގައި އެ ކުށްވެރިޔާ ދިވެހިރާއްޖެއަށް ގެނައުމަށް ހަރަދުކުރަނީ ދިވެހި ސަރުކާރުން ނަމަ، ކުށްވެރިޔާ ދިވެހިރާއްޖެއަށް ބަދަލުކުރެވުމުން، ދިވެހި ސަރުކާރުން އެދިއްޖެ ހާލަތެއްގައި ކުށްވެރިޔާގެ އެ ހަރަދު އަނބުރާ ދިވެހި ސަރުކާރަށް ދައްކާނެކަމަށް ކުށްވެރިޔާ އެއްބަސްވެ، ހަރަދު އަނބުރާ ދައްކާނެ ގޮތް ހުށަހަޅާ ތާވަލު ހިމެނޭގޮތަށް ކުށްވެރިޔާ ސޮއިކޮށްފައިވާ އިގްރާރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ހޯދަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ބޭރު ގައުމުތަކުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ކުރުން

 

20 ވަނަ މާއްދާ - ދިވެހި ކުށްވެރިޔާއާ ހަވާލުވުން

(ހ) ބޭރު ގައުމެއްގައިވާ ދިވެހި ކުށްވެރިޔަކު ހުކުމް ތަންފީޒު ކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ގެނެވުމުން، އެ ކުށްވެރިޔާއާ ހަވާލުވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔާއާ ހަވާލުވާއިރު، ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވޭތޯ ޔަގީންކުރަންވާނެއެވެ.

  1. ދިވެހި ކުށްވެރިޔާ ހުކުމް ތަންފީޒު ކުރަމުންދިޔަ ގައުމުގެ ހުކުމް؛
  2. ކުށްވެރިޔާއަކީ ކާކުކަން އަންގައިދޭ ލިޔުން؛
  3. ކުށްވެރިޔާ ހުކުމް ތަންފީޒު ކޮށްފައިވާ ގޮތުގެ ތަފުސީލު.

 

21 ވަނަ މާއްދާ - ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ކުރުމަށް މިނިސްޓަރު އަމުރު ނެރުން

(ހ) ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ބޭރު ގައުމެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދިވެހި ކުށްވެރިޔަކު ދިވެހިރާއްޖެއަށް ބަދަލުކުރެވުމުން، އޭނާގެ މައްޗަށް އެ ގައުމުގައި ކޮށްފައިވާ ހުކުމް އެ ގޮތުގައި ދިވެހިރާއްޖޭގައި ތަންފީޒު ކުރުމަށް ކޮމިށަނަރ އޮފް ޕްރިޒަންސްގެ މައްޗަށް އަމުރެއް މިނިސްޓަރު ނެރެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު އޮންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

22 ވަނަ މާއްދާ - ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕްރިޒަންސްގެ މައްޗަށް މިނިސްޓަރު ނެރޭ އަމުރު ލިބުމުން، ކުށްވެރިޔާގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ކުރުމަށް ޓަކައި، ތިރީގައިވާ ކަންތައްތައް، ކޮމިށަނަރ އޮފް ޕްރިޒަންސް ކުރަންވާނެއެވެ.

  1. ކުށްވެރިޔާ ޖަލުގައި ބަންދުކުރުމާ ގުޅޭގޮތުން އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން؛
  2. ކުށްވެރިޔާގެ މެޑިކަލް އެސެސްމަންޓް ފުރިހަމަކުރުން؛
  3. ކުށްވެރިޔާ ބަލައި ފާސްކުރުމަށް އޭނާގެ އަތުގައި ހުރި ޖަލަށް ވެއްދުން މަނާ ތަކެތި ނެގުން؛
  4. ކުށްވެރިޔާ ޖަލުގައި ހަވާލުކުރަންޖެހޭ އަސާސީ ތަކެތި ހަވާލުކުރުން؛
  5. ކުށްވެރިޔާ ޖަލަށް ތައާރަފު ކުރުން؛
  6. ކުށްވެރިޔާގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން؛
  7. ކުށްވެރިޔާ ޖަލުގައި ފުރިހަމަކުރަންޖެހޭ ޕްރޮގްރާމްތައް ކަނޑައަޅައިފައި އެކަން ކުށްވެރިޔާއަށް އެންގުން.

(ށ) ހުކުމް ތަންފީޒު ކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބަދަލުކުރެވޭ ދިވެހި ކުށްވެރިން ދިވެހިރާއްޖެއަށް ބަދަލުކުރުމަށްފަހު، އެ ކުށްވެރިޔާއާމެދު އަމަލުކުރާނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، ޖަލު އަމުރުތަކާއި، ހުކުމް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަމަލުކުރާ އެންމެހައި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

23 ވަނަ މާއްދާ - އަދަބު ބަދަލުކުރުން

ބޭރު ގައުމެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދިވެހި ކުށްވެރިޔެއްގެ މައްޗަށް ކަނޑައަޅައިފައިވާ އަދަބަކީ، ދިވެހިރާއްޖޭގެ ގާނޫނުގައި އެ ކުށަކަށް ކަނޑައަޅައިފައިވާ އަދަބާ ވަރަށް ބޮޑުތަން ތަފާތު އަދަބެއް ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބާ އެ އަދަބު އެއްގޮތް ކުރުމަށް ޓަކައި، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރިޔަށް ގެންދަންވާނެއެވެ.

 

24 ވަނަ މާއްދާ - އަދަބު ލުއިކުރުން

ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ކުށްވެރިޔަކަށް، އަދަބު ލުއިކޮށްދެވޭނީ، ތިރީގައިވާ ހާލަތްތަކުގައެވެ.

(ހ) ކުށްވެރިޔާ ހުކުމް ތަންފީޒު ކުރަމުންދިޔަ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން އަދަބު ލުއިކޮށްދީފިނަމަ، އޭނާގެ އަދަބު، އެގޮތުގެ މަތިން ދިވެހިރާއްޖެއިން ލުއިކޮށްދޭންވާނެއެވެ.

(ށ) ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އަދަބު ލުއިކޮށްދިނުމަށް ށަރުތު ހަމަވާނަމަ، އެ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާގެ އަދަބު ލުއިކޮށްދެވިދާނެއެވެ.

 

25 ވަނަ މާއްދާ - މާފުދިނުން

ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖެއަށް ގެނެވޭ ދިވެހި ކުށްވެރިޔަކަށް، ދިވެހިރާއްޖޭގެ ކަމާބެހޭ ގާނޫނުގެ ދަށުން ނުވަތަ ބޭރު ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން މައާފުދީފިނަމަ، އޭނާގެ ހުކުމް ތަންފީޒުކުރުން ނިމުމަކަށް ގެނެސް، އޭނާ ބަންދުން ދޫކޮށްލަންވާނެއެވެ.

 

 

ފަސްވަނަ ބާބު

އެހެނިހެން

 

26 ވަނަ މާއްދާ - ޓްރާންޒިޓްކުރުން

(ހ) ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ބޭރު ގައުމަކަށް ބަދަލުކުރުމަށް ޓަކައި ދަތުރުކުރާއިރު އެ ދަތުރުމަތީގައި ދިވެހިރާއްޖޭގައި ޓްރާންޒިޓް ކުރުމަށް އޭނާ ގެންދެވޭ ގައުމުން އެދޭނަމަ، ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދި ކުށްވެރިޔާ ގެންދެވޭ ގައުމަކުން ދިވެހިރާއްޖޭގައި ލިޔުމުން އެދެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދޭ ގައުމަކީ، ދިވެހިރާއްޖެއާއެކު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމަކަށް ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވާނަމަ، ކުށްވެރިޔާ ގެންދެވޭ ގައުމުގެ ކަމާބެހޭ އޮފިސަރެއްގެ ހަވާލުގައި، ދިވެހިރައްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައެއް މިނިސްޓަރަށް ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓަރު ދޭ ހުއްދަ ދޭންވާނީ ލިޔުމުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށްވެރިޔާ ގެންދެވޭ ގައުމުގެ ކަމާބެހޭ އޮފިސަރަށް، ދިވެހިރާއްޖޭގެ ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޓްރާންޒިޓްކުރާ ކުށްވެރިޔާ ދަތުރުކުރާ އުޅަނދު ދިވެހިރާއްޖޭގައި ޖެއްސީއްސުރެ ނުވަތަ ބަނދަރުކުރީއްސުރެ ދިވެހިރާއްޖެއިން ފުރަންދެން، ކުށްވެރިޔާ ހައްޔަރުކޮށްފައި ބަހައްޓަން ކޮމިށަނަރ އޮފް ޕްރިޒަންސްއަށް މިނިސްޓަރު އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ކުށްވެރިޔާ ހައްޔަރުކޮށްފައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާނެ ގޮތުގެ އުސޫލެއް، ކޮމިށަނަރ އޮފް ޕްރިޒަންސް ލިޔުމުން ކަނޑައަޅަންވާނެއެވެ.

(އ) މި މާއްދާގެ ދަށުން ޓްރާންޒިޓް ކުރެވޭ ކުށްވެރިޔާ ދިވެހިރާއްޖޭގައި ހުންނަ ހުރުމާ ގުޅޭގޮތުން ހިނގާ ހަރަދަށް ޒިންމާވާނީ، ދިވެހިރާއްޖޭގައި އެ ކުށްވެރިޔާ ޓްރާންޒިޓް ކުރުމުގެ ހުއްދައަށް އެދޭ ގައުމުންނެވެ.

(ވ) ރާއްޖޭގައި ޓްރާންޒިޓް ކުރަން އެދޭ ކުށްވެރިޔާއާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ފުރިހަމަވާނަމަ، އޭނާ ދިވެހިރާއްޖޭގައި ޓްރާންޒިޓް ކުރުމުގެ ހުއްދަ ނުދީ މިނިސްޓަރަށް ހިފެހެއްޓިދާނެއެވެ.

  1. އޭނާއަކީ ދިވެހިރައްޔިތެއް ކަމުގައި ވުން؛
  2. އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ނުވުން؛
  3. އޭނާއަކީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކުށެއް ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރުމުގެ ސަބަބުން ހޯދަމުންދާ މީހެއް ކަމުގައި ވުން.

 

27 ވަނަ މާއްދާ - އާންމު މާއްދާ

މި ގަވާއިދުގައި ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންތައްތަކުގައި އަމަލުކުރާނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ނުވަތަ ދިވެހިރާއްޖެއާއި އެ ގައުމާ ދެމެދު ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމަށެވެ.

 

28 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިން އެހެން ގައުމަކަށް ގެންދިޔުމާ ގުޅޭ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އެ ގައުމުގައި ހަވާލުކުރެވިފައިވާ ފަރާތަށެވެ.

(ށ) "ކަމާބެހޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރުމަށް ކަނޑައެޅިފައިވާ ވުޒާރާއަކަށް ނުވަތަ ފަރާތަކަށެވެ.

(ނ) "ކޮމިށަނަރ އޮފް ޕްރިޒަންސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮމިށަނަރ އޮފް ޕްރިޒަންސްއަށެވެ.

(ރ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައި ވާނަމަ، ގާނޫނު ނަންބަރު 22010-02 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނު) ގައި އެ ލަފުޒަށް ދީފައިވާ މާނައިގައެވެ. ބޭރު ގައުމެއްގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ގައުމެއްގެ ށަރުއީ ކޯޓަށެވެ.

(ބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ކުށްވެރިންނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ޅ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

(ކ) "ޓްރާންޒިޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިޔަކު އެހެން ގައުމަކަށް ބަދަލުކުރުމަށް ޓަކައި ދަތުރުކުރާއިރު ދިވެހިރާއްޖޭގެ މަގުން ދަތުރުކުރާ ހާލަތްތަކުގައި، ގާނޫނު ނަންބަރު 2014-38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި މަޑުކުރާ ކުރުމަށެވެ.

 

29 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 2015-158 (ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު) ބާތިލުވީއެވެ. 

 

އުވުނު ގަވާއިދު

ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖްރާއަތު ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2015-158)

 

މައި ގާނޫނު

ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-38)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު