-

ފުފުލުހުން ސިފައިންގެ އެހީތެރިކަން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-69)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނުނު) ގެ 126 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފުލުހުން ސިފައިންގެ އެހީތެރިކަން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކުގައާއި، ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކުގައި، ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތްތަކާއި، ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކުރުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

ދެވަނަ ބާބު

ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދުން

 

3 ވަނަ މާއްދާ - ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދެވޭނެ ހާލަތްތައް

(ހ) ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކުގައާއި ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކުގައި ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކުގައާއި، ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކުގައި ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ހާ ލަތްތަކުގައެވެ.

  1. ފުލުހުންގެ އިދާރާގައި އެވަގުތު ލިބެންހުރި އިންސާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނެއްގައި ނުވަތަ ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގެއްގައި ސިފައިންގެ އެހީތެރިކަމަށް ކޮންމެހެން ބޭނުންވުން؛
  2. ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނަ ކަށް ނުވަތަ ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގަކަށް ބޭނުންވާ އިންސާނީ ވަސީ ލަތް ފިޔަވައި އެނޫންވެސް ވަސީ ލަތްތައް މަދުވުމުގެ ސަބަބުން އެ އޮޕަރޭށަނެ އްގައި ނުވަތަ ތަހްގީގެއްގައި ސިފައިންގެ އިދާރާގައި ހުރި ވަސީ ލަތެއް ފުލުހުންނަށް ކޮންމެހެން ބޭނުންވުން؛ އަދި
  3. ފުލުހުންގެ އިދާރާގައި އިންސާނީ އަދި/ ނުވަތަ އެނޫން ވަސީލަތްތައް ހުރިނަމަވެސް އެ ވަސީލަތްތައް އެވަގުތުހުރީ އެ ހިންގާ ހާއްސަ އޮޕަރޭށަނަކަށް ނުވަތަ ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހިންގަންޖެހޭ ތަހްގީގަކަށް ބޭނުންވާ ވަރަށް ތައްޔާރީ ހާލަތުގައި ކަމަށް ނުވުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަ ކުގައާއި ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކުގައި ސިފައިންގެ އެހީތެރިކަމަށް އެދެންވާނީ ފުލުހުންނަށް ސިފައިންގެ އެ ހީތެރިކަމާ ނުލަ އި އެ އޮޕަރޭށަނެއް ނުވަތަ ތަހްގީގެއް ކުރިއަށް ގެންދެވެން ނެތް ހާ ލަތުގައި އެކަންޏެވެ. 

 

4 ވަނަ މާއްދާ - ފުުލުހުން ސިފައިންގެ އެހީތެރިކަމަށް އެދޭނެ ގޮތް 

(ހ) މި ގަވާއިދުގެ ދަށުން ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދޭނީ، ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރު މެދުވެރިކޮށް ލިޔުމަކުން ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރުގެ ކިބައިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދިމާވެފައިވާ ހާލަތަކީ އެހީއަށް ލިޔުމުން އެދެވެން ނެތް ހާލަތަކަށްވާނަމަ، އެފަދަ އެހީއަކަށް އަނގަބަހުން އެދުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، އެފަދަ އެހީއަކަށް އަނގަބަހުން އެދުނުކަމުގައި ވީނަމަވެސް، ވީއެންމެ އަވަހަކަށް، އަދި ގިނަވެގެން 24) ސައުވީސް) ގަޑިއިރުގެ ތެރޭގައި، އަނގަބަހުން އެދުނު އެދުން ލި ޔުމުން ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރު، ދިފާއީ ކަންކަމަށް ޒިންމާ ވަޒީރަށް ފޮނުވަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމަށް އެދެން ބޭނުންވާ ހާލަތަކީ ދުރާ ލައި ރޭވިގެން ވަކި ދުވަހެއް ކަނޑައެޅިގެން ހިންގާ ހާއްސަ އޮޕަރޭށަނެއް ނުވަތަ ތަހްގީގެއްނަމަ، އެ އޮޕަރޭށަނެއް ނުވަތަ ތަހްގީގެއް ފަށަން ހަމަޖެހިފައިވާ ދުވަހުގެ 7) ހަތެއް) ދުވަސް ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާ ވަޒީރު މެދުވެރިކޮށް އެހީތެރިކަމަށް އެދި ލިޔުމުން ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފުލުހުން ސިފައިންގެ އެހީތެރިކަމަށް ބޭނުންވާ ހާއްސަ އޮޕަރޭށަނަ ކީ ނުވަތަ ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހިންގާ ތަހްގީގަކީ ކުއްލިއަކަށް ހިންގަންޖެހޭ އޮޕަރޭށަނެއް ނުވަތަ ތަހްގީގެ އް ކަމުގައިވާނަމަ އެ އޮޕަރޭށަނެއް ހިންގުމަށް ނުވަތަ އެ ތަހްގީގެއް ހިންގުމަށް ފުލުހުން ނިންމާ ވަގުތު، އެހީތެރިކަމަށް އެދި ފޮނުވާ ލިޔުން ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރަށް ފޮނުވުމުން ފުދޭނެއެވެ.

(ބ) މި މާއްދާ ދަށުން ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދި ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރަށް ފޮނުވާ ލިޔުމުގައި، އަންނަނިވި މައުލޫމާތު މަދުވެގެން ހިމަނަންވާނެއެވެ.

  1. ހާއްސަ އޮޕަރޭށަން / ތަހްގީގު ގެ ހުލާސާއެއް؛
  2. ހާއްސަ އޮޕަރޭށަން / ތަހްގީގަށް އެހީތެރިކަން ބޭނުންވާ ސަބަބު؛
  3. ހާއްސަ އޮޕަރޭށަން / ތަހްގީގުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ތާރީހު؛
  4. ހާއްސަ އޮޕަރޭށަން / ތަހްގީގަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތު؛
  5. ހާއްސަ އޮޕަރޭށަން / ތަހްގީގަށް ސިފައިންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ނިސްބަތް (ބޭނުންވާ ސިފައިންގެ އަދަދާއި ވަސީ ލަތްތަކުގެ ތަފުސީލު)
  6. ހާއްސަ އޮޕަރޭށަން / ތަހްގީގަށް ސިފައިންގެ ފަރާތުން އެއްވެސް ހަތިޔާރެއް ބޭނުންވާނަމަ ބޭނުންވާ ހަތިޔާރާއި ގުޅޭ ތަފްސީލު؛
  7. ހާއްސަ އޮޕަރޭށަން / ތަހްގީގަށް ސިފައިންގެ އެހީ ނުލިބިއްޖެ ހާ ލަތެއްގަ އި ކު ރިމަތިވެދާނެ ދަތިތަކުގެ ކުރު ހުލާސާއެއް؛
  8. އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ނަމާއި މަގާމާއި ސޮއި؛ އަދި
  9. އެހީއަށް އެދި ހުށަހެޅި ތާރީހު؛

 

5 ވަނަ މާއްދާފުލުހުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ސިފައިން އަމަލުކުރާނެ ގޮތް 

ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކާއި، ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުތަކާ ގުޅިގެން، ސިފައިންގެ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ސިފައިން އަމަލުކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) ފުލުހުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ވީ އެންމެ އަވަހަކަށް، އަދި ގިނަވެގެން 24 ގަޑިއިރު ގެ ތެރޭގައި ވަކި ގޮތެއް ނިންމައި، އެކަން ފުލުހުންގެ ހިދުމަތަށް ޒިންމާ ވަޒީރަށް ލިޔުމުން އެންގުން؛

(ށ) ފުލުހުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން އެ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު، ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރަށް ލިޔުމުން އެންގުން؛ އަދި

(ނ) ފުލުހުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން، އެ ހުށަހެޅުމުގައި ވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްނަމަ، ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރު ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރަށް އަންގާ އެންގުމުގައި ހިމެނުން.

 

6 ވަނަ މާއްދާފުލުހުން އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމަށް ހުއްދަ ދޭނެ ފަރާތްތައް ކަނޑައެޅުން

(ހ) މި ގަވާއިދުގެ ދަށުން ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދި ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ސިފައިންގެ ފަރާތުން ހުއްދަ ދޭނެ ފަރާތްތައް ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ހުއްދައިގެ ދަށުން ހިންގާ ހާއްސަ އޮޕަރޭށަންތަކުގައި، ކޮމާންޑް އެންޑް ކޮންޓްރޯލް އަދި ކޯޑިނޭޓްކުރުން ކަނޑައެޅިފައިވާގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ސްޓްރެޓެޖިކް ލެވެލް: މިއީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ދާއިރާތަކާއި އަދި މިނޫންވެސް ސްޓްރެޓެޖިކް ލެވެލްގައި، ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، ސިފައިންގެ ލަފާދޭ މަޖިލީހުން، ގޮތްތައް ކަނޑައެޅުމެވެ. މި ލެވެލްގައި ފުލުހުންގެ އިދާރާއާ ކޯޑިނޭޓް ކުރާނީ، އެ އިދާރާގެ އެންމެ އިސްފަރާތްތަކާއެވެ.
  2. އޮޕަރޭށަނަލް ލެވެލް: މިއީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަޔަރ ލީޑަރށިޕްގެ އިންޓެންށަނާ އެއްގޮތްވާ ގޮތުގެމަތިން އެ އޮޕަރޭށަނެއް ރާވައި ތަންފީޛު ކުރުމާ ގުޅޭގޮތުން ޕްލޭންކޮށް ރާވައި ހިންގުމަށް އޭރިއާ ލެވެލްގައި ގޮތްތައް ކަނޑައެޅުމުގެ ލެވެލް އެވެ. މި ލެވެލްގައި ފުލުހުންގެ އިދާރާއާއި ކޯޑިނޭޓް ކުރާނީ، އޮޕަރޭށަން ހިންގުމާއި ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންގެ އިދާރާގެ އިސްފަރާތްތަކާއެވެ.
  3. ޓެކްޓިކަލް ލެވެލް: މިއީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ އޮޕަރޭށަންތަކުގައި ގްރައުންޑް ލެވެލްގައި ޓްރޫޕްސްއަށް އަމުރު މައުރޫފް ހިންގުމާ ހަވާލުވެ ހުންނަ ކޮމާންޑަރުގެ ކޮންޓްރޯލް އޮންނަ ލެވެލް އެވެ. މި ލެވެލްގައި ފުލުހުންގެ އިދާރާއާ ކޯޑިނޭޓް ކުރާނީ، އެ އޮޕަރޭށަނެއް ތަންފީޛުކުރުމަށްޓަކައި ގްރައުންޑް ޓެކްޓިކަލް ލެވެލްގައި ހަ ރަކާތްތެރިވާ ފުލުހުންގެ އިސްފަރާތްތަކާއެވެ.

(ނ) ކޮމާންޑް އެންޑް ކޮންޓްރޯލް އެކްސަސައިޒް ކުރުމުގައި އެއް ލެވެލް އަނެއް ލެވެލްއާއި ކޯޑިނޭޓް ކުރަންވާނެއެވެ. ނަމަވެސް، އެއްވެސް ހާލަތެއްގައި ލެވެލްތަކުގެ މެދުގައި މުވާސަލާތު ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ހާ ލަތާއި ވަގުތަށް ރިއާޔަތްކޮށް، އެ ލެވެލްއެއްގައި ގޮތްތައް ނިންމުމަށް ހުރަހެއް ނެތެވެ. އަދި މުވާސަލާތު ކުރެވުނުހައި އަވަހަށް ނިންމި ނިންމުން މަތީ ލެވެލްއަށް ބްރީފް ކޮށްދޭންވާނެއެވެ.

 

 

ތިންވަނަ ބާބު

ސިފައިންގެ އެހީތެރިކަމާއެކު ހިންގާ ހާއްސަ އޮޕަރޭށަނާއި ތަހްގީގު ހިންގުމުގައި އަމަލުކުރާނެ ގޮތް

 

7 ވަނަ މާއްދާ - އޮޕަރޭށަނާއި ތަހްގީގު ހިންގުމުގައި އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ ދަށުން، ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކާއި ތަހްގީގުތަކުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނީ، ތިރީގައި ބަޔާކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ހ) މި ގަވާއިދުގެ ދަށުން ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަދެވޭ ހިސާބުން ފެށިގެން، އެ އޮޕަރޭށަނު ގައި ނުވަތަ ތަހްގީގުގައި ދެ މުއައްސަސާގެ ފަރާތުން ކޯޑިނޭޓްކުރާނެ ފަރާތްތައް ކަނޑައެޅުން؛

(ށ) ހިންގާ ހާއްސަ އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅޭގޮތުން އެއްވެސް ބާވަތެއްގެ އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވާނަމަ، ދެ އިދާރާގެ މެދުގައި އެ މައުލޫމާތެއް ހިއްސާކުރުން؛

(ނ) އެހީތެރިކަމަށް އެދިފައިވާ ދާއިރާގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ މައިގަނޑު ޓާސްކް ދެނެގަނެ، ފުލުހުން ބޭނުންވާ މިންގަނޑަށް އެ ޓާސްކު ނިންމުމަށް ސިފައިންނާ ހަވާލުކޮށް، ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން އެ ޓާސްކު ފުރިހަމަ ކުރުން؛ އަދި.

(ރ) ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ހުރެދާނެކަމުގެ މައުލޫމާތު ލިބިއްޖެ ހާ ލަތެއްގައި، ނުވަތަ އެފަދަ އަމަލެއް ހިންގައިފި ހާ ލަތެއްގައި އިސްވެ ހަރަކާތްތެރިވާނީ ސިފައިންނެވެ. މި ހާ ލަތުގައި ކުރިމަތިވެފައިވާ ނުރައްކައުތެރިކަން ނައްތައިލުމަށްފަހު އެ ސަރަހަ އްދެއް ނުވަތަ ސީންއެއް ފުލުހުންނާ ހަ ވާލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އޮޕްރޭށަނަލް ޕްލޭން ތައްޔާރުކުރުން 

(ހ) މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނެއް ނުވަތަ ތަހްގީގެއް ހިންގަން ފެށުމުގެ ކުރިން އެ އޮޕަ ރޭށަނެއް ނުވަތަ ތަހްގީގަކާ ގުޅޭ އޮޕަރޭށަނަލް ޕްލޭނެއް ސިފައިންގެ މަށްވަރާގެ މަތިން ފުލުހުން އެކުލަވަ އިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދިމާވާ ކުއްލި ހާލަތެއްގައި ފުލުހުން ހިންގާ އޮޕަރޭށަންތަކާއި ތަހްގީގުތައް ހިންގަން ފެށުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އޮޕަރޭށަނަލް ޕްލޭނަކާ ނުލައި އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ގަވާއިދު ހުރަ ހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވައިލެވޭ އޮޕަރޭށަނަލް ޕްލޭންގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އޮޕަރޭށަންގައި ނުވަތަ ތަހްގީގުގައި ސިފައިންނާއި ފުލުހުންގެ ދައުރު ވަކިވަކިން ބަޔާންކުރުން؛
  2. އޮޕަރޭށަންގައި ނުވަތަ ތަހްގީގުގައި އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުންކުރާނަމަ އެ ހަތިޔާރުތަކުގެ ތަފުސީލު؛
  3. އޮޕަރޭށަންގައި ނުވަތަ ތަހްގީގުގައި ހަތިޔާރު ބޭނުންކުރާނަމަ އެ ހަތިޔާރު ބޭނުންކުރެވޭނެ ހާލަތްތައް؛
  4. އޮޕަރޭށަންގައި ނުވަތަ ތަހްގީގުގައި ހަތިޔާރުގެ އިތުރުން އެހެން ވަސީ ލަތެއް ބޭނުންކުރާނަމަ އެ ވަސީލަތެއްގެ ތަފުސީލު؛ (ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް ވަކިވަކިން)؛
  5. އޮޕަރޭށަންގައި ނުވަތަ ތަހްގީގުގައި ސިފައިންނާއި ފުލުހުން ވަކިވަކިން އަދި ސިފައިންނާއި ފުލުހުން އެކީގައި ކޯޑިނޭޓް ކުރުމުގައި އަމަލުކުރާނެ ގޮތް؛ އަދި
  6. މީގެ އިތުރުން އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅޭ ޕްލޭންގައި ހިމެނުމަށް ސިފައިންނާއި ފުލުހުން އެއްބަސްވާ އެހެނިހެން ކަންކަން.

 

9 ވަނަ މާއްދާ - އޮޕަރޭށަނާ ގުޅޭ މައުލޫމާތު ރެކޯޑު ކުރުން

މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅޭ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުލުހުން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ހ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން ފުލުހުންގެ ފަރާތުން ސިފައިންގެ އެހީތެރިކަމަށް އެދުނު ގޮތް؛

(ށ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން ސިފައިންގެ ފަރާތުން އެ ތަނެއްގައި ހަރަކާތްތެރިވުމަށް އައި ގަޑި؛

(ނ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން ސިފައިންގެ ފަރާތުން ހަވާލުވެހުރި ފަރާތުގެ ނަމާއި، ރޭންކާއި ސަރވިސް ނަންބަރު؛

(ރ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން ސިފައިންގެ ފަރާތުން ބައިވެރިވާ އޮފިސަރުންގެ ނަމާއި، ރޭންކާއި ސަރވިސް ނަންބަރު؛

(ބ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން އެ ތަނުން ސިފައިން ދިޔަ ގަޑި؛ އަދ

(ޅ) އޮޕަރޭށަން ނުވަތަ ތަހްގީގާ ގުޅިގެން އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައިވާނަމަ، އެ ހަތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ ތަފުސީލު.

 

10 ވަނަ މާއްދާ - ގާނޫނީ ބާރުތައް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ އޮޕަރޭށަނެއްގައި ނުވަތަ ތަހްގީގެއްގައި ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރު ބޭނުންކުރަންވާނީ އެ އޮޕަރޭށަނަކާ ނުވަތަ ތަހްގީގަކާ ގުޅޭގޮތުން ސިފައިންނާއި ފުލުހުންނަށް ކަމާގުޅޭ ގާނޫނުތަކުން ބާރު ލިބިފައިވާ މިންވަރަށް އެ ގާނޫނުތަކުގެ ހުދޫދުގެ ތެރެއިންނެވެ. 

 

11 ވަނަ މާއްދާމީހުން ހުއްޓުވުމާއި ބަލައި ފާސްކުރުމާއި ހައްޔަރުކުރުން 

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ އޮޕަރޭށަނެއްގައި ނުވަތަ ތަހްގީގެއްގައި މީހުން ހުއްޓުވުމާއި، ބަލައި ފާސްކުރުމާއި، ހައްޔަރުކުރުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާ އެއްގޮތްވާގޮތުގެމަތިން ފުލުހުންނެވެ.

 

12 ވަނަ މާއްދާ - ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން 

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ އޮޕަރޭށަނެއްގައި ނުވަތަ ތަހްގީގެއްގައި ތަންތަނާއި މުދާ ބަލައި ފާސްކޮށް އެފަދަ މުދަލެއް ހިފަހައްޓަންޖެހޭ ހާ ލަތުގައި އެކަންކުރާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންނެވެ.

 

13 ވަނަ މާއްދާ - ތަހްގީގު ހިންގުން

އެހެން ގާނޫނެ އްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާ ލަތުގައި މެނުވީ، މި ގަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނަކާ ގުޅިގެން ނުވަތަ ތަހްގީގަކާ ގުޅިގެން ހިންގަންޖެހޭ ތަހްގީގުގެ އެންމެހައި ކަންކަން ހިންގާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާ އެއްގޮތްވާގޮތުގެމަތިން ފުލުހުންނެވެ.

 

14 ވަނަ މާއްދާމީޑިއާ ބްރީފިންގް

މި ގަވާއިދުގެ ދަށުން ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ އޮޕަރޭށަ ން ނުވަތަ ތަހްގީގަކާ ގުޅޭ އެންމެހައި މައުލޫމާތުތައް މީޑީއާ ތަކާ ހިއްސާ ކުރާނީ، ދެ މުއައްސަސާގެ ކަމާބެހޭ ފަރާތްތައް މަށްވަރާކުރުމަށްފަހު ކަނޑައަޅާގޮތެއްގެ މަތިންނެވެ.

 

 

ނުވަވަނަ ބާބު

އެހެނިހެން މާއްދާތައް 

 

15 ވަނަ މާއްދާ - ހާއްސަ ގާނޫނުތަކުން ކަނޑައަޅަ އިފައިވާ އިޖުރާއަތުތަކަށް އިސްކަން ދިނުން 

ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކާއި ތަހްގީގުތަކާ ގުޅޭގޮތުން އަމަލުކުރާނެ ވަކި ހާއްސަ އިޖުރާއަތުތަކެއް ހާއްސަ ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާނަމަ އެފަދަ ހާއްސަ އޮޕަރޭށަންތަކާއި ތަހްގީގުތައް ހިންގަންވާނީ އެ ގާނޫނެއްގައި ކަނޑައަޅައިފައިވާ ގޮތުގެމަތިންނެވެ. 

 

16 ވަނަ މާއްދާ - ފޯކަލް ޕޮއިންޓް ހަމަޖެއްސުން 

މި ގަވާ އިދުގައި ބަޔާންކޮށްފައިވާ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ މުއައްސަސާއިންނާއި ސިފައިންގެ މުއައްސަސާއިން ކޯޑިނޭޓްކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައި ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

18 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަންތަކާއި ތަހްގީގުތަކާ ގުޅޭގޮތުން މި ގަވާއިދު ގައި ކަނޑައަޅައިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމަށް ރިއާޔަތްކޮށް، މި ގަވާއިދު އިސް ލާހުކުރުމުގެ ބާރު ބަންޑާރަ ނައިބަށް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ހާއްސަ އޮޕަރޭށަން" ނުވަތަ "އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 69 މާއްދާގެ (މ) ގެ ދަށުން ވަކި ދާއިރާއަކަށް އިސްކަން ދީގެން ހިންގުމަށް ވަޒީރު ކަނޑައަޅާ އޮޕަރޭށަންތަކަށެވެ.

(ށ) "ވަސީލަތް" ކަމަށް ބުނެފައިއެވަނީ، އިންސާނީ ވަސީ ލަތްތަކާއި އެނޫންވެސް ވަސީ ލަތްތައް ހިމެނޭ ގޮތުންނެވެ.

(ނ) "ދިވެހި ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ، ދިވެހި
ފުލުހުންގެ ހިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

(ރ) "ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު އަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސިފައިންގެ ހިދުމަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.

(ބ) "ޖިނާއީ ބޮޑެތި ކުށްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާ އަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު